-

މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 230/2015)

  

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ އެންމެހައި އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވާލާފައިއެވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 162 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ " މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގުސަދުތައް ތިރީގައި އެވަނީއެވެ.

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް  ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މަސްތުވާތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން؛ އަދި

(ށ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހެކީގެ ގޮތުގައި ހިފަހައްޓާ މަސްތުވާތަކެތި ނައްތާލުމާ ހަމައަށް އެތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން؛ އަދި

 (ނ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހެކީގެ ގޮތުގައި ހިފަހައްޓާ މަސްތުވާތަކެތި ނޫން އެހެން އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

 

4 ވަނަ މާއްދާ – މަސްތުވާތަކެތި ނައްތާލާ ކޮމިޓީ

(ހ) މި ގަވާއިދުގެ ދަށުން ނައްތާލަންޖެހޭ މަސްތުވާތަކެތި ނައްތާލަންވާނީ، ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ "މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތި ނައްތާލާ ކޮމިޓީ" ގެ ބެލުމުގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި ގޮތުގެމަތިން ކަނޑައެޅޭ 5 (ފަހެއް) މެމްބަރުންގެ މައްޗަށެވެ.

  1. ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފިހުގެ މީހަކު؛ އަދި
  2. ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީހަކު؛ އަދި
  3. ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މީހަކު؛ އަދި
  4. ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުން ކަނޑައަޅާ ނޭށަނަލް ޑްރަގް އެޖެންސީގެ މީހަކު؛ އަދި
  5. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން އެޖަމްއިއްޔާއެއްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ މެމްބަރަކު.

 

5 ވަނަ މާއްދާ – ކޮމިޓީގެ މަސްއޫލިއްޔަތު

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން މަސްއޫލިއްޔަތެއް ހަވާލުކޮށްފައިނުވާނަމަ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މަސްއޫލިއްޔަތަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެމަތިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެތި ނައްތާލުމާއި، ނައްތާލެވޭކަން ކަށަވަރުކުރުމެވެ.

 

6 ވަނަ މާއްދާ - ކޮމިޓީ ހިނގާނެ ގޮތުގެ އުސޫލުތައް

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީ ހިނގާނެ ގޮތުގެ އިޖުރާއަތުތައް ބަޔާންކުރާ އުސޫލެއް އެކުލަވާލައި އާންމުކުރަންވާނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަންފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އުސޫލު އެކުލަވާލައި ކޮމިޓީން އާންމުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ – ކަސްޓަމްސްއިން ހިފަހައްޓާ ތަކެތި

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 151 ވަނަ މާއްދާއާއި، 152 ވަނަ މާއްދާއާއި، 153 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތީގެ ތެރެއިން މި ގާނޫނުގެ ދަށުން ކުށެއް ކުރިކަން ސާބިތުކުރުމަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އަދި ފަސޭހަކަމާއެކު އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ އެންމެހައި ތަކެތި، ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކީ، އޭގެ ޒާތުން، އެއްތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު ގެންދެވޭނެ އެއްޗެއްކަމުގައި ނުވާނަމަ ނުވަތަ އަދަދުގެ ގޮތުން ގިނަކަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ބަހައްޓާނެ ތަނެއްގެ އިންތިޒާމް ހަމަޖެހޭނެ ގޮތެއް ނެތް އެއްޗެއްކަމުގައިވާނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ، އެމުދާ އެތެރެކުރި ފަރާތުން ކްލިއަރެންސް ހެދުމަށްފަހު އެމުދަލަކާ ހަވަލުވަންދެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ ތަކެތި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުމުގެ ކުރިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ ތަކެތި، އެއްތަނުން އަނެއް ތަނަށް، ގެންދަންވާނީ، ނުވަތަ އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރަންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހެކީގެ ގޮތުގައި ހިފަހައްޓާ ތަކެއްޗާމެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން، ޗެއިން އޮފް ކަސްޓަޑީ ރެކޯޑްކުރުމާއެކުގައެވެ.

 

8 ވަނަ މާއްދާ – މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ  އެއްޗެތި

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ނައްތާލެވެންދެން އެތަކެތި ރައްކާކޮށް ބަލަހައްޓަންވާނީ، މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްޗެތި ފިޔަވައި އެހެނިހެން ތަކެތި ރައްކާކޮށް ބަލަހައްޓަންވާނީ، މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

 

9 ވަނަ މާއްދާ -  މައްސަލަތަކާ ގުޅިގެން ހިފަހައްޓާ މަސްތުވާތަކެތި ރައްކާކޮށް ބެލެހެއްޓުން

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 151 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އުޅަނދުފަހަރު ބަލައިފާސްކުރާއިރު، މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވިގެން ހިފަހައްޓާ ތަކެއްޗާއި، ގާނޫނުގެ 152 ވަނަ މާއްދާއާއި، 153 ވަނަ މާއްދާގެ ދަށުން ވައިގެ ބަނދަރަކުން ނުވަތަ ކަނޑުގެ ބަނދަރަކުން ދިވެހިރާއްޖެއަށް އެތެރެކުރި އެއްޗަކީ މަސްތުވާއެއްޗެއްކަމަށް ތުހުމަތުކުރެވިގެން ހިފަހައްޓާ ތަކެތި ނެގުމުގައާއި، ސީލްކުރުމުގައި އަމަލުކުރަންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ ތަކެތި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުމުން، ތަކެތި ބަލަހައްޓާނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހިފަހައްޓާ މަސްތުވާތަކެތީގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގާ ތަހުގީގަކާ ގުޅިގެން އެސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި، އެތަކެތި ނައްތާލެވެންދެން ރައްކާކޮށް ބަހައްޓަންވާނީ، މިގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހަދާފައިވާ ތަނެއްގައެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަހުލީލީ ބޭނުމަށް ލެބޯޓްރީއާ ހަވާލުކުރާ ތަކެތި ފިޔަވައި، އެހެނިހެން ތަކެތި، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ތަނުގައި ރައްކާކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަހުލީލީ ބޭނުމަށް ލެބޯޓްރީއާ ހަވާލުކުރާ ތަކެތި ޑްރަގް އެންޑް ކެމިކަލް ލެބޯޓްރީއާ ހަވާލުކުރުމުން އެތަކެތި ތަހުލީލުކޮށް، ތަހުލީލު ރިޕޯޓް ތައްޔާރުކުރުމާ ހަމައަށް އެތަކެތި ބަލަހައްޓާނީ އެލެބޯޓްރީއިންނެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަކެތި ތަހްލީލްކޮށް ނިމުމުން އެތަކެތީގެ ތަހުލީލު ރިޕޯޓާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓްއާ އެތަކެތި ހަވާލުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ތަކެތި އަނބުރާ ހަވާލުކުރުމުން، އެތަކެއްޗާމެދު އަމަލުކުރާނެ ވަކި ގޮތެއް ކަނޑައަޅަންދެން އެތަކެތި މި މާއްދާގެ (ނ) ގައި ބަޔާންކުރާ ތަނުގައި ރައްކާކުރަންވާނެއެވެ.

(އ) މަސްތުވާތަކެތި ރައްކާކޮށް ބަހައްޓަންވާނެކަމަށް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަން ހުންނަންވާނީ ކޮމިށަނަރ އޮފް ޕޮލިސް އެކަމަށް ކަނޑައަޅާ އިންސްޕެކްޓަރ ފެންވަރުގެ އޮފިސަރެއްގެ ބެލުމުގެ ދަށުގައެވެ. މިގޮތަށް ކަނޑައަޅާ އޮފިސަރ ކޮންމެ 6 (ހައެއް) މަސް ދުވަހަކުން ބަދަލުކުރަންވާނެއެވެ. އަދި އެތަނަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ބަޔަކަށް އެކަނި ވަދެ ނިކުމެ އުޅުމުގެ ހުއްދަ އޮންނަ ތަނެއް ކަމުގައި ވާންވާނެއެވެ.

(ވ) މި މާއްދާގެ ދަށުން ރައްކާކުރެވޭ މަސްތުވާތަކެތި ބަހައްޓަންވާނީ، އެއް މައްސަލައަކާ ގުޅިގެން ހިފަހައްޓާ އެއްޗެތި އަނެއް މައްސަލައިގައި ހިމެނޭ އެއްޗެއްސާ އޮޅުން ނާރާނެ ގޮތުގެ މަތިން ވަކިވަކިންނެވެ.

(މ) މައްސަލަތަކާ ގުޅިގެން ހިފަހައްޓާ މަސްތުވާތަކެތީގެ ތެރެއިން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަނުގައި ރައްކާކުރެވޭ މަސްތުވާތަކެތީގެ އަދަދާއި، ބާވަތްތަކާއި، ބަރުދަން އެނގޭނެ ގޮތަށް އެތަކެއްޗާގުޅޭ އެންމެހައި ލިޔެކިޔުން ބަލަހައްޓަންވާނެއެވެ. އަދި ކޮމިށަނަރ އޮފް ޕޮލިސް ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި އެތަނުގައި ރައްކާކޮށްފައިވާ މަސްތުވާތަކެތީގެ އަދަދާއި، އެތަނުގައި ހުންނަންޖެހޭނެކަމަށް ލިޔެކިޔުންތަކުން ދައްކާ އަދަދާއި ދިމާވޭތޯ ބެލުމަށް އެތަނާ ހަވާލުވެގެން ހުރި އޮފިސަރު ފިޔަވައި އެހެން އޮފިސަރަކަށް އެންގިދާނެއެވެ.

(ފ)  މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ އަދަދާއި އެތަކެތީގެ ތެރެއިން ނައްތާނުލެވި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަނުގައި ހުރި އަދަދު ބަޔާންކޮށް އެކުލަވާލާ ރިޕޯޓެއް، މި ގަވާއިދުގެ ބޭނުމަށްޓަކައި ކޮންމެ 6 (ހައެއް) މަސްދުވަހުން އެއްފަހަރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(ދ) މި މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ރިޕޯޓްގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތީގެ ބާވަތްތަކާއި، އެތަކެތީގެ ޖުމްލަ އަދަދު އަދި ބަރުދަން.
  2. މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައި ތަކެއްޗަކީ ކޮން މައްސަލަތަކަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތިކަމާއި، ވަކި ވަކި މައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތްތަކާއި އެތަކެތީގެ އަދަދު ނުވަތަ ބަރުދަން.
  3. މި މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ހާލަތު އަންގައިދޭ އަންނަނިވި މައުލޫމާތު.
    ހ. މައްސަލައިގެ ތަހުގީގު ނިމިފައިވާކަން ނުވަތަ ނޫންކަން.
    ށ. މައްސަލައިގެ ތަހުގީގު ނިމިފައިވާނަމަ، މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާކަން ނުވަތަ ނޫންކަން.
    ނ. މައްސަލައިގެ ތަހުގީގު ނިމިފައިވާއިރު، މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިނުވާނަމަ، މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިނުވާ ސަބަބު.
    ރ. މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަނބުރާ ފޮނުވާލާފައިވާނަމަ، ފޮނުވާލާފައިވާ ސަބަބެއް.

 

10  ވަނަ މާއްދާ - މަސްތުވާތަކެތި ނައްތާލުމަށް ކަނޑައެޅުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައި ރިޕޯޓް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް އެރިޕޯޓް ދިރާސާކުރުމަށްފަހު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި އެވަގުތު ހުރި މަސްތުވާތަކެތީގެ ތެރެއިން، ނައްތާލަންޖެހޭ މަސްތުވާތަކެއްޗަކީ ކޮބައިކަން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިހުރި މަސްތުވާތަކެތީގެ ތެރެއިން އެއްޗެއް ނައްތާލަން ކަނޑައަޅަންވާނީ، މި މާއްދާގެ (ނ)، (ރ)، (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ނ) މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރެވޭ މިންވަރުގެ ދެގުނައަށްވުރެ އިތުރުވާނަމަ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރެވޭ މިންވަރުގެ ދެގުނަ ބެހެއްޓުމަށްފަހު، ބާކީ ބައި ނައްތާލުމަށް ކަނޑައެޅިދާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ނައްތާނުލާ ބެހެއްޓުމަށް ކަނޑައަޅާފައިވާ މަސްތުވާތަކެތި، ތިރީގައި ބަޔާންކޮށްފައިވާ ހާލަތުންކުރެ ހާލަތެއްގައި ނައްތާލުމަށް ކަނޑައެޅިދާނެއެވެ.

  1. މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ށަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާގެ ކޯޓުން ވަކި ގޮތެއް ކަނޑައަޅާ ހުކުމްކޮށްފައިވާނަމަ؛
  2. މައްސަލައާ ގުޅިގެން ދަށު މަރުހަލާއެއްގެ ކޯޓަކުން ހުކުމްކޮށް، މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު، 1 (އެކެއް) މަސްދުވަސް ފާއިތުވެ، މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިނުވާނަމަ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަދަދަށްވަރެ މަދު މިންވަރަކަށް މަސްތުވާތަކެތި ހިމެނޭ މައްސަލަތަކުގައި ފެނިފައިވާ މަސްތުވާތަކެތި ނައްތާލުމަށް ކަނޑައަޅަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތުން ކުރެ ހާލަތެއްގައެވެ.

  1. މައްސަލައާ ގުޅިގެން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ ނުވަތަ މަސްތުވާތަކެތި ހިމެނޭ މައްސަލަތަކުގައި ފެނިފައިވާ މަސްތުވާތަކެތި ނައްތާލުމަށް ކަނޑައަޅުންވާނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތުން ކުރެ ހާލަތެއްގައެވެ.
  2. މައްސަލައާ ގުޅިގެން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ދައުވާ ނުވަތަ މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ ޑްރަގް ކޯޓު ފިޔަވައި އެހެން ކޯޓަކަށް ހުށަހެޅޭ މައްސަލަތަކުގައި، ދިވެހިރާއްޖޭގެ ށަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާގެ ކޯޓުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅާ ހުކުމްކުރުމުން؛
  3. މައްސަލައާ ގުޅިގެން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ދައުވާ ނުވަތަ މަސްތުވާތަކެތިން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ ޑްރަގް ކޯޓު ފިޔަވައި އެހެން ކޯޓަކަށް ހުށަހެޅޭ މައްސަލަތަކުގައި، ދަށު މަރުހަލާއެއްގެ ކޯޓަކުން ހުކުމެއްކޮށް، މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު، 01 (އެކެއް) މަސްދުވަސް ފާއިތުވެ، މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިނުވާނަމަ.

(ޅ)

  1. މި މާއްދާގެ (ނ)، (ރ) އަދި (ބ) އެހެން އޮތްކަމުގައިވީ ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާ ގުޅިގެން ތުހުމަތުކުރެވޭ އެއްވެސް މީހަކު ނެތްކަމެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާފައިވާ ތަކެތި ނުވަތަ، ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ އުސޫލުގެ ދަށުން އެއެއްޗަކާ ގުޅިގެން ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ތަކެތި ނުވަތަ، ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، އެފަދަ ތަކެއްޗާ ގުޅިގެން ދައުވާ  އެއް ކުރެވެން ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ތަކެތި، ނައްތާލުމަށް ކަނޑައެޅިދާނެއެވެ.
  2. މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި ނައްތާލަންވާނީ، ތުހުމަތުކުރެވޭ އެއްވެސް މީހަކު ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތާރީހުން ފެށިގެން 06 (ހައެއް) މަސްދުވަސް ފާއިތުވުމަށްފަހުގައެވެ. ނުވަތަ އެ ތަކެއްޗާ ގުޅިގެން ދައުވާއެއް ކުރެވެން ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ތާރީހުން ފެށިގެން 06 (ހައެއް) މަސްދުވަސް ފާއިތުވުމަށްފަހުގައެވެ. ނަމަވެސް، ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ އުސޫލުގެ ދަށުން އެއެއްޗަކާ ގުޅިގެން ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ތަކެތި، ޕްރޮސިކިއުޓަރ ޖެނެރަލް އެގޮތަށް ނިންމުމާއެކު ނައްތާލެވިދާނެއެވެ.

(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ) އަދި (ޅ) އެހެން އޮތްނަމަވެސް، އިސްތިސްނާ ހާއްސަ ހާލަތެއް މެދުވެރިވެއްޖެނަމަ، މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތީގެ ތެރެއިން އެއްވެސް މިންވަރެއް ނައްތާނުލާ ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމުރުކުރެވިދާނެއެވެ. އަދި ހާއްސަ ހާލަތެއްގައި މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތީގެ ތެރެއިން އެއްވެސް މިންވަރެއް ނައްތާނުލާ ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދޭނަމަ، ލިޔުމުން އެކަމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު، އެފަދަ ތަކެތި ނައްތާނުލާ ބެހެއްޓިދާނެއެވެ.

 

11 ވަނަ މާއްދާ - މަސްތުވާތަކެތި ނައްތާލުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ނައްތާލުމަށް ކަނޑައަޅާފައިވާ މަސްތުވާތަކެތި، އެތަކެތި ނައްތާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައި، އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ނައްތާލަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން މަސްތުވާތަކެތި ނައްތާލަންވާނީ، ޕްރޮސިކިއުޓަރ ޖެނެރަލް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު މަށްވަރާކުރުމަށްފަހު އެކަމަށް ކަނޑައަޅާ ތަނެއްގައެވެ.

(ނ) މި ގަވާއިދުގެ ދަށުން މަސްތުވާތަކެތި ނައްތާލަންވާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން މަދުވެގެން 3 މެންބަރުންގެ ހާޒިރުގައެވެ. އަދި އެ 3 މެންބަރުންގެ ތެރެއިން 1 މެންބަރު ވާންވާނީ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރު ނުވަތަ 5 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މެންބަރުން ކުރެ މެންބަރަކަށެވެ.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަސްތުވާތަކެތި ނައްތާލާއިރު، އެތަކެތި ނައްތާލަންވާނީ އަންދައިގެން ނުވަތަ އިންސިނިރޭޓް ކޮށްގެންނެވެ.  އަދި މިގޮތުން މިތަކެތި ނައްތާލަންވާނީ، ސިއްހަތާބެހޭ ވުޒާރާއާއި ތިމާވެއްޓާބެހޭ ވުޒާރާއިން ކަމާގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެ މަތިންނެވެ.

(ބ) މި މާއްދާގެ ދަށުން މަސްތުވާތަކެތި ނައްތާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތެރެއިން އެކަމުގެ ތަމްރީނު ލިބިފައިވާ ބައެކެވެ.

 

12 ވަނަ މާއްދާ - ޖަދުވަލު 3 ގައި ހިމެނޭ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވޭ އެއްޗެތި ރައްކާކުރުމާއި ބެލެހެއްޓުން

(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތީގެ ތެރެއިން މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު 3 ގައި ހިމެނޭ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެތިކަމަށް ށައްކުކުރެވޭ ތަކެތި ތަހުލީލުކުރުމަށްޓަކައި ޑްރަގް އެންޑް ކެމިކަލް ލެބޯޓްރީއާ ހަވާލުކުރެވުމާ ހަމައަށް އެތަކެތި ރައްކާކޮށް ބަލަހައްޓަންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ޑްރަގް އެންޑް ކެމިކަލް ލެބޯޓްރީއާ ހަވާލުކުރުމުން އެތަކެތި ތަހުލީލުކޮށް، ތަހުލީލު ރިޕޯޓް ތައްޔާރުކުރުމާ ހަމައަށް އެތަކެތި ބަލަހައްޓާނީ އެލެބޯޓްރީންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަކެތި ތަހުލީލުކޮށް ނިމުމުން އެތަކެތީގެ ތަހުލީލު ރިޕޯޓާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑީޕާޓްމަންޓްއާ ހަވާލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ތަކެތި އަނބުރާ ހަވާލުކުރުމުން، އެތަކެއްޗާމެދު އަމަލުކުރާނެ ވަކި ގޮތެއް ކަނޑައަޅަންދެން އެތަކެތި ރައްކާކޮށް ބަލަހައްޓަންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓުންނެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަކެތީގެ ފުރިހަމަ މައުލޫމާތު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓުގެ ފަރާތުން ރެކޯޑްކޮށް ބަލަހައްޓަންވާނެއެވެ.

(ޅ) މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވޭ ތަކެތީގެ ފުރިހަމަ މައުލޫމާތު ހިމެނޭ ރިޕޯޓެއް މި ގަވާއިދުގެ ބޭނުމަށްޓަކައި އަހަރަކު އެއްފަހަރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު 3 ގައި ހިމެނޭ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެހީގެ ބާވަތްތަކާއި، އެތަކެތި ހުރި މިންވަރު، އަދި
  2. މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ ކޮން މައްސަލަތަކަކާ ގުޅިގެން ފުލުހުން ބެލުމުގެ ދަށަށް ގެނެވުނު ތަކެތިކަމާއި، ވަކި ވަކި މައްސަލަތަކުގައި ހިމެނޭ ތަކެތީގެ ބާވަތްތަކާއި އެތަކެތި ހުރި މިންވަރު؛ އަދި
  3. މި މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ހާލަތު އަންގައިދޭ އަންނަނިވި މައުލޫމާތު.
    ހ. މައްސަލައިގެ ތަހުގީގު ނިމިފައިވާކަން ނުވަތަ ނޫންކަން.
    ށ. މައްސަލައިގެ ތަހުގީގު ނިމިފައިވާނަމަ، މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާކަން ނުވަތަ ނޫންކަން.
    ނ. މައްސަލައިގެ ތަހުގީގު ނިމިފައިވާއިރު، މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިނުވާނަމަ، މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިނުވާ ސަބަބު.
    ރ. މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަނބުރާ ފޮނުވާލާފައިވާނަމަ، ފޮނުވާލާފައިވާ ސަބަބު.

 

13 ވަނަ މާއްދާ – ޖަދުވަލު 3 ގައި ހިމެނޭ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވޭ އެއްޗެއްސާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުން.

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ޅ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާ ރިޕޯޓް ހުށަހަޅާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގޮތެއް ނިންމުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. މައްސަލައާ ގުޅިގެން ދައުވާއެއް އުފުލިފައިވާނަމަ، ދިވެހިރާއްޖޭގެ ށަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާގެ ކޯޓުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅާ ހުކުމްކޮށްފައިވާކަން ނުވަތަ ނޫންކަން.
  2. މައްސަލައާ ގުޅިގެން ދައުވާއެއް ކުރެވި، ދަށު މަރުހަލާއެއްގެ ކޯޓަކުން ހުކުމެއްކޮށް، މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާކަން ނުވަތަ ނޫންކަން.
  3. މައްސަލައާ ގުޅިގެން ދައުވާއެއް ކުރުމުގެ ފުރުސަތު ނެތްކަން.

(ނ) ޖަދުވަލު 3 ގައި ހިމެނޭ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވޭ އެއްޗެއް ހިމެނޭ މައްސަލައެއްގައި ދިވެހިރާއްޖޭގެ ށަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާގެ ކޯޓުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅާ ހުކުމްކޮށްފައިވާނަމަ، ނުވަތަ ދަށު މަރުހަލާއެއްގެ ކޯޓަކުން ހުކުމެއްކޮށް، މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެ، 1 (އެކެއް) މަސްދުވަސް ފާއިތުވެފައިވާނަމަ، ނުވަތަ ދައުވާއެއް ކުރެވޭނެ ޖާގައެއްނެތްކަމަށް ކަނޑައަޅާފައިވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަނޑައެޅިދާނެއެވެ.

  1. އެތަކެއްޗަކީ މުއްދަތު ހަމަވެފައިވާތަކެތި ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނައްތާލުމަށް.
    ހ. އަންދާލައިގެން ނުވަތަ އިންސިނިރޭޓްކޮށްގެން ނައްތާލުމަށް، ނުވަތަ
    ށ. ނައްތާލަންޖެހޭ އެއްޗަކީ އޭގެ ޒާތުން އަންދައިގެން ނައްތާލުން ރައްކާތެރި އެއްޗެއް ނޫންކަމަށް ގަބޫލުކުރެވޭ ހާލަތުގައި، އެކަމުގެ މާހިރުންގެ ލަފާ ހޯދުމަށްފަހު، އެލަފައާ އެއްގޮތަށް ނައްތާލުމަށް، ނުވަތަ
    ނ. ނައްތާލަންޖެހޭ އެއްޗަކީ ދިޔާ އެއްޗެއްކަމުގައިވެފައި، އެއެއްޗަކީ އޭގެ ސަބަބުން ބިމުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ އެއްޗަކަށްނުވާނަމަ، ވަޅެއް ކޮނެ، އެވަޅަށް އޮއްސާލައިގެން ނައްތާލުމަށް، ނުވަތަ
    ރ. ނައްތާލަންޖެހޭ އެއްޗަކީ ދިޔާ އެއްޗެއްކަމުގައިވެފައި، އެ އެއްޗަކީ އޭގެ ސަބަބުން ބިމުގެ ވެއްޓަށް ނޭދެވޭ އަސަރެއްކުރުން އެކަށީގެންވާ އެއްޗެއްކަމުގައިވާނަމަ، އެކަމުގެ މާހިރުންގެ ލަފާ ހޯދުމަށްފަހު، އެގޮތުގެ މަތިން ނައްތާލުމަށް.

  2. މި މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން ނައްތާލާ އެއްޗަކީ އޭގެ ޒާތުގައި ދިޔާއެއްޗެއް ކަމުގައިވާނަމަ، އެފަދަ އެއްޗެއް އަޅާފައިވާ ފުޅި ބޭނުންނުކުރެވޭ ވަރަށް ނެތިކޮށްލަން ވާނެއެވެ.
  3. އެތަކެއްޗަކީ މުއްދަތު ހަމަވެފައިނުވާ ތަކެތި ކަމުގައިވެފައި، ލެބޯޓްރީތަކުގައި ބޭނުންކުރެވޭ ތަކެތި ކަމުގައިވާނަމަ، އެތަކެތި ނީލަމުގައި ވިއްކާލުމަށް.
  4. މި މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަކެތި ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާއާމެދު އަމަލުކުރާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައި މިފަދަ ފައިސާއާމެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިންނެވެ.

(ރ) މި މާއްދާގެ (ނ)ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ކަނޑައެޅުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެތަކެއްޗާމެދު އަމަލުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ – ގަސްގަހާގެހި

 (ހ) މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ގަސްގަހާގެއްސާމެދު އަމަލުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ގަސްގަހާގެހި ހައްދާ އެތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އެތަކެއްޗަކީ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ގަސްގަހާގެހި ކަން ސާބިތުކުރުމަށްޓަކައި ކަމުގެ މާހިރުން އެގަސްތައް ބަލާ ދިރާސާކޮށް އެތަކެއްޗާބެހޭ ރިޕޯޓެއް ތައްޔާރުކުރުމަށް ދާންދެން އެތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓް ތައްޔާރުކޮށް، މައްސަލަ ތަހުގީގުކުރާ ފަރާތަށް އެރިޕޯޓް ހުށަހެޅުމުން، ގަސްތަކާބެހޭ ފޮޓޯ ރިޕޯޓެއް ތައްޔާރުކުރުމަށްފަހު، 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި މި ދެރިޕޯޓް މޯލްޑިވްސް ޕޮލިސް ސަރވިސް އިން  ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ރިޕޯޓް ހުށަހެޅުމުން، އެފަދަ ތަކެއްޗާބެހޭ ގޮތުން އަމަލުކުރާނެ ގޮތެއް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައެޅުމަށްފަހު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ގޮތެއް ކަނޑައެޅުމަށް ފަހު ޕްރޮސިކިއުޓަރ ޖެނެރަލް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުމުން އެގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަމަލުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ތަކެތި ނައްތާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގައިފިނަމަ، އެތަކެތި ނައްތާލާނީ އަންދައިގެން ނުވަތަ އިންސިނިރޭޓްކޮށްގެންނެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ތަކެތި ނައްތާލުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. މަސްތުވާތެކެތި ނައްތާލަ ކޮމިޓީގެ ހާޒިރުގައި އެތަކެތި ނައްތާލުން.
  2. މަސްތުވާތަކެތި ނައްތާލާއިރު އޮބްޒާވަރުން ގެންނަ އުސޫލުގެ މަތިން އޮބްޒާވަރުން ގެނައުން.
  3. މަސްތުވާތަކެތި ނައްތާލާއިރު، ނައްތާލާ މަންޒަރު ހަމަޖެހިފައިވާ އުސޫލުން ވީޑިއޯކުރުން.
  4. ނައްތާލެވޭ މަސްތުވާތެކެތީގެ މައުލޫމާތު ށާއިއުކުރުމަށް ހަމަޖެހިފައިވާ އުސޫލުން ވީޑިއޯކުރުން.

 

15  ވަނަ މާއްދާ – އަލަށް ފެންނަ މަސްތުވާތަކެތީގެ ބާވަތްތައް

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނިފައިވާ އެހެންނަމަވެސް އާންމުކޮށް ދިވެހިރާއްޖެއިން ނުފެންނަ މަސްތުވާތަކެތީގެ ބާވަތްތަކާމެދު އަމަލުކުރާނީ، މި ގަވާއިދުގެ ދަށުން މަސްތުވާތަކެއްޗާމެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައިވީނަމަވެސް، ތަމްރީނުގެ ބޭނުމަށްޓަކައި، އެތަކެތި ނައްތާނުލާ ބެހެއްޓުމަށް އެދޭނަމަ، ކޮމިށަނަރ އޮފް ޕޮލިސް ލިޔުމަކުން އެކަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސް އެކަމަށް އެދި ހުށަހަޅާފައިވާނަމަ، އެތަކެތި ނައްތާނުލާ ބެހެއްޓިދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަނޑައެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ތަމްރީނުގެ ބޭނުމަށް ނައްތާނުލާ ބެހެއްޓިދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ތަކެތި ރައްކާކޮށް ބަލަހައްޓާނީ މި ގަވާއިދުގައި މަސްތުވާތަކެތި ރައްކާކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްކަމުގައިވީނަމަވެސް، އެތަކެތި ތަމްރީނުކުރުމަށް ބޭނުންކުރެވޭނަމަ، އަދި އެއްތަނުން އަނެއްތަނަށް ގެންދެވޭނަމަ ނުވަތަ އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރެވޭނަމަ، އެކަން ލިޔުމުން ރެކޯޑްކޮށް ބަލަހައްޓަންވާނެއެވެ. އަދި އެތަކެތި ތަމްރީނަށް ބޭނުންކުރުމުގެ ތެރޭގައި އެތަކެތީގެ ބަރުދަނަށް އަންނަ ބަދަލުތައް ރެކޯޑްކޮށް ބަލަހައްޓަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ތަމްރީންގެ ބޭނުމަށް ނައްތާނުލާ ބެހެއްޓޭ ތަކެއްޗާގުޅޭ ރިޕޯޓެއް ތައްޔާރުކޮށް އަހަރަކު އެއްފަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ) އަދި (ޅ) އެހެން އޮތްކަމުގައިވީނަމަވެސް، އަލަށް ފެންނަ ބާވަތްތަކުގެ މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލާ ބެހެއްޓުމުގެ ބޭނުމެއް އޮތްކަމަށް ނުފެންނަ ތަކެތި، ރައްކާކޮށް ބެލެހެއްޓުމާއި، އެތަކެތި ނައްތާލުމަށް ކަނޑައަޅާ، އެތަކެތި ނައްތާލުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 11 ވަނަ މާއްދާގެ ދަށުން މަސްތުވާތަކެތި ރައްކާކޮށް ބެލެހެއްޓުމާއި، މަސްތުވާތަކެތި ނައްތާލުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނެވެ.

 

16 ވަނަ މާއްދާ – މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވުމަށް ބޭނުންކުރާ އާލާތްތައް ރައްކާކޮށް ބެލެހެއްޓުން.

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްކުށާބެހޭ މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވެގަތުމަށް ބޭނުންކުރާ އާލާތްތައް، މަސްތުވާތަކެއްޗަށް ތަހުލީލުކުރުމަށްޓަކައި ޑްރަގް އެންޑް ކެމިކަލް ލެބޯޓްރީއާ ހަވާލުކުރެވެންދެން، ރައްކާކޮށް ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ތަކެތި ޑްރަގް އެންޑް ކެމިކަލް ލެބޯޓްރީއާ ހަވާލުކުރުމުން އެތަކެތި ތަހުލީލުކޮށް، ތަހުލީލު ރިޕޯޓް ތައްޔާރުކުރުމާ ހަމައަށް އެތަކެތި ބަލަހައްޓާނީ އެލެބޯޓްރީންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަކެތި ތަހްލީލްކޮށް ނިމުމުން، ތަހުލީލުކުރުމުގެ ތެރޭގައި ހުސްވެގެން ނުވަތަ ހަލާކުވެގެންދާ ތަކެތި ފިޔަވައި، ދެން ހުރި ތަކެތި އެތަކެތީގެ ތަހުލީލު ރިޕޯޓާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓާ އެތަކެތި ހަވާލުކުރަންވާނެއެވެ.  އަދި ހުސްވެގެން ނުވަތަ ހަލާކުވެގެން ދިޔަ ތަކެތި އެނގޭނެ ގޮތުގެ މަތިން ތަހުލީލު ރިޕޯޓްގައި ބަޔާންކޮށް އެތަކެތީގެ ރެކޯޑް ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓާ ހަވާލުކުރުމުން، އެތަކެއްޗާމެދު އަމަލުކުރާނެ ވަކި ގޮތެއް ކަނޑައަޅަންދެން އެތަކެތި ރައްކާކޮށް ބަލަހައްޓަންވާނީ އެ ޑިޕާޓްމަންޓުންނެވެ.

 

17  ވަނަ މާއްދާ – މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވުމަށް ބޭނުންކުރާ އާލާތްތަކާމެދު އަމަލުކުރާނެ ގޮތް

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާގުޅޭ މައްސަލަތަކުގެ ތަހުގީގު ނިމުމުން، މިފަދަ މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްވުތެގަތުމަށް ބޭނުންކުރާ އާލާތްތަކާ މެދު އަމަލުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ތަހުގީގު ނިމޭއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވެގަތުމަށް ބޭނުންކުރާ އާލާތްތަކުގެ ތަހުލީލް ރިޕޯޓް މައްސަލަ ތަހުގީގުކުރާ ފަރާތަށް ލިބިފައިވާނަމަ، މައްސަލައިގެ ތަފްސީލާއެކު މައްސަލާގައި ހިމެނޭ އާލާތްތަކުގެ ތަފްސީލް އެނގޭނެގޮތުގެ މަތިން ތައްޔާރުކުރާ ރިޕޯޓެއް މައްސަލަ ތަހުގީގުކުރާ ފަރާތުން ތައްޔާރުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެގެން ހުރި ފަރާތަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓް، މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލަތަކާ ގުޅިގެން ހުށަހަޅާ ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް ކޮންމެ 6 (ހައެއް) މަސްދުވަހުން އެއްފަހަރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެގެން ހުރި ފަރާތުން ރިޕޯޓެއް އެކުލަވާލައި، އެރިޕޯޓް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައ ބަޔާންކޮށްފައިވާ ރިޕޯޓުގައި މައްސަލަތަކުގެ ތަފްސީލްގެ އިތުރުން، ކޮންމެ މައްސަލައެއްގައި ހިމެނޭ އާލާތްތަކާބެހޭ މައުލޫމާތު ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާ ރިޕޯޓް ދިރާސާކުރުމަށްފަހު، އެރިޕޯޓްގައި ބަޔާންކޮށްފައިވާ ވަކި ވަކި އާލާތްތަކާ ގުޅިގެން އަމަލުކުރާނެ ގޮތް ކަނޑައަޅައި، އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔުމުން އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ގޮތެއް ކަނޑައެޅުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.

  1. މައްސަލައާ ގުޅިގެން ދައުވާއެއް އުފުލިފައިވާނަމަ، ދިވެހިރާއްޖޭގެ ށަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާގެ ކޯޓުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅާ ހުކުމްކޮށްފައިވާކަން ނުވަތަ ނޫންކަން.
  2. މައްސަލައާ ގުޅިގެން ދައުވާއެއް ކުރެވި، ދަށު މަރުހަލާއެއްގެ ކޯޓަކުން ހުކުމްކޮށް، މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެ، 1 (އެކެއް) މަސްދުވަސް ފާއިތުވެފައިވާކަން ނުވަތަ ނޫންކަން.
  3. މައްސަލައާ ގުޅިގެން ދައުވާއެއް ކުރުމުގެ ފުރުސަތު ނެތުން.

(އ) މި މމާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެފައިވާނަމަ، މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވުމަށް ބޭނުންކުރާ އާލާތްތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަނޑައެޅިދާނެއެވެ.

  1.  މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކޮށްފައިވާ ކަރުދާސް، ފޮއިލް ފަދަ ތަކެތި އަންދާލައިގެން ނައްތާލުން.
  2. އަންދާލައިގެން ނައްތާނުލެވޭ ތަކެތީގެ ހަލާކުކޮށްލައިގެން ނައްތާލުން.

(ވ) މި މާއްދާގެ (ޅ)ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެތަކެއްޗާމެދު އަމަލުކުރަންވާނެއެވެ. އަދި އެތަކެއްޗާމެދު އަމަލުކުރި ގޮތުގެ ރިޕޯޓެއް އެކުލަވާލާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ – މަސްތުވާތަކެތި ވިއްކާ، ވިޔަފާރިކުރުމަށް ބޭނުންކުރެވޭ ތަކެތި ރައްކާކޮށް ބެލެހެއްޓުން

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ވިއްކާ، ވިޔަފާރިކުރުމަށް ބޭނުންކުރެވޭ ތަކެތި، ރައްކާކޮށް ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ހިމެނޭ މައްސަލަތަކުގެ ތަހުގީގު ނިމުމުން، މައްސަލައިގެ ތަފްސީލާއެކު މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ވިއްކާ، ވިޔަފާރިކުރުމަށް ބޭނުންކުރެވޭ ތަކެތީގެ ތަފްސީލު އެނގޭނެގޮތުގެ މަތިން ތައްޔާރުކުރާ ރިޕޯޓެއް ތަހުގީގުކުރާ ފަރާތުން ތައްޔާރުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެގެން ހުރި ފަރާތަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލަތަކާ ގުޅިގެން ހުށަހަޅާ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ކޮންމެ 6 (ހައެއް) މަސްދުވަހުން އެއްފަހަރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސަތުވާތަކެއްޗާބެހޭ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުރި ފަރާތުން ރިޕޯޓެއް އެކުލަވާލައި، އެރިޕޯޓް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔަންކޮށްފައިވާ ރިޕޯޓުގައި މައްސަލަތަކުގެ ތަފްސީލްގެ އިތުރުން، ކޮންމެ މައްސަލައެއްގައި ހިމެނޭ އާލާތްތަކާބެހޭ މައުލޫމާތު ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާ ރިޕޯޓް ދިރާސާކުރުމަށްފަހު، އެރިޕޯޓުގައި ބަޔާންކޮށްފައިވާ ވަކި ވަކި އާލާތްތަކާ ގުޅިގެން އަމަލުކުރާނެ ގޮތް ކަނޑައަޅައި، އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔުމުން އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ގޮތެއް ކަނޑައެޅުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.

  1. މައްސަލައާ ގުޅިގެން ދައުވާއެއް އުފުލިފައިވާނަމަ، ދިވެހިރާއްޖޭގެ ށަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާގެ ކޯޓުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅާ ހުކުމްކޮށްފައިވާކަން ނުވަތަ ނޫންކަން.
  2. މައްސަލައާ ގުޅިގެން ދައުވާއެއް ކުރެވި، ދަށު މަރުހަލާއެއްގެ ކޯޓަކުން ހުކުމެއްކޮށް، މަތީ މަރުހަލާއެއްގެ ކޯޓަކުން ހުކުމެއްކޮށް، މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެ، 01 (އެކެއް) މަސްދުވަސް ފާއިތުވެފައިވާކަން ނުވަތަ ނޫންކަން.
  3. މައްސަލައާ ގުޅިގެން ދައުވާއެއް ކުރުމުގެ ފުރުސަތު ނެތުން.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެފައިވާނަމަ، މަސްތުވާތަކެތި ވިއްކާ، ވިޔަފާރިކުރުމަށް ބޭނުންކުރެވޭ ތަކެއްޗާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަނޑައެޅިދާނެއެވެ.

  1. މައްސަލައިގައި ހިމެނޭ ތަކެއްޗާއި، މަސްތުވާތަކެތި އަޅާ ބަންދުކުރަން ބޭނުންކުރާ ރަބަރު ޕެކެޓް ފަދަ އާލާތްތައްކަމުގައިވާނަމަ، އަދި އެތަކެއްޗަކީ އާންމު ބޭނުންތަކަށް ބޭނުންކުރެވޭ ޒާތުގެ ތަކެތިނަމަ، ނީލަމުގައި ވިއްކާލުމަށް.
  2. މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި، މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ހަލާކުކޮށްލައިގެން ނައްތާލުން.
  3. މައްސަލައިގައި ހިމެނޭ ތަކެއްޗަކީ، މަސްތުވާތަކެތި މިނެކިރަން ބޭނުންކުރާ ކައްޓާއާއި، ރަބަރު ޕެކެޓް ބަންދުކުރާ މެށިން ފަދަ އާލާތްތައްކަމުގައިވާނަމަ، އަދި އެތަކެއްޗަކީ އާންމު ބޭނުންތަކަށް ބޭނުންކުރެވޭ ޒާތުގެ ތަކެތިނަމަ، ނީލަމުގައި ވިއްކާލުމަށް.
  4. މި މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި، މަސްތުވާތެކެތި މިނެކިރަން ބޭނުންކުރާ އާލާތްތައް، ހަލާކުކޮށްލައިގެން ނައްތާލުމަށް.

(ވ) މި މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާ ތާރީހުން ފެށިގެން  15 (ފަނަރަ) ދުވަހުގެ ތެރޭގައި އެގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެތަކެއްޗާމެދު އަމަލުކުރަންވާނެއެވެ. އަދި އެތަކެއްޗާމެދު އަމަލުކުރި ގޮތުގެ ރިޕޯޓެއް އެކުލަވާލާ ޕްރޮސިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(މ) މި މާއްދާގެ (އ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަކެތި ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާއާމެދު އަމަލުކުރާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ގާނޫނު) ގައި މިފަދަ ފައިސާއާމެދު އަމަލުކުރުމަށް ކަނޑައެޅުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިންނެވެ.

 

19 ވަނަ މާއްދާ – ކުޑަކަމުދާ އެއްޗެހި

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ ކުޑަކަމުދާއެއްޗެހި ނަގައި، އެތަކެއްޗާމެދު އަމަލުކުރަންވާނީ، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު 385/2014 (މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި ނެގޭ ކުޑަކަމުދާއެއްޗެހީގެ ސާމްޕަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން ކުޑަކަމުދާ އެއްޗެހި މަސްތުވާތަކެއްޗަށް ތަހުލީލުކުރުމަށްފަހު އެތަކެތި ނައްތާލަންވާނީ ލެބޯޓްރީންނެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްކަމުގައި ވީނަމަވެސް، ހަވާލާދެވިފައިވާ ގަވާއިދުގެ ދަށުން ނަގާ ކުޑަކަމުދާ އެއްޗެހި މަސްތުވާތަކެއްޗަށް ތަހުލީލުކުރުމުގެ ކުރިން ހަލާކުވެއްޖެނަމަ، އެތަކެތި ނައްތާލަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކުޑަކަމުދާ އެއްޗެހި ނައްތާލާނީ، ކުޑަކަމުދާ އެއްޗެހި ހަލަކުވާއިރު، އެވަގުތު އެތަކެއްޗާ ހަވާލުވެގެންހުރި ފަރާތަކުންނެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ކުޑަކަމުދާ އެއްޗެހި ނައްތާލާއިރު، އެތަކެތި ނައްތާލެވުނު ސަބަބާއި، ނައްތާލި ފަރާތް އެނގޭނެ ގޮތުގެ މަތިން އެތަކެތި ހިމެނޭ މައްސަލައިގެ ލިޔެކިޔުންތަކުގައި ރެކޯޑުކުރަންވާނެއެވެ.

(ޅ) ކުޑަކަމުދާ އެއްޗެހި ތަހުލީލުކުރުމަށްފަހު ލެބޯޓްރީއިން ނައްތާލާ ކުޑަކަމުދާ އެއްޗެހި ފިޔަވައި، މި މާއްދާގެ ދަށުން ނައްތާލެވޭ ކުޑަކަމުދާއެއްޗެހި ނައްތާލެވުނު ސަބަބާއި، ނައްތާލެވުނު ގަޑި އާއި ތާރީހް އަދި ނައްތާލި ފަރާތުގެ މައުލޫމާތު އެނގޭނެ ގޮތުގެ މަތިން، މައްސަލަ ތަހުގީގުކުރާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

20  ވަނަ މާއްދާ – ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މުދަލާއި ފައިސާ

(ހ)

  1. މަސްތުވާތަކެއްޗާބެހޭ ގާނުނުގެ 57 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މުދާ ރައްކާތެރިކޮށް ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތަކުންނެވެ.
  2. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި އެހެން އޮތްކަމުގައިވީނަމަވެސް، މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާގުޅޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މުދަލާ ގުޅިގެން އަމަލުކުރާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން، އެފަދަ ތަކެތި ރައްކާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
  3. މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދާ ރައްކާކޮށް ބަލަހައްޓާނަމަ، އެތަކެތި ހުންނަންވާނީ، އެމައްސަލައިގައި ހިމެނޭ މުދާ، އަނެއް މައްސަލާގައި ހިމެނޭ މުދަލާ އެކުނުވާނެ ގޮތުގެ މަތިން ވަކި ވަކިންނެވެ.
  4. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ، 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދާ ރައްކާކޮށް ބަހައްޓަންވާނީ، މުދާ ރައްކާކޮށް ބަހައްޓާފައިވާ "ތަން" ލިޔުމުން ރެކޯޑްކުރުމާއެކުގައެވެ. އަދި އެ ރެކޯޑުގައި މުދަލަކީ ކޮން މައްސަލައެއްގައި ހިމެނޭ މުދަލެއްކަމާއި، އެމުދާ ބަހައްޓާފައިހުރީ ކޮން ފަރާތެއްގެ ހަވާލުގައިކަން ބަޔާންކުރަންވާނެއެވެ.   

(ށ)

  1. މަސްތުވާތެކެއްޗާބެހޭ ގާނުނުގެ 157 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފައިސާ ރައްކާކޮށް ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތަކުންނެވެ.
  2. މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާއަކީ ގިނަ އަދަދެއްގެ ފައިސާނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރާ މައްސަލަތަކުގައި ހިފެހެއްޓޭ ފައިސާ ޖަމާކުރުމަށް ކަނޑައަޅާފައިވާ ބޭންކް އެކައުންޓަކަށް އެފައިސާ ޖަމާކުރަންވާނެއެވެ.
  3. މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެކައުންޓަށް ޖަމާކުރާ ފައިސާ، އެކައުންޓަށް ޖަމާކުރިކަމުގެ ލިޔުން، އެފައިސާ ހިމެނޭ މައްސަލައިގެ ލިޔުންތަކާއެކު އެޓޭޗްކުރެވިފައި އޮންނަންވާނެއެވެ.

(ނ)

  1. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 158 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މުދަލާއި ފައިސާއާމެދު އެމާއްދާގެ (ށ) ގެ ދަށުން ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، އެމުދަލާއި ފައިސާ ރައްކާކޮށް ބަލަހައްޓާނީ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާއާމެދު އަމަލުކުރުމަށް ކޯޓުން ގޮތެއް ކަނޑައެޅުމުން، ކޯޓުން ކަނޑައަޅާގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަމަލުކުރަންވާނެއެވެ.

(ރ) މިމާއްދާގެ (ހ)، (ށ)، (ނ) ގައި ބަޔާންކޮށްފައިވާ މުދަލާއި ފައިސާގެ އިތުރުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 157 ވަނަ މާއްދާގެ (ނ) ގެ ދަށުން އެއެކައުންޓަކުން މުއާމަލާތްކުރުން ހުއްޓުވާފައިވާ އެކައުންޓުގައި ހުރި ފައިސާއަކީ، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ނޫންކަން ށަރީއަތަށް ސާބިތުކޮށް ނުދެވޭ ހާލަތެއްގައި، ގާނޫނުގެ 160 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެމުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފިނަމަ، އެތަކެތި ޖަމާކުރަންވާނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 172 ވަނަ މާއްދާގައި ބަޔާންކުރާ "މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑު" އަށެވެ.

 

21 ވަނަ މާއްދާ – ޓެލެފޯނުންނާއި، އެހެނިހެން މުވާސަލާތީ ވަސީލަތްތަކުން ދެކެވޭ ވާހަކައާއި ބަދަލުކުރެވޭ މައުލޫމާތުގެ ރެކޯޑިންގތައް

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 150 ވަނަ މާއްދާގެ (ނ)ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިފައިވާ ބާރުގެ ދަށުން ހޯދާ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭ ޓެލެފޯނުންނާއި، އެހެނިހެން މުވާސަލާތީ ވަސީލަތްތަކުން ދެކެވޭ ވާހަކައާއި ބަދަލުކުރެވޭ މައުލޫމާތުގެ ރެކޯޑިންގ ރައްކާކޮށް ބަލަހައްޓަންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތްތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ބުނެފައވާ ރެކޯޑިންގތަކުގެ ތެރެއިން ރެކޯޑިންގއެއް ހިމެނޭ މައްސަލައެއް ދިވެހިރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓަކުން އެމައްސަލައިގައި ގޮތެއް ކަނޑައަޅަންދެން، ނުވަތަ މައްސަލައާ ގުޅިގެން ދަށު މަރުހަލާއެއްގެ ކޯޓަކުން ހުކުމެއްކޮށް، މަތީ މަރުހަލާގެ ކޯޓަކުން އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެ 01 (އެކެއް) މަސްދުވަސް ފާއިތުވާއިރު، މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިނުވާކަން ކަށަވަރުވަންދެން، އެތަކެތި ރައްކާކޮށް ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުން، އެރެކޯޑިންގތައް އާކައިވްކޮށް، ގާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގައި މިފަދަ ތަކެތި ރައްކާކޮށް ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައިވާ މުއްދަތަށް ރައްކާކޮށް ބަލަހައްޓަންވާނެއެވެ.

 

22 ވަނަ މާއްދާ – ހެކީގެ ގޮތުގައި ބޭނުންކުރެވޭ އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގތައް

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 154 ވަނަ މާއްދާގެ (ނ) އާއި 155 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭށަންތަކާ ސިއްރު އޮޕަރޭށަންތަކާބެހޭ އެންމެހައި ވީޑިއޯ ނުވަތަ އޯޑިއޯ ރެކޯޑިންގ ރައްކާކޮށް ބަލަހައްޓަންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރެކޯޑިންގތަކުގެ ތެރެއިން ރެކޯޑިންގއެއް ހިމެނޭ މައްސަލައެއް ދިވެހިރާއްޖޭގެ އެންމެ މަތީ މަރުހަލާ ކޯޓަކުން އެމައްސަލައިގައި ގޮތެއް ކަނޑައަޅަންދެން، ނުވަތަ މައްސަލައާ ގުޅިގެން ދަށު މަރުހަލާއެއްގެ ކޯޓަކުން ހުކުމެއްކޮށް، މަތީ މަރުހަލާގެ ކޯޓަކަށް އިސްތުއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެ 01 (އެކެއް) މަސްދުވަސް ފާއިތުވާއިރު، މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިނުވާކަން ކަށަވަރުވަންދެން، ރައްކާކޮށް ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުން، އެރެކޯޑިންގތައް އާކައިވްކޮށް، ގާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގައި މިފަދަ ތަކެތި ރައްކާކޮށް ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައިވާ މުއްދަތަށް ރައްކާކޮށް ބަލަހައްޓަންވާނެއެވެ.

 

23 ވަނަ މާއްދާ – ޗެއިން އޮފް ކަސްޓަޑީ

މަސްތުވަތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތީގެ ތެރެއިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި އެއްތަނުން އަނެއް ތަނެއް ގެންދަންވާނީ، ނުވަތަ އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރަންވާނީ، ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ ވަނަވަރު އަދި ހަވާލުކުރެވޭ ތާރީހާއި، ގަޑި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ފުރިހަމަކުރުމަށް ފަހުގައެވެ.

 

24 ވަނަ މާއްދާ – މަސްތުވާތަކެތި ނައްތާލާއިރު އޮބްޒާވަރުން ގެނައުން.

(ހ) މި ގަވައިދުގެ ދަށުން މަސްތުވާތަކެތި ނައްތާލާ މަންޒަރު ބެލުމަށް، އޮބްޒާވަރުންގެ ގޮތުގައި، ކޮމިޓީއިން ކަނޑައަޅާ އުސޫލެއްގެ މަތިން، ހަބަރު ފެތުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރަޖިސްޓްރީކޮށްފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް ދައުވަތު ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ވަކި ބާވަތެއްގެ އެއްޗެއް ނައްތާލާއިރު ދިމާވެދާނެ ނުރައްކަލަކަށް ނުވަތަ އިތުރު ފިޔަވަޅު އަޅަންޖެހިދާނެކަމަށް ރިއާޔަތްކޮށް، އެކަމެއް ހައްލުކުރެވޭނެކަމަށް ކޮމިޓީއަށް ފެނިގެން ދައުވަތުދީފައިވާ ފަންނީ މީހުންނަށް، އެއްޗެތި ނައްތާލާ ތަނުގައި ތިބެވިދާނެއެވެ.

 

25 ވަނަ މާއްދާ – މަސްތުވާތަކެތި ނައްތާލާ މަންޒަރު ރެކޯޑްކުރުން

މި ގަވާއިދުގެ ދަށުން މަސްތުވާތަކެތި ނައްތާލާއިރު އެކަން ހިނގަމުންދާ މަންޒަރުގެ ވީޑިއޯ ނުވަތަ ފޮޓޯގްރަފީގެ ވަސީލަތުން ރެކޯޑްކޮށް، ގާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގައި މި ފަދަ ތަކެތި ރައްކާކޮށް ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ރައްކާކޮށް ބަލަހައްޓަންވާނެއެވެ.

 

26 ނައްތާލެވޭ މަސްތުވާތަކެތީގެ ތަފްސީލް ށާއިއުކުރުން

މި ގަވާއިދުގެ 11 ވަނަ މާއްދާއާއި، 12 ވަނަ މާއްދާ އަދި 13 ވަނަ މާއްދާގެ ދަށުން ނައްތާލެވޭ މަސްތުވާތަކެތި ނައްތާލެވޭ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެތަކެއްޗާބެހޭ މައުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ހ) ނައްތާލެވުނު މަސްތުވާތަކެއްޗަކީ ކޮން ތާރީހެއްގައި އަތުލައިގަނެވުނު މަސްތުވާތަކެތި ކަން.

(ށ) ނައްތާލެވުނު މަސްތުވާތަކެތީގެ ބާވަތާއި ބަރުދަން.

(ނ) ނައްތާލެވުނު މަސްތުވާތަކެތި ހިމެނޭ މައްސަލާގައި ދައުވާލިބޭ ފަރާތްތައް

 

27 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

28 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތްގޮތުން އެހެން ގޮތަކަށް ދޭހަ ނުވާހާ ހިނދަކު:

(ހ) "މަސްތުވާތަކެތި" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނޭ އެންމެހައި ތަކެތި ށާމިލުވާގޮތުގެ މަތިންނެވެ.

(ށ) "މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވުމަށް ބޭނުންކުރާ އާލާތް" ކަމަށް ބުނެފައިއެވަނީ، ސިރިންޖް، ފޮއިލް، ޗުއިންގަމް ކަރުދާސް، ޕައިޕް، ނުވަތަ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވުމަށްޓަކައި ބޭނުންކުރެވޭ ކޮންމެ އެއްޗެއް ހިމެނޭ ގޮތުންނެވެ.

(ނ) "މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެހި" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ޖަދުވަލު 3 ބަޔާންކޮށްފައިވާ އެއްޗެއްސަށެވެ.

(ރ) "މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަކެތި" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތި އަޅާ ބަންދުކުރުމަށް ބޭނުންކުރާ ރަބަރު ޕެކެޓާއި، ޕެކެޓް ބަންދުކުރާ މެށިން ފަދަ އާލާތްތަކާއި، މަސްތުވާތަކެތި މިނެކިރުމަށް ބޭނުންކުރާ ކައްޓާ ފަދަ އާލާތްތައް ހިމެނޭ  ގޮތުންނެވެ.

(ބ) "ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، "މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތި ނައްތާލާ ކޮމިޓީ" އަށެވެ.

(ޅ) "ޗެއިން އޮފް ކަސްޓަޑީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބުނެފައިވާ ތަކެތި އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ކުރުމަށެވެ.

 

މައި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު