-

އޮފިށަލްކަންތައް ޗެޕްޓަރ 1 (ނަންބަރު 1968-01) އަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1990-06)

1 ވަނަ މާއްދާ -

ގާނޫނު ނަންބަރު 1968-01ޖ (އޮފިށަލްކަންތައް ޗެޕްޓަރ) ޗެޕްޓަރ 1 "ހިންގުމާއިބެހޭ" ގެ "ވެރިން" މިސުރުހީގެ ދަށުގައިވާ ބަޔާއި "އިހްތިޔާރު" މި ސުރުހީގެ ދަށުގައިވާ ބައި ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން.

       މިނިސްޓަރުންގެ އިހްތިޔާރު

  1. އެކިއެކިކަންކަމާބެހޭގޮތުން ސަރުކާޜުން ކަނޑައަޅާ ސިޔާސަތާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކޮންމެ މިނިސްޓަރަކަށް ވެސް އެ މިނިސްޓްރަކާ ހަވާލުވެފައިވާ މިނިސްޓްރީގެ ކަންތައްތަކާއި އެ މިނިސްޓްރީއަކުން ހިންގަންޖެހޭ ހުރިހާކަމެއް ހިންގުމުގެ އިހްތިޔާރު ލިބިގެންވެއެވެ. 
    މިނިސްޓަރުންނޫން ވެރިންގެ އިހްތިޔާރު
  2. (ހ) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނާ ހަވާލުވެފައިވާ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ހިންގުމުގެ އިހްތިޔާރު އެއިން ކޮންމެ ތަނެއް ހިންގުމަށް އިސްކޮށްފައިވާ ވެރިއަކަށް ލިބިގެންވެއެވެ. 
    (ށ) މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަން ހިންގުމަށް އިސްކޮށްފައިވާ ވެރިންގެ ދަށުން މިނިސްޓްރީތަކާއި އޮފީސްތައް ހިންގުމުގައި ބައިވެރިވާ ވެރިންނަށް، އެމީހަކާ ހަވާލުވެފައިވާ ކަމެއް، އެމީހެއްގެ މައްޗަށް ހުރި ވެރިއެއްގެ ލަފާގެ މަތިން ހިންގުމުގެ އިހްތިޔާރު ލިބިގެންވެއެވެ. 
    ސަރުކާރުގެ މުވައްޒަފުންގެ މަސްއޫލިއްޔަތާއި ޒިންމާ
  3. ކޮންމެ މިނިސްޓަރަކުވެސް އެމިނިސްޓަރެއްގެ ދަށުގައިވާ ތަންތާނގެ ކަންތައްތަކާއި އެތަން ތަނުން ހިންގާ ކަންތައްތައް ރަނގަޅަށް ބަލަހައްޓަންވާނެއެވެ. އަދި މިފަދަދައިން ސަރުކާރުގެ ކޮންމެ ތަނެއް ނުވަތަ ކަމެއް ހަވާލުވެފައިވާ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ ތަނެއް ނުވަތަ ކަމެއް ރަނގަޅަށް ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ މިނިސްޓަރަކުވެސް އަދި އެނޫން ކޮންމެ ވެރިއަކުވެސް އަދި ސަރުކާރުގެ ކޮންމެ މުވައްޒަފަކުވެސް އެމީހެއްގެ އިހްމާލުން ގެއްލުމެއް ވެއްޖެނަމަ ަކަމެއްގެ ޒިންމާ އުފުލަންވާނެއެވެ. 

 

2 ވަނަ މާއްދާ

މި ގާނޫނުގެ 3 ވަނަ ނަންބަރުކަމުގައި މިހާރުކޮށް "ކުއްލިއަމުރު" ނަންބަރު 4 ކަމުގައި ހަމަޖައްސައި، ދެންހުރި ނަންބަރުތައް ތަރުތީބުކުރުން.

 

މި ގާނޫނު މިގޮތަށް އިސްލާހުކުރެވުނު ސަބަބު

ސަރުކާރުން ހިންގަވާ ކަންތައްތައް އިތުރުވެ، ސަރުކާރުގެ ދާއިރާ ފުޅާވެ މުވައްޒަފުންވެސް ވަރަށްބޮޑުތަން އިތުރުވެފައިވުމާ އެކު މިހާރަށް އެކަށީގެންވާ ގޮތަކަށް ވާނީ މިނިސްޓަރުންނާއި އެނޫން ވެރިންގެ ތެރެއިން އެބޭފުޅަކު ހަވާލުވެވަޑައިގެން ހުންނެވި ކަމެއް ހިންގެވުމުގެ އިހްތިޔާރު ގާނޫނީގޮތުން އެބޭފުޅަކަށް އޮވެފައި، ސަރުކާރުގެ މުވައްޒަފުންގެ މަސްއޫލިއްޔަތާއި ޒިންމާވެސް ގާނޫނުގައި ކަނޑައެޅިފައި އޮތުމުން ކަމަށް ފެނިވަޑައިގަންނަވާތީ އެވެ. 

 

މައި ގާނޫނު

އޮފިށަލް ކަންތައްތައް (ޗެޕްޓަރ 1) (ގާނޫނު ނަންބަރު 1968-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު