-

އިންތިހާބުތަކާ ގުޅިގެން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި އެކަންކަން ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު

(ގަވާއިދު ނަންބަރު 15/2020)

  

1 ވަނަ މާއްދާ -ތައާރަފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އިންތިހާބެއް ހިނގަމުންދާއިރު، އެ އިންތިހާބަކާ ގުޅޭ އެއްވެސް ކަމަކާ ގުޅިގެން ށަކުވާ / މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ހުށަހަޅާ ށަކުވާ / މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި، ތަހުގީގުކުރުމުގައި އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކުން އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "އިންތިހާބުތަކާ ގުޅިގެން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި، އެކަންކަން ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ -މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އެ އިންތިހާބަކާ ގުޅިގެން އުފައްދާ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ށަކުވާތައް / މައްސަލަތައް ހުށަހެޅޭނެ ގޮތް ބަޔާންކުރުމާއި، އެކަންކަން ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ -ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

4 ވަނަ މާއްދާ -މި ގަވާއިދުގެ ދަށުން ހުށަހެޅޭނެ ށަކުވާ / މައްސަލަތައް

މި ގަވާއިދުގެ ދަށުން ހުށަހެޅޭނީ އަންނަނިވި ބާވަތްތަކުގެ ށަކުވާ / މައްސަލަތަކެވެ.

(ހ) އިންތިހާބުގައި ކެންޑިޑޭޓެއްގެ ހައްގަށް އުނިކަން އައުމުގެ ސަބަބުން ހުށަހަޅާ ށަކުވާ / މައްސަލަތައް؛

(ށ) އިންތިހާބުގެ އެކިއެކި މަރުހަލާތަކުގައި ވަކިކަމެއް ކުރަންޖެހޭ ގޮތަށް ނުކުރުމުގެ ސަބަބުން ނުވަތަ ވަކިކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރުމުގެ ސަބަބުން ހުށަހަޅާ ށަކުވާ / މައްސަލަތައް؛

(ނ) އިންތިހާބުގެ މަރުހަލާތަކުގައި ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން ހުށަހަޅާ ށަކުވާ / މައްސަލަތައް؛

(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި އެ އިންތިހާބަކަށް ހާއްސަ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެކިއެކި ފަރާތްތަކުން ކުރާ ކަންކަމާ ގުޅޭ ށަކުވާ / މައްސަލަތައް.

 

5 ވަނަ މާއްދާ -އިންތިހާބާ ގުޅިގެން ހުށަހަޅާ ޖިނާއީ މައްސަލަތައް

އިންތިހާބާ ގުޅިގެން ހުށަހަޅާ ށަކުވާ / މައްސަލަތަކުގެ ތެރެއިން ޖިނާއީ ކުށުގެ މައްސަލަތަކުގައި އަމަލުކުރާނީ ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި އިންތިހާބުތަކާބެހޭ ގާނޫނުތަކުގައިވާ ގޮތުގެ މަތިންނެވެ.

 

6 ވަނަ މާއްދާ -އިންތިހާބުތަކާ ގުޅިގެން ށަކުވާ / މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ފަރާތްތައް

އިންތިހާބާ ގުޅޭ ށަކުވާ / މައްސަލަ ހުށަހެޅުމުގެ ހައްގު އަންނަނިވި ފަރާތްތަކަށް ލިބިގެންވެއެވެ.

(ހ) އިންތިހާބުގައި ވޯޓުލުމުގެ ހައްގު އޮތް ކޮންމެ ދިވެހި ރައްޔިތެއް؛

(ށ) އިންތިހާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓެއް؛

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއެއް؛

(ރ) އިލެކްށަންސް ކޮމިށަނުން ހުއްދަދީފައިވާ އިންތިހާބުގެ އޮބްޒާވަރުންނާއި އިންތިހާބު މޮނިޓަރކުރާ ފަރާތްތައް؛

(ބ) އިންތިހާބާ ގުޅޭ ކަންތައްތައް ހިންގައި ބަލަހައްޓަން ތިބޭ މީހުން.

 

7 ވަނަ މާއްދާ -ށަކުވާ / މައްސަލަ ހުށަހެޅުން

(ހ) އިންތިހާބާބެހޭ ށަކުވާތައް / މައްސަލަތައް ހުށަހަޅާނީ، އެ އިންތިހާބެއްގައި ށަކުވާ / މައްސަލަ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ. މި ފޯމު ފުރިހަމަކުރާއިރު ށަކުވާ / މައްސަލަ ހުށަހަޅާ ސަބަބާއި، ށަކުވާ / މައްސަލައިގެ ތަފުސީލާއި، ލިބެންހުރި ހުރިހާ ހެކި ހުށަހަޅަންވާނެއެވެ.

(ށ) ކެމްޕޭނަށް ހުރަސްއަޅައިގެން ނުވަތަ ގަވާއިދާ ހިލާފަށް ކެމްޕޭންކޮށްގެން ހުށަހަޅާ ށަކުވާ / މައްސަލަ، އެ ކަމެއް ހިނގާ ވަގުތު ނުވަތަ އިންތިހާބުގެ ވޯޓުލުން ނިމުމުގެ ކުރިން ހުށަހަޅަންވާނެއެވެ. އަދި އެ ށަކުވާ / މައްސަލައަކާމެދު ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅަންވާނެއެވެ.

(ނ) ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމްއިއްޔާއަކުން ށަކުވާ / މައްސަލަ ހުށަހަޅާނަމަ، ށަކުވާ / މައްސަލަ ހުށަހަޅާ ފޯމުގައި އެ ޕާޓީއެއްގެ ނުވަތަ އެ ޖަމްއިއްޔާއެއްގެ ރަސްމީ ތައްގަނޑު ޖަހަންވާނެއެވެ.

 

8 ވަނަ މާއްދާ -ށަކުވާ / މައްސަލަ ހުށަހަޅާނެ ތަންތަން

މި ގަވާއިދުގެ ދަށުން ށަކުވާ / މައްސަލަ ހުށަހެޅޭނީ އަންނަނިވި ތަންތަނަށެވެ.   

(ހ) ރަށްރަށުގައި ރަށު ފޯކަލް ޕޮއިންޓު / އަތޮޅު ފޯކަލް ޕޮއިންޓު؛

(ށ) ސިޓީގައި ސިޓީ ފޯކަލް ޕޮއިންޓު؛

(ނ) އަތޮޅު އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހުރިނަމަ، އެ ތަނަކަށް؛

(ރ) ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހުރިނަމަ، އެ ތަނަކަށް؛

(ބ) މާލޭ ސިޓީގައި ނަމަ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ؛

(ޅ) ވޯޓު ނަގާ ދުވަހު ވޯޓުލާ މަރުކަޒުގައި ށަކުވާ / މައްސަލަ ހުށަހަޅާނީ ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް އަނގަބަހުންނެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ، ށަކުވާ / މައްސަލަ ހުށަހަޅާނީ ށަކުވާ / މައްސަލަ ހުށަހަޅާ ފޯމުން، ރަށު ފޯކަލް ޕޮއިންޓު މެދުވެރިކޮށް އަތޮޅު / ސިޓީ / ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.

(ކ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ / މައްސަލަ ހުށަހެޅުމުގެ ފުރުސަތު، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ފަރާތްތަކަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ -ށަކުވާ / މައްސަލަ ހުށަހެޅުމުގައި ހިމަނަންޖެހޭ މައުލޫމާތު

މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ށަކުވާ / މައްސަލަ ހުށަހަޅާއިރު، އެ ފަރާތްތަކަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ށަކުވާ / މައްސަލަ ހުށަހަޅާ ފަރާތަކީ ކޮން ފަރާތެއްކަން އަންގައިދޭ މައުލޫމާތު؛

(ށ) ށަކުވާ / މައްސަލަ ރައްދުވާ ފަރާތުގެ ލިބެންހުރި މައުލޫމާތު (އެނގެންހުރި މިންވަރަކަށް)؛

(ނ) ށަކުވާ / މައްސަލަ ހިނގި ނުވަތަ ހިނގާ ތަން؛

(ރ) ށަކުވާ / މައްސަލަ ހުށަހަޅާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛

(ބ) ށަކުވާ / މައްސަލައިގެ ތަފުސީލު؛

(ޅ) ށަކުވާ / މައްސަލައާ ގުޅިގެން ލިބެންހުރި ހުރިހާ ހެއްކާއި މައުލޫމާތު؛

(ކ) ހުށަހަޅާ ށަކުވާ / މައްސަލަ ކުރިން އެއްވެސް ފަރާތަކަށް ހުށަހަޅައިފައިވާނަމަ، ހުށަހެޅުނު ފަރާތެއް އަދި އެ ށަކުވާ / މައްސަލައާމެދު ފިޔަވަޅެއް އަޅައިފައިވާނަމަ، އެ ކަމުގެ ތަފުސީލު.

 

10 ވަނަ މާއްދާ -އިހްތިސާސް ލިބިގެން ނުވާ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ބެލުމުގެ އިހްތިސާސް ލިބިގެންވަނީ މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަކުވާތަކާއި މައްސަލަތައް ބެލުމަށެވެ.

(ށ) މި ގަވާއިދުގެ ދަށުން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލައަކީ އެ ބިއުރޯގެ އިހްތިސާސުން ބޭރު މައްސަލައެއް ނަމަ، ނުވަތަ އެހެން އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހަޅަންޖެހޭ މައްސަލައެއް ނަމަ، އެކަން އެ ގޮތަށް ބަޔާންކޮށް، މައްސަލަ ހުށަހަޅާ ފަރާތަށް 2 (ދޭއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ -ށަކުވާ / މައްސަލަ ރަޖިސްޓަރީ ކުރި ކަމުގެ ލިޔުން ދޫކުރުން

(ހ) އިންތިހާބާ ގުޅިގެން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ / މައްސަލައެއް ހުށަހެޅުމުން އެ ށަކުވާ / މައްސަލައާ ގުޅޭގޮތުން ށަކުވާ / މައްސަލަ ހުށަހަޅާ ފަރާތުން ދޭ މައުލޫމާތު ރެކޯޑުކުރުމަށްފަހު އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި އެ ށަކުވާ / މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް، ށަކުވާ / މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

(ށ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާ / މައްސަލަތަކުގެ ތެރެއިން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބަލަން ކަނޑައަޅާ ށަކުވާ / މައްސަލަތަކާއި ބެލެން ނެތްކަމަށް ކަނޑައަޅާ ށަކުވާ / މައްސަލަތަކުގެ ދަފުތަރެއް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ހުށަހަޅާ ށަކުވާ / މައްސަލައަކާމެދު އަމަލުކުރި ގޮތް، ށަކުވާ / މައްސަލަ ހުށަހެޅި ފަރާތަށް، އެ ށަކުވާ / މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.

 

12 ވަނަ މާއްދާ -ށަކުވާ / މައްސަލަ ނިންމުން

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާ / މައްސަލަ ނިންމަންވާނީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާ / މައްސަލަ ނިންމާއިރު، އެ ބާވަތުގެ ށަކުވާ / މައްސަލައެއް ކުރިން ނިންމައިފައިވޭތޯ ބަލައި، އެއްބާވަތެއްގެ ށަކުވާ / މައްސަލަތައް އެއްގޮތަކަށް ނިންމުމަށް މަސައްކަތްކުރަންވާނެއެވެ.

 

13 ވަނަ މާއްދާ -ށަކުވާ / މައްސަލަ ނިންމުނު ގޮތް އެންގުން

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ށަކުވާ / މައްސަލައެއް ބަލައި ނިންމުމަށްފަހު، އެ ށަކުވާ / މައްސަލަ ނިންމި ގޮތް އެ ށަކުވާ / މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) ށަކުވާ / މައްސަލައަކާ ގުޅިގެން ތުހުމަތުގެގޮތުގައި އެއްވެސް ފަރާތަކާ ސުވާލުކުރެވިފައިވާނަމަ، ށަކުވާ / މައްސަލަ ނިމުމުން، އެ ފަރާތަކަށް ށަކުވާ / މައްސަލަ ނިމުނު ގޮތް ލިޔުމުން އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ -ތަހުގީގަށް މީހުން ހާޒިރުކުރުން

(ހ) ހުށަހެޅޭ ށަކުވާ / މައްސަލަތަކާ ގުޅިގެން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބޭނުންވާ ކޮންމެ ފަރާތެއް ތަހުގީގަށް ހާޒިރުކުރެވިދާނެއެވެ.

(ށ) ވަކި ކަހަލަ ފަންނީ ލަފައެއް ނުވަތަ މައުލޫމާތެއް ހޯދުމަށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބޭނުންވެއްޖެ ނަމަ، އެފަދަ ފަރާތްތައް ހާޒިރުކުރެވިދާނެއެވެ.

(ނ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައިވާ ށަކުވާ / މައްސަލައެއްގެ ތަހުގީގަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވާ ފަރާތްތައް، ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް ހާޒިރުކުރެވިދާނެއެވެ.

  1. ފޯނުން ގުޅައިގެން ނުވަތަ މެސެޖަކުން އަންގައިގެން؛
  2. ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވައިގެން؛
  3. މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން.

 

15 ވަނަ މާއްދާ -ފޯނުން ގުޅައިގެން ނުވަތަ ބައްދަލުކޮށްގެން މީހުން ހާޒިރުކުރުން

(ހ) ފޯނުން ގުޅައިގެން ނުވަތަ އެ މީހަކާ ބައްދަލުކޮށްގެން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވާން އެންގުމުން ހާޒިރުނުވެއްޖެނަމަ، "ހާޒިރުވުމަށް އަންގާ ޗިޓު" އެ މީހަކަށް ފޮނުވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހާޒިރުކުރެވޭ މީހުން، މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ -ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވައިގެން ހާޒިރުކުރުން

(ހ) ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވައިގެން މީހުން ހާޒިރުކުރާއިރު، ވަކިގަޑިއަކަށް އައުމަށް އަންގާ އަމުރެއް، އެ މީހާއަށް ނުވަތަ އެ މީހަކު އުޅޭ އެޑްރެހަކަށް ރައްދު ކުރަންވާނެއެވެ.

(ށ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބޭނުންވެއްޖެ ހިނދެއްގައި ސަރުކާރުގެ އެހެން އޮފީހެއް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއް މެދުވެރިކޮށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށް އަންގާ ޗިޓު މީހަކަށް ރައްދުކުރެވިދާނެއެވެ.

(ނ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ހާޒިރުކުރެވޭ ފަރާތަށް ފޮނުވާ ޗިޓު، ހާޒިރުވާންޖެހޭ ގަޑީގެ 5 (ފަހެއް) ގަޑިއިރު ކުރިން އެ ފަރާތަކަށް ރައްދުކުރަންވާނެއެވެ.

(ރ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށް އަންގާ އަމުރުގައިވާ ގަޑިއަށް، އަމުރު ރައްދުވާ ފަރާތުން ހާޒިރުވާންވާނެއެވެ. މަގްބޫލު ސަބަބެއް އޮވެގެން ހާޒިރުވުމަށް އަންގާ ލިޔުމުގައިވާ ގަޑިއަށް ހާޒިރުވެވެން ނެތް ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ ލަސްވެގެން 30 (ތިރީސް) މިނެޓުގެ ކުރިން، ސަބަބު ބަޔާންކޮށް، ލިޔުމަކުން އެކަން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް އަންގަންވާނެއެވެ. އަދި ބަލިހާލަތު ހުރިގޮތުން ހާޒިރުވެވެން ނެތް ނަމަ، ސިއްހީ ހިދުމަތް ދިނުމުގެ ހުއްދަ އޮތް ފަރާތަކުން ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް އެ ލިޔުމާއެކު ހުށަހަޅަންވާނެއެވެ.

(ބ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށް އަންގައިފައިވާ ފަރާތްތަކުން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށްފަހު ލަސްނުކޮށް އިދާރީ މުވައްޒަފަކަށް އެކަން އަންގަންވާނެއެވެ. އަދި، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށް އަންގާ އަމުރު ފޮނުވައިގެން ހާޒިރުވާ ފަރާތެއް ނަމަ، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށްފަހު، އެ ލިޔުން، އިދާރީ މުވައްޒަފަކާ ލަސްނުކޮށް ހަވާލުކުރަންވާނެއެވެ. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވިކަން އެންގުމަށްފަހު، ނުވަތަ ހާޒިރުވުމަށް އަންގާ އަމުރު ހަވާލުކުރުމަށްފަހު، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މުވައްޒަފެއްގެ ހުއްދަ ނެތި ގޮސްގެންނުވާނެއެވެ.

(ޅ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށް ފޮނުވާ ޗިޓާ، މަގުބޫލު ސަބަބެއްނެތި ހަވާލުނުވި ނަމަ، ނުވަތަ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށް ކަނޑައަޅައިފައިވާ ގަޑިއަށް މަގުބޫލު ސަބަބެއްނެތި ހާޒިރުނުވެއްޖެ ނަމަ، ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅޭނެއެވެ.

 

17 ވަނަ މާއްދާ -ހާޒިރުވުމުގެ ޗިޓުގައި ހިމަނަންޖެހޭ މައުލޫމަތު

މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމެއްގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ހާޒިރުކުރެވޭ މީހާގެ ނަމާއި، ދާއިމީ އެޑްރެހާއި، އުމުރު؛

(ށ) ހާޒިރުކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޓްޕޯޓުގެ ނަންބަރު؛

(ނ) ހާޒިރުކުރެވޭ ހައިސިއްޔަތު؛

(ރ) ކުށަކަށް ތުހުމަތުކުރެވޭ ފަރާތެއް ނަމަ، އޭނައާ މެދު ކުރެވޭ ތުހުމަތުގެ ހުލާސާ؛

(ބ) ތަހުގީގަކަށް މައުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކު ނަމަ، ކުރަމުންދާ ތަހުގީގު ހުލާސާ؛

(ޅ) ހާޒިރުވާން އަންގާ ތަނާއި ތާރީހާއި ގަޑި؛

(ކ) ހޭދަވާނެކަމަށް އަންދާޒާކުރާ ވަގުތު؛

(އ) ހުއްދަ ދޭ ފަރާތުގެ ސޮއި.

 

18 ވަނަ މާއްދާ -ރުހުމުގައި އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުން

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ހިންގަމުންގެންދާ ތަހުގީގަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތެއް ނުވަތަ ށަކުވާ / މައްސަލައަކާ ގުޅިގެން ހެކިބަހެއް ނުވަތަ މައުލޫމާތެއް ދިނުމަށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުކުރަން ބޭނުންވާ މީހާގެ ރުހުމުގައި، ފޯނުކޮށް އަންގައިގެން ނުވަތަ އެ މީހަކާ ބައްދަލުކޮށްގެން ހާޒިރުވާންޖެހޭ ގަޑި އަންގައިގެން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށް އެންގުމުގެ އިހްތިޔާރު އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެ މަތިން އަންގާ އެންގުމަކާ ގުޅިގެން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވާއިރު، އެ މީހެއްގެ ގާނޫނީ ވަކީލަކާއެކު ހާޒިރުވުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތިން އަންގާ އެންގުމަކާ ގުޅިގެން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުކުރެވޭ މީހަކާ ސުވާލުކުރުމުގެ ކުރިން، ތުހުމަތުގައި ސުވާލުކުރެވޭ މީހަކަށް ލިބިގެންވާ ގާނޫނީ ހައްގުތައް އެ މީހަކަށް ލިޔުމުން ދޭންވާނެއެވެ.

 

19 ވަނަ މާއްދާ -ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުން

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބަލަމުންދާ ށަކުވާ / މައްސަލައެއްގައި ހާޒިރުކުރަންޖެހޭ ފަރާތަކުން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބަލަމުންދާ ށަކުވާ / މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެކަމުގެ ނުވަތަ ހެކި ފޮރުވައިފާނެކަމުގެ ނުވަތަ ހެކި ނައްތައިލާނެކަމުގެ އިހުތިމާލުއޮތް ހާލަތެއްގައި ނުވަތަ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމުގައި އެއްބާރުލުން ނުދޭ ހާލަތެއްގައި، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ތަހުގީގަށް ހާޒިރުކުރެވިދާނެއެވެ.

 

20 ވަނަ މާއްދާ -ބަންދު ކޮށްފައި ހުރި މީހަކު ހާޒިރުކުރުން

ބަންދުކޮށްފައިހުރި މީހަކު އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، އެ މީހަކު ހާޒިރުކުރާނީ، އެ މީހަކު ބަންދުކުރި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ.

 

21 ވަނަ މާއްދާ -ރާއްޖެއިން ބޭރުގައި ތިބޭ މީހުން ހާޒިރުކުރުން

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބަލާ މައްސަލައެއްގައި، ރާއްޖެއިން ބޭރުގައިވާ ފަރާތަކާމެދު ތުހުމަތުކުރެވިއްޖެ ހިނދެއްގައި ނުވަތަ ށަކުވާ/ މައްސަލައަކާ ގުޅިގެން ކަމެއް އޮޅުންފިލުވުމަށްޓަކައި ނުވަތަ ހެކި ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި، ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ކޮންމެ ފަރާތެއް، ހާޒިރުކުރުމުގެ އިހްތިޔާރު އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ -ހާއްސަ އިނާޔަތްތައް ދެވިފައިވާ ފަރާތްތައް

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައިވާ ށަކުވާ / މައްސަލައަކާ ގުޅިގެން، ބަލިހާލު ހުރި ގޮތުން ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތައް، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުކޮށްގެން ބަޔާން ނެގުމުގެ ބަދަލުގައި އެ ފަރާތެއް ދިރިއުޅޭ ތަނަކަށް ގޮސްގެން ބަޔާން ނެގިދާނެއެވެ.

 

23 ވަނަ މާއްދާ -ހާޒިރުވާއިރު، ކާކުކަން އެނގޭނެ ލިޔުމެއް ގެނައުން

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ މީހަކީ ކާކުކަން އެނގޭނެ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.

 

24 ވަނަ މާއްދާ -ހާޒިރުކުރެވޭ މީހުން ކުރުން މަނާ ކަންތައްތައް

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުކުރެވޭ މީހުން ތިރީގައިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

  1. އަޑާއި މަންޒަރު ރިކޯޑު ކުރެވޭނެ ނުވަތަ އިލެކްޓްރޯނިކް އެއްވެސް އެއްޗެއްގެ ބޭނުންހިފުން؛
  2. މީހަކަށް ޖިސްމާނީ ގެއްލުމެއް ދެވިދާނެފަދަ އެއްވެސް އެއްޗެއް ތަހުގީގު މަޖިލީހަށް ވެއްދުން؛
  3. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ޗެކްކުރުމަށްފަހު ތަހުގީގު މަޖިލީހަށް ވެއްދުމުގެ ހުއްދަ ލިބިފައިވާ ލިޔެކިޔުންތައް ފިޔަވައި އިތުރު އެއްޗެއް ވެއްދުން؛
  4. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ތަހުގީގަށް ހުރަސް އެޅޭފަދަ ކަމެއް ނުކުރުން.
  5. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ބޭނުމަށް ރާއްޖެއިން ބޭރުން ނުވަތަ ރަށުން ބޭރުން ގެނެވޭ މީހުން ތަހުގީގު ކުރިއަށްދާ މުއްދަތުގައި އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ހުއްދަ ނުލިބި ފުރައިގެން ދިޔުން؛
  6. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ހުއްދަ ނެތި ތަހުގީގު އެ އިރެއްގައި ހިނގަމުންދާ ތަނަކުން ބޭރަށް ދިޔުން؛
  7. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ތަހުގީގަށް ހުރަސް އެޅޭފަދަ ގޮތަށް އަމަލުކުރުން.

 

25 ވަނަ މާއްދާ -ތަހުގީގު މަޖިލިސް ރިކޯޑުކުރުން

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކުރާ ތަހުގީގުތަކުގެ، ތަހުގީގު މަޖިލިސްތަކުގެ އޯޑިއޯ ނުވަތަ ވީޑީއޯ ރިކޯޑުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ -ހަނުހުރުމުގެ ހައްގު

(ހ) މައްސަލައަކާ ގުޅިގެން ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސުވާލުކުރެވޭ މީހާ ހަނުހުރުމުގެ ހައްގު އިހްތިޔާރުކޮށްފި ނަމަ، އޭނާއާމެދު ކުރެވިފައިވާ ތުހުމަތާ ގުޅޭގޮތުން އޭނާއާ ދެން އިތުރަށް އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. އަދި، އޭނާ އެ ހައްގު އިހްތިޔާރުކުރީ، ސުވާލުކުރެވެމުން ދަނިކޮށް ކަމުގައިވާނަމަ، އޭނާއާ ސުވާލުކުރަމުން ދިޔަދިއުން އެހިނދުން ފެށިގެން ހުއްޓައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސުވާލުކުރެވޭ މީހާ ހަނުހުރުމުގެ ހައްގު އިހްތިޔާރުކުރީ އޭނާއާ ސުވާލުކުރެވެމުންދަނިކޮށް ކަމުގައިވާނަމަ، އެ ހައްގު އިހްތިޔާރުކުރުމާ ހަމައަށް އޭނާއާ ކުރެވުނު ސުވާލުތަކާއި، އެ ސުވާލުތަކަށް ދިން ޖަވާބުގެ ގާނޫނީ ސައްހަކަމަށް އުނިކަމެއް ނާންނާނެއެވެ.

 

27 ވަނަ މާއްދާ -ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ތަހުގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ތަހުގީގަށް ހާޒިރުކުރާނަމަ، އެ ފަރާތަކަށް ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ހައްގު ލިބިގެންވާކަން، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން އެ ފަރާތަކަށް އަންގަންވާނެއެވެ.

(ށ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ތަހުގީގުކުރާ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނު ކުރަން އެދިއްޖެ ނަމަ، އެ ވަގުތަކުން ފެށިގެން 3 (ތިނެއް) ގަޑިއިރުގެ މުއްދަތެއް ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް އެ ފަރާތަކަށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަގުބޫލު ސަބަބަކާހެދި ވަކީލަކު އައްޔަނު ނުކުރެވިގެން ވަކީލަކު އައްޔަނު ކުރުމަށް އިތުރު މުއްދަތެއް ބޭނުންވާ ނަމަ، މުއްދަތު ހަމަވުމުގެ ކުރިން، ސަބަބު ބަޔާންކޮށް، ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތަކަށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ލިޔުމުން އެދެންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދޭން އެދުމުން، އެއީ އެކަށީގެންވާ ސަބަބެއްކަމަށް ފެންނަ ނަމަ، އެ ފަރާތަކަށް ވަކީލަކު އައްޔަނު ކުރުމަށް 1 (އެކެއް) ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގާނޫނީ ވަކީލެއް އައްޔަނު ނުކޮށްފި ނަމަ، ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދޫކޮށްލީ ކަމަށް ބަލައި ތަހުގީގު ކުރިއަށް ގެންދިޔުމުގެ އިހުތިޔާރު އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިގެންވެއެވެ.

 

28 ވަނަ މާއްދާ -ގާނޫނީ ވަކީލުގެ ފުރުސަތު ދޫކޮށްލުން

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނު ކުރަން ބޭނުން ނުވާކަމަށް ބުނެފިނަމަ، ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އެ ފަރާތަކަށް ދިންކަމަށާއި، އެ ފަރާތަކުން ވަކީލަކު އައްޔަނު ކުރަން ދިން ފުރުސަތު ދޫކޮށްލީކަން އެނގޭގޮތަށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ދޭ ލިޔުމެއްގައި އެ ފަރާތަކުން ސޮއިކުރަންވާނެއެވެ.

 

29 ވަނަ މާއްދާ -ގާނޫނީ ވަކީލަކު އައްޔަނު ކުރާ ފޯމު

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކުރިއަށްގެންދާ ތަހުގީގަށް ގާނޫނީ ވަކީލަކު އައްޔަނު ކުރީ ކަމުގައި ބެލެވޭނީ، އެކަމަށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކަނޑައަޅައިފައިވާ ފޯމު ފުރިހަމަކޮށްފައި އެ ބިއުރޯއަށް ހުށަހެޅުމުންނެވެ. މި ފޯމު، އިލެކްށަންސް ކޮމިށަނުގެ ކައުންޓަރުންނާއި، ރަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓުންނާއި، އަތޮޅު / ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ލިބެން ހުންނާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު، އެ ފޯމާއެކު ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން މެނުވީ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

(ނ) ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށްފަހު، ތަހުގީގަށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވާންޖެހޭ ވަގުތު އެ ފަރާތަށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން އެންގުމުން، އެ ފަރާތުން އައްޔަނު ކޮށްފައިވާ ވަކީލަށް މައުލޫމާތު އެންގުނީ ކަމުގައި ބެލެވޭނެއެވެ.

(ރ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކުރާ ތަހުގީގަކަށް، އައްޔަނު ކޮށްފައިވާ ވަކީލަކަށް ތަރުޖަމާނެއްގެ އެހީ ބޭނުންވާ ނަމަ، އެފަދަ އެހީ ހޯދުމަކީ އެ ވަކީލެއްގެ ޒިންމާއެކެވެ.

 

30 ވަނަ މާއްދާ -ގާނޫނީ ވަކީލުންގެ ށަރުތުތައް

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކުރާ ތަހުގީގަކަށް، ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.

  1. ވަކާލާތު ކުރުމުގެ ހުއްދަ އޮތުން؛
  2. މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެވިފައިވާ ފަރާތެއް އެ މައްސަލައިގައި ސުވާލު ކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައި އައްޔަނެއް ނުކުރެވޭނެއެވެ.

 

31 ވަނަ މާއްދާ -ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުކުރުން

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ތަހުގީގަށް ހާޒިރުކޮށްފައިވާ ފަރާތަކުން، އެ ފަރާތުން އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކޮށް މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، އެ ފުރުސަތު ދޭންވާނެއެވެ.

(ށ) ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކޮށް މަށްވަރާކުރުމަށް ދެވޭ ފުރުސަތުގައި ގިނަވެގެން ދެވޭނީ ފަހަރަކު 10 (ދިހަ) މިނެޓުގެ 2 (ދޭއް) ފުރުސަތެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަހުގީގަށް ހާޒިރުކުރެވޭ ފަރާތުން އިތުރު ފުރުސަތަކަށް އެދިއްޖެ ނަމަ، އިތުރު ފުރުސަތެއް ދިނުމުގެ އިހްތިޔާރު ތަހުގީގުކުރާ ފަރާތަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ -ގާނޫނީ ވަކީލު، ކޮށްގެން ނުވާނެ ކަންކަން

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ހިންގާ ތަހުގީގެއްގައި ތުހުމަތުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލަކު، އޭނާގެ މުވައްކިލާއެކު ހާޒިރުވެ ހުންނައިރު، އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.

  1. ހާޒިރުކުރެވޭ ފަރާތުގެ އިއުތިރާފުގެ ބަސް، އޭނާގެ މުވައްކިލުގެ ފަރާތުން ނުވަތަ އޭނާގެ ބަދަލުގައި ދިނުން؛
  2. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކުރާ ސުވާލުތަކަށް ދޭ ޖަވާބު ބުނެދިނުން؛
  3. އަޑާއި މަންޒަރު ރިކޯޑު ކުރެވޭނެ ނުވަތަ އިލެކްޓްރޯނިކް އެއްވެސް އެއްޗެއްގެ ބޭނުންހިފުން؛
  4. ސުވާލުކުރުމާއި ޖަވާބުދިނުން މެދުކަނޑައިލެވިފައިވާ ވަގުތެއްގައި ފިޔަވައި، މުވައްކިލާ ސުވާލުކުރެވެމުން ދަނިކޮށް ތަހުގީގުކުރާ ކޮޓަރިން ނުކުމެގެން ދިއުން؛
  5. ތަހުގީގުކުރާ ކޮޓަރީގައި ސުވާލުކުރުމަށާއި ޖަވާބުދިނުމަށް ހުރަސްއެޅޭ ފަދަ އަމަލެއް ކުރުން. 

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ތަހުގީގުކުރެވޭ މީހާއާ ކުރާ ވަކި ސުވާލަކަށް ޖަވާބު ނުދިނުމަށް ގާނޫނީ ވަކީލު އޭނާގެ މުވައްކިލަށް ނަސޭހަތްތެރިވުމަކީ، ގާނޫނީ ވަކީލަށް ކުރެވިދާނެ ކަމެކެވެ.

(ނ) މި ގަވާއިދާ ގާނޫނީ ވަކީލު ހިލާފުވެއްޖެ ނަމަ، އެ ގާނޫނީ ވަކީލަކު ތަހުގީގުން ބޭރުކުރުމުގެ އިހްތިޔާރު ތަހުގީގުކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި އެ ވަކީލަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ އިހްތިޔާރު އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ -ތަހުގީގުގައި ބައިވެރިކުރެވޭނެ ގާނޫނީ ވަކީލުންގެ އަދަދު

ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ކުށުގެ ތުހުމަތުކުރެވޭ މީހަކަށް ލިބިދޭ ހައްގުގެ ދަށުން، އޭނާ 1 (އެކެއް) ވަކީލަށްވުރެ ގިނަ ވަކީލުން އައްޔަނުކުރި ކަމުގައި ވިޔަސް، އޭނާއާ އެކުގައި ތަހުގީގުކުރާ ކޮޓަރިއަށް އާންމު އުސޫލުން އެއްވަގުތެއްގައި ވަދެވޭނީ އޭނާ ކަނޑައަޅާ 1 (އެކެއް) ވަކީލަކަށެވެ. ތަހުގީގު ކުރުމަށް ބޭނުންކުރާ ތަނުގެ ޖާގައާއި ވަސީލަތްތައް ހުރި މިންވަރަކުން ގިނަވެގެން 2 (ދޭއް) ވަކީލުންނަށް ވުރެ އިތުރު ނުވާގޮތަށް ތަހުގީގެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

34 ވަނަ މާއްދާ -ތަހުގީގުގައި ކުށަށް އިއުތިރާފުވުން

(ހ) ތުހުމަތުގައި ސުވާލުކުރެވޭ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފި ނަމަ، ނުވަތަ އިއުތިރާފުވި ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 96 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފުރުސަތު ދިނުމަށްޓަކައި، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ޕްރޮސިކިއުޓަރ ޖެނެރަލުގެ އޮފީހަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ށ) މި މައްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށަށް އިއުތިރާފުވި ފަރާތް ފިޔަވައި އެހެން ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ނަމަ، ނުވަތަ އިއުތިރާފުވި ފަރާތުން އެއްވެސް ސަބަބަކާހުރެ އިއުތިރާފުން ރުޖޫއަވެއްޖެ ނަމަ، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ފަރާތުން އެ ފަދަ މައްސަލަތަކުގެ ތަހުގީގު ފުރިހަމަ ކުރަންވާނެއެވެ.

 

35 ވަނަ މާއްދާ -ކުޑަކުދިންނާއި ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރަންވީ ގޮތް

ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއް ނަމަ، ތަހުގީގުގެ މަރުހަލާގައި އެ ފަރަތަކާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތަކާ ސުވާލުކުރެވޭނީ، އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްލަހަތު ހިމާޔަތްކުރާ ފަރާތް އައްޔަނު ކުރެވޭ ހާލަތުގައި އެ ފަރާތުގެ މައުލޫމާތު ލިޔެ ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި ކުޑަކުދިން ކަމުގައި ބަލާނީ، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުދިންނެވެ.

(ރ) ކުޑަކުއްޖެއްގެ ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހެއް ނުވަތަ ލޮލަށް ފެނުމުގައި ނުވަތަ ކަންފަތަށް އަޑުއިވުމުގައި ނުވަތަ ވާހަކަ ދެއްކުމުގައި އުނިކަމެއްހުރި މީހެއް ނުވަތަ ލިޔަން ކިޔަން ނުދަންނަ މީހެއްކަމުގައި ގަބޫލުކުރެވޭ ނަމަ، ނުވަތަ އެ ފަރާތަށް އެފަދަ މައުލޫމާތެއް ލިބިފައިވާ ނަމަ، އެކަމާ ދެކޮޅަށް ހެކި ލިބިފައިނުވާހައި ހިނދަކު އެ މީހަކާމެދު އަމަލުކުރަންވާނީ އެފަދަ ސިފައެއްހުރި މީހެއް ގޮތުގައި ބަލައިގެންނެވެ.

(ބ) ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، ނުވަތަ ޖިސްމާނީ އުނިކަމެއް ހުރި މީހެއްނަމަ، އެ ފަރާތަކާމެދު ކުރާ ތުހުމަތަކާއި، ތަހުގީގުގައި ކުރެވޭ ސުވާލުތަކާއި، އެ ފަރާތުން ދީފައިވާ ބަޔާންތަކާއި، އެހެނިހެން ލިޔުންތަކުގައި ބުނާ އެއްޗެއް އެ ފަރާތަކަށް ވިސްނިފައިވާކަން ޔަގީންކުރުމަކީ ތަހުގީގުކުރާ ފަރާތުގެ ޒިންމާއެކެވެ.

(ޅ) މަސްލަހަތު ހިމާޔަތްކުރުމަށް އައްޔަނު ކޮށްފައިވާ ފަރާތުން، ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދަން ބޭނުންކަމަށް ބުނެފި ނަމަ، އެއީ ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތުން ބުނި ބުނުމެއްކަމުގައި ބެލެވޭނެއެވެ.

 

36 ވަނަ މާއްދާ -ލިޔަންކިޔަން ނުދަންނަ މީހުންނާމެދު އަމަލުކުރާނެ ގޮތް

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަކީ ލިޔަން ކިޔަން ނޭނގޭ ފަރާތެއް ނަމަ، އެ ފަރާތުން ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، އެ މައްސަލަ ތަހުގީގުގައި ބައިވެރިނުވާ ފަރާތެއް އަދި އެ މަސައްލަގައި ހެކިބަސްދޭ ފަރާތް ފިޔަވައި މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް މެދުވެރިކޮށް ބަޔާންތައް އެ ފަރާތަށް އިއްވަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކީ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަށްވާނަމަ، ބަޔާނުގައި ސޮއިކުރަންވާނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައެވެ.

 

37 ވަނަ މާއްދާ -ތަރުޖަމާނަކު އައްޔަނު ކޮށްދިނުން

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުކޮށް ސުވާލުކުރެވޭ ފަރާތް އާންމުކޮށް ވާހަކަދައްކައި އުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެނޫންވެސް ބަހަކުން ސުވާލުކުރުމަށް ތަހުގީގުކުރާ ފަރާތަށް ނޭނގޭ ނަމަ، އެ ފަރާތެއްގެ ތަހުގީގު ކުރިއަށް ގެންދަންވާނީ ތަހުގީގުގައި އޭނާއާ ކުރާ ސުވާލުތައް އެ ފަރާތަކަށް ތަރުޖަމާކޮށްދޭނޭ ފަރާތެއް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން އައްޔަނު ކޮށްގެންނެވެ. އަދި، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުކުރެވިފައިވާ ފަރާތަކީ އިށާރާތުން ވާހަކަދައްކާ ފަރާތެއްނަމަ، އެ ފަރާތަކާ ކުރާ ސުވާލުތައް އެ ފަރާތަށް ބަޔާންކޮށްދެވޭނެ މީހަކު އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން އައްޔަނު ކުރަންވާނެއެވެ.

 

38 ވަނަ މާއްދާ -ތަހުގީގު ކުރުމުގައި އެހެން އިދާރާއެއްގެ އެހީތެރިކަން ހޯދުން

އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގުކުރުމަށްޓަކައި، މައްސަލަ ތަހުގީގުކުރާ އެހެން އިދާރާތަކުގެ އެހީތެރިކަމަށް އެދެވިދާނެއެވެ.

 

39 ވަނަ މާއްދާ -މި ގަވާއިދުގައި ހިމެނިފައި ނުވާކަމެއް މެދުވެރިވުން

މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ލަފާގެ މަތިން އިލެކްށަންސް ކޮމިށަނުންނެވެ.

 

40 ވަނަ މާއްދާ -ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 1008/2019 (އިންތިހާބުތަކާ ގުޅިގެން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު) މި ނަމުގައި 20 މާރިޗު 2019 ގައި އިލެކްށަންސް ކޮމިށަނުން ށާއިއުކޮށް ނެރެފައިވާ ގަވާއިދު އުވުނީއެވެ.

 

41 ވަނަ މާއްދާ -މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު:

"އިލެކްށަންސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމުގައި ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އުފައްދައިފައިވާ އިލެކްށަންސް ކޮމިށަނަށެވެ.

"އިންތިހާބު" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭ އެންމެހައި އިންތިހާބުތަކަށެވެ.

"ކޮމްޕްލެއިންޓްސް ބިއުރޯ" ކަމުގައި ބުނެފައި އެ ވަނީ، އިންތިހާބާ ބެހޭގޮތުން ށަކުވާ ހުށަހެޅުމަށް އިލެކްށަންސް ކޮމިށަނުން ގާއިމުކޮށްފައިވާ އަތޮޅު / ސިޓީ އަދި ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށެވެ.

"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެ ވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑާއި، ޕާސްޕޯޓު ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑަށެވެ.

 

މި ގައވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 11/2008)

 

އުވާލެވުނު ގަވާއިދު

އިންތިހާބުތަކާ ގުޅިގެން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 1008/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު