-

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-155)

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2022-62 ގެ 20 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ބ) ގެ ދަށުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލު ކުރަންޖެހޭ އެންމެހައި ގަވާއިދުތަކާއިކަންކަން ކަނޑައަޅައި ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިންތިހާބީ ކޮމިޓީ އެކުލަވާލުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބޭއްވުމަށްޓަކައި ބޭއްވުމަށްޓަކައި ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ގ) ގެ ދަށުން އިންތިހާބާބެހޭ ކޮމިޓީއެއް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލަންވާނެވެ.

 

3 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ވަކީލުން

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގައި "ގާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރާ ގާނޫނީ ވަކީލެއް" ގެ ގޮތުގައި ބަޔާންކޮށްފައިވާ ވަކީލުންކަމުގައި ނުވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މެންބަރުންނަށެވެ.

 

4 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ވަކީލުންގެ ރަޖިސްޓަރީ

(ހ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ވަކީލުންގެ ރަޖިސްޓަރީ އެކުލަވައިލުމާއި އިއުލާނު ކުރުމާ ގުޅޭގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި އަމަލު ކުރަންވާނީ ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.

(ށ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުންގެ ރަޖިސްޓަރީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ. އަދި މި ލިސްޓަށް ށަކުވާ ހުށަހެޅުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުން

(ހ) ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމި ޓީގެ މެންބަރުންގެ މަގާމުގެ މުއްދަތު (ދައުރު) ހަމަވާން ގިނަވެގެން 90 (ނުވަދިހަ) ދުވަހަށް ވުމުން، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން ބާ ކައުންސިލުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ. އަދި އެ މެންބަރުންގެ މަގާމުގެ މުއްދަތު (ދައުރު) ހަމަވާން ގިނަވެގެން 20 (ވިހި) ދުވަހަށްވުމުގެ ކުރިން އިންތިހާބު ބާއްވަން ވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މަގާމެއް ހުސްވެއްޖެނަމަ، އެ ހުސްވާ މަގާމަށް މީހަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އެމަގާމެއް ހުސްވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބާއްވަން ވާނެއެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން ބާ ކައުންސިލުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރާ އިއުލާނުގައި އަންނަނިވި މައުލޫމާތު ހިމަނަން ޖެހޭނެއެވެ:

  1. އެއީ ކޮން އިންތިހާބެއް ކަމާއި، އެ އިންތިހާބަކާބެހޭ އިތުރު މައުލޫމާތު.
  2. އިންތިހާބަށް ކުރިމަތިލުމަށް ދެވޭ މުއްދަތު.
  3. އިންތިހާބަށް ކުރިމަތިލާ މީހުންގައި ފުރިހަމަވާންޖެހޭ ށަރުތުތައް.
  4. އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ތަކެތީގެ  ތަފުސީލު.
  5. އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި، ތަކެތި ހުށަހަޅަންޖެހޭ ތަނާއި، ތާރީހާއި ވަގުތު.
  6. ވޯޓު ނެގުން ބާއްވާ ތާރީހާއި، ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓުނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި.
  7. ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ކަނޑައަޅައިފައިވާ ތާރީހު 

(ރ) މި މާއްދާގެ (ހ) ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރާ އިއުލާނުގައި، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ގާނޫނީ ވަކީލުންނަށް އެކަމަށް އެދި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅުމަށް މަދުވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމަށްޓަކައި ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުން، ވޯޓުލުން އޮންނަ ދުވަހު، މާލެ ސިޓީ ފިޔަވައި އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ނަމަ، އެ ތަނަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިއުލާނު ކުރުމުން ރަޖިސްޓަރީވުމަށް އެދި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅާ ތަނަކަށް ހުށަހަޅަން ވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީ ވުމަށްޓަކައި، މަދުވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުންގެ ރަޖިސްޓަރީ، އިންތިހާބަށް އިއުލާންކުރާ ދުވަހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި މިގޮތުން، އާންމުކޮށް އިއުލާނުކުރެވޭ ރަޖިސްޓަރީ އިއުލާނު ކުރާ ދުވަހުން ފެށިގެން މަދުވެގެން 2 (ދޭއް) ދުވަހުގެ މުއްދަތެއް މި ރަޖިސްޓަރީއަށް ށަކުވާ ހުށަހެޅުމަށް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ށަކުވާ ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހަޅާ  ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ބާ ކައުންސިލުން އެ ހުށަހެޅުމަކަށް ޖަވާބު ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، އެ ނިންމުން ނިންމާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލައެއް ހުށަހެޅިދާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކުރާ ލިސްޓު އެކުލަވައިލުމަށްފަހު، އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ނުވަތަ ކެންޑިޑޭޓުގެ މަންދޫބު ސޮއިކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޭންވާނެއެވެ.

 

7 ވަނަ މާއްދާ - ނަން އަނބުރާ ގެންދިއުން

(ހ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލައިފައިވާ ވަކީލަކު އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެ ނަމަ، އެ އިންތިހާބަށް ކުރިމަތި ލައިފައިވާ ގާނޫނީ ވަކީލުންގެ ނަންތައް ގުރުއަތުލައި، ތަރުތީބުކޮށް އިއުލާނުކުރުމުގެ ކުރިން އެ ވަކީލެއްގެ ނަން އަނބުރާ ގެންދެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި މިހެން އޮތް ކަމުގައިވިޔަސް، ވޯޓް ކަރުދާސް ޗާޕުކުރުމުގެ ކުރިން ނަން އަނބުރާ ގެންދަން ބޭނުންވެގެން ކެންޑިޑޭޓަކު ހުށަހަޅައިފިނަމަ، އިންތިހާބަށް ކުރިމަތިލައިފައިވާ ވަކީލުންގެ ނަންތައް ގުރުއަތުލައި ތަރުތީބުކޮށްފައިވާ ގޮތަށް (ކެންޑިޑޭޓް ނަންބަރަށް) ބަދަލު ނާންނާނޭ ގޮތުގެމަތިން އެ ވަކީލެއްގެ ނަން ވޯޓު ކަރުދާހުން އުނިކުރުމުގެ ފުރުސަތު ދިނުމުގެ އިހުތިޔާރު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާނެ ތަންތަން 

(ހ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ އަންނަނިވި ތަންތަނުގައެވެ.

  1. މާލެ ސިޓީ
  2. މާލެ ސިޓީ ފިޔަވައި، މި ގަވާއި ދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އެރަށެއްގައި ވޯޓުލުމަށް މަދުވެގެން 5 (ފަހެއް) ވަކީލުން ރަޖިސްޓަރީވެފައިވާ ކޮންމެ ރަށެއްގައި.

(ށ) މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައި، އެހެން ރަށެއްގައި ވޯޓްލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެރަށެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާނީ އެރަށެއްގައި ވޯޓްލާ މަރުކަޒެއް ގާއިމުކޮށް ވޯޓްލުމުގެ އިންތިޒާމު ހަމަޖެއްސެން އޮތްތޯ ބެލުމަށްފަހުގައެވެ. އެއިންތިޒާމު ހަމަޖެއްސެން ނެތްނަމަ، އެތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރި މީހުން މާލޭގައި ހުންނަ ވޯޓުލާ މަރުކަޒުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓުލާ މީހުންގެ ރަޖިސްޓަރީ އަށް ބަދަލު ކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ވޯޓު ނަގާ ތާރީހް

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރާ އިއުލާނުގައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން  އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ކަނޑައަޅާ ތާރީހަކީ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ނަންތައް މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ބާ ކައުންސިލުން އާންމުކޮށް އަންގައި އިއުލާނުކުރާ ދުވަހުން ފެށިގެން  މަދުވެގެން 2 (ދޭއް) ދުވަހުގެ މުއްދަތު އޮންނަގޮތަށް ކަނޑައެޅޭ ތާރީހަކަށް ވާންޖެހޭނެއެވެ.

 

10 ވަނަ މާއްދާ - އިންތިހާބަށް  ކުރިމަތިލާ ވަކީލެއްގައި ހުންނަން ޖެހޭ ށަރުތުތައް

(ހ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސާއި ނާއިބު ރައީސް ފިޔަވައި، ދިވެހިރާއްޖޭގެ (ށ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސާއި ނާއިބު ރައީސް ފިޔަވައި، ދިވެހިރާއްޖޭގެ ކިބައިގައި، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

11 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިއުލާނު ދިވެހިރާއްޖޭގެ  ބާ ކައުންސިލުން ކުރުމުން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، އިންތިހާބަށް  ކުރިމަތިލުމާބެހޭ މައުލޫމާތާއި ތަކެތި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅާ ތަނަކަށް  ހުށަހަޅަން ވާނެއެވެ.

(ށ) އިންތިހާބަށް ކުރިމަތިލުމަށް އެދޭ ވަކީލަކު އެކަމަށް އެދި ހުށަހަޅާއިރު، އަންނަނިވި  މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ފުރިހަމަ ނަން.
  2. އުފަން ތާރީހު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  4. ދާއިމީ އެޑްރެސް )އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް).
  5. މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
  6. އީ މެއިލް އެޑްރެސް.
  7. ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ  ފޯނު ނަންބަރާއެކު).

 

12 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާ މައުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ  ހުށަހަޅާ މައުލޫމާތާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  2. ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީއެއް.
  3. ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމު.
  4. އެ ވަކީލަކު އިންތިހާބުގައި ހާއްސަ ނިށާނެއް ބޭނުންކުރުމަށް ގަސްތުކުރާ  ނަމަ، އެ ނިށާން.
  5. ޕާސްޕޯޓު ސައިޒުގެ ފޮޓޯ އަދި ފޮޓޯގެ ސޮފްޓް ކޮޕީ، JPEG ފޯމެޓްގައި.

 

13 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ބާ ކައުންސިލްއެގްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް  ކުރިމަތިލައިފައިވާ މީހުންގެ ނަން އިއުލާނުކުރުން 

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރާ އިއުލާނުގައި އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އިންތިހާބަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތަފުސީލު އެންގޭނޭ ގޮތަށް، ދިވެހިރާއްޖޭގެ ބާ ކައުންސިލުން އާންމުކޮށް އިއުލާނުކޮށް، އެ އިއުލާނު ށާއިއު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރާއިރު، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރާނީ، އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ މީހުންގެ މެދުގައި ގުރުއަތު ލައިގެންނެވެ. މިގޮތުން ނަގާ ގުރުއަތުލުން ބާއްވަންވާނީ އިންތިހާބަށް ކުރިމަތިލި މީހުން ނުވަތަ އެ މީހުންގެ މަންދޫބުންގެ ހާޒިރުގައެވެ. އަދި އިންތިހާބަށް ކުރިމަތިލި މީހަކު ނުވަތަ އެ މީހެއްގެ މަންދޫބެއް ހާޒިރުނުވެއްޖެ ނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން އައްޔަނުކުރާ މަންދޫބެއްގެ ހާޒިރުގައި ގުރުއަތުލުމުގެ އިހުތިޔާރު ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ވޯޓުލުމުގެ ހައްގުލިބިފައިވާ ވަކީލުންގެ މައުލޫމާތު އެކުލެވޭ ލިސްޓުގެ ކޮޕީއެއް އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް ދޫކުރުން

އިންތިހާބަށް ކުރިމަތިލައިފައިވާ ފަރާތަކުން އެކަމަށް އެދިއްޖެނަމަ، އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުންގެ މައުލޫމާތު އެކުލެވޭ ލިސްޓުގެ ކޮޕީއެއް އެފަރާތަކަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޫކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - މޮނިޓަރުން

އިންތިހާބުގައި ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް މޮނިޓަރކުރުމަށް ހަރަކާތްތެރިވެވޭނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭށަން ތަކުންނާއި، ގާނޫނު ނަންބަރު 47/1978 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާތަކުން، ކޮންމެ ތަނަކުން ގިނަވެގެން 2 (ދޭއް) މީހަކަށެވެ. އެގޮތުން މި އިންތިހާބުގައި މޮނިޓަރުން ގޮތުގައި ހަރަކާތްތެރިވާ މޮނިޓަރުންގެ މައުލޫމާތު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅާ ތަނަކަށް ފޮނުވައިގެން، އެ ކައުންސިލުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުން

ކޮންމެ ކެންޑިޑޭޓަކަށް ވެސް ވޯޓު ނެގުން އޮންނަ ދުވަހު ވޯޓުނެގުމާއި، ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކޮންމެ ވޯޓު ފޮށްޓަކަށް 1 (އެކެއް) މަންދޫބު އައްޔަނު ކުރެވިދާނެއެވެ.

 

17 ވަނަ މާއްދާ - ބާތިލު ވޯޓު

ވޯޓު ގުނުމުގައި ތިރީގައި މިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާތިލު ވޯޓެކެވެ.

  1. ދިވެހިރާއްޖޭގެ ބާ ކައުންސިލުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން  ކަރުދާހެއްގައި ދީފައިވާ ވޯޓު.
  2. އެއްވެސް ފާހަގައެއް ޖަހައިފައި ނުވާ ވޯޓު.
  3. ރަނގަޅު ފާހަގަ ( ) ނޫން އެހެން ފާހަގައެއް ޖަހާފައިވާ ވޯޓު.
  4. އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައި އޮންނަ ކޮންމެ ވޯޓު ކަރުދާހެއް.
  5. ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ  ވޯޓު.

 

18 ވަނަ މާއްދާ - ވަގުތީ ނަތީޖާ

ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާން ކުރުމަށްފަހު، އެ ނަތީޖާ، ދިވެހިރާއްޖޭގެ  ބާ ކައުންސިލަށް ފޮނުވުމުން، ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، ލަސްނުކޮށް  ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަގުތީ ނަތީޖާ އިއުލާން ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ރަސްމީ ނަތީޖާ ގެޒެޓުގައި ށާއިއުކުރަންޖެހޭ މުއްދަތު

އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައިރަސްމީ ނަތީޖާ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އާންމުކޮށް އިއުލާނުކޮށް ދިވެހިސަރުކާރުގެގެޒެޓްގައި ށާއިއު ކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހޮވޭގޮތް

އިންތިހާބުގައި، މެންބަރަކު އިންތިހާބުވާނީ، އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އެންމެ ގިނަ އަދަދެއްގެ ވަކީލުންގެ ވޯޓު ލިބޭ ކެންޑިޑޭޓެވެ.

 

21 ވަނަ މާއްދާ - އިންތިހާބުގެ އިތުރުބުރެއް ބާއްވަންޖެހުން 

އިންތިހާބުގައި، މެންބަރުކަމަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު  ލިބުނީ އެކަކަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ކަމުގައިވާނަމަ، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް)  ދުވަހުގެ ތެރޭގައި، އެ މަގާމަކަށް އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި ވޯޓް ނެގުމުގެ  އިތުރު ބުރެއް ބާއްވަން ވާނެއެވެ. އަދި އެ މަގާމަކަށް ނުވަތަ މަގާމުތަކަކަށް ކަނޑައެޅިފައިވާ އަދަދަށް ކެންޑިޑޭޓުން ހޮވެންދެން މިގޮތުގެމަތިން ވޯޓު ނަގަމުން ދާންވާނެއެވެ.

 

22 ވަނަ މާއްދާ - އެއް ކެންޑިޑޭޓަކު ކުރިމަތިލުން

އިންތިހާބުގައި، އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ނަމަ، އެމީހަކު އެމަގާމަށް ހޮވޭނީ އިންތިހާބުގައި ލާފައިވާ ސައްހަ ވޯޓުގެ އަޣުލަބިއްޔަތުންނެވެ. މިގޮތުން ނަގާ ވޯޓު ނަގާނީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ.

 

23  ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) އިންތިހާބު ހިނގަމުންދާއިރު، އިންތިހާބުގެ އެއްވެސް ކަމަކާ ގުޅިގެން ށަކުވާ ހުށަހަޅަން  ބޭނުންވާ ފަރާތްތަކަށް ށަކުވާ ހުށަހެޅޭނެ ނިޒާމެއް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ގާއިމްކުރަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަކުވާތައް ބެލުމަށް، އިންތިހާބަށް ކުރިމަތިލުމަށް އިއުލާނު ކުރުމާއެކު، 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ދިވެހިރާއްޖޭގެ ބާ ކައުންސިލުން އުފައްދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅި ށަކުވާއަކާގުޅިގެން މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކޮމިޓީން ނިންމި ނިންމުމަކާމެދު ހިތްހަމަ ނުޖެހޭ ނަމަ، ނުވަތަ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭ ނަމަ، އެ މައްސަލައާމެދު ގޮތެއް ނިންމައިދިނުން އެދި އެ ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

 

24 ވަނަ މާއްދާ - ވޯޓު ކަރުދާސް ނައްތައިލުން

އިންތިހާބު ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާސްތައް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނައްތައިލަން ވާނެއެވެ.

 

25 ވަނަ މާއްދާ - މި ގަވާއި ދަށް އަމަލުކުރުން ފެށުން

މި ގަވާއިދަށް އަމަލުކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

26 ވަނަ މާއްދާ - (މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ ދިވެހިރާއްޖޭގެ  ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

 

27 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު؛

"ދިވެހިރާއްޖޭގެ ބާ ކައުންސިލް" ނުވަތަ "ބާ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު( ގެ ދަށުން  އުފެދިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލަށެވެ.

"އެގްޒެކެޓިވް ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން އުފެދިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށެވެ.

(ށ) މި ގަވާއިދުގައި ބުނެފައިވާ އެކިއެކި ކަންތައްތައް ކުރުމަށާއި ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.

(ނ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހަ އި ހިނދަކު ނުވަތަ ދޭހަ ނުވާހައި ހިނދަކު މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

 

އުވި ގަވާއިދު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-62)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު