-

ދައުލަތުގެ މުވައްޒަފުން

"ދައުލަތުގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރިނަމަވެސް، ޢައްޔަންކޮށްފައިވާ މަޤާމެއްގައި ހުރިނަމަވެސް، ދާއިމީ މަޤާމެއްގައި ހުރިނަމަވެސް، ވަގުތީ މަޤާމެއްގައި ހުރިނަމަވެސް، ދައުރު ކަނޑައެޅިފައިވާ މަޤާމެއްގައި ހުރިނަމަވެސް، ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކުރެވިފައިވާ މަޤާމެއްގައި ހުރިނަމަވެސް، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމާ ހަވާލުވެގެންވާ އަދި ދައުލަތުން މުސާރައާއި އިނާޔަތް ލިބިދެވޭ މުވައްޒަފުންނަށެވެ. މި މާނަކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންނާއި، އުއްތަމަފަނޑިޔާރާއި، ފަނޑިޔާރުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ މަޖިލީހުގެ ނައިބު ރައީސާއި، އެ މަޖިލީހުގެ މެންބަރުންނާއި، އެ މަޖިލީހުގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ފުލުހުންނާއި، ދިވެހި ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންނާއި، ޤާނޫނުއަސާސީން ނުވަތަ ޤާނޫނުން އުފައްދާފައިވާ އިދާރާތަކާއި މުއައްސަސާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ އެންމެހައި މީހުންނާއި، ދިވެހި ސަރުކާރު ނުވަތަ ދިވެހި ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތުތަކުގެ ތެރެއިން މަސްއޫލިއްޔަތެއް ހަވާލުވެގެންވާ ފަރާތްތަކާއި އަދި މުވައްޒަފުން ހިމެނޭގޮތުންނެވެ.