-

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-131) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-21)

(މި ގަވާއިދުގެ 22 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2015-155 އުވާލެވިފައި)

 

ގަވާއިދު ނަންބަރު 2015-131 (މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (2) ގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ހުރަވީ ރަން މެޑަލް

މިއީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް އާދަޔާ ހިލާފު ހިތްވަރުގަދަކަމާއި ޖެހިލުންކުޑަ ކަމެއް ސާބިތުކޮށްދިން ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ނިށާން ގާޒީގެ ށަރަފު ހައްގުވާ ފަދަ އަމަލެއް ކަމުގައި ގިންތި ނުކުރެވޭ އޮފިސަރުންނަށެވެ.

  1. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް ހިތްވަރުގަދަ ކަމެއް ސާބިތުކޮށްދިން ފަރާތެއް؛
  2. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ތިމާގެ ހަށިގަނޑަށް އަދި ފުރާނައަށް އެއްވެސް ބެލުމެއްނެތި ވަރަށް ހިތްވަރާއެކު އެ ފެންވަރުގެ އެހެން މީހުންނާ ހިލާފަށް ފާހަގަކުރެވޭ އަމަލެއް ކޮށްފައިވާ ފަރާތެއް؛
  3. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި، ނުރައްކާތެރި ދަނޑިވަޅެއްގައި އެ މީހެއްގެ ހަށިގަނޑާއި ފުރާނައަށް އެއްވެސް ބެލުމެއްނެތި އާދަޔާ ހިލާފު ޖެހިލުންކުޑަ އަމަލެއް ކުރި ފަރާތެއް.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (2) ގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ހުރަވީ ރިހި މެޑަލް

މިއީ ފާހަގަކުރެވޭ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަމެއް ސާބިތުކޮށްދިން ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ގައުމަށް ދިމާވާ ނުރައްކާތެރި ހާލަތެއްގައި އަމަންއަމާންކަމާ ސުލްހަ މަސްލަހަތަށް ގެއްލުންވާ ފަދަ ކަމެއްގައި ހަރަކާތްތެރިވުމުގައި ތިމާގެ ހަށިގަނޑާއި ފުރާނަޔަށް ބެލުމެއްނެތި ހިތްވަރުގަދަ އަދި ޖެހިލުންކުޑަ އަމަލެއް (ހުރަވީ ރަން މެޑަލް ހައްގުވާ ވަރަށް ވުރެ ދަރަޖައިގެ ގޮތުން ދަށް ހިތްވަރުގަދަ އަމަލެއް) ކުރި ފަރާތެއް؛
  2. ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ހިތްވަރުގަދަ އަމަލެއް (ހިތްވަރުގަދަކަމުގެ ކުލަ ހައްގުވާ ވަރަށްވުރެ މަތީ ދަރަޖައިގެ ހިތްވަރުގަދަ އަމަލެއް) ކުރި ފަރާތެއް؛
  3. އަމަން އަމާންކަމާއި ސުލްހަ މަސްލަހަތަށް ގެއްލުންވާފަދަ ކަމެއް ރާވާ ބަޔަކާބެޭހޭ މައުލޫމާތު ހޯދުމުގައި ތިމާގެ ފުރާނަޔަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރަސްކޮށް ވަރަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (2) ގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް

މިއީ ތިމާގެ އަމިއްލަ ފުރާނައަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ނުބަލައި އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އަމިއްލަ ފުރާނަޔަށް އެއްވެސް ބެލުމެއް ނެތި އެހެން އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތެއް؛
  2. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލައި މި މެޑަލް ދިނުމަށް ހައްގުވާކަން ސާބިތުވާ ފަރާތެއް.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (2) ގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް

މިއީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތެއް؛
  2. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރަށް ބަލައި މި މެޑަލް ދިނުން ހައްޤުވާކަން ސާބިތުވާ ފަރާތެއް؛
  3. މި ޢަމަލަކީ ފުރާނަ ސަލާމަތްކުރުމުގެ ރަންމެޑަލް ހައްޤުވާފަދަ ޢަަމލެއްކަމުގައި ނުވުން.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (2) ގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) މަތިވެރި ހިދުމަތުގެ މެޑަލް

މިއީ އޮފިސަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އޮފިސަރުންގެ ވަޒީފާގައި ގައުމަށް ފައިދާ ހުރި އަދި އަގު ހުރި ގޮތުގައި ގިނަ ހިދުމަތްތަކެއް އަދާކޮށްފައިވާ ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. އާންމު ގޮތެއްގައި މި މެޑަލް ދެވޭނީ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޔުނިޓެއްގެ ނުވަތަ ޑިޕާޓްމަންޓެއްގެ ވެރިޔެއްގެ މަޤާމުގައި މަދުވެގެން 15 (ފަނަރަ) އަހަރު ހުރެ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް؛
  2. އޮފިސަރުންގެ ހިދުމަތުގެ މެޑަލް ނުވަތަ އިހުލާސްތެރި ހިދުމަތުގެ މެޑަލް ލިބިފައިވާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ޤައުމަށް އޮފިސަރުންގެ ތެރެއިން މޯ އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (2) ގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން

އިހުލާސްތެރި ހިދުމަތުގެ މެޑަލް

(އ) މިއީ މެދުނުކެޑި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގެ އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ހިދުމަތްކުރުމުގައި 15 (ފަނަރަ) އަހަރު ދެމިހުރި ފަރާތްތަކުގެ ތެރެއިން، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ.

  1. އިހުލާސްތެރި ހިދުމަތުގެ ކުލަ ލިބުމަށްފަހު، މެދުނުކެނޑި 5 (ފަހެއް) އަހަރަށްވުރެ ކުރު ނޫން މުއްދަތެއްގައި ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ހިދުމަތްކުރި ފަރާތެއް؛ ނުވަތަ
  2. ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ލިބިފައިވާ އޮފިސަރުންގެ ތެރެއިން ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ހިދުމަތްކުރިކަން ފާހަގަކުރެވޭ ފަރާތެއް.

 

7 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (2) ގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ މެޑަލް

މިއީ މެދުނުކެނޑި 25 (ފަންސަވީސް) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި އުޅުމުން ލިބޭ މެޑެއްޔެކެވެ.

 

8 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (2) ގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) އޮފިސަރުންގެ ހިދުމަތުގެ މެޑަލް

މިއީ މެދުނުކެނޑި 20 (ވިހި) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ކުރުމުން ލިބޭ މެޑެއްޔެކެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށެވެ. ތިރީގައިވާ ށަރުތުތައް ފުރިހަމަވެގެން މި މެޑެލް ދެވޭ ފަރާތެއް ކަނޑައަޅާނީ އެ އޮފިސަރުގެ ޕާރސަނަލް ރެކޯޑަށް ބަލައި އިންސާފުކުރެވިގެންނެވެ.

  1. އިހުލާސްތެރި ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް؛ ނުވަތަ
  2. ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް.

 

9 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (2) ގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ފ) އަހުލާގީ މެޑަލް

މިއީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި މެދުނުކެނޑި 15 (ފަނަރަ) އަހަރު ހިދުމަތްކޮށް، އަހުލާގީ ކުލަ ދެފަހަރު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފާހަގަކުރެވޭ ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ.

 

10 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ ސުރުހީ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޮފިސަރުންނަށް ދެވޭ ށަރަފުގެ ކުލަތަކުގެ ށަރުތުތައް

 

11 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ރައީސުލްޖުމްހޫރިއްޔާގެ ކުލަ

މި ކުލައަކީ އޮފިސަރެއްގެ ހިދުމަތް ހާއްސަގޮތެއްގައި ފާހަގަކުރެވިގެން އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެމަތީ ކުލައެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ކާމިޔާބީގެ ކުލަ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ކުލަ ދޭން ފެންނަ ފަރާތެއް؛
  2. ސަރުކާރަށާއި ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ހާއްސަ ހިދުމަތެއް ކުރިކަމަށް ފާހަގަކުރެވޭ ފަރާތެއް؛
  3. ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިހުލާސްތެރި ހިދުމަތުގެ ކުލައާއި ހާއްސަ ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް.

 

12 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ

މިއީ މެދުނުކެނޑި 15 (ފަނަރަ) އަހަރުދުވަހު މޯލްޑިްވސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި އުޅުމުން ލިބޭ ކުލައެކެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތަކަށްވުން؛
  2. ކަނޑައަޅާފައިވާ މުއްދަތުގައި ރިކޯޑު ރަނގަޅު ފަރާތްތަކަށްވުން.

 

13 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ހިތްވަރުގަދަކަމުގެ ކުލަ

މިއީ ގައުމަށް ދިމާވާ އެކިއެކި ހާދިސާތަކުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ދިމާވާ ނުރައްކާތެރި ހާދިސާއެއްގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
  2. ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެ އަގުހުރި މުދަލެއް ސަލާމަތްކުރުމުގެ ގޮތުން ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
  3. އާންމުންގެ މީހަކަށް ނުވަތަ ބަޔަކަށް ކުރިމަތިވާ ނުރައްކަލަކުން އެ މީހަކު ނުވަތަ ބަޔަކު ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
  4. އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލޭފަދަ ކަމެއް ރާވާމުންދާ ބަޔަކާ ބެހޭ މަޢުލޫމާތު ހޯދުމުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް.

 

14 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މިއީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މެދުނުކެނޑި 10 (ދިހައެއް) އަހަރުދުވަހު ހިދުމަތްކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި މި ކުލަ ދެވޭނީ އެންމެ ފަހަރަކުއެވެ.

  1. ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް؛
  2. އަމިއްލަ ކަންތައްތަކަށްވުރެ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތަށް އިސްކަންދޭ ފަރާތެއް؛
  3. ހަވާލުކުރެވޭ މަސައްކަތްތައް ހީވާގިކަމާއި ފަރުވާތެރިކަމާއެކު ކުރާ ފަރާތެއް؛
  4. ފަސްނުޖެހި ކަމަށްކަމޭހިތައިގެން މަސައްކަތް ކުރާކަމަށް ފާހަގަކުރެވޭ ފަރާތެއް.

 

15 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ހިދުމަތުގެ ކުލަ

މި ކުލައަކީ މެދުނުކެނޑި 10 (ދިހައެއް) އަހަރުވަންދެން މޯލްޑިވްްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތްކުރުމުން ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ، އެއްފަހަރު، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. 10 (ދިހައެއް) އަހަރުދުވަހު މޯލްޑިވްްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި އެކަށީގެންވާ ހިދުމަތެއް ކޮށްފައިވާ އޮފިސަރަކު ކަމުގައިވުން؛
  2. މި ކުލަ ދެވޭ ފަރާތެއްގެ ޕާރސަނަލް ރިކޯޑަށް ބަލައި އަންނަނިވި ނުކުތާތަކުގެ މައްޗަށް އިންސާފުކުރަންވާނެއެވެ.

    · ށަރުޢީ ނުވަތަ ގާނޫނީ ގޮތުން އަދަބެއް ލިބޭ ފަދަ އަމަލެއް ނުކުރުން؛
    · ގަވާއިދާ ހިލާފުނުވުން؛
    · ގަޑިޖެހުން (ގަޑިޖެހުނު މިންވަރު، އަހަރަކު ސައްތައަކުން 5 (ފަހެއް) އަށްވުރެ ގިނަނޫން ފަރާތެއް)

 

16 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) އަހުލާގީ ކުލަ

މިއީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި މެދުނުކެނޑި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވާ އަހުލާގު ރަނގަޅު މީހުންނަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށެވެ.

  1. ކުރެވޭ އަމުރުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ ފަރާތެއް؛
  2. ގަޑިޖެހުނު މިންވަރަށް ބަލައި ތިރީގައިވާ މިންގަނޑު ފުރިހަމަވާ ފަރާތެއް؛
    · ގަޑިޖެހުނު މިންވަރު، އަހަރަކު ސައްތައަކުން 5 އަށްވުރެ ގިނަނޫން ފަރާތެއް؛
    · މަގުބޫލު އުޒުރެއްެނެތި ނަގާފައިވާ ުޗއްޓީއާއި ބުނެފައިވާ ސަލާމެއް ނެތުން؛
  3. ވޭތުވެދިޔަ 5 އަހަރުދުވަހުގެ ކުށުގެ ރިކޯޑުގެ ތެރޭގައި އަދަބެއްގެ ގޮތުން އެއްވެސް ކަހަލަ ބަންދެއް ކޮށްފައިވާ ފަރާތަކަށް ނުވުން؛
  4. އަހުލާގާއި ސުލޫކަށް ބެލުމުގައި، އޮފިސަރުންގެ މަސައްކަތުގައްޔާއި އަމިއްލަ ކަންކަމުގައި އެ މީހެއްގެ އަމަލު ރަނގަޅު އޮފިސަރަކަށްވުން.

 

17 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) ހާއްސަ ހިދުމަތުގެ ކުލަ

މި ކުލައަކީ، ހާއްސަ ގޮތެއްގައި ފާހަގަކުރެވޭ ހިދުމަތެއް ކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އާންމު ގޮތެއްގައި ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރަށް ހަވާލުކުރެވޭ ހާއްސަ މަސައްކަތްތައް ފާހަގަކޮށްލެވޭފަަދަ ރަނގަޅު ފެންވަރެއްގައި ކުރި ފަރާތެއް؛
  2. ފާހަގަކޮށްލެވޭ ހާއްސަ ހިދުމަތެއް ކަމަށް ބެލެވޭ ފަދަ ހިދުމަތެއް ކުރި ފަރާތެއް؛
  3. އަމިއްލައަށް ފެނިގެންނާއި، އިސްނަގައިގެން އޮފިސަރުން ތަރައްޤީކުރުމުގެ ގޮތުން ހާއްސަ މަސައްކަތެއް ކުރިކަން ފާހަގަވުން.

 

18 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(އ) ކާމިޔާބުގެ ކުލަ

މިއީ އެ އޮފިސަރެއްގެ ހިންމަތާއި މިންނަތުން ހޯދާ ކާމިޔާބީއެއްގެ ސަބަބުން މޯލްޑިވްްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ ދިވެހިރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައިދިން ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. މަގާމުގެ ދަރަޖައިގެގޮތުން އެ މީހަކާ އެއް ދަރަޖައެއްގައި ތިބި ބަޔަކު ބައިވެރިކޮށްގެން، ނުވަތަ މަގާމުގެ ގޮތުން އެއަށްވުރެ މަތީ ދަރަޖައެއްގައި ތިބި ބަޔަކު ބައިވެރިކޮށްގެން ކުރެވުނު މަސައްކަތެއްގައި އާދަޔާ ހިލާފު ނަތީޖާއެއް ނެރެދީގެން ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތެއް؛
  2. ބޭރު ގައުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ގޮތަކުން ނުވަތަ އެ މީހާގެ އަމިއްލަ ހިންމަތާއި މިންނަތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ ދިވެހިރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯ ދައިދިން ފަރާތަކަށްވުން.

 

19 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) ހުނަރުވެރިކަމުގެ ކުލަ

މިއީ ތަފާތު އަމަލީ އަދި ފަންނީ މަސައްކަތްތަކުގައި އާދަޔާ ހިލާފު ހުނަރުވެރިކަމެއް ހުރި ފަރާތަކަށްދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެ މީހަކު މަސައްކަތްކުރާ ދާއިރާގައި ފާހަގަ ކުރެވޭފަދަ ކުޅަދާނަކަމެއް ލިބިފައިވުމާއެކު، އެކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ފަރާތަކަށްވުން؛
  2. އަމިއްލަ ހިޔާލުން ނުވަތަ އަމިއްލަ މަސައްކަތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ މުޖުތަމަޢުއަށް ބޭނުންތެރި އެއްޗެއް އީޖާދުކުރި ނުވަތަ އުފެއްދި ފަރާތަކަށްވުން.

 

20 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) ހެވިކަމުގެ ކުލަ

މި ކުލަ ދެވޭނީ، އޮފިސަރުން ތަރައްގީކޮށް ކުރިއެރުވުމަށް ހިންގޭ ހެވިކަމުގެ ހަރަކާތްތަކުގައި ބައިވެރިވެ، ވިދިވިދިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، 1 ވަނަ 2 ވަނަ 3 ވަނައިގެ ތެރެއިން ރަން ވަނައަކަށް ހޮވިފައިވާ ފަރާތަށެވެ. އެއްފަހަރު ނުވަތަ ދެފަހަރަށް ރަން ވަނައެއް ހާސިލުކޮށްފައިވާ ފަރާތެއް ރަސްމީ މަސައްކަތެއްގައި އުޅެންޖެހުމުގެ ސަބަބުން ވިދިގެން އަންނަ އަހަރު ނުވަތަ އަހަރުތަކުގައި ހިންގޭ ހެވިކަމުގެ މިފަދަ ހަރަކާތެއްގައި ބައިވެރިނުވެވުނުނަމަވެސް، އެ މީހަކު ހާސިލުކުރަމުން އައި ރަން ވަނަ މެދުކެނޑުނު ކަމަކަށް ނުބެލެވޭނެއެވެ.

 

21 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (3) ގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ފ) ސްޕެށިއަލް ޑިއުޓީ ކުލަ

މި ކުލަ ދެވޭނީ ޖަލުތަކުގައި ހިނގާ ބޮޑެތި ހާދިސާތަކާ ގުޅިގެން ހިންގާ އާދަޔާ ހިލާފު ބޮޑެތި އޮޕަރޭށަންތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމުގައި ހަރަކާތްތެރިވި އޮފިސަރުންނަށް ނުވަަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ މީހަކާ ހަވާލުކުރާ އާދަޔާ ހިލާފު ހާއްސަ މަސައްކަތެއް ފުރިހަމައަށް އަދާކުރާ ފަރާތްތަކަށެވެ.

 

22 ވަނަ މާއްދާ – މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެން، ގަވާއިދު ނަންބަރު 2015-155 ބާތިލުވީއެވެ.

 

23 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފްގެ ނިށާން ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-131)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން (ކޮންސޮލިޑޭޓެޑް ނަންބަރު 2015-131)

 

އުވުނު ގަވާއިދު

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-131) އަށް 1 ވަނަ އިސްލާހު ގެނަމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-155)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު