-

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-20)

މި ގަވާއިދުން ވަނީ ގަވާއިދު ނަންބަރު 2019-1068 އުވާލެވިފައި

 

އެއްވަނަ ބައި - ތައާރަފު


1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން، އެގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި، ބަލާނެ މިންގަނޑުތަކާއި، އަމަލުކުރާނެ އުސޫލުތައް އުސޫލުތައް ކަނޑައެޅުމަށްޓަކައި ހަދައިފައިވާ ގަވާއިދެވެ.

(ށ) މިގަވާއިދަށް ކިޔާނީ " ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

ދެވަނަ ބައި - ށަރުތުތައް


2 ވަނަ މާއްދާ - ށަރުތުތައް

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން؛

(ށ) އުމުރުން 21 (އެކާވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(ނ) ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛

(ރ) ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވާ މީހަކު ކަމުގައިވުން؛

(ބ) މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ބާ އިމްތިހާާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ މީހެއް ކަމުގައިވުން؛

(ޅ) ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ އަދި

(ކ) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ، ހުކުމާ އެއްގޮތަށް  އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވުން. 

 

3 ވަނަ މާއްދާ - ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ

ގާނޫނުގެ 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ގާނޫނީ ރޮނގުން މަތީ ތައުލީމު ދޭ ކޯސްތަކާއި، ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޑިގްރީގެ މުގައްރަރު، ބާ ކައުންސިލުން ކަނޑައެޅުމަށްފަހު މަތީ ތައުލީމުދޭ މަރުކަޒުތަކަށް އެންގުމާ ހަމައަށް، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީ ގޮތުގައި އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ތަކަކީ، ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީގެ ސެޓްފިކެޓް ތަކެއް ކަމުގައި ބަލަންވާނެއެވެ.

 

ތިންވަނަބައި – ބާ އިމްތިހާާނާއި ތަމްރީނު


4 ވަނަ މާއްދާ - ބާ އިމްތިހާާނު

ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލު ކޮށްފައިވާ ފަރާތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން،  ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބުނެފައިވާ ބާ އިމްތިހާާނު ފުރިހަމަ ކުރާންވާނެއެވެ.

 

5 ވަނަ މާއްދާ - ބާ   އިމްތިހާާނު ބޭއްވުން

(ހ) ބާ އިމްތިހާާނުގައި ހިމަނާނެ ސުވާލުތައް ކަނޑައަޅައި، ޖަވާބު ސްކީމް ތައްޔާރުކޮށް،
ބާ އިމްތިހާާނު ބާއްވާނެ ތާރީހުތައް ކަނޑައަޅައި، އެ އިމްތިހާާނުތައް ބޭއްވުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީއިންނެވެ.

(ށ) ކޮންމެ އަހަރަކު މަދުވެގެން 1 (އެކެއް) ބާ އިމްތިހާާނު ބާ ކައުންސިލުން ބާއްވަން ވާނެއެވެ. މިގޮތުން ބާ އިމްތިހާާނު ބާއްވާނެ ތާރީހުތައް، އެ އިމްތިހާާނު އޮންނަ ތާރީހުގެ 90 (ނުވަދިހަ) ދުވަސްކުރިން އެގްޒެކެޓިވް ކޮމިޓީން އާންމުކޮށް އިއުލާނު ކުރާންވާނެއެވެ.

(ނ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރާންޖެހޭ ބާ އިމްތިހާާނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

 

6 ވަނަ މާއްދާ - ތަމްރީނު

(ހ) ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީގެ ސެޓްފިކެޓެއް ހާސިލު ކޮށްފައިވާ ފަރާތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބުނެފައިވާ ތަމްރީނު ފުރިހަމަ ކުރާންވާނެއެވެ.

(ށ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަ ކުރާންޖެހޭ ތަމްރީނުގެ މުއްދަތަކީ 1 (އެކެއް) އަހަރުދުވަހެވެ. ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން މި ތަމްރީނު ފުރިހަމަ ކުރާންވާނީ ބާ ކައުންސިލުން ހުއްދަކުރާ ތަންތަނުގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުންނެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 1 (އެކެއް) އަހަރުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރިކަމަށް ބެލެވޭނީ، ސުޕަވައިޒަރުގެ އިރުށާދުގެ ދަށުން އަހަރުގެ ތެރޭގައި ޖުމްލަ 360 (ތިންސަތޭކަ ފަސްދޮޅަސް) ގަޑިއިރު މަސައްކަތް ކޮށްފައިވާނަމައެވެ. އަދި މި 360 (ތިންސަތޭކަ ފަސްދޮޅަސް) ގަޑިއިރު ހަމަކުރުމުގެ ގޮތުން، ކޮންމެ މަހަކު މަދުވެގެން 20 (ވިހި) ގަޑިއިރު ސުޕަވައިޒަރުގެ އިރުށާދުގެ ދަށުން މަސައްކަތް ފުރިހަމަކޮށްފައި އޮންނަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަ ނުކުރެވުނީ ދިމާވި ހާއްސަަ ހާލަތެއްގެ ސަބަބުން ކަމުގައިވާނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް ބާ ކައުންސިލަށް ހުށަހެޅުމުން، އެކަމާމެދު ގޮތެއް ނިންމުމުގެ ބާރު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

(ބ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަ ކުރާންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ޅ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަ ކުރާންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން ހިޔާރުކުރާ ތަނެއްގައި ތަމްރީނު ފުރިހަމަކުރުމަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމާނީ އެގްޒެކެޓިވް ކޮމިޓީންނެވެ.

(ކ) މި ގަވާއިދުގެ ބޭނުމަށް، ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެވޭނީ އަންނަނިވި ތަންތަނުގައެވެ:

  1. ބަންޑާރަ ނައިބުގެ އޮފީސް؛
  2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛
  3. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ލީގަލް ޕްރެކްޓިސްތައް؛
  4. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ލޯ ފަރމްތައް؛ އަދި
  5. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރަކު ގާނޫނީ މަސައްކަތް ކުރާ ކޮންމެ ތަނެއް

(އ) ގާނޫނަށް އަމަލު ކުރަންފެށި ތާރީހުން ފެށިގެން، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން، މި މާއްދާގެ (ކ) ގައި ބަޔާން ކޮށްފައިވާ ތަނެއްގައި ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން ތަމްރީނުގެ ގޮތުގައި ބެލެވޭފަދަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާނަމަ، އެ މުއްދަތަކީ މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 1 (އެކެއް) އަހަރުގެ ތަމްރީނު ޕްރޮގްރާމްގެ މުއްދަތު ގުނުމުގައި ގުނޭނެ މުއްދަތެކެވެ.

 

7 ވަނަ މާއްދާ - ތަމްރީނުދޭ ތަންތަން

މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) ގެ (3)، (4) އަދި (5) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ތަންތަނުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްގެން ހިންގާ ލޯ ފަރމަކަށް ނުވަތަ ލީގަލް ޕްރެކްޓިސްއަކަށް ނުވަތަ ގާނޫނީ ހިދްމަތްދޭ ދައުލަތުގެ އިދާރާއަކަށް، ނުވަތަ މުއައްސަސާއަކަށް ނުވަތަ އޮފީހަކަށްވުން؛ އަދި

(ށ) މި ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރަކު އެ ލޯ ފަރމަކަށް ނުވަތަ ލީގަލް ޕްރެކްޓިސްއަކަށް ނުވަތަ ގާނޫނީ ހިދްމަތްދޭ ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ އޮފީހަކަށް ނިސްބަތްވާ، އަދި އެ ސުޕަވައިޒަރަކު އެ ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސް ނުވަތަ ގާނޫނީ ހިދްމަތްދޭ ދައުލަތުގެ އިދާރާއެއްގައި ނުވަތަ މުއައްސަސާއެއްގައި ނުވަތަ އޮފީހެއްގައި މަސައްކަތްކުރާ ތަނަކަށްވުން؛ އަދި

(ނ) ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ގަވާއިދުން ހުޅުވާފައި ހުންނަ، ތަމްރީނު ހެދޭނޭ ވަސީީލަތްތައް ގާއިމްވެފައިވާ އޮފީހެއް ހުރުން.

 

8 ވަނަ މާއްދާ - ސުޕަވައިޒަރުން

(ހ) މި ގަވާއިދުގެ ދަށުން ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެވޭނީ، މި ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރެއްގެ ބެލުމާއި އިރުށާދުގެ ދަށުންނެވެ.

(ށ) ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ކެނޑިޑޭޓުން އެކަމަށް އެދި ހުށަހަޅާ ފޯމުގައި، އެ ކެނޑިޑޭޓަކު އިހުތިޔާރުކުރި ސުޕަވައިޒަރަކު، އޭނާގެ ބެލުމުގެ ދަށުން ކެނޑިޑޭޓު ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމަށް ގަބޫލުވާކަމަށް އިގުރާރު ވާންވާނެއެވެ.

(ނ) ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާއިރު، އެ ފަރާތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރި ކުރުވައި، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގައި އެ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނު އެންމެ ރަނގަޅު ގޮތުގައި ދިނުމަކީ އެ ފަރާތެއްގެ ސުޕަވައިޒަރުގެ ޒިންމާއެކެވެ.

 

9 ވަނަ މާއްދާ - ސުޕަވައިޒަރުގެ ށަރުތު

(ހ) ސުޕަވައިޒަރުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ:

  1. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އަމަލީގޮތުން މަސައްކަތް ކުރަމުންދާ މީހަކު ކަމުގައިވުން؛
  2. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރު ވެފައިވުން؛
  3. މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ތަނެއްގައި މަސައްކަތްކުރާ މީހަކަށްވުން؛ އަދި
  4. ސުޕަވައިޒަރުގެ ގޮތުގައި މަސައްކަތް ކުރާއިރު، ސުލޫކީ މައްސަލައަކާހުރެ އެއްވެސް ކޯޓެއްގައި ވަކާލާތުކުރުން މަނާކުރެވިފައިވާ މީހެއް ކަމުގައި ނުވުން.

(ށ) ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 5 (ފަހެއް) އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް އެއްފަހަރާ ސުޕަވައިޒް ކުރެވޭނީ 3 (ތިނެއް) ކެނޑިޑޭޓުންނެވެ. އަދި ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 7 (ހަތެއް) އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް އެއްފަހަރާ ސުޕަވައިޒް ކުރެވޭނީ 5 (ފަހެއް) ކެނޑިޑޭޓުންނެވެ. އަދި ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 12 (ބާރަ) އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް އެއްފަހަރާ ސުޕަވައިޒް ކުރެވޭނީ 6 (ހައެއް) ކެނޑިޑޭޓުންނެވެ.

 

10 ވަނަ މާއްދާ - ސުޕަވައިޒަރުންގެ ޒިންމާތައް

(ހ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ކެނޑިޑޭޓުންގެ ސުޕަވައިޒަރުން، އެ ކެނޑިޑޭޓުންގެ ތަމްރީނާ ގުޅޭ އެންމެހައި ކަންކަމަށް އާންމުގޮތެއްގައި ޒިންމާވާން ވާނެއެވެ. މީގެ އިތުރުން، ކެނޑިޑޭޓުންގެ ތަމްރީނާ ގުޅޭގޮތުން ސުޕަވައިޒަރުން އަންނަނިވި ޒިންމާތައް އަދާކުރާން ވާނެއެވެ:

  1. ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާ ކެނޑިޑޭޓުން ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރި ކުރުވައި، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގައި އެ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނު އެންމެ ރަނގަޅު ގޮތުގައި ދިނުން؛
  2. ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ ކެނޑިޑޭޓުންގެ މަސައްކަތް ބަލައި ވަޒަންކުރުން؛
  3. ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާ ކެނޑިޑޭޓުންގެ ހާާޟިރީ ބަލަހައްޓައި، ކެނޑިޑޭޓުން ކުރާ މަސައްކަތުގެ ރެކޯޑު ގަވާއިދުން ބެލެހެއްޓުން؛
  4. ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާ މުއްދަތުގައި ކޮންމެ 6 (ހައެއް) މަހުން އެއްފަހަރު ބާ ކައުންސިލުން ކަނޑައަޅައިފައިވާ ނަމޫނާއާ އެއްގޮތަށް 'ޕްރޮގްރެސް ރިޕޯޓް' ހުށައެޅުން؛ އަދި
  5. ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި ކެނޑިޑޭޓުގެ ތަމްރީނާ ގުޅޭގޮތުން  މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ރިޕޯޓް އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުން.

(ށ) ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާ ކެނޑިޑޭޓުންނަށް އެންމެ އެކަށީގެންވާ އަމަލީ ތަޖުރިބާއާއި ތަމްރީނު ލިބިދެވޭކަން ކަށަވަރު ކުރުމަށްޓަކައި، ސުޕަވައިޒަރެއްގެ ދައުރު އަދާކުރާ މީހަކު، އެމީހެއްގެ މަސްއޫލިއްޔަތު އެހެން މީހަކާ ހާަވާލު ކޮށްގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - ރިޕޯޓު

(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަ ކުރާންޖެހޭ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ކެނޑިޑޭޓުން، ތަމްރީނުގެ މުއްދަތުގައި ކުރާ މަސައްކަތާއި، ކެނޑިޑޭޓުންގެ މަސައްކަތުގެ ސުލޫކާ ގުޅޭގޮތުން ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ރިޕޯޓު، އެ ކެނޑިޑޭޓުންގެ ސުޕަވައިޒަރުން ބާ ކައުންސިލަށް ހުށަހަޅާން ވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ރިޕޯޓަކީ،
ބާ ކައުންސިލުން އެކުލަވައިލާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ވާންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ ރިޕޯޓާ އެކު، ތަމްރީނު ފުރިހަމަކުރި ކެނޑިޑޭޓަކީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހެއްގައި ހުންނަންޖެހޭ އަހުލާގާއި ސުލޫކު ހުރި މީހެއްކަން ނުވަތަ ނޫންކަން ސަބަބު ބަޔާންކޮށް، ތެދު ބަޔާނެއް އެ ކެނޑިޑޭޓެއްގެ ސުޕަވައިޒަރަކު ބާ ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ސުޕަވައިޒަރުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގައި ސުޕަވައިޒަރުން ފަރުވާކުޑަ ކޮށްފިނަމަ، ނުވަތަ ގަސްތުގައި އިހުމާލު ވެއްޖެނަމަ، ނުވަތަ ސަައްހަަނޫން މައުލޫމާތެއް ހުށަހަޅައިފިނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ސުޕަވައިޒަރަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބައި – ހުވައިކުރުމާއި ހުއްދަ ދޫކުރުން


 
12 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 2 މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ބާ ކައުންސިލަށް ހުށަހަޅަންވާނީ، މި ބައިގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ބާ ކައުންސިލަށް ހުށަހެޅުމުން، މިގަވާއިދުގައި ބަޔާން ކޮށްފައިވާ ށަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަ ވެފައިވާކަން، ލައިސެންސިންގ ކޮމިޓީން ކަށަވަރު ކުރަންވާނެއެވެ.

(ނ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި ގާނޫނީ ވަކީލު ކަމުގެ ހުވައިކުރުމުގެ އިންތިޒާމު އެގްޒެކެޓިވް ކޮމިޓީން ހަމަޖައްސަން ވާނެއެވެ.

 

13 ވަނަ މާއްދާ - ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުން

(ހ) ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތްތަކުން އަންނަނިވި ލިޔެކިއުންތައް ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1. ގާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ފުރަތަމަ ޑިގްރީގެ ސެޓިފިކެޓްގެ ކޮޕީ؛
  2. މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާ އިމްތިހާާނު ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުން؛
  3. މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާކަމުގެ ލިޔުން؛
  4. ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުމުގެ އިތުރުން، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމާއެކު އެހެން މައުލޫމާތު ހުށަހެޅުމަށް އެންގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

14 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުން

(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު، ގާނޫނީ ވަކީލުކަމުގެ ހުއްދަ އެ ފަރާތަކަށް ދިނުމާމެދު ގޮތެއް ނިންމާނީ ލައިސެންސިންގ ކޮމިޓީގެ ލަފާގެ މަތިން އެގްޒެކެޓިވް ކޮމިޓީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދައިން ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު، އެ ފަރާތަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމައިފިނަމަ، އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އެ ފަރާތަކަށް ލިޔުމުން އަންގަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު، އެ ފަރާތަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ނުދިނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމައިފިނަމަ، ހުއްދަ ނުދިނުމަށް ނިންމި ސަބަބު ބަޔާންކޮށް، އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އެ ފަރާތަކަށް ލިޔުމުން އަންގަން ވާނެއެވެ.

 

ގާނޫނީ ވަކީލުކަމުގެ އިގުރާރުގައި ސޮއިކުރުން (ނޯޓް މި ސުރުހީއަށް ނަންބަރެއް ދެވިފައިނުވޭ)

ގާނޫނީ ވަކީލުކަމުގެ ހުވައިކުރާ ފަރާތްތަކުން ހުވައިކުރުމަށްފަހު، ގާނޫނީ ވަކީލުކަމުގެ އިގްްރާރުގައި ސޮއި ކުރަންވާނެއެވެ. މި އިގުރާރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނީ ވަކީލަކަށްވުމުގެ ސުލޫކު ދަމަހަށްޓަކައި، ގާނޫނީ ވަކީލެއްގެ ޒިންމާ އަދުލުވެރި ކަމާއެކު އަދާކުރުމަށް ވެވޭ އިގުރާރެކެވެ.

 

15 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުން

ގާނޫނީ ވަކީލުކަމުގެ ހުވައިކޮށް، ގާނޫނީ ވަކީލުންގެ އިގުރާރުގައި ސޮއިކުރާ ފަރާތްތަކަށް ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރަންވާނެއެވެ.

 

ފަސްވަނަ ބައި – އެހެނިހެން


16 ވަނަ މާއްދާ - އިސްތިއުނާފުކުރުން

(ހ) މި ގަވާއިދުގެ ދަށުން އެގްޒެކެޓިވް ކޮމިޓީން ނިންމާ އެއްވެސް ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އެޕީލް ކޮމިޓީއަށް ހުށަހެޅުމުގެ ހަައްގު އެ ނިންމުމެއް ރައްދުވި ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާންވާނީ، އެކަމަށްޓަކައި އެޕީލް ކޮމިޓީން ކަނޑައަޅާ ފޯމަކުންނެވެ. މިގޮތުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކާމެދު ގޮތެއް ނިންމާނީ، އެޕީލް ކޮމިޓީން އެކަމަށްޓަކައި ހަދާ ގަވާއިދުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައެވެ.

 

17 ވަނަ މާއްދާ - މުރާޖައާކުރުން

މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގަވާއިދު މުރާޖައާ ކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - މުއްދަތުތައް ގުނުން      

މި ގަވާއިދުގައި ކަނޑައަޅައިފައިވާ މުއްދަތުތައް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ.

 

19 ވަނަ މާއްދާ - ލަފުޒުތަކާއި ޢިބާރާތްތަކުގެ މާނަ         

މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުން ކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނައެވެ:

(ހ) "އެގްޒެކެޓިވް ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން އިންތިހާބު ކޮށްފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އަށެވެ.

(ށ) (އެޕީލް ކޮމިޓީ) ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އެޕީލް ކޮމިޓީގެ ނަމުގައި އުފައްދައިފައިވާ ދާއިމީ ސަބްކޮމިޓީ އަށެވެ.

(ނ) (ލައިސެންސިންގ ކޮމިޓީ) ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން ލައިސެންސިންގ ކޮމިޓީގެ ނަމުގައި އުފައްދައިފައިވާ ދާއިމީ ސަބްކޮމިޓީ އަށެވެ.

(ރ) (ލޯ ފާރމް) ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ، އަދި ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ބާ ކައުންސިލުން ހުއްދަ ދީފައިވާ ޕާޓްނަރށިޕް ތަކަށެވެ.

(ބ) (ލީގަލް ޕްރެކްޓިސް) ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، އަދި ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ބާ ކައުންސިލުން ހުއްދަ ދީފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

(ޅ) (ގާނޫނު) ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށެވެ.

(ކ) (ޖިނާއީ ބޮޑު ކުށެއް) ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްކުށަށެވެ.

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން       

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

21 ވަނަ މާއްދާ - އުވާލެވޭ ގަވާއިދު     

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 12 އޮކްޓޯބަރު 2019 ގައި ގެޒެޓްކުރެވުނު ގަވާއިދު ނަންބަރު 2019-1068 ބާތިލުވީއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-20)

 

އުވާލެވުނު ގަވާއިދު

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1068)

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު