-

ސިފައިންގެތެރޭގައި ބަގާވާތްކުރުން

"ސިފައިންގެތެރޭގައި ބަގާވާތްކުރުން" ކަމަށް ބުނެފައިއެވަނީ، ސިފައިންގެ މީހަކަށްވެހުރެ، ސިފައިންގެ ތެރޭގައި އެހެން ސިފައިންގެމީހަކާއި ނުވަތަ ސިފައިންގެ ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުންކުރުމާއި ނުވަތަ ބާރުގެ ބޭނުންކުރާނެކަމަށްބުނެ ބިރުދެއްކުމާއި ނުވަތަ އެ މަގްސަދުގައި ތިމާ އަދާކުރަންޖެހޭ ޑިއުޓީތަކާއި ހަވާލުކުރެވޭ މަސައްކަތްތަކަށް އަދި ދުށްމަނުންނާ ބަގާވާތްތެރިންނާ ކުރިމަތިލާންޖެހޭފަދަ ހަނގުރާމައިގެ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެންމީހުންނަށް ހިތްވަރުދީ ހެދުމަށެވެ. އަދި ސިފައިންގެ މީހަކު ނުވަތަ ސިފައިންގެ ގިނަބަޔަކުވެގެން ތިރީގައި ބަޔާންކުރެވިފައިވާފަދަ އަމަލެއް ހިންގަން އުޅުމަކީވެސް ގާނޫނުގައި "ސިފައިންގެ ތެރޭގައި ބަގާވާތްކުރުން" ކަމުގައި ބެލޭނެއެވެ. ތިމާމެންގެ އިސްމީހަކަށް ނުވަތަ ވެރިޔަކަށް ސިފައިންގެއިން ލިބިދީފައިވާ ބާރެއް ނިގުޅައިގަތުން. ދުށްމަނުންނާ ކުރިމަތިލާންޖެހޭފަދަ ހަނގުރާމައިގެ ހާލަތެއްގައި ތިމާމެންގެ ވެރިން ކުރާއަމުރުތަކަށް ނުކިޔަމަންތެރިވުމާއި، ހަވާލުކުރެވޭ މަސައްކަތްތަކާއި ޑިއުޓީތަކަށް ނުދިއުން. ސިފައިންގޭގައި ކުރަންޖެހޭ މަސައްކަތްތަކަށާއި އަދާކުރަންޖެހޭ ޑިއުޓީތަކަށް ހުރަސްއެޅުން. ޑިއުޓީގައިހުންނަ ސިފައިންގެ މީހަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި ބާރުގެ ބޭނުންކުރުން. ސިފައިންގެ މީހަކު ޑިއުޓީއަށް ބަހައްޓާފައި ހުރި ތަނަކަށް ގަދަކަމުން ވަންނަން އުޅުން ނުވަތަ ބާރުގެ ބޭނުންކޮށްގެން، ބިރުދައްކައި އެތަނަކަށް ތިމާ ނުވަތަ އެހެން ބަޔަކު ވެއްދުން.