-

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 39/2016) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު  

(ގަވާއިދު ނަންބަރު 1071/2019)

 

މިއީ، ގަވާއިދު ނަންބަރު 39/2016 (އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު) އަށް އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އުނިކުރުން.

5 ދަފުތަރުގައި މީހުން ހިމެނުން

(ހ) އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރުގައި ހިމެނުމަށްޓަކައި އެޖެންސީގައި އެދެންވާނީ، އެކަމަށް އެޖެންސީން ކަނޑައަޅާ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގެ ޒަރީއާއިންނެވެ. މި ފޯމު ލިބެން ހުންނާނީ އެޖެންސީގެ ކައުންޓަރުންނާއި އެޖެންސީގެ ވެބްސައިޓުންނެވެ. މި ފޯމު ހުށަހަޅަންވާނީ، އެޖެންސީއަށް ނުވަތަ އެޖެންސީން ކަނޑައަޅާ ތަނަކަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

9 ށަރުތުތަކުން އިސްތިސްނާ ހާލަތްތައް

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، އެހީއަށް އެދޭ ފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާ 6 (ހައެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒުކުރުމަށް ބަންދުގައިވާ ނަމަ، އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެން ށަރުތުތައް ފުރިހަމަވާ ނަމަ، އެ ހުކުމެއްގެ މުއްދަތަށް އެހީ ދިނުމަކަށްއެ މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، އެހީއަށް އެދޭ ފަރާތުގެ ދަރިން އެ ފަރާތާ ދުރުގައި ތިބޭ ނަމަ، އެ ފަރާތަކަށް އެހީއަށް އެދި ހުށަހެޅިދާނެއެވެ.

  1. ތައުލީމު ހާސިލުކުރުމަށް މަންމަޔާ ނުވަތަ ބައްޕަޔާ ދުރުގައި ކުއްޖާ ނުވަތަ ކުދިން އެހެން ރަށެއްގައި ހުންނަންޖެހުން.
  2. ކުއްޖާ ނުވަތަ ކުދިންގެ ބަލި ހާލަތު ހުރިގޮތުން މަންމަޔާ ނުވަތަ ބައްޕަޔާ ދުރުގައި އެހެން ރަށެއްގައި ހުންނަންޖެހުން.
  3. ކުއްޖާ ނުވަތަ ކުދިން ބަލަހައްޓާ މަންމަގެ ނުވަތަ ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން ކުއްޖާޔާ ނުވަތަ ކުދިންނާ ދުރުގައި ހުންނަން ޖެހުން.
  4. އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރުމަށް ކުއްޖާޔާ ނުވަތަ ކުދިންނާ ދުރުގައި މަންމަ ނުވަތަ ބައްޕަ ހުންނަން ޖެހުން.

(ނ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، ހާލަތަށް ރިއާޔަތްކޮށްފައި އެހީ ހަމަޖައްސައިދިނުމުގެ އިހްތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

11 - މީލާދީ މަހަކަށް އެހީގެ ގޮތުގައި މީހަކަށް ދެވޭނެ މިންވަރު

މި ގަވާއިދުގެ ދަށުން، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދޭ މާލީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި ގިނަވެގެން ދެވޭނީ 10,000 (ދިހަހާސް) ރުފިޔާއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

12 މީލާދީ އަހަރަކަށް އެހީގެ ގޮތުގައި މީހަކަށް ދެވޭނެ މިންވަރު

މި ގަވާއިދުގެ ދަށުން، އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 120,000 (އެއްލައްކަ ވިހިހާސް) ރުފިޔާއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އުނިކުރުން.

17(ހ) އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވުން

މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު  ބަދަލުވެއްޖެ ނަމަ، ނުވަތަ އެ ފަރާތުގެ މައުލޫމާތެއް ބަދަލުވެއްޖެ ނަމަ، ނުވަތަ މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބުނެފައިވާ ށަރުތުތަކުން ށަރުތެއް އުނިވެއްޖެ ނަމަ ނުވަތަ ބަދަލުވެއްޖެ ނަމަ، ހާލަތު ބަދަލުވުމުން އަންގާ ފޯމުގެ ޒަރީއާއިން، އެހީ ލިބެމުންދާ ފަރާތުން އެޖެންސީއަށް އެކަން އަންގަންވާނެއެވެ. މި ފޯމު ލިބެން ހުންނާނީ އެޖެންސީގެ ކައުންޓަރުންނާއި އެޖެންސީގެ ވެބްސައިޓުންނެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުން.

ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުން.

(ނ) ހާލަތު ބަދަލުވުމުން އެކަން އެޖެންސީއަށް ނާންގާ ހުއްޓައި، އެހެން އެއްވެސް އިދާރާއަކުން ނުވަތަ ފަރާތަކުން އެޖެންސީއަށް އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ، ނުވަތަ އެޖެންސީން އެހީ ލިބޭ ފަރާތްތަކުގެ ހާލަތު ބެލުމަށް ހިންގާ ޕްރޮގްރާމަކުން އެކަން ފާހަގަ ކުރެވިއްޖެ ނަމަ، އެހީ މެދުކަނޑައިލެވޭނެއެވެ. މިގޮތަށް އެހީ މެދުކަނޑައިލުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ފަރާތެއްގެ ހާލަތު ބަދަލުނުވާކަން ސާބިތުކޮށްދީފި ނަމަ، ވަގުތީގޮތުން އެހީ މެދުކަނޑައިލެވުނު ތާރީޚުން ފެށިގެން އެހީ ކުރިއަށް ގެންދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހާލަތު ބަދަލުވިކަން ސާބިތުވެއްޖެ ނަމަ، ނުވަތަ ދެވިފައިވާ މުއްދަތު ހަމަވީއިރުވެސް ހާލަތު ބަދަލުނުވާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، އެހީ މެދުކަނޑައިލެވުނު ތާރީޚުން ފެށިގެން އެހީ ހުއްޓައިލެވޭނެއެވެ. އަދި މިފަދަ ފަރާތްތަކަށް ދެން އެހީ ދެވޭނީ    އައު ފޯމެއް މެދުވެރިކޮށެވެ.

 

8 ވަނަ މާއްދާ  - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ރ) އުނިކުރުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

19 އެހީ ހުއްޓައިލެވޭނެ ހާލަތްތައް

(ބ) ކުއްޖާގެ ބައްޕައަކީ ނުވަތަ މަންމައަކީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއްކަމުގައިވާ ނަމަ، ބަންދުގެ މުއްދަތު ހަމަވާތާ ނުވަތަ ދޫކޮށްލާތާ 2 (ދޭއް) މަސްދުވަސް ވުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

11 ވަނަ މާއްދާ - ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ކ) އާއި (ޒ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މާނަކުރުން 24 (ކ) "ގޭބިސީ" ކަމުގައި ބުނެފައި އެ ވަނީ، އެއްކޮށް ކައްކައި ކައިބޮއި ނިދައި، ހަރަދު ހިއްސާކުރާ އެންމެންނަށެވެ.

(ޒ) "ފިރިއެއްގެ ނުވަތަ އަންބެއްގެ އެހީތެރިކަމާނުލައި" ކަމުގައި ބުނެފައި އެ ވަނީ، ފިރިމީހާ ނުވަތަ އަނބިމީހާ ބަންދުގައި ހުރެގެން  ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުން ދިއުމުގެ ސަބަބުން ފިރިމީހާ ނުވަތަ އަނބިމީހާގެ އެހީތެރިކަން ނުލިބުމަށެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަކުރެއް އިތުރު ކުރުން.

(ޓ) "ވެބްސައިޓް" ކަމުގައި ބުނެފައި އެ ވަނީ، www.nspa.gov.mv އަށެވެ.

 

13 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 39/2016)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު