-

ފެނާއި ނަރުދަމާގެ ގާނޫނު (ގާނޫނު ނަންބަރު 2020-08) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2022-04)

 ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

8(މ). ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ ގަވާއިދުތައް އެކުލަވާލުން؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޔ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

8(ޔ). ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ހިދުމަތްދިނުމާބެހޭ ގަވާއިދުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަށްވަރާގެމަތިން އެކުލަވާލުން؛ އަދި

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ޒ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

11(ޓ) ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ހިދުމަތްދިނުމާބެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަށްވަރާގެމަތިން އެކުލަވާލުން؛

(ޔ) ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ މިންގަނޑުތައް ކަނޑައެޅުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

27.(ނ) މި ގާނޫނަށް އަމަލުކުރަން ފަށާ ފަހުން، ފެން ޕްލާންޓެއް އޮޕަރޭޓްކުރުމުގެ ލައިސަންސް ދޭންވާނީ، އެ ޕްލާންޓެއް ހިންގުމަށް ބޭނުންވާ ކަރަންޓު އިއާދަކުރަނިވި ހަކަތައިން ލިބެންހުރިކަން ކަށަވަރުކުރުމަށް ފަހުގައެވެ. އެ ޕްލާންޓެއް ގާއިމުކޮށްފައިވާ ފެސިލިޓީއެއްގައި ނުވަތަ އެ ޕްލާންޓެއް ގާއިމުކޮށްފައިވާ ރަށުގައި ނުވަތަ ކަރަންޓު ނެޓްވަރކް އެއް ވިއުގައަކުން ގުޅުވާލެވިފައިވާ ރަށަކުން ކުރެ ރަށެއްގައި ނުވަތަ ރަށްރަށުގައި އެ އަދަދަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ އިންތިޒާމުހަމަޖެހިފައިވާނަމަ އެކަން ކަށަވަރުކުރެވުނީ ކަމަށް ބަލަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ޏ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

54. (ސ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން  މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް، 5،000 (ފަސްހާސް) ރުފިޔާއާއި 1،000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފެނާއި ނަރުދަމާގެ ގާނޫނު (ގާނޫނު ނަންބަރު 2020-08)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ފެނާއި ނަރުދަމާގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު