-

ގަވާއިދު ނަންބަރު 180/2015 (ޖަމްއިއްޔާތަކުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 10/2016) 

 

މިއީ، ގަވާއިދު ނަންބަރު 180/2015 (ޖަމްއިއްޔާތަކުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާޢިދުގެ އަންނަނިވި ބާބު (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުން) އަންނަނިވި ގޮތަށް އިސްލާހުކުރުން.

29. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުން

ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ޖަމްއިއްޔާއަކުން ހިންގާ އެންމެހައި މަޝްރޫއުތަކާއި ހަރަކާތްތަކަށް ހަރަދު ކުރުމަށް ލިބޭ އެހީއާ ގުޅޭ ގޮތުން މި ބާބުގެ ތިރީގައިވާ މާއްދާތަކުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

 

30. މަޝްރޫއުތައް ހިންގުމާއި އެހީ ހޯދުން

ޖަމްއިއްޔާގެ މަގުސަދުތައް ހާސިލުކުރުމުގެ ގޮތުން ރަށު ފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި، ގައުމީ ފެންވަރުގައި މަޝްރޫއުތައް ހިންގިދާނެއެވެ.

(ހ) ޖަމްއިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ހާސިލުކުރުމަށްޓަކައި ހިންގާ މަޝްރޫއެއް ހިންގުމަށްޓަކައި 150،000 (އެއް ލައްކަ ފަންސާސް ހާސް ރުފިޔާ) ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ނުވަތަ ތަކެތީގެ އެހީއެއް ރާއްޖެ ނުވަތަ ރާއްޖެއިން ބޭރުން ބަލައިގަންނަން ވާނީ،، ރަޖިސްޓްރާރަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހުއްދައަށް އެދި ރަޖިސްޓްރާރަށް ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ ނިންމާ ގޮތެއް ޖަމްއިއްޔާއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ 150،000 (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އަށްވުރެ ކުޑަ އަދަދެއްގެ ފައިސާ ނުވަތަ ތަކެޓީގެ އެހީއެއްނަމަ އެ އެހީއެއް ބަލައިގަންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެހީއާބެހޭ މައުލޫމާތު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ނ) ގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ ލިޔުމުގައި ތިރީގައި ބަޔާންކުރާ މައުލޫމާތު ފުރިހަމަވާންވާނެއެވެ.

  1. އެހީ ހޯދަނީ ކޮން ފަރާތަކުންކަން؛
  2. އެހީގެ އަދަދު؛
  3. އެހީގެ މަގުސަދާއި ހިންގަން ދަސްކުރާ ހަރަކާތްތަކުގެ ތަފުސީލު؛
  4. އެހީ ދޭ ފަރާތުން އެހީ ދިނުމުގައި ވަކި ކަމެއް ށަރުތު ކުރާނަމަ އެކަމެއް؛
  5. މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާނަމަ، އެހީ ދޭ ފަރާތުން އެހީ ހަވާލުކުރި ކަމުގެ ލިޔުން.

 

(ބ) މި ގަވާއިދުގައި އެހީގެ ތަފުސީލު ހުށަހަޅަންޖެހޭ އެހީ ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދާ އެއްވަރުގެ އަގެއް ނުވަތަ އެ އަދަދަށްވުރެ ބޮޑު އަގެއްގެ ފައިސާއާއި ތަކެއްޗާއި ފަންނީ މަސައްކަތް ހިމެނޭ ގޮތަށެވެ.

(ޅ) މި މާއްދާގައި "ރާއްޖެއިން ބޭރުން" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުގެ ސަރުކާރުތަކާއި، ޖަމާއަތްތަކާއި، އިދާރާތަކާޢި އަދި ވަކިވަކި ފަރުދުން ހިމެނޭ ގޮތަށެވެ.

 

31. މަޝްރޫއުތަކާބެހޭ ރިޕޯޓު

(ހ) މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބުނެފައިވާ މަޝްރޫއުތައް ހިންގައި ނިމުމުން އެ މަޝްރޫއުތައް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަޝްރޫއެއް ހިނގި ގޮތުގެ ރިޕޯޓެއް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ސަބަބަކާހުރެ ހިނގަމުންދާ މަޝްރޫއެއް ހުއްޓާލަން ޖެހިއްޖެނަމަ، އެ މަޝްރޫއެއް ހުއްޓާލާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މަޝްރޫއު ހިނގަމުންދިޔަ ގޮތާއި މަޝްރޫއު ހުއްޓާލި ސަބަބު ބަޔާންކުރާ ރިޕޯޓެއް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

32. އެހީދޭ ފަރާތަށް މައުލޫމާތު ހިއްސާކުރުން

(ހ) ޖަމްއިއްޔާތަކުން އެހީ ހޯދާއިރު އެހީ ހޯދަނީ ކޮން މަގުސަދެއްގައިކަން އެހީ ދޭ ފަރާތަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޯދާ އެހީ ބޭނުންކުރަންވާނީ އެ އެހީ ހޯދި މަގުސަދު ހާސިލުކުރުމަށެވެ.

 

33. ހަރަކާތްތަކުގެ ބަޖެޓް ޕްލޭން

(ހ) ކޮންމެ ޖަމްއިއްޔާއަކުންވެސް ކުރިއަށް އޮންނަ އަހަރު އެ ޖަމްއިއްޔާއަކުން ހިންގުމަށް ގަސްދުކުރާ ހަރަކާތްތަކުގެ ފުރިހަމަ ޕްރޮގްރާމް ބަޖެޓް ޕްލޭން އެ ހަރަކާތްތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދުތަކުގެ ތަފުސީލާއެކު ތިރީގައިވާ ކަންތައްތައް ހިމެނޭގޮތަށް ތައްޔާރުކޮށް، ޖަމްއިއްޔާގެ ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓު އަދި އަހަރީ ހިސާބާއެކު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ކުރިއަށް އޮންނަ އަހަރު ޖަމްއިއްޔާއިން ހިންގުމަށް ގަސްދުކުރާ ހަރަކާތްތަކުގެ ތަފުސީލު؛
  2. ހަރަކާތައް ހިންގުމަށް ލަފާކުރާ ހަރަދުގެ ތަފުސީލު؛
  3. ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދާނެ ގޮތުގެ ތަފުސީލު؛
  4. ހަރަކާތްތައް ހިންގުމަށް ހޯދާ ފައިސާ ހަރަދު ކުރެވޭނެ ގޮތުގެ ތަފުސީލު؛
  5. ހަރަކާތްތައް ހިންގުމަށް ރާއްޖެއިން ބޭރުގެ އެހީ ލިބޭނެނަމަ އެކަމުގެ ތަފުސީލު؛
  6. ފައިސާ ހޯދުމަށް ފަންޑް ރެއިސިންގ ފަދަ ހަރަކާތެއް ހިންގާނަމަ އެކަމުގެ މަގުސަދު އަދި ތަފުސީލު.

 

(ށ) ޖަމްއިއްޔާގެ ކުރިއަށް އޮންނަ އަހަރުގެ އިދާރީ ބަޖެޓް (ރިކަރެންޓް ހަރަދު) ވެސް ވަކިން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، ހިންގާ ކޮމިޓީން ފާސްކުރުމަށްފަހު ޖަމްއިއްޔާގެ މަގުސަދުތައް ހާސިލުކުރުމުގެ ގޮތުގެ ޖަމްއިއްޔާއިން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކަށް ބަދަލުގެނެވިދާނެއެވެ. މިގޮތުން ގެނެވޭ ބަދަލުތައް 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

34. ބޭންކް އެކައުންޓް

(ހ) ކޮންމެ ޖަމްއިއްޔާއެއްގައިވެސް އެ ޖަމްއިއްޔާގެ ފަންޑުތައް ބެހެއްޓުމަށްޓަކައި ރަޖިސްޓަރީކުރެވިފައިވާ ބޭންކް އެކައުންޓެއް އޮންނަންވާނެއެވެ.

(ށ) ޖަމްއިއްޔާގެ އެންމެހައި ފަންޑުތައް ހުންނަން ވާނީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޭންކު އެކައުންޓުގައެވެ.

(ނ) ޖަމްއިއްޔާއަށް ފަންޑު ހޯދައި ލިބިގަނެ އަދި ފަންޑު ޓްރާންސްފަރކޮށް ހަދަންވާނީ ރަސްމީ ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ މާލީ އިދާރާތައް މެދުވެރިކޮށެވެ.

 

35. ވިޔަފާރިކުރުމާއި ލޯނު ނެގުން

(ހ) ޖަމްއިއްޔާތަކާބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމަށްޓކައި، ފައިސާ ހޯދުމުގެ ގޮތުން، ލޯނު ނެގުމާއި ވިޔަފާރީގެ މުއާމަލާތު ހިންގިދާނެއެވެ. މިގޮތުން ހިންގާ މުއާމަލާތްތަކާބެހޭ ތިރީގައި ބުނެފައިވާ މައުލޫމާތު، އެ މުއާމަލާތެއް ހިންގަން ފެށުމުގެ ކުރިން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރީގެ ރައުސުލްމާލު އަދި ރައުސުލްމާލު ލިބުނު ގޮތުގެ ތަފުސީލު؛
  2. ވިޔަފާރީގެ ބާވަތް؛
  3. ވިޔަފަރިކުރަން ގަސްތުކުރާގޮތް؛
  4. ވިޔަފާރީގެ ފައިދާއިން ޖަމްއިއްޔާގެ މަގުސަދު ހާސިލުކުރުމަށް ރާވާފައިވާ ގޮތާއި ހާސިލުވާނެކަމަށް ލަފާކުރާ މިންވަރު.

 

(ށ) ޖަމްއިއްޔާއަކުން އެއްވެސް ބާވަތެއް ވިޔަފާރިއެއް ކުރަންވާނީ އެކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނެގުމަށްފަހު ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ތައާރުޒުނުވާ ގޮތެއްގެ މަތިންނެވެ.

(ނ) ޖަމްއިއްޔާއަކުން ކުރާ ވިޔަފާރީގެ ހިސާބު ކޮންމެ އަހަރެއްގެ އަހަރީ ހިސާބާއެކު، ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ. ވިޔަފާރި ހިސާބުގައި ވިޔަފާރީގެ ރައުސުލްމާލާއި، ހަރަދުވި ފައިސާ އަދި ލިބުނު ފައިސާ އެނގެން އޮންނަންވާނެއެވެ.

 

36. މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން

(ހ) ޖަމްއިއްޔާގެ މެންބަރުންނާއި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ޖަމްއިއްޔާގެ މުއައްސިސުންނަށް ޖަމްއިއްޔާގެ މުދަލާއި ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިފައެއް ނުވެއެވެ.

(ށ) ޖަމްއިއްޔާގެ މެންބަރަކު ޖަމްއިއްޔާތަކާބެހޭ ގާނޫނާއި ގަވާއިދާއި، ޖަމްއިއްޔާގެ ހިންގާ ގަވާއިދާއި ހިލާފަށް ޖަމްއިއްޔާގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ށަކުވާ ރަޖިސްޓްރާރަށް ހުށަހަޅައިފިނަމަ އެކަމެއް ބެލުމަށްފަހު، ރަޖިސްޓްރާރ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ތަކެތި ޖަމްއިއްޔާއަށް އަނބުރާ ހަވާލުކުރަން އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

37. އޮޑިޓްކުރުން

(ހ) ތިރީގައި މިވާ ޖަމްއިއްޔާތައް ދިވެހި ސަރުކާރުން ގަބޫލުކުރާ އޮޑިޓް ފާމަކުން އަހަރަކު އެއް ފަހަރު، އޮޑިޓް ކުރުމަށްފަހު އޮޑިޓް ރިޕޯޓު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ގައުމީ ފެންވަރުގައި ހިންގާ ޖަމްއިއްޔާތައް؛
  2. ޖަމްއިއްޔާ ހިންގުމަށް ނުވަތ ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް ދިވެހި ސަރުކާރުން އަހަރަކު 500،000 (ފަސްލައްކަ) ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް އެހީދޭ ޖަމްއިއްޔާތައް؛
  3. މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފއިވާ ރާއްޖެއިން ބޭރުގެ ޖަމްއިއްޔާތައް؛
  4. އަހަރަކު 500،000 (ފަސްލައްކަ) ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް ރުފިޔާގެ މުއާމަލާތު ކޮށްފައިވާ ޖަމްއިއްޔާތައް. 

(ށ) ޖަމްއިއްޔާއެއް އޮޑިޓްކުރުމަށް ރަޖިސްޓްރާރ ކަނޑައަޅައިފިނަމަ އެ ޖަމްއިއްޔާއެއް އޮޑިޓްކުރަންވާނެއެވެ.

 

38. ޖަމްއިއްޔާގެ މައުލޫމާތު ހޯދުން

(ހ) ޖަމްއިއްޔާގެ ރަޖިސްޓްރާރ އެދިއްޖެ ހިނދެއްގައި، ޖަމްއިއްޔާގެ މެންބަރުންގެ ރަޖިސްޓަރީއާއި، ޖަމްއިއްޔާގެ އިދާރީ ލިޔެކިޔުމާއި، ފައިސާއާބެހޭ ލިޔެކިޔުމުގެ ކޮޕީއާއި ޖަމްއިއްޔާއާބެހޭ މައުލޫމާތު، އެ ޖަމްއިއްޔާއަކުން ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ދޭންވާނެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެ މަތިން ޖަމްއިއްޔާއަކުން ސައްހަނޫން މައުލޫމާތު ދީފައިވާނަމަ، އެ ޖަމްއިއްޔާއަކާ މެދު މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

39. ހާއްސަ ހާލަތްތަކުގައި ބަލައި ފާސްކުރުމުގެ ބާރު

ޖަމްއިއްޔާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުވަތަ ދިވެހި މުޖުތަމައުގެ މަސްލަހަތާއި އަމާންކަމަށް ނުރއްކާވާ ފަދަ އަމަލު ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް އެ ޖަމްއިއްޔާގެ އިދާރީ އޮފީހަށާއި ޖަމްއިއްޔާގެ ހަރަކާތް ހިންގާ ތަންތަނަށް ވަދެ ބަލައި ފާސްކުރެވިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް، މި ގަވާއިދުން އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން ބުނެވިދިޔަ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. އެއް ނުވެއެވެ.

 

މައި ގަވާއިދު

ޖަމްއިއްޔާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 180/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު