-

ޕޮލިސް ރިކޯޑު ހާމަކުރުމުގެ ގަވާއިދު

(2009)

ގަވާއިދު ވަނީ ގަވާއިދު ނަންބަރ 159/2015 އިން އުވާލެވިފައި

1 ވަނަ މާއްދާ - ތައާރަފް

މިގަވާއިދަކީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވާލެވިފައިވާ، ޕޮލިސް ރިކޯޑަށް އެދުމާއި، ރިކޯޑް ދޫކުރުމާއި ބެހޭ އެންމެހާ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. މިގަވާއިދަށް ކިޔާނީ " ޕޮލިސް ރިކޯރޑް ހާމަކުރުމުގެ ގަވާއިދު " އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ހިންގާ ތަންފީޒު ކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މިގަވާއިދުގެ މަގުސަދަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ރިކޯޑްކުރެވިފައިވާ ފަރުދުންގެ ޒާތީ މިނިވަންކަމާއި ގުޅޭ މައުލޫމާތު ރައްކައުތެރިކޮށް ބެލެހެއްޓުމާއި އެފަދަ މައުމާތު ހާމަކުރުމުގެ އުސޫލުތައް ބަޔާންކޮށް، އެ މައުލޫމާތު ފޯރުކޮށްދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - މައުލޫމާތު ލިބިގަތުމުގެ ހައްގު

ކޮންމެ މީހަކަށްމެ، އެމީހަކާ ގުޅޭ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ރިކޯޑުކުރެވިފައިވާ މައުލޫމާތު ހޯދާ، ލިބިގަތުމުގެ ހައްގު ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ދިވެހިރާއްޖޭގައި ހިނގާ ޖިނާއީ ކުށްތައް ހޯދާ، ދެނެގަނެ ތަހުގީގު ކުރުމުގައި، ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި، ކުށާއި، ކުށާ ގުޅުން ހުރި ހެއްކާއި ގުޅޭ މައުލޫމާތު ލިޔުމުންނާއި، ޑިޖިޓަލްކޮށް ރިކޯޑުކޮށް ބެލެހެއްޓުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ރިކޯޑަށް އެދި ހުށަހެޅުން.

(ހ) މިގަވާއިދުގައި ބަޔާންކޮށްފައިވާ ރިކޯދު ހޯދުމަށް އެދި ޕޮލިސް ހެޑްކްއޯރޓަޒަށް ނުވަތަ ކޮންމެ ޕޮލިސް ސްޓޭށަނަކަށް ހުށަހެޅިދާނެއެވެ. ރިކޯޑު ސާފުކުރުމަށް ހުށަހެޅޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. މިގަވާއިދުގެ ޖަދުވަލު 01 ގައިވާ "ކުށުގެ ރިކޯޑު ސާދުކުރުމަށް އެދޭ ފޯމް" އިން؛
  2. ސަރުކާރުގެ އިދާރާއަކުން ރިކޯޑު ސާރުކުރުމަށް އެދި ހުށަހަޅާ ލިޔުމުން.

(ށ) މިގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންވެގެންވާ ހާލަތް ފިޔަވައި އެހެން ހާލަތްތަކުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ރިކޯޑު ކުރެވިފައިވާ މައުލޫމާތު، އެރިކޯޑުގައި ހިމެނޭ ފަރާތް ނޫން އެހެން ފަރާތަކުން ސާފުކުރުމަށް ބޭނުންވެގެން ހުށަހަޅަންވާނީ، އެރިކޯޑުގައި ހިމެނޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި އެކުގައެވެ. ސާފުކުރަން ބޭނުންވާ މައުލޫމާތަކީ ކުޑަކުއްޖެއްގެ މައުލޫމާތު ކަމުގައިވާނަމަ، އެމައުލޫމާތު ހާމަކުރުމާމެދު އެކުއްޖެއްގެ ބެލެނިވެރިއެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ގައިވާ ފަދައިން، ރިކޯޑު ސާފުކުރުމަށް އެދި ހުށަހަޅާއިރު އެފޯމުގައި ބަޔާންވެގެންވާ ތަކެތި ނުވަތަ ލިޔުންތައް، އެފޯމާއިއެކު ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ގައިވާ ފަދައިން ރިކޯޑު ސާފުކުރުމަށް އެދޭނަމަ ތިރީގައިވާ މައުލޫމާތު، އެފޯމާއިއެކު ހުށަހަޅަންވާނެއެވެ.

  1. ދިވެހި ރައްޔިތެއްނަމަ އެމީހެއްގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ރަސްމީ ލިޔުމެއް؛
  2. ބިދޭސީ އެއްނަމަ އެމީހެއްގެ ފުރިހަމަ ނަމާއި ގައުމު އަދި ޕާސްޕޯރޓު ނަންބަރު ހިމެނޭ ރަސްމީ ލިޔުމެއް.

(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރިކޯޑު ސާފުކުރުމަށް އެދޭނަމަ ތިރީގައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ދިވެހި ރައްޔިތެއްނަމަ އެމީހެއްގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ރަސްމީ ލިޔުމެއް:
  2. ބިދޭސީ އެއްނަމަ އެމީެއއްގެ ފުރިހަމަ ނަމާއި ގައުމު އަދި ޕާސްޕޯރޓު ނަންބަރު ހިމެނޭ ރަސްމީ ލިޔުމާއި އޭނާ ފާއިތުވި 5 އަހަރު ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ މައުލޫމާތު؛
  3. ކުޑަކުއްޖެއްގެ ރިކޯޑު ސާފުކުރުމަށް ހުށަހަޅާނަމަ އެކުއްޖެއްގެ ށަރުއީ ބެލެނިވެރިއެއްގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން؛
  4. ފޮޓޯ ނެގިފަހުން 03 މަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ 02 ފޮޓޯ.

 

7 ވަނަ މާއްދާ - ރިކޯޑަށް އެދި ހުށަހަޅުމުން އަމަލު ކުރާނެ ގޮތް

(ހ) މިގަވާއިދުގެ ދަށުން ރިކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފަރާތަށް، ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ 10 ދުވަހުގެ ތެރޭ ރިކޯޑު ސާފުކުރުމަށްފަހު، އެމީހެއްގެ ރިކޯޑެއް އޮތްކަން ނުވަތަ ނެތްކަން ބަޔާންކުރާ ލިޔުމެއް ދޫކުރަން ވާނެއެވެ.

(ށ) އެމީހެއްގެ ރިކޯޑު ސާފުކުރުމުގައި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ 10 ދުވަހަށް ވުރެ އިތުރު މުއްދަތެއް ހިނގާނަމަ ރިކޯޑު ސާފުކުރަން ބޭނުންވާ ފަރާތަށް، ރިކޯޑު ސާފުކުރުން ލަސްވި ސަބަބާއި، ރިކޯޑު ސާފުކޮށްދެވޭނެ ކަމަށް ލަފާ ކުރެވޭ މުއްދަތު ލިޔުމުން އަންގަން ވާނެއެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ފުރިހަމަ ނުވާ ހުށަހެޅުން

ރިކޯޑެއް ސާފުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި މިގަވާއިދުގައި ބަޔާންކުރާ މައުމޫލާތު ފުރިހަމަ ނުވާނަމަ އެ ހުށަހެޅުމަކީ ފުރިހަމަ ނޫން ހުށަހެޅުމެއް ކަމަށް ނިންމައި، އެކަން ހުށަހަޅާ ފަރާތަށް އެންގުމަށްފަހު އެފަދަ ހުށަހެޅުމެއް ބަލައި ނުގައިތުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ. އަދި، އެފަދަ ހުށަހެޅުން ބާތިލްކޮށް، އެއަށް އަމަލު ނުކުރުމުގެ އިހްތިޔާރުވެސް މޯލްޑިވްސް ޕޮލސް ސަރވިސް އަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ރިކޯޑު ދިނުން ފަސްކުރުން

(ހ) ތަހުގީގު ހިނގަމުންދާ މައްސަލައެއްގައި އެމީހެއްގެ ކުށުގެ ރިކޯޑު ސާފުކޮށް ދިނުމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިދާނެ ހާލަތުގައާއި، ގައުމީ ސަލާމަތަށް ނުރައްކާ ކޮށްފާނެކަމަށް ބެލެވޭ މީހެއް ނުވަތަ ބައެއްގެ މައްޗަށް ސިއްރިޔާތުގައި ހިންގަމުންދާ ތަހުގީގަކާއި ގުޅޭ ރިކޯޑް، ކަނޑައެޅޭ ވަކި މުއްދަތަކަށް ނުދީ ހިފެހެއްޓުމަށް މިގަވާއިދުގެ 7 ވަނަ މާއްދާ ހުރަސް ނާޅައެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ރިކޯޑު ދިނުން ފަސްކުރަން ޖެހިއްޖެ ހާލަތެއްގައި ފަސްކުރަންވީ މުއްދަތު ކަނޑައަޅާނީ ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އެވަގުތަކު މޯލްޑިވްސް ސަރވިސް ހިންގުމާއި ހަވާލުވެ ހުންނެވި އެންމެ އިސް އޮފިސަރެކެވެ.

 

10 ވަނަ މާއްދާ - ރިކޯޑު ދެވޭނެ ގޮތްތައް

މިގަވާއިދުގެ ދަށުން ދޫކުރެވޭ ރިކޯޑު ދޫކުރެވޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) މިގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފޯމުން ކުށުގެ ރިކޯޑު ސާފުކުރުމަށް އެދޭ ފަރާތްތަކަށް ޕޮލިސް ސެޓްފިކެޓް ދޫކުރުން؛

(ށ) މިގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައިވާ ފަދަ ލިޔުމުން ރިކޯޑު ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކަށް އެލިޔުމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތައްގަނޑު ޖަހައި ސޮއިކޮށް ރިކޯޑު އޮތްކަން ނުވަތަ ނެތްކަން ބަޔާންކުރުން.

 

11 ވަނަ މާއްދާ - ރިކޯޑު ސާފުކުރުމުގައި ބެލޭނެ މުއްދަތު

(ހ) މިގަވާއިދު ގެ ދަށުން ރިކޯޑު ސާފުކުރުމަށް އެދޭ ފަރާތުގެ ރިކޯޑު ސާފުކުރުމުގައި ބަލާނީ ރިކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ފާއިތުވި 5 އަހަރުގެ މުއްދަތަށެވެ.

(ށ) ރިކޯޑު ސާފުކުރުމަށް ހުށަހަޅާ ފަރާތުން އެދިއްޖެ ހިނދެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތެއްގެ ރިކޯޑް ސާފުކޮށްދިނުމަށް މިގަވާއިދު ހުރަހެއް ނާޅައެވެ.

 

12 ވަނަ މާއްދާ - ރިކޯޑު ސާފުކުރުމުގައި ބެލޭނެ މިންގަނޑު

(ހ) މިގަވާއިދުގެ ދަށުން ރެކޯޑު ސާފުކުރުމުގައި ބަލާނީ އަންނަނިވި މިންގަނޑުތަކަށެވެ.

  1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައިވުން؛
  2. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގުކޮށް ށަރީއަތް މެދުވެރިކޮށް ގޮތެއް ނިންމައިދިނުން އެދި އެޓާރނީ ޖެނެރަލްގެ އޮފީހަށް ނުވަތަ ޕްރޮސެކުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވުން؛
  3. ށަރީއަތުން ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވުން.

(ށ) މިމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ފަރާތްތަކަށް ރިކޯޑު ސާފުކުރުމަށްފަހު ދޫކުރެވޭ ލިޔުމުގައި ހިމެނޭނީ އެފަދަ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގު ހިނގަމުންދާ ކަމެވެ.

(ނ) މިމާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ފަރާތްތަކަށް ރިކޯޑު ސާފުކުރުމަށްފަހު ދޫކުރެވޭ ލިޔުމުގައި ހިމެނޭނީ އެފަދަ ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގެ ތަހުގީގު ނިމިގެން ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރރސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުވަތަ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ ކަމެވެ.

(ރ) މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ފަރާތްތަކަށް ރިކޯޑު ސާފުކުރުމަށްފަހު ދޫކުރެވޭ ލިޔުމެއްގައި އެމީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ ބާވަތާއި ކަނޑައެޅުނު ހުކުމުގެ މައުލޫމާތު ހިމެނިދާނެއެވެ.

 

13 ވަނަ މާއްދާ - ހެކި ނެތިގެން ފައިލުކުރެވޭ މައްސަލަ ރިކޯޑުގައި ނުހިމެނުން

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގި ތަހުގީގެއްގައި ކުށުގެ ތުހުމަތު ކުރެވުނު މީހެއްގެ މައްޗަށް، ށަރީއަތުގައި ދައުވާކުރުމަށް ހުށަހެޅޭވަރަށް ހެކި ނެތިގެން އެމައްސަލައެއް ތަހުގީގް ނިންމާފައިވާނަމަ އެމައްސަލައެއްގެ މައުލޫމާތު މިގަވާއިދުގެ ދަށުން ސާފުކޕށްދެވޭ ރިކޯޑެއްގައި ނުހިމެނޭނެއެވެ.

 

14 ވަނަ މާއްދާ - ރިކޯޑުގައި ހިމެނޭނެ މައުލޫމާތު

މިގަވާއިދުގެ ދަށުން ރިކޯޑް ސާފުކޮށްދެވޭ ލިޔުމެއްގައި އެ ރިކޯޑު ސާރުކުރެވޭ މީހާގެ އަންނަނިވި މައުލޫމާތު ހިމަނަން ވާނެއެވެ.

(ހ) ނަމާއި ދާއިމީ އެޑްރެސް އަދި ގައުމީ ނިސްބަތް؛

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯރޓު ނަންބަރު؛

(ނ) އުފަން ތާރީހު ނުވަތަ އުމުރު؛

(ރ) އެމީހެއްގެ މައްޗަށް ހުށަހެޅި ތަހުގީގު ހިނގަމުންދާ މައްސަލައެއްވާނަމަ އެކަން؛

(ބ) އެމީހަކާއި މެދު ދައުވާ އުފުލާފައިވާ ނުވަތަ ދައުވާ އަނބުރާ ގެނެވިފައިވާ މައްސަލަތައްވާނަމަ އެކަން؛

(ޅ) އެމީހެއްގެ މައްޗަށް ށަރީއަތަށް ސާބިތުވެ ހުކުމް ކަނޑައެޅިފައިވާ މައްސަލަތައް؛

(ކ) ޕާސްޕޯރޓް ސައިޒް ފޮޓޯ؛

(އ) ބިދޭސީ އެއްނަމަ ދިވެހިރާއްޖޭގައި ދިރިއުޅެފައިވާ މުއްދަތު ނުވަތަ ވަޒީފާއަދާކޮށްފައިވާ މުއްދަތު.

 

15 ވަނަ މާއްދާ - ރިކޯޑު ރަނގަޅުކޮށް ދިނުމަށް އެދި ހުށަހެޅުމުގެ ހައްގު

(ހ) މިގަވާއިދުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގައިވާ މައުލޫމާތު ސާފުކުރުމަށްފަހު ދޫކުރެވޭ ލިޔުމެއްގައިވާ މައުލޫމާތަކީ އެމައުލޫމާތު ނިސްބަތްވާ ފަރާތުން ދެކޭ ގޮތުގައި ސައްހަ ނޫން ނުވަތަ ތެދު ނޫން ނުވަތަ ފުރިހަމަ ނުވާ މައުލޫމާތެއް ނަމަ އެރިކޯޑު އިސްލާހު ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުގެ އިހްތުޔާރު އެފަރާތަކަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގައިވާ ފަދައިން، ރިކޯޑު ބަދަލުކުރުމަށް ނުވަތަ އިސްލާހުކުރުމަށް އެދި ހުށަހަޅާއިރު އެފަދައިން ހުށަހަޅާ ސަބަބު ހާމަކުރަން ވާނެއެވެ. އަދި، އެހުށަހެޅުމަށް ވާގިވެރިވާނެ އެއްވެސް ދަލީލެއް ވާނަމަ އެކަން ހާމަކޮށް، އެއެއްޗެއް ނުވަތަ ތަކެތި ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި، އެއެއްޗެއް ނުވަތަ ތަކެތި ހުށަހަޅަން ވާނެއެވެ.

 

16 ވަނަ މާއްދާ - ރިކޯޑު ބަދަލުކޮށްދިނުމަށް އިންކާރުކުރުން.

މިގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ބަދަލު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް ހުށަހެޅިފައިވާ ރިކޯޑެއްގައި ހިމެނޭ މައުލޫމާތަކީ ސައްހަ އަދި ތެދު މައުލޫމާތު ކަމަށް ކަށަވަރު ނުވާނަމަ އެމައުލޫމާތު ބަދަދު ނުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ފީނެގުން

މިގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް މައުލޫމާތު ސާފުކޮށް ދެވޭނީ އަންނަނިވި ގޮތުގެ މަތިން ފީއެއް ނެގުމަށް ފަހުއެވެ.

(ހ) މިގަވާއިދުގެ ދަށުން ރިކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމު ނުވަތަ ސިޓީއާއިއެކު 20.00 (ވިހި ރުފިޔާގެ) ރެވެނިއު ސްޓޭމްޕެއް ހުށަހެޅުން.

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސް އަށް 20.00ރ (ވިހި ރުފިޔާ) ލިބިދޭ ގޮތަށް ދޫކުރެވޭ ބޭންކް ޑްރާފްޓެއް ހުށަހެޅުން.

 

18 ވަނަ މާއްދާ - މަދަނީ އަދި ޖިނާއީ ޒިންމާ އުފުލަން ނުޖެހުން

މިގަވާއިދުގެ ދަށުން މައުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅާ ފަރާތަކަށް ސާފުކޮށްދެވޭ ރިކޯޑެއްގައި ހިމެނޭ މައުލޫމާތު އެރިކޯޑު ސާފުކޮށްދެވޭ ފަރާތުން ނުވަތަ އެރިކޯޑު ލިބިދޭ އެހެން ފަރާތަކުން ބޭނުންކުރާ ގޮތަކުން އުފުލޭ މަދަނީ ނުވަތަ ޖިނާއީ އެއްވެސް ދައުވާއެއްގެ ޒިންމާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އުފުލަން ނުޖެހޭނެއެވެ.

 

19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ މިގަވާއިދު ފާސްކުރާ ތާރީހުން ފެށިގެންނެވެ. ނަމަވެސް، މިގަވާއިދުގެ 17 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ މިގަވާޢިދު ފާސްކުރާ ތާރީހަށްފަހު 60 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

(ޕޮލިސް ރިކޯޑު ހޯދުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށައަޅާ ފޯމް، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި މި ފޯމް ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

 

އުވި ގަވާއިދު

ޕޮލިސް ރިކޯޑު ހާމަކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 159/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު