-

ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގަވާއިދު ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގަވާއިދު 

(އަމަލުކުރަން ފެށި ތާރީހު އެނގެން ނެތް)

 

ތައާރަފް

މިގަވާއިދަކީ ދިވެހިރާއްޖޭގެ ގާނޫނު 8/1996 (27 ޖޫން 1996) 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ ތަކެއްޗާއި ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑުން ހޮވާ ތަކެއްޗާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އިން އަމަލުކުރުމަށް ހަމަޖެހިފައިވާ ގަވާއިދެވެ.

 

މާނަ

(ހ) މިގަވާއިދުގައި "ކަނޑު" ކަމަށް ބުނެފައިއެވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި ހިމެނޭގޮތުން ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތަށެވެ. 

(ށ) މިގަވާއިދުގައި ލަނގުވާ ތަކެތިކަމަށް ބުނެފައިއެވަނީ އޮޔާދާ ތަކެއްޗާއި، ލައްގަމުން އަންނަ ތަކެއްޗާއި، ލައްގާފައިވާ ތަކެތި ހިމެނޭގޮތުންނެވެ. 

 

ލަނގުވާތަކެތި

ކަނޑުގައި އުފެދޭ ތަކެއްޗާއި ކަނޑައެޅިގެން ވެރިއަކު އެނގޭތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެންމެހާ ތަކެއްޗަކީ ސަރުކާރުގެ ތަކެއްޗެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެއްޗެއްގެ ވެރިފަރާތް އެގުނުނަމަވެސް އެ އެއްޗަކާއި މެދު ގާނޫނަކުން ވަކިގޮތަކަށް ކަނޑައަޅާފައިވާ ނަމަ އެ އެއްޗަކާއި މެދު އަމަލުކުރާނީ އެގާނޫނެއްގައި ކަނޑައަޅާފައިވާ ގޮތެއްގެ މަތީންނެވެ.

 

ކަނޑުން ލަނގުވާ ތަކެއްޗާއިމެދު އަމަލު ކުރަންވީގޮތް

(ހ) ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެއްވެސް އެއްޗެއް ފެނިއްޖެނަމަ މިނިސްޓްރީ އޮފް  ފިނޭންސް އެންޑް ޓްރެޒަރީ އަށް ނުވަތަ އެންމެ ކައިރީގައި ހުރި ރަށުޮއފީހަކަށް ނުވަތަ އަތޮޅު އޮފީހަކަށް އެއްޗެއް ފެނުނު ފަރާތުން ލަސްނުކޮށް އަންގަންވާނެއެވެ. ރަށުއޮފީހުން އަތޮޅު އޮފީހަށް އަދި އަތޮޅު އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށާއި މިފަދަ މައުލޫމާތު އަންގަވަންޖެހޭ ސަރުކާރުގެ އެހެން އޮފީސްތަކަށް ވީއެންމެ އަވަހަކަށް އަންގަންވާނެއެވެ. 

(ށ) ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން އެއްވެސް އެއްޗެއް ހޮވައިފިނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ނުވަތަ އެންމެ ކައިރީގައި ހުރި ރަށުއޮފީހަކަށް ނުވަތަ ައތޮޅު އޮފީހަކަށް އެކަމުގެ މައުލޫމާތު ލަސްނުކޮށް އަންގާ، 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިއުމަކުން ހުށަހަޅާ، މާލޭގައިނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ނުވަތަ އެންމެ ކައިރީގައި ހުރި ރަށުއޮފީހަކަށް ނުވަތަ އަތޮޅު އޮފީހާއި ހޮވިއެއްޗެއް ހަވާލުކުރަން ވާނެއެވެ. ރަށުއޮފީހުން އަތޮޅު އޮފީހަށް އަދި އަތޮޅު އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ހޮވިއެއްޗަކާބެހޭ މައުލޫމާތު ލަސްނުކުރައްވާ އަންގަވާ، ލިއުމަކުން ހުށަހަޅަންވާނެއެވެ.

 

ކަނޑުގައި އުފެދޭ ތަކެތި ހޮވުން

(ހ) ކަނޑުގައި އުފެދޭ އެއްޗެއް ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހޮވައިފި މީހަކު މާލޭގައިނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ނުވަތަ އެންމެ ކައިރީގައި ހުރި ރަށުއޮފީހަކަށް ނުވަތަ އަތޮޅު އޮފީހަކަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެއެއްޗަކާބެހޭ މައުލޫމާތާއެކު ލިޔުމަކުން ހުށަހަޅާ އަންގަންވާނެއެވެ. ރަށުއޮފީހުން އަތޮޅު އޮފީހަށް އަދި އަތޮޅު އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ހޮވި އެއްޗަކާބެހޭ މައުޫލމާތު ލަސްނުކުރައްވާ އަންގަވާ، ލިއުމަކުން ހުށަހަޅަންވާނެއެވެ.

(ށ) ހޮވާ ތަކެތީގެ ތެރެއިން ކަނޑުގައި އުފެދޭ ތަކެއްޗާއި މެދު އަމަލުކުރާނީ ގާނޫނު ނަމްބަރު 8/1996 (27 ޖޫން 1996) ގެ ދަށުން، އެއެއްޗަކާއި ބެހޭގޮތުން ހެދިފައިވާ ގަވާއިދާ އެއްގޮތުގެ މަތީންނެވެ. 

 

ހޮވައިގެން ގެންނަ ތަކެއްޗާއި މެދު އަމަލު ކުރާނެގޮތް

(ހ) ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެއްވެސް އެއްޗެއް ހޮވައިގެން ގެނެސްފިނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ފަރާތުން އޭގެ ވެރިފަރާތެއް ހޯދުމަށްޓަކައި ލަސްނުކޮށް އިއުލާން ކުރާނެއެވެ. މިކަން ފުރަތަމަ އިއުލާންކުރާ ތާރީހުން ފެށިގެން 1 (އެއްއަހަރު) ދުވަހުގެ ތެރޭގައި އެ އެއް ެޗއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަނާޅާފިނަމަ، އެތަކެތި ވާނީ ސަރުކާރުގެ ތަކެއްޗަށެވެ. އަދި އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަހެޅުމަށްފަހު އެ އެއްޗަކާއި ހަވާލުނުވިނަމަވެސް އެ އެއްޗެއް ވާނީ ސަރުކާރުގެ އެއްޗަކަށެވެ. މިކަންކަން ނިންމާނީ ށަރީއަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން އެއްޗެއްގެ ޒާތުން ހަލާކުވެދާފަދަ ތަކެއްޗާއި، ދިރޭ  އެއްޗިއްސާއި އެއެއްޗެއް ބެލެހެއްޓުމަށް ކުރަންޖެހޭ ހަރަދު އެއެއްޗެއްގެ އަގާއި އެކަށީގެން ނުވާތަކެތި ނީލަން ކިޔައި ފައިސާއަށް ބަދަލުކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ލިބިގެންވެއެވެ.

(ނ) ހޮވާތަކެތީގެ ތެރެއިން އެއެއްޗެއްގެ ވެރިފަރާތެއް ވޭތޯޯ ބެލުމަށް އިއުލާންކުރުމުން، އެއެއްޗެއްގެ ވެރިފަރާތްތަކުން އެއެއްޗެއް ހޯދުމަށް އެދި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެއެއްޗެއްގެ ވެރިފަރާތާއި ހަވާލުކުރެވޭނީ އެއެއްޗެއްގެ ވެރިފަރާތް ހޯދުމަށް ކުރި ހަރަދާއި، އެއެއްޗެއް ބެލެހެއްޓުމަށް ކޮށްފައިވާ ހަރަދު ދިނުމުންނެވެ.

(ރ) ހޮވާތަކެތީގެ ތެރެއިން ސަރުކާރުން ނީލަން ކިޔާގޮތަށް ހަމަޖެހޭތަކެތި ނީލަން ކިޔުމަށްފަހު ލިބޭ ފައިސާއިން ބައެއް ހޮވިފަރާތަށް، އެފަރާތުން އެއެއްޗެއް ޮހވުމަށް ކޮށްފައިވާ އަގު ވަޒަން ކުރުމުގެ ގޮތުން، ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދެވޭނީ، އެއެއްޗަކަށް އެހާތަނަށް ހިގާފައިވާ ހަރަދުކަޑާ ބާކީ ހުރި ފައިސާ އެއްގެ 1/2 (ދެބައިކުޅައެއްބައި) އަށްވުރެ ގިނަނުވާ އަދަދެކެވެ.

 

މި ގަވާއިދު ނިކުތުމުން 25 އޮގަސްޓް 1976 ގައި މި މިނިސްޓްރީން ހަދާފައިވާ "ލަނގުވާތަކެތީގެ ގަވާއިދު"  ބާތިލުވީއެވެ. 

 

މައި ގާނޫނު

ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 8/1996)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު