-

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 80/2016) 

 

1 ވަނަ މާއްދާ – ތައާރުފު

މި ގަވާއިދަކީ ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 37 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔާނީ "މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު"އެވެ

 

3 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ޖެހޭ ފަރާތްތައް

ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި، އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ބޭންކު-ނޫން މާލީ އިދާރާތަކުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ. އަދި، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކާއި ބޭންކް-ނޫން މާލީ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައްޗަށް ވެސް މި ގަވާއިދު ހިނގާނެއެވެ.

 

5 ވަނަ މާއްދާއެޕްލިކޭށަން ފީ

(ހ) ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ދަށުން ދިވެހިރާއްޖޭގެ ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކުންނާއި ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981)ގެ ދަށުން ދިވެހިރާއްޖޭގައި ބޭންކު-ނޫން މާލީ ވިޔަފާރިއެއް ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކުން، ލައިސަންސަށް އެދި ހުށަހެޅުމާއި އެކު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފީ، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އޮތޯރިޓީއަށް އެ ފަރާތަކުން ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)ގެ ދަށުން ދައްކާ އެޕްލިކޭޝަން ފީ އަކީ، ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމެއް އަނބުރާ ގެންދިޔުމަކުން ނުވަތަ ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމެއް އަނބުރާ ގެންދިއުމަކުން ނުވަތަ ލައިސަންސް ދޫނުކުރުމަށް އޮތޯރިޓީން ނިންމުމަކުން، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ނޫނެވެ.

(ނ) ބޭންކުތަކުން ނުވަތަ ބޭންކު-ނޫން މާލީ އިދާރާތަކުން، އޭ.ސީ.އެޗް. ސިސްޓަމް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް. ސިސްޓަމް ނުވަތަ ކްރެޑިޓް އިންފޮމޭށަން ސިސްޓަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބައިވެރިވުމު ފީ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އޮތޯރިޓީއަށް ދައްކަންވާނެއެވެ.

 

6 ވަނަ މާއްދާ – ފީ އާއި ޗާޖު

(ހ) ބޭންކުތަކުންނާއި ބޭންކު- ނޫން މާލީ އިދާރާތަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެ އިދާރާއަކުން ދައްކަންޖެހޭ ފީތައް، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އަހަރީ ފީތައް، އޮތޯރިޓީން އެހެންގޮތަކަށް ކަނޑައަޅައި ނާންގާހައި ހިނދަކު، ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ދައްކަންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ފަހުން އޮތޯރިޓީން ލައިސަންސް ދޫކުރާ ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކުން، ލައިސަންސް ލިބުނު އަހަރަށް ދައްކަންޖެހޭ އަހަރީ ފީއަކީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެ އިދާރާއަކުން ދައްކަންޖެހޭ އަހަރީ ފީގެ އަދަދު 12 (ބާރަ) މަސްދުވަހަށް ބަހާލުމުން ޖެހޭ އަދަދުގެ ނިސްބަތުން އެ އަހަރުގެ ބާކީ އޮތް މަސްތަކަށް ޖެހޭ މިންވަރެވެ.

(ރ) ބޭންކްތަކުންނާއި ބޭންކް-ނޫން މާލީ އިދާރާތަކުން، އޭ.ސީ.އެޗް. ސިސްޓަމް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް. ސިސްޓަމް ނުވަތަ ކްރެޑިޓް އިންފޮމޭށަން ސިސްޓަމް ބޭނުންކުރުމަށް އޮތޯރިޓީން ކަނޑައަޅައި އަންގާ ފީ، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އޮތޯރިޓީއަށް ދައްކަން ވާނެއެވެ.

 

7 ވަނަ މާއްދާ – އިދާރީ ފިޔަވަޅު

އެއްވެސް ބޭންކަކުން ނުވަތަ ބޭންކް-ނޫން މާލީ އިދާރާއަކުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީޚުގެ ކުރިން ނުވަތަ އޮތޯރިޓީން އަންގާ ތާރީޚުގެ ކުރިން ދައްކާފައި ނުވާނަމަ، އެ ބޭންކެއް ނުވަތަ އެ ބޭންކު-ނޫން މާލީ އިދާރާއެއް، ޖުރިމާނާކުރެވިދާނެއެވެ. އަދި، ޖޫރިމަނާ ކުރުމުގައި ފީ ނުދައްކާ ފާއިތުވާ ކޮންމެ ދުވަހެއްގެ މައްޗަށް 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ އިތުރު ނުވާނެ އަދަދެއްގެ ޖޫރިމާނާއެއް ކަނޑައެޅިދާނެއެވެ.

 

8 ވަނަ މާއްދާ – ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަންނަނިވި އިބާރާތްތަކާއި ލަފުުޒުތަކަށް ދެވިފައިވަނީ ތިރީގައި ދީފައިވާ މާނަކުރުމެވެ.

"އޭ.ސީ.އެޗް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ގާއިމްކޮށް ހިންގާ އޮޓޮމޭޓެޑް ކްލިއަރިންގ ހައުސް އަށެވެ.

"އެނުއަލް ގްރޮސް ޕްރިމިއަމް" ކަމަށް ބުނެފައި އެވަނީ، އަހަރުގެ ތެރޭގައި ލިބިފައިވާ ޖުމުލަ ޕްރިމިއަމް އަށެވެ. މި ގަވާއިދުގެ ބޭނުމަށްޓަކައި އެނުއަލް ގްރޮސް ޕްރިމިއަމްގެ އަދަދު ބިނާ ވާންވާނީ ފީ ދައްކާ އަހަރުގެ ކުރީ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތަކަށެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ގާއިމްކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށެވެ.

"ބޭންކު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން އޮތޯރިޓީ ދޫކުރާ ލައިސަންސް ލިބިފައިވާ ބޭންކަކަށެވެ.

"ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގައި މާނަކޮށްފައިވާ ބޭންކިންގ ވިޔަފާރިއަށެވެ.

"ކޮމްޕަލްސަރީ އިންށުއަރަންސް އޭޖެންޓުން" ކަމަށް ބުނެފައި އެވަނީ، އިންށުއަރަންސް ކުންފުންޏެއްގެ ފަރާތުން ހަމައެކަނި ކޮމްޕަލްސަރީ އިންށުއަރަންސްއަށް ކޮންޓްރެކްޓް ވިއްކުމަށާއި، އުފެއްދުމަށާއި، ބަދަލުގެނައުމަށާއި، ބާޠިލު ކުރުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތްތަކެވެ.

"ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު"  29/2011 (ކްރެޑިޓް އިންފޮމޭޝަނާބެހޭ ގަވާއިދު 2011) ގައި މާނަކޮށްފައިވާ 'ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް' އަށެވެ.

 

 

---------------

 

(ޖަދުވަލު 1)

(ޖަދުވަލު 1- ގައި ހިމަނާފައިވާ އެޕްލިކޭށަން ފީ، ސިސްޓަމްތަކުގައި ބައިވެރިވުމުގެ ފީ، މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.) 

 

 

---------------

 

(ޖަދުވަލު 2)

(ޖަދުވަލު 2- ގައި ހިމަނާފައިވާ ބޭންކްތަކުން ދައްކަންޖެހޭ ފީތައް، ފައިނޭންސް ކުންފުނިތަކުން ދައްކަންޖެހޭ ފީތައް، އިންށުއަރެންސް ކުންފުނިތައް، އިންށުއަރެންސް ބްރޯކަރުން، އަދި އިންށުއަރެންސް އޭޖެންޓުން ދައްކަންޖެހޭ ފީ، ރެމިޓެންސް ވިޔަފާރިކުރާ ފަރާތްތަކުން ދައްކަންޖެހޭ ފީ، ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުން ދައްކަންޖެހޭ ފީ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 6/1981)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު