-

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1064/2019)

 

ގަވާއިދު ނަންބަރު 311/2014 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އަށް، އަންނަނިވި އިސްލާޙުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

27 (ބ) ޕަރމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތާއި ޒިންމާ

މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ހާލަތުގައި އެ ޒިންމާ އަދާކުރުމާއި، ދާއިރާގެ މުދަލާއި ފައިސާއާއި އެ ނޫން ވަސީލަތްތައް ބޭނުންކުރެވެނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ހެޔޮގޮތުގައިތޯ ބެލުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ރ) އުނިކޮށް، އަންނަނިވި ގޮތަށް އަކުރު ތަރުތީބުކުރުން.

29 ޕަރމަނަންޓް ސެކްރެޓަރީން އައްޔަނު ކުރުން

(ހ) މަސްއޫލު އޮފީސްތަކަށް ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް މީހުން އައްޔަނުކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ޕަރމަނަންޓް ސެކްރެޓަރީން އައްޔަނު ކުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ނ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ވަކިކުރާ ޕަރމަނަންޓް ސެކްރެޓަރީން ފިޔަވައި، އެހެން ކޮންމެ ޕަރމަނަންޓް ސެކްރެޓަރީއެއް އަލުން 5 (ފަހެއް) އަހަރުދުވަހުގެ ދައުރަކަށް އައްޔަނު ކުރެވިދާނެއެވެ. އަދި،   އެ ގޮތުން އައްޔަނު ކުރާ ޕަރމަނަންޓް ސެކްރެޓަރީ، ކޮންމެ 5 (ފަހެއް) އަހަރަކުން އައްޔަނުކުރަމުން ގެންދެވިދާނެއެވެ.

(ރ) ޕަރމަނަންޓް ސެކްރެޓަރީއަކު އަލުން 5 (ފަހެއް) އަހަރުގެ ދައުރަކަށް އައްޔަނުކުރުމުގައި، ވޭތުވެދިޔަ ދައުރުގެ މަސައްކަތުގެ ފެންވަރަށް ބެލޭނެއެވެ.

(ބ) ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަނު ކުރެވިފައިވާ ދައުރު ހަމަވުމުން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލުމުގެ އިޚްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ޅ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި މިނިސްޓްރީއެއް އުފައްދައިފި ނަމަ،  މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މިނިސްޓްރީއަކަށް ޕަރމަނަންޓް ސެކްރެޓަރީއަކު އައްޔަނު ކުރެވޭނެއެވެ.

(ކ) ޕަރމަނަންޓް ސެކްރެޓަރީން އައްޔަނު ކުރުމަކީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) އާއި (ނ) ގައިވާ ގޮތުގެ މަތީން ކޮމިށަނަށް ލިބިދީފައިވާ ބާރަކަށްވާތީ، ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުގައި މީހަކު އައްޔަނު ކުރުމުގެ އެންމެފަހު ނިންމުން ނިންމާނީ ކޮމިށަނުންނެވެ.

(އ) ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް އަލަށް އައްޔަނު ކުރެވޭ މީހުން، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 100 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ޕްރޮބޭށަނުގެ މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 78 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާޙުކުރުން.

78. ވަޒީފާއަށް އައްޔަނު ކުރުމުގެ ށަރުޠުތައް

(ހ) (11) - ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ނުވަތަ 7 ވަނަ ނަންބަރުގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ނަމަ، ވަޒީފާއިން ވަކިކުރިތާ 6 (ހައެއް) މަސްދުވަސް ވެފައިވުން.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 109 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާޙުކޮށް، (ޅ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

109 - "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުން މުވައްޒަފުން ގެންގުޅެވޭނެ ހާލަތްތައް

(ހ) އެ އިދާރާއެއްގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކު، ތިރީގައިވާ ގޮތުގެ މަތިން ވީއްލުމާ ގުޅިގެން ނުވަތަ ޗުއްޓީ ދިނުމާ ގުޅިގެން، އެ މުއްދަތަށް      

  1. އެ މަގާމަށް މީހަކު ބޭނުންވުން؛
  2. މުސާރަ ލިބޭގޮތަށް ވީއްލުން.
  3. މުސާރަ ނުލިބޭގޮތަށް ވީއްލުން.
  4. މަޔަކަށް ވުމުން ނުވަތަ ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ ނެގުން.

(ށ) ސަރުކާރުން ބޮންޑުކުރެވިގެން އިތުރު ތަމްރީނުތަކަށް ފޮނުވާ ފަރާތްތަކުގެ ތެރެއިން، އޮފީހަށް ރިޕޯޓުކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ތަމްރީނު ފުރިހަމަކުރިކަމުގެ ސެޓުފިކެޓު ނުވަތަ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ލިޔުން އޮފީހަށް ހުށަހެޅެން ނެތް ފަރާތްތައް. އަދި މި ގޮތަށް ކޮންޓްރެކްޓް އުސޫލުން ގެންގުޅުމަށް ކަނޑައެޅޭ މުވައްޒަފުން އެ އިދާރާއާއެކު އެއްބަސްވެވޭ ތާރީޚަކަށް ހުށަހަޅަންޖެހޭ ސެޓުފިކެޓު ހުށަހަޅަން ވާނެއެވެ.

(ޅ) ސަރުކާރުން ކަނޑައަޅާ މަސައްކަތެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ބޭނުންވާ މުވައްޒަފުން ވަގުތީގޮތުން ހަމަޖެއްސުމަށް.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 110 ވަނަ މާއްދާގެ (ރ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރު ކުރުން.

110 - "ވޭޖް އެމްޕްލޯއިމަންޓް" އުސޫލުން މުވައްޒަފުން ގެންގުޅެވޭނެ ހާލަތްތައް

(ރ) އިދާރާގެ މުވައްޒަފަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ، ބަލިވެއިނުމާއި ނުވަތަ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނެގުން.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 113 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވިގޮތަށް އިސްލާޙުކުރުން.

113 ވަގުތީ ގޮތުން ނަގާ މުވައްޒަފުން ގެންގުޅުން

(ހ) މި ޗެޕްޓަރުގައިވާ ގޮތުގެ މަތިން ވަގުތީގޮތުން މީހަކު ލައްވަން ބޭނުންވެއްޖެ ނަމަ، ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކުގެ މަތީން، އެ މަގާމަކަށް އެންމެ އެކަށީގެންވާ މީހާ ހޮވުމަށް ފަހު، އެ މީހަކަށް ވަގުތީގޮތުން ވަޒީފާ ހަމަޖެއްސުމަށް ނުވަތަ ވަގުތީ ވަޒީފާ ބަދަލުކުރުމަށް މަސްއޫލު އޮފީހުން ކޮމިށަނަށް ނުވަތަ އެ މަސައްކަތް ކޮމިށަނުން ހަވާލުކޮށްފައިވާ ފަރާތަކަށް ހުށަހަޅާނީ، މި މަސައްކަތް ކުރުމަށް ކޮމިށަނުން ފަރުމާކޮށްފައިވާ ސޮފްޓްވެއަރ ބޭނުންކޮށްގެންނެވެ. ސޮފްޓްވެއަރ ބޭނުން ނުކުރެވޭ ނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ވަޒީފާ ދެއްވުން އެދި ދަންނަވާ ޗިޓް" އިންނެވެ. ސިވިލް ސަރވިސްގެ ވަގުތީ އެހެން ވަޒީފާއެއްގައި ހުރި މީހެއް ނަމަ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ވަޒީފާ ބަދަލުކުރެއްވުމަށް އެދި ދަންނަވާ ޗިޓު" އިންނެވެ.

(ށ) ވަގުތީ ވަޒީފާ ދިނުމަށް ފަހު އެ ކަން އިދާރާތަކަށް އަންގާނީ، ސިވިލް ސަރވިސް ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލުކޮށްފައިވާ ފަރާތަކުން ފޮނުވާ ޗިޓަކުންނެވެ. މި ޗިޓުގެ ކޮޕީއެއް، އެ މަގާމެއް އޮތް އިދާރާއަކަށް ފޮނުވޭނެއެވެ. ސޮފްޓްވެއަރ ބޭނުންކުރާ އިދާރާތަކަށް ސޮފްޓްވެއަރ ޕްރޮގްރާމުގެ ތެރެއިން މި ޗިޓް ލިބޭނެއެވެ.

 

7 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

160 - މުސާރައިން އުނިކުރުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ކުރިއަށް ޗުއްޓީއެއް ހަމަޖެއްސުމަކާ ނުލައި މުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަހަކަށް މުސާރައާއި ސަރވިސް އެލަވަންސުން ކަނޑާނީ މުވައްޒަފުގެ މުސާރައާއި ސަރވިސް އެލަވަންސުން ދުވަހަކަށް ޖެހޭ އަދަދެވެ.

(ށ) މުވައްޒަފަކު ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށް ވާ މިންވަރު، އޭނާގެ މުސާރައާއި ސަރވިސް އެލަވަންސުން އުނިކުރެވޭނެއެވެ.

(ނ) މުވައްޒަފަށް ދެވޭ ހުސްވަގުތުކޮޅުގެ އިތުރުން އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތަށް ވާ މިންވަރު، އޭނާގެ މުސާރައާއި ސަރވިސް އެލަވަންސުން އުނިކުރެވޭނެއެވެ.

 

8 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 170 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

170 - މަސައްކަތު ގަޑި

(ހ) އާންމުގޮތެއްގައި އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ސަރުކާރުން ކަނޑައަޅައިފައިވާ ވަގުތެވެ. ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑީގެ ތެރެއިން، ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) ގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މުވައްޒަފުންނަށް ދޭންޖެހޭ ހުސްވަގުތުކޮޅު، މެންދުރު 12:00 އިން 12:30 އަށް ނުވަތަ 12:30 އިން 13:00 އަށް ދޭންވާނެއެވެ.

 

9 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 181 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކޮށް، އެ މާއްދާގެ އަކުރުތައް ތަރުތީބުކުރުން.

181 - ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ

މުވައްޒަފަކު ބަލިވެ އިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ކުއްޖަކު ވިހައިފި ނަމަ، ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން، ތިރީގައި މިވާ ގޮތުގެ މަތިން ޗުއްޓީއާއި ޢިނާޔަތް ދޭންވާނެއެވެ.

(ހ) މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެ ފަދަ ލިޔުމެއް ހުށަހެޅުމުން، އެ މުވައްޒަފަށް، އެ ސެޓުފިކެޓު ނުވަތަ އެ ލިޔުމުގައި ބުނާ ތާރީހުން ފެށިގެން، ވިހެއުމާ ގުޅިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަޔާއެކު ދޭން ވާނެއެވެ.

(ށ) މުވައްޒަފަކު ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ވިހޭ އިރު ދަރިފުޅުގެ ފުރާނަ ނެތް ނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ދޭ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް، މުވައްޒަފު ވިހާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާއެކު ދޭންވާނެއެވެ.

(ނ) މާބަނޑުމީހާ ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއްވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރިވާ ނަމަ، ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު އެ ކަން ބަޔާންކޮށްފައި ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެ ފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ 6 (ހައެއް) މަސްދުވަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން   30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭގޮތަށް އެ މުވައްޒަފަށް ދޭން ވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، މުވައްޒަފަށް ދޭ ޗުއްޓީގައި ހުއްޓައި، އެ ދުވަސްތަކުގެ ތެރެއިން ރަސްމީ މަސައްކަތު ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެ ނަމަ، އެ ދުވަހަކަށް ދުވަހެއް، އެ މުވައްޒަފެއްގެ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.

(ބ) މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްޙީ ހާލަތު ތަންނުދޭ ކަމަށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓުފިކެޓު ނުވަތަ އެ ފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމުގެ ކުރިން ބަންދު ދުވަސް ހިމަނައިގެން، 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ނުލިބޭ ގޮތަށް އެ މުވައްޒަފަށް ދޭންވާނެއެވެ.

 

10 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 182 ވަނަ މާއްދާގެ (ކ) ގެ 2 ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާޙުކޮށް، އެ އަކުރަށް 3 ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.

182 (ކ)

(2) އެ މުއްދަތުގެ ތެރޭގައި ވިހޭއިރު ދަރިފުޅުގެ ފުރާނަ ނެތް ނަމަ، ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށްފައި ދޫކުރާ މެޑިކަލް ސެޓުފިކެޓު ހުށަހެޅުމުން، ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބަލިވެ އިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ދޭ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް، މުވައްޒަފު ވިހާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާއެކު ދޭންވާނެއެވެ.

(3) މި މާއްދާގެ (ކ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، މުވައްޒަފަށް ދޭ ޗުއްޓީގައި ހުއްޓައި، ރަސްމީ މަސައްކަތު ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށްވެއްޖެ ނަމަ، އެ ދުވަހަކަށް ދުވަހެއް، އެ މުވައްޒަފުގެ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.

 

11 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 184 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

184 - އަނބިމީހާ ވިހެއުމުން ދޭ ޗުއްޓީ

ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭގޮތަށް، ތިރީގައިވާ ގޮތުގެ މަތިން ދޭން ވާނެއެވެ.

(ހ) ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، ވަޒީފާއާބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް 3 (ތިނެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

(ށ) ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން ދޭ، މި މާއްދާގެ (ހ) ގައިވާ ޗުއްޓީ ހަމަވުމަށް ފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސް ފުރުމާ ދެމެދު، 27 (ހަތާވީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ދޭން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޗުއްޓީ ދޭންވާނީ އެކީ އެއްފަހަރާއެވެ.

 

12 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 194 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު އުނިކޮށް ނަންބަރު ތަރުތީބުކުރުން.

 

13 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 194 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު، އަންނަނިވިގޮތަށް އިސްލާޙުކުރުން.

194 - މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލުން

(ނ) (3) މުސާރަ ނުލިބޭ ގޮތަށް ވީއްލައިފައިވާ މުވައްޒަފު، ވީއްލައިފައިވާ މުއްދަތު ހަމަނުވަނީސް ވަޒީފާއަށް ނުކުތުމަށް އެދޭ ނަމަ، އޭނާ އެ ވަޒީފާއަށް ނެރެންވާނެއެވެ.

 

14 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 195 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާޙުކުރުން.

195 - މުސާރަ ނުލިބޭގޮތަށް ވީއްލޭ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މީހުން ގެންގުޅުން

މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ވީއްލުމާ ގުޅިގެން، އޮފީހުގެ މަސައްކަތަށް ދަތިވުމުގެ ސަބަބުން އެ މަގާމުގެ މަސައްކަތަށް ކޮންމެހެން މީހަކު ބޭނުންވާނަމަ، މުސާރަ ނުލިބޭގޮތަށް ވީއްލި މުވައްޒަފު ވީއްލުނު މުއްދަތު ހަމަވަންދެން ވަގުތީގޮތުން އެ މަގާމުގައި މީހަކު ގެންގުޅެވި ދާނެއެވެ. މިގޮތަށް ގެންގުޅޭ މުވައްޒަފުންނާ މެދު އަމަލު ކުރާނީ މި ގަވާއިދުގެ ޗެޕްޓަރު 9 ގައިވާ ގޮތުގެ މަތީންނެވެ.

 

15 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 196 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާޙުކުރުން.

196 - މުސާރަ ނުލިބޭ ގޮތަށް ވީއްލައިފައިވާ މުވައްޒަފު ރިޑަންޑެންޓު ކުރަންޖެހުން

މުސާރަ ނުލިބޭގޮތަށް ވީއްލައިފައިވާ މުވައްޒަފަކު، ވީއްލުނު މުއްދަތު ހަމަވާ އިރު، އޮފީހުގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ، މަގާމު އުވައިލެވިފައިވުމުގެ ސަބަބުން ވަޒީފާ ދެވެން ނެތް ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 23 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތިންނެވެ.

 

16 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 200 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު އުނިކޮށް ނަންބަރު ތަރުތީބުކުރުން.

 

17 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 204 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާޙުކޮށް އެ މާއްދާގެ (ހ) އާއި (ށ) އަންނަނިވިގޮތަށް އިސްލާޙުކުރުން.

204 - ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުން

(ހ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކަށް، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ ދަށުން ބާއްވާ އިންތިހާބަކަށް އަދި އެ އިންތިހާބުގެ ޕްރައިމަރީއަކަށް، ވަޒީފާއިން އިސްތިއުފާނުދީ ހުރެ، ކުރިމަތިލެވިދާނެއެވެ.

(ށ)

  1. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއަށް މުވައްޒަފަކު ނަން ހުށަހަޅައިގެން ނަން ގަބޫލުކުރިކަމުގެ ލިޔުން ލިބުމާއެކު، އެ އިންތިހާބަކަށް އެ މުވައްޒަފު ކުރިމަތިލައިފައިވާކަން، ހަމަ އެ ދުވަހު،  އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހަށް ލިޔުމުން އަންގަންވާނެއެވެ.
  2. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފު، އެ މުވައްޒަފުގެ ނަން ހުށަހަޅާ ފޯމު އިލެކްށަންސް ކޮމިށަނުން ގަބޫލުކުރިކަމުގެ ލިޔުން ލިބުމާއެކު،އެ އިންތިހާބަކަށް އެ މުވައްޒަފު ކުރިމަތިލައިފައިވާކަން، ހަމަ  އެ ދުވަހު، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހަށް ލިޔުމުން އަންގަން ވާނެއެވެ.

 

18 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 205 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާޙުކޮށް، އެ މާއްދާގެ (ހ)، އާއި (ށ) އާއި (ރ) އަންނަނިވިގޮތަށް އިސްލާޙުކުރުން.

205 - ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއަށާއި  ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި ޢިނާޔަތްތައް

(ހ) ލޯކަލް ކައުންސިލުގެ އިންތިހާބުގެ ޕްރައިމަރީއަށް މުވައްޒަފަކު ނަން ހުށަހަޅައިގެން އެ ނަން ގަބޫލުކުރާ ތާރީހުން ފެށިގެން، އެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކުރެވޭނެއެވެ. އަދި ލޯކަލް ކައުންސިލެއްގެ މެންބަރުން ހޮވުމަށް ބޭއްވޭ އިންތިހާބަށް ކުރިމަތިލާ މުވައްޒަފުން، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެ މުވައްޒަފު އިންތިހާބަށް ކުރިމަތިލައިގެން އިލެކްށަންސް ކޮމިށަނުން އެކަން ގަބޫލުކުރި ތާރީހުން ފެށިގެން،  އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑް ކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ސަސްޕެންޑް ކުރާ މުވައްޒަފުން އިންތިހާބު ނިމި އިލެކްށަންސް ކޮމިށަނުން ދާއިމީ ނަތީޖާ އިއުލާނު ކުރާ ތާރީހާ ހަމަޔަށް ސަސްޕެންށަން ދެމި އޮންނާނެއެވެ.

(ރ) މި މާއްދާގެ ދަށުން ސަސްޕެންޑް ކުރެވޭ މުވައްޒަފުން ތިބޭނީ ސަސްޕެންޑް ކުރެވިފައިވާ މުއްދަތުގެ ތެރޭގައި އޮފީހަށް ނުނިކުންނަ ގޮތަށެވެ. އަދި އޮފީހުން ވެސް އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކާ އޮފީހުގެ މަސައްކަތެއް ހަވާލުކޮށްގެން ނުވާނެއެވެ. އަދި އެ މުވައްޒަފަކު އަދާ ކުރަމުންދިޔަ މަގާމުގެ އެއްވެސް ފައިދާއެއް، އިންތިހާބުގައި ބައިވެރިވުމަށް ސަސްޕެންޑް ކޮށްފައި ހުންނަ މުއްދަތުގައި، އިންތިހާބުގެ ބޭނުންތަކަށް ނަގައިގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 206 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާޙުކޮށް އެ މާއްދާގެ (ށ) އަދި (ނ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރު އިތުރު ކުރުން.

206 - ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީ ކާމިޔާބުކުރުމުންނާއި ކައުންސިލަކަށް އިންތިހާބުވުމުން ވަޒީފާއިން ވަކިކުރުން

(ށ) ލޯކަލް ކައުންސިލެއްގެ އިންތިހާބުގެ ޕްރައިމަރީ ކާމިޔާބު ކުރުމަށް ފަހު، އެ މުވައްޒަފަކު ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ނުލާ ނަމަ، އެ ކަން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ވަޒީފާ އަދާކުރާ އޮފީހަށް ލިޔުމަކުން އަންގަން ވާނެއެވެ. އަދި އެ ތާރީހުން ފެށިގެން އެ މުވައްޒަފު ސަސްޕެންޑް ކުރި ކުރުން ނިމުމަކަށް ގެނެސް، އެ މުވައްޒަފަކު ވަޒީފާއަށް ނުކުތުމަށް ލިޔުމުން އަންގަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މުވައްޒަފު އޮފީހަށް ނުނިކުމެއްޖެ ނަމަ، އެ ފަދަ މުވައްޒަފަކާ މެދު އަމަލުކުރާނީ، މި ގަވާއިދުގެ ޗެޕްޓަރު 28 ގައިވާ ގޮތުގެ މަތިންނެވެ.

 

20 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 207 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާޙުކޮށް އެ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އަންނަނިވި ގޮތަށް އިސްލާޙުކޮށް، އެ މާއްދާގެ (ބ) އުނިކުރުން.

207 - ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފުން، ނަން އަނބުރާ ގެނައުން ނުވަތަ އިންތިހާބު ނުވުން

(ހ) ލޯކަލް ކައުންސިލެއްގެ އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިލާ މުވައްޒަފަކު، އެ މުވައްޒަފެއްގެ ނަން އަނބުރާ ގެނެސްފި ނަމަ، އެ ކަން އެނގޭނެ ލިޔުމާއެކު، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަކަށް ހުށަހަޅަން ވާނެއެވެ. އަދި ލޯކަލް ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފަކު، އެ މުވައްޒަފެއްގެ ނަން އަނބުރާ ގެނެސްފި ނަމަ، އެ ކަން ބަޔާންކޮށް، ނަން އަނބުރާ ގެނައިކަން ގަބޫލުކޮށްފައި އިލެކްށަންސް ކޮމިށަނުން ދޫކުރި ލިޔުމާއެކު، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހަކަށް ހުށަހަޅަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފު އެ ކަން އެ އޮފީހަކަށް ހުށަހެޅުމުން، އެ އޮފީހަކުން މުވައްޒަފު ސަސްޕެންޑްކޮށްފައި ހުރިހުރުން ނިމުމަކަށް ގެނެސް، އެ ހުށަހެޅި ތާރީހުން ފެށިގެން ވަޒީފާއަށް ނެރެން ވާނެއެވެ.

(ނ)

(1) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިލާ މުވައްޒަފަކަށް އެ އިންތިހާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަށް، ލިޔުމުން އެ ކަން އަންގަން ވާނެއެވެ. އަދި ލޯކަލް ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފަކަށް އިންތިހާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ، އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރާ ތާރީހުގައި، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަށް، ލިޔުމުން އެ ކަން އަންގަން ވާނެއެވެ.

(2) މި މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ އޮފީހަކަށް އެންގުމާއެކު، އެ އޮފީހަކުން އެ މުވައްޒަފު ސަސްޕެންޑް ކޮށްފައި ހުރި ހުރުން، އެ ތާރީހުން ފެށިގެން ނިމުމަކަށް ގެނެސް، ވަޒީފާއަށް ނުކުތުމަށް އެ މުވައްޒަފަށް ލިޔުމުން އަންގަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މުވައްޒަފު އޮފީހަށް ނުނިކުމެއްޖެ ނަމަ، އެ ފަދަ މުވައްޒަފަކާ މެދު އަމަލުކުރާނީ މި ގަވާއިދުގެ ޗެޕްޓަރު 28 ގައިވާ ގޮތުގެ މަތީންނެވެ.

 

21 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 237 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު އުނިކުރުން.

 

22 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 242 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

242 - ތަމްރީނު ފުރިހަމަ ކުރުމަށްފަހު އޮފީހަށް ރިޕޯޓުކުރުން

(ނ) ތަމްރީނު ފުރިހަމަކުރާ މުވައްޒަފު، ފުރިހަމަކުރި ތަމްރީނުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު ހުށަހެޅުމުން، ސެޓުފިކެޓު އެކްރެޑިޓް ކުރި ތާރީހުން ފެށިގެން، ރިޒާވް ކޮށްފައިވާ މަގާމަށް ހަމަޖައްސައިދެވޭނެއެވެ. ރިޒާވް ކޮށްފައިވާ މަގާމުގެ ފެންވަރުގައި ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިއްޖެ ނަމަ، އެ ފަރާތަށް އެ މަގާމު ހަމަޖައްސައެއް ނުދެވޭނެއެވެ. އަދި އެ މުވައްޒަފަކީ، މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ނަމަ، މި ހާލަތުގައި އެ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ    (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

23 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ސިވިލް ސަރވިސް ކޮމިށަނުން އާންމުކޮށްފައިވާ، ތިރީގައި މިވާ ސަރކިއުލަރތައް ބާތިލުވީއެވެ.

·       ނަންބަރު 29/2015 (10 ސެޕްޓެންބަރު 2015) ސަރކިއުލަރ

·       ނަންބަރު 30/2015 (10 ސެޕްޓެންބަރު 2015) ސަރކިއުލަރ

·       ނަންބަރު 33/2015 (5 އޮކްޓޫބަރު 2015) ސަރކިއުލަރ

·       ނަންބަރު 37/2015 (18 ނޮވެންބަރު 2015) ސަރކިއުލަރ

·       ނަންބަރު 13/2016 (9 ނޮވެންބަރު 2016) ސަރކިއުލަރ

·       ނަންބަރު 8/2017 (14 ސެޕްޓެންބަރު 2017) ސަރކިއުލަރ

·       ނަންބަރު 10/2017 (16 ސެޕްޓެންބަރު 2017) ސަރކިއުލަރ

·       ނަންބަރު 12/2017 (23 އޮކްޓޫބަރު 2017) ސަރކިއުލަރ

·       ނަންބަރު 13/2018 (7 އޮކްޓޫބަރު 2018) ސަރކިއުލަރ

·       ނަންބަރު 02/2019 (7 މާރިޗު 2019) ސަރކިއުލަރ

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު