-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2019-1073)

 

ގަވާއިދު ނަންބަރު 2019-02 (އިލެކްށަންސް ކޮމިށަނުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ މާއްދާގެ 2.3 ގެ ފެށޭ އިބާރާތް އަންނަނިވި ފަދައިން އިސްލާހު ކުރުން.

2. ވަޒީފާއަށް މީހުން ހޯދުމަށް އިއުލާނު ކުރުން

(3) ކޮމިށަނުގެ ސީނިއަރ އޮފިސަރުން ފެށިގެން މަތީ މަގާމުތަކަށް މީހުން ހޯދުމަށް ފުރަތަމަ އިއުލާނު ކުރާނީ މި ކޮމިށަނުގެ އެތެރޭގައި، ކޮމިށަނުގެ މުވައްޒަފުންނަށެވެ. ކޮމިށަނުގެ އެތެރޭގައި މި މަގާމުތަކަށް އިއުލާނުކޮށް، ކޮމިށަނުން ކަނޑައަޅާ ށަރުތުތަކާ އެއްގޮތަށް އެ މަގާމަށް އެކަށީގެންވާ މީހަކު ހުރިކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، އެ މަގާމު އެ ފަރާތަކަށް ދޭންވާނެއެވެ. އަދި އެފަދަ ފަރާތެއް ނެތްކަމަށް ކޮމިށަނުން ކަނޑައަޅައިފި ނަމަ، އެ މަގާމުތަކަށް މީހުން ހޯދުމަށް އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ. މީހުން ހޯދުމަށް ކުރާ އިއުލާނުތަކުގައި، އެންމެ މަދުވެގެން ވެސް، ތިރީގައިވާ މައުލޫމާތު ހުންނަންވާނެއެވެ.

  1. މަގާމުގެ ނަން.
  2. ވަޒީފާ އަދާކުރަންޖެހޭ ތަން.
  3. މަގާމުގެ ރޭންކާއި ށަރުތުތައް.
  4. މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު.
  5. މުސާރައާއި، މުސާރައިގެ އިތުރަށް ދެވޭ އެލަވަންސާއި އިނާޔަތްތައް.
  6. ހުށަހަޅަންޖެހޭ ތަކެތި.
  7. ޓެސްޓެއް ނުވަތަ ޕްރެޒެންޓޭށަނެއް ދޭންޖެހޭ ފަދަ މަގާމެއްނަމަ އެކަން.
  8. ވަޒީފާއަކީ، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހިންނަށް އެކަނި ކުރިމަތިލެވޭނެ ވަޒީފާއެއްކަން ބަޔާންކުރުން.
  9. ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހު.

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު