-

ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1002) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-167)

ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1002) އަށް 2 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

މީހުން ދިރިއުޅޭ ރަށްރަށުގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކައުންސިލުން ކަނޑައެޅުން 1-6

(ހ) މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލުން، އެ ރަށެއްގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން، 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށް ވުރެ އުސްނުވާނެ ގޮތަށް ކަނޑައެޅިދާނެއެވެ. މިގޮތުން އެއްވެސް ރަށެއްގެ ރަށު ކައުންސިލުން ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުމަކަށް އަމަލުކުރަން ފެށޭނެ ތާރީހު އެނގޭގޮތަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. އަދި އެ ނިންމުމެއް މިނިސްޓްރީއަށް ލިޔުމުން ހިއްސާކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އުސްމިން 8.

މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތެއް އިމާރާތް ކުރާއިރު، ދުވާރުން ފެށިގެން ރޫފްބީމުގެ ނުވަތަ ޓެރަސް ސްލެބުގެ ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމައަށް އިމާރާތް ކުރެވޭނެ އުސްމިން ކަނޑައަޅާނީ، މި ގަވާއިދުގެ 1-6 ވަނަ މާއްދާއާ ފުށުނާރާގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސިޓީތަކުގައި ދިރި އުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އުސްމިން 9.

މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތެއް އިމާރާތް ކުރާއިރު، ދުވާރުން ފެށިގެން ރޫފްބީމުގެ ނުވަތަ ޓެރަސް ސްލެބުގެ ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމައަށް އިމާރާތް ކުރެވޭނެ އުސްމިން ކަނޑައަޅާނީ، މި ގަވާއިދުގެ 1-6 ވަނަ މާއްދާއާ ފުށުނާރާގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ފަހުންނެވެ.

 

މައި ގަވާއިދު

ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1002)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1002)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު