-

 

ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އަށް ހުށަހެޅޭ މައްސަލަތަކުގައި ގާނޫނީ ވަކީލަކު އައްޔަންކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2016-92)

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2021-59 އިން އުވާލެވިފައި)

1 ވަނަ މާއްދާ- ތަޢާރަފްގެ ނަން

(ހ) މިއީ، ގާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސްކޮމިށަންގެ ގާނޫނު)  ގެ 22 ވަނަ މާއްދާއިން ކޮމިށަނަށް، ގާނޫނީ ވަކީލުން ބަލައިގަތުމުގެ ބާރު ލިބިދީފައިވުމުން، ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޢަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯ މައްސަލަތަކުގައި ގާނޫނީ ވަކީލަކު ޢައްޔަންކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ- މަގްސަދު

(ހ) މި ގަވާއިދުގެ މަގުސަދަީކ ހިޔުމަން ރައިޓްސް ކޮމިށަނަށް މައްސަލަތަކުގައި ބަޔާންދިނުމަށް ހާޒިރުވާ ފަރާތްތަކުން ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދިއްޖެނަމަ، އެ ފަރާތްތަކުންނާއި، ކޮމިށަނުން ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ- ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުން

ކޮމިށަންގައި ތަހުގީގުކުރެވެމުންދާ މައްސަލައަކާ ގުޅިގެން އަންނަނިވި ފަރާތްތަކަށް އެ ފަރާތެއް މައްސަލައިގައި ގާނޫނީ ވަކީލަކު ޢައްޔަން ކުރުމުގެ ފުރުސަތު ލިބިދެއެވެ.

(ހ) މައްސަލަ ހުށަހަޅާ ފަރާތް.

(ށ) މައްސަލައިގައި އަނިޔާ ލިބުނު ފަރާތް.

(ނ) މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް.

(ރ) ހެކިންގެ ގޮތުގައި މަޢުލޫމާތު ދިނުމަށް ހާޒިރުކުރެވޭ ފަރާތްތައް.

 

4 ވަނަ މާއްދާ- ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެެދިއްޖެ ހިނދެއްގައި ކޮމިށަނުން އަމަލުކުރާނެގޮތް

  1. ގާނޫނީ ވަކީލެއްގެ އެހީ ބޭނުންވާ ފަރާތްތަކަށް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމް ކޮމިށަނުގެ ވެބްސައިޓުންނާއި ރިސެޕްށަނުން ލިބެން ހުންނާނެ އިންތިޒާމު ހަމަޖައްސަން ވާނެއެވެ.
  2. ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުވާ ފަރާތްތަކުން އައްޔަންކުރާ ގާނޫނީ ވަކީލުންގެ ޑޭޓާބޭސް މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތަށް އެކުލަވައިލައި ބަލަހައްޓަންވާނެއެވެ.
  3. ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެއްވެސް ފަރާތަކުން އެދިއްޖެ ހާލަތެއްގައި، ކޮމިށަނުން ބަލާ މައްސަލަތަކުގައި ތަހުގީގަށް ހާޒިރުކުރެވޭ ކޮންމެ މީހަކަށްމެ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު އޮތްކަން އެންގުމާއެކު، އެމީހަކު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ އެކަމަށް އެދޭނަމަ އެ ފުރުސަތު ކޮމިށަނުން އެ މީހަކަށް ދޭންވާނެއެވެ. މިގޮތުން:

(ހ) ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންވާނަމަ، ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ފުރަތަމަ ފަހަރު 07 (ހަތެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. 07 (ހަތެއް) ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެނަމަ، 03 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. ދެވަނައަށް ފުރުސަތު ދެވުނު މުއްދަތުގައި ގާނޫނީ ވަކީލަކު ހުށަނާޅައިފިނަމަ ބެލެވޭނީ، އެ މީހަކު ގާނޫނީ ވަކީލަކު ޢައްޔަން ކުރުމުގެ ފުރުސަތު ދޫކޮށްލީކަމުގައެވެ.

(ށ) ތަހުގީގު ފެށިއިރު ގާނޫނީ ވަކީލަކު ޢައްޔަންކުރަން ބޭނުންނޫންކަމުގައި ބުނެފައި، ތަހުގީގު ފެށުމަށްފަހު ގާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ފުރުސަތަށް އެދުނުކަމުގައިވިޔަސް އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

(ނ) ގާނޫނީ ވަކީލަކު ޢައްޔަންކުރުމަށް ބޭނުންނުވާކަމަށް ބުނެފިނަމަ، ވަކީލަކު ޢައްޔަންކުރުމުގެ ފުރުސަތު އެ މީހަކަށް ދިންކަމަށާއި، އެ މީހަކު ވަކީލަކު ޢައްޔަންކުރަން ބޭނުންނުވާކަން ބަޔާންކޮށް ލިޔެފައިވާ ލިޔުމުގައި އެ މީހަކު ސޮއިކުރަން ވާނެއެވެ.

(ރ) ތަހުގީގުގައި ސުވާލުކުރެވުނު މީހަކު، އެ މީހަކު ޢައްޔަންކުރާ ގާނޫނީ ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުކޮށް މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

      4.  މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށްއެދި ހުށަހަޅާ  ފޯމް ކޮމިށަނުގެ ވެބްސައިޓާއި، ރިސެޕްށަނުން ލިބެން ހުންނާނޭ އިންތިޒާމު ހަމަޖައްސަން ވާނެއެވެ.

(ހ) ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓުން އަންނަނިވި ކަންކަން ބަލަހައްޓަން ވާނެއެވެ.

  1. އެކިއެކި މައްސަލަތަކުގައި ކޮމިށަނަށް ހާޒިރުވުމަށް އެދި ފޮނުވާ ޗިޓުގައި ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ލިބިގެންވާކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  2. ކޮމިށަނަށް ހާޒިރުވުމަށް އެދި ފޮނުވާ ޗިޓާއެކު، "ގާނޫނީ ވަކީލަކު އަންޔަން ކުރުމަށް އެދި ހުށަހަޅާ ފޯމް" ފޮނުވަންވާނެއެވެ.
  3. ބަޔާން ނެގުމުގެ ކުރިން ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ބޭނުން ކުރެވިދާނެކަން އަންގަން ވާނެއެވެ.
  4. ވަކީލަކު އައްޔަން ކުރުމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ދޭންވާނެއެވެ. ވަކީލަކު އައްޔަންކުރުމަށް އެދި ހުށަހަޅާ ފޯމާއިއެކު އެފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން ލިޔެކިޔުންތައް ޗެކުކުރުމަށްފަހު ޖަދުވަލު 3 ގައިވާ ލިޔުމުން، ވަކީލަކު އައްޔަން ކުރެވިފައިވާކަން އެފަރާތަށް އަންގަން ވާނެއެވެ.

 

5 ވަނަ މާއްދާ- ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ ނަމަ ކޮމިށަނަށް ހުށަހަޅަންޖެހޭ ތަކެތި 

(ހ) އެކިއެކި މައްސަލަތަކުގައި ބަޔާން ދިނުމަށްޓަކައި ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތްތަކުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭނަމަ އަންނަނިވި ތަކެތި ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

  1. "ގާނޫނީ ވަކީލަކު އައްޔަން ކުރުމަށްއެދި ހުށަހަޅާ ފޯމް".
  2. ބަޔާންދޭން ހާޒިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ބިދޭސީއެއްނަމަ ޕާސްޕޯޓްގެ ކޮޕީ.
  3. ގާނޫނީ ވަކީލަކަށް އައްޔަންކޮށްފައިވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ގާނޫނީ ވަކީލަކަށް އައްޔަންކުރެވޭ ފަރާތުގެ ގާނޫނީ މަސައްކަތްކުރުމުގެ ހުއްދައިގެ ކޮޕީ.

(ށ) ކޮމިށަނުން ތަހުގީގުކޮށްފައިވާ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރިން ޢައްޔަންކޮށްފައިވާ ފަރާތެއް ކަމުގައިވާނަމަ، އެ ވަކީލެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ހުށަހަޅާކަށް ނުޖެހޭނެއެވެ.

  

6 ވަނަ މާއްދާ- ބަޔާންދޭން ކޮމިށަނަށް ހާޒިރުވާ ގާނޫނީ ވަކީލުގެ ޒިންމާ

 (ހ) އެކިއެކި މައްސަލަތަކުގައި ބަޔާން ދިނުމަށް ކޮމިށަނަށް ހާޒިރުވާ ފަރާތްތަކުގެ ގާނޫނީ ވަކީލުން އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

  1. ކޮމިށަނަށް ބަޔާންދިނުމަށް ހާޒިރުވާ ފަރާތާއެކު ގަޑިއަށް ހާޒިރު ވާންވާނެއެވެ.
  2. ކޮމިށަނަށް ހާޒިރުވުމަށް އަންގަވާފައިވާ ގަޑިއަށް ހާޒިރުނުވެވޭނަމަ، އެންމެ ލަސްވެގެން ހާޒިރުވާން އަންގާފައިވާ ގަޑީގެ އެއްގަޑިއިރުކުރިން ނާދެވޭ ސަބަބުން ސިޓީއަކުން ނުވަތަ ފޯންކޯލަކުން އަންގަން ވާނެއެވެ.

(ށ) ގާނޫނީ ވަކީލުކަމުން ވަކިވާނަމަ ބަޔާން ދިނުމަށް ހާޒިރުވާންޖެހޭ ދުވަހުގެ 3 (ތިނެއް) ދުވަސް ކުރިން އެކަން ލިޔުމުން ކޮމިށަނަށް އަންގަންވާނެއެވެ.

(ނ) ބަޔާން ނެގުން ކުރިއަށްދާ ވަގުތު ބަޔާން ނެގުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ޢަމަލެއް ބަޔާންދޭ ފަރާތާއެކު ކޮމިށަނަށް ހާޒިރުވާ ގާނޫނީ ވަކީލު ކޮށްގެންނުވާނެއެވެ.

(ރ) ކޮމިށަނަށް ހާޒިރުވުމަށް އަންގާ ދުވަހަށް ހާޒިރު ނުވެވޭނަމަ، ފުރަތަމަ 05 (ފަހެއް) ދުވަހުގެ ތެރޭގައި، އަދި ދެވަނަ ފަހަރު 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ހާޒިރުނުވެވުނު ސަބަބު އަންގަންވާނެއެވެ.

(ބ) ދެވަނަ ފަހަރަށް މުހުލަތު ދިނުމަށްފަހުވެސް ގާނޫނީ ވަކީލަށް ހާޒިރު ނުވެވިއްޖެނަމަ، އެ މައްސަލައިގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ ފަރާތަކަށް މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 

7 ވަނަ މާއްދާ- ގާނޫނީ ވަކީލުން ސިއްރު ހިފެހެއްޓުން

ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށް ހާޟިރުވާ ގާނޫނީ ވަކީލު އޭނާގެ މުވައްކިލުގެ މައްސަލައާގުޅޭ އެއްވެސް ސިއްރެއް ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ- ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

އުވާލި ގަވާއިދު

ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށް ހުށަހެޅޭ މައްސަލަތަކުގައި ގާނޫނީ ވަކީލަކު އައްޔަނު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 92/2016) އުވައިލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 59/2021)

 

މައި ގާނޫނު

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 6/2006)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު