-

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-20) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2024-38)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 މާރިޗު 2024 ގައި)

 

ގަވާއިދު ނަންބަރު 2020-20 (ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތަމްރީނު 6.

(ހ) ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީގެ ސެޓުފިކެޓެއް ހާސިލު ކޮށްފައިވާ ފަރާތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަމްރީނު ފުރިހަމަ ކުރާންވާނެއެވެ. ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން މި ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމަށް ޓަކައި އަންނަނިވި ގޮތްތަކުންކުރެ ގޮތެއް ހިޔާރުކުރެވިދާނެއެވެ.

  1. ބާ ކައުންސިލުން ހުއްދަކުރާ ތަންތަނުގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން ޕިއުޕިލޭޖް ޕްރޮގްރާމު ފުރިހަމަކުރުން؛ ނުވަތަ
  2. ބާ ކައުންސިލުން ހުއްދަދީފައިވާ ގާނޫނީ ތައުލީމުދޭ ނުވަތަ ގާނޫނީ ތަމްރީނުދޭ މަރުކަޒަކުން ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރުން.

(ށ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމު 4 (ހަތަރެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްގައި،  ބާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ފުރިހަމަކުރަންވާނެއެވެ. އަދ،ި ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ތަމްރީނު ޕްރޮގްރާމު ފެށޭނީ، ބާ ކައުންސިލުގައި ރަޖިސްޓަރީވުމަށްފަހުގައެވެ. ބާ ކައުންސިލުގައި ރަޖިސްޓަރީވުމެއްނެތި ފަށާ ތަމްރީނެއް އަދި އެފަދަ ހުއްދައެއްނެތި ފުރިހަމަކުރާ ތަމްރީނެއް ބަލައެއް ނުގަނެވޭނެއެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރިކަމަށް ބެލެވޭނީ، ސުޕަވައިޒަރުގެ އިރުށާދުގެ ދަށުން ޖުމުލަ 500 (ފަސްސަތޭކަ) ގަޑިއިރުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު، ނުވަތަ ޖުމުލަ 500 (ފަސްސަތޭކަ) ގަޑިއިރުގެ މަސައްކަތް ހިމެނޭ ގޮތަށް ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރުމަށްފަހު، އެކަމުގެ ލިޔުން ބާ ކައުންސިލަށް ހުށަހެޅުމުން، ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށްފައިވާކަމުގެ ލިޔުން ބާ ކައުންސިލުން އެ ކެންޑިޑޭޓަކަށް ދޫކުރުމުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް (6) ވަނަ ނަންބަރުގެ ގޮތުގައި  ނަންބަރެއް އިތުރުކުރުން.

ތަމްރީނު 6.

(ކ) (6) ބާ ކައުންސިލުން ތަމްރީނު ޕްރޮގްރާމު ހިންގުމަށް ޓަކައި ހުއްދަދީފައިވާ، ގާނޫނީ ތައުލީމުދޭ ކޮންމެ މަރުކަޒެއް ނުވަތަ ގާނޫނީ ތަމްރީނުދޭ ކޮންމެ މަރުކަޒެއް.

 

3 ވަނަ މާއްދާ - ތިރީގައި ނަކަލުކޮށްފައިވާ، ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (އ) އުނިކުރުން.

ތަމްރީނު 6.

(އ) ގާނޫނަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކުން، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ތަނެއްގައި ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން ތަމްރީނުގެ ގޮތުގައި ބެލެވޭފަދަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާނަމަ، އެ މުއްދަތަކީ މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 1 (އެކެއް) އަހަރުގެ ތަމްރީނު ޕްރޮގްރާމުގެ މުއްދަތު ގުނުމުގައި ގުނޭނެ މުއްދަތެކެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސުޕަވައިޒަރުން 8.

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕިއުޕިލޭޖް ޕްރޮގްރާމު ފުރިހަމަކުރެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރެއްގެ ބެލުމާއި އިރުށާދުގެ ދަށުންނެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕިއުޕިލޭޖް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ކެންޑިޑޭޓުން އެކަމަށް އެދި ހުށަހަޅާއިރު، އެ ކެންޑިޑޭޓާއި އެ ކެންޑިޑޭޓަކު އިހްތިޔާރުކުރި ސުޕަވައިޒަރަކާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ ފަހަތަށް 9-1 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ހިންގާ މަރުކަޒުތަކުގެ ށަރުތުތައް 1-9.

(ހ) ބާ ކައުންސިލުން އާންމުކޮށްފައިވާ ލައިސަންސިންގ ޓްރެއިނިންގ ޕްރޮގްރާމް ޕޮލިސީއާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމު ފަރުމާކޮށް، ތަމްރީނު ޕްރޮގްރާމު ހިންގުމަށް ޓަކައި ބާ ކައުންސިލުގެ ހުއްދަ ލިބިފައިވާ މަރުކަޒެއް ކަމުގައި ވުން؛ އަދި

(ށ) މަރުކަޒުތަކުން ހިންގާ ތަމްރީނު ޕްރޮގްރާމުގައި ތަމްރީނުދޭ ފަރާތްތަކަކީ ގާނޫނީ ވަކީލަކު ކަމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެއް ކަމުގައި ވުމާއި، ގާނޫނީ ވަކީލުކަމުގެ މަސައްކަތުގައި ދެމިހުރި ފަރާތަކަށް ވުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސުޕަވައިޒަރުންގެ ޒިންމާތައް 10 (ހ).

(4) ތަމްރީނު ޕްރޮގްރާމު ފެށުމުގެ ކުރިން، ބާ ކައުންސިލުގައި ތަމްރީނުދޭ ސުޕަވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން؛ އަދި

(5) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުތައް، އެ ރިޕޯޓެއް ހުށަހަޅަން ބަޔާންކޮށްފައިވާ ވަގުތެއްގައި އަދި ޕިއުޕިލޭޖްއާ ގުޅުންހުރި އެނޫންވެސް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، ބާ ކައުންސިލުން އާންމުކޮށްފައިވާ ލައިސަންސިންގ ޓްރެއިނިންގ ޕްރޮގްރާމް ޕޮލިސީއާ އެއްގޮތަށް، އެ ހުށަހަޅަންޖެހޭ ވަގުތުތަކުގައި، ބާ ކައުންސިލަށް ހުށަހެޅުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ ފަހަތަށް 10-1 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ހިންގާ މަރުކަޒުތަކުގެ ޒިންމާތައް 1-10.

ތަމްރީނު ޕްރޮގްރާމު ހިންގާ މަރުކަޒުތަކުން، ބާ ކައުންސިލުން އާންމުކޮށްފައިވާ ލައިސަންސިންގ ޓްރެއިނިންގ ޕްރޮގްރާމް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ހިންގުމަށާއި، އެ ޕްރޮގްރާމުގައި ބައިވެރިވާ ކެންޑިޑޭޓުންގެ އެންމެހައި ކަންކަމަށް އާންމުގޮތެއްގައި ޒިންމާވާންވާނެއެވެ. މީގެ އިތުރުން، ކެންޑިޑޭޓުންގެ ތަމްރީނާ ގުޅޭގޮތުން އެ ޕްރޮގްރާމު ހިންގާ މަރުކަޒުތަކުން އަންނަނިވި ޒިންމާތައް އަދާކުރަންވާނެއެވެ.

(ހ) ތަމްރީނު ޕްރޮގްރާމު ހިންގާ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބެޗެއްގެ ތަމްރީނު ފެށުމުގެ ކުރިން، އެ ބެޗުގައި ބައިވެރިވާ ކެންޑިޑޭޓުންގެ މައުލޫމާތު ށީޓު، ބާ ކައުންސިލުން އެކުލަވައިލައިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ހުށަހަޅައި، ކެންޑިޑޭޓުން ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމަށް ރަޖިސްޓަރީވެފައިވާކަން ކަށަވަރުކުރުން.

(ށ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ކެންޑިޑޭޓުން ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރިކުރުވައި، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގައި އެ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނު އެންމެ ރަނގަޅުގޮތުގައި ދިނުން.

(ނ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ ކެންޑިޑޭޓުންގެ މަސައްކަތް ބަލައި ވަޒަންކުރުން.

(ރ) ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާ ކެނޑިޑޭޓުންގެ ހާޒިރީ ބަލަހައްޓައި، ކެންޑިޑޭޓުން ކުރާ މަސައްކަތުގެ ރިކޯޑު ގަވާއިދުން ބެލެހެއްޓުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ނ) ގެ ފަހަތަށް (ރ) އާއި (ބ) އާއި (ޅ) ގެ ގޮތުގައި 3 (ތިނެއް) އަކުރު އިތުރުކުރުން.

ރިޕޯޓު 11.

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕިއުޕިލޭޖް ޕްރޮގްރާމު ފުރިހަމަކުރާ ކެންޑިޑޭޓުން ފުރިހަމަކުރާ ތަމްރީނު ޕްރޮގްރާމުގެ 250 )ދުއިސައްތަ ފަންސާސް( ގަޑިއިރު ފުރިހަމަވުމުންނާއި، މުޅި ޕްރޮގްރާމު ފުރިހަމަވުމުން، ތަމްރީނުގެ މުއްދަތުގައި ކުރާ މަސައްކަތާއި، ކެންޑިޑޭޓުންގެ މަސައްކަތުގެ ސުލޫކާ ގުޅޭގޮތުން، ބާ ކައުންސިލުން އެކުލަވައިލައިފައިވާ ނަމޫނާއާ އެއްގޮތަށް ރިޕޯޓުތައް ތައްޔާރުކޮށް، އެ ކެންޑިޑޭޓުންގެ ސުޕަވައިޒަރުން، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ރ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ކުރިޔަށްގެންދާ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމު ނިންމާ ކޮންމެ ބެޗެއްގެ މައުލޫމާތ،ު ބާ ކައުންސިލުން އެކުލަވައިލައިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ރިޕޯޓެއް ނުވަތަ މައުލޫމާތެއް ހުށަހަޅަން ބަޔާންކޮށްފައިވާ ކޮންމެ ހާލަތެއްގައި، އެކަމެއް ފުރިހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި،ބާ ކައުންސިލަށް އެ ރިޕޯޓު ނުވަތަ އެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުތައް، ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ހުށަނާޅައިފިނަމަ، ލައިސެންސިންގ ކޮމިޓީގެ ލަފާގެ މަތީން، ކެންޑިޑޭޓު ފުރިހަމަކޮށްފައިވާ އެ ތަމްރީނު ބަލައިގަތުމާމެދު ގޮތެއް ނިންމުމާއެކ،ު މުއްދަތު ފާއިތުވުމަށްފަހު ދެންވެސް ހުށަނާޅައިފިނަމަ، ސުޕަވައިޒަރު، ގިނަވެގެން 5,000 (ފަސްހާސް) ރުފިޔާއިން ޖުރިމަނާކުރުމާއެކ،ު ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށް މަނާކުރުމުގެ އިހްތިޔާރު،ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް 11-1 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

އިންތިގާލީ މާއްދާ 1-11.

މި ގަވާއިދަށް އަމަލުކުރަންފެށުމުގެ ކުރިން، ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމު ފަށައިފައިވާ ކެންޑިޑޭޓުންނަށް އަންނަނިވި ގޮތްތަކުންކުރެ ގޮތެއް އިހްތިޔާރުކުރެވިދާނެއެވެ. 

(ހ) ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްގެން ކެންޑިޑޭޓު ފުރިހަމަކުރަން ފަށައިފައިވާ 1 (އެކެއް) އަހަރުދުވަހުގެ ތަމްރީނު ޕްރޮގްރާމު އެގޮތުގައި ފުރިހަމަކުރުން؛ ނުވަތަ

(ށ) އައު ހުށަހެޅުމަކުން ހުށަހަޅައި ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގެ 6 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފީ ނެގުން 19.

(ހ) ބާ އިމްތިހާނުގައި ބައިވެރިވުމަށާއި، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ފުރިހަމަކުރުމަށާއި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށާއި، ހުއްދަ ގެއްލިގެން އަލުން ދޫކުރުމަށާއި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ތަރުޖަމާކުރުމަށް އަދި ސެޓްފިކެޓް އޮފް ގުޑް ސްޓޭންޑިންގ ދޫކުރުމަށް ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފީއެއް ނެގޭނެއެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު