-

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2016-57)

 

ފުރަތަމަ ބައި - އާންމު މާއްދާތައް

1 ވަނަ މާއްދާ - ނަމާއި މަގުސަދާއި އަމަލުކުރަން ފަށާ ތާރީހު

(ހ) މިއީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނި ނުވަތަ ޕާޓްނަރށިފްތަކުގެ ތެރެއިން، އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި މި އޮތޯރިޓީގައި ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތައް، އިންވެސްޓްމެންޓް ފަންޑެއްކަމުގައި ރަޖިސްޓަރީކޮށްދިނުމާބެހޭ ގޮތުން، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ – މާނަކުރުން

(ހ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ ބަސްބަހާއި ލަފުޒުތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.

"އިންވެސްޓްމެންޓް ފަންޑު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ މާނައިގައެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

"ލިމިޓެޑް ލައިބިލިޓީ ޕާޓްނަރށިޕް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ލިމިޓެޑް ލައިބިލިޓީ ޕާޓްނަރށިޕްށެވެ.

"ކުންފުނި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަށެވެ.

"ކަސްޓޯޑިއަން" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު ނަންބަރ 2011-36 ( ކަސްޓޯޑިއަލް ހިދުމަތްތައް ދޭ މުއައްސަސާތަކުގެ ގަވާއިދު) ގައި ބުނެފައިވާ މާނައިގައެވެ.

"ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑު" ކަމަށް ބުނެފައި އެވަނީ، 51 (ފަންސާސް އެކެއް) އަށްވުރެ މަދު އަދަދެއްގެ އިންވެސްޓަރުން ހިމެނޭ އިންވެސްޓްމަންޓް ފަންޑަކަށެވެ.

 "ހިއްސާ" ނުވަތަ "ޔުނިޓް" ކަމަށް ބުނެފައި އެވަނީ:

  1. ކުންފުންޏެއްނަމަ، އެކުންފުނީގެ މިލްކުވެރިކަން ރަމްޒުކޮށްދޭ ހިއްސާއަށް، ނުވަތަ،
  2. ޕާޓްނަރށިޕެއްނަމަ، ޕާޓްނަރށިޕްގައި ހިއްސާވާކަމަށް ކަނޑައަޅާފައިވާ މިންވަރަށެވެ.

"އިންވެސްޓަރުން" ކަމުގައި ބުނެފައި އެވަނީ، އިންވެސްޓްމަންޓް ފަންޑުގެ ހިއްސާ ނުވަތަ ޔުނިޓް ލިބިގަނެފައިވާ ފަރާތްތަކަށެވެ.

"ހިއްސާއަކަށް ޖެހޭ ނެޓް އެސެޓް ވެލިއު"، ކަމަށް ބުނެފައި އެވަނީ، އިންވެސްޓްމަންޓް ފަންޑުގެ ނެޓް އެސެޓުގެ ޖުމުލަ ވެލިއު، ދޫކޮށްފައިހުރި ހިއްސާއިން ގެއްލުމުން ޖެހޭ އަދަދަށެވެ.

"ފަންޑުގެ ޗާޓަރު" ކަމަށް ބުނެފައި އެވަނީ:

  1. ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު؛ ނުވަތަ ޕާޓްނަރށިޕްގެ އެއްބަސްވުމާއި،
  2. ފަންޑު އުފެއްދުމާއި ފަންޑު ހިންގައި މެނޭޖްކުރުމުގެ ކަންކަން ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި،
  3. ފަންޑުގެ ހިއްސާދާރުންގެ މެދުގައި ވެވޭ އެެއްބަސްވުންތަކާއި، އަދި
  4. ފަންޑުގެ އިންވެސްޓްމަންޓްތަކާބެހޭ ކަންކަން ހިންގާނެ ގޮތް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކަށެވެ.

"ސަބްސްކްރިޕްށަން" ކަމަށް ބުނެފައި އެވަނީ، އިންވެސްޓްމަންޓް ފަންޑުގެ ހިއްސާއެއް ނުވަތަ ޔުނިޓެއްގެ މުގާބިލުކަމުގައި ދައްކާ ފައިސާއަށެވެ.

"ޕްލެޖް" ކަމަށް ބުނެފައި އެވަނީ، ކޮންޓްރެއްޓެއް ނުވަތަ އަހުދެއް އަދާކުރާނެކަމުގެ ގެރެންޓީގެ ގޮތުގައި މުދަލެއް ރަހުނުކުރުމަށް ނުވަތަ އެކަށައެޅުމަށެވެ.

"އެސެޓް" ކަމަށް ބުނެފައި އެވަނީ، ރިއަލް އެސްޓޭޓާއި އެ ތަކެތީގެ މައްޗަށް އޮންނަ އެންމެހައި ހައްގުތައްވެސް ހިމެނޭ ގޮތުންނެވެ.

"އިންވެސްޓްމަންޓް މެނޭޖްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިންވެސްޓްމަންޓް ފަންޑުގެ އިންވެސްޓްމަންޓްތައް މެނޭޖްކުރާ ފަރާތް ނުވަތަ އިންވެސްޓްމަންޓްތައް ދިރާސާކޮށް މޮނިޓަރކޮށް އިންވެސްޓްމަންޓް ގަތުން ނުވަތަ ވިއްކުމާބެހޭ ގޮތުން ކަންކަން ނިންމުމަށް ފެންނަ ގޮތުގެ ހުށަހެޅުންތައް ހުށަހަޅާ ފަރާތަށެވެ.

"އިންވެސްޓްމަންޓް އެޑްވައިޒަރު" ކަމުގައި ބުނެފައި އެވަނީ، ގަނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސްދީފައިވާ އިންވެސްޓްކުރުމަށް ލަފާދޭ ފަރާތަށެވެ.

(ށ) މި ގަވާއިދުގައި މާނަކޮށްފައިނުވާ ބަސްބަހާއި އިބާރާތްތައް މާނަކުރަންވާނީ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިންނެވެ.

 

ދެވަނަ ބައި - އިންވެސްޓްމަންޓް ފަންޑު

3 ވަނަ މާއްދާ - އިންވެސްޓްމަންޓް ފަންޑުގެ މާނަ

އިންވެސްޓްމަންޓް ފަންޑުކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާކޮށްފައިވާ ފަރާތްތައް ފިޔަވައި، ކުންފުނި ނުވަތަ ޕާޓްނަރށިޕްގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިން ސަބްސްކްރިޕްށަން ނަގައި، އެ ސަބްސްކްރިޕްށަން ސެކިއުރިޓީޒްގައި، ނުވަތަ ބޭންކު ޑިޕޮސިޓްގައި ނުވަތަ އެހެންވެސް މުދަލެއްގައި އިންވެސްޓްކުރުމަށާއި، އެ އިންވެސްޓްމަންޓްތަކުން ޑިވިޑެންޑް، އިންޓަރެސްޓް، ކެޕިޓަލް ގެއިން، ނުވަތަ އެފަދަ އެހެންވެސް މާލީ ނަފާތައް ހޯދައިދިނުމުގެ މަގުސަދުގައި، ހަމައެކަނި އެކަމަށް ހާއްސަކުރެވިގެން އުފައްދައި ހިންގާ ގާނޫނީ ށަހްސަކަށެވެ.

 

4 ވަނަ މާއްދާ - އިންވެސްޓްމަންޓް ފަންޑުގެ މާނައިން އިސްތިސްނާކުރުން

އިންވެސްޓްމަންޓް ފަންޑުގެ ތެރޭގައި އަންނަނިވި ފަރާތްތައް ނުހިމެނޭނެއެވެ.

  1. ހަމައެކަނި ހިއްސާ ލިބިގެންފައި އޮތުމަށްޓަކައި އުފައްދާފައިވާ ހޯލްޑިންގ ކުންފުނިތައް.
  2. ލައިސަންސް ދީފައިވާ ޑީލިންގ ކުންފުންޏެއް.
  3. ބޭންކުތަކާއި އިންށުއަރެންސް ކުންފުނިތަކާ ލީސިންގ ކުންފުނިތައް.
  4. މައިގަނޑުގޮތެއްގައި މުދަލުގެ ނުވަތަ ހިދްމަތުގެ ވިޔަފާރިކުރާ ފަރާތްތައް.
  5. ޖެނެރަލް ޕާޓްނަށިޕްތައް.

 

5 ވަނަ މާއްދާ - ފަންޑް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ ދަށުން އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފަރާތަކީ، ގާނޫނު ނަންބަރު 2011-13 (ޕަރޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ލިމިޓެޑް ލައިބިލިޓީ ޕާޓްނަރށިޕެއް ނުވަތަ ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ކަމުގައި ވާންވާނެއެވެ.

(ށ) އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭގޮތަށް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުން މި އޮތޯރިޓީއަށް އެޕްލިކޭށަން ހުށަހަޅަންވާނެއެވެ.

(ނ) ރަޖިސްޓަރީކޮށްފައިވާ އިންވެސްޓްމަންޓް ފަންޑުތަކުގެ ލިސްޓެއް އޮތޯރިޓީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ހުންނަންވާނެއެވެ.

 

6 ވަނަ މާއްދާ - އާންމުކޮށް ހިއްސާ ނުވަތަ ޔުނިޓް ވިއްކުމަށް ހުޅުވައިލުން

އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ފަރާތަކުން އާންމުކޮށް ހިއްސާ ނުވަތަ ޔުނިޓް ވިއްކުމަށް ހުޅުވައިލެވޭނީ ރަޖިސްޓަރީކޮށްފައިވާ ޕަބްލިކް ކުންފުންޏަކަށް ނުވަތަ 10 (ދިހައެއް) ޕާޓްނަރުންނަށްވުރެ މަތީ އަދަދަކަށް ހިމެނޭ ޕާޓްނަރށިޕަކަށެވެ.

 

7 ވަނަ މާއްދާ - ފަންޑުގެ ޗާޓަރު

އިންވެސްޓްމެންޓް ފަންޑުގެ ޗާޓަރުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ފަންޑުގެ ނަމާއި، ބާވަތާއި، މުއްދަތު.
  2. ފަންޑު ސްޓްރަކްޗަރ ކުރެވިފައިވާ ގޮތް.
  3. ފަންޑުގެ އިންވެސްޓްމަންޓު މަގުސަދުތަކާއި، އިންވެސްޓްކުރުމުގައި ގެންގުޅޭނެ އުސޫލުތަކާއި، އިންވެސްޓްމަންޓްގެ ނިންމުންތައް ނިންމާނެ އިޖުރާއަތުުތައް.
  4. އަގު އަދާކޮށްފައިވާ ކެޕިޓަލްގެ މިންވަރު.
  5. އިންވެސްޓްމެންޓް ފަންޑު މެނޭޖްކުރާނެ ފަރާތާއި، މެނޭޖްކުރާނެ ގޮތް.
  6. ކަސްޓޯޑިއަންއެއް ހަމަޖައްސާނަމަ އެކަން.
  7. އިންވެސްޓްމެންޓް އެޑްވައިޒަރު ފަންޑުގެ ކެޕިޓަލަށް ފައިސާ ދައްކާފައިވާނަމަ ނުވަތަ ދެއްކުމަށް އެއްބަސްވެފައިވާނަމަ، އެ ފައިސާގެ މިންވަރު.
  8. ފަންޑުން ހިއްސާ ނުވަތަ ޔުނިޓް ވިއްކާނެ އަގު ކަނޑައަޅާ ގޮތް.
  9. އިންވެސްޓްމަންޓް އެޑްވައިޒަރު، ކަސްޓޯޑިއަން ނުވަތަ އެހެންވެސް ފަރާތްތަކުން އިންވެސްޓްމަންޓް ފަންޑަށް ފީއާއި ހަރަދުތައް ޗާޖުކުރާނެ ގޮތާއި މިންވަރު.
  10. ފަންޑުގެ ހިއްސާ ނުވަތަ ޔުނިޓުގެ މުއާމަލާތު (ޓްރާންސްފަރ) ކުރެވޭނެ ގޮތް.
  11. ހިއްސާދާރުންނަށް ޑިވިޑެންޑް ނުވަތަ ފައިދާ ދޭނެ ގޮތް.
  12. ފަންޑުގެ މެމްބަރުންނަށް ހިސާބުތައް ހާމަކުރެވޭނެ ގޮތާއި މުއްދަތު.
  13. ފަންޑުގެ ޗާޓަރަށް ބަދަލުގެނެވޭނެ ގޮތް.

 

8 ވަނަ މާއްދާ - ފަންޑުގެ ޕޯޓްފޯލިއޯ ބެހެއްޓޭނެ މިންވަރު އެކަށައެޅުން

ފަންޑުގެ ޕޯޓްފޯލިއޯގައި ހިމެނޭނީ ކޮންބާވަތެއްގެ އެސެޓްތަކެއްކަމާއި އެސެޓުތަކުގެ މިންވަރު ނުވަތަ ނިސްބަތް، ފަންޑުގެ ޗާޓަރުގައި ބަޔާންކޮށްފައި ހުންނަންވާނެއެވެ.

 

9 ވަނަ މާއްދާ - ހިއްސާދާރުންގެ ބައްދަލުވުންތަކާއި ވޯޓުދިނުން

ހިއްސާދާރުންގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި ކޯރަމުގެ ކަންކަން ހިންގާނީ، އެ އިންވެސްޓްމަންޓް ފަންޑަކީ ކުންފުންޏެއްނަމަ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ނުވަތަ، ޕާޓްނަރށިޕެއްނަމަ، ގާނޫނު ނަންބަރު 2011-13 (ޕާރޓްނަރށިޕްގެ ގާނޫނު) އަދި ފަންޑުގެ ޗާޓަރުގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.

 

10 ވަނަ މާއްދާ - އިންވެސްޓްމަންޓް އެޑްވައިޒަރާއި ކަސްޓޯޑިއަން

(ހ) އިންވެސްޓްމަންޓް ފަންޑުގެ ޕޯޓްފޯލިއޯގެ މިންވަރު 5،000،000 (ފަސްމިލިއަން) ރުފިޔާއަށްވުރެ އިތުރުވާނަމަ، ފަންޑް މެނޭޖަރުކަމުގައި ވާންޖެހޭނީ އޮތޯރިޓީން ލައިސަންސްދީފައިވާ އިންވެސްޓްމަންޓް އެޑްވައިޒަރެކެވެ.

(ށ) އިންވެސްޓްމަންޓް ފަންޑުގެ އިންވެސްޓްމަންޓާބެހޭ ނިންމުންތައް ނިންމާނެ ގޮތުގެ މައުލޫމާތު، ޗާޓަރުގައި ބަޔާންކޮށްފައިވުމާއެކު، އިންވެސްޓްމަންޓްތައް މެނޭޖްކުރާ ފަރާތްތައް މި އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެެއެވެ.

(ނ) ރަޖިސްޓަރީކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް ފަންޑެއްގެ އިންވެސްޓްމަންޓްތައް މެނޭޖުކުރާ ފަރާތްތަކަކީ އެކަމަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތަކެއް ކަމުގައިވާންވާނެއެވެ.

(ރ) އިންވެސްޓްމަންޓް ފަންޑުން ކަސްޓޯޑިއަންއެއް އައްޔަންކޮށްފައިނުވާނަމަ، ފަންޑުގެ އިންވެސްޓްމަންޓުތައް ކުރެވިފައިވާ ގޮތުގެ ރިޕޯޓެއް ކޮންމެ 6 (ހައެއް) މަސްދުވަހުން އެއްފަހަރު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ކަސްޓޯޑިއަންގެ ޒިންމާތައް

(ހ) ކަސްޓޯޑިއަންގެ ޒިންމާތައް އަދާކުރުމުގައި އަމަލުކުރަންވާނީ ހަމައެކަނި އިންވެސްޓްމްންޓް ފަންޑުގެ އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.

(ށ) އިންވެސްޓްމަންޓް ފަންޑުގެ އެސެޓްތައް ހުންނަންވާނީ އިންވެސްޓްމަންޓް ފަންޑާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ކަސްޓޯޑިއަންގެ ބެލެހެއްޓުމާއި ކޮންޓްރޯލްގެ ދަށުގައެވެ.

(ނ) އިންވެސްޓްމަންޓް ފަންޑު މެނޭޖުކުރަނީ، މި ގަވާއިދާއި، އިންވެސްޓްމަންޓް ފަންޑުގެ ޗާޓަރާ އެއްގޮތްވާ ގޮތުގެމަތިންތޯ ކަސްޓޯޑިއަން ކަށަވަރުކުރަންވާނެއެވެ.

(ރ) މި ގަވާއިދާއި، ފަންޑުގެ ޗާޓަރުގެ މާއްދާތަކާ ހިލާފުނުވާނަމަ، ފަންޑާބެހޭ ގޮތުން އިންވެސްޓްމަންޓް އެޑްވައިޒަރުގެ އިރުށާދުތަކާ އެއްގޮތަށް ކަސްޓޯޑިއަން އަމަލުކުރަންވާނެއެވެ.

(ބ) އިންވެސްޓްމަންޓް ފަންޑުގެ މުދަލުގެ ތެރޭގައި، ފަންޑަށް ކޮށްފައިވާ ޕްލެޖެއް ހިމެނިއްޖެނަމަ، އެ ޕްލެޖެއް ރެކޯޑު ނުވަތަ ރަޖިސްޓަރީ ކުރުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކަސްޓޯޑިއަން ކުރަންވާނެއެވެ.

(ޅ) އިންވެސްޓްމަންޓް އެޑްވައިޒަރ ވަކިކަމެއް ކޮށްފައިވުމަކީ ނުވަތަ ވަކިކަމެއް ކޮށްފައިނުވުމަކީ މި ގަވާއިދުގެ މާއްދާއަކާ ހިލާފުވުންކަމަށްވާނަމަ، އެކަމެއް ކަސްޓޯޑިއަންއަށް އެނގުމާއެކު އެއީ ކޮންކަމެއް ކަމާއި އެކަމެއް ވީއެންމެ އަވަހަކަށް އިސްލާހުކުރުމަށްޓަކައި އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއްކަން ކަސްޓޯޑިއަން ލަސްނުކޮށް އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

12 ވަނަ މާއްދާ - ކަސްޓޯޑިއަންގެ ލައިބިލިޓީ

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު، ނުވަތަ، މި އޮތޯރިޓީން އެކުލަވައިލާފައިވާ ކަސްޓޯޑިއަލް ހިދުމަތްތައްދޭ މުއައްސަސާތަކުގެ ގަވާއިދާއި، ނުވަތަ ކަސްޓޯޑިއަލް އެގްރީމެންޓާއި ނުވަތަ މި ގަވާއިދުގެ އެއްވެސް މާއްދާއަކާއި ކަސްޓޯޑިއަން ހިލާފުވެފައިވާނަމަ، އެ ހިލާފުވުމެއްގެ ސަބަބުން އިންވެސްޓަރުންނަށް ނުވަތަ އިންވެސްޓްމަންޓް އެޑްވައިޒަރަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެފަދަ ގެއްލުމަކަށް ކަސްޓޯޑިއަން ޒިންމާވާންވާނެއެވެ.

 

13 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

އިންވެސްޓްމެންޓް ފަންޑަކީ އާންމުކޮށް ހިއްސާ ވިއްކާ ފަންޑެއްނަމަ ނުވަތަ އިންވެސްޓްމަންޓް ފަންޑުގެ މެންބަރުންގެ އަދަދު 50 (ފަންސާސް އެކެއް) އެއަށްވުރެ މަތިވެއްޖެނަމަ ގަވާއިދު ނަންބަރ 2011-10 (ސެކިއުރިޓީސް ދޫކުރާ ކުންފުނިތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު 2010) ގައިވާ ގޮތުގެ މަތިން މައުލޫމާތު ހާމަކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - އިންވެސްޓްމަންޓް ފަންޑުގެ ހިއްސާ އާންމުކޮށް ވިއްކުން

(ހ) އިންވެސްޓްމަންޓް ފަންޑެއްގެ ހިއްސާ އާންމުކޮށް ވިއްކަން ހުށަހެޅޭނީ އޮތޯރިޓީގައި އިންވެސްޓަމަންޓް ފަންޑު ރަޖިސްޓަރީކޮށް އޮތޯރިޓީގެ ހުއްދަ ލިބުމަށްފަހުގައެވެ.

(ށ) އިންވެސްޓްމަންޓް ފަންޑުގެ ހިއްސާ އާންމުކޮށް ވިއްކުމުގެ ކަންތައްތައް ކުރިއަށް ގެންދަންވާނީ ކުންފުންޏެއްނަމަ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު، ނުވަތަ ޕާޓްނަރށިޕެއްނަމަ ޕާޓްނަރށިޕްގެ ގާނޫނާއި މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނާއި، މި ގަނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

15 ވަނަ މާއްދާ - ސަބްސްކްރިޕްށަން

(ހ) އިންވެސްޓްމަންޓް ފަންޑުގެ ކަސްޓޯޑިއަންއެއް އައްޔަންކޮށްފައިވާނަމަ، ހިއްސާއަށް ސަބްސްކްރައިބްކުރާ ފަރާތްތަކުން ފައިސާ ދައްކަންވާނީ، އެކަމަށްޓަކައި އިންވެސްޓްމަންޓް ފަންޑުގެ ކަސްޓޯޑިއަންގެ ބެލުމުގެ ދަށުގައި ކަނޑައަޅާފައިވާ ހާއްސަ އެކައުންޓަކަށަވެ.

(ށ) އިންވެސްޓްމަންޓް ފަންޑުގެ ހިއްސާއަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް ސަބްސްކްރައިބް ކުރިކަމުގެ ރަސީދެއް ދޭންވާނެއެވެ.

(ރ) އިންވެސްޓްމެންޓް ފަންޑުގެ ހިއްސާ ދޫކުރަންވާނީ ހިއްސާއަށްވާ ފައިސާ އެއްކޮށް ދެއްކުމުންނެވެ.

(ބ) ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑުތަކުން، އެ ފަންޑުގެ ހިއްސާއަށް ސަބްސްކްރައިބް ކުރާ ފަރާތުގެ މައުލޫމާތު، އެފަރާތްތަކުން ސަބްސްކްރައިބް ކުރާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

 

16 ވަނަ މާއްދާ - ނެޓް އެސެޓް ވެލިއު ހިސާބުކުރުމާއި އާންމުކުރުން

(ހ) ޕްްރައިވެޓް އިންވެސްޓްމަންޓް ފަންޑުތައް ފިޔަވައި އެހެން އިންވެސްޓްމަންޓް ފަންޑުތަކުން އެ ފަންޑުގެ ހިއްސާއަކަށް ޖެހޭ ނެޓް އެސެޓް ވެލިއު ހިސާބުކޮށް ށާއިއުކުރަންވާނެއެވެ.

(ހ) ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑުތަކުން މާލީ ހިސާބުތައް އެ ފަންޑުގެ މެމްބަރުން ބޭނުންވެއްޖެ ހިނދެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގައި ބުނެފައިވާ ހިސާބުތައް ށާއިއުކުރާނީ ނުވަތަ މެންބަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނީ ފަންޑުގެ ޗާޓަރުގައި ކަނޑައަޅާފައިވާ މުއްދަތާއި ކޮންމެ 6 (ހައެއް) މެހެއްގެ މުއްދަތުންކުރެ ކުރު މުއްދަތެއްގައެވެ.

 

17 ވަނަ މާއްދާ - ކުރުން މަނާ އިންވެސްޓްމެންޓްތައް

(ހ) އިންވެސްޓްމަންޓް ފަންޑުން އަންނަނިވި ފަރާތްތަކުން ދޫކޮށްފައިވާ ސެކިއުރިޓީރުގައި އިންވެސްޓްކޮށްގެން ނުވާނެއެވެ.

  1. އިންވެސްޓްމަންޓް ފަންޑުގެ:
    (ހ) އެޑްވައިޒަރު،
    (ށ) އިންވެސްޓްމަންޓާބެހޭ ނިންމުންތައް ނިންމާ ފަރާތް،
    (ނ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން،
    (ރ) އޮޑިޓިރު.
    (ބ) ލިސްޓުކޮށްފައިވާ ސެކިއުރިޓީޒް ފަޔަވައި، ފަންޑުގެ 5 (ފަހެއް) އިންސައްތައަށްވުރެ މަތީ އަދަދަކަށް ގަނެފައިވާ ފަރާތެއްގެ ސެކިއުރިޓީޒް.
    (ޅ) ފަންޑު އިސްތިހާރުކުރާ ނުވަތަ ޕްރޮމޯޓްކުރާ ފަރާތް.

  2. މަތީގައި (1) ވަނަ ނަންބަރުގައި ބުނެފައިވާ ފަރާތެއްގެ 5 (ފަހެއް) އިންސައްތައަށްވުރެ މަތީ މިންވަރަކަށް ހިއްސާވާ އެހެން ވިޔަފާރިއެއް.

 

18 ވަނަ މާއްދާ - މަސްލަހަތު ހާމަކުރުން

ހުށަހެޅިފައިވާ އެއްވެސް އިންވެސްޓްމަންޓެއްގައި އިންވެސްޓްމަންޓް މެނޭޖްކުރާ ފަރާތުގެ ނުވަތަ އިންވެސްޓްމަންޓާބެހޭ ކަންކަން ހުށަހަޅާ ފަރާތުގެ އޮފިސަރެއްގެ މަސްލަހަތެއްވާނަމަ އެކަމެއް އިންވެސްޓްމަންޓް ހުށަހެޅުން އެޕްރޫވްކުރާ ފަރާތަށް ހާމަކުރުންވާނެއެވެ

 

19 ވަނަ މާއްދާ - އިންވެސްޓްމަންޓްގެ އުސޫލުތަކާ ހިލާފުވުން

(ހ) އިންވެސްޓްމަންޓް ފަންޑުން މި ގަވާއިދުގެ 17 ވަނަ މާއްދާއާ ހިލާފުވެއްޖެނަމަ، ނުވަތަ ފަންޑުގެ ޗާޓަރުގައި އެސެޓް ގަތުމާއި ވިއްކުމާބެހޭ ގޮތުން ކަނޑައަޅާފައިވާ އުސޫލަކާ ހިލާފުވެއްޖެނަމަ، ހިލާފުވެފައިވާ މިންވަރާއި، އަދި އެކަން އިސްލާހުކުރުމަށް އަޅާނެ ފިޔަވަޅު، ވަގުތުން އޮތޯރިޓީއަށް ލިއުމަކުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިލާފުވެފައިވާކަން އޮތޯރިޓީއަށް އަންގާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަމެއް އިސްލާހުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ – އިށްތިހާރުކުރުން

(ހ) އިންވެސްޓްމަންޓް ފަންޑުގެ ފަރާތުން ނެރޭ ހުރިހާ އިށްތިހާރު ތެކެއްގައިވެސް އެއީ އިންވެސްޓްމަންޓް ފަންޑުގެ ފަރާތުން ނެރޭ އިށްތިހާރެއްކަން ފަސޭހައިން އެނގޭނޭ ގޮތަށް ބަޔާންކޮށްފައި ހުންނަންވާނެއެވެ. އަދި އޭގައި ހުރި މައުލޫމާތު ވާންވާނީ ސައްހަ އަދި އޮޅުވާލުމެއްނެތް، ނުވަތަ އޮޅުންއަރައިގެން ނުދާނޭފަދަ، އަދި ފަންޑުގެ ޗާޓަރާއި ޕްރޮސްޕެކްޓަސްއާއި ފަންޑުގެ އަސާސީ ލިޔެކިޔުންތަކުގައިވާ ކަންކަމާ ހިލާފުނުވާ މައުލޫމާތުކަމުގައެވެ.

(ށ) އިންވެސްޓްމަންޓް ފަންޑުގެ ހުރިހާ އިށްތިހާރުތަކެއްގައިވެސް، އިންވެސްޓްމަންޓް އޮބްޖެކްޓިވްތައް ހާސިލުވާނެކަން ގެރެންޓީކޮށް ނުދޭކަމުގައި ލިޔެފައި ހުންނަންވާނެއެވެ.

 

21 ވަނަ މާއްދާ - ރަޖިސްޓަރޭށަން ފީ

އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދެވޭނީ 1،000 (އެއްހާސް) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

 

22 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

އިންވެސްޓްމެންޓް ފަންޑަކުން މި ގަވާއިދާ ހިލާފު އަމަލެއް ކޮށްފިނަމަ، ހިލާފުވި މިންވަރެއްގެ ކުޑަ ބޮޑު މިނަށް ބަލައި، އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. އެކަމެއް އިސްލާހުކުރުމަށް އެންގުން.
  2. އިންވެސްޓްމެންޓް ފަންޑުގެ ރަޖިސްޓަރީ ވަގުތީގޮތުން ހިފެހެއްޓުން.
  3. އިންވެސްޓްމެންޓް ފަންޑުގެ ރަޖިސްޓަރީ ބާތިލުކުރުން.

 -------------

 

 

ޖަދުވަލު 1

އިންވެސްޓްމަންޓް ފަންޑު ރަޖިސްޓަރީކުރުމަށްޓަކައި ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް 

ހ. ހުށަހަޅަންޖެހޭ މައުލޫމާތު

  1. އިންވެސްޓްމަންޓް ފަންޑަށްކިޔާ ނަން
  2. އިންވެސްޓްމަންޓް ފަންޑުގެ ބާވަތް
  3. ލީގަލް އެންޓިޓީގެ ބާވަތް
  4. ކުންފުނި ނުވަތަ ޕާޓްނަރށިޕްގެ ނަންބަރާއި ރަޖިސްޓަރީކުރި ތާރީހު
  5. ޑިރެކްޓަރުންގެ ބޯޑު، ނުވަތަ މެނޭޖިންގ ޕާޓްނަރުގެ މައުލޫމާތު
  6. ފަންޑުގެ މަގުސަދުތައް
  7. އިންވެސްޓްމަންޓް ޕޮލިސީތަކާއި ޑައިވާސިފިކޭށަން ޕޮލިސީތައް
  8. އިންވެސްޓްމަންޓް ޕޯޓްފޯލިޔޯގެ ބާވަތް
  9. އިންވެސްޓްމަންޓް މެނޭޖްކުރާ ގޮތާއި ފަރާތްތައް
  10. ފަންޑުން ރެއިޒްކުރުމަށް ހުށަހަޅާ ކެޕިޓަލް
  11. ކަސްޓޯޑިއަންގެ ނަމާއި އެޑްރެހާއި ރަޖިސްޓަރީ ނަންބަރު (ކަސްޓޯޑިއަން އައްޔަންކުރާނަމަ)

 

(ށ) ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ކުންފުނި ނުވަތަ ޕާޓްނަރށިޕްގެ ރަޖިސްޓަރީގެ ކޮޕީ
  2. ފަންޑުގެ ޗާޓަރު
  3. އިންވެސްޓްމަންޓް މެނޭޖްކުރާ ފަރާތާއެކު އޮންނަ އެއްބަސްވުން
  4. ކަސްޓޯޑިއަންއާއެކު އޮތް އެއްބަސްވުން (ކަސްޓޯޑިއަން އައްޔަންކުރާނަމަ)
  5. އިންވެސްޓްމަންޓް އެޑްވަިޒަރާއި ކަސްޓޯޑިއަންގެ ލެޓަރ އޮފް އެޕޮއިންޓްމަންޓް އަދި ލެޓަރ އޮފް އެކްސެޕްޓެންސް
  6. ޕްރޮސްޕެކްޓަސް (ޕަބްލިކް އޮފަރިންގއެއްނަމަ)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-57)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު