-

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-22)

ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 123 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

 

ތަކްފީރުކުރުމުގެ އަމަލާއި، މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލަޔާއި، ސިޔާސީ ވިސްނުމާ ގުޅުވައިގެން ހިންގާ އަމަލު 

ކުށް ކަނޑައެޅުން 124. (ހ)

  1. އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށް ކަނޑައެޅުން 124
    ކުށެކެވެ.
    1. ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާއަތުގެ މުއުތަބަރު ރައުޔަކާ ހިލާފުނުވާގޮތަށް މީހަކު ފާޅުކުރި ށުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، އާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން؛ ނުވަތަ
    2. މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން.
  2. އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
    1. މި އަކުރުގެ (1) ވަނަ ނަންބަރުގައިވާ އަމަލެއް ހިންގުމާއެކު މީހަކަށް އަނިޔާއެއް ދިނުން؛ ނުވަތަ
    2. މި އަކުރުގެ (1) ވަނަ ނަންބަރުގައިވާ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން.
  3. އަންނަނިވި ހާލަތްތަކުގައި، މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކާމެދު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.
    1. އެމީހަކަށް އަނިޔާއެއް ދިނުން؛ ނުވަތަ
    2. އެމީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލުން.

(ށ) އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުން ހުރަހަކަށް ނުވުން

އެކި ކަންކަމާމެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ނ) ދަރަޖަކުރުން

  1. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށަކީ، ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
  2. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) ގައި ބަޔާންކުރާ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
  3. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގައި ބަޔާންކުރާ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
  4. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (i) ގައި ބަޔާންކުރާ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
  5. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (ii) ގައި ބަޔާންކުރާ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. 

(ރ) މާނަކުރުން

  1. "އާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، އާންމުން ހިނގާބިނގާވާ ތަންތަނާއި، އެތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސްއުޅޭ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބެވޭގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއްދީގެން ނުވަތަ އެނޫންވެސް ގޮތަކުން އާންމުންނަށް ވަދެވޭގޮތަށް ނުވަތަ ބައިވެރިވެވޭގޮތަށް ހުންނަ ތަންތަނާއި، ރޭޑިއޯ، ޓެލެވިޜަން ނުވަތަ އިންޓަރނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް އާންމުކޮށް މައުލޫމާތު ފޯރުކޮށްދޭ ނުވަތަ އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ހަބަރާއި މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތަކަށެވެ.
  2. "ކުފުރުގެ އަމަލު" ނުވަތަ "ކުފުރުގެ ބަސް" ކަމަށް ބުނެފައި އެވަނީ، އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި ވަކި އަމަލަކީ ކުފުރުގެ އަމަލެއްކަމާމެދު ނުވަތަ ވަކި ބަހަކީ ކުފުރުގެ ބަހެއްކަމާމެދު ހިލާފެއް ނެތް އަމަލަށާއި ބަހަށެވެ.
  3. "މުރުތައްދުވުން" ކަމަށް ބުނެފައި އެވަނީ، އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި އެ އަމަލަކީ މުރުތައްދުވުމުގެ އަމަލެއްކަމާމެދު ހިލާފެއް ނެތް އަމަލެއް މުސްލިމަކު ކޮށްފިކަމުގައި ކަނޑައެޅުމަށް، އިސްލާމީ ށަރީއަތުގައި އޮންނަ އުސޫލުން ކަމާބެހޭ ށަރުއީ ކޯޓަކުން އެކަން ސާބިތުކޮށް އެގޮތަށް ކަނޑައަޅާ ހާލަތުގައެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 617 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ދެ ނަންބަރު އިތުރުކުރުން.

617(ހ) 

5. މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައިބަހުން ނުވަތަ އަމަލުން، މާތް الله އަށް ނުވަތަ ކީރިތި ގުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން.

6. މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން،މާތް الله އާމެދު ނުވަތަ ކީރިތި ގުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މައުލޫމާތު ފެތުރުން ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުން.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)

 

ކޮންސޮލިޑޭޓެޑް

ގާނޫނުލްއުގޫބާތު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު