-

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2023-05)

(މި ގާނޫނަށް އަމަލުކުރަން ފެށީ 5 ނޮވެމްބަރު 2023 ގައި)

 

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ 9 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(10) މި ގާނޫނުގައި ނުވަތަ އިންތިހާބާބެހޭ ހާއްސަ ގާނޫނެއްގައި (ށ) ކަނޑައަޅާފައިވާ އިންތިހާބާގުޅޭ ކަންކަމުގެ ސަލާމަތީ ކަންކަން ހަމަޖެއްސުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކުރުން.

(ށ) އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިހާބަށް ކުރިމަތިލުމަށް ފުރަތަމަ ހުށަހެޅި ހުށަހެޅުމާއެކު އިންތިހާބުގެ އިދާރީ ފީ ދައްކާފައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާއިރު އިންތިހާބުގެ އިދާރީ ފީ އަލުން ދައްކަން ނުޖެހޭނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަސްމީ އިންތިހާބީ އޭޖެންޓް މަރުވުން، އިސްތިއުފާދިނުން ނުވަތަ ވަކިކުރުން 26.

(ހ) މި ގާނޫނުގެ ދަށުން ކެންޑިޑޭޓަކު ރަސްމީ އިންތިހާބީ އޭޖެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ މީހަކު މަރުވެއްޖެނަމަ ނުވަތަ އޭނާ އެ މަގާމުން އިސްތިއުފާދީފިނަމަ ނުވަތަ އޭނާ އެ މަގާމުން ވަކިކޮށްފިނަމަ އެކަން، ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް އެ ކެންޑިޑޭޓަކު އަންގަންވާނެއެވެ. އަދި ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު ކަނޑައަޅަންވާނެއެވެ.

(ށ) ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ ގޮތުގައި މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފަރާތާ ގުޅޭގޮތުން މި ގާނޫނުގެ 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާގައިވާ މައުލޫމާތާއި ތަކެތި، އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ ގޮތުގައި އެފަރާތް ކަނޑައަޅާ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި އެ ބަދަލ،ު އިލެކްށަންސް ކޮމިށަނުގެ ފަރާތުން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) 1. އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދުގެ %1 (އެކެއް އިންސައްތަ) އަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓު ކަރުދާސ.ް އެހެންނަމަވެސް، އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދު 100 (ސަތޭކަ) މީހުންނަށްވުރެ މަދުނަމަ، ގިނަވެގެން 1 (އެކެއް) ވޯޓު ކަރުދާސް އިތުރަށް ފޮނުވަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މޮނިޓަރުކުރުން 41.

(ހ) ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނިޓަރުކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގައާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދ،ޭ ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރުފަތުރާ އިދާރާތަކުގެ ނޫސްވެރިންނަށެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ވޯޓުނަގާ ދުވަހުގެ 10 (ދިހައެއް) ދުވަސް ކުރިން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެތަނެއްގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ނޫސްވެރިންނަށް ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތުކުރުމަކާ ނުލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދަކަށް އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ޅ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ނޫސްވެރިއެއް" ކަމަށް ބުނެފައި އެވަނ،ީ ރަޖިސްޓަރީކޮށްފައިވާ އެއްވެސް މީޑިއާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގ ގެ ހިދުމަތެއް ފޯރުކޮށްދޭ ތަނެއްގައި، ހަބަރު ހޯދައި ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށެވެ. އެ މާނައިގެ ތެރޭގައި، އެފަދަ ތަނެއްގައި މަސައްކަތްކުރާ ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންވެސް ހިމެނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

58. (ހ( (11).  ވޯޓުލާ މަރުކަޒެއްގައި އެއްވެސް ކެންޑިޑޭޓެއް، ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓެއް އަދި ކެންޑިޑޭޓެއްގެ މަންދޫބަކު ހާޒިރުވެ ނެތުމުގެ ސަބަބުން އެ ފޮށްޓެއްގެ ވޯޓު ގުނުމަށްޓަކައި، ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދައި، ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ދައުވަތު ދެވުނު މީހުންނާއި ދައުވަތު ދެވުނު ގޮތުގެ މައުލޫމާތު.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ވޯޓުލާ މަރުކަޒުތަކުން ވޯޓާބެހޭ ތަކެތި މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މަދުވެގެން 2 (ދޭއް) މީހުންގެ ހަވާލުގައެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ވޯޓު ކަރުދާހާއި ވޯޓުނެގުމަށް ބޭނުންކުރި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ނައްތާލުން 1-61.

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ނިޔަލަށް، އެ އިންތިހާބެއްގެ ވޯޓުލުމުގައި ބޭނުންކޮށްފައިވާ އަންނަނިވި ލިޔެކިޔުމާއި ތަކެތި، އިލެކްށަންސް ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

  1. މި ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަދި (ބ) ގެ ދަށުން ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާފައިވާ އެންމެހައި ލިޔެކިޔުމާއި ތަކެތި؛
  2. ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުތައް.

(ށ) ށަރުއީ ކޯޓަކުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން އެ އިންތިހާބަކާބެހޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ނެތްކަން ކަށަވަރުކުރުމަށްފަހު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި ތަކެތީގެ ތެރެއިން އަންނަނިވި ލިޔެކިޔުމާއި ތަކެތި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނަށް ނައްތާލެވިދާނެއެވެ. 

  1. ބާކީހުރި ވޯޓު ކަރުދާހާއި އެ ކަރުދާހުގެ ކައުންޓަރ ފޮއިލް؛
  2. ވޯޓު ގުނާފައިވާ ވޯޓު ކަރުދާސް؛
  3. ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލް؛
  4. ހަލާކުވެފައިވާ ވޯޓު ކަރުދާސް ހުރިނަމަ އެ ކަރުދާސް؛
  5. ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުތައް.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހައިކޯޓުން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދޭނަމަ، އެ މައްސަލައެއް ހައިކޯޓުން ނިންމާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި، އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ކޯޓުން އެ މައްސަލައަކާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން 73.

(ހ) ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، އަންނަނިވި މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރާއި، 12 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

74. (ހ) 11. އިންތިހާބު އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 30 (ތިރީސް) ދުވަހުގެ ނިޔަލަށް، އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ށުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް ދިނުމާއި ނުވަތަ ދޭން ހުށަހެޅުމާއި، ދޭން ވައުދުވުން. އަދި މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ނުވަތަ ދޭން ހުށަހެޅުމަކީ ނުވަތަ ދިނުމަށް ވައުދުވުމަކީ ރިށްވަތުދިނުން ކަމުގައި ބެލެވޭނެއެވެ.

12. އިންތިހާބު އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 30 (ތިރީސް) ދުވަހުގެ ނިޔަލަށް، ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކުރާ ކުރުން ފިޔަވައި ނުވަތަ އެއިން ސިޔާސަތެއް ނުވަތަ ތަސައްވުރަކާ ގުޅޭގޮތުން ކެންޑިޑޭޓަކު އާންމުކޮށް ވައުދުވާ ވުން ފިޔަވައި،ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި، ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާގޮތުން ނުވަތަނުސީދާގޮތުން ވިޔަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުން ނުވަތަ އެއްވެސް ބާވަތެއްގެހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން. އެފަދައިން އަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީ ރިށްވަތުދިނުން ނުވަތަ ރިށްވަތުދޭން އުޅުން ކަމުގައި ބެލެވޭނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 13 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

74. (ހ) 13. އިންތިހާބުގައި ވޯޓު ކަރުދާސް ހުންނާނެ ގޮތާމެދު އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގޮތާ ހިލާފަށް، އެއްވެސް ފަރާތަކުން އިއުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިށްތިހާރެއްކުރުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 25 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(26) މި ގާނޫނުގައި ނުވަތަ އިންތިހާބާބެހޭ ހާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މާލީ ބަޔާން ހުށަނޭޅުން، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ދިނުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (ހ) ގައިވާ "ބްރޯޑްކާސްޓް ކޮމިށަން" މި އިބާރާތުގެ ފަހަތަށް އަންނަނިވި ދެ އިބާރާތް އިތުރުކުރުން.

ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ 79.

"އާންމު ތަސައްވުރެއް" ކަމަށް ބުނެފައި އެވަނ،ީ ކެންޑިޑޭޓަކު އޭނާ ހާސިލުކުރުމަށް ނުވަތަ ވާސިލުވާން ބޭނުންވާ އާންމު ލަނޑުދަނޑިތައް ސިފަކޮށްދޭ ބަޔާނަށެވެ.

"އާންމު ސިޔާސަތު" ކަމަށް ބުނެފައި އެވަނ،ީ ކެންޑިޑޭޓަކު އޭނާގެ އާންމު ތަސައްވުރު ހާސިލުކުރުމުގެ ބޭނުމަށްޓަކައި އެ ތަސައްވުރުގައިވާ ކަންކަމާގުޅޭ ގޮތުން އާންމުކޮށްފައިވާ ކަންކަމަށެވެ.

 

17 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނ،ީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު