-

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2018-69)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާބެހޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށްޓަކައި ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" އެވެ.

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ؛

(ހ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް، ބިން ދޫކުރުމުގައި، އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ގާއިމުކުރުން.

(ށ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް، ދައުލަތުގެ އިދާރާތާއް ބިން ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން.

(ނ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް، ބިން ކުއްޔަށް ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން. 

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ ބިމާބެހޭ ކަންކަން ބެލެހެއްޓުމަށް ރައިސުލްޖުމްހޫރިއްޔާ އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.

 

4 ވަނަ މާއްދާ - ބިން ދޫކުރުން

މި ގަވާއިދުގެ ބޭނުމަށްޓަކައި ބިން ދޫކުރުމުގެ ތެރޭގައި އަންނަނިވި ގޮތްތަކަށް ބިން ދޫކުރުން ހިމެނެއެވެ.

(ހ) ބިން ކުއްޔަށް ދިނުން.

(ށ) ހިންގައި ބެލެހެއްޓުމަށް ބިން ހަވާލުކުރުން. 

 

5 ވަނަ މާއްދާ - ބީލަމުގެ އުސޫލުން ބިން ދޫކުރުން 

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިން ދޫކުރާ ހާލަތްތައް ފިޔަވައި އެހެނިހެން ހާލަތްތަކުގައި ބިން ދޫކުރަންވާނީ ބީލަމުގެ އުސޫލުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބީލަމުގެ އުސޫލުން ދޫކުރާ ބިންތައް ކުއްޔަށް ދިނުމަށް ކުރާ އިއުލާނުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ. 

  1. ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު (ބިން އޮތް ތަނާއި، ބިމުގެ ބޮޑުމިނާއި، ބިމުގެ ސިފައާއި، ބިމުގެ ބާވަތާއި، ބިމުގައި ކުރެވޭނޭ ބޭނުން)
  2. ބިން ދޫކުރާ މުއްދަތު.
  3. ޕޮއިންޓު ދިނުމުގައި އަމަލުކުރާނެ ގޮތް.  
  4. ފޯޯމު ހުށަހަޅަންޖެހޭ މުއްދަތު.
  5. ބިން ފޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހާއްސަ ށަރުތުތަކެއް ފުރިހަމަވާންޖެހޭނަމަ އެ ށަރުތުތައް. 
  6.  ބިން ދޫކުރުމަށް ބޭނުންވާ އެހެނިހެން މައުލޫމާތު

 

6 ވަނަ މާއްދާ - ބިން ދޫކުރާ ފަރާތް

(ހ) މި ގަވާއިދުގެ ދަށުން މިނިސްޓްރީގެ ހުއްދައާއެކު ބިން ދޫކުރާނީ، ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ރަށެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ. ސިޓީއެއްނަމަ، ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތަކުގެ ތެރެއިން ކައުންސިލްތަކާ ބެލެހެއްޓުން ހަވާލުކޮށްފައިނުވާ ބިންތަކާއި "ލޯޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ހިންގައި ބެލެހެއްޓުމަށް ކައުންސިލްތަކާ ހަވާލުކުރުމާއި، ކައުންސިލްތަކުން ބިން މިލްކުކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެމަތިން ކައުންސިލްތަކުން ވަކިކޮށްފައިވާ ބިންތައް ދޫކުރާނީ މިނިސްޓްރީންނެވެ.

 

7 ވަނަ މާއްދާ - ބިން ދޫކުރުމުގައި ބަލަންޖެހޭ މައިގަނޑު ކަންތައްތައް   

(ހ) މި ގަވާއިދުގެ ދަށުން ތަފާތު ބޭނުންތަކަށް ބިން ދޫކުރުމުގައި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގައި ހިމެނޭ މިންގަނޑުތަކަށް ބަލަންވާނެއެވެ.

(ށ) ތަފާތު ބޭނުންތަކަށް އެ ރަށަކުން ނުވަތަ އެ ސިޓީއަކުން ދޫކުރާނެ ބިންތައް ކަނޑައަޅަންވާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެމަތިން މިނިސްޓްރީގެ ހުއްދަ ދުމަށްފަހު، ރަށެއްގައިނަމަ، ރަށު ކައުންސިލުން ނުވަތަ އެ ރަށެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ. އަދި ސިޓީއެއްގައިނަމަ، އެ ސިޓީއެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ. 

 

8 ވަނަ މާއްދާ - ބީލަމަށް ހުޅުވައިނުލައި ދޫކުރެވޭނެ ބިން

(ހ) މި ގަވާއިދުގެ ދަށުން ބީލަމަށް ހުޅުވައި ުނލައި ބިން ދޫކުރެވެނީ އަންނަނިވި ބޭނުންތަކަށެވެ.

  1. އެކިއެކި ބޭނުންތަކަށް ދައުލަތުގެ މުއައްސަސާތަކަށް ދޫކުރާ ބިން.
  2. އާންމު އިޖްތިމާއީ ބޭނުމަށް ދޫކުރާ ބިން
  3. ކްލަބް، ޖަމްއިއްޔާތަކުގެ އިދާރީ މަރުކަޒު އެޅުމަށް ދޫކުރާ ބިން.
  4. މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
  5. ދަނޑުވެރިކަމުގެ މަސައްކަތަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
  6. ޖަނަވާރު ގެންގުޅުމަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
  7. އާންމު ހިދުމަތްތަކަށް ދޭ ބިން.
  8. ދައުލަތުގެ އިދާރާއަކާ ގުޅިގެން މަސައްކަތް ކުރާ ބޭރު ގައުމެއްގެ އެމްބަސީ ނުވަތަ  ބައިނަލްއަގުވާމީ އިދާރާއެއްގެ ބޭނުމަށް ބިން ދޫކުރުން.
  9. މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫކުރާ  އޮޑިވަޅު ބިން.
  10. އާންމު ޒަރޫރީ ބޭނުންތަކަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
  11. މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން  ގާޑިޔާ ހިންގުމަށް 1 (އެކެއް) އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
  12. ސާފުކޮށް ބެލެހެއްޓުމަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.  

(ށ) ސަރުކާރުގެ އިދާރާތަކުން ރާވައި ހިންގާ ބޮޑެތި މަށްރޫއުތައް ހިންގުމަށް އެފަރާތްތަކަށް ދޫކުރާ ބިން، އެ މަށްރޫއު ހިންގާ އިދާރާތަކުން އެހެން ފަރާތްތަކަށް ކުއްޔަށްދިނުމަށް ބޭނުންވާނަމަ އެ ބިން ކުއްޔަށްދޭންވާނީ މިނިސްޓްރީން ކަނޑައަޅައިފައިވާ ހަމަތަކާ  އެއްގޮތްވާގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ބިމަށް ކުލި ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ހ) ގެ (4)، (5)، (6)، (9)، (10)، (11) އަދި (12) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ބިންތަކުގައި، އެ ބިންތައް ކުއްޔަށް ދޫކުރާ މުއްދަތަށްވުރެ ގިނަ ދުވަހަށް ދެމިހުންނަ ފަދަ ބޮޑެތި އިންވެސްޓްމަންޓުތައް ކޮށްގެން ނުވާނެއެވެ. 

 

9 ވަނަ މާއްދާ - ބިމުގެ ކުލި ކަނޑައެޅުން

އެ ރަށަކުން ނުވަތަ އެ ސިޓީއަކުން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ މިނިސްޓްރީގެ ލޭންޑް ވެލުއޭށަން ކޮމިޓީންނެވެ. 

 

10 ވަނަ މާއްދާ - ބިން ދޫކުރާ މުއްދަތު

(ހ) ބިން ދޫކުރާނެ މުއްދަތު ކަނޑައަޅާނީ މިނިސްޓްރީގެ ހުއްދައާއެކު ރަށެއްގައިނަމަ، އެރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ރަށެއްގައި ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއަކުންނެވެ. ސިޓީއެއްނަމަ، ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއަކުންނެވެ.

(ށ) ބިން ދޫކުރާނެ މުއްދަތު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ބިން ދޫކުރާ ބޭނުން.
  2. ދޫކުރާ ބިމުގައި ކުރުމަށް ކަނޑައަޅާފައިވާ އިންވެސްޓްމަންޓް.  
  3. ދޫކުރާ ބިމުގައި ކުރާ އިންވެސްޓްމަންޓުގެ ސަބަބުން އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނޭ މަންފާތައް.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދުގެ ދަށުން އެއްވެސް ބިމެއް 10 (ދިހައެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ދޫކުރަން ވާނީ މިނިސްޓްރީންނެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 10 (ދިހައެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ބިން ދޫކުރާނަމަ، ބިން ދޫކުރާ އެއްބަސްވުން އޮންނަންވާނީ މިނިސްޓްރީއާއި، ބިމާ ހަވާލުވާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ގޮތަށެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 10 (ދިހައެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް ދޫކުރާ ބިންތައް ކުއްޔަށް ދޫކުރުމުގައި ރަށު ކައުންސިލްތަކާއި ރަށުގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާތަކާއި ސިޓީތަކުގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާތަކުގެ ދައުރަކީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ބިމުގެ ކަންކަން ބެލެހެއްޓުމެވެ. 

 

11 ވަނަ މާއްދާ - މުއްދަތު އިތުރުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު އިތުރުކުރުމަށް އެދި ބިން ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ބިމާ ހަވާލުވި ފަރާތުން ހުށަހަޅައިފިނަމަ، އެފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިއާޔަތްކޮށްގެން އެސެސްމަންޓެއް ހެދުމަށްފަހު، އެ އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން، ބިން ދޫކޮށްފައިވާ މުއްދަތުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރުކުރެވޭނީ އެންމެ ފަހަރަކުއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރުކުރާއިރު އެ އިރެއްގެ މާކެޓް ރޭޓަށާއި މި މާއްދާގެ (ރ) ގައިވާ ކަންކަމަށް ރިއާޔަތްކޮށްގެން، ބިމުގެ ކުއްޔަށް ބަދަލު ގެނައުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެސެސްމަންޓް ހެދުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓް ރައްކާތެރިކުރުން.
  2. މުއްދަތު އިތުރުކުރުމަށް އެދިފައިވާ ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ސަބަބުން އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނޭ މަންފާތައް.
  3. އިތުރުކުރުމަށް އެދިފައިވާ މުއްދަތުގެ ތެރޭގައި، ސަރުކާރުގެ ތަރައްގީގެ ޕްލޭންގައި އެ ބިމުގައި ކުރުމަށް ކަނޑައަޅާފައިވާ ބޭނުން.
  4. ބިން ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި ބިމުގެ ބޭނުންކޮށްފައިވާ މިންވަރު. 

 

12 ވަނަ މާއްދާ - ބިން ދޫކުރާ އެއްބަސްވުން އެކުލަވައިލުން

(ހ) މިގަވާއިދުގެ ދަށުން ބިން ދޫކުރަންވާނީ އެ ބިން ދޫކުރާ ފަރާތާއި އެ ބިމާ ހަވާލުވާ ފަރާތާ ދެމެދު ވާ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. އަދި މީގެ އިތުރަށް ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި އެއްބަސްވުމުގައި ހިމަނަން ލާޒިމުކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ.   

  1. ބިން ދޫކުރާ ފަރާތުގެ މައުލޫމާތު.
  2. ބިމާ ހަވާލުވި ފަރާތުގެ މައުލޫމާތު.
  3. ދޫކުރާ ބިމުގެ ތަފުސީލު.
  4. ދޫކުރާ ބިމުގައި ކުރެވޭނެ ބޭނުން.
  5. ބިން ދޫކޮށްފައިވާ ބޭނުން ނޫން ބޭނުމަކަށް ބިން ބޭނުންކޮށްފިނަމަ އަޅާނެ ފިޔަވަޅު.
  6. ބިން ދޫކުރާ މުއްދަތު.
  7. ދޫކުރާ ބިމަށް ބިމު ކުއްޔެއް ނަގާނަމަ، ކުލީގެ މިންވަރާއި ކުލި ދައްކަންޖެޭހ ގޮތާއި، ކުލި ނުދައްކައިފިނަމަ ޖޫރިމަނާވާނެ މިންވަރާއި އަޅާނެ ފިޔަވަޅު.
  8. ބިން ރަހުނު ކުރުމަށް ހުއްދަ ދޭކަން ނުވަތަ ނޫންކަމާއި ރަހުނު ކުރުމަށް ހުއްދަ  ދޭނަމަ އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް.
  9. ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތިންކަން.
  10. އެއްބަސްވުން ބާތިލުކުރެވޭނެ ގޮތްތައް.
  11. އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅު.
  12. ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހިމެނު ްނ ލާޒިމުކޮށްފައިވާ މި ނޫން އެހެނިހެން ކަންކަން.
  13. ބިން ދޫކުރުމަށް ބޭނުންވާނެ އެހެނިހެން މުހިންމު މައުލޫމާތުތައް. 

 

13 ވަނަ މާއްދާ - ދޫކުރާ ބިމުގެ ބޮޑުމިން

(ހ) ދޫކުރާ ބިމުގެ ބޮޑުމިން ކަނޑައަޅާނީ މިނިސްޓްރީގެ ހުއްދައާއެކު ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ރަށެއްގައި ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއަކުންނެވެ. ސިޓީއެއްނަމަ ބިމުގެ ކަންކަން ބެލެހެއްޓުމަށްހަވާލުކޮށްފައިވާ އިދާރާއަކުންނެވެ.

(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ރާއްޖޭގެ އެއްވެސް ރަށަކުން 10،000 (ދިހަ ހާސް) އަކަފޫޓަށްވުރެ ބޮޑުބިމެއް ސަރުކާރުގެ އިދާރާއެއްގެ އަދި އަމިއްލަ ފަރާތެއްގެ ބޭނުމަކަށްވިޔަސް ދޫކުރެވޭނީ މިނިސްޓްރީއަށެވެ.

(ނ) 10،000 (ދިހަ ހާސް) އަކަފޫޓަށްވުރެ ކުޑަ ބިމެއްނަމަ މިނިސްޓްރީއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދޫކުރާނީ، ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ރަށެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ. ސިޓީއެއްގައިނަމަ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ.

 

14 ވަނަ މާއްދާ - ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބޭނުމަށް ދޫކުރުން 

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތައް ދޫކުރަންވާނީ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލައި މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރުމަށްފަހު މިނިސްޓްރީން ބަލަހައްޓަމުންދާ އަދާހަމަކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ ބޭނުންތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެއްވެސް ރަށަކުން ނުވަތަ ސިޓީއަކުން ބިން ދޫކުރުމުގެ ހުއްދައަށް އެދޭއިރު ލޭންޑް ޔޫސް ޕްލޭން ހަދާފައިނުވާނަމަ އެރަށެއްގެ ނުވަތަ އެ ސިޓީއެއްގައި ބިން އޮތް ސަރަހައްދުގެ ބިން ބޭނުންކުރާނެގޮތުގެ ޕްލޭނާއި، އެ ބިން އޮތް ސަރަހައްދުގެ ޗާޓާއި، އެ ބިމުގެ ވަށައިގެންވާ ބިންތަކުގައި ކުރާ މަސައްކަތްތަކާއި، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ހުއްދަ ދިނުމަށް ބޭނުންވާ މައުލޫމާތު ފޯޯމު ފުރިހަމަކުރުމަށްފަހު، ރަށެއްގައިނަމަ ރަށު ކައުންސިލުން ނުވަތަ އެ ރަށެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިާވ އިދާރާއަކުން، އަދި ސިޓީއެއްނަމަ އެ ސިޓީއެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

15 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތައް ދޫކުރަންވާނީ، ބިން ދޫކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައިގެން މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތައް ދޫކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ ބިން ދޫކުރުމުގެ ހުއްދައަށް އެދުމަށް މިނިސްޓްރީން ހަމަޖައްސާފައިވާ ފޯމު މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުއްދައަށް އެދި ހުށަހެ ުޅމުން، އެ ހުށަހެޅުމުގައިވާ މައުލޫމާތުތަކަށް ބެލުމަށްފަހު، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، "ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދު" އާއި، ސަރުކާރުގެ ތަރައްގީގެ ޕްލޭނަށް ރިއާޔަތްކޮށްގެން ބިން ދޫކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ބިމުގެ ބޭނުންކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިން ބޭނުންކުރަންވާނީ، ހަމައެކަނި އެ ބިން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ބޭނުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބިން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް ބިން ބޭނުންކުރަމުންދާނަމަ، ބިން ދޫކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދުން ޖޫރިމަނާކުރުމާއެކު ބިން ދޫކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - މައްސަލަ ހައްލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ތަފާތު ބޭނުންތަކަށް އެކި ފަރާތްތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ކައުންސިލަކުން އަމަލުކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދާ ހިލާފަށް ބިމެއް ދޫކޮށްފިނަމަ، އެބިމެއްގެ އެއްބަސްވުން ބާތިލްކޮށް، އެ ބިން ދޫކުރެވިފައިވާ ފަރާތުގެ ކިބައިން ވަކިކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

18 ވަނަ މާއްދާ - ބިމުގެ ބަޖެޓް ކަނޑައެޅުން

(ހ) ކޮންމެ ރަށަކާއި، ކޮންމެ ސިޓީއެއްގައި ހުސް ބިން ހުރި ނިސްބަތަށް ބަލައިގެން، ކޮންމެ އަހަރެއްގެ ތެރޭގައި ތަފާތު ބޭނުންތަކަށް ދޫކުރަން ބޭނުންވާ ބިމުގެ އަދަދާއި، ސައިޒާއި، ބިން ދޫކުރާނެ މުއްދަތާއި، ބޭނުމާއި، މިހާރު ދޫކޮށްފައިވާ ބިންތަކުގެ މައުލޫމާތާއެކު އެ އަހަރުގެ ބިމުގެ ބަޖެޓް އެކުލަވައިލައި ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ ނިޔަލަށް މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފާސްކުރާ ބިމުގެ ބަޖެޓަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އައު ބިމުގެ ބަޖެޓެއް އެކުލަވައިލައި މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ސިޓީތަކާއި ރަށްރަށުން ބިން ދޫކުރުމުގެ ހުއްދައަށް އެދެންވާނީ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބިމުގެ ބަޖެޓު މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރުމަށްފަހުގައެވެ.

 

19 ވަނަ މާއްދާ - ދޫކުރާ ބިންތަކުގެ ރެކޯޑް ބެލެހެއްޓުން 

(ހ) ސިޓީތަކާއި ރަށްރަށުން ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ދޫކުރާ ބިންތަކާބެހޭ ތަފުސީލު (ބިން އޮތް ތަނާއި، ބިމުގެ ސައިޒާއި، ބިމުގެ ސިފައާއި، ބިމުގެ ބާވަތާއި، ބިމުގައި ކުރާ ބޭނުން، ބިން ދޫކުރެވުނު މުއްދަތާއި، ބިން ދޫކުރެވުނު ތާރީހާއި، ބިމުގެ މުއްދަތު ހަމަވާ ތާރީހާއި، ބިން ދޫކުރި ފަރާތާއި، ބިން ދޫކުރެވުނު ފަރާތުގެ މައުލޫމާތު) ކޮންމެ ރަށެއްގައްޔާއި، ކޮންމެ ސިޓީއެއްގައި ވަކިވަކިން ބަލަހައްޓަންވާނެއެވެ. މި މައުލޫމާތު ބަލަހައްޓާނީ، ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ރަށެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ. އަދި ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަލަހައްޓާ މައުލޫމާތުތައް ކޮންމެ މަހަކު އެއްފަހަރު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފޮނުވަންޖެހޭ މައުލޫމާތު ފޮނުވާފައި ނުވާނަމަ، އެ ރަށަކަށް ނުވަތަ އެ ސިޓީއަކަށް ބިން ދޫކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓައިލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) ސިޓީތަކާއި ރަށްރަށުން ދޫކުރާ 10،000 (ދިހަ ހާސް) އަކަފޫޓަކަށްވުރެ ކުޑަބިމެއް ދޫކުރުމަށްފަހު 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ބިމާބެހޭ ތަފުސީލީ މައުލޫމާތު (ބިން އޮތް ތަނާއި، ބިމުގެ ސައިޒާއި، ބިމުގެ ސިފައާއި، ބިމުގެ ބާވަތާއި، ބިމުގައި ކުރާ ބޭނުން، ބިން ދޫކުރެވުނު މުއްދަތާއި، ބިން ދޫކުރެވުނު ތާރީހާއި، ބިމުގެ މުއްދަތު ހަމަވާ ތާރީހާއި، ބިން ދޫކުރި ފަރާތާއި، ބިން ދޫކުރެވުނު ފަރާތުގެ މައުލޫމާތު) މިނިސްޓްރީއަށްފޮނުވަންވާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެމަތިން ފޮނުވަންޖެހޭ މައުލޫމާތު ފޮނުވާފައި ނުވާނަމަ، އެ ރަށަކަށް ނުވަތަ އެ ސިޓީއަކަށް ބިން ދޫކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓައިލުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އައުކުރުން  

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބިން ދޫކުރުމަށް ވެފައިވާ އެއްބަސްވުމެއްގެ މުއްދަތު އައު ކުރާނަމަ، އެފަދަ އެއްބަސްވުމެއްގެ މުއްދަތު އައު ކުރުމުގައި އަމަލުކުރަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

21 ވަނަ މާއްދާ - އުސޫލު ހެދުން

މި ގަވާއިދު ތަންފީޒުކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ. 

 

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

(ހ) މިގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން "ދިރިއުޅުމަށް ދޫކުރާ ބަންޑާރަގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިންދޫކުރުމާބެހޭ ގަވާއިދު" އުވުނީއެވެ.  (ނޯޓް: މި ގަވާއިދު އަދި އަޕްލޯޑްކޮށް ލިންކު ނުރެވި)

23 ވަނަ މާއްދާ - މާނަކުރުން

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައިވާ އެވަނީ، ބިމާބެހޭ ކަންކަން ބެލެހެއްޓުން އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަކަށެވެ.

(ށ) "އާންމު ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހޮސްޕިޓަލްތަކާއި، މަދަރުސާތަކާއި، ޓެލެކޮމިއުނިކޭށަން ޓަވަރުތަކާއި، އިންޖީނުގެތަކާއި، ފެން ޕްލާންޓްތަކާއި، ނަރުދަމާ ފަދަ އާންމު ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދެވޭ ހިދުމަތްތަކަށެވެ.

(ނ) "އާންމު ޒަރޫރީ ބޭނުން" ކަމަށް ބުނެފައި އެވަނީ، ދުވަހުން ދުވަ ަހށް ރައްޔިތުން ކުރަންޖެހޭ މަސައްކަތުގައި ވަގުތީގޮތުން ބިމެއްގައި ކޮންމެހެން އެއްޗެއް ބަހައްޓާލަންޖެހޭ ހާލަތުގައި އެ ބޭނުމަކަށެވެ.

(ރ) "އޮޑި ވަޅުބިން" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރުދު ްނނަށް އެމީހެއްގެ އަމިއްލަ ކަނޑު އުޅަނދެއް ބަނުމަށް ނުވަތަ މަރާމާތު ކުރުމަށް ވަގުތީގޮތުން ދޫކުރެވޭ ބިމަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2018-69)

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު