-

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ސިއްރުކޮށް މައުލޫމާތު ހުށަހެޅުމާއި، ބަލައިގަތުމާއި، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 18/2020)

 

 

ފުރަތަމަ ބާބު

ތައާރަފާއި ފެށުން

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ވިސްލްބްލޯކުރުމުގެ ގޮތުން މައުލޫމާތު ހުށަހެޅުމާއި، ބަލައިގަތުމާއި، ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

(ނ) މި ގަވާއިދުގެ ނަމަކީ، "ވިސްލްބްލޯވަރ ޕްރޮޓަކްށަން ޔުނިޓަށް ސިއްރުކޮށް މައުލޫމާތު ހުށަހެޅުމާއި، ބަލައިގަތުމާއި، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު  މި ގަވާއިދުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޭދެވޭ އަމަލުތަކުގެ މައުލޫމާތު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހަޅައި، ވިސްލްބްލޯކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯކުރުމަށް ހިތްވަރުދިނުން؛

(ށ) ވިސްލްބްލޯކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުން؛

(ނ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހެޅޭ ނޭދެވޭ އަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ޘަގާފަތެއް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ކިބައިގައި އަށަގެންނެވުން؛

(ރ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ މައިގަނޑު އަސާސްތައް ފަސޭހައިން ދޭހަކޮށްދިނުމާއި، މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކުގެ ބޭނުން ޒިންމާދާރުގޮތެއްގައި ހިފުމާއި، މި ގާނޫނުގައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުން.

 

3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

ދިވެހިރާއްޖޭގައި ހިނގާ، ހިނގައިފައިވާ ނުވަތަ ހިނގަމުންދާ ކަންކަމުގެ އިތުރުން، މައުލޫމާތު ރައްދުވާ ފަރާތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ނުވަތަ ހިނގައިފައިވާ ނުވަތަ ހިންގަމުންދާ ކަންތައްތަކުގެ މައުލޫމާތުވެސް މި ގަވާއިދުގެ ދަށުން ހުށަހެޅިދާނެއެވެ.

 

ދެވަނަ ބާބު

ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި ރައްކައުތެރިކަން

 

4 ވަނަ މާއްދާ - ވިސްލްބްލޯކުރުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކަށް، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ދ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ނޭދެވޭ އަމަލެއް ވިސްލްބްލޯކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ކޮން ފަރާތެއްކަން ނޭނގޭގޮތަށް މައުލޫމާތު ހުށަހެޅުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯކުރާ ކޮންމެ ފަރާތަކަށްވެސް، ކޮން ފަރާތެއްކަން ނޭނގޭގޮތަށް މައުލޫމާތު ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - އަމުރަށް ނުކިޔަމަންތެރިވުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ނޭދެވޭ އަމަލެއްގައި ބައިވެރި ނުވުމުގެ ގޮތުން އަމުރަށް ނުކިޔަމަންތެރިވުމުގެ ހައްގު ލިބިގެންވެއެވެ. އަދި މި މާއްދާގެ ދަށުން ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެ މީހަކު ބައިވެރިވާ އެއްބަސްވުމަކާ ހިލާފުވީކަމަށް ނުބެލުމާއި، އެ ކަމެއްގެ މައްޗަށް ބިނާކޮށް ޖިނާއީ ނުވަތަ މަދަނީ ދައުވާއެއް ނުކުރުމާއި، އިދާރީ ފިޔަވަޅެއް ނޭޅުމުގެ ހައްގު ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ބަދަލުހިފުމުން ރައްކައުތެރިވުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯކުރުމުގެ ސަބަބުން ނުވަތަ ވިސްލްބްލޯކުރަން އުޅުމުގެ ސަބަބުން ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ބެލެވިގެން ބަދަލުހިފުމުގެ ގޮތުން ކުރާ އަމަލުތަކުން ރައްކައުތެރިކަން ލިބުމުގެ ހައްގު.

 

9 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ލިބުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯކުރުމުގެ ސަބަބުން ބަދަލުހިފުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު، ގެއްލުން ލިބުނު ފަރާތަށް ލިބިގެންވެއެވެ. އަދި މިގޮތުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - މަދަނީ ދައުވާތަކާއި، ޖިނާއީ ދައުވާތަކާއި، އިދާރީ ފިޔަވަޅުތަކުން ރައްކައުތެރިކަން ލިބިގެންވުން

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، މި ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެ ފަރާތުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރުމާއި، އިދާރީ ފިޔަވަޅެއް ނޭޅުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 16/2019  (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ފަހުބައިގައި ބަޔާންކޮށްފައިވާ ފަދައިން، މި ގާނޫނާ ހިލާފަށް ހާމަކުރާ ކަމެއް ހިމެނޭނަމަ، އެކަމަކާ ގުޅޭގޮތުން ވިސްލްބްލޯކުރާ ފަރާތަށް ނުވަތަ އެހެންވެސް ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ - މައުލޫމާތު ސިއްރުކުރުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތުގެ މައުލޫމާތު ސިއްރުކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ދައުލަތުގެ ސަލާމަތީ ހިދުމަތުން ސަލާމަތާއި ރައްކައުތެރިކަން ލިބުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތަށް ރައްކައުތެރިކަން ލިބިދޭންޖެހޭކަމަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ފެނި، އެކަން ހަމަޖައްސައިދިނުމަށް އަންގާ ފަރާތްތަކަށް ދައުލަތުގެ ސަލާމަތީ ހިދުމަތުން ސަލާމަތާއި ރައްކައުތެރިކަން ލިބުމުގެ ހައްގު.

 

13 ވަނަ މާއްދާ - އެހެން ފަރާތްތަކަށް ރައްކައުތެރިކަން ލިބުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯކުރުމާ ގުޅިގެން ކުރާ ތަހުގީގަކަށް އަމިއްލަ އިސްނެގުމުގައި އެހީތެރިވާ ނުވަތަ ބައިވެރިވާ ނުވަތަ އެހެންވެސް ގޮތަކުން އެއްބާރުލުންދޭ ކޮންމެ ފަރާތަކަށްވެސް، މި ބާބުގައި ބަޔާންކޮށްފައިވާ ރައްކައުތެރިކަން ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ގާނޫނުއަސަސީއާއި، މުއާހަދާތަކާއި، ގާނޫނުތަކުން ލިބިދޭ ހައްގުތައް 

މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކައުތެރިކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ލިބޭ އެންމެހައި ހައްގުތައް ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.

 

ތިންވަނަ ބާބު

މައުލޫމާތު ހުށަހެޅުމާއި، ތަހުގީގުކުރުމުގައި އަމަލުކުރާނެ އުސޫލުތައް

 

15 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގައްޔާއި، ގަވާއިދު ނަންބަރު 5/2020 (ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެ ގޮތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކޮށްފައިވާ މިނިވަން ޔުނިޓެކެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ، ވިސްލްބްލޯކުރާ ފަރާތްތަކަށް މި ގާނޫނުން ލިބިދޭ ރައްކައުތެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށް، ވިސްލްބްލޯކުރާ ފަރާތްތަކުން ދޭ މައުލޫމާތު ބަލައިގަނެ، އެ މައްސަލަތައް ތަހުގީގުކޮށް، ހުށަހެޅޭ މައުލޫމާތުތަކުގެ ތެރެއިން ތަހުގީގީ އިދާރާއަކަށް ފޮނުވަންޖެހޭ މައުލޫމާތުތައް ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދޭ އިދާރާއެވެ.

 

16 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅޭނެ ގޮތްތައް 

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަންނަނިވި ގޮތްތައް މެދުވެރިކޮށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް މައްސަލަ ހުށަހެޅިދާނެއެވެ. 

(ހ) ސިޓީން؛

(ށ) ފެކްސް މެސެޖުން؛

(ނ) ފޯނު ކޯލުން؛

(ރ) ޔުނިޓުން ކަނޑައަޅާ ރައްކައުތެރި މޮބައިލް އެޕްލިކޭށަނެއް މެދުވެރިކޮށް؛

(ބ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ވެބްސައިޓް މެދުވެރިކޮށް؛

(ޅ) އެސް.އެމް.އެސް ނުވަތަ އެމް.އެސް.އެސް މެދުވެރިކޮށް؛

(ކ) އިލެކްޓްރޯނިކް މެއިލް ނުވަތަ އިލެކްޓްރޯނިކް މެސެޖް މެދުވެރިކޮށް؛

(އ) އޯޑިއޯ ފައިލުން؛

(ވ) ވީޑިއޯ ކްލިޕަކުން؛

(މ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހާޒިރުވެ ހުރެގެން؛

(ފ) ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ވިސްލްބްލޯކުރުމުގެ ގޮތުން މައުލޫމާތު ހުށަހަޅާ ފޯމު މެދުވެރިކޮށް.

 

17 ވަނަ މާއްދާ - ވިސްލްބްލޯކުރެވިދާނެ ފަރާތްތައް

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ވިސްލްބްލޯކުރުމުގެ ގޮތުން މައުލޫމާތު ހުށަހެޅިދާނެއެވެ.

 

18 ވަނަ މާއްދާ - ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ މައްސަލަ ބަލައިގަންނަ ފުރަތަމަ ފަރާތް

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ގުޅޭ މައުލޫމާތެއްގައި މައުލޫމާތު ބަލައިގަންނަ ފުރަތަމަ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓުތަކާއި ޓްރަބިއުނަލްތަކުގެ މައްސަލަ ބަލައިގަންނަ ފުރަތަމަ ފަރާތަކީ އެ ކޯޓެއްގައި ނުވަތަ ޓްރަބިއުނަލެއްގައި ގާއިމުކޮށްފައިވާ އިދާރީ އޮފީހެވެ.

 

19 ވަނަ މާއްދާ - ގައުމީ ސަލާމަތަށް ނުރައްކައުވާނެފަދަ މައުލޫމާތެއް ހާމަކުރާނަމަ އަމަލުކުރަންޖެހޭ ގޮތް

ގައުމީ ސަލާމަތަށް ނުރައްކައުވެދާނެފަދަ މައުލޫމާތެއް ވިސްލްބްލޯކުރުމުގައި ހާމަކުރާނަމަ،   އެ މައުލޫމާތެއް ހުށަހަޅަންވާނީ ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

20 ވަނަ މާއްދާ - ވިސްލްބްލޯކުރާ ފަރާތުން ހުށަހަޅަންވާނެ މައުލޫމާތުތައް

ވިސްލްބްލޯކުރުމުގެގޮތުން މައުލޫމާތު ހުށަހަޅާއިރު، މައުލޫމާތުގެ އަސާސް އެކަށީގެންވާ މިންވަރަކަށް އެނގޭނެގޮތަށް ހުށަހެޅުމުގެ ގޮތުން އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ. 

(ހ) ތުހުމަތުކުރާ ނޭދެވޭ އަމަލަކީ ކޮބައިކަން؛

(ށ) ނޭދެވޭ އަމަލު ހިންގަމުންދާ ނުވަތަ ހިންގައިފައިވާ ނުވަތަ ހިންގައިފާނެކަމަށް ތުހުމަތުކުރެވޭ ފަރާތް ނުވަތަ ފަރާތްތަކަކީ ކޮންބައެއްކަން އެނގޭނެ މައުލޫމާތު؛

(ނ) ވިސްލްބްލޯކުރާ މައްސަލަ ހިނގިކަމަށް ނުވަތަ ހިނގަމުންދާކަމަށް ނުވަތަ ހިނގައިފާނެ ކަމަށް ބެލެވޭ ޑިޕާޓްމަންޓުތަކާއި ޔުނިޓްތަކާއި ބްރާންޗްތައް އަދި މިނޫންވެސް ތަންތަނާ ގުޅުންހުރި މައުލޫމާތު އެނގޭނަމަ، އެ މައުލޫމާތު؛

(ރ) ވިސްލްބްލޯކުރާ މައްސަލައިގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް ހެއްކެއް ނުވަތަ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ވިސްލްބްލޯކުރާ ފަރާތަށް ލިބިފައިވާނަމަ އެ މައުލޫމާތު.

 

21 ވަނަ މާއްދާ - ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ހުށަހެޅުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯކުރުމުގެ ހައްގު ލިބިގެންވާ ކޮންމެ ފަރާތަކަށްވެސް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް އެއީ ކޮން ފަރާތެއްކަން ނޭނގޭގޮތަށް މައުލޫމާތު ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ މައުލޫމާތުތަކުގައިވެސް، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

 

22 ވަނަ މާއްދާ - ވިސްލްބްލޯކުރާ ފަރާތުގެ މައުލޫމާތު ސިއްރުކުރުން

(ހ) ކާކުކަން އެނގޭގޮތަށް ނުވަތަ ކާކުކަން ނޭނގޭގޮތަށް ވިސްލްބްލޯކުރާ ފަރާތުގެ މައުލޫމާތުތައް ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ސިއްރުކުރަންވާނެއެވެ. މި މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތަކަށް މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) އާއި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅޭނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަކާ ހިލާފަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އެއްވެސް މުވައްޒަފަކު އަމަލުކުރާކަމަށް ވިސްލްބްލޯކުރާ ފަރާތަށް ގަބޫލުކުރެވޭނަމަ، އެކަމުގެ ށަކުވާ ޔުނިޓަށް ހުށަހަޅަންވާނެއެވެ. މިފަދަ ށަކުވާއެއް ހުށަހެޅިއްޖެނަމަ، ޔުނިޓުން ނުވަތަ އެތެރޭގެ އިންތިޒާމަކުން އެކަމާގުޅޭ އެތެރޭގެ ތަހުގީގެއް ހިންގުމަށްފަހު، އެކަން ހިނގައިފައިވާކަމަށް ފެންނަނަމަ، އެ ކަމަށް ޒިންމާ ނަގަންޖެހޭ ފަރާތަކާމެދު ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ފިޔަވަޅު އަޅަންވާނެއެވެ. މިގޮތުން ހިންގާ ތަހުގީގުތަކުގައި ށަކުވާ ރައްދުވާ ފަރާތް ބައިވެރިވެގެން ނުވާނެއެވެ. 

(ނ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ
14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް މެނުވީ ހާމަކުރުމަކީ، މި ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، 3 (ތިނެއް) މަސްދުވަހާއި، 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިސްލްބްލޯކުރާ ފަރާތުގެ ސިއްރުކުރަންޖެހޭ މައުލޫމާތެއް އާންމުކުރުމުގައި ނުވަތަ އެހެން ފަރާތަކަށް ހާމަކުރުމުގައި ޖިނާއީ ކަމެއް ހިމެނޭނަމަ، އެކަން ތަހުގީގުކުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި ކަމާބެހޭ އިދާރާއަށް ޔުނިޓުން ފޮނުވަންވާނެއެވެ.

 

23 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުމުގެ މުއްދަތު

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ
6 ވަނަ މާއްދާގެ (ށ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯކުރުމުގެ މައުލޫމާތު ބިނާކޮށްފައިވާ ހާދިސާ ހިނގާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ  11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ބަދަލުހިފުމުގެ މައުލޫމާތު ބިނާކޮށްފައިވާ ހާދިސާ ހިނގި ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ބަދަލުހިފުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅެއްގެ މައުލޫމާތު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހަޅަންވާނެއެވެ.

 

24 ވަނަ މާއްދާ - މައްސަލަ ބެލޭނެކަން ކަނޑައެޅުން   

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހަޅާ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވިދާނެކަން ނުވަތަ ނޫންކަން، ޔުނިޓުން ނިންމާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިސްލްބްލޯ ކުރެވިދާނެ ނޭދެވޭ އަމަލަކަށްވުން؛

(ށ) މައުލޫމާތު ހުށަހަޅާ ފަރާތަކީ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއް އަދާކުރުމަންދާ ނުވަތަ ވަޒީފާއިން ވަކިވިތާ 2 (ދޭއް) އަހަރުދުވަސް ނުވާ މުވައްޒަފަކަށް ވުން؛

(ނ) މައުލޫމާތު ހުށަހަޅާ ފަރާތަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ ށަހްސެއްކަމުގައި ވުން؛

(ރ) ހުށަހަޅާ މައުލޫމާތުގެ އަސާސް (މައުލޫމާތުގެ އަސްލު) އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައިވުން؛

(ބ) މައުލޫމާތު ބިނާވެފައިވާ ހާދިސާ ހިނގާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މައުލޫމާތު ހުށަހަޅައިފައިވުން؛

(ޅ) މައުލޫމާތު ރައްދުވާ ފަރާތުގައި މައުލޫމާތު ބަލައިގަތުމަށް ގާއިމުކޮށްފައިވާ އެތެރޭގެ އިންތިޒާމް މެދުވެރިކޮށް ނުވަތަ މައުލޫމާތު ރައްދުވާ ފަރާތުގެ އެންމެ އިސް ފަރާތް ނުވަތަ އެ ފަރާތުން މައުލޫމާތު ބަލައިގަތުމަށް ކަނޑައަޅައިފައިވާ ފަރާތަކަށް ހުށަހަޅައިފައިވުން؛

(ކ) މައުލޫމާތު ރައްދުވާ ފަރާތަށް މައުލޫމާތު ހުށަހެޅުމުން، ތިރީގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނެކަމަށް ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، ސީދާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް އެ މައުލޫމާތު ހުށަހެޅިދާނެއެވެ.

  1. އެތެރޭގެ އިންތިޒާމަށް ނުވަތަ މައުލޫމާތު ރައްދުވާ ފަރާތުގެ އެންމެ އިސް ފަރާތް ނުވަތަ އެ ފަރާތުން މައުލޫމާތު ބަލައިގަތުމަށް ކަނޑައަޅައިފައިވާ އެންމެ އިސް ފަރާތަކުން އެކަށީގެންވާ ގޮތެއްގައި އެ މައުލޫމާތު
  2. ތަހުގީގުކުރަމުން ގެންގޮސްފައި ނުވުން؛ ނުވަތަ
  3. އެތެރޭގެ އިންތިޒާމަށް ނުވަތަ މައުލޫމާތު ރައްދުވާ ފަރާތުގެ އެންމެ އިސް ފަރާތް ނުވަތަ އެ ފަރާތުން މައުލޫމާތު ބަލައިގަތުމަށް ކަނޑައަޅައިފައިވާ އެންމެ އިސް ފަރާތަށް މައުލޫމާތު ހުށަހަޅައިފިނަމަ، ހެކި
  4. ނައްތައިލައިފާނެކަމަށް ނުވަތަ ހެކި ފޮރުވައިފާނެކަމަށް ނުވަތަ ހެކިބަސް ދޭންހުރި ފަރާތަކަށް ނުފޫޒު ފޯރުވައިފާނެކަމަށް ގަބޫލުކުރެވުން؛ ނުވަތަ
  5. ވިސްލްބްލޯކުރާ ފަރާތަށް ނުވަތަ އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ގަބޫލުކުރެވުން؛ ނުވަތަ
  6. އެ ފަރާތަކަށް މައުލޫމާތު ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގާބިލުކަން ލިބިގެން ނުވާކަމަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބެއް އޮތުން.
  7. ގައުމީ ސަލާމަތަށް ނުރައްކައުވެދާނެ މައުލޫމާތެއް ހާމަކުރާނަމަ، މައުލޫމާތު ނިސްބަތްވާ އިދާރާއަކަށް ހުށަހެޅުމުގެ ބަދަލުގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހަޅާ މައުލޫމާތަކަށްވުން؛

(އ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، މައުލޫމާތު ހުށަހަޅާ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މައުލޫމާތު ތަހުގީގުކުރުމުގެ އިހްތިސާސް ލިބިގެންވާކަން ނުވަތަ ނޫންކަން ނުވަތަ މައްސަލަ ތަހުގީގު ކުރެވިދާނެކަން ނުވަތަ ނޫންކަން ޔުނިޓުން ކަނޑައަޅައި، އެކަން މައުލޫމާތު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ވ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހަޅާ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވިދާނެކަން ނުވަތަ ނޫންކަން، ޔުނިޓުން ނިންމާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ކަށަވަރުކުރުމަށްފަހުގައެވެ.

 

25 ވަނަ މާއްދާ - މައްސަލައެއް ލިބުމުން، މައްސަލައާމެދު އަމަލުކުރަންޖެހޭ ގޮތް 

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް މައުލޫމާތެއް ނުވަތަ މައްސަލައެއް ހުށަހެޅުމާއެކު، މައުލޫމާތު ހުށަހަޅާ ނުވަތަ ހަވާލުކުރާ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަންނަނިވި ތަރުތީބުން ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅަންވާނެއެވެ. 

(ހ) މައްސަލަ ބަލައިގަންނަ މުވައްޒަފު އެ މައުލޫމާތު އެންޓްރީކުރުމަށްފަހު، އިދާރީގޮތުން ޔުނިޓު ހިންގުމުގައި އެންމެ އިސްކޮށްހުރި މުވައްޒަފަށް އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

(ށ) އިދާރީގޮތުން ޔުނިޓު ހިންގުމުގައި އެންމެ އިސްކޮށްހުރި މުވައްޒަފަށް މައުލޫމާތު ލިބުމާއެކު،
އެ މައްސަލައިގެ އިހްތިސާސް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައަޅައި، އަދި މައްސަލައިގައި އަމަލުކުރަން ފެންނަ ގޮތުގެ ލަފަޔާއެކު ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ "މައްސަލައާމެދު އަމަލުކުރަން ފެންނަ ގޮތުގެ ލަފާދޭ ކަރުދާސް" ފުރިހަމަކޮށް، ޔުނިޓުގެ އިސްވެރިޔާއަށް އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

(ނ) ޔުނިޓުގެ އެންމެ އިސްވެރިޔާއަށް ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ "މައްސަލައާމެދު އަމަލުކުރަން ފެންނަ ގޮތުގެ ލަފާދޭ ކަރުދާސް" ލިބުމާއެކު، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ނުވަތަ މައްސަލަ ތަހުގީގުކުރެވެން ނެތްކަމާމެދު ގޮތެއް ނިންމަންވާނެއެވެ. އަދި އިދާރީގޮތުން ޔުނިޓު ހިންގުމުގައި އެންމެ އިސްކޮށްހުރި މުވައްޒަފަށް ޔުނިޓުގެ އިސްވެރިޔާގެ ނިންމުން ހިއްސާކުރަންވާނެއެވެ.

(ރ) ޔުނިޓުގެ އިސްވެރިޔާގެ މައްސަލަ ތަހުގީގުކުރަން ނިންމައިފިނަމަ، އިދާރީގޮތުން ޔުނިޓު ހިންގުމުގައި އެންމެ އިސްކޮށްހުރި މުވައްޒަފު އެ މައްސަލަ ބެލުމަށް ވަކި އޮފިސަރަކާ ހަވާލުކުރަންވާނެއެވެ. އަދި އެ އޮފިސަރު މި ގަވާއިދާ އެއްގޮތަށް މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދަން ވާނެއެވެ.

 

26 ވަނަ މާއްދާ - އިހްތިސާސް ލިބިގެންވާ އިދާރާތަކަށް ފޮނުވުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ގާނޫނަކުން ވަކި އިދާރާއަކަށް ތަހުގީގުކުރުމުގެ އިހްތިސާސް ލިބިދީފައިވާ މައްސަލަތަކުގައި، އެ މައްސަލައެއްގައި އެންމެ މަސްލަހަތު ހުރިގޮތަކީ އެ އިދާރާއަކަށް އެ މައްސަލަ ފޮނުވުންކަމަށް ޔުނިޓަށް ގަބޫލުކުރެވޭނަމަ، އެ ކަމެއް ތަހުގީގުކުރުމަށް އެ އިދާރާއަކަށް ފޮނުވިދާނެއެވެ.

 

27 ވަނަ މާއްދާ - ގާނޫނުގެ ރައްކައުތެރިކަން ނުލިބޭ އަދި މައްސަލަ ތަހުގީގު ނުކުރާނެ ހާލަތްތައް

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި މި ގަވާއިދުގެ ދަށުން ރައްކައުތެރިކަން ނުލިބޭ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. އަދި މިފަދަ މައުލޫމާތުތައް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ތަހުގީގެއް ނުކުރާނެއެވެ.

(ހ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާފަދައިން ޔުނިޓަށް އިހްތިސާސް ނުލިބޭ މައުލޫމާތަކަށް ވުން.

(ށ) ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތެއްނަމަ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ބ) ގެ (3) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިނުވަނީސް އާންމުކޮށް ހާމަކޮށްފައިވާ މައުލޫމާތަކަށް ވުން؛

 

28 ވަނަ މާއްދާ - ރައްކައުތެރިކަން ލިބިގެންނުވާ މައުލޫމާތާމެދު އަމަލުކުރާނެ ގޮތް

ވިސްލްބްލޯކުރުމުގެ ގޮތުން ޔުނިޓަށް ހުށަހަޅާ މައްސަލައަކީ ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ރައްކައުތެރިކަން ލިބިދޭ މައުލޫމާތަކަށް ނުވާނަމަ، ރައްކައުތެރިކަން ނުލިބޭ ސަބަބާއެކު، މައުލޫމާތު ހުށަހަޅާ ފަރާތަށް އެކަން އަންގަންވާނެއެވެ. މި ހާލަތުގައިވެސް މައުލޫމާތު ހުށަހަޅާ ފަރާތުގެ ސިއްރުކުރަންޖެހޭ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

 

29 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ 24 މާއްދާއާއި 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ހުށަހެޅިފައިވާ މައުލޫމާތު ތަހުގީގުކުރުމުގެ އިހްތިސާސް ޔުނިޓަށް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައަޅައި، ޔުނިޓުގެ ކަމާބެހޭ މުވައްޒަފު، ކޮންމެ މައްސަލައަކަށް ރަޖިސްޓަރީ ނަންބަރެއްދީ، ޔުނިޓުގެ ޑޭޓާބޭސްގައި ރަޖިސްޓަރީ ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން އެ މައުލޫމާތާމެދު އަމަލުކުރާނެ ގޮތް، މައުލޫމާތު ހުށަހަޅާ ކޮންމެ ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން މައުލޫމާތާމެދު އަމަލުކުރާ ގޮތް އަންގާއިރު، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.  

  1. މައްސަލައިގެ ރަޖިސްޓަރީ ނަންބަރު؛
  2. މައުލޫމާތު ހުށަހެޅި ތާރީހާއި ވަގުތު؛
  3. ހުށަހަޅައިފައިވާ މައްސަލަ / މައުލޫމާތު ތަހުގީގުކުރުމުގެ އިހްތިސާސް ޔުނިޓަށް ލިބިގެންވާކަން ނުވަތަ ނޫންކަމާއި، މައްސަލައާމެދު އަމަލުކުރަން ނިންމައިފައިވާ ގޮތް.

(ރ) މައުލޫމާތު ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކުރުމުގެ ގޮތުން، މައްސަލަ ރަޖިސްޓަރީ ކުރުމަށްފަހު މައްސަލައިގެ މަސައްކަތްތައް ކުރުމުގައި ބޭނުންކުރަމުން ގެންދާންވާނީ މައްސަލައިގެ ރަޖިސްޓަރީ ނަންބަރެވެ. 

 

30 ވަނަ މާއްދާ - މައުލޫމާތު ނުވަތަ މައްސަލައިގެ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން

(ހ)  މި ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ވަކި މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ކޮންމެ މައްސަލައަކަށް ވަކި ފައިލެއް ތައްޔާރުކުރަންވާނެއެވެ. އަދި އެ މައްސަލައަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ރައްކައުތެރިކަމާއެކު އެ މައްސަލައަކަށް ހާއްސަކޮށްފައިވާ ފައިލުގައި ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަ ފައިލުތަކަށް، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއާއި އެ މައްސަލައެއް ތަހުގީގުކުރާ މުވައްޒަފު ފިޔަވައި އެހެން ފަރާތަކަށް އެކްސެސް ދެވިގެން ނުވާނެއެވެ.

(ނ) ތަހުގީގުކުރުމުގެ ބޭނުމަށް، ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ކޮންމެ މުއައްސަސާއެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ނުވަތަ އާންމު ފަރުދުންގެ އެހީތެރިކަން ހޯދުމުގެ ގޮތުން، މައްސަލައިގެ މައުލޫމާތު ހިއްސާކުރަން ޖެހިއްޖެނަމަ، މައުލޫމާތު ހާމަކުރާ ފަރާތުގެ ސިއްރުކުރަންޖެހޭ އެންމެހައި މައުލޫމާތު އުނިކުރުމަށްފަހު، އަދި ޖަދުވަލު 3 ގައި ހިމަނައިފައިވާ "މައްސަލައިގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ އިގުރާރު" ގައި ސޮއިކުރުމަށްފަހު، އެ މަސައްކަތަށް ބޭނުންވާ މިންވަރަށް އެ ފަރާތަކަށް މައުލޫމާތު ދެވިދާނެއެވެ.  

(ރ)  މި މާއްދާގެ (ނ) ގެ ދަށުން މައުލޫމާތު ހިއްސާކުރާ ފަރާތަކުން، މި ގާނޫނާ ހިލާފު އަމަލެއް ކޮށްފިނަމަ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އަދި ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުޤޫބާތު) ގެ 510 ވަނަ ބާބުގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

31 ވަނަ މާއްދާ - މައްސަލަ ތަހުގީގުކޮށް ނިންމަންޖެހޭ މުއްދަތު

(ހ) ވިސްލްބްލޯކުރުމުގެ ގޮތުން ހުށަހަޅާ މައުލޫމާތު ރަޖިސްޓަރީކުރާ ދުވަހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މައްސަލަ ތަހުގީގުކޮށް ނިންމަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، ތަހުގީގު ފުރިހަމަކުރެވެން ނެތްކަމަށް މައުލޫމާތު ބަލައިގަންނަ ފަރާތަށް ފެނިއްޖެނަމަ، މި މުއްދަތު ހަމަވުމުގެ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ކުރިން، ތަހުގީގު ފުރިހަމަކުރުމަށް އިތުރަށް ބޭނުންވާނެ 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން އިތުރު މުއްދަތެއް ކަނޑައަޅައި، އެކަން މައުލޫމާތު ހުށަހަޅާ ފަރާތަށް އަންގަންވާނެއެވެ. 

 

32 ވަނަ މާއްދާ - ވަގުތުން ފިޔަވަޅުން އަޅަންޖެހޭ މައްސަލަތައް

(ހ) ވަގުތުން ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކުގައި، ވީ އެންމެ އަވަހަކަށް އަދި މައުލޫމާތު ހުށަހަޅާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންވާނެއެވެ. 

(ށ) ވަގުތުން ފިޔަވަޅު އަޅަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. މީހެއްގެ ނުވަތަ ބައެއްގެ ފުރާނަ ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއް އޮތުން؛
  2. އެކަމުގެ ސަބަބުން މުޖުތަމައަށް ލިބޭ ނުވަތަ ލިބިދާނެ ގެއްލުން؛
  3. ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ހިމެނިފައިވުން؛
  4. ހެކި ނައްތައިލުމާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުން؛
  5. މައުލޫމާތު ނިސްބަތްވާ ފަރާތުގެ މަގާމާއި ހައިސިއްޔަތު؛
  6. ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، މީހަކަށް ނުވަތަ ދައުލަތަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެފަދަ މައްސަލައަކަށްވުން؛

(ނ) ވިސްލްބްލޯކުރުމުން ބަދަލުހިފުމުގެގޮތުން ކުރާ ކަމެއް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، ގެއްލުން ލިބޭ ފަރާތަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރާނެ އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، އެ ގެއްލުން ލިބުނަ ނުދިނުމުގެ ގޮތުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެކި ފަރާތްތަކަށް އެންގުމުގެ ބާރު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިގެންވެއެވެ.

(ރ)  މި މާއްދާގެ (ނ) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ކުރާ އަމުރަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން، އަމުރާ އެއްގޮތަށް އަމަލުކުރުމަށް އުޒުރުވެރިވި ފަރާތެއް1,000,000  (އެއް މިލިޔަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ޔުނިޓަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ޔުނިޓުން ކުރާ އަމުރާ އެއްގޮތަށް އަމަލުކުރުމުން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުރާ ޖޫރިމަނާއެއް މައާފުކުރުމުގެ އިހްތިޔާރު ނުވަތަ އަނބުރާ ރައްދުކުރުމުގެ އިހްތިޔާރު ޔުނިޓަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ - މައްސަލަ ދިރާސާކޮށް، ތަހުގީގު ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުން

(ހ) މި ގަވާއިދުގެ 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާގެ ދަށުން، ވިސްލްބްލޯކުރުމުގެ ގޮތުން ހުށަހަޅާ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާކަމަށް ކަނޑައަޅައި، މައުލޫމާތު ހުށަހެޅި ފަރާތަށް އެކަން އެންގުމަށްފަހު، މައްސަލަ ވަގުތުން ދިރާސާކޮށް ތަހުގީގުކުރަން ފަށަންވާނެއެވެ.

(ށ) ހުށަހަޅައިފައިވާ މައުލޫމާތު ތަހުގީގުކުރުމުގެ އިހްތިސާސް ލިބިގެންވާކަމަށް ކަނޑައަޅާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 4 ގައި ހިމަނައިފައިވާ ތަހުގީގުކުރުމުގެ ޕްލޭނުގެ ޓެމްޕްލޭޓާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނުގައި ކަނޑައެޅިފައިވާ21 (އެކާވީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލަ ކުރިޔަށް ގެންދާނެ ގޮތްތައް ފާހަގަކޮށް، ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނާ އެއްގޮތަށް މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދަން ވާނެއެވެ.
މި މާއްދާގައި ބަޔާންކޮށްފައިވާ ތަހުގީގުކުރުމުގެ ޕްލޭނުގައި އަންނަނިވި މައުލޫމާތުތައް ހުންނަންވާނެއެވެ.

  1. މައްސަލަ ހުށަހެޅި ތާރީހު؛
  2. މައްސަލައިގެ ރަޖިސްޓަރީ ނަންބަރު؛
  3. މައްސަލައިގެ ބާވަތް؛
  4. މައްސަލައިގެ ކުރު ހުލާސާއެއް؛
  5. ވަގުތުން ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްކަން ނުވަތަ ނޫންކަން އަދި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް؛
  6. އެހެން އިދާރާއަކަށް ފޮނުވަންޖެހޭ މައުލޫމާތެއްކަން ނުވަތަ ނޫންކަން؛
  7. މައްސަލަ ތަހުގީގުކުރުމުގެ އިހްތިސާސް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައެޅި ތާރީހު؛
  8. މައްސަލަ ތަހުގީގުކޮށް ނިންމަން ގާނޫނުގައި ކަނޑައަޅައިފައިވާ 21 (އެކާވީސް) ދުވަސް ހަމަވާ ތާރީހު؛
  9. މައްސަލަ ތަހުގީގުކޮށް ނިންމަން ގާނޫނުގައި ކަނޑައަޅައިފައިވާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި ނުނިންމޭ މައްސަލަތަކުގައި އިތުރުކުރެވިދާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ  30 (ތިރީސް) ދުވަސް ހަމަވާ ތާރީހު؛
  10. މުއްދަތު އިތުރުކުރަން ޖެހިއްޖެނަމަ، މައްސަލަ ތަހުގީގުކޮށް ނިންމަން ގާނޫނުގައި ކަނޑައަޅައިފައިވާ 21 (އެކާވީސް) ދުވަސް ހަމަވުމުގެ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ކުރިން 30 (ތިރީސް) ދުވަހަށް މުއްދަތު އިތުރުކުރާކަން، މައުލޫމާތު ހުށަހެޅިފަރާތަށް އެންގި ތާރީހު؛
  11. ރިއާޔަތްކުރަންޖެހޭ ގާނޫނުތަކާއި، ގާނޫނީ ނުކުތާތައް؛
  12. އިތުރަށް ހޯދަންޖެހޭ ލިޔެކިޔުންތައް؛
  13. ނަގަންޖެހޭކަމަށް ފެންނަ ބަޔާންތައް؛
  14. ކަމާގުޅޭ ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދަންޖެހިދާނެކަން ނުވަތަ ނޫންކަމާއި، ބޭނުންވާ ނުވަތަ ބޭނުންވެދާނެ އެހީތެރިކަމުގެ ބާވަތްތައް؛
  15. ގާނޫނީގޮތުން އެޅޭނެ ފިޔަވަޅުތައް.

(ނ) މި މާއްދާދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާ މައްސަލަ ހުށަހެޅުނު ތާރީހުކަމަށް ބަލާނީ، މައްސަލައިގެ އަސާސް އެކަށީގެންވާ މިންވަރަކަށް އެނގޭނެ މައުލޫމާތު ލިބުނު ތާރީހަށެވެ.

(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ބަލާ މައްސަލަތަކުގައި މި މާއްދާއާ އެއްގޮތަށް ތައްޔާރުކުރާ މައްސަލަ ތަހުގީގުކުރުމުގެ ޕްލޭން، އެ ޔުނިޓުގެ އިސްވެރިޔާއާއި އިދާރީގޮތުން ޔުނިޓު ހިންގުމުގައި އެންމެ އިސްކޮށްހުރި މުވައްޒަފަށް  މި ޕްލޭން ޗެކްކޮށް، އެ ފަރާތްތަކުގެ ސޮއިކޮށްފައި، އެކަން ކުރި ތާރީހު އެނގޭގޮތަށް އޮންނަންވާނެއެވެ.

 

34 ވަނަ މާއްދާ - އިތުރު ލިޔެކިޔުންތައް ހޯދުން

މައްސަލައާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދަންޖެހޭނަމަ، ލަސްނުކޮށް އެ މައުލޫމާތުތައް ހޯދަންވާނެއެވެ.

 

35 ވަނަ މާއްދާ - ބަޔާން ނެގުން

(ހ) މި ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ މައްސަލަ ތަހުގީގުކުރުމުގެ ޕްލޭނުގައި، މައްސަލައާ ގުޅިގެން އެއްވެސް ފަރާތެއްގެ ބަޔާނެއް ނަގަންޖެހޭކަމަށް ފާހަގަކޮށްފައިވާނަމަ، ލަސްނުކޮށް އެ ބަޔާންތައް ނަގައި، އެ ބަޔާންތަކުގައި ސޮއިކުރުވަންވާނެއެވެ.

(ށ) ޖިނާއީ ތުހުމަތެއްކުރެވޭ މައްސަލައެއްނަމަ، އެ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އިއްވައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގާއި ހަނުހުރުމުގެ ހައްގު ލިބިގެންވާކަން އަންގައި، ގާނޫނީ ވަކީލެއް ހަމަޖައްސަން ބޭނުންވާނަމަ 5 (ފަހެއް) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ.

(ނ) ބަޔާން ދިނުމަށް އިއުތިރާޒުކުރާނަމަ، ނުވަތަ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިނަމަ، އެ މައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، އެ އަމަލަކީ އެ ފަރާތަކުން ހިންގި އަމަލެއްކަމަށް ބެލެވޭނަމަ، އެ ފަރާތުގެ ބަޔާން ނުނަގައި މައްސަލައިގެ ތަހުގީގުކުރާ ފަރާތަށް ބުރަވެވޭ ގޮތަކަށް މައްސަލަ ނިންމަންވާނެއެވެ.

 

36 ވަނަ މާއްދާ - ވަކިތަނަކަށް ގޮސްގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުން

(ހ) މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ވަކިތަނެއްގައި ހުރިކަމަށް ވިސްލްބްލޯކުރާ ފަރާތުން މައުލޫމާތު ދީފައިވާނަމަ، ނުވަތަ އެފަދައިން ޔުނިޓަށް ގަބޫލުކުރެވޭނަމަ، ގާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުންނާއި، ގަވާއިދު ނަންބަރު 5/2020 (ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެ ގޮތުގެ ގަވާއިދު) ގެ 19 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން އެ ތަނަކަށް ގޮސްގެން އެ ތަކެތި ހޯދުމުގެ ބާރު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިގެންވެއެވެ.

(ށ) އެތެރޭގެ އިންތިޒާމުތަކުން ތަހުގީގުކުރާ މައްސަލައެއްގައި ބޭނުންވާ މައުލޫމާތު ހޯދުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިފިނަމަ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސަމާލުކަމަށް އެކަމެއް ގެނައުމުން، އެތެރޭގެ އިންތިޒާމުތަކަށް އެކަމުގައި ޔުނިޓުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެތެރޭގެ އިންތިޒާމުތަކުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އެހީތެރިކަމަށް އެދުމުން، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، އެތެރޭގެ އިންތިޒާމަށް އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ކަމާބެހޭ އިދާރާއަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން އަންގާ އެންގުމަކަށް ތަބާނުވެއްޖެނަމަ، އެފަދަ އަމަލެއް ކުރި މީހަކަށް، ގާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - ހެކި ނައްތައިލުމާއި ބިރުދެއްކުން 

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ   26 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ވިސްލްބްލޯކުރުމުން ކުރާ ތަހުގީގަކާ ގުޅޭ ލިޔުމެއް ނުވަތަ އެހެންވެސް ހެއްކެއް ނައްތައިލުން ނުވަތަ ހެކި ބަސް ދީފާނެ މީހަކަށް ބިރުދެއްކުން ނުވަތަ ނުފޫޒެއް ފޯރުވުމަކީ ކުށެކެވެ. މިއިން ކުށެއްގެ އަދަބަކީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލް އުޤޫބާތު) ގައި އެ ކުށަކަށް ކަނޑައެޅިފައިވާ އަދަބެވެ.

 

38 ވަނަ މާއްދާ - މުއާސަސާތަކާއި މާހިރުންގެ އެހީތެރިކަން ހޯދުން

(ހ) ވިސްލްބްލޯ ކުރުމާ ގުޅިގެން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ކުރާ ތަހުގީގަކާ ގުޅިގެން، ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ކޮންމެ މުއައްސަސާއެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ނުވަތަ އާންމު ފަރުދުންގެ އެހީތެރިކަން ހޯދިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކަށް މައްސަލައިގެ މައުލޫމާތު ހިއްސާ ކުރަން ޖެހިއްޖެނަމަ، މައުލޫމާތު ހާމަކުރާ ފަރާތުގެ ސިއްރުކުރަންޖެހޭ އެންމެހައި މައުލޫމާތު އުނިކުރުމަށްފަހު އަދި ޖަދުވަލު 3 ގައި ހިމަނައިފައިވާ "މައްސަލައިގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ އިގުރާރު" ގައި ސޮއިކުރުމަށްފަހު، އެ މަސައްކަތަށް ބޭނުންވާ މިންވަރަށް އެ ފަރާތަކަށް މައުލޫމާތު ދެވިދާނެއެވެ.

 

39 ވަނަ މާއްދާ - މައްސަލަ ވަޒަންކޮށް، ގޮތެއް ނިންމުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ތަހުގީގުކުރާ މައްސަލަތަކުގެ އެންމެ ފަހުގެ ނިންމުން ނިންމާނީ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންގެ ލަފާގެ މަތިން ޔުނިޓުގެ އިސްވެރިޔާއެވެ.

(ށ) ޔުނިޓުން ތަހުގީގުކުރާ މައްސަލަތަކުގައި އެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަންވާނެއެވެ.

 

40 ވަނަ މާއްދާ - މައްސަލައިގެ ތަހުގީގު ރިޕޯޓު ތައްޔާރުކުރުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގު ފުރިހަމަކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ "މައްސަލައިގެ ތަހުގީގު ރިޕޯޓު" ގެ ނަމޫނާޔާ އެއްގޮތަށް އަންނަނިވި ކަންކަން ހިމެނޭ ގޮތަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ރިޕޯޓު ތައްޔާރުކުރަންވާނެއެވެ.

(ހ)   ހުށަހެޅުނު މައުލޫމާތުގެ ތަފުސީލު؛

(ށ)   ތަހުގީގު ކުރެވުނު ގޮތުގެ ތަފުސީލު؛

(ނ)  ތަހުގީގުން ހާމަވި ކަންތައްތަކުގެ ތަފުސީލު؛

(ރ)   ތަހުގީގުކުރެވުނު އަމަލު ތަކުރާރުވިޔަނުދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް؛

(ބ)   ތަހުގީގުގެ އަލީގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ އުފުލަން އެދޭނަމަ، އެ ދައުވާއެއްގެ ތަފުސީލާއި، އެފަދައިން އެދޭ ސަބަބު

 

41 ވަނަ މާއްދާ - ތަހުގީގު ރިޕޯޓުތައް ހިއްސާކުރުމާއި އާންމުކުރުން

(ހ)  ތަހުގީގު ރިޕޯޓު އާންމުކުރަންވާނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) 22 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހެޅޭ ނޭދެވޭ އަމަލުތަކުގެ މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަހުގީގުތަކަކީ ދެފުށް ފެންނަ ނަޒާހަތްތެރިގޮތެއްގައި ކުރެވޭ ތަހުގީގުތަކަކަށް ހެދުމަށާއި، މި ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައި އަމަލުކުރިގޮތުގެ މައުލޫމާތު ފަސޭހައިން ލިބޭނެފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، މައުލޫމާތު ހުށަހަޅާ ފަރާތަކީ ކާކުކަން ނޭނގޭގޮތަށް ހުށަހަޅާ މައުލޫމާތުތަކުގެ ތަހުގީގު ރިޕޯޓުތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރަން ވާނެއެވެ.

މައުލޫމާތު ހާމަކުރުމުގައި ނޭދެވޭ އަމަލެއް ހިނގައިފައި ނުވާނަމަ، ނުވަތަ ހުށަހަޅައިފައިވަނީ މި ގާނޫނުގެ ދަށުން ރައްކައުތެރިކަން ލިބިގެންނުވާ މައުލޫމާތެއްނަމަ، މައުލޫމާތު ހާމަކުރި ފަރާތާ ގުޅޭ މައުލޫމާތު ސިއްރުކުރުމަށްފަހު އަދި އެއްވެސް ފަރާތެއްގެ އަބުރަށް ހުރަސްއެޅޭފަދަ މައުލޫމާތެއް ހިމެނޭނަމަ، އެ މައުލޫމާތެއް އުނިކުރުމަށްފަހު، ތަހުގީގު ރިޕޯޓު، ޔުނިޓުގެ ވެބްސައިޓް ޕޭޖުގައި އާންމުކުރުން.
ތަހުގީގުގެ އަލީގައި އެއްވެސް ފަރާތަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރަންޖެހޭ ކަމަށް ފެންނަ މައްސަލަތަކުގެ ތެރެއިން އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށް ފެންނަ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ތަހުގީގުކުރުމަށް ފޮނުވުމާއި، ޔުނިޓުން ތަހުގީގުކުރާ މައްސަލަތަކުގައި ދައުވާކުރުމުގެ ބާރު ލިބިފައިވާ މުއައްސަސާތަކާ ހިއްސާކުރުން. މި ހާލަތުގައި ށަރުއީ ކޯޓަކުން ހުކުމެއް ކުރުމުގެ ކުރިން ތަހުގީގަކާ ގުޅިގެން ކުރާ ދައުވާއަށް ހުރަސްނޭޅޭނެ މިންވަރަށް ތަހުގީގު ރިޕޯޓު، ޔުނިޓުގެ ވެބްސައިޓް ޕޭޖުގައި އާންމުކުރުން.
ނޭދެވޭ އަމަލެއް ހިނގައިފައި ނުވާކަމަށް ތަހުގީގަށް ފެނިއްޖެނަމަ، މައުލޫމާތު ރައްދުވި ފަރާތަށާއި، މައުލޫމާތު ހުށަހެޅި ފަރާތަށް އެކަން ލިޔުމުން ހިއްސާކުރުން.
(ނ) މައުލޫމާތު ހުށަހަޅާ ފަރާތް އެނގޭގޮތަށް އަދި އެ ފަރާތަކީ ކާކުކަން ނޭނގޭގޮތަށް ދައުލަތުގެ އެތެރޭގެ އިންތިޒާމްތަކަށް ހުށަހަޅާ މައުލޫމާތުގެ ތަހުގީގު ރިޕޯޓު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހިއްސާކުރަންވާނެއެވެ.

(ރ) ކޮން ފަރާތެއްކަން ނޭނގޭގޮތަށް ހުށަހަޅާ މައުލޫމާތުތައް ދައުލަތުގެ އެތެރޭގެ އިންތިޒާމުތަކުން އެކަށީގެންވާގޮތެއްގައި ތަހުގީގު ކޮށްފައި ނުވާކަމަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ގަބޫލުކުރެވިއްޖެނަމަ، ޔުނިޓުން އެ މައުލޫމާތު ތަހުގީގުކޮށްފައި، ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅަން ވާނެއެވެ.

(ބ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 22 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކޮން ފަރާތެއްކަން އެނގޭގޮތަށް މައުލޫމާތު ހުށަހަޅާ ފަރާތްތަކަށާއި، އެ މައްސަލަ ރައްދުވާ ފަރާތްތަކަށް އެ މައްސަލައިގެ ތަހުގީގު ނިމިފައިވާ ގޮތް ލިޔުމުން ހިއްސާ ކުރަން ވާނެއެވެ.

(ޅ) މައުލޫމާތު ހުށަހަޅާ ފަރާތް އެނގޭގޮތަށް އަދި އެ ފަރާތަކީ ކާކުކަން ނޭނގޭގޮތަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހަޅާ މައްސަލަތަކުގެ ތަހުގީގު ރިޕޯޓުތައް، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން އާންމު ކުރަން ވާނެއެވެ.

 

42 ވަނަ މާއްދާ - ޖިނާއީ މައްސަލަތަކުގައި ދައުވާކޮށްދިނުމަށް އެދި ފޮނުވުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ22 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޖިނާއީ މައްސަލައެއްގައި ދައުވާކުރަން ފެންނަ މައްސަލަތަކުގައި، ދައުވާކޮށްދިނުމަށް އެދި ދައުލަތުގެ ކަމާބެހޭ އިދާރާއަށް ފޮނުވަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ހޭލުންތެރިކަން އިތުރުކުރުމާއި ދިރާސާތައް ކުރިއަށްގެންދިޔުން

 

 

43 ވަނަ މާއްދާ - ހޭލުންތެރިކަން އިތުރުކުރުން

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށް ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަށްރޫއުތަކުގައި ބައިވެރިވާ އަމިއްލަ ފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، މީޑިއާތަކާއި، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން މުޅި އަހަރު ތެރެއަށް ބަހައިލައިގެން ހިންގަންވާނެއެވެ.

(ށ) ދައުލަތުގެ އިދާރާތަކާ ގުޅިގެން އެ އިދާރާތަކުގައި ގާއިމުކުރާ އެތެރޭގެ އިންތިޒާމުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އެ އިދާރާތަކުގެ މުވައްޒަފުންނަށް، މި ގާނޫނާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ހިންގަމުން ގެންދާންވާނެއެވެ. 

(ނ) ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ބޮޑެތި މަށްރޫއުތަކުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް، މި ގާނޫނާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ހިންގަމުން ގެންދާންވާނެއެވެ.

 

44 ވަނަ މާއްދާ - ދިރާސާތައްކޮށް އާންމުކުރުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާ ގުޅޭގޮތުން އިދާރާތަކާއި މުވައްޒަފުންނާއި އާންމުންގެ ހޭލުންތެރިކަން ހުރި މިންވަރު ވަޒަންކުރުމަށާއި، ގާނޫނުގެ މަގްސަދުތައް ހާސިލުވާ މިންވަރު ދެނެގަތުމަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ދިރާސާތައްކޮށް، ދިރާސާތަކުގެ ހޯދުންތައް އާންމު ކުރަމުން ގެންދާންވާނެއެވެ.

 

ފަސްވަނަ ބާބު

އެހެނިހެން

 

45 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކޮށް އާންމުކުރާ ތާރީހުން ފެށިގެންނެވެ.

 

46 ވަނަ މާއްދާ - ޖަދުވަލަކީ ގަވާއިދުގެ ބައެއް ކަމުގައި ކަނޑައެޅުން

މި ގަވާއިދާ އެކުގައިވާ ޖަދުވަލު 1 އާއި، ޖަދުވަލު 2 އާއި، ޖަދުވަލު 3 އާއި، ޖަދުވަލު 4 އާއި، ޖަދުވަލު  5 އަކީ މި ގަވާއިދުގެ ބައެކެވެ.

 

47 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަޒުފުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ވިސްލްބްލޯކުރުން" ކަމުގައި ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތަކުން އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ނޭދެވޭ އަމަލެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަމުގެ މައުލޫމާތު ހުށަހެޅުމަށެވެ.

(ށ)  "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް" ނުވަތަ "ޔުނިޓް" ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގައި (ހ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކުރުން ލާޒިމްކޮށްފައިވާ ޔުނިޓަށެވެ.

(ނ) "ނޭދެވޭ އަމަލު" ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ އަމަލަކަށެވެ.

(ރ) "މައުލޫމާތު" މާނަކޮށްފައިވަނީ މައްސަލަ ނުވަތަ ށަކުވާގެ މާނައިގައެވެ.

(ބ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ" ނުވަތަ "ޔުނިޓުގެ އިސްވެރިޔާ" ކަމުގައި ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުން އައްޔަނުކުރުމަށް ލާޒިމުކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގުމުގެ އިސްވެރިޔާއަށެވެ.

(ޅ) "އިދާރީގޮތުން ޔުނިޓުގެ ހިންގުމުގެ އެންމެ އިސް މުވައްޒަފު" ކަމަށް ބުނެފައިވަނީ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު އިދާރީގޮތުން ހިންގައި، ޔުނިޓުގެ އިސްވެރިޔާއަށްފަހު އެންމެ އިސްކޮށް ޔުނިޓުގައި ހުންނަ މުވައްޒަފަށެވެ. އަދި މި މުވައްޒަފަކީ ގާނޫނީ ދާއިރާއިން ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ކ) "އެތެރޭގެ އިންތިޒާމް" ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކުގައި ގާއިމުކުރާ ވިސްލްބްލޯކުރުމުގެ އެތެރޭގެ އިންތިޒާމްތަކަށެވެ.

(އ) "ދައުލަތުގެ އިދާރާތައް" ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 31 ވަނަ މާއްދާގެ (މ) ގެ (1) އިން ފެށިގެން (7) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އެންމެހައި އިދާރާތަކެއް ހިމެނޭގޮތުންނެވެ. 

(ވ) "އަމިއްލަ ފަރާތްތައް" ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 31 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ފަދައިން،
މި ގާނޫނުގައި ދައުލަތުގެ ފަރާތްތަކުގެ ގޮތުގައި ބަޔާންކޮށްފައިނުވާ ގާނޫނީ ސަހްސެއްގެ ހައިސިއްޔަތު ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.

(މ) "ދައުލަތުގެ ސަލާމަތީ ހިދުމަތް" ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 31 ވަނަ މާއްދާގައި (ޏ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހި ދައުލަތުގެ ސިފައިންގެ ހިދުމަތާއި ފުލުހުންގެ ހިދުމަތާއި، މި ހިދުމަތުގައި އެކުލެވޭ އެންމެހައި އިދާރާތައް ހިމެނޭ ގޮތަށާއި، ދައުލަތުގެ ނަމުގައި ބާރުގެ ބޭނުންކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ލިބިގެންވާ ކޮންމެ ފަރާތަކަށެވެ.

(ފ) "ހިއުމަން ރައިޓްސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 189 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށެވެ.

(ދ) "ޔުނިޓުގެ ވެބްސައިޓް ޕޭޖް" ކަމުގައި ބުނެފައިވަނީ، ހިއުމަން ރައިޓްސް ކޮމިށަނުގެ ވެބްސައިޓުގައި ގާއިމުކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ވެބްސައިޓް ޕޭޖަށެވެ. 

 

މި ގާނޫނުގެ ޖަދުވަލުތަކާއި ފޯމްތައް އޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ

މައި ގާނޫނު

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު