-

ރާއްޖޭގެ ރަށްރަށުންނާއި، ކަނޑު ކަނޑުން ހޮވާ މާވަހަރާ މެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު

(21 ޖެނުއަރީ 2008 - މި ގަވާއިދުގެ ނަންބަރެއް ހިމެނިފައިނުވޭ)

 

1 ވަނަ މާއްދާ 

(ހ) މާވަހަރު ހޮވީ މީހުންއުޅޭ ރަށަކުންނަމަ، މާވަހަރު ހޮވި މީހަކު ނުވަތަ ބަޔަކު ލަސްނުކޮށް އެހޮވިމީހެއްގެ ނުވަތަ ބަޔެއްގެ ނަމާއި، އެޑްރެހާއި، މާވަހަރު ހޮވި ތަނަކާއި، ހޮވި ތާރީހް ރަށުއޮފީހަށް އަންގަންވާނެއެވެ. އަދި ރަށުއޮފީހުން އެމާވަހަރު ހޮވިމީހެއްގެ ނުވަތަ ބަޔެއްގެ ހާޒިރުގައި މާވަހަރުގައި މާވަހަރު ކިރައި، އޭގައި ހުރި ބޮޑުމިނާއި، ބަރުދަނާއި، ކުލައާއި ސިފަބަލައި، މިހުރިހާ މައުލޫމާތު ރަށުއޮފީހުގައި ނޯޓްކޮށް، އެނޯޓްކޮގައި ރަށުއޮފީހުންނާއި މާވަހަރު ހޮސި މީހަކު ނުވަތަ ބަޔަކު ސޮއިކުރަންވާނެއެވެ.

(ށ) މާވަހަރު ހޮވީ މީހުން އުޅޭ ރަށެއް ފިޔަވައި އެހެންތަނަކުންނަމަ، ހޮވިމީހަކު ނުވަތަ ބަޔަކު އެމީހަކަށް ނުވަތަ އެބަޔަކަށް ދިޔުމަށް އެންމެ ފަސޭހަ މީހުން އުޅޭ ރަށަކަށްގޮސް، އެރަށެއްގެ އެރަށެއްގެ ރަށުއޮފީހަށް (ހ) ގައި ވާ މައުލޫމާތު ދޭންވާނެއެވެ. އަދި ރަށެއްގެ ރަށުއޮފީހުން (ހ) ގައިވާ މާވަހަރާއި ބެހޭ މައުލޫމާތު ނޯޓްކޮށް، އެނޯޓުގައި ރަށުއޮފީހުންނާއި މާވަހަރު ހޮވި މީހަކު ނުވަތަ ބަޔަކު ސޮއިކުރަންވާނެއެވެ.

(ނ) މާވަހަރު ހޮވީ ޓޫރިސްޓް ރިޒޯޓަކުންނަމަ، އެމާވަހަރު ހޮވިމީހަކު ނުވަތަ ބަޔަކު އެރިޒޯޓެއްގެ އޮފީހަށް (ހ) ގައިވާ މައުލޫމާތު ލަސްނުކޮށްދީ، އަދި އެރިޒޯޓެއްގެ އޮފީހުން ހޮވި މީހެއްގެ ނުވަތަ ހޮވި ބައެއްގެ ހާޒިރުގައި (ހ) ގައިވާ މާވަހަރާ ބެހޭ މައުލޫމާތު ނޯޓްކޮށް، އެނޯޓްގައި ދެފަރާތުން ސޮއިކުރަންވާނެއެވެ.

 

2 ވަނަ މާއްދާ   

 ހޮވި މާވަހަރާ ބެހޭގޮތުން 1 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ރަށުއޮފީހުން ނޯޓްކުރި މައުލޫމާތު ލަސްނުކޮށް އަތޮޅު އަތޮޅު އޮފީހަށް އަންގަންވާނެއެވެ. އަތޮޅު އޮފީހުން އެމައުލޫމާތު ލިބުމާއިއެކު، ލަސްނުކޮށް  މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް ކޮޕީ ކުރައްވައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް އަންގަންވާނެއެވެ. އަދި 1 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން ޓޫރިސްޓް ރިޒޯޓުން ނޯޓްކުރެއްވި މައުލޫމާތު ލަސްނުކޮށް މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކުރައްވައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް އަންގަންވާނެއެވެ.

 

3 ވަނަ މާއްދާ   

އެއްވެސް މީހަކު ނުވަތަ ބަޔަކު މާވަހަރެއް ގަނެފިނަމަ، ނުވަތަ ވިއްކައިފިނަމަ، އެމާވަހަރަކާ ބެހޭގޮތުން ތިރީގައިމިވާ މައުލޫމާތު، ރާއްޖެތެރޭގައި ނަމަ އެވިޔަފާރިއެއް ހިންގި ރަށެއްގެ ރަށުއޮފީހަށް، މާލޭގައި ނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް އެމާވަހަރު ވިއްކި ފަރާތުންނާއި، ގަތްފަރާތުން ލަސްނުކޮށް އަންގަންވާނެއެވެ.

(ހ) ވިއްކި ފަރާތާއި ގަތް ފަރާތުގެ ނަމާއި އެޑްރެސް

(ށ) މާވަހަރުގެ ސިފަ އާއި ހުރި ބަރުދަން

(ނ) ވިއްކި އަގު

(ރ) ވިއްކި ތާރީހް

(ބ) ވިއްކީ ކާކު، ނުވަތަ ކޮންބަޔަކު، ކޮން ތާރީހެއްގައި، ކޮންތަނަކުން ހޮވި، ނުވަތަ ވިއްކި މީހާއަށް ކިހިނެއް ލިބުނު މާވަހަރެއްކަން.

 

4 ވަނަ މާއްދާ   

 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަށުއޮފީހަށް ލިބޭ މައުލޫމާތު، އަވަސް މެސެޖަކުން އަތޮޅު އޮފީހަށް އަންގަންވާނެއެވެ. އަދި އަތޮޅު އޮފީހަށް ލިބޭ މައުލޫމާތު އަވަސް މެސެޖަކުން މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމެންޓަށް ކޮޕީ ކުރައްވައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

 

5 ވަނަ މާއްދާ 

ހޮވާ މާވަހަރެއް ސަރުކާރުގެ ބެލުމުގެ ދަށުގައި ބާއްވަން ބޭނުންކަމަށް އެމާވަހަރެއްގެ ވެރިފަރާތަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް އަންގައިފިނަމަ، އެމާވަހަރެއް ފިނޭންސް ބެލުމުގެ ދަށުގައި ބާއްވައިދެވޭނެއެވެ. މިގޮތުން މި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓޭ މާވަހަރު ބަލައިގެންފައި، މި މިނިސްޓްރީން އެމާވަހަރު ބޭއްވި ފަރާތަކަށް ގަވާއިދުން ރަސީދެއް ދެވޭނެއެވެ. އަދި މާވަހަރު ގެންދަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް އެއްވެސް އަގެއް ނުވަތަ ފީއެއް ނުގަމަކާއި ނުލައި އެފަރާތަކަށް އެމާވަހަރު އަނބުރާ ދެވޭނެއެވެ.

 

6 ވަނަ މާއްދާ  

ހޮވާ މާވަހަރެއްގެ މިލްކުވެރިކަމާމެދު ސަރުކާރުގެ އޮފީހަކަށް އެއްވެސް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެމައްސަލައެއް ނިމެންދެން އެމާވަހަރެއް ބޭއްވޭނީ، ސަރުކާރުގެ ކަމާބެހޭ ފަރާތެއްގެ ހަވާލުގައެވެ. މިގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތެއްގެ ހަވާލުގައި ބޭއްވޭ މާވަހަރައްވެސް ރަސީދެއް ދޫކުރެވޭނެއެވެ. އަދި މައްސަލަ ނިމުމުން ސަރުކާރަށް އެއްވެސް އަގެއް ނުވަތަ ފީއެއް ނެގުމަކާނުލައި އެމާވަހަރުގެ ހައްގުވެރި ފަރާތަށް އެމާވަހަރު އަނބުރާ ދެވޭނެއެވެ.

 

7 ވަނަ މާއްދާ  

މިގަވާއިދުގެ 5 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިން ސަރުކާރުގެ ކަމާބެހޭ ފަރާތެއްގެ ހަވާލުގައި އޮވެގެން ގިނަދުވަސްވުމުގެ ސަބަބުން، މާވަހަރުގެ ބަރުދަނަށް ތަބީއީގޮތުން އަންނަ ބަދަލު އެއީ، މާވަހަރުގެ ހައްގުވެރި ފަރާތުން ގަބޫލުކުރާކަމަކަށް ވާންވާނެއެވެ.

 

8 ވަނަ މާއްދާ 

(ހ) މާވަހަރު ހޮވީ މީހުން އުޅޭ ރަށަކުންނަމަ، އެމާވަހަރުގެ މިލްކުވެރިއަކީ އެހޮވި މީހެކެވެ.

(ށ) މާވަހަރެއް ހޮވީ މީހަކު ލިޔުއްވައިގެން އުޅޭ އަދި ޓޫރިސްޓް ރިޒޯޓެއް ހަދާފައިނުވާ، ފަޅުރަށެއް ހިންނައެއްފަދަ ތަނަކުން ކަމުގައިވާނަމަ އެމާވަހަރުގެ ½ ބައި ލިބޭނީ އެތަނެއް ލިޔުއްވައިގެން އުޅޭ މީހަކަށެވެ. އަނެއް ½ ބައި ލިބޭނީ ހޮވި މީހާއަށް ނުވަތަ ބަޔަކަށެވެ.

(ނ) މާވަހަރު ހޮވީ ސަރުކާރުގެ ޓޫރިސްޓް ރިޒޯޓަކުންނަމަ އެމާވަހަރުގެ ½ ބައި ލިބޭނީ ސަރުކާރަށެވެ. އަނެއް ½ ބައި ލިބޭނީ ރިޒޯޓް ހިންގާ ފަރާތަށާއި، ހޮވިމީހަކަށް ނުވަތަ ބަޔަކަށް ދެބައި ހަމަވާގޮތަށެވެ.

(ރ) މާވަހަރު ހޮވީ މީހަކު ލިޔުއްވައިގެން އުޅޭ ރަށެއްގައި ހަދާފައިވާ ޓޫރިސްޓް ރިޒޯޓަކުންނަމަ އެމާވަހަރުގެ ½ ބައި ލިބޭނީ އެރަށެއް ލިޔުއްވައިގެން އުޅޭ މީހަކަށެވެ. އަނެއް ½ ބައި ލިބޭނީ ރިޒޯޓް ހިންގާ ފަރާތަށާއި، ހޮވިމީހަކަށް ނުވަތަ ބަޔަކަށް ދެބައި ހަމަވާގޮތަށެވެ.

(ބ) މާވަހަރު ހޮވީ ކަނޑުމަތިން ކަމުގައިވާނަމަ، އެމާވަހަރެއްގެ މިލްކުވެރިން ހަމަޖައްސާނީ މިނިސްޓްރީ އޮފް ޖަސްޓިސްން ކަނޑައޅާފައިވާ "ކަނޑުން ހޮވާ ތަކެތި ބެހުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ.

 

ނޯޓް:

  1. މި ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) ގައި މީހުން އުޅޭ ރަށަކުން ހޮވިކަމަކަށް ބުނެފައިއެވަނީ އެރަށެއް ގުޅިފައިވާ ފަޅާއި، ފަޅުތެރޭގައިވާ އެންމެހާ ތަންތަން ހިމެނޭގޮތަށެވެ.
  2. މި ގަވައިދުގައި މާވަހަރު ހޮވި މީހެއްކަމަށް ނުވަތަ ބައެއްކަމަށް ބުނެފައި އެވަނީ އެމާވަހަރު ފުރަތަމަ ފެނިގެން އެމާވަހަރު ނެގި، ނުވަތަ އެމާވަހަރު ނެގުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހާއަށް ނުވަތަ ބަޔަކަށެވެ.

 

މައި ގާނޫނު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު