-

އެއްމެދު އިމާރާތުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-33)

(މި ގާނޫނުގެ 124 ވަނަ މާއްދާއިން ވަނީ ބިމާބެހޭ ގާނޫނުގެ 19 ވަނަ މާއްދާއާއި، އެ ގާނޫނުގެ 31 ވަނަ މާއްދާއިން ފެށިގެން 36 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުވާލެވިފައި)

އެއްވަނަ ބާބު

ފެށުން 


1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ބިނާކުރާ އިމާރާތްތައް އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު އިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު އިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "އެއްމެދު އިމާރާތުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ބިނާކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ށ) އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ވަކި ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތް މަގުފަހިކޮށްދީ، އެ ޔުނިޓުތައް މިލްކުވާނެ ގޮތްތައް ކަނޑައެޅުމާއި، އެއްމެދު އިމާރާތުގެ ބައިތަކުގައި ދިރިއުޅެ، އެ ތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުއާމަލާތްތައް ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުން؛

(ނ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރާ އިމާރާތުގެ ބިމާއި އާންމު ސަރަހައްދުތައް ބަލަހައްޓައި ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމާއި އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކުކުރާ ފަރާތްތަކަށް ލިބިދޭ ހައްގުތަކާއި، އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން؛

(ރ) ދިވެހިރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ހޯދައިދިނުމާއި، ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެމަތިން އެއްމެދު އިމާރާތްތަކާގުޅޭ މުއާމަލާތްތައްކޮށް، އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

 

3 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ލަފްޒުތަކާއި އިބާރާތްތަކަކީ، މި ގާނޫނު އޭގެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމްތަކެވެ.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމްތައް ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދުތައް އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. އެގޮތުން، މި ގާނޫނުގެ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމްތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ - ހިއްސާގެ އަދަދު

"ހިއްސާގެ އަދަދު" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނާއެކު ތައްޔާރުކުރާ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި ހިމެނޭ ޔުނިޓު ނުވަތަ ޔުނިޓުތަކަށް ކަނޑައެޅިފައިވާ ހިއްސާގެ މިންވަރަށެވެ.

 

5 ވަނަ މާއްދާ - ބިމުގެ އަސްލު ވެރިފަރާތް

"ބިމުގެ އަސްލު ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތެއް ރަޖިސްޓަރީކުރުމުގެ ކުރިން ނުވަތަ ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.

 

6 ވަނަ މާއްދާ - ހިންގައި ބެލެ ހެއްޓުން

"ހިންގައި ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތެއް މަރާމާތުކޮށް ބެލެހެއްޓުމަށާއި، އެއްމެދު އިމާރާތުގައި ހިމެނޭ އާންމު ތަންތަނާއި، އާންމު ވަސީލަތްތައް މެނޭޖްމަންޓް ކޯޕަރޭށަނުން ކަނޑައަޅާ އުސޫލުތަކާއި ހަމަތަކުގެމަތިން ޔުނިޓުގެ ވެރިފަރާތުގެ މަންފާއަށާއި ލާބައަށްޓަކައި ބެލެހެއްޓުމަށެވެ.

 

7 ވަނަ މާއްދާ - އެއްމެދު އިމާރާތް

"އެއްމެދު އިމާރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތުގެމަތިން ބިނާކުރާ ނުވަތަ ބިނާކޮށްފައިވާ އިމާރާތަށެވެ.

(ހ) އިމާރާތުގައިވާ ޔުނިޓުތަކާއި އާންމު ތަންތަން ވަކިވަކި ބައިތަކެއްގެ ގޮތުގައި ކަނޑައެޅިގެން، އެއްބުރި ނުވަތަ އެއަށްވުރެ ގިނަ ބުރީގެ މައްޗަށް އެކުލެވިގެން، އެހެން އިމާރާތަކާ ގުޅުމެއްނެތި، އޭގެ ޒާތުގައި ވަކިން އެއް އޮނިގަނޑެއްގެ ދަށުން؛

(ށ) އިމާރާތް ނުވަތަ އިމާރާތްތައް ބައިކުރެވި އެ ބައިތަކުގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭގޮތަށް ހަދާފައިވުމާއެކު، އެ އިމާރާތުގައި ކަނޑައަޅާފައިވާ އާންމު ތަންތަނުގައި ހުރިހާ މިލްކުވެރިންގެ ހިއްސާ ހަމަހަމައަށް ހިމެނޭގޮތަށް.

 

8 ވަނަ މާއްދާ - އާންމު ތަންތަން

"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭންގައި ހިމެނޭ ވަކިވަކި ޔުނިޓުތަކުގެ އިމުން ބޭރުގައި ހިމެނޭ ތަންތަނަށެވެ. ނަމަވެސް، ޔުނިޓެއްގެ އިމުގެ އެތެރޭގައި އެހެން ޔުނިޓަކާ ގުޅިގެން ޑަކްޓެއް ނުވަތަ ވައިގޮޅިއެއް ހިމެނޭނަމަ، އެތަނެއް ބަލާނީ އާންމު ތަނެއްގެ ގޮތުގައެވެ. އާންމު ތަންތަނަކީ އިމާރާތުގެ ހުރިހާ މިލްކު ވެރިންގެ ހަމަހަމަ ހިއްސާ އެކުލެވިގެންވާ ތަންތަނެވެ. އެ ތަންތަނުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ތަންތަން ހިމެނެއެވެ.

(ހ) އާންމު ސަރަހައްދުތައް (އާންމު ސަރަހައްދުތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި އާންމު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާ ތަންތަނުގެ އިތުރުން، އިމާރާތުގައި ހިމެނޭ ވޯކްވޭ، ކޮރިޑޯ، ސިޑި، ލިފްޓްގޮޅި އަދި ވައިގޮޅިފަދަ ތަންތަން ހިމެނެއެވެ.)

(ށ) އާންމު ވަސީލަތްތައް. (އާންމު ވަސީލަތްތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި ކަނޑައަޅާފައިވާ އާންމު ތަންތަނުގައި ހުންނަ، ނުވަތަ އާންމު ތަންތަނާ ގުޅިފައިވާ، އެއްމެދު އިމާރާތުގެ މިލްކުވެރިން ހިއްސާވާ ވަސީލަތްތައް ހިމެނެއެވެ.)

 

9 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ބިން

މި ގާނޫނުގެ ބޭނުމަށްޓަކައި، "އެއްމެދު އިމާރާތުގެ ބިން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ ގޯތިކަމުގައި ކަނޑައެޅިފައިވާ ބިމަށެވެ.

 

10 ވަނަ މާއްދާ - އިމާރާތް

މި ގާނޫނުގެ ބޭނުމަށްޓަކައި، "އިމާރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ އިމާރާތްތަކަށެވެ.

(ހ) އެއްމެދު އިމާރާތެއްގެ އޮނިގަނޑު ހިމެނޭގޮތަށް، އެ އިމާރާތުގެ ބައެއް ނިމިފައިވުން؛

(ށ) އެއްމެދު އިމާރާތެއް ބިނާކުރުމަށާއި ރަޖިސްޓަރީކުރުމަށް ހުށަހެޅިފައިވާ ސްޓްރާޓާ ޕްލޭންގައި އިމާރާތް ހިމެނިފައިވުން.

 

11 ވަނަ މާއްދާ - އެކްސެސަރީ ޔުނިޓު

"އެކްސެސަރީ ޔުނިޓު" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއް ގަތުމުން އުޅަނދު ޕާކްކުރުމަށް ދެވޭ ޖާގަ ހިމެނޭގޮތުން، އެއްމެދު އިމާރާތުގެ ޕްލޭންގައި ހިމެނޭ އިމާރާތުގެ ޔުނިޓާ ގުޅިގެން އިތުރު ބޭނުންތަކަށް އެ ޔުނިޓުގެ ވެރިފަރާތަށް، ބިމުން ނުވަތަ އިމާރާތުން ލިބޭ ޖާގަތަކަށެވެ.

 

12 ވަނަ މާއްދާ - އިންފާރު

"އިންފާރު" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނެއްގައި ހިމެނޭ، އަންނަނިވި އިންތައް ވަކިކުރާ ފާރަށެވެ.

(ހ) ޔުނިޓެއްގެ ވެރިފަރާތަށް ހައްގު އޮންނަ އެ ޔުނިޓުގެ ބައި ކަނޑައަޅާ އިން؛

(ށ) އެއް ޔުނިޓާއި އަނެއް ޔުނިޓު ވަކިކުރާ އިން؛

(ނ) ޔުނިޓުތަކާއި އާންމު ތަންތަން ވަކިކުރާ އިން.

 

13 ވަނަ މާއްދާ - ޑިވެލޮޕަރ

"ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، އެ ހިނދަކު އަމަލުކުރަންޖެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި އެއްމެދު އިމާރާތް ތަރައްގީކުރާ ފަރާތަށެވެ.

 

14 ވަނަ މާއްދާ - ޑިފެކްޓް ލައިބިލިޓީ މުއްދަތު

"ޑިފެކްޓް ލައިބިލިޓީ މުއްދަތު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ އެއްބަސްވުމެއްގެ ދަށުން އިމާރާތެއް ނިމޭ ތާރީހުން ފެށިގެން، އެ އިމާރާތުގައި ރަނގަޅުކުރަންޖެހޭ ނުވަތަ މަރާމާތުކުރަންޖެހޭ ކަންކަން ހުރިނަމަ ޑިވެލޮޕަރގެ ހަރަދުގައި އެކަންކަން ރަނގަޅުކޮށްދިނުމަށް އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތަށެވެ.

 

15 ވަނަ މާއްދާ - އިނީށަލް ޕީރިއަޑް

ސްޓޭޖް ޑިވެލޮޕްމަންޓެއްގައި ބަޔާންކުރާ "އިނީށަލް ޕީރިއަޑް" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނަށް ހުއްދަ ދޫކުރާ ދުވަހުން ފެށިގެން، ސްޓްރާޓާ ޕްލޭންގައި ހިމެނޭ ޔުނިޓުތަކަށް ކަނޑައެޅިފައިވާ މުޅި ޖުމްލަ ހިއްސާގެ އަދަދުގެ މަދުވެގެން 3/1 (ތިންބައިކުޅަ އެއްބައި) ހިއްސާ ވިކުމާ ދެމެދު ހިނގާ މުއްދަތަށެވެ. އަދި، އެކަން ހާސިލުވުމާއެކު ބާއްވާ މެނޭޖްމަންޓް ކޯޕަރޭށަންގެ ފުރަތަމަ އާންމު ބައްދަލުވުމާ ހަމައަށް އިނީށަލް ޕީރިއަޑް ދެމިއޮންނާނެއެވެ.

 

16 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަން

"މެނޭޖްމަންޓް ކޯޕަރޭށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 95 ވަނަ މާއްދާގެ ދަށުން އެއްމެދު އިމާރާތެއްގެ އާންމު ތަންތަނާއި އާންމު ވަސީލަތްތައް ބެލެހެއްޓުމަށް، އެ އިމާރާތެއްގެ ހުރިހާ ޔުނިޓުތަކުގެ މިލްކުވެރިންގެ މެދުގައި އުފައްދާ ކޯޕަރޭށަނަކަށެވެ.

 

17 ވަނަ މާއްދާ - މެއިންޓެނެންސް ފަންޑު

"މެއިންޓެނެންސް ފަންޑު" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތް ނުވަތަ އިމާރާތްތަކުގެ ޔުނިޓުތަކުގެ ވެރިފަރާތްތަކުން އިމާރާތް ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހިނގާ ރިކަރަންޓް ހަރަދުތައް ބެލެހެއްޓުމަށް އުފައްދާ ފަންޑަށެވެ.

 

18 ވަނަ މާއްދާ - ލިމިޓެޑް ކޮމަން ޕްރޮޕަރޓީ

"ލިމިޓެޑް ކޮމަން ޕްރޮޕަރޓީ" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތަކަށް ހާއްސަކުރެވޭ އާންމު ތަންތަނަށެވެ. އެ ތަންތަން ހިންގާ ބަލަހައްޓާނީ ، މެނޭޖްމަންޓް ކޯޕަރޭށަންގެބެލުމުގެ ދަށުން، އެ ތަނަކަށް ކަނޑައެޅިފައިވާ ޔުނިޓުތަކެއްގެ ވެރިފަރާތްތަކުންނެވެ.

 

19 ވަނަ މާއްދާ - ގަންނަ ފަރާތް

"ގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، ފަރުދުންނާއި ގާނޫނީ ށަހްސުތައް ހިމެނޭގޮތުން އެއްމެދު އިމާރާތެއްގެ ޔުނިޓެއް ގަތުމަށް އެދޭ ފަރާތަށެވެ.

 

20 ވަނަ މާއްދާ - ސްޓްރާޓާ އުސޫލު

"ސްޓްރާޓާ އުސޫލު" ކަމަށް ބުނެފައި އެވަނީ، ބިމެއްގައި ބިނާކޮށްފައިވާ ނުވަތަ ބިނާކުރަން ގަސްތުކުރާ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރާތްތަކަށް މިލްކުކުރުމުގެ އިތުރުން، ހުރިހާ މިލްކުވެރިންގެ މެދުގައި ބިމާއި އިމާރާތުގެ އާންމު ތަންތަން ވަކި ހަމަތަކެއްގެމަތިން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ކަނޑައެޅޭ އުސޫލަށެވެ.

 

21 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭން

"ސްޓްރާޓާ ޕްލޭން" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ އުސޫލުން ގޯތި  ރަޖިސްޓަރީކުރުމަށްޓަކައި، ބިމެއްގައި ކޮށްފައިވާ ނުވަތަ ކުރަން ގަސްތުކުރާ އެއްބުރި ނުވަތަ އެއަށްވުރެ ގިނަ ބުރީގެ އިމާރާތެއްގެ ޔުނިޓުތައް ބަހަން ބޭނުންވާ ގޮތާއި، ކޮންމެ ޔުނިޓެއްގެ ވެރިފަރާތަށް ކަނޑައެޅިފައިވާ ހިއްސާގެ މިންވަރާއި، އެ އިމާރާތުގައި ހިމެނޭ އާންމު ތަންތަންކަމުގައި ކަނޑައަޅާ ބައި އަންގައިދޭ ޕްލޭނަށެވެ.

 

22 ވަނަ މާއްދާ - ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް

"ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭންގައި ހިމެނޭ ޔުނިޓުތަކާއި އެ ޔުނިޓުތަކުގެ ތަފްސީލުތަކާއި، އެ ޔުނިޓުތަކުގެ މިންތައް، އަދި އެ ޔުނިޓުތަކުގެ މިނާ ގުޅިގެން އެ ޔުނިޓުތަކަށް ކަނޑައެޅިފައިވާ ހިއްސާގެ އަދަދު އަންގައިދޭ ތާވަލަށެވެ.

 

23 ވަނަ މާއްދާ - ސިންކިންގ ފަންޑު

"ސިންކިންގ ފަންޑު" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތް ނުވަތަ އިމާރާތްތަކުގެ ޔުނިޓުތަކުގެ ވެރިފަރާތްތަކުން އިމާރާތް ބޭނުންކުރުމާއި ބެލެހެއްޓުމަށް ހިނގާ ކެޕިޓަލް ހަރަދުތައް ބެލެހެއްޓުމަށް އުފައްދާ ފަންޑަށެވެ.

24 ވަނަ މާއްދާ - ސްޓްރާޓާ ސްކީމް

"ސްޓްރާޓާ ސްކީމް" ކަމަށް ބުނެފައި އެވަނީ، ޔުނިޓުތަކާއި އާންމު ތަންތަން ހިމެނޭގޮތަށް ބިނާކޮށްފައިވާ ނުވަތަ ބިނާކުރަން ގަސްތުކުރާ އެއްމެދު އިމާރާތެއް ނުވަތަ އިމާރާތްތަކެއްގެ ސްޓްރާޓާ ޕްލޭނަށް ހުއްދަ ދޫކުރުމާއެކު، މި ގާނޫނުގެ ދަށުން އެކުލަވާލާ ވަކި އުސޫލުތަކަކާއި ހަމަތަކެއްގެމަތިން އެއްމެދު އިމާރާތް ބޭނުންކުރުމާއި ބެލެހެއްޓުމަށް، އެކުލަވާލާ ސްކީމަށެވެ.

 

25 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓް

"ސްޓޭޖް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ބިމެއް އަލަށް ތަރައްގީކުރުމަށް ރޭވިފައިވާ އިމާރާތަކަށް ޕްރޮޕޯސަލް ހުށަހަޅައި، ސްޓްރާޓާ ޕްލޭނެއް އެކުލަވާލައި އެކި ފިޔަވަހިތަކަށް ބަހާލައިގެން މަށްރޫއެއް ނުވަތަ ސްޓްރާޓާ ސްކީމެއް ހިންގުމަށެވެ.

 

26 ވަނަ މާއްދާ - ސްޓްރާޓާ ރޯލް

"ސްޓްރާޓާ ރޯލް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ ޔުނިޓުތަކާއި އެ ޔުނިޓުތައް ކުއްޔަށްދޭ ފަރާތްތަކުގެ މައުލޫމާތާއި، އެއްމެދު އިމާރާތުގައި ހިމެނޭ ރަހުނުތަކާއި އިންށުއަރެންސާގުޅޭ މައުލޫމާތު ހިމެނޭގޮތުން، އެއްމެދު އިމާރާތް ބެލެހެއްޓުމާއި ބޭނުންކުރުމަށްޓަކައި އެއްމެދު އިމާރާތާއި ޔުނިޓުތަކާގުޅޭ މައުލޫމާތު މެނޭޖްމަންޓް ކޯޕަރޭށަނުން ރިކޯޑުކޮށް ބަލަހައްޓާ ލިޔެކިޔުމަށެވެ.

 

27 ވަނަ މާއްދާ - ޔުނިޓުގެ ރަޖިސްޓަރީ

"ޔުނިޓުގެ ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އެއްމެދު އިމާރާތުގައި ހިމެނޭ، ޔުނިޓުގެ ވެރިފަރާތަށް ދޫކުރާ ރަޖިސްޓަރީއަށެވެ.

 

28 ވަނަ މާއްދާ - ޔުނިޓުގެ ވެ ރިފަރާތް

"ޔުނިޓުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭންގައި ހިމެނޭ ޔުނިޓެއްގެ މިލްކުވެރި ފަރާތްކަމުގައި އެ ޔުނިޓުގެ ރަޖިސްޓަރީގައި ބަޔާންކުރާ ފަރާތަށެވެ.

 

29 ވަނަ މާއްދާ - ޔުނިޓު

"ޔުނިޓު" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭންގައި ހިމެނޭ އިމާރާތުގެ ނުވަތަ އިމާރާތްތަކުގެ ތެރޭގައި ހިމެނޭ، ވަކިން މިލްކުކުރެވޭ ޔުނިޓަށެވެ. އެ ޔުނިޓަކީ އިމާރާތުގެ އެއްބުރި އެކުގައި، ނުވަތަ އެއް ބުރީގައި ހިމެނޭ ވަކި ޔުނިޓެއް، ނުވަތަ އެއްބުރިއަށްވުރެ ގިނަ ބުރީގެ މައްޗަށް އެކުލެވޭ ޔުނިޓެއްކަމުގައި ބެލިދާނެއެވެ. އަދި، އެފަދަ ޔުނިޓަކީ ދިރިއުޅުމަށްދޫކުރާ ފްލެޓެއް/އެޕާޓްމަންޓެއް ނުވަތަ ވިޔަފާރިކުރުމަށް ދޫކުރާ ޔުނިޓެއްކަން ސްޓްރާޓާ ޕްލޭންގައި ހިމެނިފައި އޮންނަންވާނެއެވެ.

 

ތިންވަނަ ބާބު

ބިމާއި އިމާރާތުގައި ހިމެނޭ ބައިތައް ކަނޑައެޅުން

 

30  ވަނަ މާއްދާ - ބިމާއި އިމާރާތުގައި ހިމެނޭބައިތައް އެކަށައެޅުން 

މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކޮންމެ ސްޓްރާޓާ ޕްލޭނެއްގައި، އެ ސްޓްރާޓާ ޕްލޭނެއް ނިސްބަތްވާ ބިމާއި އިމާރާތުގައި ހިމެނޭ ބައިތައް އެކަށައަޅަންވާނެއެވެ.

 

31 ވަނަ މާއްދާ - އިމާރާތުގައި ފުރިހަމަވާންޖެހޭ ށަރުތު

ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ އިމާރާތް ނުވަތަ އިމާރާތްތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ބިމުން ފެށިގެން، އެއްބުރިއަށް ނުވަތަ އެއަށްވުރެ ގިނަ ބުރީގެ މައްޗަށް އެކުލެވިގެން، އިމާރާތުގައި ހިމެނޭ ޔުނިޓުތަކާއި އާންމު ތަންތަނާއި ވަސީލަތްތައް ވަކިވަކި ބައިތަކެއްގެ ގޮތުގައި ބިނާކޮށްފައިވާ ނުވަތަ ބިނާކުރަން ގަސްތުކުރާ އިމާރާތެއްކަމުގައި ވުން؛

(ށ) ބިމާއި އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތަކުގައާއި އާންމު ތަންތަނުގައި ވަކިން އަސާސީ ހިދުމަތްތައް ގާއިމުކޮށްފައި ހުރުން؛

(ނ) ބިމަށާއި އިމާރާތަށް، އަދި އެ ބިމާއި އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތަކަށް، އެއް ޔުނިޓު އަނެއް ޔުނިޓަށް އަސަރު ނުކުރާނެހެން ވަދެ ނިކުމެވޭގޮތަށް ހުރުން؛

(ރ) ބިމާއި އިމާރާތުގައި ހިމެނޭ ބައިތައް ވަކިވަކި ބައިތަކެއްގެ ގޮތުގައި ކަނޑައެޅިގެން، ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ބިމާއި އިމާރާތަކީ، އިމާރާތްކުރުމުގެ ގާނޫނާއި، ބިމާބެހޭ ގާނޫނާއި، އިމާރާތްކުރުމުގެ ގަވާއިދުތަކާއި، ޕްލޭނިންގ ގަވާއިދުތަކާ އެއްގޮތަށް، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ތަންތަންކަމުގައި ވުން.

 

32  ވަނަ މާއްދާ - ބިމާއި އިމާރާތުގައި ހިމެނޭ ބައިތަކުގެ ބޭނުން ކަނޑައެޅުން

މި ގާނޫނުގެ ދަށުން ބިނާކޮށްފައިވާ ނުވަތަ ބިނާކުރާ ނުވަތަ ބިނާކުރަން ގަސްތުކުރާ އިމާރާތްތަކާއި، އެ އިމާރާތާގުޅޭ ބިމާއި އެ އިމާރާތުގައި ހިމެނޭ ބައިތައް ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމަކަށް ބޭނުންކުރުމަށް ކަނޑައަޅާފައި ހުންނަންވާނެއެވެ.

(ހ) ހަމައެކަނި ދިރިއުޅުމުގެ ބޭނުމަށް؛

(ށ) ހަމައެކަނި ވިޔަފާރީގެ ބޭނުމަށް؛

(ނ) ދިރިއުޅުމަށާއި ވިޔަފާރީގެ ބޭނުމަށް.

 

ހަތަރުވަނަ ބާބު

ސްޓްރާޓާ ޕްލޭނަށް ހުއްދަ ދިނުން

 

33  ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސްޓްރާޓާ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކުން ހުށަހަޅަންވާނެއެވެ.

(ށ) މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން ކަނޑައަޅާ ފޯމު މެދުވެރިކޮށް މިނިސްޓްރީއަށެވެ.

 

34 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ހުށަހެޅޭނެ އިމާރާތްތައް

(ހ) ބިނާކޮށް ނިމިފައިވާ އިމާރާތްތަކާއި، އިމާރާތުގެ ބައެއް ނުވަތަ ޔުނިޓުތަކެއް ނިމިފައިވާ އިމާރާތްތަކާއި އަލަށް ތަރައްގީކުރުމަށް ރޭވިފައިވާ އިމާރާތްތަކުން ނުވަތަ ސްޓޭޖް ޑިވެލޮޕްމަންޓްތަކުން ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހެޅޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ނިމިފައިވާ އިމާރާތެއްގެ ގޮތުގައި ބަލާނީ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާ އިމާރާތްތަކަށެވެ. އަދި، އިމާރާތުގެ ބައެއް ނުވަތަ ޔުނިޓުތަކެއް ނިމިފައިވާ އިމާރާތެއްގެ ގޮތުގައި ބަލާނީ އެއްބުރި ނުވަތަ އެއަށްވުރެ އުސްކޮށް، މަދުވެގެން 2 ( ދޭއް( ޔުނިޓު އިމާރާތްކޮށްފައި ހުންނަ ތަންތަނެވެ.

 

35 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމާގުޅޭ އުސޫލުތައް 

(ހ) ސްޓްރާޓާ ޕްލޭން ނިސްބަތްވާ ބިމާއި އިމާރާތުގެ ކުރެހުން އެކުލަވާލަންޖެހޭ ގޮތުގެ ތަފްސީލާއި، އެ ކުރެހުންތައް ހުންނަންޖެހޭނެ ގޮތާއި، ސްޓްރާޓާ ޕްލޭން ނިސްބަތްވާ ބިމާއި އިމާރާތާގުޅޭ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްއާއި ހިއްސާގެ ތާވަލް ތައްޔާރުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ބިންތަކަކީ ދިރިއުޅުމަށް އެކަށީގެންވާ ތަންތަންކަމުގައި ހެދުމަށްޓަކައި އެ ބިންތަކުގައި ހުންނަންޖެހޭނެ އެންމެ ކުޑަމިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

36 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭންގައި ހިމަނަންޖެހޭ މައުލޫމާތު

ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ސްޓްރާޓާ ޕްލޭންގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުންނަންވާނެއެވެ.

(ހ) ސްޓްރާޓާ ޕްލޭން ނިސްބަތްވާ ބިމަކީ އަމިއްލަ ނުވަތަ ބަންޑާރަ ބިމެއްކަން؛

(ށ) ގޯތީގެ ނުވަތަ ގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީ ނަންބަރު؛

(ނ) ރަޖިސްޓަރީކޮށްފައިވާ ގޯތީގެ ނަން، ނުވަތަ ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން ބިނާކުރަން ގަސްތުކުރާ އިމާރާތެއްނަމަ އެ މަށްރޫއަށް ކިޔާ ނަން؛

(ރ) ބިމާއި އިމާރާތުގައި ހިމެނޭ ޔުނިޓުތަކާއި، އިމާރާތުގެ އާންމު ތަންތަން ހިމެނޭ ބައިތަކުގެ ތަފްސީލު؛

(ބ) ބިމާއި އިމާރާތް ބައިކުރާއިރު، ކޮންމެ ޔުނިޓެއްގެ ހިއްސާގެ މިންވަރު ވަކިވަކިން، އަދި ހުރިހާ ޔުނިޓުތަކެއްގެ ޖުމްލަ ހިއްސާގެ މިންވަރު؛

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބައިތަކުގެ މިންތައް؛

(ކ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

 

37 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ތަކެތި

މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތުން، ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، އެ ޕްލޭނާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

(ހ) ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދޭ ފޯމު؛

(ށ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ ފަރާތްތަކުން ހުށަހަޅާ އިގުރާރު؛

(ނ) މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމަށް ހުށަހަޅާ ގޮތްތަކާއި، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހުށަހަޅާ ބަޔާން؛

(ރ) މެއިންޓެނެންސް ފަންޑު ބެލެހެއްޓުމަށާއި، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ކަނޑައަޅާ ފީ ނެގުމާގުޅޭ ބަޔާން؛

(ބ) ކަމާގުޅޭ ގާނޫނުގައިވާ ގޮތުގެމަތިން ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ސަރވޭކޮށް، މިންތައް ފާހަގަކޮށްފައިވާ އެންމެ ފަހުގެ ބިމުގެ ޗާޓު؛

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ބިމުގެ ޗާޓު ނިސްބަތްވާ އިމާރާތުގެ އިންތަކަކީ، އެ އިމާރާތް ހިމެނޭ ގޯތީގެ އިމުގެ ތެރޭގައިވާ އިންތަކެއްކަމަށް ނުވަތަ ގޯތީގެ ކުރެހުމުގައިވާ އިމަށްވުރެ ބޭރުގައިވާ އިމާރާތުގެ އެއްވެސް ބައެއްގެ އިންތަކެއް ކަމަށްވާނަމަ، އެ ބައެއް އެފަދައިން އެ އިމަށްވުރެ ބޭރުގައި އެވަނީ ކަމާގުޅޭ ގާނޫނުގައިވާ ގޮތުގެމަތިންކަން ބަޔާންކޮށް ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ހުއްދަ ދީފައިވާ ލިޔުމެއް؛

(ކ) ގޯތީގެ ރަޖިސްޓަރީ ނުވަތަ ގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީ؛

(އ) އިމާރާތްކުރުމަށް ފާސްކޮށްފައިވާ ކުރެހުން އަދި އިމާރާތްކުރުމުގެ ހުއްދައިގެ ކޮޕީ؛

(ވ) ބިމުގެ އަސްލު ވެރިފަރާތާއި އިމާރާތް ޑިވެލޮޕްކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ހަދާފައިވާނަމަ، އެ އެއްބަސްވުމުގެ އަސްލާއެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ؛

(މ) ސްޓްރާޓާ އުސޫލުން ރަޖިސްޓަރީކުރަން ހުށަހަޅާ ގޯއްޗަކީ ރަހުނުކޮށްފައިވާ ގޯއްޗެއްނަމަ، އެއްމެދު އިމާރާތުގެ ގޯތި ރަޖިސްޓަރީކުރުމަށް ރަހުނު ހިފާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛

(ފ) ނިމިފައިވާ އިމާރާތެއްނަމަ، އިމާރާތް ބޭނުންކުރުމުގެ ހުއްދައިގެ ކޮޕީ؛

(ދ) އިމާރާތެއްގެ ބައެއް ނިމިފައިވާނަމަ، ޕްރޮޖެކްޓް މެނޭޖަރ ނުވަތަ އިންޖިނިއަރ ސޮއިކޮށްފައިވާ ޕްރޮގްރެސް ރިޕޯޓާއި މަސައްކަތުގެ ށެޑިއުލް؛

(ތ) ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ދައްކަންޖެހޭ ފީ؛

(ލ) ބިމާއި އިމާރާތުގައި ހިމެނޭ ޔުނިޓުތަކާއި އާންމު ތަންތަން ވަކިކޮށް ތައްޔާރުކޮށްފައިވާ ކުރެހުމާއި، ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް، އަދި ހިއްސާގެ ތާވަލް.

 

38 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް ހުށަހެޅުން

ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް؛

(ށ) ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމަށް ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް؛

(ނ) މަށްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވާގޮތުގެ ށެޑިއުލް. ސްޓްރާޓާ ޕްލޭނަށް ހުއްދަ ދިނުން 39 .ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ ހުއްދަ ދޫކުރަންވާނެއެވެ.

 

40 ވަނަ މާއްދާ - ފުރިހަމަނުވާ ހުށަހެޅުން

ސްޓްރާޓާ ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަނުވާނަމަ،ފުރިހަމަނުވާ ކަންކަން ފުރިހަމަކުރުމަށްފަހު އަލުން ހުށަހެޅުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތު ގެ ތެރޭގައި އެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތަށް އަންގަންވާނެއެވެ.

 

41 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭން ދަފްތަރުކޮށް ބެލެހެއްޓުން 

މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން ސްޓްރާޓާ ޕްލޭނަށް ހުއްދަ ދިނުމަށްފަހު، ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭންތަކާ އި މި ގާނޫނުގެ ދަށުން ސްޓްރާޓާ ޕްލޭނަށް ގެންނަ އިސްލާހުތައް ދަފްތަރުކޮށް، މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

 

ފަސްވަނަ ބާބު

ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނައުން

 

42 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނައުމަށް ހުށަހެޅުން

(ހ) މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނައުމަށް، ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކުން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ހުށަހެޅިދާނެއެވެ.

(ށ) ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ކުރިއަށްދާ މަށްރޫއުތަކުގައި ހިމެނޭ ސްޓްރާޓާ ޕްލޭނަށް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ، އެ ބަދަލު ގެނެވޭނީ މި ގާނޫނުގެ ދަށުން ހަދާ ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމާބެހޭ ގަވާއިދުގެ ދަށުންނެވެ.

(ނ) ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން އިމާރާތްކޮށްފައިވާ ތަންތަނުގެ ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނެވޭނީ، އެކަމާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިންނެވެ.

 

43 ވަނަ މާއްދާ - ހިއްސާގެ މިންވަރު ބަދަލުކުރެވޭ ހާލަތްތައް 

ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނެއްގައި ހިމެނޭ ޔުނިޓުތަކަށް ކަނޑައެޅިފައިވާ ހިއްސާގެ މިންވަރު ބަދަލުކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) ސްޓްރާޓާ ޕްލޭންގައި ހިމެނޭ ކުށެއް އިސްލާހުކުރުމުގެގޮތުން ޔުނިޓަކަށް ކަނޑައެޅިފައިވާ ހިއްސާގެ އަދަދަކަށް ބަދަލު ގެނައުން؛

(ށ) ކޯޓަކުން ކޮށްފައިވާ ހުކުމެއްގެ ސަބަބުން ހިއްސާގެ އަދަދަށް ބަދަލު ގެނައުން؛

(ނ) މި ގާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާ ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމާބެހޭ ހަމަތަކާއި އުސޫލުތަކުގެ ދަށުން އިމާރާތަށް ބަދަލު ގެނައުން؛

(ރ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ، ރީޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން ގެންނަ ބަދަލުތައް.

 

44 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނެވޭނެ ގޮތް

ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނަށް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ، އެ ބަދަލު ގެނެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ.

(ހ) ސްޓްރާޓާ ޕްލޭނަށް ގެންނަން ހުށަހަޅާ ބަދަލުގެ ސަބަބުން އަސަރުކުރާ ޔުނިޓެއް ނުވަތަ ޔުނިޓުތަކެއްގެ ވެރިފަރާތްތަކުން ޔުނިޓު ރަހުނުކޮށްފައިވާނަމަ، ރަހުނު ހިފާ ފަރާތުން އިއުތިރާޒުނުކުރުން؛

(ށ) މެނޭޖްމަންޓް ކޯޕަރޭށަންގެ އާންމު ގަރާރަކުން ފާސްކުރުމުން؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގަރާރު ފާސްކުރުމަށް، ހުރިހާ ޔުނިޓުތަކުގެ ވެރިފަރާތްތަކަށް ކަނޑައެޅިފައިވާ މުޅި ޖުމްލަ ހިއްސާގެ އަދަދުގެ ތެރެއިން، މަދުވެގެން %80 (އަށްޑިހަ އިންސައްތަ) ހިއްސާއަށް ނިސްބަތްވާ މިންވަރަށް ވޯޓު ލިބުން.

 

45 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނައުމަށް ހުށަހަޅާނެ ލިޔެކިޔުންތައް

ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނައުމަށް އެދި ހުށަހަޅާއިރު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ސްޓްރާޓާ ޕްލޭން ބަދަލުކުރުމަށް އެދޭ ފޯމު؛

(ށ) އެންމެ ފަހުން އިސްލާހުކޮށް، ފާސްކޮށްފައިވާ ކުރެހުމުގެ ކޮޕީ؛

(ނ) މި ގާނޫނުގެ ހަތަރުވަނަ ބާބުގެ ދަށުން ސްޓްރާޓާ ޕްލޭނަށް ހުއްދަ ދޫކޮށްފައިވާ ލިޔުން؛

(ރ) މި ގާނޫނުގައި ބަޔާންކުރާ ހަމަތަކާއި އުސޫލުތަކުގެ މަތިން އިސްލާހުކޮށްފައިވާ ސްޓްރާޓާ ޕްލޭން، އަދި އިސްލާހުކޮށްފައިވާ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްއާއި ހިއްސާގެ ތާވަލް؛

(ބ) އިމާރާތް ބޭނުންކުރުމަށް ހުއްދަ ދޫކޮށްފައިވާނަމަ، އެ ހުއްދައިގެ ކޮޕީ؛

(ޅ) ސްޓްރާޓާ ޕްލޭން ބަދަލުކުރުމަށް މެނޭޖްމަންޓް ކޯޕަރޭށަނުން ހުއްދަ ދިނުމަށް ފާސްކޮށްފައިވާ އެ ކޯޕަރޭށަންގެ އާންމު ގަރާރު، އެ ކޯޕަރޭށަންގެ ސިއްކައާއެކުގައި؛

(ކ) ސްޓްރާޓާ ޕްލޭނަށް ގެންނަ ބަދަލަކީ އިނީށަލް ޕީރިއަޑްގެ ތެރޭގައި ގެންނަ ބަދަލެއް ކަމުގައިވާނަމަ، މި ގާނޫނުގެ ދަށުން ސްޓޭޖް  ޑިވެލޮޕްމަންޓް ހިންގުމާ ގުޅޭގޮތުން އެކުލަވާލާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ބަދަލު ގެނައުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް.

 

46 ވަނަ މާއްދާ - ހިއްސާގެ އަދަދު ބަދަލުކުރުން

މި ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ސްޓްރާޓާ ޕްލޭންގައި ހިމެނޭ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް އަދި ޔުނިޓުތަކަށް ކަނޑައެޅިފައިވާ ހިއްސާގެ އަދަދު ބަދަލުކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭންގައި ހިމެނޭ ޔުނިޓެއް ވިއްކާފައިވާނަމަ ނުވަތަ އެ ޔުނިޓަކަށް ރަޖިސްޓަރީ ހަދައިދީފައިވާނަމަ، އެ ޔުނިޓަށް ކަނޑައެޅިފައިވާ ހިއްސާގެ އަދަދު ބަދަލުކުރެވޭނީ، އެ ޔުނިޓު ގަނެފައިވާ ފަރާތުން އެ ބަދަލު ގެނައުމަށް އެއްބަސްވެފައިވާނަމައެވެ.

(ށ) ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭންގައި ހިމެނޭ ޔުނިޓެއް ވިއްކާފައިނުވާނަމަ، އެ ޔުނިޓަށް ކަނޑައެޅިފައިވާ ހިއްސާގެ އަދަދު ބަދަލުކުރެވޭނީ، އިމާރާތުގެ މުޅި ޖުމްލަ ހިއްސާގެ އަދަދަށް އެއްވެސް ބަދަލެއް ނާންނަ ގޮތެއްގެ މަތިން، އެކަން ޔަގީންކުރުމަށްފަހުގައެވެ.

 

47 ވަނަ މާއްދާ - އެއްމެދު އިމާރާތެއް ރީޑިވެލޮޕްކުރުން

އެއްމެދު އިމާރާތެއް ބާވެ ހަލާކުވުމުން ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން އިމާރާތް ވީރާނާވުމުން ނުވަތަ އެއްމެދު އިމާރާތުގެ ވެރިފަރާތްތަކުން އެ އިމާރާތެއްގެ އާބާތުރަ ފިލުވުމަށްޓަކައި، އެއްމެދު އިމާރާތް ރީޑިވެލޮޕްކުރަން ބޭނުންވެއްޖެ ހިނދެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހަމަތަކުގެމަތިން ރީޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލައި، މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ގިނަ ބިން އެއްކޮށްގެން އެއްމެދު އިމާރާތް ބިނާކުރުން

ވަކިން ރަޖިސްޓަރީކޮށްފައިވާ އެއް ބިމަށްވުރެ ގިނަ ބިން އެއްކޮށްގެން، ބިމުގެ އަސްލު ވެރިފަރާތްތަކުން އެއްމެދު އިމާރާތެއް ތަރައްގީކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެ ބިންތައް ތަރައްގީކުރުމަށް ހުށަހެޅޭނީ ހުރިހާ ބިމެއް އެއް ރަޖިސްޓަރީއަކަށް ބަދަލުކުރުމަށްފަހުގައެވެ. އަދި، އެ ބަދަލުގެނެވޭއިރު، އެމީހަކަށް ނިސްބަތްވާ ހިއްސާގެ މިންވަރު ރަޖިސްޓަރީގައި ހިމަނާފައި އޮންނަންވާނެއެވެ.

 

49 ވަނަ މާއްދާ - ރީޑިވެލޮޕްމަންޓް ޕްލޭނެއްގެ ހުއްދަ ހޯދުމަށް ހުށަހެޅުން

މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އެއްމެދު އިމާރާތެއް ރީޑިވެލޮޕްކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) އެ އިމާރާތެއް ރީޑިވެލޮޕްކުރުމަށް އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަންގެ ދަށުން އެކަމާގުޅޭ ހާއްސަ ގަރާރެއް ފާސްކުރުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަރާރު ފާސްކުރުމަށް، ހުރިހާ ޔުނިޓުތަކުގެ ވެރިފަރާތްތަކަށް ކަނޑައެޅިފައިވާ މުޅި ޖުމްލަ ހިއްސާގެ އަދަދުގެ ތެރެއިން މަދުވެގެން %80 (އަށްޑިހަ އިންސައްތަ) ހިއްސާއަށް ނިސްބަތްވާ މިންވަރަށް ވޯޓު ލިބުން.

 

50 ވަނަ މާއްދާ - އެއްމެދު އިމާރާތްތައް ރީޑިވެލޮޕްކުރުމާގުޅޭ ގަވާއިދު

އެއްމެދު އިމާރާތެއްގެ ރީޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން އަލުން އިމާރާތް ތަރައްގީކުރުމާގުޅޭ ގަވާއިދު މިނިސްޓްރީން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

ހަވަނަ ބާބު

ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުން

 

51 ވަނަ މާއްދާ - ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް ހުށަހެޅުން

މި ގާނޫނުގެ ދަށުން ސްޓްރާޓާ ޕްލޭނަކަށް ހުއްދަ ލިބުމާއެކު، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

52 ވަނަ މާއްދާ - ބިނާކޮށް ނިމިފައިވާ އިމާރާތްތަކުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުން

ބިނާކޮށް ނިމިފައިވާ އިމާރާތްތަކުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް އެދި، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމު؛

(ށ) ސްޓްރާޓާ ޕްލޭނަށް ހުއްދަ ދޫކޮށްފައިވާކަމުގެ ލިޔުން؛

(ނ) ޕްރޮޖެކްޓް މެނޭޖަރ ނުވަތަ އިންޖިނިއަރ ދޫކޮށްފައިވާ އިމާރާތް ނިމުނުކަން އަންގައިދޭ ލިޔުން ނުވަތަ ކޮމްޕްލީށަން ސެޓްފިކެޓް؛

(ރ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

 

53 ވަނަ މާއްދާ - ބިނާކޮށް ނިމިފައިވާ އިމާރާތްތަކުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ދިނުން

ބިނާކޮށް ނިމިފައިވާ އިމާރާތްތަކުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރެވޭނީ އަންނަނިވި ކަންތައްތައް ކަށަވަރުކުރުމަށް ފަހުގައެވެ.

(ހ) ބިމާއި އިމާރާތުގައި ހިމެނޭ ހުރިހާ އާންމު ތަންތަން ނިމިފައިވާކަމާއި، އެ ތަންތަން ސަރވޭކުރެވި ހުށަހަޅާފައިވާ ސްޓްރާޓާ ޕްލޭނާ އެއްގޮތަށް ހުރިކަން؛

(ށ) ބިމާއި އިމާރާތުގެ އަސާސީ ހިދުމަތްތައް ސްޓްރާޓާ ޕްލޭންގައިވާގޮތަށް ގާއިމުކޮށްފައި ހުރުމުގެ އިތުރުން، މުޅި އިމާރާތަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާކަން.

 

54 ވަނަ މާއްދާ - އިމާރާތުގެ ބައެއް ނިމިފައިވާ އިމާރާތްތަކުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުން

އިމާރާތުގެ ބައެއް ނުވަތަ ޔުނިޓުތަކެއް ނިމިފައިވާ އިމާރާތްތަކުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް އެދި، މި ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރުން އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) އިމާރާތުގެ ނިމިފައިވާ ބަޔަށް، އެ ބައި ބޭނުންކުރުމަށް ދޫކޮށްފައިވާ ހުއްދަ؛

(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

 

55 ވަނަ މާއްދާ - އިމާރާތުގެ ބައެއް ނިމިފައިވާ އިމާރާތްތަކުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ދިނުން

އިމާރާތުގެ ބައެއް ނުވަތަ ޔުނިޓުތަކެއް ނިމިފައިވާ އިމާރާތްތަކުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރެވޭނީ އަންނަނިވި ކަންތައްތައް ކަށަވަރުކުރުމަށް ފަހުގައެވެ.

(ހ) ބިމާއި އިމާރާތް ހިމެނޭ އާންމު ތަންތަން ނިމިފައިވުމާއެކު، އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާ ޔުނިޓުތަކާގުޅޭ އެންމެހައި އާންމު ތަންތަން ސަރވޭކޮށް، ހުށަހަޅާފައިވާ ސްޓްރާޓާ ޕްލޭނާ އެއްގޮތަށް ހުރިކަން؛

(ށ) އިމާރާތުގެ މަދުވެގެން 2 (ދޭއް) ޔުނިޓު ނިމި، އަދި އެ 2 (ދޭއް) ޔުނިޓަށް އަސާސީ ހިދުމަތްތައް ގާއިމުކޮށްފައި ހުރުމާއެކު، ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް ހުށަހަޅާފައިވާ ބަޔަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވުން.

 

56 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުން

ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް އެދި، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމު؛

(ށ) ސްޓްރާޓާ ޕްލޭނަށް ހުއްދަ ދޫކޮށްފައިވާކަމުގެ ލިޔުން؛

(ނ) ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމަށް ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ ފިޔަވަހިތަކުގެ ށެޑިއުލްއާ އެއްގޮތަށް މަށްރޫއު ކުރިއަށްދާކަމަށް ޕްރޮޖެކްޓް މެނޭޖަރ ނުވަތަ އިންޖިނިއަރ ސޮއިކޮށްފައިވާ ޕްރޮގްރެސް ރިޕޯޓު؛

(ރ) އިސްލާހުކޮށްފައިވާ އެންމެ ފަހުގެ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް؛

(ބ) އިމާރާތުގެ ނިމިފައިވާ ބައި ބޭނުންކުރުމަށް ދޫކޮށްފައިވާ ހުއްދަ؛

(ޅ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

 

57 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ސްޓްރާޓާ ސްކީމަށް ހުއްދަ ދިނުން

ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރެވޭނީ އަންނަނިވި ކަންތައްތައް ކަށަވަރުކުރުމަށް ފަހުގައެވެ.

(ހ) ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ގޮތުގައި މަށްރޫއު ހިންގުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް އެޕްރޫވްކޮށްފައިވުމާއެކު، ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމަށް ހުށަހަޅާ ފަރާތާއި މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން؛

(ށ) ބިމާއި އިމާރާތުގައި ހިމެނޭ އާންމު ތަންތަން ނިމިފައިވުމާއެކު، އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާ ޔުނިޓުތަކާގުޅޭ އެންމެހައި އާންމު ތަންތަން ސަރވޭކޮށް، ހުށަހަޅާފައިވާ ސްޓްރާޓާ ޕްލޭނާ އެއްގޮތަށް ހުރިކަން؛

(ނ) ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ގޮތުގައި މަށްރޫއު ހިންގުމަށް ހުށަހަޅާފައިވާ އިމާރާތުގެ މަދުވެގެން %20 (ވިހި އިންސައްތަ) ނިމި، އެ ޔުނިޓުތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްފައި ހުރުމާއެކު ސްކީމަށް ހުއްދަ ހޯދުމަށް ހުށަހަޅާފައިވާ ބަޔަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާކަން.

 

ހަތްވަނަ ބާބު

ސްޓޭޖް ޑިވެލޮޕްމަންޓް

 

58 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓް

ސްޓްރާޓާ އުސޫލުން ތަރައްގީކުރާ އިމާރާތް ނުވަތަ އިމާރާތްތަކަކީ ވަކި މަށްރޫއެއްގެ ދަށުން ތަރައްގީކުރާ އިމާރާތްތަކެއްނަމަ، ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން ސްޓްރާޓާ ޕްލޭނެއް އެކުލަވާލައި، ސްޓްރާޓާ ސްކީމެއްގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ މި ގާނޫނުގެ 56 ވަނަ މާއްދާގައިވާ ލިޔެކިޔުންތަކާއެކު، މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެމަތިންނެވެ.

 

59 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓްގައި ހިމެނޭ ބައިތައް

(ހ) ސްޓޭޖް ޑިވެލޮޕްމަންޓްގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. އެއްމެދު އިމާރާތެއް ތަރައްގީކުރުމަށް ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ އެފަރާތުން ކަނޑައަޅާ ޑިވެލޮޕަރ ހުށަހަޅާ ސްޓޭޖް ޑިވެލޮޕްމަންޓްގެ ޕްރޮޕޯސަލް؛
  2. ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމަށް ހުށަހަޅާ ފަރާތާއި މިނިސްޓްރީއާ ދެމެދު ވެވޭ، ސްޓޭޖް ޑިވެލޮޕްމަންޓްގެ އެއްބަސްވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕްރޮޕޯސަލްއާއި އެ އަކުރުގެ 2 (ދޭއް) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ހިމަނަންވާނެ ބައިތައް، މި ގާނޫނުގެ ދަށުން ހަދާ ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

60  ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމަށް ހުށަހެޅުން

ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން އެއްމެދު އިމާރާތް ތަރައްގީކުރުމަށް ހުށަހެޅޭނީ އަންނަނިވި ހަމަތަކާއި އުސޫލުތަކުގެމަތިންނެވެ.

(ހ) ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ތަރައްގީކުރުމަށް ގަސްތުކުރާ އެއްމެދު އިމާރާތެއްގައި މަދުވެގެން 4 (ހަތަރެއް) ޔުނިޓު ހިމެނެންވާނެއެވެ.

(ށ) ސްޓޭޖް ޑިވެލޮޕްމަންޓެއް ހިންގޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ %100 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަނެފައިވާ %100 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެއެވެ.

(ރ) ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން އެއްމެދު އިމާރާތް ތަރައްގީކުރުމަށް ހުށަހަޅަނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ގާނޫނީ ށަހްސެއް ނޫންނަމަ، އެފަރާތްތަކަށް ސްޓޭޖް ޑިވެލޮޕްމަންޓް ހިންގޭނެ އުސޫލުތަކާއި ހަމަތައް މި ގާނޫނު ގެ ދަށުން އެކުލަވާލާ ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

61 ވަނަ މާއްދާ - ޑިވެލޮޕަރގެ ފަރާތުން ޒިންމާ އުފުލާނެ ފަރާތެއް އައްޔަންކުރުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން ސްޓޭޖް ޑިވެލޮޕްމަންޓެއް ހިންގާ ޑިވެލޮޕަރގެ ފަރާތުން އެފަރާތުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރާނެ ފަރާތެއް އައްޔަންކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ޑިވެލޮޕަރ ކުރާ މުއާމަލާތްތައް

(ހ) ސްޓޭޖް ޑިވެލޮޕްމަންޓް ހިންގާ ޑިވެލޮޕަރ ތަރައްގީކުރާ އެއްމެދު އިމާރާތާގުޅޭ އެންމެހައި މުއާމަލާތްތައް ކުރެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކާއި، ޑިވެލޮޕަރއާއި ގަންނަ ފަރާތާ ދެމެދު ސޮއިކުރާ ގަނެވިއްކުމުގެ އެއްބަސްވުމުގައިވާ ގޮތުގެމަތިންނެވެ.

(ށ) ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން ތަރައްގީކުރާ އެއްމެދު އިމާރާތެއްގެ ބުކިންގ ފީ، އަދި ޔުނިޓު ވިއްކުމާ ގުޅިގެން ނަގާ އެހެން ފީތަކާއި އަގުތައް ނެގޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމަށް ހުށަހަޅާ ފަރާތާއި މިނިސްޓްރީއާ ދެމެދު ވެވޭ ސްޓޭޖް ޑިވެލޮޕްމަންޓްގެ އެއްބަސްވުމުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ސްޓޭޖް ޑިވެލޮޕްމަންޓް ހިންގާ ޑިވެލޮޕަރ ގަންނަ ފަރާތުގެ އަތުން އެއްވެސް ފީއެއް ނުވަތަ އަގެއް ނަގަންވާނީ އިމާރާތުގެ %10 (ދިހައެއް އިންސައްތަ) މަސައްކަތް ނިމުމުންނެވެ.

 

63 ވަނަ މާއްދާ - ޑިވެލޮޕަރ އަމަލުކުރަންޖެހޭ އިލްތިޒާމްތައް

(ހ) ސްޓޭޖް ޑިވެލޮޕްމަންޓް ހިންގާ ޑިވެލޮޕަރގެ މައިގަނޑު އިލްތިޒާމްތައް ތިރީގައި އެވަނީއެވެ.

  1. ސްޓޭޖް ޑިވެލޮޕްމަންޓް ނިސްބަތްވާ އެއްމެދު އިމާރާތް ނުވަތަ އިމާރާތްތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކުގެ މަތިން އިށްތިހާރުކުރުމާއި، މައުލޫމާތު ދިނުން؛
  2. ތަރައްގީކުރާ އެއްމެދު އިމާރާތާ ގުޅިގެން ޔުނިޓުތައް ވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި އެއްމެދު އިމާރާތުގެ ޔުނިޓު ގަންނަން ގަސްތުކުރާ، ނުވަތަ ގަންނަ ފަރާތްތަކަށް ތެދު މައުލޫމާތު ދިނުން؛
  3. ސްޓޭޖް ޑިވެލޮޕްމަންޓާ ގުޅިގެން ޑިވެލޮޕަރ ނަގާ ފީ ނެގުމަށްފަހު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކުގެމަތިން ޕްރޮޖެކްޓް އެކައުންޓަށް އެ ފީ ޖަމާކުރުން؛
  4. ސްޓޭޖް ޑިވެލޮޕްމަންޓާގުޅޭ އެއްމެދު އިމާރާތުގެ މަށްރޫއުގެ އިންށުއަރެންސް ނެގުން؛ (އެގޮތުން، އިމާރާތްކުރާ މުއްދަތުގައި، މުޅި ޖުމްލަ އަގަށްވާ މިންވަރުގެ، ކޮންޓްރެކްޓަރ އޯލް ރިސްކް އިންށުއަރެންސް ޕޮލިސީއެއް އިމާރާތަށް ނެގުން.)
  5. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން ޕަރފޯމަންސް ގެރެންޓީ ނެގުމާއި، އެއްމެދު އިމާރާތުގެ ޔުނިޓުތައް ވިއްކުމާ ގުޅިގެން ބޭންކު ގެރެންޓީ ނުވަތަ އިންށުއަރެންސް ބޮންޑު ނެގުން؛
  6. މި ގާނޫނުގައި ބަޔާންކުރާ އިނީށަލް ޕީރިއަޑްގައި ޑިވެލޮޕަރ ނަގަންޖެހޭ އެންމެހައި އިލްތިޒާމްތައް ނެގުމާއި، ސްޓޭޖް ޑިވެލޮޕްމަންޓްގެ އެކި ސްޓޭޖްތަކުގައި ޑިވެލޮޕަރ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުން؛
  7. ސްޓްރާޓާ ޕްލޭނަށް ގެންނަ ބަދަލުތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާގޮތަށް ގެނައުމާއި، ސްޓްރާޓާ ސްކީމްގެ ހުއްދަ ހޯދުމާއި އެ ސްކީމް ނިންމުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
  8. ސްޓޭޖް ޑިވެލޮޕްމަންޓާގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން؛
  9. މި ގާނޫނުގެ ދަށުން އުފައްދާ މެނޭޖްމަންޓް ކޯޕަރޭށަން އުފެދުމާ ގުޅިގެން ސްޓޭޖް ޑިވެލޮޕްމަންޓްގެ އެކިއެކި ސްޓޭޖްތަކުގައި އުފުލަންޖެހޭ އިލްތިޒާމްތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން އުފުލުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި އިލްތިޒާމްތައް ކަނޑައެޅުމަށާއި، ސްޓޭޖް ޑިވެލޮޕްމަންޓް ހިންގާ ޑިވެލޮޕަރ އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޑިވެލޮޕަރ އަމަލުކުރަންޖެހޭ އުސޫލުތަކާއި ހަމަތައް ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

 

64 ވަނަ މާއްދާ - ބުކިންގ ފީއާއި އެހެނިހެން ފީތައް ނެގުން

ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން ބުކިންގ ފީއާއި އެއްމެދު އިމާރާތުގެ ޔުނިޓެއް ގަނެވިއްކުމާ ގުޅިގެން ނަގާ އެހެނިހެން ފީ ނުވަތަ ޔުނިޓާގުޅޭ އަގު ޑިވެލޮޕަރއަށް ނެގޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެ އިތުރުން، ތިރީގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ހ) ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ތަރައްގީކުރާ އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއްގެ ބުކިންގ ފީ ނެގުމަށް އެންމެ ގިނަވެގެން ޑިވެލޮޕަރއަށް ހުށަހެޅޭނީ، އެއްމެދު އިމާރާތެއްގައި ހިމެނޭ ވިއްކާ ޔުނިޓެއްގެ އަގުގެ %5 (ފަހެއް އިންސައްތަ) އެވެ.

(ށ) ސްޓޭޖް ޑިވެލޮޕްމަންޓްގެ އެއްބަސްވުމުގެ ދަށުން ނަގާ ބުކިންގ ފީއާމެދު އަމަލުކުރާނެ ގޮތެއް، ގަންނަ ފަރާތާއި ޑިވެލޮޕަރއާ ދެމެދު ވެފައިވާ ގަނެވިއްކުމުގެ އެއްބަސްވުމުގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.

(ނ) ޑިވެލޮޕަރ އެއްބަސްވުމާ ހިލާފުވެގެން ބުކިންގ ފީގެ ރިފަންޑް ހޯދުމަށް ހުށަހަޅާ ހިނދެއްގައި، އެ ރިފަންޑް ދެވޭނެ ގޮތް ގަންނަ ފަރާތާއި ޑިވެލޮޕަރއާ ދެމެދު ވެފައިވާ ގަނެވިއްކުމުގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

 

65 ވަނަ މާއްދާ - ޕްރޮޖެކްޓް އެކައުންޓް ހުޅުވުން

ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން އެއްމެދު އިމާރާތް ތަރައްގީކޮށް ހިންގާ ފަރާތްތަކުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ބޭންކެއްގައި ސްޓޭޖް ޑިވެލޮޕްމަންޓް ނިސްބަތްވާ މަށްރޫއުގެ އެންމެހައި ފައިސާއާގުޅޭ މުއާމަލާތްތައް ކުރުމަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާގޮތަށް، ޕްރޮޖެކްޓް އެކައުންޓެއް ހުޅުވަންވާނެއެވެ.

 

66 ވަނަ މާއްދާ - މަށްރޫއާގުޅޭ ފައިސާގެ މުއާމަލާތްކުރުން

މި ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓް އެކައުންޓަށް ފައިސާ ޖަމާކުރެވޭނީ އަދި އެ އެކައުންޓުން ފައިސާ ދޫކުރެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިންނެވެ. އަދި، މަށްރޫއުގެ ފައިސާގެ މުއާމަލާތްތައް ޑިވެލޮޕަރ ކުރާނެ ގޮތްތަކާއި، މި ގާނޫނާއި އެ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް އެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އަށްވަނަ ބާބު

އެއްމެދު އިމާރާތް ރަޖިސްޓަރީކުރުން 


 
67 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ޔުނިޓު ރަޖިސްޓަރީކުރުން

ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެމަތިން އެއްމެދު އިމާރާތުގެ ޔުނިޓު ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންތައްތައް ކަށަވަރުކުރުމަށްފަހު، އިމާރާތުގައި ހިމެނޭ ކޮންމެ ޔުނިޓެއްގެ ވެ ރިފަރާތަކަށް އެފަރާތުގެ ނަމުގައި ޔުނިޓުގެ ރަޖިސްޓަރީއެއް، މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ދޫކުރަންވާނެއެވެ.

(ހ) ސްޓްރާޓާ ސްކީމްގެ ހުއްދަ ދިނުމާއެކު، އެ ސްކީމް ނިސްބަތްވާ އިމާރާތުގައި ހިމެނޭ ކޮންމެ ޔުނިޓެއްގެ ވެރިފަރާތުން، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން އެފަރާތުގެ ނަމުގައި އެއްމެދު އިމާރާތުގެ ޔުނިޓު ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، އެކަމަށް ކަނޑައަޅާ ފޯމު މެދުވެރިކޮށް ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް، އަދި ރަށެއްގައިނަމަ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

 

68 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ޔުނިޓު ރަޖިސްޓަރީކުރުމަށް ހުށަހެޅޭނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި އެއްމެދު އިމާރާތުގެ ޔުނިޓު ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅިދާނެއެވެ.

(ހ) އެއްމެދު އިމާރާތުގެ ޔުނިޓުތައް އަލަށް ރަޖިސްޓަރީކުރުމަށް؛

(ށ) ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނަކަށް އަންނަ ބަދަލެއްގެ ސަބަބުން ޔުނިޓުގެ ރަޖިސްޓަރީއަށް ބަދަލު ގެނައުމަށް؛

(ނ) ރަޖިސްޓަރީކޮށްފައިވާ އެއްމެދު އިމާރާތުގެ ޔުނިޓެއް ވިއްކުމާ ގުޅިގެން ޔުނިޓުގެ ރަޖިސްޓަރީއަށް ބަދަލު ގެނައުމަށް.

 

69 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހެޅުން

ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓުތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނަމަ، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓެއް ގަނެވިއްކުމަށް މިނިސްޓްރީން ކަނޑައަޅާ ފޯމު؛

(ށ) ބިމުގެ އަސްލު ވެރިފަރާތުން އެއްމެދު އިމާރާތުގެ ޔުނިޓު ވިއްކުމަށް ހުށަހަޅާ ލިޔުން؛

(ނ) ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނޯޓަރީއެއްގޮތުގައި ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ވަކީލަކު ނޯޓަރައިޒްކޮށްފައިވާ ގަނެވިއްކުމުގެ އެއްބަސްވުން ނުވަތަ ކޯޓެއްގައި ރަޖިސްޓަރީކޮށްފައިވާ އެއްބަސްވުން؛

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ޔު ނިޓުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ޔުނިޓު ގަނެފައިވާ ފަރާތުން ޔުނިޓު ވިއްކި ފަރާތަށް ދައްކާ ހަލާސްކޮށްފައިވާކަމުގެ ލިޔުން؛

(ބ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ބިމަކީ ނުވަތަ ޔުނިޓަކީ، ރަހުނުކޮށްފައިވާ ބިމެއް ނުވަތަ ޔުނިޓެއްނަމަ، ރަހުނު ހިފާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛

(ޅ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުންތައް.

70 ވަނަ މާއްދާ - އެހެން ފަރާތެއްގެ ނަމަށް ޔުނިޓުގެ ރަޖިސްޓަރީ ބަދަލުކުރުން

(ހ) އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް ވަސިއްޔަތާއި ހިބައިން ދިނުމަށާއި، އެއްމެދު އިމާރާތުގެ ޔުނިޓުގެ ރަޖިސްޓަރީ އެހެން ފަރާތަކަށް ބަދަލުކުރުމަށް ، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް ވަސިއްޔަތާއި ހިބައިން ދިނުމަށް ނުވަތަ އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުގެ ރަޖިސްޓަރީ އެހެން ފަރާތަކަށް ބަދަލުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާފައިވާ ފޯމު؛
  2. ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ އެއްމެދު އިމާރާތުގެ ޔުނިޓުގެ ވެރިފަރާތުން ޔުނިޓެއް ވިއްކުމަށް ނުވަތަ ދޫކޮށްލުމަށް ނުވަތަ ޔުނިޓުގެ ރަޖިސްޓަރީ ބަދަލުކުރުމަށް އިގުރާރުވެ ސޮއިކޮށްފައިވާ ލިޔުން؛
  3. އެއްމެދު އިމާރާތުގެ ޔުނިޓަކީ، ށަރީއަތް މެދުވެރިކޮށް ހިބައިން ނުވަތަ ވަސިއްޔަތެއްގެ ދަށުން އެހެން ފަރާތަކަށް ލިބިދޭ ޔުނިޓެއްނަމަ، އެކަމާ ގުޅޭގޮތުން ކޯޓުން ނިންމާފައިވާ ގަޒިއްޔާގެ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ކޮޕީ ؛
  4. އެއްމެދު އިމާރާތުގެ ޔުނިޓު ނުވަތަ ޔުނިޓުތަކަކީ ގަނެވިއްކުމުގެ އެއްބަސްވުމެއްގެ ދަށުން ޔުނިޓުގެ ރަޖިސްޓަރީ ބަދަލުކުރަން ހުށަހަޅާ ޔުނިޓެއް ނުވަތަ ޔުނިޓުތަކެއްނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނޯޓަރީއެއްގޮތުގައި ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ވަކީލަކު ނޯޓަރައިޒްކޮށްފައިވާ ގަނެވިއްކުމުގެ އެއްބަސްވުން ނުވަތަ ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ އެއްބަސްވުން؛
  5. މި އަކުރުގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގަނެވިއްކުމުގެ އެއްބަސްވުމެއްގެ ދަށުން ރަޖިސްޓަރީ ބަދަލުކުރުމަށް ހުށަހަޅާނަމަ، އެ އެއްބަސްވުމުގައި ޔުނިޓުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ، ޔުނިޓު ގަނެފައިވާ ފަރާތުން ޔުނިޓު ވިއްކި ފަރާތަށް ދައްކާ ހަލާސްކޮށްފައިވާކަމުގެ ލިޔުން ނުވަތަ ފައިސާ ދައްކަމުންދާނެގޮތުގެ ލިޔުން؛
  6. އެއްމެދު އިމާރާތުގެ ބިމަކީ ނުވަތަ ޔުނިޓަކީ ރަހުނުކޮށްފައިވާ ބިމެއް ނުވަތަ ޔުނިޓެއްނަމަ، ރަހުނު ހިފާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
  7. ޔުނިޓުގެ ވެރިފަރާތުން މެއިންޓެނެންސް ފީއާއި އެހެނިހެން ފީ ދައްކާފައިވާކަމުގެ، މެނޭޖްމަންޓް ކޯޕަރޭށަނުން ދޫކޮށްފައިވާ ލިޔުން.

(ށ) ސްޓްރާޓާ ޕްލޭންގައި ހިމެނޭ އެއްވެސް ޔުނިޓެއްގެ ރަޖިސްޓަރީ އެހެން ފަރާތަކަށް ބަދަލުކުރެވޭނީ، އަދި ގަނެވިއްކުމުގެ އެއްވެސް މުއާމަލާތެއް ކުރެވޭނީ މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް އިސްލާހުކުރުމަށްފަހު މިނިސްޓްރީގެ ހުއްދަ ލިބުމަށްފަހުގައެވެ.

 

71 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭންގައި ހިމެނޭ އާންމު ތަންތަން

ސްޓްރާޓާ ޕްލޭނެއްގައި ހިމެނޭ އާންމު ތަންތަނަށް ވަކި ރަޖިސްޓަރީއެއް ހަދައެއް ނުދެވޭނެއެވެ. ނަމަވެސް، އާންމު ތަންތަނަކީ އެއްމެދު އިމާރާތުގެ ހުރިހާ ޔުނިޓުތަކުގެ ވެރިފަރާތްތަކުގެ ހިއްސާވާ ތަންތަންކަން، ޔުނިޓުގެ ވެރިފަރާތްތަކަށް ދޫކުރާ ރަޖިސްޓަރީގައި ބަޔާންކުރަންވާނެއެވެ. އަދި، ސްޓްރާޓާ ޕްލޭންގައި ހިމެނޭ އާންމު ތަންތަން ހިންގައި ބެލެހެއްޓުމަކީ މި ގާނޫނުގެ ދަށުން އުފައްދާ މެނޭޖްމަންޓް ކޯޕަރޭށަންގެ ފަރާތުން ބަލަހައްޓަންޖެހޭ ކަންކަންކަމުގައި ޔުނިޓުގެ ރަޖިސްޓަރީގައި ބަޔާންކުރަންވާނެއެވެ.

 

72 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭންގައި ހިމެނޭ އެކްސެސަރީ ޔުނިޓު

ސްޓްރާޓާ ޕްލޭނެއް ގައި ހިމެނޭ އެކްސެސަރީ ޔުނިޓަށް ވަކި ރަޖިސްޓަރީއެއް ހަދައެއް ނުދެވޭނެއެވެ. ނަމަވެސް، ސްޓްރާޓާ ޕްލޭންގައި ހިމެނޭ ޔުނިޓަކަށް އެކްސެސަރީ ޔުނިޓެއް ކަނޑައަޅާފައިވާނަމަ ޔުނިޓުގެ ވެރިފަރާތަށް ދޫކުރާ ރަޖިސްޓަރީގައި އެކްސެސަރީ ޔުނިޓުގެ ތަފްސީލު ބަޔާންކުރަންވާނެއެވެ.

 

73  ވަނަ މާއްދާ - ބަންޑާރަ ބިމެއްގައި ހިމެނޭ އެއްމެދު އިމާރާތުގެ ޔުނިޓު

ސްޓްރާޓާ ޔުނިޓު ނިސްބަތްވާ އިމާރާތަކީ ބަންޑާރަ ބިމެއްގައި އިމާރާތްކޮށްފައިވާ ތަނަކަށްވާނަމަ، އެ ޔުނިޓުގެ ވެރިފަރާތުގެ ރަޖިސްޓަރީގައި އެ ޔުނިޓަކީ ބަންޑާރަ ބިމެއްގައި ހުރި ޔުނިޓެއްކަން ބަޔާންކުރަންވާނެއެވެ.

 

74 ވަނަ މާއްދާ - އަމިއްލަ ބިމެއްގައި ހިމެނޭ އެއްމެދު އިމާރާތުގެ ޔުނިޓު

ސްޓްރާޓާ ޔުނިޓު ނިސްބަތްވާ އިމާރާތަކީ އަމިއްލަ ބިމެއްގައި އިމާރާތްކޮށްފައިވާ ތަނަކަށްވާނަމަ، އެ ޔުނިޓުގެ ވެރިފަރާތުގެ ރަޖިސްޓަރީގައި އެ ޔުނިޓަކީ އަމިއްލަ ބިމެއްގައި ހުރި ޔުނިޓެއްކަން ބަޔާންކުރަންވާނެއެވެ.

 

75 ވަނަ މާއްދާ - ޔުނިޓަށް ދޫކުރާ ރަޖިސްޓަރީގައި ހުންނަންޖެހޭ މައުލޫމާތު

އެއްމެދު އިމާރާތުގައި ހިމެނޭ ކޮންމެ ޔުނިޓެއްގެ ރަޖިސްޓަރީގައި ހިމަނަންޖެހޭ މައުލޫމާތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

76 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ރަޖިސްޓަރީ 

(ހ) ސްޓްރާޓާ ޕްލޭނެއްގައި ހިމެނޭ ޔުނިޓުތަކަށް ރަޖިސްޓަރީ ހަދާއިރު، މުޅި އިމާރާތުގެ މައުލޫމާތު ހިމެނޭގޮތަށް އެއްމެދު އިމާރާތުގެ ރަޖިސްޓަރީއެއް ހަދައި، އެ ރަޖިސްޓަރީއެއް ހެދި ކައުންސިލުގައި ބާއްވަންވާނެއެވެ. އަދި އެ ރަޖިސްޓަރީގެ އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް އެއްމެދު އިމާރާތް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަނަށް ކައުންސިލުން ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ އެއްމެދު އިމާރާތުގެ ރަޖިސްޓަރީގައި ހިމެނޭ ޔުނިޓެއްގެ ވެރިފަރާތް ބަދަލުވެއްޖެނަމަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ބަދަލު އެއްމެދު އިމާރާތުގެ ރަޖިސްޓަރީއަށް ގެންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެއްމެދު އިމާރާތުގެ ރަޖިސްޓަރީގައި ހިމެނޭ އެއްވެސް ޔުނިޓެއްގެ ވެރިފަރާތް ބަދަލުވެއްޖެނަމަ ނުވަތަ އެ ރަޖިސްޓަރީއަށް އުނިއިތުރެއް ގެނެސްފިނަމަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މައުލޫމާތު މެނޭޖްމަންޓް ކޯޕަރޭށަނާ ހިއްސާކުރަންވާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން އެއްމެދު އިމާރާތުގެ ރަޖިސްޓަރީ ހެދުމާއެކު، އެ އިމާރާތް ހުރި ބިމުގެ ރަޖިސްޓަރީ ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާތިލުވާނެއެވެ.

 

77 ވަނަ މާއްދާ - އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓު ރަޖިސްޓަރީކޮށްދިނުން

އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް ރަޖިސްޓަރީކޮށްދިނުމުގެ ކުރިން އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން، އެ ލިޔެކިޔުންތަކުގެ ސައްހަކަން؛

(ށ) އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުތައް ރަޖިސްޓަރީކުރުމުގެ ކުރިން ނުވަތަ ޔުނިޓެއްގެ ރަޖިސްޓަރީއެއް ބަދަލުކުރުމުގެ ކުރިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެއްމެދު އިމާރާތުގެ ޔުނިޓަކާ ގުޅިގެން ސަރުކާރަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާ ދައްކާފައިވާކަން؛

(ނ) މި ގާނޫނުގެ 85 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ފަދައިން އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއްގެ މިލްކުވެރިންގެ ގޮތުގައި އެކަކަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ހާލަތުގައި، އެއްވެސް ޔުނިޓަކަށް 1 (އެކެއް) ރަޖިސްޓަރީއަށްވުރެ ގިނަ ރަޖިސްޓަރީ ހަދައި ނުދެވޭކަން؛

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަން.

 

78 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓު ރަޖިސްޓަރީކުރުމަށް ލާޒިމުވުން

(ހ) ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭން ނިސްބަތްވާ އެއްމެދު އިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމަށް، އަންނަނިވި ހާލަތުގައި ބިމުގެ އަސްލު ވެރިފަރާތަށް ނުވަތަ ޑިވެލޮޕަރއަށް ލާޒިމުވާނެއެވެ.

  1. ސްޓްރާޓާ ޕްލޭންގައި ހިމެނޭ ޔުނިޓެއް ގަނެވިއްކުމާގުޅޭ މުއާމަލާތެއް އެއްވެސް ފަރާތަކާއެކު ކޮށްފައިވާނަމަ، ސޮއިކޮށްފައިވާ ފުރަތަމަ ގަނެވިއްކުމާބެހޭ އެއްބަސްވުން ފެށޭ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި؛ ނުވަތަ
  2. ސްޓްރާޓާ ޕްލޭން ނިސްބަތްވާ އިމާރާތް ނިމި، ކޮމްޕްލީށަން ސެޓްފިކެޓް ދޫކުރާ ތާރީހުން ފެށިގެން މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި 2 (ދޭއް) ވަނަ ނަންބަރުގައި ބަޔާންކުރާ ދެ ތާރީހުގެ ތެރެއިން އަމަލުކުރާނީ ފުރަތަމަ އަންނަ ތާރީހެއްގައެވެ.

 

79  ވަނަ މާއްދާ - ނިމިފައިވާ އިމާރާތްތަކުގެ ރަޖިސްޓަރީއަށް ހުށަހެޅުން

ސްޓްރާޓާ ސްކީމެއްގެ ގޮތުގައި ހުއްދަ ދޫކޮށްފައިވާ އިމާރާތެއް ނިމި، އެ އިމާރާތުގެ ކޮމްޕްލީށަން ސެޓްފިކެޓް ދޫކުރާ ތާރީހުން ފެށިގެން މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އިމާރާތުގެ ހުރިހާ ޔުނިޓެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

 

80 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ބިމުގެ މިލްކުވެރިކަން ރަޖިސްޓަރީގައި ބަޔާންކުރުން

އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ އިމާރާތާއި އެ އިމާރާތް ނިސްބަތްވާ ބިމުގެ ވެރިފަރާތްތަކަކީ، އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓު މިލްކުކޮށްފައިވާ ނިސްބަތުން އެ ޔުނިޓުތަކުގެ ވެރިފަރާތްތަކަށްވީ ހިނދު، އެއްމެދު އިމާރާތުގެ ބިމަކީ އެ ބިމުގެ ވެރިފަރާތްތަކަށް ވަކިވަކިން ކަނޑައަޅައި، ބައިކޮށް ހެދޭނެ ބިމެއް ނޫންކަން އެއްމެދު އިމާރާތުގެރަޖިސްޓަރީގައި ބަޔާންކުރަންވާނެއެވެ.

 

81  ވަނަ މާއްދާ - ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ބިން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ސަރުކާރުން ހިންގާ އެކިއެކި ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ތެރެއިން ހައުސިންގ ޔުނިޓުތައް ލިބިދޭ ނުވަތަ ގަންނަ ފަރާތްތަކަށް އެ އިމާރާތެއް ނިސްބަތްވާ ބިން ނުވަތަ ގޯތީގެ މިލްކުވެރިއެއްކަމުގައި ވެވޭނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތެއްގެ ދަށުންނެވެ.

82 ވަނަ މާއްދާ - ޔުނިޓު ރަޖިސްޓަރީކުރުމުގެ ގަވާއިދު

މި ގާނޫނުގެ ދަށުން އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުންނަންވާނެ ގޮތްތަކާއި، ޔުނިޓުގެ ރަޖިސްޓަރީއާގުޅޭ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ނުވަވަނަ ބާބު

އެއްމެދު އިމާރާތުގެ ޔުނިޓުތައް ގަނެވިއްކުމާއި، ދިނުމާއި، ރަޖިސްޓަރީއާގުޅޭ މުއާމަލާތްތައް

 

83 ވަނަ މާއްދާ - ޔުނިޓުގެ ރަޖިސްޓަރީއާގުޅޭ މުއާމަލާތްތައް

އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުގެ ރަޖިސްޓަރީއާގުޅޭ އެންމެހައި މުއާމަލާތްތައް ކުރާނީ، މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެމަތިންނެވެ.

 

84 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ޔުނިޓާގުޅޭ މުއާމަލާތްތައް

(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއް ކުއްޔަށްދިނުމާއި، ވިއްކުމާއި، ހިބައިން ނުވަތަ ވަސިއްޔަތުން ދިނުން ނުވަތަ ރަހުނުކުރުންފަދަ އެންމެހައި މުއާމަލާތްތައް ކުރުމުގެ ފުރިހަމަ އިހްތިޔާރު އެ ޔުނިޓެއްގެ ވެރިފަރާތަށް ލިބިގެންވެއެވެ.

(ށ) އެއްމެދު އިމާރާތަކީ ވަކި ހައިސިއްޔަތެއް ލިބިގެންވާ އިމާރާތަކަށްވުމާއެކު، އެއްމެދު އިމާރާތެއް ރަޖިސްޓަރީކުރުމާއި ސްޓްރާޓާ ޕްލޭންގައި ބަޔާންކުރާ ބިމާއި އިމާރާތުގައި ހިމެނޭ ޔުނިޓުތަކާއި، އާންމު ތަންތަން، އަދި އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުތަކާގުޅޭ މުއާމަލާތްތައް، މި ގާނޫނުގެ އެހެން މާއްދާއެއްގައި ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދަކު ބިމާ ވަތްކެއް ނުކުރެވޭނެއެވެ.

(ނ) އެއްމެދު އިމާރާތެއްގެ ޔުނިޓަކާ ގުޅިގެން ލިބޭ އާންމު ތަންތަނާއި ވަސީލަތްތައް އެ ޔުނިޓަކާ ވަކިން ވިއްކައި، ހިބައިން ނުވަތަ ވަސިއްޔަތުން ދިނުން ނުވަތަ ރަހުނުކުރުން ނުވަތަ ކުއްޔަށްދިނުންފަދަ އެއްވެސް މުއާމަލާތެއްކޮށްގެން ނުވާނެއެވެ.

(ރ) އެއްމެދު އިމާރާތެއްގައި ހިމެނޭ އެއްވެސް ޔުނިޓެއް، އެ ޔުނިޓަކަށް ކަނޑައެޅިފައިވާ ބޭނުމާ ފުށުއަރާފަދަ ގޮތަކަށް ކުއްޔަށްދީ، ވިއްކައި، ހިބައިން ނުވަތަ ވަސިއްޔަތުން ދީ ނުވަތަ ރަހުނުކޮށްގެން ނުވާނެއެވެ.

 

85  ވަނަ މާއްދާ - ބިމާއި އިމާރާތުގެ ޔުނިޓުތަކުގެ މިލްކުވެރިކަން

(ހ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ބަންޑާރަ އަދި އަމިއްލަ ބިމެއްގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު އިމާރާތުގައި ހިމެނޭ ކޮންމެ ޔުނިޓެއްގެ ވެރިއަކީ ސްޓްރާޓާ ޕްލޭން އަދި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި އެ ޔުނިޓަށް ކަނޑައަޅާފައިވާ ޔުނިޓުގެ ހިއްސާގެ ނިސްބަތުން ބިމުގެ ވެރިއެކެވެ.

(ށ) އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއް ނުވަތަ ޔުނިޓުތަކެއް ގަނެވިއްކައި، ދީ، ލިބިގަނެ، އަދި މިލްކުކުރެވޭނީ، ހަމައެކަނި ދިވެހިރައްޔިތުންނަށާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ %100 (ސަތޭކަ އިންސައްތަ)  ދިވެހިން ހިއްސާވާ ކުންފުންޏެއް 
ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ %100 (ސަތޭކަ އިންސައްތަ) ދިވެހިންގެ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެއްމެދު އިމާރާތެއްގެ ޔުނިޓެއް ގަނެފައިވާ %100 (ސަތޭކަ އިންސައްތަ)  ދިވެހިން ހިއްސާވާ ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ޔުނިޓެއްގެ ވެރިފަރާތުން އެ ޔުނިޓެއް ވިއްކަންވާނީ، އެ ޔުނިޓު ނިސްބަތްވާ އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަންގެ މެންބަރެއްގެ ހައިސިއްޔަތުން ޔުނިޓު ގަންނަ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އިލްތިޒާމްތައް އަދާކުރަމުން ގެންދިއުމަށާއި، މެނޭޖްމަންޓް ކޯޕަރޭށަންގެ އެންގުންތަކަށް ފުރިހަމައަށް ތަބާވެ އަމަލުކުރަމުން ގެންދިއުމަށް ޔުނިޓު ގަންނަ ފަރާތުން އިގުރާރުވުމަށްފަހުގައެވެ.

(ބ) އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއްގެ މިލްކުވެރިންގެ ގޮތުގައި އެކަކަށްވުރެ ގިނަ ފަރާތްތައް ހިމެނިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއް ބައިބައިކޮށް ނުވަތަ ބަހާ ހަދައިގެންނުވާނެއެވެ. އަދި، އެއްވެސް ހާލެއްގައި އެއްވެސް އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއް ބައިބައިކޮށް އެއް އާއިލާއަށްވުރެ ގިނަ އާއިލާތަކަށް  ދިރިއުޅެވޭގޮތަށް ކަރަންޓާއި، ފެނާއި އެނޫންވެސް ހިދުމަތްތައް ވަކިން ގުޅައިގެން ނުވާނެއެވެ.

 

86 ވަނަ މާއްދާ - ހައްގުތައް ބަދަލުވުން

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކި ޔުނިޓެއް އެ ޔުނިޓުގެ ވެރިފަރާތުން ވިއްކާލައިފިނަމަ، މި ގާނޫނުގެ ދަށުން އެ ޔުނިޓުގެ ވެރިފަރާތަށް ލިބިދޭ އެންމެހައި ހައްގުތަކާއި، މި ގާނޫނުގެ ދަށުން އެފަރާތުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް، އެ ޔުނިޓު ގަންނަ ފަރާތަށް އެ ހިނދުން ފެށިގެން ބަދަލުވީކަމުގައި ބެލޭނެއެވެ.

(ށ) އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއް ވިއްކާލުމުގެ ސަބަބުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމުގެ ސަބަބުން އެ ޔުނިޓުގެ މިލްކުވެރިކަން ބަދަލުވެއްޖެނަމަ، މި ގާނޫނުގައިވާ ގޮތުގެމަތިންއެ ޔުނިޓުގެ މިލްކުވެރިކަން ބަދަލުވެފައިވާ ފަރާތުގެ ނަމަށް އެ ޔުނިޓުގެ ރަޖިސްޓަރީ ބަދަލުކުރަންވާނެއެވެ.

(ނ) އެއްމެދު އިމާރާތެއްގައި ކަނޑައަޅާފައިވާ އާންމު ތަންތަނުގެ މިލްކުވެރިކަން ޔުނިޓެއްގެ ވެރިފަރާތަށް އޮންނަނީ އެހެން ޔުނިޓުތަކުގެ ވެރިފަރާތްތަކާ އެކުގައި، ވަކިނުކުރެވޭނެ ހައްގެއްގެ ގޮތުގައިކަމަށްވީ ހިނދު، އެއްމެދު އިމާރާތުގައި ކަނޑައެޅިފައިވާ އާންމު ތަންތަންވިއްކުމާއި ހިބައިން ނުވަތަ ވަސިއްޔަތުން ދިނުން ނުވަތަ ރަހުނުކުރުންފަދަ އެއްވެސް މުއާމަލާތެއްކުރަންވާނީ އެ ހައްގަށް އުނިކަން ނާންނާނެ ގޮތުގެމަތިންނެވެ.

(ރ) އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއްގެ ވެރިފަރާތުން އެފަރާތުގެ ޔުނިޓު ވިއްކައިފިނަމަ، ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ދީފިނަމަ، ގަންނަ ފަރާތަށް ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުންއެ ޔުނިޓު ލިބޭ ފަރާތަށް ލިބިދޭ ޔުނިޓުގެ ވެރިފަރާތުގެ ހިއްސާގެ މިންވަރަށް ބިނާކޮށް، އެފަރާތަށް އާންމު ތަންތަނުގެ މިލްކުވެރިކަން އޮންނާނެއެވެ.

 

87 ވަނަ މާއްދާ - ބަންޑާރަ ބިމެއްގައި ކޮށްފައިވާ އެއްމެދު އިމާރާތެއްގެ ޔުނިޓު އަމިއްލަކުރުން

ބަންޑާރަ ބިމެއްގައި ހިމެނޭ އެއްމެދު އިމާރާތެއްގެ ވަކި ޔުނިޓެއް ނުވަތަ ޔުނިޓުތަކެއް އަމިއްލަކުރުމުގައި އަމަލުކުރަންވާނީ ތިރީގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިންނެވެ. 

(ހ) އެއްމެދު އިމާރާތުގެ ޔުނިޓުގެ ހިއްސާގެ ނިސްބަތުން ޔުނިޓުގެ ވެރިފަރާތަށް ބިމުގެ މިލްކުވެރިކަން ލިބޭއިރު، އެ އިމާރާތް ހިމެނޭ ބިމަކީ ބަންޑާރަ ބިމެއްނަމަ، އެއްމެދު އިމާރާތުގައި ހިމެނޭ ވަކި ޔުނިޓެއް ނުވަތަ ޔުނިޓުތަކަކަށް ބިމުން ލިބިދޭ ހިއްސާގެ މިންވަރު ވަކިން އަމިއްލަ ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔުނިޓެއް ނުވަތަ ޔުނިޓުތަކެއް އަމިއްލަ ޔުނިޓުތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރަން އެ ޔުނިޓުތަކުގެ ވެރިފަރާތްތަކުން ބޭނުންނަމަ، އެއްމެދު އިމާރާތަށް ނިސްބަތްވާ ބިން އަމިއްލަކުރުމަށްޓަކައި، ބިމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ފީ ދެއްކުމަށްފަހު އެ ބިން އަމިއްލަކުރެވިދާނެއެވެ. އަދި، އެ އުސޫލުން އަމިއްލަކުރުމުން އެ އިމާރާތް ބެލެވޭނީ އަމިއްލަ ބިމެއްގައި ކޮށްފައިވާ އެއްމެދު އިމާރާތެއްކަމަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބިން އަމިއްލަކުރުމުގެ އެންމެހައި ކަންކަން ނިންމަންވާނީ މެނޭޖްމަންޓް ކޯޕަރޭށަން މެދުވެރިކޮށް ހުރިހާ ޔުނިޓުތަކުގެ ވެރިފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ.

 

88 ވަނަ މާއްދާ - އިތުރަށް ކަށަވަރުކުރަންޖެހޭ ކަންތައްތައް

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ ކުރިން ތިރީގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރަންވާނެއެވެ.

(ހ) ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ އަދި އަމިއްލަ ގޯއްޗެއްގައި ބިނާކޮށްފައިވާ އެއްމެދު އިމާރާތެއްގައި ހުރި ޔުނިޓުތަކުގެ ތެރެއިން އެ އެއްމެދު އިމާރާތުގެ ބިމުގެ އަސްލު ވެރިފަރާތަށް ށަރުއީގޮތުން ލިބިފައިވާ ޔުނިޓެއް ނުވަތަ ޔުނިޓުތަކެއް ވިއްކަން ބޭނުންވެއްޖެނަމަ، އެ ޔުނިޓު ނުވަތަ ޔުނިޓުތައް ވިއްކަން އެދޭ މީހާއާއި އެ މީހަކު ށަރުއީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވޭތޯ ބެލުން؛

(ށ) ބަންޑާރަ ބިމެއް ނުވަތަ އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެފައިވާނަމަ، އެ ބިމާއި ނުވަތަ އެ ގޯއްޗާއި، އެ ބިމުގައި ނުވަތަ އެ ގޯތީގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ ނަމުގައި ބަހާއިރު، އަދި އެ ބަޔަކު އެ ބިމެއްގައި އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދޭއިރު، ށަރުއީގޮތުން ނިންމަންޖެހޭ މަރުހަލާތައް ކޯޓުން ނިންމާފައިވުން.

 

89 ވަނަ މާއްދާ - އިމާރާތުގެ ބައިތައް ށަރުއީގޮތުން ބެހުން

މި ގާނޫނުގެ 88 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ށަރުއީގޮތުން ނިންމަންޖެހޭ ކަންކަމަށްވީ ހިނދު، އިމާރާތެއްގައި ހިމެނޭ ބައިތައް ށަރުއީގޮތުން ބަހަން ބޭނުންވާ ހާލަތުގައި އެ އިމާރާތަކީ އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ އިމާރާތެއް ނަމަވެސް، އެ އިމާރާތެއް ބަހަންވާނީ މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓްރާޓާ ޕްލޭން ފާސްކުރުމަށްފަހު، އެ ސްޓްރާޓާ ޕްލޭންގައި ހިމެނޭޔުނިޓުތަކުގެ މައްޗަށް ބިނާކޮށެވެ.

 

90 ވަނަ މާއްދާ - ބޯހިޔާވަހިކަމަށް ސަރުކާރުން ބިނާކުރާ އެއްމެދު އިމާރާތްތައް

(ހ) ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ތަރައްގީކުރާ އެއްމެދު އިމާރާތެއްގެ ޔުނިޓަކާ ގުޅިގެން، އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެފަދަ ޔުނިޓެއް ގަނެވިއްކުމާއި، ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާއި ރަހުނުކުރުންފަދަ ކަންކަން ކުރަންވާނީ ބިމާ ވަކިންނެވެ.

(ށ) ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިނާކޮށްފައިވާ އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއް ގަނެވިއްކުމާއި ދިނުން އަދި ރަހުނުކުރުމުގެ ފުރުސަތު، އެ ޔުނިޓުގެ ވެރިފަރާތަށް ލިބިދޭނީ، ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާއި މިންގަނޑުތަކުގެ ތެރެއިންނެވެ.

 

91 ވަނަ މާއްދާ - ކުއްޔަށް ދިނުން

(ހ) އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ޔުނިޓުގެ ވެރިފަރާތަށް ކުއްޔަށް ދެވިދާނެއެވެ.

(ށ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓެއް ކުއްޔަށް ދޭންވާނީ، އެ ޔުނިޓަކަށް ކަނޑައެޅިފައިވާ ބޭނުމަށެވެ.

 

92 ވަނަ މާއްދާ - ކުލީގެ މުއާމަލާތާގުޅޭ މައުލޫމާތު ހިއްސާކުރުން

އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއް އެ ޔުނިޓެއްގެ ވެރިފަރާތުން ކުއްޔަށްދޭނަމަ، އަންނަނިވި މައުލޫމާތު އެފަރާތުން މެނޭޖްމަންޓް ކޯޕަރޭށަނާ ހިއްސާކުރަންވާނެއެވެ.

(ހ) ކުލީގެ މުއްދަތު؛

(ށ) ކުއްޔަށްދީފައިވާ ފަރާތާއި ކުއްޔަށްހިފާ ފަރާތުގެ ނަމާއި، އެފަރާތްތަކުގެ އައި.ޑީ.ކާޑުގެ ކޮޕީ އަދި ގާނޫނީ ށަހްސެއްނަމަ އެފަރާތުގެ ރަޖިސްޓަރީގެ ކޮޕީ؛

(ނ) ކުއްޔަށްހިފާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛

(ރ) ކުއްޔަށްހިފާ ފަރާތުގެ އީމެއިލް އެޑްރެސް؛

(ބ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު.

 

93 ވަނަ މާއްދާ - ރަހުނުކުރުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ރަހުނުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް އެ ޔުނިޓުތަކުގެ ވެރިފަރާތްތަކަށް ރަހުނުކުރެވިދާނެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެމަތިން ޔުނިޓެއް ރަހުނުކޮށްފިނަމަ، ސަރުކާރުގެ ކަމާގުޅޭ އިދާރާއަށް އެކަން އަންގަންވާނެއެވެ. އަދި، އެފަދަ ރަހުނުތަކުގެ ރަޖިސްޓަރީއެއް އެ އިދާރާއަކުން ބަލަހައްޓަންވާނެއެވެ.

(ނ) ސްޓްރާޓާ ޕްލޭނަކަށް ހުއްދަ ދޫކުރާއިރު، އެ ޕްލޭން ނިސްބަތްވާ ގޯތީގެ މައްޗަށް ނުވަތަ އެ ގޯތީގައިވާ އިމާރާތުގެ މައްޗަށް ރަހުނެއް ކޮށްފައިވާނަމަ، އެ ރަހުނަށް އެއްވެސް އަސަރެއްނުކުރާނެއެވެ.

(ރ) އެއްމެދު އިމާރާތެއް ހިމެނޭ ބަންޑާރަ ނުވަތަ އަމިއްލަ ބިމަކީ، ސްޓްރާޓާ ޕްލޭނަށް ހުއްދަ ދިނުމުގެ ކުރިން ނުވަތަ އޭގެ ފަހުން ދިވެހިރާއްޖޭގައި ލައިސަންސް ދޫކޮށްފައިވާ މާލީ އިދާރާއެއްގައި ގާނޫނީ އިލްތިޒާމެއްގެ ދަށުން ރަހުނުކޮށްފައިވާ ބިމެއްނަމަ، އަދި އެ ރަހުނެއް ރަޖިސްޓަރީކުރުމަށް ނުވަތަ ބާތިލުކުރުމަށް އެދޭނަމަ، ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ އެއްމެދު އިމާރާތުގެ ޔުނިޓުގެ ވެރިފަރާތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން އެކަމަށް އެދޭ ފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓާ ގުޅިގެން މެނޭޖްމަންޓް ކޯޕަރޭށަނަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން؛
  2. އެއްމެދު އިމާރާތުގެ ޔުނިޓަށް އިތުރު ރަހުނެއް ރަޖިސްޓަރީކޮށްފައިވާނަމަ، އޭގެ ތަފްސީލު.

 

94 ވަނަ މާއްދާ - އިމާރާތާއި ޔުނިޓުތައް އަގުމަގުކުރުން

ދިވެހިރާއްޖޭގައި ހަދާ އެއްމެދު އިމާރާތްތަކާއި އިމާރާތުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމުގެ މުއާމަލާތްތައް ކުރާއިރު ގެދޮރު އަގުމަގުކުރުމުގައި އަމަލުކުރާނެ އުސޫލެއް ނުވަތަ މިންގަނޑެއް އެހެން ގާނޫނެއްގައި ކަނޑަނާޅާހާ ހިނދަކު، ޔުނިޓުތައް ވިއްކުމަށް ހުށަހަޅާ އަގުތައް ހުންނަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިންނެވެ. އަދި، އެނޫންގޮތަކަށް ހުށަހަޅާ އަގުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން މުރާޖައާކުރެވިދާނެއެވެ.

 

ދިހަވަނަ ބާބު

މެނޭޖްމަންޓް ކޯޕަރޭށަން

 

95  ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަން

(ހ) މެނޭޖްމަންޓް ކޯޕަރޭށަނަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ށަހްސެކެވެ.

(ށ) މެނޭޖްމަންޓް ކޯޕަރޭށަނެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ އެންމެ މަދުވެގެން 5 (ފަހެއް) ޔުނިޓު ހިމެނޭ އިމާރާތަކަށެވެ. އަދި، އެފަދަ ތަނެއްގެ މެނޭޖްމަންޓް ކޯޕަރޭށަނެއް ރަޖިސްޓަރީކުރެވޭނީ އެ އިމާރާތުގައި ހިމެނޭ 5 (ފަހެއް) ޔުނިޓުގެ ތެރެއިން މަދުވެގެން 3 (ތިނެއް)  ޔުނިޓުގެ ވެރިފަރާތަކީ ތަފާތު 3 (ތިނެއް) ފަރާތެއްކަމުގައި ވާނަމައެވެ.

(ނ) 5 (ފަހެއް) ޔުނިޓަށްވުރެ މަދު ޔުނިޓު ހުންނަ އެއްމެދު އިމާރާތްތައް ބެލެހެއްޓުމަށާއި، އެ އިމާރާތްތަކާ ގުޅޭގޮތުން މެނޭޖްމަންޓް ކޯޕަރޭށަނުން އަދާކުރަންޖެހޭނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ މެދުގައި މެނޭޖްމަންޓް އެއްބަސްވުމެއް އޮންނަންވާނެއެވެ.

(ރ) މެނޭޖްމަންޓް ކޯޕަރޭށަން އުފެދުމާއެކު، އެ ކޯޕަރޭށަނަށް ލިބިގެންވާކަމަށް މި ބާބުގައި ބަޔާންކުރާ ހައިސިއްޔަތާއި، ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ކޯޕަރޭށަނަށް ލިބިގެންދާނެއެވެ. އަދި، އެ ކޯޕަރޭށަންގެ މެންބަރުންގެ ގޮތުގައި ހިމެނޭ ފަރާތްތަކުން، އެ ކޯޕަރޭށަނަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުތައް ތަންފީޒުކުރަންވާނެއެވެ.

 

96 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަންގެ މަގްސަދުތައް

މެނޭޖްމަންޓް ކޯޕަރޭށަންގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ބިނާކުރާ ނުވަތަ ބިނާކުރަން ގަސްތުކުރާ އިމާރާތްތައް އެއްމެދު އިމާރާތުގެ ގޮތުގައި ރަޖިސްޓަރީކުރުމުން، މި ގާނޫނުގައި ބަޔާންކުރާގޮތަށް އެ އިމާރާތްތައް ނިސްބަތްވާ ސްޓްރާޓާ ސްކީމް މެނޭޖްކޮށް ބެލެހެއްޓުން؛

(ށ) ސްޓްރާޓާ ސްކީމް ނިސްބަތްވާ އިމާރާތް ނުވަތަ އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން، ހިންގައި ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުތައްކުރުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުން؛

(ނ) ސްޓްރާޓާ ސްކީމްގައި ހިމެނޭ ޔުނިޓުތަކުގެ ވެރިފަރާތްތަކުގެ މަންފާއަށްޓަކައި، މި ގާނޫނުގައި ބަޔާންކުރާގޮތަށް ހުރިހާ މިލްކުވެރިންގެ މެދުގައި ހަމަހަމަ އުސޫލުތައް ގާއިމުކޮށް، މިލްކުވެރިންގެ ހައްގުތައް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛

(ރ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުރިހާ ޔުނިޓުތަކުގެ ވެރިފަރާތްތަކާ ބައްދަލުކުރުމާއި، އެފަރާތްތަކުގެ ހިޔާލުތަކާއި ށަކުވާތައް ބަލައިގަނެ، ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމާއި މިލްކުވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުން.

 

97 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުން

(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސްޓްރާޓާ ޕްލޭނަށް ހުއްދަ ދޫކުރުމާއެކު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން އެ ސްޓްރާޓާ ޕްލޭނަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަން މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރާ މެނޭޖްމަންޓް ކޯޕަރޭށަންތަކުގެ ދަފްތަރެއް މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީވުމާއެކު، ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނާއި މެނޭޖްމަންޓް ކޯޕަރޭށަންގެ ރަޖިސްޓްރޭށަން ސެޓްފިކެޓްގެ ކޮޕީ، އެ ކޯޕަރޭށަން ރަޖިސްޓަރީކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން ކައުންސިލަށް ފޮނުވަންވާނެއެވެ.

(ރ) މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކޮށް ހިންގުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

98 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަންގެ ކައުންސިލު

(ހ) މެނޭޖްމަންޓް ކޯޕަރޭށަންގެ ކަންކަން ހިންގުމަށާއި މި ގާނޫނުގައި ބަޔާންކޮށްފައިވާ އެ ކޯޕަރޭށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ކޯޕަރޭށަންގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން، މެނޭޖްމަންޓް ކޯޕަރޭށަންގެ ކައުންސިލު އިންތިހާބު ކުރަންވާނެއެވެ.

(ށ) މެނޭޖްމަންޓް ކޯޕަރޭށަންގެ ކައުންސިލުގެ މެންބަރުންގެ އަދަދު 3 (ތިނެއް) މެންބަރުންނަށްވުރެ މަދުވެގެން ނުވާނެއެވެ.

(ނ) މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުމާއެކު ބާއްވާ އެ ކޯޕަރޭށަންގެ ފުރަތަމަ އާންމު ބައްދަލުވުމުގައި، އެ ކޯޕަރޭށަންގެ ކައުންސިލުގެ ރައީސާއި، ހަޒާންދާރު އަދި ސެކްރެޓަރީއެއް އިންތިހާބުކުރަންވާނެއެވެ.

 

99 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަންގެ މެންބަރުން

(ހ) މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުމުން، މެނޭޖްމަންޓް ކޯޕަރޭށަންގެ މެންބަރުންގެ ގޮތުގައި ބަލާ ފަރާތްތަކަކީ ޑިވެލޮޕަރއާއި، ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓުތައް ގަންނަ ފަރާތްތަކެވެ. އެގޮތުން، އެއްމެދު އިމާރާތުގައި ހިމެނޭ ކޮންމެ ޔުނިޓެއްގެ ވެރިފަރާތަކީ މެނޭޖްމަންޓް ކޯޕަރޭށަންގެ މެންބަރެކެވެ.

(ށ) މި ގާނޫނުގެ ދަށުން އުފެދޭ މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުމަށްފަހު، އެއްމެދު އިމާރާތުގެ ޔުނިޓުތައް ޑިވެލޮޕަރ ވިއްކާ މިންވަރަކުން، އެ ކޯޕަރޭށަންގެ މެންބަރުން އިތުރުވަމުންދާނެއެވެ. އެއިން ކޮންމެ ފަރާތެއްވެސް އެ ކޯޕަރޭށަންގެ މެންބަރެއްކަމުގައި ބެލެވެން ފަށާނީ، ޔުނިޓު ގަތުމުގެ ގޮތުން، އެ ޔުނިޓާގުޅޭ ގަނެވިއްކުމުގެ އެއްބަސްވުމުގައި އެފަރާތަކުން ސޮއިކުރާ ހިނދުން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޔުނިޓާގުޅޭ ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރާ ހިނދުން ފެށިގެން އިމާރާތުގެ ޔުނިޓުތައް ގަންނަ ފަރާތްތައް މެނޭޖްމަންޓް ކޯޕަރޭށަންގެ މެންބަރުންނަށްވާ ހިނދު، އެ އެއްބަސްވުން ބާތިލުކުރާ ހިސާބުން ކޯޕަރޭށަންގެ މެންބަރުކަމުން އެފަރާތެއް ވަކިވީއެވެ.

(ރ) އެންމެ މަދުވެގެން، އިމާރާތަށް ކަނޑައަޅާފައިވާ ޑިފެކްޓް ލައިބިލިޓީ މުއްދަތު ނިމެންދެން، މެނޭޖްމަންޓް ކޯޕަރޭށަންގެ މެންބަރެއްގެ ގޮތުގައި ޑިވެލޮޕަރ ދެމިހުންނަންވާނެއެވެ.

 

100 ވަނަ މާއްދާ - ޑިވެލޮޕަރއާއި މެނޭޖްމަންޓް ކޯޕަރޭށަނާ ހުރި ގުޅުން

(ހ) މެނޭޖްމަންޓް ކޯޕަރޭށަން ބެލެހެއްޓުމާއި، ސްޓްރާޓާ ޕްލޭންގައި ހިމެނޭ އިމާރާތުގެ ޔުނިޓުތަކާއި، އާންމު ތަންތަނާއި، ސްޓްރާޓާ ސްކީމާގުޅޭ އެނޫންވެސް ކަންކަން އިނީށަލް ޕީރިއަޑްގައި ހިންގައި ބަލަހައްޓަންވާނީ ޑިވެލޮޕަރއެވެ.

(ށ) އިނީށަލް ޕީރިއަޑް ހަމަވުމާއެކު، މި މާއްދާގެ (ހ) ގެ ދަށުން ޑިވެލޮޕަރ އަދާކުރަމުންދިޔަ މަސްއޫލިއްޔަތުތައް ޑިވެލޮޕަރ އަދާކުރާނީ، މެނޭޖްމަންޓް ކޯޕަރޭށަންގެ މެންބަރެއްގެ ހައިސިއްޔަތުން އެ ކޯޕަރޭށަނުން ފާސްކުރާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ އެ ކޯޕަރޭށަނުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

(ނ) މެނޭޖްމަންޓް ކޯޕަރޭށަން ނިސްބަތްވާ ސްކީމްގައި ހިމެނޭ އިމާރާތުގެ ޔުނިޓުތަކާއި އާންމު ތަންތަނާ ގުޅޭގޮތުން، ޑިވެލޮޕަރއަށް ލިބިގެންވާ ބާރުތަކާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، މެނޭޖްމަންޓް ކޯޕަރޭށަނަށް ލިބިގެންވާ ބާރުތަކާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ހާލަތުގައި، އެކަންކަން ތަންފީޒުކުރުމަށް މެނޭޖްމަންޓް ކޯޕަރޭށަނުން އެހެން ފަރާތެއް ކަނޑަނާޅާހާ ހިނދަކު، ޑިވެލޮޕަރ ވާނީ މެނޭޖިންގ އޭޖެންޓަށެވެ.

 

101 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނާ ލިޔެކިޔުން ހަވާލުކުރުން

މެނޭޖްމަންޓް ކޯޕަރޭށަން އުފެދުމާއެކު، ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ ޑިވެލޮޕަރ އަންނަނިވި ލިޔެކިޔުންތައް އެ ކޯޕަރޭށަނާ ހަވާލުކުރަންވާނެއެވެ.

(ހ) ފާސްކޮށްފައިވާ އިމާރާތުގެ ކުރެހުންތަކާއި، އިމާރާތްކުރުމާގުޅޭ ހުރިހާ ހުއްދަތަކެއްގެ ކޮޕީ؛

(ށ) ސްޓްރާޓާ ޕްލޭނަށް ދޫކޮށްފައިވާ ހުއްދައިގެ ކޮޕީ؛

(ނ) އިމާރާތް ބޭނުންކުރުމުގެ ހުއްދައާއި ދިރިއުޅުމަށް/ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ހުއްދަތަކުގެ ކޮޕީ؛

(ރ) އާންމު ތަންތަނުގެ މައުލޫމާތުތަކާއި ކުރެހުންތައް؛

(ބ) ފަޔަރ ސޭފްޓީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ޅ) އިމާރާތުގެ މަރާމާތާއި ފޮޅައި ސާފުކުރުމަށް އެކުލަވާލާ ށެޑިއުލް؛

(ކ) އިމާރާތުގެ އިންށުއަރެންސް ޕޮލިސީގެ ތަފްސީލު، އަދި އިމާރާތުގެ ޑިޕްރިސިއޭށަން ށެޑިއުލް ؛

(އ) މި މާއްދާގެ (ހ) އިން (ކ) އަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ލިޔެކިޔުންތައް.

 

102 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަންގެ މަސްއޫލިއްޔަތުތައް

މެނޭޖްމަންޓް ކޯޕަރޭށަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، އެ ކޯޕަރޭށަންގެ ނިންމުންތަކާ އެއްގޮތަށް އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

(ހ) އެއްމެދު އިމާރާތުގެ އާންމު ތަންތަން އެއް ފެންވަރެއްގައި މަރާމާތުކޮށް ބެލެހެއްޓުން؛

(ށ) އާންމު ތަންތަނާއި ވަސީލަތްތައް އެއް ފެންވަރެއްގައި ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަރާމާތުތައްކުރުން؛

(ނ) ޔުނިޓުތަކުގެ ވެރިފަރާތްތަކުން ނަގަންޖެހޭ ފީ ނެގުން؛

(ރ) އަލިފާނުގެ ހާދިސާތަކާއި ގުދުރަތީ ކާރިސާތަކުން ސަލާމަތްވުމަށްޓަކައި، އިމާރާތުގެ ރިޕްލޭސްމަންޓް ވެލިއުގައި އިމާރާތް އިންށުއަރކޮށް ބެލެހެއްޓުމުގެ އިތުރުން އިންށުއަރެންސް ޕްރިމިއަމް ގަވާއިދުން ދެއްކުން؛

(ބ) އިމާރާތް ބެލެހެއްޓުމާއި ބޭނުންކުރުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ ނޯޓިސްތަކާއި އެންގުންތައް އިމާރާތުގެ ވެރިފަރާތްތަކަށް އެންގުން؛

(ޅ) މެނޭޖްމަންޓް ކޯޕަރޭށަންގެ ނިންމުންތައް ތަންފީޒުކުރުން؛

(ކ) މެނޭޖްމަންޓް ކޯޕަރޭށަންގެ މާލީ ހިސާބުތައް ބެލެހެއްޓުމާއި މާލީ ހިސާބުތައް ގަވާއިދުން އޮޑިޓްކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން؛

(އ) މެއިންޓެނެންސް އަދި ސިންކިންގ ފަންޑު ބެލެހެއްޓުން؛

(ވ) އެންމެ މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު އާންމު ބައްދަލުވުން ބޭއްވުން؛

(މ) މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛

(ފ) މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު ކަންކަން ކުރުން.

 

103 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަންގެ ބައްދަލުވުންތައް

(ހ) މަދުވެގެން ކޮންމެ މީލާދީ އަހަރަކު އެއްފަހަރު މެނޭޖްމަންޓް ކޯޕަރޭށަންގެ އަހަރީ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ށ) މެނޭޖްމަންޓް ކޯޕަރޭށަންގެ ފުރަތަމަ އާންމު ބައްދަލުވުމާއި، އެ ކޯޕަރޭށަންގެ އަހަރީ އާންމު ބައްދަލުވުމާއި، އާންމު ބައްދަލުވުންތައް، އަދި ކުއްލި ބައްދަލުވުންތައް ބޭއްވުމާގުޅޭ އުސޫލުތަކާއި އެ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ގޮތާއި، މެނޭޖްމަންޓް ކޯޕަރޭށަނުން ކަންކަން ނިންމާނެގޮތުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

104 ވަނަ މާއްދާ - ވޯޓުލުން

(ހ) މެނޭޖްމަންޓް ކޯޕަރޭށަންގެ ކޮންމެ މެންބަރަކަށް އެ ކޯޕަރޭށަންގެ ބައްދަލުވުންތަކަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވޭނެއެވެ.

(ށ) ސްޓްރާޓާ ސްކީމާގުޅޭ ކަންކަމުގައި ކޮންމެ މެންބަރަކަށްވެސް ވޯޓު ދެވޭނީ، އެ މެންބަރަކަށް ޔުނިޓުގެ ހިއްސާގެ މިންވަރު ކަނޑައެޅިފައިވާ ގޮތުގެމަތިންނެވެ.

(ނ) މެނޭޖްމަންޓް ކޯޕަރޭށަންގެ ބައްދަލުވުންތަކުގައި ވޯޓުލުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

105 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނާގުޅޭ، ޔުނިޓުތަކުގެ ވެރިފަރާތްތަކުގެ އިލްތިޒާމްތައް

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކުގެ މަތިން އެއްމެދު އިމާރާތުގެ ޔުނިޓުތަކުގެ ވެރިފަރާތްތަކުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) މެނޭޖްމަންޓް ކޯޕަރޭށަނުން ނިންމާ ނިންމުންތަކާއި އަންގާ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރުން؛

(ށ) މެނޭޖްމަންޓް ކޯޕަރޭށަނުން ނިންމާ އުސޫލުތަކާއި ހަމަތަކުގެމަތިން އެއްމެދު އިމާރާތް ބެލެހެއްޓުމަށާއި ބޭނުންކުރުމަށް ދައްކަންޖެހޭ މެއިންޓެނެންސް ފީ ދެއްކުން.

 

106 ވަނަ މާއްދާ - މެއިންޓެނެންސް ފީ ނުދެއްކުމުން އަމަލުކުރާނެ ގޮތް

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާއި ހަމަތަކުގެމަތިން އެއްމެދު އިމާރާތެއްގެ ޔުނިޓުތަކުގެ ވެރިފަރާތްތަކުން މި ގާނޫނުގައި ބަޔާންކުރާ މެއިންޓެނެންސް ފީ ނުދައްކާނަމަ، އެފަރާތްތަކާމެދު އަމަލުކުރާނެ ގޮތެއް، މެނޭޖްމަންޓް ކޯޕަރޭށަންގެ އާންމު ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރަންވާނެއެވެ.

 

107  ވަނަ މާއްދާ - މެނޭޖިންގ އޭޖެންޓް އައްޔަންކުރުން

(ހ) މެނޭޖްމަންޓް ކޯޕަރޭށަނުން ބޭނުންވެއްޖެ ހިނދެއްގައި، ސްޓްރާޓާ ސްކީމަށް ނިސްބަތްވާ އާންމު ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް އަންނަނިވި ގޮތުގެމަތިން މެނޭޖިންގ އޭޖެންޓެއް އައްޔަންކުރެވިދާނެއެވެ.

  1. މެނޭޖްމަންޓް ކޯޕަރޭށަންގެ އާންމު ބައްދަލުވުމަކުން ފާސްކުރުމަށްފަހު، މެނޭޖިންގ އޭޖެންޓެއް އައްޔަންކުރުން؛
  2. މެނޭޖިންގ އޭޖެންޓްގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ %100 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްކަމުގައި ވުން.

(ށ) މެނޭޖިންގ އޭޖެންޓް އައްޔަންކުރުމާއި މެނޭޖިންގ އޭޖެންޓްގެ މަސްއޫލިއްޔަތުތަކާއި އެކަމާގުޅޭ އެންމެހައި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

108 ވަނަ މާއްދާ - އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމާއި، ބޭނުންކުރުމާގުޅޭ އުސޫލު

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން އެއްމެދު އިމާރާތުގެ ހިންގުމާއި ބެލެހެއްޓުމާއި ބޭނުންކުރުމާގުޅޭ އުސޫލުތައް، މެނޭޖްމަންޓް ކޯޕަރޭށަނުން ތައްޔާރުކޮށް، އެ ކޯޕަރޭށަންގެ ބައްދަލުވުމެއްގައި ފާސްކޮށް، އާންމުކުރަންވާނެއެވެ.

 

109  ވަނަ މާއްދާ - ސްޓްރާޓާ ރޯލްގައި ހިމަނަންޖެހޭ މައުލޫމާތުތައް

އެއްމެދު އިމާރާތް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަނުން، އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް ސްޓްރާޓާ ރޯލް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.

(ހ) ސްޓްރާޓާ ޕްލޭން ނަންބަރު؛

(ށ) އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ އަދަދުތަކާއި އެ ޔުނިޓުތަކަށް ކަނޑައެޅިފައިވާ ހިއްސާގެ އަދަދުތައް؛

(ނ) އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިފަރާތްތަކުގެ ނަންތައް؛

(ރ) އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމަށް މެނޭޖިންގ އޭޖެންޓެއް އައްޔަންކޮށްފައިވާނަމަ، އެފަރާތުގެ މައުލޫމާތު؛

(ބ) އެއްމެދު އިމާރާތާގުޅޭ އިންށުއަރެންސްގެ މައުލޫމާތު؛

(ޅ) ސްކީމަށް އެކުލަވާލާފައިވާ ގަވާއިދުތައް ނުވަތަ އުސޫލުތައް؛

(ކ) އެއްމެދު އިމާރާތުގައި ހިމެނޭ ރަހުނުތަކުގެ ތަފްސީލު؛

(އ) ކުއްޔަށްދޭ ފަރާތްތަކުގެ މައުލޫމާތު.

 

އެގާރަވަނަ ބާބު

މެނޭޖްމަންޓް ކޯޕަރޭށަނުން ފަންޑު ގާއިމުކުރުން

 

110  ވަނަ މާއްދާ - ފަންޑު ގާއިމުކުރުން

(ހ) އެއްމެދު އިމާރާތް ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހިނގާ ރިކަރަންޓް ހަރަދުތައް ބެލެހެއްޓުމަށް، މެނޭޖްމަންޓް ކޯޕަރޭށަނުން މެއިންޓެނެންސް ފަންޑެއް ހުޅުވައި ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެއިންޓެނެންސް ފަންޑުގެ އިތުރުން، އެއްމެދު އިމާރާތް ބޭނުންކުރުމާއި ބެލެހެއްޓުމަށް ހިނގާ ކެޕިޓަލް ހަރަދުތައް ކުރުމަށް، ނުވަތަ ވަކި ހާލަތެއްގައި ކުއްލިއަކަށް ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށް ތައްޔާރުވުމަށްޓަކައި ހުޅުވާ ސިންކިންގ ފަންޑެއް ހިމެނޭގޮތުން، މި ގާނޫނުގެ ދަށުން އުފުލަންޖެހޭ އެންމެހައި އިލްތިޒާމްތަކާ ގުޅިގެން ކުރަންޖެހޭ ހަރަދުތައް ކުރުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭށަނުން ފަންޑުތަކެއް ހުޅުވައި ބެލެހެއްޓިދާނެއެވެ.

 

111 ވަނަ މާއްދާ - މެއިންޓެނެންސް ފަންޑު ހުޅުވޭނެ މުއްދަތު

މެއިންޓެނެންސް ފަންޑު ހުޅުވޭނީ އަންނަނިވި މުއްދަތުގެ ތެރޭގައެވެ.

(ހ) އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓަކަށް ދޭ، އިމާރާތް ބޭނުންކުރުމުގެ ވަގުތީ ހުއްދަ ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި؛

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި އެއްމެދު އިމާރާތުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ އިމާރާތެއްނަމަ، އެ އިމާރާތަކަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަން މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި.

 

112 ވަނަ މާއްދާ - މެއިންޓެނެންސް ފަންޑު ބޭނުންކުރުން

މެއިންޓެނެންސް ފަންޑު ބޭނުންކުރަންވާނީ އަންނަނިވި ކަންކަމަށެވެ.

(ހ) އިމާރާތް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ހިނގާ ހަރަދުތަކަށް ފައިސާ ދެއްކުމަށާއި، އާންމު ތަންތަން ސާފުކުރުމަށާއި، ސެކިއުރިޓީ ބެލެހެއްޓުމަށް ހިނގާ ހަރަދުތަކަށް ފައިސާ ދެއްކުމަށް؛

(ށ) އިންށުއަރެންސް ޕްރިމިއަމް ދެއްކުމަށް؛

(ނ) މެނޭޖްމަންޓް ކޯޕަރޭށަންގެ ހިސާބުތައް އޮޑިޓްކުރުމަށް ދައްކަންޖެހޭ ފީތައް ދެއްކުމަށް؛

(ރ) މެއިންޓެނެންސް ފަންޑު މެނޭޖްކުރުމަށާއި އިދާރީ ކަންކަން ކުރުމުގެ ހަރަދުތައް ކުރުމަށް.

 

113 ވަނަ މާއްދާ - މެއިންޓެނެންސް ފަންޑާގުޅޭ، ޑިވެލޮޕަރގެ މަސްއޫލިއްޔަތުތައް

(ހ) މެއިންޓެނެންސް ފަންޑާ ގުޅިގެން ޑިވެލޮޕަރ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

  1. އެއްމެދު އިމާރާތަށް ނުވަތަ އެއްމެދު އިމާރާތުގެ ޔުނިޓަކަށް އެ ޔުނިޓު ބޭނުންކުރުމުގެ ހުއްދަ ލިބޭ ތާރީހުން ފެށިގެން މެއިންޓެނެންސް ފީގެ ގޮތުގައި އެ ޔުނިޓަކަށް ނިސްބަތްވާ ފައިސާ ޑިވެލޮޕަރގެ ފަރާތުން ފަންޑަށް ދެއްކުން؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީއަކީ، ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން ޔުނިޓުގެ ވެރިފަރާތުން ނަގާ ފީއެއްނަމަ، އެ ފީ ހޯދުމަށްފަހު މެއިންޓެނެންސް ފަންޑަށް ދެއްކުން؛
  3. އެއްމެދު އިމާރާތުން ޔުނިޓެއް ވިއްކާފައިނުވާނަމަ، އަދި އެ ޔުނިޓަކީ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ޔުނިޓެއްނަމަ، އެ ޔުނިޓު ވިއްކެންދެން، ޔުނިޓަށް ކަނޑައެޅިފައިވާ މެއިންޓެނެންސް ފީ މަހުން މަހަށް ގަވާއިދުން ދެއްކުން؛
  4. އެއްމެދު އިމާރާތުން ޔުނިޓެއް ވިއްކާފައިވާނަމަ، އަދި އެ ޔުނިޓަކީ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ޔުނިޓަކަށް ނުވާނަމަ، އެ ޔުނިޓަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިބެންދެން ޔުނިޓަށް ކަނޑައެޅިފައިވާ މެއިންޓެނެންސް ފީ މަހުން މަހަށް ގަވާއިދުން ދެއްކުން؛
  5. އެއްމެދު އިމާރާތުގެ މެއިންޓެނެންސް ފަންޑު ގާއިމުކުރުމަށްފަހު، އިމާރާތުގެ އާންމު ތަންތަން ބޭނުންކޮށްގެން އެއްވެސް ފައިސާއެއް ލިބޭނަމަ، އެ ފައިސާ މެއިންޓެނެންސް ފަންޑަށް ޖަމާކުރުން؛
  6. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ލިމިޓެޑް ކޮމަން ޕްރޮޕަރޓީއާ ގުޅިގެން ނަގާ ފީ ޑިވެލޮޕަރ މެއިންޓެނެންސް ފަންޑަށް ޖަމާކުރުން؛

(ށ) ސްޓޭޖް ޑިވެލޮޕްމަންޓްގެ ދަށުން އިމާރާތްކުރާ މަށްރޫއުތަކުގެ ކޮމްޕްލީށަން ސެޓްފިކެޓް ޑިވެލޮޕަރއަށް ނުލިބޭނަމަ، އެ މަށްރޫއުގައި ހިމެނޭ އެއްވެސް ޔުނިޓެއް ގަނެފައިވާ ފަރާތަކުން މެއިންޓެނެންސް ފީ ނެގޭނީ، މިނިސްޓްރީގެ ހުއްދަ ލިބުމުންނެވެ.

 

114 ވަނަ މާއްދާ - ފަންޑު ހުޅުވުން

(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރާ ފަންޑުތައް ހުޅުވަންވާނީ ދިވެހިރާއްޖޭގައި ހިންގުމަށް ލައިސަންސް ލިބިފައިވާ މާލީ އިދާރާއެއްގައެވެ. އަދި، އެ ފަންޑުގެ އެކައުންޓް ބޭނުންކުރަންވާނީ ހަމައެކަނި މި ގާނޫނުގެ ދަށުން އެ ފަންޑު ގާއިމުކުރާ ބޭނުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެކައުންޓް ހުޅުވުމަށްފަހު އަންނަނިވި ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

  1. ފަންޑުން ކުރާ ހަރަދުތަކުގެ ތަފްސީލުތަކާއި ފަންޑަށް ޖަމާކުރާ ފައިސާގެ ތަފްސީލުތައް ސާފުކޮށް ބަޔާންކުރުމާއެކު، ބުކްސް އޮފް އެކައުންޓްސް ބެލެހެއްޓުން؛
  2. މަދުވެގެން އަހަރަކު އެއްފަހަރު މެއިންޓެނެންސް ފަންޑު އޮޑިޓްކުރުމަށް، ކަމާގުޅޭ ގާނޫނުގައިވާ ގޮތުގެމަތިން އޮޑިޓްކުރުމުގެ ހުއްދަ ލިބިފައިވާ އޮޑިޓަރެއް އައްޔަންކުރުން؛
  3. މެނޭޖްމަންޓް ކޯޕަރޭށަން ގާއިމުކުރުމަށްފަހު، މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު އެކައުންޓް އޮޑިޓްކުރުން؛
  4. ކޮންމެ އަހަރަކު އެކައުންޓް އޮޑިޓްކުރުމަށްފަހު، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ ކޮޕީއެއް މިނިސްޓްރީއަށް ހުށަހެޅުން؛
  5. މެއިންޓެނެންސް ފަންޑު ބަލައި ޗެކުކޮށް، އެ ފަންޑުގެ ތަފްސީލު ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީއަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް އެ ތަފްސީލުތައް ދިނުން.

 

ބާރަވަނަ ބާބު

ވެރިފަރާތުގެ ހައްގުތައް

 

115 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމުގެ ހައްގު

(ހ) އެއްމެދު އިމާރާތުގެ ޔުނިޓުގެ ވެރިފަރާތަށް، އެފަރާތުގެ ޔުނިޓާގުޅޭ އެންމެހައި ހައްގުތައް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހައްގުތަކުގެ އިތުރުން އެހެން ޔުނިޓުތަކުގެ ވެރިފަރާތްތަކާ އެކުގައި، އާންމު ތަންތަން ބޭނުންކުރުމުގެ ހައްގުވެސް އެއްމެދު އިމާރާތުގެ ޔުނިޓުގެ ވެރިފަރާތަށް ލިބިގެންވެއެވެ.

 

116 ވަނަ މާއްދާ - ހިދުމަތްތަކާގުޅޭ ވަސީލަތްތައް

އެއްމެދު އިމާރާތުގެ ޔުނިޓުތަކަށް ބޭނުންވާ ހިދުމަތްތަކާގުޅޭ ވަސީލަތްތައް ގާއިމުކުރުމަށާއި، އެ ވަސީލަތްތައް ބެލެހެއްޓުމަށާއި މަރާމާތުކުރުމަށް ބޭނުންވާ މިންވަރަށް، ޔުނިޓުތަކާއި އާންމު ތަންތަނަށް ވަދެނިކުތުމުގެ ހައްގު ޔުނިޓުތަކުގެ ވެރިފަރާތްތަކަށާއި މެނޭޖްމަންޓް ކޯޕަރޭށަނަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ލިބިދެއެވެ.

 

117 ވަނަ މާއްދާ - އިމާރާތުގެ ބައިތަކުން ޔުނިޓަށް ރައްކާތެރިކަން ލިބުމުގެ ހައްގު

(ހ) ކޮންމެ ޔުނިޓެއްގެ ވެރިފަރާތަކަށްވެސް، އެފަރާތެއްގެ ޔުނިޓަށް ރައްކާތެރިކަން ލިބިދޭ އިމާރާތުގެ އެންމެހައި ބައިތަކުން، އެ ރައްކާތެރިކަން ލިބިގަތުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ޔުނިޓަށް ރައްކާތެރިކަން ލިބިދޭ އިމާރާތުގެ އެންމެހައި ބައިތައްކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ބޭރު ފާރާއި، އިމާރާތުގެ ސްޓްރަކްޗަރއާއި، ފުރާޅު އަދި އެ ޔުނިޓާއި އެހެން ޔުނިޓުތަކާގުޅޭ އިންފާރު ހިމެނޭގޮތުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހައްގު ޔުނިޓެއްގެ ވެރިފަރާތަށް ލިބިދެނީ، އެހެން ޔުނިޓުތަކުގެ ވެރިފަރާތްތަކަށް އެ ހައްގު ލިބިދޭ މިންވަރަށެވެ. އަދި، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމުގެ ހައްގުވެސް އެފަރާތްތަކަށް ލިބިދޭ މިންވަރަށެވެ.

 

118 ވަނަ މާއްދާ - މަސްލަހަތު ވަކިނުކުރެވުން

ޔުނިޓެއްގެ ވެރިފަރާތަށް އެފަރާތެއްގެ ޔުނިޓާ ގުޅޭގޮތުން ލިބިދޭ ހައްގުތަކާއި މަސްލަހަތުތަކަކީ، އެއްމެދު އިމާރާތުގެ އާންމު ތަންތަނާ ގުޅޭގޮތުން އެފަރާތަށް ލިބިދޭ ހައްގުތަކާއި މަސްލަހަތުތަކާ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ.

 

ތޭރަވަނަ ބާބު

ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައް

 

119 ވަނަ މާއްދާ - ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައް

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންވެގެންނުވާހާ ހިނދަކު، ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށްޓަކައި ހުށަހަޅާ އިމާރާތުގެ ކުރެހުމަކީ، ކަމާގުޅޭ ގާނޫނުތަކާއި، ދިވެހިރާއްޖޭގެ ޕްލޭނިންގ މިންގަނޑުތަކާއި ގަވާއިދުތަކުގެ ދަށުން ބިނާކުރާ ނުވަތަ ބިނާކޮށްފައިވާ އިމާރާތެއްގެ ކުރެހުންކަން ޔަގީންކޮށް ކަށަވަރުކުރުން؛

(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކުގެމަތިން، އެއްމެދު އިމާރާތުގެ ރަޖިސްޓަރީއާއި ޔުނިޓުތަކުގެ ރަޖިސްޓަރީތައް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ދޫކުރުން؛

(ނ) މި ގާނޫނުގައި ބަޔާންކުރާ ސްޓްރާޓާ ޕްލޭން ނިސްބަތްވާ ކުރެހުމަށް އެއްވެސް ބަދަލެއް ގެންނަނަމަ، އެ ގެންނަ ބަދަލަކީ ދިވެހިރާއްޖޭގެ ޕްލޭނިންގ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތަށް ގެންނަ ބަދަލެއްކަން ޔަގީންކޮށް ކަށަވަރުކުރުން؛

(ރ) ސްޓްރާޓާ ޕްލޭން ނިސްބަތްވާ އިމާރާތްތަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދިނުން؛

(ބ) އެއްމެދު އިމާރާތެއް ރަޖިސްޓަރީކުރުމަށްފަހު، އެ އިމާރާތް ބޭނުންކުރުމާއި ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް، މިނިސްޓަރަށް އިރުށާދާއި ލަފާ ދޭން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރުން؛

(ޅ) ސްޓްރާޓާ ޕްލޭން ނިސްބަތްވާ އިމާރާތްތަކުގެ ބިމާއި އިމާރާތަށް ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ހުއްދަ ދޫނުކުރުމާއި، ހުއްދަ ދޫނުކުރާ ހާލަތުގައި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

120 ވަނަ މާއްދާ - ހުއްދަ ހޯދުމަށް ކައުންސިލަށް ހުށަހެޅުން

މި ބާބުގައި ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައްކަމުގައި ބަޔާންކުރާ ކަންކަމާ ގުޅޭގޮތުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، އެ އިމާރާތެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ.

 

121 ވަނަ މާއްދާ - ކައުންސިލުތަކުން ހުއްދަ ދޫކުރުން

(ހ) އެއްމެދު އިމާރާތެއްގެ ކުރެހުން ފާސްކުރުމަށް ހުށަހެޅުމުން، މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ އިމާރާތުގެ ބައިތައް ބޭނުންކުރުމަށް ކަނޑައެޅިފައި ހުރިކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ކައުންސިލުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުމަކީ، މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެމަތިން ބިމާއި އިމާރާތް ބައިކޮށްފައިވާ ތަނެއްކަން ކަށަވަރުކޮށް، ޕްލޭނިންގ ގަވާއިދުތަކާ އެއްގޮތަށް އެ ކުރެހުން ކައުންސިލުން ފާސްކުރަންވާނެއެވެ.

(ނ) ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނެއް ނިސްބަތްވާ ކުރެހުމެއް ބަދަލުކުރުމަށްޓަކައި ކައުންސިލުގެ ހުއްދައަށް އެދި ހުށަހެޅުމުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކުރެހުމަށް ހުއްދަ ދޭންވާނެއެވެ.

(ރ) 2 (ދޭއް) ސްޓްރާޓާ ޕްލޭނެއް ނިސްބަތްވާ ބިމާއި ކުރެހުން، ރީޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން އެއްކޮށްލުމަށް މި ގާނޫނުގެ 47 ވަނަ މާއްދާ ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުއްދަދީފައިވާނަމަ، އެ އިމާރާތައް ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން، މިނިސްޓްރީގެ ލަފަޔާއި އިރުށާދުގެ ދަށުން ކުރިއަށް ގެންދަންވާނެއެވެ.

(ބ) ހުއްދަދީފައިވާ ސްޓްރާޓާ ޕްލޭނެއް ބާތިލުކުރަން ޖެހިއްޖެނަމަ، މިނިސްޓްރީގެ ލަފަޔާއި އިރުށާދުގެ ދަށުން ކުރިއަށް ގެންދަންވާނެއެވެ.

(ޅ) މި ގާނޫނުގެ ދަށުން ވަކި ކަމަކާ ގުޅިގެން ހުއްދައަށް އެދި ކައުންސިލަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތު ފުރިހަމަވާނަމަ، ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ކައުންސިލުން އެ ހުއްދަ ދޭންވާނެއެވެ.

(ކ) މި ގާނޫނުގެ ދަށުން ވަކި ކަމަކާ ގުޅިގެން ހުއްދައަށް އެދި ކައުންސިލަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތު ފުރިހަމަ ނުވާކަމަށް ކައުންސިލުން ނިންމައިފިނަމަ، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަން އަންގައި، އެފަރާތުން ކައުންސިލަށް ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތައް ކައުންސިލުން އެފަރާތަށް އަނބުރާ ދޭންވާނެއެވެ.

 

122 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ރަޖިސްޓަރީގެ މައުލޫމާތު ހިއްސާކުރުން

އެއްމެދު އިމާރާތުގެ ރަޖިސްޓަރީގައި ހިމެނޭ އެއްވެސް ޔުނިޓެއްގެ ވެރިފަރާތް ބަދަލުވެއްޖެނަމަ ނުވަތަ ރަޖިސްޓަރީއަށް އުނިއިތުރެއް ގެނެސްފިނަމަ، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މައުލޫމާތު، މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

ސާދަވަނަ ބާބު

އާންމު މާއްދާތައް

 

123 ވަނަ މާއްދާ - ބިމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެއްމެދު އިމާރާތް

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ބިމާބެހޭ ގާނޫނުގެ ދަށުން އެއްމެދު އިމާރާތުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ އިމާރާތްތައް، މި ގާނޫނުން ގާއިމުކުރާ ނިޒާމުގެ ދަށަށް ބަދަލުވީއެވެ. އަދި، އެ އިމާރާތްތަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ އިމާރާތްތަކުގެވެރިފަރާތްތަކުން ފުރިހަމަކޮށް ނިންމަންވާނެއެވެ.

 

124 ވަނަ މާއްދާ - އުވާލެވޭ މާއްދާތައް

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ބިމާބެހޭ ގާނޫނުގެ 19 ވަނަ މާއްދާއާއި، އެ ގާނޫނުގެ 31 ވަނަ މާއްދާއިން ފެށިގެން 36 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުވުނީއެވެ.

 

125 ވަނަ މާއްދާ - އެހެން ގާނޫނަކުން ލާޒިމުކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަމަށް ނުބެލުން

މި ގާނޫނުގެ ދަށުން އެއްމެދު އިމާރާތެއް ރަޖިސްޓަރީކޮށްދިނުމަކީ، އެ އިމާރާތާ ގުޅޭގޮތުން އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން، ބިމުގެ އަސްލު ވެރިފަރާތުން ކުރުން ލާޒިމު ކަންކަން ފުރިހަމަވެފައިވާކަމަށް ބެލެވޭނެ ސަބަބެއް ނޫނެވެ. އަދި، އިމާރާތްކުރުމާ ގުޅޭގޮތުން އަމަލުކުރާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން އެ އިމާރާތަކާ ގުޅިގެން ފުރިހަމަކުރުން ބިމުގެ އަސްލު ވެރިފަރާތުގެ މައްޗަށް ލާޒިމުވެގެންވެއެވެ.

 

126 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު،މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީމިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށްއަމަލުކުރަން ފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

127 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

128 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން  ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ރ) "އަސާސީ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، އިމާރާތެއްގައި ދިރިއުޅޭ ފަރާތްތަކަށް އެ އިމާރާތުގައި ދިރިއުޅުމަށްޓަކައި ދުވަހުން ދުވަހަށް ބޭނުންކުރަންޖެހޭ ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތްތަކަށެވެ.

(ބ) "ވިޔަފާރީގެ ބޭނުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ހިންގާ ވިޔަފާރީގެ ހަރަކާތްތަކަށެވެ.

(ޅ) "ބިމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

(ކ) "އިމާރާތްކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

 

އުވުނު ގާނޫނު

ބިމާބެހޭ ގާނޫނުގެ ގާނޫނުގެ 19، 31-36 ވަނަ މާއްދާ

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު