-

މަނީ ލޯންޑްރިންގ

"މަނީ ލޯންޑްރިންގ" ކަމަށް ބުނެފައިއެވަނީ (1) ވަކި މުދަލަކީ ގައިރު ގާނޫނީ އަމަލަކުން ހޯދާފައިވާ މުދަލެއްކަން ސިއްރުކުރުމުގެ ނުވަތަ އޮޅުވާލުމުގެ މަގްސަދުގައި، ނުވަތަ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކުރުމުގައި ބައިވެރިވި ފަރާތަކަށް ހައްގުވާ އަދަބުން އެފަރާތެއް މިންޖުކޮށްދިނުމަށްޓަކައި، އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ށައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ބަދަލުކުރުން ނުވަތަ އެ މުދަލަށް ބަދަލެއް ގެނައުމަށް؛ ނުވަތަ (2) ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ށައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއްގެ އަސްލު، ނުވަތަ އެ މުދަލެއް ލިބުނު ގޮތް، ނުވަތަ އެ މުދަލެއް ހުރިތަން، ނުވަތަ އެ މުދަލެއް ބަދަލުކުރެވޭ ފަރާތެއް، ނުވަތަ އެ މުދަލެއް ގެންދެވޭ ތަނެއް، ނުވަތަ އެ މުދަލުގެ ވެރިފަރާތް، ނުވަތަ އެ މުދަލާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ލިބިދޭ ހައްގެއް ސިއްރުކުރުން ނުވަތަ އޮޅުވާލުމަށް؛ ނުވަތަ (3) ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ށައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުމަށް؛ ނުވަތަ (4) މަތީގައިއެވާ (1)، (2) އަދި (3) ގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގައި އެހީތެރިވެދިނުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް މަގުފަހިކޮށްދިނުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް ހިތްވަރުދިނުން ނުވަތަ އެއިން އަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް ރޭވުން، ނުވަތަ އެފަދަ އަމަލެއް ކުރަން އުޅުމަށް.