-

ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ ސާމާނާއި، ވަސީލަތާއި، އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެތަކެތީގެ ބޭނުން ހިފުމާބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު MPS-14/2009-1)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން ތައާރުފް އެކުލަވައިލެވިފައިވާ، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންކުރާ  ސާމާނާއި، ވަސީލަތާއި، އާލަތްތައް ގެންގުޅެ ބަލަހައްޓައި، އެތަކެތީގެ ބޭނުން ހިފުމާއި، އެތަކެއްޗާއި މެދު އަމަލުކުރަންވީ ގޮތްތަކާއި މިންގަނޑުތައް ބަޔާންވެގެންވާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދުގެ ނަމަކީ "ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ ސާމާނާއި، ގަވާއިދުގެ ނަން ވަސީލަތާއި، އާލަތްތައް ގެންގުޅެ، ބަލަހައްޓައި، އެތަކެތީގެ ބޭނުން ހިފުމާބެހޭ ގަވާއިދު އެވެ.

 

 3 ވަނަ މާއްދާ - ގަވާއިދު ހިންގުން

 މި ގަވާއިދު ހިންގާ ތަންފީޒުކުރާނީ މޯލްޑިވްސް ޕޮލިސް ސާރވިސް އިންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އުނި އިތުރު ގެނައުން

މި ޤަވާޢިދަށް އުނި އިތުރު ގެނެވޭނީ އެގްޒެކިއުޓިވް ބޯޑުގެ ލަފާގެ މަތިން ޤަވާޢިދަށް އުނި އިތުރު ގެނައުން މިނިސްޓަރަށެވެ.

 

5 ވަނަ މާއްދާ - ސާމާނާއި ވަސީލަތާއި އާލަތްތައް ހޯދުން

(ހ) ގާނޫނު ތަންފީޒު ކުރުމަށާއި ފުލުހުންގެ ހިދުމަތް ދިނުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހޯދަން ޖެހޭ ސާމާނާއި ވަސީލަތްތަކާއި އާލާތްތައް ހޯދާނެ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާނީ ކޮމށަނަރ އޮފް ޕޮލިސް އެވެ. އަދި އެތަކެއްޗާއި ވަސީލަތްތައް ހޯދުމަށް ފުލުހުންގެ ބަޖެޓުން ކުރަން ޖެހޭ ހަރަދުތައް ކުރުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕޮލިސް އަށް ލިބިގެންވެއެވެ.

(ށ) ތަކެތި ހޯދުމަށް އިއުލާން ކުރަން ނިންމައިފިނަމަ، ނުވަތަ ބޭނުންވާ އެއްޗަކީ  ނުވަތަ ޚިދުމަތަކީ 25،000.00 ރ (ފަންސަވީސްހާސް ރުފިޔާ) އަށް ވުރެ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމުގައިވާނަމަ، އާންމު ގޮތެއްގައި 3 ދުވަހު ޕޮލިސް ވެބްސައިޓްގައި އިއުލާނު ކުރަންވާނެއެވެ. އަތޮޅެއްގައި ބޭނުންވާ ހިދުމަތެއް ނުވަތަ އެއްޗެއްނަމަ އަތޮޅު ނުވަތަ ރަށު ފެންވަރުގައި މަދުވެގެން 03 ދުވަހު އިއުލާން ކުރަން ޖެހޭނެއެވެ. އެފަދަ އެއްޗެއް ވިއްކާ ބަޔަކު ނުވަތަ ހިދުމަތްދޭ ބަޔަކު ހުށަހަޅާ އަގުތައް ދިރާސާކޮށް، އެއެއްޗެއް ގަންނަންވާ ފަރާތް ނުވަތަ ހިދުމަތް ހޯދާނެ ފަރާތެއް ކަނޑައަޅަންވާނީ، ކޮމިށަންޑް އޮފިސަރުންނާއި އެކަމެއްގައި ލަފާދެވޭ ފެންވަރުގެ ފަންނީ މީހުންގެ ތެރެއިން މަދުވެގެން 03 މުވައްޒަފުން ހިމެނޭ ކޮމިޓީއަކުންނެވެ. މި ކޮމިޓީ އައްޔަނު ކުރާނީ ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކޮމިށަނަރ އޮފް ޕޮލިސް އައްޔަނުކުރާ ފުލުހުންގެ އިސް އޮފިސަރެކެވެ.

(ނ) އާންމު ހާލަތުގައި، ގާނޫނު ތަންފީޒު ކުރުމަށާއި ފުލުހުންގެ ހިދުމަތް ދިނުމަށް، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހޯދަންވާނީ ކަމާގުޅޭ ގާނޫނާއި ގަވާއިދާއި އެއްގޮތަށެވެ. ގައުމަށް ދިމާވާ ބޮޑެތި ހާދިސާ ނުވަތަ އެފަދަ ހާލަތަކާ ގުޅިގެން، ކަނޑައެޅިފައިވާ ގާނޫނާއި ގަވާއިދުތަކުގެ ރޫހާއި ހިލާފުނުވާ ގޮތަށް، ކޮންމެހެން ބޭނުންވާ ތަކެތި ހޯދުމަށް ކޮމިށަނަރ އޮފް ޕޮލިސް އަށޤ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަޖެޓުން ހަރަދު ކުރެވިދާނެއެވެ

(ރ) މި ގަވާއިދުގެ މަގުސަދަށްޓަކައި އާންމު ހާލަތު ނޫން ހާލަތެއް މެދުވެރިވެއްޖެ ކަމަށް ބަލަންވާނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ގުދުރަތީ ކާރިސާއެއް ނުވަތަ ގައުމުގެ އާންމު ހާލަތަށް ބުރޫއަރާފަދަ ބޮޑު ހާދިސާއެއް ކުރިމަތިވުން؛
  2. ގައުމުގައި ނުވަތަ ގައުމުގެ ވަކި ބައެއްގައި އިމަރޖެންސީ އއުލާނުކުރުން؛
  3. އެއެއްޗެއް ނުވަތަ ވަސީލަތެއް ހޯދުމުގައި އެކަށީގެންވާ ހަރަދާއި  ލަސްވުމުން ސަލާމަތްކުރުމަށްޓަކައި ނުވަތަ އެހެން ގޮތަކަށް އަމަލުކޮށްފިނަމަ އެއެއްޗެއް ހޯދުމުގެ މަގްސަދު ހާސިލް ނުވެދާނެ ހާލަތްތައް 

(ބ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް 1،500،000.00 (އެއްމިލިއަން ފަސްލައްކަ ރުފިޔާ) އިން މަތީގެ އަގެއްގެ އެއްޗެއް ގަންނަނަމަ ނުވަތަ މަސައްކަތެއް ކުރުވާނަމަ، އެކަން ކުރަންވާނީ 1،500،000.00 (އެއްމިލިއަން ފަސްލައްކަ ރުފިޔާ) އިން ފެށިގެން މަތީގެ މަސައްކަތްތައް ދާނީ، އެމަސައްކަތާ ބެހޭ ކުރެހުންތަކާއި ތަފްސީލުތައް، ހަވާލުކުރާނެ ފަރާތެއް ހޯދަން ޓެންޑަރ އިވަލުއޭށަން ބޯޑަށް ހުށަހަޅައިގެންނެވެ. ނަމަވެސް އެކަމަކީ ގައުމުގެ އާންމު މަސްލަޙަތަށްޓަކައި ކޮންމެހެން ވަގުތުން ނިންމަންޖެހޭ ކަމެއް ކަމުގައިވާނަމަ، ގާނޫނާއި ގަވާއިދުގެ ރޫޙާއި ހިލާފުނުވާ ގޮތަށް، އެގްޒެކިއުޓިވް ބޯޑުގެ ލަފާގެ މަތިން އެހަރަދެއް ކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ތަކެތި ހަވާލުކުރުން

(ހ) މުވައްޒަފަކަށް އެއްޗެއް ހަވާލު ކުރަންވާނީ އެކަމަށް ކަނޑައެޅޭ ފޮތެއްގައި ތަކެތި ހަވާލުކުރުން ނުވަތަ އެއްޗެއްގައި ލިޔެ އެ އެއްޗެއް ހަވާލުވިކަމަށް އެމުވައްޒަފު ސޮއި ކުރުމަށް ފަހުއެވެ. ނުވަތަ ފުލުހުންގެ އައިޑެންޓިޓީ ކާޑުގެ ޒަރިއްޔާއިން އެމުއާމަލާތާއި  ގުޅޭ މައުލޫމާތު ރިކޯޑު ކުރުމަށްފަހުގައެވެ.

(ށ) އޮފީހުގައި ނުވަތަ އެހެން ތަނެއްގައި ބަހައްޓައިގެން ގިނަ ދުވަހަށް ބޭނުން ކުރާ އެއްޗެއްނަމަ އިންވެންޓްރީގައި ނުވަތަ އެފަދަ އެހެން އެއްޗެއްގައި އެމައުލޫމާތު ލިޔަން ނުވަތަ ރިކޯޑުކުރަން ވާނެއެވެ.

(ނ)  އަނބުރާ ދައްކާ ގޮތަށް ހަވާލު ކުރެވޭ އެއްޗެއްނަމަ އެކަން އެމުވައްޒަފަކު ސޮއި ކުރާ ލިޔުމުގައި ލިޔެފައި އޮންނަން ވާނެއެވެ. އަދި ވަކި ތާރީހެއްގެ ކުރިން ގެންނަން ޖެހޭ އެއްޗެއްނަމަ އެކަންވެސް އެލިޔުމުގައި ލިޔެފައި އޮންނަން ވާނެއެވެ. އަދި ހަމަ އެލިޔުމުގައި، ތަކެތި ދޫކުރި މީހާ އެނގޭ ގޮތަށް އޭނާގެ ނަމާއި ސަރވިސް ނަންބަރު ނުވަތަ ހިދުމަތުގެ ނަންބަރު ލިޔެ، އޭނާގެ ސޮއި ކުރެވިފައި އޮންނަން ވާނެއެވެ. ނުވަތަ ފުލުހުންގެ އައިޑެންޓިޓީ ކާޑުގެ ޒަރިއްޔާއިން އެމުއާމަލާތާއި ގުޅޭ، (މަތީގައި ބުނެފައިވާ) މައުލޫމާތު ރިކޯޑުކުރަން ވާނެއެވެ.

 

7 ވަނަ މާއްދާ - ހަވާލުކުރެވިފައި ހުންނަ ތަކެތި ބަލެހެއްޓުން

(ހ) ކޮންމެ މުވައްޒަފަކާއި ނުވަތަ ކޮންމެ ޑިޕާރޓްމަންޓަކާއި ހަވާލުކުރެވޭ ކޮންމެ އެއްޗެއްވެސް ރައްކައުތެރިކަމާއި ފަރުވާތެރިކަމާއެކު ބެލެހެއްޓުމަކީ އެއެއްޗެއް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މުވައްޒަފުގެ ނުވަތަ އެޑިޕާރޓްމަންޓުގެ ޒިންމާއެކެވެ.

(ށ) މުވައްޒަފަކާއި ނުވަތަ ޑިޕާރޓްމަންޓަކާއި ހަވާލުކުރެވިފައިވާ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ ވީއެންމެ އަވަހަކަށް އެމުވައްޒަފަކާއި ހަވާލުވެހުރި ނުވަތަ އެ ޑިޕާރޓްމަންޓަކާއި ހަވާލުވެހުރި ވެރިއަކަށް އެކަން އަންގަން ވާނެއެވެ. ހަމައެހެންމެ އެތަކެތި ދޫކުރި ފަރާތަކަށްވެސް އެކަން ލިޔުމުން އަންގަން ވާނެއެވެ.

(ނ) މުވައްޒަފެއްގެ ނުވަތަ ޑިޕާރޓްމަންޓެއްގެ ހަވާލުގައި ހުރި އެއްވެސް އެއްޗެއް މުވައްޒަފެއްގެ އިހުމާލުން ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަމުގެ ޒިންމާ އެމުވައްޒަފަކު އުފުލަން ވާނެއެވެ. އަދި ތަހުގީގް ކުރުމަށްފަހު މުވައްޒަފެއްގެ އިހުމާލުން ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ އެ މުވައްޒަފެއްގެ އަތުން އެ އެއްޗެއްގެ ބަދަލު ނެގޭނެއެވެ. މި މާއްދާގައި ވާގޮތުގެ މަތިން ޒިންމާވާ ފަރާތެއް ކަނޑައަޅާނީ އެކަމެއް ތަހްގީގްކުރުމަށް ފަހުއެވެ.

 

8 ވަނަ މާއްދާ – ހަވާލުކުރެވިފައި ހުންނަ ތަކެތި އަނބުރާ ދެއްކުން

(ހ) އަނބުރާ ދައްކާގޮތަށް ގެންދެވޭ އެއްޗެއް، އެ މަސައްކަތް ނިމުމުން އަނބުރާ ހަވާލު ކުރަން ވާނެއެވެ. ވަކި މަސައްކަތެއް ކުރަން  ހަވާލުކުރި އެއްޗެއްނަމަ، އެ މަސައްކަތެއް ކޮށް ނިމުމުން، ލަސްނުކޮށް އެއެއްޗެއް ހަވާލު ކުރަން ވާނެއެވެ.

(ށ) އަނބުރާ ދައްކާއިރު އެކަމަށް ކަނޑައެޅޭ ފޮތެއްގައި ނުވަތަ އެއްޗެއްގައި ލިޔެ ތަކެތި ގެނައި މީހާ އާއި ހަވާލުވި މީހާ އެފޮތުގައި ނުވަތަ އެއެއްޗެއްގައި ސޮއި ކުރަން ވާނެއެވެ. ނުވަތަ ޕޮލިސް އައިޑެންޓިޓީ ކާޑުގެ ޒަރިއްޔާއިން އެމުއާމަލާތާއި ގުޅޭ، (މަތީގައި ބުނެފައިވާ) މައުލޫމާތު ރިކޯޑު ކުރަންވާނެއެވެ.

(ނ) މުވައްޒަފެއްގެ އަމިއްލަ އަތަށް ދޫކުރެވިފައިވާ ތަކެތި ބަހައްޓަންވާނީ އެއެއްޗެއް ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެވަގުތަކު ކަޑައަޅާފައިވާ  ތަނެއްގައެވެ. އަތަށް ދޫކުރެވޭނެ ތަކެއްޗާއި އެފަދަ ތަކެތި ބަހައްޓަން ޖެހޭ ތަންތަން، އެ އެއްޗެއް ދޫކުރާ ޑިޕާރޓްމަންޓްގެ ޕްރޮސީޖަރުގައި ލިޔެ، މުވައްޒަފުންނަށް އެނގޭނެހެން ހަމަޖައްސަން ވާނެއެވެ.

 

9 ވަނަ މާއްދާތަކެތި ގެންގުޅެވޭނެ މީހުންނާއި ހާލަތްތައް

(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް ހޯދޭ ސާމާނާއި، ވަސީލަތްތަކާއި އާލާތްތައް ބޭނުންކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަންޏެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ތަކެތީގެ ތެރެއިން ހަތިޔާރު ފިޔަވައި، އެހެން ތަކެތި ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތެއް މެދުވެރިވެގެން، ބޭނުން ކުރުމަށް އާންމު ފަރާތަކަށް ނުވަތަ ސަރުކާރުގެ މުއައްސަސާއަކަށް ވަގުތީ ގޮތުން މޯލްޑިވްސް ޕޮލިސް ހަވާލުކުރުމެއް މިގަވާއިދު މަނައެއް ނުކުރެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް ހޯދާފައިވާ އެއްޗެއް އެހެން ފަރާތެއްގެ ބޭނުމެއް ދޫކުރަންވާނީ، ދިމާވެގެން އުޅޭ ހާލަތެއްގެ ނުރައްކާތެރިކަން ވީއެންމެ އަވަހަކަށް ކުޑަކުރުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް  ނުވަތަ މީހެއް ނުވަތަ ބައެއްގެ  ފުރާނަ ނުވަތަ ފަރުދުންގެ މުދާ ސަލާމަތްކުރުމަށް އެ އެއްޗެއް ކޮންމެހެން ދޭންޖެހޭ ކަމަށް، އެ އެއްޗަކާއި ހަވާލުވެ ހުރި މުވައްޒަފަށް އެކަށީގެންވާ ސަބަބާއިއެކު ގަބޫލު ކުރެވުމުންނެވެ.

(ނ) މަސައްކަތުގެ މާހައުލުން ބޭރުގައި ބެހެއްޓިފައިވާ ތަކެއްޗާއި ވަކި މުވައްޒަފަކަށް ދޫކުރެވިފައިވާ ތަކެތި މިމާއްދާގެ (ހ) އިން އިސްތިސްނާވެގެންވެއެވެ. މިމާއްދާގައި، މަސައްކަތުގެ މަހައުލުން ބޭރުގައި ބެހެއްޓިފައިވާ ތަކެތި ކަމުގައި ބުނެފައި އެވަނީ ރަސްމީ ބޭނުންކުރުމަށް، އަމިއްލަ ބޭނުންވެސް ކުރެވޭ ގޮތަށް ދޫކުރެވިފައިވާ މޯބައިލް ފޯނު، ލެޕްޓޮޕް، ހާއްސަ ނޯޓިސް ބޯޑު ފަދަ ތަކެއްޗާއި  މުވައްޒަފު އަމިއްލައަށް އޭނާގެ ހިތްހަމަޖެހުމަށް ބޭނުންކުރުމަށް އޮފީސް މާހައުލަށް ގެންނަ (ގަސް، ފޮޓޯ ފްރޭމް ފަދަ) ތަކެއްޗަށެވެ.

 

10 ވަނަ މާއްދާ - އިންޓަރނެޓް ބޭނުންކުރުން

(ހ) އިންޓަނެޓް ބޭނުންކުރުމުގައި އަމަލުކުރަންވާނީ ތިރީގައި އެވާ ގޮތަށެވެ.

  1. ކުރަން ޖެހޭ މަސައްކަތާ ގުޅިގެން ދިރާސާތައް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށާއި، އުނގެނުމަށް އިންޓަރނެޓް ބޭނުންކުރުން؛
  2. މަސައްކަތުގެ އަހްލާގީ މިންގަނޑުން ރަސްމީ މަސައްކަތަށް ދަތި ނުވާ ގޮތަށް އިންޓަރނެޓް ބޭނުންކުރުން؛
  3. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މެނުވީ އިންޓަރނެޓުގައިވާ އިސްލާމް ދީނާއި، ރާއްޖޭގެ އިޖުތިމާއީ ސުލޫކާ ގުޅުން ކުޑަ ސައިޓުތަކަށް ނުވަނުން.

(ށ) ފިކުރީ މިލްކުތަކަށާއި ކޮމްޕިއުޓަރ ވައިރަސް އަށް ސަމާލުވުމުގެ ގޮތުން މުވާސަލާތާއި ޓެކްނޮލޮޖީގެ ކަންތައް ބަލަހައްޓާ ޑިޕާރޓްމަންޓްގެ ހުއްދަ ނެތި، އިންޓަރނެޓް  މެދުުވެރިކޮށް އެއްވެސް ބާވަތެއްގެ ސޮފްޓްވެރއެއް ކޮމްޕިއުޓަރަށް ޑަުއުންލޯޑުކޮށް ކޮށްގެން ނުވާނެއެވެ. އެހެން މީހަކު ޑައުންލޯޑްކޮށްފައިވާ  އެއްވެސް ސޮފްޓްވެއަރއެއް މުވާސަލާތާއި ޓެކްނޮލޮޖީގެ ކަންތައް ބަލަހައްޓާ ޑިޕާރޓްމަންޓްގެ ހުއްދަ ނެތި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް ކޮމްޕިއުޓަރަކަށް އަޅައިގެން ނުވާނެއެވެ.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އީމެއިލް އެޑްރެސްތައް ބޭނުން ކުރަންވާނީ (ނ) އެކަން ކުރުމުގެ ހުއްދަ ދެވިފައިވާ މުވައްޒަފުން އެކަންޏެވެ. އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުގައި ނުވަތަ މައުލޫމާތު ހޯދުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެކަމަށް  ކަނޑައަޅާފައިވާ ސިޔާސަތުތަކަށާއި ޕްރޮސީޖަރުތަކާއި އެއްގޮތަށް އަމަލުކުރަން ވާނެއެވެ.

 

11 ވަނަ މާއްދާ - ސޮފްޓްވެއަރ އިންސްޓޯލް ކުރުން

(ހ) މޯލްްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް ހޯދަންޖެހޭ ސޮފްޓްވެއަރ ގަނެ އިންސްޓޯލްކޮށް ބަލަހައްޓައި އަޕްގްރޭޑްކޮށް ސޮފްޓްވެއަރ ގެ އިންވެންޓްރީ  ބަލަހައްޓާނީ މުވާސަލާތާއި ޓެކްނޮލޮޖީގެ ކަންތައް ބަލަހައްޓާ ޑިޕާރޓްމަންޓުންނެވެ. އެއްވެސް އެހެން ޑިޕާރޓްމަންޓެއް ނުވަތަ ޔުނިޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު މަތީގައި ބުނެވިފައިވާ ފަދަ ކަމެއް ކުރަންވާނީ މުވާސަލާތާއި ޓެކްނޮލޮޖީގެ ކަންތައް ބަލަހައްޓާ ޑިޕާރޓްމަންޓްގެ ހުއްދަ ލިބިގެންނެވެ.

(ށ) މުވާސަލާތާއި ޓެކްނޮލޮޖީގެ ކަންތައް ބަލަހައްޓާ ޑިޕާރޓްމަންޓުގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް މުވައްޒަފަކު، އެމީހެއްގެ އަމިއްލަ ސޮފްޓްވެއަރ އެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމްޕިއުޓަރަކަށް އަޅައިގެން ނުވާނެއެވެ.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސޮފްޓްވެއަރއެއް މުވައްޒަފެއްގެ އަމިއްލަ ކޮމްޕިއުޓަރަށް ނުވަތަ އަމިއްލަ ފޯނަށް އިންސްޓޯލްކޮށްގެން ނުވަތަ  މުވައްޒަފެއްގެ އަމިއްލަ ކޮމްޕިއުޓަރެއްގައި ނުވަތަ އެފަދަ ޑިޖިޓަލް މައުލޫމާތު ރައްކާކުރެވޭ އެއްޗެއްގައި ރައްކާކޮށްގެން ނުވާނެއެވެ.

(ރ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެހާ ކޮމްޕިއުޓަރުގައި ރަގަޅު ފެންވަރެއްގެ އެންޓިވައިރަސް ސޮފްޓްވެއަރއެއް އިންސްޓޯލްކޮށް ގަވާއިދުން އަޕްޑޭޓް ކުރަން ވާނެއެވެ.

 

12 ވަނަ މާއްދާ - ސިސްޓަމް އެކްސެސް ޕާސްވާރޑް އަދި ޔޫސަރގެ ނަން ބޭނުން ކުރުން

(ހ) ކޮންމެ މުވައްޒަފަކުވެސް، ކޮމްޕިއުޓަރުތަކުގެ ބޭނުންހިފުމުގައި ބޭނުން ކުރަންވާނީ އެ މުވައްޒަފަށް ދީފައިވާ ޔޫސަރ ނަމާއި ޕާސްވާރޑެވެ. އެއްވެސް މުވައްޒަފެއްގެ ޕާސްވާރޑް އެހެން މީހަކަށް ދިނުމަކީ ކުށަކަށްވާ ހިނދު، އެފަދަ އަމަލެއްގެ ސަބަބުން މެދުވެރިވާ ކަންކަމުގައި ދެފަރާތުން ޒިންމާ އުފުލަން ޖެހޭނެއެވެ.

(ށ) މުވައްޒަފުން މަސައްކަތްކުރަނީ ކިތަންމެ އެކުވެރި މާހައުލެއްގައި ކަމަށްވިޔަސް އެހެން މުވައްޒަފެއްގެ މަސައްކަތް ހިމެނޭ ޑިޖިޓަލް ފައިލެއް ނުވަތަ ފޯލްޑަރެއް އެމަސައްކަތްކުރި ފަރާތުގެ ހުއްދަ ނެތި ހުޅުވަންވާނީ ހަމައެކަނި ވަގުތުން ވަގުތަށް ބޭނުންވާ މައުލޫމާތެއް ނެގުމަށް، ޕޮލިސް ސްޓޭށަން ނުވަތަ ޑިޕާރޓްމަންޓްގެ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.

 

13 ވަނަ މާއްދާ - އިންށުއަރ ކުރުމާއި ވޮރަންޓީ

(ހ) މޯލްޑިވްސް ޕޮލިސް ސަރިވސްގެ ބޭނުމަށް ހޯދޭ އެއްގަމާ ކަނޑުގެ އުޅަނދުފަހަރާއި މުހިންމު އަގުބޮޑު ތަކެތި އިންށުއަރ ކުރަން ވާނެއެވެ. އަގުބޮޑު ތަކެތި ކަމުގައި ބަލާނީ -/1،000،000 ރ (އެއްމިލިއަން ރުފިޔާ)އިން ފެށިގެން މަތީގެ އަގުތަކުގެ މުދަލަށެވެ.

(ށ) އިލެކްޓްރިކް ނުވަތަ އިލެކްޓްރޯނިކް ތަކެތި ގަތުމުގައި، އެއެއްޗަކާ އެކަށޭނަ ވޮރަންޓީއެއް ހޯދުމަށް އިސްކަންދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ޕޮލިސް ނެޓްވާރކަށާއި އެހެނިހެން ނެޓްވާރކަށް ތަކެތި ގުޅުން

(ހ) މުވާސަލާތާއި ޓެކްނޮލޮޖީގެ ކަންތައް ބަލަހައްޓާ ޑިޕާރޓްމަންޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނެޓްވާކް ސިސްޓަމަކަށް، މުވައްޒަފަށް ދޫކުރެވިފައިވާ ތަކެތި ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ގެޖެޓެއް ނުވަތަ އެއްޗެއް ނުވަތަ އާލާތެއް ގުޅައިގެން ނުވާނެއެވެ.

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އާލާތެއް ނުވަތަ އެއްޗެއް އެހެން ނެޓްވާރކަކަށް ގުޅަންވާނީ މުވާސަލާތާއި ޓެކްނޮލޮޖީގެ ކަންތައް ބަލަހައްޓާ ޑިޕާރޓްމަންޓުގެ ހުއްދަ ލިބިގެން، ނުވަތަ އެކަމަށް އެޑިޕާރޓްމަންޓުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށެވެ.

 

15 ވަނަ މާއްދާ - އުޅަނދުފަހަރު ބޭނުންކުރުން

(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްގަމުގައި ދުއްވާ އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދު، ދުއްވަން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެތަކެތި ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކެވެ.

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އުޅަނދުފަހަރު، އެއްވެސް ފަރާތެއްގެ އަމިއްލަ ބޭނުމަށް ބޭނުންކުރެވޭނީ އިމަރޖެންސީ ހާލަތްތަކުގައި އެކަންޏެވެ. މި މާއްދާގައި އިމަރޖެންސީ ހާލަތެއް ކަމުގައި ބުނެފައި އެވަނީ ގިނަ ބައެއްގެ ފުރާނަ ނުވަތަ މުދާ ސަލާމަތްކުރުމަށް، އެ އުޅަނދުގެ ބޭނުން ހިފަންޖެހޭ ކަމަށް އެތަނެއްގައި ހުރި އެންމެ އިސް ފުލުހަކަށް ނުވަތަ އެއުޅަނދަކާ ހަވާލުވެ ހުރި ފުލުހަކަށް އެކަށީގެންވާ ސަބަބާއިއެކު ގަބޫލުކުރެވޭ ފަދަ ހާލަތްތަކަށެވެ.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އުޅަނދުފަހަރު، ފުލުހެއްގެ އަމިއްލަ ބޭނުމަށް ބޭނުންކުރެވޭނީ މިގަވާއިދާއި ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ)  އިން ބާރުލިބިގެން އެކުލަވައިލެވިފައިވާ "ވަޒީފާއާބެހޭ ގަވާއިދު" އާއި އެއްގޮތަށެވެ.

 

16 ވަނަ މާއްދާ - ހަރުމުދަލުގެ ރަޖިސްޓްރީ

(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް ހޯދޭ ނުވަތަ ގަނެވޭ މުދަލާއި ހަދިޔާގެ ގޮތުގައި މޯ ލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބޭ ހުރިހާ ހަރު މުދަލެއް ރަޖިސްޓްރީކޮށް ބަލަހައްޓަން ވާނެއެވެ. ހަރުމުދަލުގެ ރަޖިސްޓަރީ ބަލަހައްޓަންވާނީ ފޮތެއްގައި ލިޔެ ނުވަތަ ކޮމްޕިއުޓަރުންނެވެ.

(ށ) ހަރު މުދަލުގެ ރަޖިސްޓަރީގައި، މަދުވެގެން ތިރީގައި އެވާ މައުލޫމާތު ހުންނަން ވާނެއެވެ.

  1. ކޯޑު ނަންބަރު ( މިނަންބަރު މުދަލުގައި ވެސް ޖަހަންވާނެއެވެ.)
  2. މުދަލުގެ ފުރިހަމަ ތަފްސީލް (ބްރޭންޑް، މޮޑެލް، ސީރިއަލް ނަންބަރު ނުވަތަ މިން ނުވަތަ ބަރުދަން، މުދަލުގެ ހާލަތު، މި ނޫންވެސް މުހިއްމު މައުލޫމާތު)
  3. މުދާ ހުރިތަން
  4. މުދަލުގެ އަގު
  5. އިތުރު މައުލޫމާތު ( ފަހުން އަންނަ ބަދަލު) 

(ނ) ޑިޕާރޓްމަންޓްތަކާއި ޕޮލިސް ސްޓޭށަންތަކުގައި ބޭނުން ކުރުމަށް ހޯދޭ ހަރުމުދަލުގެ ރަޖިސްޓަރީ ބަލަހައްޓާނެ ފަރާތެއް އެޑިޕާރޓްމަންޓް ނުވަތަ ޕޮލިސް ސްޓޭށަން ހިންގުމާ ހަވާލުވެ ހުރި ފަރާތަކުން ކަނޑައަޅަން ވާނެއެވެ.

 

17 ވަނަ މާއްދާ - އިމާރާތެއް ނުވަތަ ބިމެއް ދިގު މުއްދަތަށް ކުއްޔަށް ހިފުން

(ހ) ބިމެއް ނުވަތަ ޢިމާރާތެއް ކުށްޔަށް ހިފަންވާނީ އެތަނުގެ ވެރިފަރާތާއިއެކު ވެވޭ އެއްބަސްވުން ލިޔުމަށް ނަކަލުކޮށް، އެފަރާތުން އެލިޔުމުގައި ސޮއިކުރުމުންނެވެ. އިމާރާތެއް ކުއްޔަށް ހިފާއިރު ކުއްޔަށް ދިންފަރާތުގެ ހަރު މުދަލެއް އެތަނެއްގައި ހުރި ނަމަ އެތަކެތީގެ ތަފްސީލް ނޯޓުކުރަން ވާނެއެވެ.

(ށ) ސަރުކާރު އޮފީހެއްގެ އިމާރާތެއް ނުވަތަ ރައްޔިތުންގެ އިމާރާތެއް ފިޔަވައި އާންމު ފަރާތެއްގެ އިމާރާތެއް ކުއްޔަށް ހިފަންވާނީ އާންމުކޮށް އިއުލާންކުރުމަށްފަހު، އެއިއުލާނާ ގުޅިގެން އެފަދަ ތަނެއް ކުއްޔަށް ދިނުމަށް ށައުގުވެރިކަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ފޮނުވާ ފަރާތަކަށް އިސްކަންދީގެންނެވެ.

(ނ) އާންމު ފަރާތެއްގެ ޢިމާރާތެއް ކުއްޔަށް ހިފުމަށްފަހު، ވެރިފަރާތާއި އެ އިމާރާތް ހަވާލުކުރުމުގެ ކުރިން ދެފަރާތުގެ ދެމެދު ވެވިފައިވާ އެއްބަސްވުމާ ގުޅޭ ގޮތަށް، އިމާރާތަށް ނުވަތަ އިމާރާތުގައިވާ ތަކެއްޗަށް ގެއްލުމެއް ލިބިފައިވާނަމަ، އެގެއްލުމަކަށް ބަދަލު ދިނުމުގެ ކަންތައް ހަމަޖައްސަންވާނެއެވެ.

(ރ) އިމާރާތެއް ނުވަތަ ތަނެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ލިޔުމުން އިމާރާތް ނުވަތަ ތަން ވެރިފަރާތާއި ހަވާލުކުރަން ވާނެއެވެ. އެއްވެސް ސަބަބަކާއި ހުރެ ވެރިފަރާތުން ޢިމާރާތް ނުވަތަ ތަނާއި ހަވާލުވާން އިންކާރުކޮށްފިނަމަ އިމާރާތް ނުވަތަ ތަނުގެ ވެރިފަރާތަށް އަންގާ އެންގުން ހެކިންގެ ހާޒިރުގައި ލިޔުމުން އެންގުމަކީ އެއިމާރާތް ނުވަތަ ތަނާއި ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފެއްގެ ޒިންމާއެކެވެ.

 

18 ވަނަ މާއްދާ- މަރާމާތު ކުރުން

(ހ) ޑިޕާރޓްމަންޓެއްގެ ބެލުމުގެ ދަށުގައި ހުރި މުދަލެއް ނުވަތަ ޑިޕާރޓްމަންޓަކާއި މަރާމާތު ކުރުން ހަވާލުކުރެވުފައިވާ މުދަލެއް މަރާމާތުކުރުމަށް އޮފީހުން ބޭރަށް ގެންދަންވާނީ އެޑިޕާރޓްމަންޓްގެ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ގެންދާ މުދަލުގެ ތަފްސީލާއި، މުދަލުގެ ހާލަތާއި، މުދާގެންދާ ފަރާތުގެ މައުލޫމާތު ލިޔެ، އެލިޔުމުގައި މުދާ ގެންދާ ފަރާތުން ސޮއިކޮށްފައި އޮންނަން ވާނެއެވެ. އަދި މުދާ މަރާމާތުކޮށް ނިމުމުން ލަސްނުކޮށް އެ މުދަލެއް ހަވާލުކުރި ޑިޕާރޓްމަންޓަށް އެއެއްޗެއް ގެންދަން ވާނެއެވެ.

(ށ) އިމާރާތްތަކާއި ތަކެތި މަރާމާތު ކުރުމަށް ހަވާލުކުރަންވާނީ އެ އެއްޗެއް މަރާމާތުކުރުމަށް ކަނޑައަޅާފައިވާ ޑިޕާރޓްމަންޓާ މަށްވަރާކުރުމަށް ފަހު އެ ޑިޕާރޓްމަންޓުން ކަނޑައަޅާ ގޮތަކަށެވެ. މަރާމާތު ނުކުރެވިއްޖެނަމަ ނުވަތަ މަރާމާތު ކުރުމުގެ ހަރަދު، ގަތުމުގެ ހަރަދަށްވުރެ ބޮޑުވެއްޖެނަމަ އެ އެއްޗެއް މަރާމާތު ކޮށްގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - މުދާ ބަދަލު ކުރުން

ޑިޕާރޓްމަންޓެއްގެ ބެލުމުގެ ދަށުގައި ހުންނަ މުދަލެއް އެހެން ޑިޕާރޓްމަންޓަކަށް މުދާ ބަދަލު ކުރުން ބަދަލުކުރަންވާނީ މުދަލުގެ ރަޖިސްޓަރީ ބަލަހައްޓާ ޑިޕާރޓްމަންޓަށް ލިޔުމުން އެންގުމަށް ފަހުއެވެ.

 

20 ވަނަ މާއްދާ - ބޭނުންނުކުރެވޭ ތަކެއްޗާއި މެދު އަމަލުކުރަންވީ ގޮތް

އެއްވެސް ސަބަބަކާ ގުޅިގެން ނުވަތަ ވަކި ހާލަތެއް މެދުވެރިވެގެން، ހޯދިފައިވާ ހަރު މުދަލެއް ނުވަތަ އެއްޗެއްގެ ބޭނުން ނުކުރެވޭގޮތް ދިމާވެއްޖެނަމަ އެ ތަކެތީގެ މައްސަލަ ނިންމާނީ ފައިސާއާބެހޭ ޑިޕާރޓްމަންޓުން ލިޔުމުން އަންގާ ގޮތަކަށެވެ.

 

21 ވަނަ މާއްދާ - ގޯތިތެރޭގައި ރުއްގަސް އިންދުމާއި ކެނޑުން

(ހ) ފުލުހުންގެ މަރުކަޒުތަކުގެ ގޯތިތެރޭގައި ރުއްގަސް އިންދަންވާނީ އިމާރާތްތަކާބެހޭ  ޑިޕާރޓްމަންޓްގެ ހުއްދަ ލިބިގެންނެވެ. މިފަދައިން އިންދާ ތަކެއްޗަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޕޮލިސް ސަރވިސްގެ ތަކެއްޗެވެ. އަދި،  ކުއްޔަށް ހިފާފައިވާ، ރައްޔިތުންގެ އިމާރާތްތަކާއި ޢާންމު ފަރުދުންގެ ބިންތަކުގައި ރުށްގަސް އިންދަންވާނީ އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ދުމަށްފަހުއެވެ.

(ށ) ފުލުހުންގެ މަރުކަޒުތަކާއި އިމާރާތްތަކުގެ ގޯތިތެރޭގައާއި ފުލުހުންނަށް ދޫކުރެވިފައިވާ ރަށްރަށުގައި ހުންނަ ބަންޑާރަ ލަކުޑީގެ ގޮތުގައި ހިމެނޭ ރުއްގަސް ކެނޑުމުގައި އަމަލުކުރަން ވާނީ ސަރުކާރުގެ ލަކުޑި ކެނޑުމުގެ ގަވާއިދާ އެއްގޮތަށެވެ.

 

22 ވަނަ މާއްދާ - ތަކެތި ނީލަމަށް ފޮނުވުން

ފުލުހުންގެ މަރުކަޒެއްގައި ނުވަތަ ޑިޕާރޓްމަންޓެއްގައި ހުންނަ ތަކެތީގެ ތެރޭގައި ހިމެނޭ ބައު ތަކެއްޗާއި އެތަނަކަށް ބޭނުން ނުހިފޭ ތަކެތި ނީލަމަށް ނުވަތަ ނައްތާލުމަށް ފޮނުވަންވާނީ ފައިސާއާބެހޭ ޑިޕާރޓްމަންޓަށް ލިޔެ އެޑިޕާރޓްމަންޓުން އަންގާ ގޮތެއްގެ  މަތިން މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަށެވެ. އަތޮޅުތަކުގައި ހުންނަ ޕޮލިސް ސްޓޭށަންތަކުން ނީލަން ކިޔަން ޖެހޭ ތަކެތި، އެ އަތޮޅެއްގައި އާންމުކޮށް އިއުލާންކުރުމަށްފަހު ނީލަން ކިޔާނީއެވެ.

23 ވަނަ މާއްދާ- މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ  އިންޓެލިޖެންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް،އެކަމަށް  ހާއްސަވެގެން އެކުލަވައިލެވިފައިވާ ގަވާއިދާއި އެއްގޮތްވާ ގޮތަށް، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އުސޫލެއްގެ މަތިން މުދަލާއި އާލާތްތަކާއި ވަސީލަތްތަކާއި ފައިސާ ބޭނުން ކުރެވޭނެއެވެ.

 

24 ވަނަ މާއްދާ - ބަހުގެ މާނަ

(ހ) މިގަވާއިދުގައި ''ތަކެތި'' މާނަކޮށްފައިވަނީ ސާމާނާއި، އާލާތްތަކާއި، ބަހުގެ މާނަ ވަސީލަތްތައް ށާމިލްވާ ގޮތަށެވެ.

(ށ) މި ގަވާއިދުގައި، "އެގްޒެކިއުޓިވް ބޯޑު" ކަމަށް ބުނެފައިއެވަނީ މޯލްޑިވްސް ޕޮލިސް ސަރިވސް ގެ އެންމެހާ ކަންކަން ރާވާ ހިންގުމަށްޓަކައި ކޮމިށަނަރ އޮފް ޕޮލިސް އަށް ލަފާ އެރުވުމަށް ކޮމިށަނަރ އޮފް ޕޮލިސް އައްޔަނުކޮށްފައިވާ ފުލުހުންގެ އިސް އޮފިސަރުން ހިމެނޭ ބޯޑަށެވެ.

(ނ) މި ގަވާއިދުގައި "މިނިސްޓަރ" ކަމުގައި ބުނެފައި އެވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއް ހިންގުމަށް ހުންނަ މިނިސްޓަރަށެވެ.

(ރ) މި ޤަވާޢިދުގައި "ފުލުހުންގެ އައިޑެންޓިޓީ ކާޑު" ކަމުގައި ބުނެފައިވަނީ ލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށާއި، ކޮންޓްރެކްޓް އުސޫލުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރާ މީހުންނަށާއި، ސްޕެށަލް ސަރވިސްގެ ކޮންސްޓަބުލަރީގެ މުވައްޒަފުންނަށް، އެމީހަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަކަށް މުވައްޒަފެއްކަން ނުވަތަ މޯލްޑިވްސް ޕޮލިސް ސާރިވިސްގެ މަސައްކަތަށް އައްޔަނު ކުރެވިފައިވާ މީހެއްކަން އެންގުމަށް، މުވައްޒަފުންނާބޭ ޑިޕާރޓްމަންޓުން ދޫކޮށްފައި އައިޑެންޓިޓީ ކާޑަށެވެ.

 

25 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ފާސްކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 2008-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު