-

އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖް ހުރި ސަރަހައްދު ކުއްޔަށް ދޫކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 8/2018)

1 ވަނަ މާއްދާ - ތައާރަރު

މިއީ ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ލިބިދީފައިވާ ބާރުގެ ދަށުން، އަލިމަސް އުފާ ކާނިވަލުގ ސްޓޭޖް ހުރި ސަރަހައްދު ކުއްޔަށް ދިނުމާބެހޭ ކަންކަން ބެލެހެއްޓުމުގެގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔަނީ، "އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖް ހުރި ސަރަހައްދު ކުއްޔަށް ދޫކުރުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު 

މި ގަވާއިދުގެ މަގްސަދަކީ، އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖް ހުރި ސަރަހައްދު ކުއްޔަށް ދިނުމުގައި ބޭނުންކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް 

މި ގަވާއިދު ހިންގައި ތަންީފޒުކުރާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ނުވަތަ މި ތަން ބެލެހެއްޓުމުގެ މަސައްކަތް ހަވާލުވާ ފަރާތަކުންނެވެ.

 

5 ވަނަ މާއްދާ - ކުއްޔަށްދޫކުރެވޭ ތަންތަން

މި ގަވާއިދުގެ ދަށުން އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖް ހުރި ސަރަހައްދުން ކުއްޔަށް ދޫކުރެވޭ ތަންތަނަކީ؛

(ހ) އަލިމަސް އުފާ ކާނިވަލުގެ އޯޕަން ސްޓޭޖް

(ށ) އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖުގެ އޯޑިއެންސް އޭރިއާ

(ނ) އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖާ ގުޅިފައިވާ ހޯލާއި ކޮޓަރިތައް

6 ވަނަ މާއްދާ - ސްޓޭޖް ހުރި ސަރަހައްދު ކުއްޔަށް ދޫކުރުން 

(ހ) މި ގަވާއިދުގެ ދަށުން އަލިމަސް ކާނިވަލުގެ ސްޓޭޖް ހުރި ސަރަހައްދުން ތަނެއް ކުއްޔަށް ދޫކުރެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ތަންތަނުގެ ތެރެއިން ތަނެއް ކުއްޔަށް ހިފުމަށް އެދި "އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖް ހުރި ސަރަހައްދު ކުއްޔަށްހިފުމަށް އެދޭ ފޯމު" އިން އަލިމަސް ކާނިވާ ސްޓޭޖް ސަރަހައްދު ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯޯމު، މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ރިސެޕްށަނުން ލިބޭނެ އިންތިޒާމު، މިނިސްޓްރީން ހަމަޖައްސަންވާނެއެވެ. 
 

7 ވަނަ މާއްދާ - ކުއްޔަށް ހިފާ ތަނުގައި ނުކުރެވޭނެ ކަންކަން 

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ތަންތަނުގެ ތެރެއިން އެއްވެސް ތަނެއްގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކުރުމާއި، އިސްލާމްދީނާ ހިލާފު އަމަލެއް ކުރުމާއި މިނޫންވެސް ގާނޫނާއި ގަވާއިދު މަނާކުރާ އެއްވެސް ކަމެއް، ކުއްޔަށް ހިފާ ފަރާތުންނާއި ތަނަށް ވަދެއުޅޭ މީހުން ކުރުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ހިންގީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތުގެ ބަޔަކުކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި ކުއްޔަށް ދޫކުރި ދޫކުރުން ވަގުތުން ބާތިލުކުރުމަށްފަހު، އެ ފަރާތަކުން ހިންގަމުންދިޔަ ހަރަކާތް ހުއްޓުވައި ތަން ހުސްކުރެވިދާނެއެވެ. 

 

8 ވަނަ މާއްދާ - ކުއްޔަށް ހިފުމާއި، ކުއްޔަށް ހިފޭނެ ފަރާތްތައް 

(ހ) ) ކުއްޔަށް ހިފަން ބޭނުންވާ ތަން ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ ކުލި އެއްފަހަރާ ދައްކަންވާނެއެވެ.

(ށ) ކުއްޔަށް ހިފަން އެދެންވާނީ، ނުވަތަ ބުކިން ހެދުމަށް އެދެންވާނީ، އެ ހަރަކާތެއް ބޭއްވުމުގެ 3 (ތިނެއް) ދުވަސް ކުރިންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ މުއްދަތަށްވުރެ ފަހުން އެދިއްޖެނަމަ، ހުއްދަ ދޫކުރެވޭނީ، ފަހުން ހުށަހެޅި ސަބަ ަބކަށް ބެލުމަށްފަހު، ހުށަހެޅި ސަބަބަކީ އެކަށީގެންވާ ސަބަބަކަށްވާނަމައެވެ. 
 
 (ރ) ކުއްޔަށް ހިފުމަށްފަހު 36 (ތިރީސް ހައެއް) ގަޑިއިރުގެ ކުރިން ތަން ދޫކޮށްލާނަމަ، ދެއްކި ކުލީގެ %15 (ފަނަރަ އިންސައްތަ) އެޑްމިނިސްޓްރޭޓިވް ޗާޖުގެގޮތުގައި، ދެއްކި ފައިސާގެ ޖުމުލަ އަދަދުން ކެނޑުމަށްފަހު، ކެންސަލްކުރި ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ބާކީހުރި ކުލީގެ ފައިސާ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް، ކުލި ދެއްކި ފަރާތަށް އަނބުރައި ދެވޭނެއެވެ.

(ބ) ކުއްޔަށް ހިފުމަށްފަހު 36 (ތިރީސް ހައެއް) ގަޑިއިރު ފަހުން ތަން ދޫކޮށްލައިފިނަމަ، ކުއްޔަށް ހިފާ ފަރާތުން ދެއްކި ކުލި، މިނިސްޓްރީން އަނބުރާ ދޭކަށެއް ނުޖެހޭނެއެވެ.

(ޅ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބުނާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުއްޔަށް ހިފި ފަރާތަށް ކުލީގެގޮތުގައި ދެއްކި އެއްވެސް ފައިސާއެއް އަނބުރައި ދޭކަށެއް ނުޖެހޭނެއެވެ.

(ކ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަން، އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށާއި ސްކޫލްތަކަށާއި ދައުލަތުގެ އެކި މުއައްސަސާތަކަށާއި ޖަމްއިއްޔާ ޖަމާއަތްތަކަށް މި ގަވާއިދުގައިވާ ގޮތުގެ މަތިން ކުއްޔަށްދޫކުރެވޭނެއެވެ.

(އ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަން، ކުއްޔަށް ދޫކުރެވޭ އަގުލިސްޓު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އިއުލާން ކުރަންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެއްވެސް ކުއްޔެއް ނެގުމަކާނުލައި، މި ގަވާއިދުގެ ދަށުން ދޫކުރާ ތަންތަން، ދައުލަތުގެ މުއައްސަސާތަކަށް ދޫކުރުމުގެއިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ގިނަ ފަރާތްތަކަކުން ކުއްޔަށް ހިފުމަށް އެދުން 

އެއް ތާރީހަކަށް އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކަކުން ކުއްޔަށް ހިފުމަށް އެދިފައިވާ ހާލަތުގައި ކުއްޔަށްދިނުމުގައި އިސްކަންދޭނީ އަންނަނިވި ތަރުތީބުންނެވެ.

  1. ސަރުކާރުގެ ފަރާތުން ގައުމީ މުނާސަބަތެއް ފާހަގަކުރުމުގެގޮތުން ކަމެއް ބޭއްވުމަށް އެދި ހުށަހަޅާފައިވާނަމަ އިސްކަންދޭންވާނީ، ގައުމީ މުނާސަބަތު ފާހަގަކުރުމުގެ ފުރުސަތު ދިނުމަށް.  
  2. ސަރުކާރުގެ އިދާރާއަކުން ރާވައި ހިންގާ ހަރަކާތެއް ބޭއްވުމަށް އެދި ހުށަހަޅާފައިވާނަމަ އިސްކަންދޭންވާނީ، ސަރުކާރުގެ އިދާރާއަކުން ބާއްވާ ހަރަކާތަކަށް ތަން ދޫކުރުމަށް. 
  3.  މި މާއްދާގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ބޭނުމަކަށް ތަން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާފައިނުވާނަމަ އިސްކަންދޭންވާނީ ފޯޯމު ހުށަހަޅާފައިވާ ތަރުތީބުންނެވެ. 

10 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮސިޓް ފައިސާ  

 (ހ) މި ގަވާއިދުގެ ދަށުން ކުއްޔަށްހިފާ ތަންތަން ކުއްޔަށްހިފާ ކޮންމެ ފަރާތަކުންވެސް ތަން ކުއްޔަށްހިފަން ދައްކަންޖެހޭ ކުލީގެ ފައިސާއާއި، ޑިޕޮސިޓް ފައިސާގެގޮތުގައި، ތަން ކުއްޔަށްހިފަން ދައްކަންޖެހޭ ޖުމުލަ ކުލީގެ %15 (ފަނަރަ އިންސަންތަ) އަށްވާ ފައިސާ
ދައްކަންވާނެއެވެ. 
 
 (ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) އާއި (ބ) ގެ ދަށުން ކުއްޔަށް ހިފުމަށްފަހު، ތަނުގެ ބޭނުންނުކޮށް ތަން ދޫކޮށްލާނަމަ، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ދެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފައިސާއަކީ، ތަން ކުއްޔަށްހިފި ބޭނުން ނިމުމަށްފަހު، މައްސަލައެއް ނެތްނަމަ، ކުއްޔަށްހިފި ތަން ދޫކޮށްލާތާ ރަސްމީ މަސައްކަތު 5 (ފަހެއް) ދުވަހުގެ ފަހުން ކުއްޔަށްހިފި ފަރާތަށް އަނބުރާ ލިބޭނެ ފައިސާއެވެ. ނަމަވެސް، ކުއްޔަށްހިފި ފަރާތުގެ އިހުމާލުން ކުއްޔަށްހިފި ތަނަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ އުކައިލަންޖެހޭ އެއްޗެއް ހުރިނަމަ ނުވަތަ ނުގެންގޮސް އެއްޗެއް ބަހައްޓާފައި ހުރިނަމަ، މި ފައިސާ ދޫކުރެވޭނީ، ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ހިނގާނެ ހަރަދު ކެނޑުމަށްފަހުގައި، ނުވަތަ އުކައިލަންޖެހޭ އެއްޗެއް ހުރިނަމަ އެ އެއްޗެއް ކުއްޔަށްހިފި ފަރާތުން އުކައިލުމަށްފަހުގައި، ނުވަތަ އަނބުރާ ގެންދަންޖެހޭ އެއްޗެއް ހުރިނަމަ އެ ތަކެތި ކުއްޔަށް ހިފި ފަރާތުން ގެންގޮސް، ތަން ސާފުކުރުމުންނެވެ. 

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަރާމާތުކުރުމަށް ހިނގާ ހަރަދު، ނުވަތަ ތަން ސާފުކުރުމަށް ހިނގާ ހަރަދު ނުވަތަ ތަނުގައި ނުގެންގޮސް ހުންނަ ތަކެތި ބެލެހެއްޓުމުގެ  ހަރަދު ޑިޕޮސިޓް ފައިސާއަށްވުރެ އިތުރުވާނަމަ، އެ އިތުރުވާ މިންވަރެއް، ކުއްޔަށްހިފި ފަރާތުން ދައްކަންވާނެއެވެ.

(ބ) ކުއްޔަ ްށ ދޫކުރެވުނު ވަގުތަށްވުރެ އިތުރަށް ވަގުތު ހޭދަވެފައިވާނަމަ، އިތުރަށް ހޭދަވި ގަޑިއަކަށްޖެހޭ ފައިސާ، ސެކިއުރިޓީ ޑިޕޮސިޓުން އުނިކުރެވޭނެއެވެ. މިގޮތުން އުނިކުރާއިރު 1 (އެކެއް) ގަޑިއިރު ހަމަނުވިނަމަވެސް އުނިކުރެވޭނީ 1 (އެކެއް) ގަޑިއިރަށްވާ ފައިސާއެވެ.

 

11 ވަނަ މާއްދާ - ބިލުކުރާ ގޮތަށް ކުއްޔަށް ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށްދޭ ތަންތަން ކުއްޔަށް ދޫކުރާނީ، ކުއްޔަށްދޭ ތަނެއްގެ ކުލި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިނިސްޓްރީއަށް ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ސަރުކާރުގެ އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެދިއްޖެ ހިނދެއްގައި، ބިލުކުރާ އުސޫލުން އެ ފަރާތަކަށް ތަން ދޫކުރެވިދާނެއެވެ. 

 

12 ވަނަ މާއްދާ - ހަރަކާތްތައް ބޭއްވުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުން 

މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ހޯދންޖެހޭ ފަދަ ހަރަކާތެއް ބާއްވާނަމަ، ދުމަކީ ތަން ކުއްޔަށްހިފާ ފަރާތުގެ ޒިންމާއެކެވެ. އަދި މި ހުއްދަ ނެތް ހިނދެއްގައި އެ ފަރާތަކަށް އެ ތަނެއް ކުއްޔަށް ދޫނުކުރުމުގެ އިހުތިޔާރު ނުވަތަ ކުއްޔަށް ދޫކޮށްފައިވީނަމަވެސް، ކުއްޔަށް ދޫކޮށްފައިވާ ތަން އަތުލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

13 ވަނަ މާއްދާ - ތަން ޒީނަތްތެރިކުރުން

(ހ) ތަން ޒީނަތްތެރިކުރަންވާނީ ތަނުގެ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށެވެ.

(ށ) ކުއްޔަށް ދޫކޮށްފައިވާ ވަގުތު ހަމަވުމުގެ ކުރިން ތަން ޒީނަތްތެރިކުރުމަށް ގެނައި ހުރިހާ ތަކެތި ތަނުން ގެންގޮސް، ތަން ސާފުކޮށް މިނިސްޓްރީއާ ތަން ހަވާލުކުރަންވާނެއެވެ. 

 

14 ވަނަ މާއްދާ - ތަން ބޭނުންކުރުން

ތަން ބޭނުން ކުރަންވާނީ ތަނުގެ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށެވެ. ކުރާ ކަމަކުން އުފެދޭ ކުނި އެ ކަމެއް ނިމުމުން ވަގުތުން ނަގައި އުކައިލައި، ސާފުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ހަރަކާތެއް ބޭއްވުމަށް ތަން ބަންދުކުރުން  

(ހ)  ހަރަކާތުގެ ކުޑަބޮޑުމިނަށް ބަލައި، އެ ހަރަކާތެއް ބާއްވާ ތަން، ހަރަކާތް ހިނގާ ވަގުތު އެހެން މީހުންނަށް ނުވަދެވޭގޮތަށް ބަންދުކުރަން ޖެހިއްޖެނަމަ، ބަންދުކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.

(ށ)  މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބަންދުކުރާއިރު އަލިމަސް އުފާ ކާނިވަލުގެ ސަރަހައްދުގައި ހުންނަ ރެސްޓޯރަންޓަކަށް ނުވަތަ ވިޔަފާރިއަކަށް ދަތިވާގޮތަށް ތަން ބަންދުކުރަން ބޭނުންވާނަމަ، އެ ފަރާތްތަކުގެ ހުއްދަ ހޯދުމަކީ ތަން ކުއްޔަށްހިފާ ފަރާތުގެ ޒިންމާއެކެވެ.

 

16 ވަނަ މާއްދާ - ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން 

(ހ) މި ގަވާއިދުގެ ދަށުން މިނިސްޓްރީން ދޫކޮށްފައިވާ ތަން ކުއްޔަށް ހިފުމަށް އެއްބަސްވެފައިވާ ފަރާތުން، އެހެން ފަރާތަކަށް އެ ތަން ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. 

(ށ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރި ތަނެއް އިތުރު ފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ، މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ކުރުމާއެކު، ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން ކުއްޔަށް ދޫކޮށްފައިވާ ތަން މިނިސްޓްރީއަށް ނެގޭނެއެވެ. 

 

17 ވަނަ މާއްދާ - މިނިސްޓްރީއަށް ލިބިދީފައިވާ އިހުތިޔާރު 

(ހ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކަށް ކުއްޔަށްދީފައިވާ ތަނެއް، އެ ފަރާތަކުން ތަން ކުއްޔަށްހިފުމަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވަނިކޮށް، ސަރުކާރުގެ މުހިންމު ބޭނުމަކަށް ކުއްލިގޮތެއްގައި ތަން ބޭނުންވެއްޖެ ހިނދެއްގައި، ނުވަތަ ސަލާމަތީ ސަބަބުތަކަށްޓަކައި ތަން ކުއްޔަށް ހިފާފައިވާ ހިފުން މިނިސްޓްރީއަށް ކެންސަލް ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، މިނިސްޓްރީން ތަން ކުއްޔަށް ހިފާފައިވާ ފަރާތަށް އެކަން ލިޔުމުން އަންގަންވާނެއެވެ. އަދި ފައިސާއެއް ދައްކަވާފައިވާނަމަ،އެ ފައިސާ އެކީގައި އެ ފަރާތަކަށް އަނބުރައި ދޭންވާނެއެވެ. ނަމަވެސް، އެ ފަރާތުން ތަނުގައި ބާއްވާ ހަރަކާތަށް ތައްޔާރުވުމުގެގޮތުން ކޮށްފައިވާ އެއްވެސް ހަރަދަކަށް ނުވަތަ އެނޫންވެސް ކަމަކަށް މިނިސްޓްރީން ޒިންމާ އުފުލާކަށެއް ނުޖެހޭނެއެވެ. 

(ނ) ތަނުގައި ބާއްވަން ގަސްތުކުރާ ހަރަކާތެއްގެ މަގުސަދަށާއި ޒާތަށް ބަލައި، އެ ހަރަކާތެއް ބޭއްވުމަށް އެއްވެސް ތަނެއް ދޫނުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 (ރ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަނެއް ކުއްޔަށްހިފުމަށްއެދި ފޯޯމު ހުށަހެޅުމުން، އެ ތަނުގައި ބާއްވަން ހުށަހަޅާފައިވާ ހަރަކާތަކީ އާންމު މަސްލަހަތާއި އަމަންއަމާންކަމަށް ބުރޫއަރާ ކަމެއްކަމުގައި ވާނަމަ، ސަލާމަތީ ސަބަބުތަކަށްޓަކައި، އެ ހަރަކާތެއް ބޭއްވުމަށް އެތަން ކުއްޔަށް ދޫނުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

18 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރުން

މި ގަވާއިދުގެ ދަށުން ކުއްޔަށްހިފާ ތަން، ކުއްޔަށްހިފާ ފަރާތުން ބޭނުންކުރަންވާނީ، ދިވެހިރާއްޖޭގައި ހަދާފައިވާ އެންމެހައި ގާނޫނުތަކާއި، އެ ގާނޫނުތަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

 

19 ވަނަ މާއްދާ - ގަވާއިދާއި ހިލާފު އަމަލެއް ކުރުން

އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފު އަމަލެއް ހިންގައިފިނަމަ، 500 (ފަސް ސަތޭކަ) ރުފިޔާއާއި 2000 (ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތް ޖޫރިމަނާކޮށް، އެ މުއްދަތުން ފެށިގެން މިލާދީގޮތުން 3 (ތިނެއް) މަސްދުވަސްވަންދެން އެ ފަރާތަށް އަލިމަސް އުފާ ކާނިވާ ސްޓޭޖުގެ ސަރަހައްދު ކުއްޔަށް ދޫނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް

މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނެވެ. 

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

22 ވަނަ މާއްދާ - މާނަ

މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ އޭގެ ފަހުން އެ މިނިސްޓްރީގެ މަސައްކަތް ބަދަލުވާ ފަރާތަކަށެވެ.

"މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށެވެ.

"ދައުލަތުގެ މުއައްސަސާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށުން ހިނގާ މިނިސްޓްރީތަކާއި އޮފީސްތަކަށެވެ. 

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު