-

ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1069/2019)

 

1 ވަނަ މާއްދާ - ތައާރަފު 

މިއީ، ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 10/2008  (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުން ބާރު ލިބިގެން، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ   ގާނޫނު) ގެ 15 ވަނަ މާއްދާގައިވާ ށަރުތުތަކަށް ބަލައި، މި ގާނޫނުގެ 18 ވަނަ މާއްދާގެ    (ހ) އާއި 61 (ކުރީގެ 58) ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ކްރައިޓީރިއާ

ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުކަމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެ ކަމަށް ގާބިލް ފަރާތެއް ހޮވުމަށް މާކްސްދޭނީ، އެ ކޯޓަކަށް ކުރިމަތިލައިފައިވާ ފަރާތްތަކަށް ކަނޑައަޅައިފައިވާ ކްރައިޓީރިއާގައިވާ ގޮތަށެވެ. އެ ކްރައިޓީރިއާއި މާކްސް ދިނުމަށް ކަނޑައަޅައިފައިވާ ބައިތައް ތިރީގައި މިވަނީއެވެ.

  1. ތައުލީމު: 10 (ދިހައެއް) މާކްސް
  2. ތަޖުރިބާ: 20 (ވިހި) މާކްސް
  3. އިންޓަރގްރިޓީ 10 (ދިހައެއް) މާކްސް
  4. އިންޓަވިއު (އިންޓަވިއުގައި ކެންޑިޑޭޓުން ދަރަޖަ ކުރެވޭނީ، އިންޓަވިއުގައި ޕަރފޯމްކުރެވޭ ވަރަކަށް ބަލައިގެން "ހައިލީ ރިކޮމެންޑަޑް" އާއި، "ރިކޮމެންޑަޑް" އާއި، "ނޮޓް ރިކޮމެންޑަޑް" އާ ތިން ދަރަޖައިންނެވެ.)

 

4 ވަނަ މާއްދާ - ސްކްރީން ކުރުން   

(ހ) އިއުލާނުގައިވާ މަގާމަށް އެދި ހުށަހަޅަންޖެހޭ ތާރީހަށް ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށްފައި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައިފައިވާކަން ކަށަވަރުކުރަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މަގާމުގެ އަސާސީ ށަރުތުތަކާއި، އިއުލާނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަވެފައިވޭތޯ ބަލަންވާނެއެވެ.

 

5 ވަނަ މާއްދާ - ތައުލީމުގެ ބަޔަށް މާކްސް ދިނުން

މި ބަޔަށް މާކްސް ދިނުމަށް ކަނޑައަޅައިފައިވާ ކްރައިޓީރިއާގައިވާ ގޮތަށް މާކްސް ދޭންވާނެއެވެ. ތައުލީމުގެ ބަޔަށް މާކްސް ދިނުމުގައި، ތިރީގައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) ތައުލީމީ ފެންވަރު ބެލުމަށް ހުށަހަޅާ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކަކީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތައް އެޓެސްޓްކުރާނީ ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭށަނުގައި ރަޖިސްޓަރީކޮށްފައިވާ ކޮލެޖް/ޔުނިވަސިޓީއަކުންނެވެ.

(ށ) 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީގެ ހުއްދަޔާއެކު ކުރިއަށްގެންދާ ރާއްޖޭގެ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ސެޓުފިކެޓުތައް އެކްރެޑިޓްކޮށްފައި ނެތަސް ބަލައިގަނެވޭނެއެވެ.

(ނ) ތައުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކްސް ދޭނީ އެ މީހަކު ހުށަހަޅައިފައިވާ ސެޓުފިކެޓްތަކަށް ބަލައި ކްރައިޓީރިއާގައި ކަނޑައަޅައިފައިވާ އުސޫލުންނެވެ.

 

6 ވަނަ މާއްދާ – އިންޓަރގްރިޓީ

މި ބަޔަށް މާކްސް ދިނުމުގައި، ކުށުގެ ރެކޯޑު ސާފުކުރަން ކަނޑައެޅިފައިވާ އިދާރާތަކުންނާއި ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ރެކޯޑު ސާފުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - އިންޓަވިއުއަށް ށޯޓްލިސްޓް ކުރުން   

އިންޓަވިއުއަށް ށޯޓްލިސްޓް ކުރާނީ ތިރީގައިމިވާ އުސޫލުތަކުގެ މަތިންނެވެ.

(ހ) އިންޓަރގްރިޓީއަށް ކަނޑައެޅިފައިވާ މާކުހުގެ 80 (އައްޑިހަ) އިންސައްތަ ނުލިބޭ ކެންޑިޑޭޓުން ޑިސްކޮލިފައިވާނެއެވެ.

(ށ) ތައުލީމާއި ތަޖުރިބާއާއި އަޚްލާޤުގެ ބައިން އެންމެ މަތީން މާކްސް ލިބޭ މީހުންގެ ތަރުތީބަށް ބަލައި، އިއުލާނުކޮށްފައިވާ އަދަދުގެ ތިން ގުނަޔަށް ވާ އަދަދަށްވުރެ މަދުނުވާ އަދަދަކަށް ށޯޓްލިސްޓް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން އިންޓަވިއުއަށް ށޯޓްލިސްޓް ނުވާކަމަށް އިންޓަވިއު ޕެނަލުން ކަނޑައެޅުމުން އެކަން އެ ފަރާތްތަކަށް ސިޓީއަކުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - އިންޓަވިއު ކުރާނެ ދާއިރާތަކާއި ސުވާލުތައް ކަނޑައެޅުން

އިންޓަވިއު ކުރާނެ ދާއިރާތަކާއި އެ ދާއިރާތަކުން ކުރާނެ ސުވާލުތައް ކަނޑައަޅާނީ އިންޓަވިއު ޕެނަލުންނެވެ.

 

9 ވަނަ މާއްދާ - އިންޓަވިއު  

(ހ) މި ގަވާއިދުގެ 7 ވަނަ ނަންބަރުގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ތައުލީމާއި ތަޖުރިބާއާއި އިންޓަރގްރިޓީ ބަޔަށް ބެލުމަށްފަހު، އިންޓަވިއުއަށް ށޯޓްލިސްޓްވި ކެންޑިޑޭޓުންނަށް، އިންޓަވިއުއަށް ހާޒިރުވާންވީ ތަނަކާއި ތާރީހާއި ގަޑި އަންގަންވާނެއެވެ.

(ށ) އިންޓަވިއުއަށް ށޯޓްލިސްޓްވެގެން އިންޓަވިއުއަށް އަންނަ ކެންޑިޑޭޓުން އިންޓަވިއުގައި ދަރަޖަކުރެވޭނީ، އިންޓަވިއުގައި ޕަރފޯމްކުރެވޭ ވަރަކަށް ބަލައިގެން، ކްރައިޓީރިއާގައިވާ ގޮތުގެމަތިން "ހައިލީ ރިކޮމެންޑަޑް" އާއި، "ރިކޮމެންޑަޑް" އާއި، "ނޮޓް ރިކޮމެންޑަޑް" އާ ތިން ދަރަޖައިންނެވެ.

(ނ) ޕެނަލުގެ ކޮންމެ މެންބަރަކަށް ކެންޑިޑޭޓުން ދަރަޖަކުރުމަށް ށީޓެއް އޮންނަންވާނެއެވެ. ށީޓުގައި "ހައިލީ ރިކޮމެންޑަޑް" އާއި، "ރިކޮމެންޑަޑް" އާއި، "ނޮޓް ރިކޮމެންޑަޑް" ހިމެނޭ ކޮލަމްތަކުގެ ތެރެއިން އެ ކެންޑިޑޭޓަކަށް ދޭންފެންނަ ދަރަޖައަކާ ދިމާ ގައި އެ މެންބަރަކު ފާހަގަ ލާންވާނެއެވެ.

 

10 ވަނަ މާއްދާ - ފައިނަލް ލިސްޓު

އިންޓަވިއުއިން އެންމެ މަތީ ދަރަޖަ ލިބޭ ފަރާތްތައް ތަރުތީބުން ފައިނަލް ލިސްޓު އެކުލަވައިލަންވާނެއެވެ.

 

11 ވަނަ މާއްދާ - ފައިނަލް ލިސްޓު ތަރުތީބުކުރުން

(ހ) މިގޮތުން ވަކިވަކި ކެންޑިޑޭޓުން ދަރަޖަކޮށް، ށީޓުތައް އެއްށީޓަކަށް އެންޓަރކުރުމުން   އެ ކެންޑިޑޭޓަކަށް އެންމެ ގިނައިން ލިބިފައިވާ ދަރަޖައަކުން ދަރަޖަކޮށް ކެންޑިޑޭޓުންގެ ލިސްޓު ތަރުތީބު ކުރެވޭނެއެވެ.

(ށ) މިގޮތަށް ދަރަޖަކުރުމުގައި އެއްވަރުވާ ފަރާތްތައް ތަރުތީބު ކުރާނީ އެހެން ދަރަޖަތައް ލިބިފައިވާ ވަރަށް ބަލައިގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ އުސޫލުން ވެސް އެއްވަރުވެއްޖެ ނަމަ، އެ ފަރާތްތައް ތަރުތީބު ކުރާނީ އިންޓަވިއުއަށް ށޯޓްލިސްޓް ކުރުމަށް މާކްސް ދިނުމުން ލިބިފައިވާ މާކްސްތަކަށް ބަލައިގެން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތަރުތީބުންނެވެ.

 

12 ވަނަ މާއްދާ - އައްޔަނުކުރާނެ ފަނޑިޔާރުން ކަނޑައެޅުން              

މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބުނާ ލިސްޓަށް ބެލުމަށްފަހު، ލިސްޓުގެ ތަރުތީބުން ފަހަރަކު ކެންޑިޑޭޓަކަށް ވޯޓުނަގައި، އެންމެ ފުރަތަމަ އަގުލަބިއްޔަތު ލިބޭ ކެންޑިޑޭޓުންގެ ތަރުތީބުން ފަނޑިޔާރުން އައްޔަނުކުރަން ނިންމަންވާނެއެވެ. މިގޮތުން ފަނޑިޔާރުން އައްޔަނުކުރުމަށް ނަގާނީ ސިއްރުނޫން ވޯޓެކެވެ.

 

13 ވަނަ މާއްދާ - ފަނޑިޔާރުކަމަށް އައްޔަނުކުރުން

(ހ) އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުކަމަށް ހޮވުނު ފަރާތްތަކަށް، ފަނޑިޔާރުކަމަށް ހޮވުނުކަން ނުވަތަ ނުހޮވުނު ފަރާތްތަކަށް ނުހޮވުނުކަން ކޮމިށަނުން އަންގަންވާނެއެވެ.

(ށ) ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ކޮމިށަނުން ނިންމައިފައިވާ ކެންޑިޑޭޓުން ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކޮމިށަނުގެ ރައީސްގެ މަށްވަރާގެ މަތިން ކޮމިށަނުގެ އިދާރާއިން ކޮށް ނިންމަންވާނެއެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން  

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ގެޒެޓުކުރާ ތާރީހުން ފެށިގެންނެވެ.

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

  1. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 10/2008)
  2. ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2010) 

 

ގުޅުންހުރި ގަވާއިދު

  1. ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1009/2019)
  2. މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1030/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު