-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު  

(ގަވާއިދު ނަންބަރު 2019-1075)

 

ގަވާއިދު ނަންބަރު 2019-02 (އިލެކްށަންސް ކޮމިށަނުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ކ) އަންނަނިވި ފަދައިން އިސްލާހުކުރުން.

14. މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތައް     

(ކ) ކޮމިށަނުގެ އެއްވެސް ލިޔުމެއް ނުވަތަ ރިކޯޑިންގއެއް ނުވަތަ އޭގެ ނަކަލެއް ވިޔަސް، ގަވާއިދުން އެ ލިޔުމެއް ނުވަތަ ރިކޯޑިންގއެއް ނުވަތަ އޭގެ ނަކަލެއް ދައްކަންޖެހޭ މީހަކަށް ފިޔަވައި އެހެން މީހަކަށް ދައްކައިގެން ނުވާނެއެވެ. އަދި ދީގެންވެސް ނުވާނެއެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެއް ގަވާއިދުން އެކަމެއް އަންގަންޖެހޭ މީހަކަށް ފިޔަވައި އެހެން މީހަކަށް އަންގައިގެން ނުވާނެއެވެ. މި މާއްދާގައި މިހެން އޮތްނަމަވެސް، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ) މިއިން އިސްތިސްނާވެއެވެ.

 

2 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ޑ) އަންނަނިވި ފަދައިން އިސްލާހުކުރުން.

14. މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތައް     

(ޑ) އެއްވެސް މުވައްޒަފެއްގެ އިހުމާލުން ކޮމިށަނުގެ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ އެއްޗެއްގެ ބަދަލު، މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތީން، އެ މީހަކު ކޮމިށަނަށް ދޭންވާނެއެވެ.

 

3 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) އަންނަނިވި ފަދައިން އިސްލާހުކުރުން.

21. މުވައްޒަފުން އެދިގެން ވަޒީފާއިން ވަކިކުރުން

(ނ)  ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް، ކޮމިށަނަށް ދޭންވާނެއެވެ. މި މުއްދަތު ހަމަވުމުގެ ކުރިން، އެ މަގާމަށް ހަމަޖައްސާނެ މީހަކު ލިބިއްޖެނަމަ، ނުވަތަ ވަކިވާން އެދިފައިވާ މުވައްޒަފާ ހަވާލުވެފައިވާ މަސައްކަތްތަކާއި، ތަކެއްޗާއި، ފައިސާއާބެހޭ ކަންތައްތައް ހުރިގޮތް ބަލައި، އެ ކަންކަން ނިމިއްޖެނަމަ، އެ މުއްދަތުގެ ކުރިންވެސް އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

 

4 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) އަންނަނިވި ފަދައިން އިސްލާހުކުރުން.

28.މުސާރަ ނުލިބޭ ޗުއްޓީ      

(ހ) ކޮމިށަނުގެ މުވައްޒަފަކު، މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ކޮމިށަނުން އެގޮތަށް ނިންމުމުންނެވެ.

 

5 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 1 އުނިކުރުން.

 

6 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 2 އަކީ، އެ މާއްދާގެ (ހ) ގެ 1 ކަމުގައި ހަމަޖެއްސައި، އަންނަނިވި ދެ އަކުރު އޭގެ ފަހަތަށް އިތުރުކުރުން.

28 .މުސާރަ ނުލިބޭ ޗުއްޓީ

(1) (ހ) (ނ) ތިމާއަށް ޞިއްހި ފަރުވާއެއް ކުރުން ނުވަތަ ތިމާ ބަލަންޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށްޓަކައި މުސާރަ ނުލިބޭގޮތަށް އެންމެ ދިގު މުއްދަތަކަށް ވީއްލޭނީ 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ. އަދި އެ މުއްދަތަކީ މުވައްޒަފު ޚިދުމަތުގައި ދެމިހުރި މުއްދަތެއް ކަމުގައި ނުގުނޭނެއެވެ.

(ރ) މިފަދަ ހާލަތެއްގައި މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލަންވާނީ، އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީއެއް، ސަލާމެއް، އާއިލީ ޒިންމާގެ ޗުއްޓީއެއް ނެތްނަމައެވެ.

 

7 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު އަންނަނިވި ފަދައިން އިސްލާހުކުރުން.

28. މުސާރަ ނުލިބޭ ޗުއްޓީ

(ހ) 2. ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ދަރިފުޅުގެ މަންމަޔަށް ނުވަތަ ބައްޕަޔަށް ހަމައެކަނި ދަރިފުޅު ބެލުމަށްޓަކައި، 1 (އެކެއް) އަހަރުދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ. މި ޗުއްޓީ ބޭނުންވާނަމަ، އަންހެން މުވައްޒަފަކަށް ވިހެއުމާ ގުޅިގެން އޭނާއަށް ދޭ ޗުއްޓީ ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން ޗުއްޓީ ނެގުމަށް އެދެންވާނެއެވެ.

 

8 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު އުނިކުރުން.

 

9 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ 1 ވަނަ މާއްދާގެ 1.1  އަންނަނިވި ފަދައިން އިސްލާހުކުރުން.

1. ތަޢާރަފު    

1.1 މިއީ މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ އިލެކްށަންސް ކޮމިށަނުގެ ހިއުމަން ރިސޯސް ޕެނަލްގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، ޕެނަލްގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

 

10 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 5 ވަނަ މާއްދާގެ 5.1 ގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން. 

5. ޕްރޮބޭށަންގެ މުއްދަތު  

5.2 މި މާއްދާގެ 5.1 ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނުގެ ސީނިއަރ އޮފިސަރުން ފެށިގެން މަތީގެ މަގާމުތަކަށް މީހުން ހޯދުމަށް ކޮމިށަނުގެ އެތެރޭގައި ފުރަތަމަ އިއުލާނުކޮށް، ކޮމިށަނުން ކަނޑައަޅާ ކްރައިޓީރިޔާއާ އެއްގޮތަށް އެ މަގާމަށް އެކަށީގެންވާ މީހަކު ހުރިކަމަށް ކޮމިށަނަށް ފެނި، އެ ފަރާތަކަށް އެ ވަޒީފާއެއް ދީފިނަމަ، މި މާއްދާގެ 5.1 ގައި ބަޔާންކުރާ ޕްރޮބޭށަންގެ މުއްދަތެއް ނޯންނާނެއެވެ. 

 

11 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ މާއްދާގެ 8.4 އަންނަނިވި ފަދައިން އިސްލާހުކުރުން.

8. ވަގުތީ ވަޒީފާގައި މީހުން ގެންގުޅުން

8.4 ވަގުތީ މުވައްޒަފަކު، މަގާމުގެ މަސައްކަތަށް ފަރުވާކުޑަކުރާކަމަށް ސެކްށަނުގެ ވެރިޔާއަށް ފެނި، އެކަން އިސްލާހުކުރުމަށް އެންގުމުންވެސް އެކަން އިސްލާހު ނުކޮށްފިނަމަ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ މުވައްޒަފަކަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 9 ވަނަ މާއްދާގެ 9.2 އަންނަނިވި ފަދައިން އިސްލާހުކުރުން.

9. ވަޒީފާއިން ވަކިކުރުން  

9.2 މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ހާލަތަކަށް އޭނާގެ ޢަމަލުތައް ހިނގައްޖެކަމަށް ސެކްރެޓަރީ ޖެނެރަލަށް ފެނިއްޖެނަމަ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސެކްރެޓަރީ ޖެނެރަލް ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު،  އެ މައްސަލަ ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

 

13 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 10 ވަނަ މާއްދާގެ 10.3 އަންނަނިވި ފަދައިން އިސްލާހުކުރުން.

10. މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިކުރުން     

10.3 ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތު ކޮމިށަނަށް ދޭންވާނެއެވެ. މި މުއްދަތު ހަމަވުމުގެ ކުރިންވެސް ކޮމިށަނަށް ފެނިއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ. އަދި އެދިފައިވާ ސަބަބަކީ މަޤްބޫލު ސަބަބެއްނަމަ، އެ ސަބަބަކަށް ރިޢާޔަތް ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 9 ވަނަ މާއްދާގެ 9.1 ގެ 3 ވަނަ ނަންބަރު އަންނަނިވި ފަދައިން އިސްލާހުކުރުން.

9. ކުށުގެ ދަރަޖަތައް     

9.1 3. ވަޒީފާއަށް ހާޒިރުވުމުގައި 1 (އެކެއް) މަސްދުވަހުގެ ތެރޭގައި 2 (ދޭއް) ދުވަހު ގަޑިޖެހި، ގަޑިޖެހުނު މިނެޓުގެ އަދަދު 40 (ސާޅީސް) މިނެޓަށްވުރެ އިތުރުވުން، ނުވަތަ އަހަރުދުވަހުގެ ތެރޭގައި 10 (ދިހައެއް) ދުވަހު ގަޑިޖެހި، ގަޑިޖެހުނު މިނެޓުގެ އަދަދު 135 (އެއްސަތޭކަ ތިރީސް ފަހެއް) މިނެޓަށްވުރެ އިތުރުވުން.

 

15 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 9 ވަނަ މާއްދާގެ 9.2 ގެ 3 ވަނަ ނަންބަރު އަންނަނިވި ފަދައިން އިސްލާހުކުރުން.

9. ކުށުގެ ދަރަޖަތައް   

9.2 3. މި ޖަދުވަލުގެ 9.1 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް ތަކުރާރު ކުރުމުގެ ސަބަބުން 3 (ތިނެއް) ފަހަރު އަނގަބަހުން ނަސޭހަތް ދިނުން.

 

16 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 9 ވަނަ މާއްދާގެ 9.3 ގެ 26 ވަނަ ނަންބަރުގެ ފަހަތަށް، އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

9. ކުށުގެ ދަރަޖަތައް   

9.3 27. ކުށުގެ ދަރަޖަ 2 ގައިވާ ކަމެއް އިސްލާހުކުރަން، މި އުސޫލުގެ 9.2 ގައިވާ ގޮތުގެ މަތިން އެންގުމުން ވެސް، (މި އުސޫލުގެ 9.2 ގެ 3 (ތިނެއް) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ފިޔަވައި) އެ ކަންތައް އިސްލާހުނުކޮށް،    އެ ކުށެއް ތަކުރާރުކުރުން.

 

17 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 9 ވަނަ މާއްދާއަށް، އަންނަނިވިގޮތަށް ނަންބަރެއް އިތުރުކުރުން.

9. ކުށުގެ ދަރަޖަތައް         

9.4 މި ޖަދުވަލުގެ 9.2 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް ތަކުރާރު ކުރުމުގެ ސަބަބުން 3 (ތިނެއް) ފަހަރު، ލިޔުމުން ނަސޭހަތް ދެވިއްޖެ ނަމަ، ލިޔުމުން      އެ މުވައްޒަފަކަށް އިންޒާރު ދޭންވާނެއެވެ.

 

18 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 14 ވަނަ މާއްދާގެ 14.1 އަންނަނިވި ފަދައިން އިސްލާހުކުރުން.

14. އިސްލާހި ފިޔަވަޅު ބާތިލުވުން

14.1 މުވައްޒަފަކާ މެދު އިސްލާހި ފިޔަވަޅު އަޅައި، އެކަން ތަކުރާރުނުކޮށް 1 (އެކެއް) އަހަރުދުވަސްވުމުން، އެ އިސްލާހި ފިޔަވަޅު ބާތިލުވީއެވެ.

 

19 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 ގެ 2 ވަނަ މާއްދާގެ 2.1 އަންނަނިވި ފަދައިން އިސްލާހުކުރުން.

2. ކޮމިށަނުގެ މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި ބަލާނެ ކަންތައްތައް         

2.1 މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްޓަކައި އިލެކްށަންސް ކޮމިށަނުގެ ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާރފޯމަންސް އެޕްރައިޒަލުން އެވްރެޖް މާކްސް %75 (ހަތްދިހަ ފަހެއް އިންސައްތަ) އަށްވުރެ މަތިން ހޯދައިފައިވުން.

 

20 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 ގެ 2 ވަނަ މާއްދާގެ 2.3 އަންނަނިވި ފަދައިން އިސްލާހުކުރުން.

2. ކޮމިށަނުގެ މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި ބަލާނެ ކަންތައްތައް         

2.3 ފާއިތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ލިޔުމުން އިންޒާރުދީފައި ނުވުން.

 

21 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 ގެ 2 ވަނަ މާއްދާގެ 2.4 އަންނަނިވި ފަދައިން އިސްލާހުކުރުން.

2. ކޮމިށަނުގެ މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި ބަލާނެ ކަންތައްތައް               

2.4 ފާއިތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ވަކި މުއްދަތަކަށް އޮފީހަށް ނުނުކުތުމަށް އަންގައިފައިވާ މުވައްޒަފަކަށް ނުވުން.

 

22 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 2 ވަނަ މާއްދާގެ 2.12 ގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

2. ކޮމިށަންގެ ރަސްމީ މަސައްކަތު ދުވަހާއި ގަޑި

2.13 މުވައްޒަފަކު އަމިއްލަ ބޭނުމަކު ރަސްމީ ގަޑީގައި އޮފީހުން ބޭރަށްދިޔަ ނަމަ، އެ މުވައްޒަފެއްގެ އިތުރުގަޑި ގުނަން ފަށާނީ އޮފީހުގެ މަސައްކަތުގައި، ރަސްމީ މަސައްކަތު ގަޑި 7 (ހަތެއް) ގަޑިއިރު ހަމަކުރާ ވަގުތުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 6 ވަނަ މާއްދާގެ 6.1 އަންނަނިވި ފަދައިން އިސްލާހުކުރުން.

6. ޗުއްޓީއަށް އެދުމާއި، ޗުއްޓީ ދިނުން

6.1 އަހަރީ ޗުއްޓީ ނަގަން ބޭނުންވާ މުވައްޒަފުން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުން ނުވަތަ އެޗް.އާރު ސިސްޓަމުން، ޗުއްޓީ ފަށަން ގަސްތުކުރާ ދުވަހުގެ މަދުވެގެން ރަސްމީ މަސައްކަތުގެ 2 (ދޭއް) ދުވަހުގެ ކުރިން މުވައްޒަފުންނާ ބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ހުށަހަޅަންވާނެއެވެ.

 

24 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 7 ވަނަ މާއްދާގެ 7.16 ގެ ފަހަތަށް އަންނަނިވި ފަދައިން ތިން ނަންބަރު އިތުރުކުރުން.

7. ސަލާން ބުނުން    

7.17 ހަފުތާ ބަންދާ ގުޅިގެން އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު ސަލާމުގެ ޗުއްޓީއެއްގައި ހުރެއްޖެ ނަމަ، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައިހުރި ދުވަހަށް، ބަލީގެ ބާވަތާއި، ވަޒީފާއަށް ނުނިކުމެވުނު ސަބަބު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ޞިއްހި މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަން ވާނެއެވެ.

7.18 އަހަރީ ޗުއްޓީ ފެށޭ ދުވަހުގެ ކުރީ ދުވަހާއި ޗުއްޓީ ނިމޭ ދުވަހުގެ ފަހުދުވަހު މުވައްޒަފަކު ސަލާމުގެ ޗުއްޓީގައި ހުރެއްޖެ ނަމަ، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައިހުރި ދުވަހަށް، ބަލީގެ ބާވަތާއި، ވަޒީފާއަށް ނުނިކުމެވުނު ސަބަބު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ޞިއްހި މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަން ވާނެއެވެ.

7.19 ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ކުރީ ދުވަހާއި ރަސްމީ ބަންދު ދުވަހެއްގެ ފަހުދުވަހު މުވައްޒަފަކު ސަލާމުގެ ޗުއްޓީގައި ހުރެއްޖެ ނަމަ، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައިހުރި ދުވަހަށް، ބަލީގެ ބާވަތާއި، ވަޒީފާއަށް ނުނިކުމެވުނު ސަބަބު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ޞިއްހި މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަން ވާނެއެވެ.

 

25 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 8 ވަނަ މާއްދާގެ 8.8 އަންނަނިވި ފަދައިން އިސްލާހުކުރުން.

8. އަހަރީ ޗުއްޓީ           

8.8 އަހަރީ ޗުއްޓީ ނަގަން ބޭނުންވާ މުވައްޒަފުން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުން ނުވަތަ އެޗް. އާރް ސިސްޓަމުން ޗުއްޓީ ފަށަން ގަސްތުކުރާ ދުވަހުގެ މަދުވެގެން ރަސްމީ މަސައްކަތު 2 (ދޭއް) ދުވަހުގެ ކުރިން މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ހުށަހަޅަންވާނެއެވެ.

 

26 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 9 ވަނަ މާއްދާގެ 9.3 އަންނަނިވި ފަދައިން އިސްލާހުކުރުން.

9. އާއިލީ ޒިންމާގެ ޗުއްޓީ      

9.3 އާއިލީ ޒިންމާގެ ޗުއްޓީ ނަގާ މުވައްޒަފުން، ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ހާޒިރުވާ ފުރަތަމަ ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރިން، އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުން ނުވަތަ އެޗް. އާރު. ސިސްޓަމުން މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ހުށަހަޅަންވާނެއެވެ.

 

27 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 9 ވަނަ މާއްދާގެ 9.4 އަންނަނިވި ފަދައިން އިސްލާހުކުރުން.

9. އާއިލީ ޒިންމާގެ ޗުއްޓީ     

9.4 ކުރިއަށް ރާވައިގެން އާއިލީ ޒިންމާގެ ޗުއްޓީ ނަގަން ބޭނުންވާ މުވައްޒަފުން ޗުއްޓީއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމުން ނުވަތަ އެޗް. އާރު. ސިސްޓަމުން ހުށަހެޅުމުން ދުރާލައި އެ ޗުއްޓީ ދެވިދާނެއެވެ.  

 

28 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 9 ވަނަ މާއްދާގެ 9.5 ގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

9. އާއިލީ ޒިންމާގެ ޗުއްޓީ       

9.6    މި ގަވާއިދުގެ ޖަދުވަލު 6 ގެ 7.17 އާއި 7.18 އާއި 7.19 ގައި ބަޔާންކޮށްފައިވާ ދުވަސްތަކުގައި އާއިލީ ޒިންމާގެ ޗުއްޓީ ނެގުމަކީ މި ކޮމިށަނުން ހިތްވަރުދޭ ކަމެއް ނޫނެވެ. އަދި މި ދުވަސްތަކުގައި އާއިލީ ޒިންމާގެ ޗުއްޓީގައި ހުރެއްޖެ ނަމަ، އަންނަނިވި ގޮތަށް ޢަމަލު ކުރަންވާނެއެވެ؛

(ހ) އާއިލީ ޒިންމާގެ ޗުއްޓީއަށް އެޗް. އާރު ސިސްޓަމުން ރިކުއެސްޓް ކުރުމާއެކު، އާއިލީ ޒިންމާގެ ހުރި ސަބަބު ބަޔާންކޮށް ސިޓީއަކުން ހުށަހަޅަންވާނެއެވެ.

(ށ) އާއިލީ ޒިންމާގެ ޗުއްޓީއަކީ، އެ ޗުއްޓީ ނެގުމަށް ލާޒިމުވެގެން ނަގާ ޗުއްޓީއަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ނަގާ އާއިލީ ޒިންމާގެ ޗުއްޓީ ގަބޫލުނުކުރުމުގެ އިޚްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 10 ވަނަ މާއްދާގެ 10.9 އަންނަނިވި ފަދައިން އިސްލާހުކުރުން.

10. ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި، ދަރިއަކު ޚިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ         

10.9 މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށްފައި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 1 (އެކެއް) އަހަރުދުވަސް ވަންދެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަށްޓަކައި، މުސާރައިން ނުކެނޑޭގޮތަށް، ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް، އިތުރު ހުސް ވަގުތު ކޮޅެއް، މަސައްކަތުގެ ވަގުތުގެ ތެރެއިން 2 (ދޭއް) ފަހަރު ދޭންވާނެއެވެ. މިގޮތުން ކޮންމެ ފަހަރަކުވެސް ދޭންވާނީ 30 (ތިރީސް) މިނެޓެވެ.

 

30 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 10 ވަނަ މާއްދާގެ 10.13 އަންނަނިވި ފަދައިން އިސްލާހުކުރުން.

10. ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި، ދަރިއަކު ޚިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ         

10.13 މުވައްޒަފެއްގެ ދަރިޔަކު ޚިތާނުކުރުމުން، ޚިތާނުކުރާ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް، ބަންދުދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ. މިފަދަ ޗުއްޓީއެއް ބޭނުންވާ މުވައްޒަފުން ޗުއްޓީ ފަށަން ބޭނުންވާ ދުވަހުގެ ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ކުރިން ލިޔުމުން ނުވަތަ     އެޗް. އާރު. ސިސްޓަމުން ހުށަހަޅަންވާނެއެވެ. 

 

31 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 12 ވަނަ މާއްދާގެ އަރިމަތީ ސުރުޚީއާއި މި މާއްދާގެ 12.1.3 އަންނަނިވި ފަދައިން އިސްލާހުކުރުން. 

12. ވަގުތީގޮތުން ނަގާ މުވައްޒަފުންގެ ޕްރޮބޭށަނުގެ މުއްދަތާއި، ޗުއްޓީ        

12.1.3 (ހ) 6 (ހައެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އާއިލީ ޒިންމާގެ ޗުއްޓީގެގޮތުގައި ދެވޭނީ، ގިނަވެގެން 5 (ފަހެއް) ދުވަހެވެ.

(ށ) 3 (ތިނެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އާއިލީ ޒިންމާގެ ޗުއްޓީގެގޮތުގައި ދެވޭނީ، ގިނަވެގެން 2 (ދޭއް) ދުވަހެވެ.

(ނ) 1 (އެކެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އާއިލީ ޒިންމާގެ  ޗުއްޓީގެގޮތުގައި  ދެވޭނީ، ގިނަވެގެން 1 (އެކެއް) ދުވަހެވެ.

 

32 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 13 ވަނަ މާއްދާ އުނިކުރުން. 

 

33 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 14 ވަނަ މާއްދާގެ 14.4 އަންނަނިވި ފަދައިން އިސްލާހުކުރުން. 

14. ޚާއްޞަ ހާލަތަކާ ގުޅިގެން ނުވަތަ ޞިއްހި ފަރުވާގެ ބޭނުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ވީއްލުން

14.4 މި މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަކަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނީ ގިނަވެގެން 3 (ތިނެއް) މަސްދުވަހަށެވެ.

 

34 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 14 ވަނަ މާއްދާގެ 14.9 އަންނަނިވި ފަދައިން އިސްލާހުކުރުން.

14. ޚާއްޞަ ހާލަތަކާ ގުޅިގެން ނުވަތަ ޞިއްހި ފަރުވާގެ ބޭނުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ވީއްލުން   

14.9   މުސާރަ ނުލިބޭގޮތަށް ވީއްލައިފައިވާ މުވައްޒަފަކު، އެ މުވައްޒަފަކު ވީއްލި ބޭނުން ނޫން އެހެން ބޭނުމަކަށް ވީއްލި މުއްދަތުގެ ބޭނުންކުރާނަމަ، ނުވަތަ މުސާރަ ނުލިބޭގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު އޮފީހުގެ ވަޒީފާއަށް ނުނިކުންނަނަމަ، ނުވަތަ ވީގޮތެއް ނާންގައި 7 (ހަތެއް) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

35 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 7 ގެ 1 ވަނަ މާއްދާގެ 1.1 އަންނަނިވި ފަދައިން އިސްލާހުކުރުން.

1. ތަޢާރަފު        

1.1 މިއީ އިލެކްށަންސް ކޮމިށަނުގެ ގަވާއިދުގެ 35 ވަނަ މާއްދާއާ ހަވާލާދީ ކޮމިށަނުގެ ޖަލްސާތައް ބޭއްވުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

 

36 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 7 ގެ 4.7 ގެ ފަހަތަށް އަންނަނިވި ފަދައިން ދެ ނަންބަރު އިތުރުކުރުން. 

7. ކޮމިށަނުގެ ނިންމުންތަކަށް ޢަމަލުކުރުމާއި، ޖަލްސާތަކުގެ ޔައުމިއްޔާ          

4.8 ކޮމިށަނުގެ ނުރަސްމީ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް، އެންޑޯސްކުރުމަށް ކޮމިށަނުގެ ރަސްމީ ޖަލްސާއަށް، ހުށަހެޅުމަކީ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.

4.9 ކޮމިށަނުގެ ނުރަސްމީ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަކީ، ރަސްމީ ޖަލްސާތަކުގައި އެންޑޯސްނުކުރާ ނިންމުންތަކެއް ނަމަ، އެއީ ރަސްމީ ނިންމުމެއް ގޮތުގައި ނުބެލެވޭނެއެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ 7 ވަނަ މާއްދާގެ 7.1.3 އަންނަނިވި ފަދައިން އިސްލާހުކުރުން.

7.    ޕްރޮބޭށަންގެ މުއްދަތާއި ޗުއްޓީ

7.1.3  (ހ) 6 (ހައެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އާއިލީ ޒިންމާގެ ޗުއްޓީގެގޮތުގައި ދެވޭނީ، ގިނަވެގެން 5 (ފަހެއް) ދުވަހެވެ.

(ށ) 3 (ތިނެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އާއިލީ ޒިންމާގެ ޗުއްޓީގެގޮތުގައި ދެވޭނީ، ގިނަވެގެން 2 (ދޭއް) ދުވަހެވެ.

(ނ) 1 (އެކެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އާއިލީ ޒިންމާގެ  ޗުއްޓީގެގޮތުގައި ދެވޭނީ، ގިނަވެގެން 1 (އެކެއް) ދުވަހެވެ.

 

38 ވަނަ މާއްދާ -   ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ 8 ވަނަ މާއްދާގެ 8.1 ގެ 2 ވަނަ ނަންބަރު އަންނަނިވި ފަދައިން އިސްލާހުކުރުން.

8. ވަޒީފާއިން ވަކިކުރުން      

8.1 2.  ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކޮމިށަނުން ނިންމުން.

 

39 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 9 ގެ 1 ވަނަ މާއްދާގެ 1.1 އަންނަނިވި ފަދައިން އިސްލާހުކުރުން.

1. ތަޢާރަފު        

1.1 މިއީ އިލެކްށަންސް ކޮމިށަން ހުޅުވައިލެއްޕުމާއި، ސެކްށަންތަކުގެ ތަޅުދަނޑި ދޫކުރުމާއި، ތަޅުދަނޑި ހަވާލުކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

 

40 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 9 ގެ 3 ވަނަ މާއްދާގެ 3.2 އަންނަނިވި ފަދައިން އިސްލާހުކުރުން.

3. އޮފީސް ހުޅުވުމަށްޓަކައި ތަޅުދަނޑި ގެނައުމާއި، ތަޅުދަނޑި ގެންދިއުން               

3.2 މި އުސޫލުގެ 3.1 ވަނަ މާއްދާގައިވާ މުވައްޒަފުންނަކީ، ކޮމިށަނުގެ ތަޅުދަނޑި ގެނެސް ގެންދިއުމުގެ ހުއްދަ ލިބިފައިވާ މުވައްޒަފުންނަށް ވާންވާނެއެވެ.

 

41 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 9 ގެ 6 ވަނަ މާއްދާގެ 6.2 އަންނަނިވި ފަދައިން އިސްލާހުކުރުން.

6. އެހެނިހެން       

6.2 ކޮމިށަނުގެ މެންބަރަކު އޮފީސް ހުޅުވަން ބޭނުންވެއްޖެނަމަ، އެކަން އިންތިޒާމުކުރާނީ، ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށް ކޮމިށަނަރސް ބިއުރޯ ހިންގުމާ ހަވާލުވެހުރި ފަރާތް  ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި މުވައްޒަފެކެވެ.

 

42 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 10 ގެ 8 ވަނަ މާއްދާގެ 8.1 އަންނަނިވި ފަދައިން އިސްލާހުކުރުން.

8. ރަޖިސްޓަރީ ބެލެހެއްޓުން    

8.1 ކޮމިށަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ބަލަހައްޓަމުން ގެންދަންވާނީ، މި އުސޫލުގައިވާ ގޮތުގެ މަތިން، ކޮމިށަނުގެ މުވައްޒަފުންނާ ބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނުންނެވެ.

 

43 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

44 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގަވާއިދު

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު