-

މިންއެޅުމާއި މިނެކިރުމާއި ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 13/2016)

 

1 ވަނަ މާއްދާ – ތައާރަފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1/1996 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން، މިން އެޅުމާއި މިނެކިރާ ތަކެތި ރެގިއުލޭޓް ކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ "މިން އެޅުމާއި މިނެކިރުމާ ބެހޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގެ ދަށުން މިން އެޅުމާއި މިން ހަމަކުރުމުގައި ބަލާނެ ގިންތިތަކަކީ ދިގުމިނާއި، ބަރުދަނާއި އަދި ކޮޑިމިނެވެ.

(ރ) މިން ހަމަކޮށްގެން ވިއްކާ ތަކެތީގެ ބަރުދަން ހަމަތޯ ބަލަން ގެންގުޅޭ ކައްޓާ ފަދަ ތަކެތި، ދިގުމިން ހަމަތޯ ބަލަން ގެންގުޅޭ ފަތިގަނޑު ފަދަ ތަކެތި އަދި ކޮޑިމިން ހަމަތޯ ބަލަން ގެންގުޅޭ ކޮންޓެއިނަރ ފަދަ ތަކެތި ބޭނުންކުރަން ވާނީ މި ގަވާއިދުގެ ދަށުން މިން ހަމަކޮށްގެންނެވެ.

(ބ) ދިވެހިރާއްޖޭގައި ވިޔަފާރީގެ ގޮތުން ދެވޭ ހުރިހާ ހިދުމަތްތަކާއި ގަނެ ވިއްކާ ހުރިހާ މުދަލުގެ މުއާމަލާތްތަކުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ. މިފަދަ އެއްވެސް މުއާމަލާތެއްގައި، މި މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ގެންގޮސްގެން މިން ހަމަކަމަށް ބަޔާންކުރާ ފާހަގަ ނުވަތަ ސެޓުފިކެޓެއް ލިބިގެން މެނުވީ މިނެކިރާ އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

 

2 ވަނަ މާއްދާހިދުމަތް ދޭ ފަރާތް

(ހ) މިން އެޅުމާއި މިނެކިރުމަށް ބޭނުންކުރާ އިކްވިޕްމަންޓް ހަމަތޯ ބެލުމުގެ ހިދުމަތް ދޭނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) މި ހިދުމަތް ލިބެން ހުންނަ ތަންތަނުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

3 ވަނަ މާއްދާ – ހިދުމަތަށް އެދޭ ފަރާތް

(ހ) މިން އެޅުމާއި މިނެކިރުމަށް ބޭނުންކުރާ އިކްވިޕްމަންޓް ހަމަތޯ ބެލުމަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 (ދޭއް) ގައިވާ ފޯމު މެދުވެރިކޮށެވެ.

(ށ) މިން ހަމަ ކުރުމުގެ ހިދުމަތް ދޭ މަރުކަޒަކަށް މިން ހަމަ ކުރުމަށް ނުގެނެވޭ ފަދަ ތަކެތިނަމަ، މިނިސްޓްރީން ކަނޑައަޅާ މީހަކު އެ އެއްޗެއް ހުރިތަނަކަށް ގޮސްގެން އެ ޚިދުމަތް ދެވިދާނެއެވެ. ނަމަވެސް، މި ޚިދުމަތް ދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ފީ ދެއްކުމާއެކު ހިދުމަތް ދިނުމަށްޓަކައި ކުރަން ޖެހޭ ދަތުރުފަތުރާއި ހުރުމާއި ކެއުމާއި އަދި އެހެނިހެން ހަރަދުތައް، ހިދުމަތް ހޯދަން އެދޭ ފަރާތުން ހަމަޖައްސައިދިނުމުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން މިން ހަމަކުރުމަށް ގެންނަ ތަކެތީގެ މިން ހަމަކުރުމަށްފަހު މި ތަކެތި ގެންދިޔުމަށް އަންގައި ވެރިފަރާތުން ނުގެންގޮސްފިނަމަ، ތިރީގައި މިވާ އިޖުރާއާތު ފުރިހަމަކުރުމަށްފަހު ނީލަމުގައި ވިއްކައިލުމުގެ އިޚުތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

  ތަކެތީގެ ވެރިފަރާތަށް 5 ދުވަހުގެ ތެރޭގައި އެ ތަކެއްޗާ ހަވާލުވުމަށް ލިޔުމުން އެންގުން.(i)

 ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުގެންގޮސްފިނަމަ، އެ ތަކެތި ގެންދިޔުމަށް އިތުރު (i( މި މާއްދާގެ(ii)

15 ދުވަހުގެ މުއްދަތެއް ދީ، މި މުއްދަތުގެ ތެރޭގައި ނުގެންގޮސްފިނަމަ ނީލަމުގައި ވިއްކައިލެވޭނެކަން އަންގައި އާންމުކޮށް އިއުލާންކުރުން

(iii)މި މާއްދާގެ (ii) އަދި (i)ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރުމަށްފަހުވެސް ނުގެންގޮސް ހުންނަ ތަކެތި ނީލަމުގައި ވިއްކައިލުން.

 

 

4 ވަނަ މާއްދާ - މިން ހަމަކުރަން އެދޭ ތަކެތީގެ ފެންވަރު

މިން ހަމަކުރަން ގެންނަ ތަކެތި ހުންނަން ވާނީ ރަނގަޅު ފެންވަރެއްގައެވެ. ރަނގަޅު ފެންވަރު ކަމަށް ބެލެވޭ ބައެއް ސިފަތައް:

(ހ) މެނުއަލް ކައްޓާއަކީ ދަބަރު ޖަހައިގެން ހަލާ ުކވެފައި ހުންނަ ކައްޓާއަކަށް ނުވުން. ތަށި ހަލާކުވެފައިވާ އަދި ތަކެތި ހަމަކުރުމަށް ބޭނުންކުރާ ބައި ދަބަރު ޖަހާފައި ނުވަތަ ހަލާކުވެފައި ނުވުން.

(ށ) ޑިޖިޓަލް ކައްޓާގެ އަކުރުތައް ރަނގަޅަށް އެނގެން ހުރުން. ދެފަރާތަށް އަކުރުތައް ފެންނަން ހުންނަ ކައްޓާގެ އަކުރުތައް ދެފަރާތުންވެސް ފަސޭހައިން ކިޔަން އެނގޭގޮތަށް ފެންނަން ހުރުން

(ނ) "ނޮޓް ފޯރ ލީގަލް ޓްރޭޑް" މިގޮތަށް ނުވަތަ މި މާނަ ދޭހަވާ ގޮތަށް ލިޔެފައިވާ ކައްޓާއަކަށް ނުވުން.

(ރ) މިން އެޅުމަށްޓަކައި ލަކުޑި މީޓަރު ފަތިގަނޑު ތައްޔާރު ކުރާނަމަ ތައްޔާރު ކުރާނީ 3 (ތިނެއް) ސެންޓިމީޓަރު ފުޅާކޮށް އަދި 5 (ފަހެއް) މިލިމީޓަރު ބޯ ކޮށެވެ.

(ބ) މިނުމަށް ބޭނުންކުރާ ލީޓަރ ފަދަ ތަކެއްޗަކީ ފެން ލީކުނުވާ، ހަލާކުނުވާ އަދި ހަމަކުރެވޭގޮތަށް ހަދާފައިވާ ލީޓަރަކަށް ވުން. ތޮރުފާފައިވާ ލީޓަރެއްނަމަ ހަމަކުރެވޭ މިނަށް ތޮރުފާފައިވާ އެއްޗެއް ކަމުގައި ވުން.

 

5 ވަނަ މާއްދާ – މިން ހަމަކަމުގެ ސެޓުފިކެޓާއި ފާހަގަ

(ހ) މިން ހަމަކުރަން ގެންނަ އެއްޗެހީގެ މިން ހަމަ ކަމަށް ވާނަމަ މި ގަވާއިދުގެ ޖަދުވަލު 3 (ތިނެއް) ގައިވާ ގޮތުގެ މަތިން މިން ހަމަ ކަމުގެ ސެޓުފިކެޓު ދޫކުރެވޭނެއެވެ، ނުވަތަ އެ އެއްޗެއްގައި، މި ގަވާއިދުގެ ޖަދުވަލު 4 (ހަތަރެއް) ގައިވާ ގޮތުގެ މަތިން މިން ހަމަ ކަމުގެ ފާހަގައެއް ޖަހައި ދޭންވާނެއެވެ.

(ށ) މިން ހަމަ ކުރެވިފައިވާ ތަކެތި ބެހެއްޓިފައި ހުންނަންވާނީ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، މިން ހަމަކަމުގެ ފާހަގަ ފަސޭހަ އިން ފެންނަ ގޮތަށެވެ.

(ނ) މިން ހަމަކަމުގެ ސެޓުފިކެޓާއި ފާހަގައިގެ ސައްހަ ކަމުގެ މުއްދަތަކީ 1 (އެކެއް) އަހަރެވެ. މުއްދަތު ހަމަ ވުމުން، އެ އެއްޗެއް އިތުރަށް ބޭނުން ކުރެވޭނީ ސެޓުފިކެޓު ނުވަތަ ފާހަގަ އައު ކުރުމަށް ފަހުއެވެ.

(ރ) މިނިސްޓްރީން ދޫކޮށްފައިވާ ސެޓުފިކެޓު ނުވަތަ ފާހަގައިގެ މުއްދަތު ހަމަ ނުވަނީސް، ހަލާކުވެގެން ނުވަތަ އެހެން އެއްވެސް ސަބަބަކާ ހުރެ ވިއަސް، ކުރިން ދެވިފައިވާ ސެޓުފިކެޓު ނުވަތަ ފާހަގަ އަލުން ނުދެވޭނެއެވެ. އެހެންނަމަވެސް، އަލުން މިން ހަމަކޮށް މުޅިން އައު ސެޓުފިކެޓަކާއި ފާހަގައެއް ހޯދި ދާނެއެވެ.

(ބ) މިން ހަމަކަމަށް ދެވޭ ސެޓުފިކެޓުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 3 (ތިނެއް) ގައި އަދި ފާހަގައިގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 4 (ހަތަރެއް) ގައި ބަޔާން ކުރެވިފައި ވާނެއެވެ.

 

6 ވަނަ މާއްދާ – ބަލައި ފާސްކުރުން

(ހ) ވިޔަފާރި ކުރަމުންދާ ތަންތަނުގައި ބޭނުންކުރެވޭ، މިން އަޅައި މިނެކިރާ އެއްޗެހި ހުރީ މި ގަވާއިދާ އެއްގޮތަށްތޯ ބެލުމަށްޓަކައި، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަރާތްތަކަށް، ވިޔަފާރި ކުރަމުންދާ ތަންތަނަށް ވަދެ ބަލައި ފާސް ކުރުމުގެ ބާރު ލިބިގެންވެއެވެ.

(ށ) ބަލައި ފާސްކުރެވޭނީ މި ގަވާއިދުގެ 1 (އެކެއް) ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މިންތައް އެކަންޏެވެ.

(ނ) ބަލައި ފާސްކުރުމަށް ހުރަސް އަޅައިގެން ނުވާނެއެވެ.

(ރ) ބަލައި ފާސްކުރުމުގައި ފާހަގަ ކުރެވޭ މައްސަލަތައް، ގަރީނާގެ ގޮތުން ރައްކާކުރުމަށްޓަކައި، ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމުގެ ބާރު، ބަލައި ފާސްކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.

             

7 ވަނަ މާއްދާ – ހިދުމަތުގެ އަގު

މި ގަވާއިދުގެ ދަށުން ދެވޭ ޚިދުމަތްތަކަށް ނަގާ އަގުތައް، މި ގަވާއިދުގެ ޖަދުވަލު 1(އެކެއް) ގައި ބަޔާން ކުރެވިފައި ވާނެއެވެ.

 

8 ވަނަ މާއްދާ – އަދަބު

މިން އެޅުމަށާއި މިނެކިރުމަށް ބޭނުންކުރާ އާލާތްތައް ހަމަތޯ ބެލުމަށްފަހު މިނިސްޓްރީން ޖަހައިދޭ ފާހަގަ ނުވަތަ ސެޓުފިކެޓު ނެތި، މި ގަވާއިދާ ހިލާފަށް އެ އާލާތްތައް ބޭނުންކުރާ ފަރާތްތަކާ މެދު، ގާނޫނު ނަންބަރު 96/1 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

9 ވަނަ މާއްދާއަމަލު ކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް ޢަމަލު ކުރަން ފެށުމާއެކު، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުން ށާއިރުކޮށް، މިހާރު އަމަލުކުރަމުންދާ "އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދު" 1995 ގެ 17 (ސަތާރަ) ވަނަ މާއްދާއާއި، 18 (އަށާރަ) ވަނަ މާއްދާ ބާތިލުވީއެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

މިނިސްޓްރީ:

މިނިސްޓްރީ ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް.

މިނެކިރުން:

"މިނެކިރުން" ކަމަށް ބުނެފައި އެވަނީ، އެއްޗެއް ވަޒަންކުރުން ނުވަތަ އެއްޗެއްގައި ހުރިވަރު ބެލުން.

މިން ހަމަ ކުރުން:      

މިން ހަމަ ކުރުން ކަމުގައި ބުނެފައި އެވަނީ، މިންގަނޑެއްގެ ބޭނުންކޮށްގެން އެއްޗެއްގައި ނުވަތަ ތަނެއްގައި ހުރިވަރު ބެލުން.

ބަރުދަން:            

ބަރުދަން ކަމަށް ބުނެފައި އެވަނީ، އެއްޗެއްގައި ހުންނަ ބުރަދަން ނުވަތަ ކިރާއިރު ހުރި ވަޒަން. 

ދިގުމިން:            

ދިގުމިން ކަމަށް ބުނެފައި އެވަނީ، އެއްޗެއްގައި ހުންނަ ދިގުމިން.

 ކައްޓާ:            

ކައްޓާ ކަމަށް ބުނެފައި އެވަނީ، ކިރަން ބޭނުންކުރާ ތިލަފަތް.

ފާހަގަ:             

ފާހަގަ ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އެ  އިކްވިޕްމަންޓެއް ހަމަތޯ ބެލުމަށްފަހު، އެ އިކްވިޕްމަންޓެއްގައި ޖަހައިދޭ ސީލް ނުވަތަ ސްޓީކާ.

--------------- 

 

 

ޖަދުވަލު 1

 

ތަފުސީލު

ރުފިޔާ

މިން އެޅުމަށް ބޭނުންކުރެވޭ މީޓަރު ފަދަ ތަކެތީގައި ޖަހައިދެވޭ ކޮންމެ ފާހަގައަކަށް ނަގާ ފީ

100

1 ގްރާމުން ފެށިގެން 300 ގްރާމާ ދެމެދުގެ ކިރަން ގެންގުޅޭ ތަކެތީގައި ޖަހައިދެވޭ ކޮންމެ ފާހަގައަކަށް ނަގާ ފީ

150

301 ގްރާމުން ފެށިގެން 10 ކިލޯއާ ދެމެދުގެ ކިރަން ގެންގުޅޭ ތަކެތީގައި ޖަހައިދެވޭ ކޮންމެ ފާހަގައަކަށް ނަގާ ފީ

100

11 ކިލޯއިން ފެށިގެން 50 ކިލޯއާ ދެމެދުގެ ކިރަން ގެންގުޅޭ ތަކެތީގައި ޖަހައިދެވޭ ކޮންމެ ފާހަގައަކަށް ނަގާ ފީ

150

51 ކިލޯއިން ފެށިގެން މަތީގެ ކިރަން ގެންގުޅޭ ތަކެތީގައި ޖަހައިދެވޭ ފާހަގައަކަށް ނަގާ ފީ

500

0 ލީޓަރުން ފެށިގެން 1 ލީޓަރާ ދެމެދުގެ މިނަން ގެންގުޅޭ ތަކެތީގައި ޖަހައިދެވޭ ކޮންމެ ފާހަގައަކަށް ނަގާ ފީ

100

2 ލީޓަރުން ފެށިގެން 10 ލީޓަރާ ދެމެދުގެ މިނަން ގެންގުޅޭ ތަކެތީގައި ޖަހައިދެވޭ ކޮންމެ ފާހަގައަކަށް ނަގާ ފީ

150

1 ލީޓަރުން ފެށިގެން 40 ލީޓަރާ ދެމެދުގެ މިނަން ގެންގުޅޭ ތަކެތީގައި ޖަހައިދެވޭ ކޮންމެ ފާހަގައަކަށް ނަގާ ފީ

250

1 ލީޓަރުން ފެށިގެން މަތީގެ މިނަން ގެންގުޅޭ ތަކެތީގައި ޖަހައިދެވޭ ކޮންމެ ފާހަގައަކަށް ނަގާ ފީ

750

 

މިން ހަމަ ކުރުމަށް ބޭނުންވާ އެތި ހުރި ތަނަށް ގޮސްގެން ދޭ ޚިދުމަތަށް، މިން ހަމަ ކުރުމަށް ނަގާ ފީގެ އިތުރަށް ނަގާ އަގު

1000

 

 

---------------

  

ޖަދުވަލު 2

(ސާމްޕަލް ފޯމު)

 

(ސާމްޕަލް ފާހަގަ، މި ގަވާއިދުގެ އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވަރޑް ފޯމެޓްގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.) 

`   

 

---------------

  

ޖަދުވަލު 3

(ސާމްޕަލް ސެޓުފިކެޓު)

(ސާމްޕަލް ފާހަގަ، މި ގަވާއިދުގެ އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވަރޑް ފޯމެޓްގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.) 

 

 

---------------

 

ޖަދުވަލު4

(ސާމްޕަލް ފާހަގަ، މި ގަވާއިދުގެ އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވަރޑް ފޯމެޓްގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

މުދާ ގަންނަފަރާތްތަކާއި ހިދްމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1/1996) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު