-

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު

(2008)

1 ވަނަ މާއްދާ - ތައާރުަފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 22 ވަނަ މާއްދާއާއި 23 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމާއި، އެފަދަ އުޅަނދުފަހަރާއި އެފަދަ އުޅަނދުފަހަރުން ލިބެންހުންނަންޖެހޭނެ ފަސޭހަތަކުގެ މިންގަޑާއި އެފަދަ އުޅަނދުފަހަރުން ލިބެންހުންނަޖެހޭނެ ހިދުމަތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު" އެވެ.

 

ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ދޫކުރުން

 

2 ވަނަ މާއްދާޓޫރިސްޓް އުޅަނދު ހިންގުން

(ހ) ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް އުޅަނދެއް ދުއްވަންވާނީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި މިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީިން އެކަމަށް މިނިސްޓަރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނުން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) އެހެން ގަވާއިދަކުން މިނޫންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ދިވެހި ރައްޔިތުންނަށާއި، ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ރައްޔިޔުންނަށާއި، ގާނޫނު ނަންބަރު 9/1996 (ދިވެހިރާއްޖޭގެ ޕާރޓްނަރށިޕާ ބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޕާރޓްނަރށިޕްތަކަށާއި ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ.

 

3 ވަނަ މާއްދާ - ޓޫރިސްޓު އުޅަނދު ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅުން

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ހުއްދައަށް އެދި  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާއިރު ތިރީގައިއެވާ ލިޔުންތަކުގެ އަސްލާއި ކޮޕީ ހުށަހަޅަންވާނެއެވެ. އަސްލު ލިބެން ނެތްނަމަ އެލިޔުމެއް ދޫކުރި ފަރާތުން ނުވަތަ އެނޫން އިތުބާރުހުރި ފަރާތަކުން ތަސްދީގުކޮށްފައިވާ ކޮޕީއެއް ހުށަހެޅިދާނެއެވެ. 

  1. މިގަވާއިދުގެ ޖަދުވަލު 1 ގައިވާ "ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދައަށް އެދޭ ފޯޯމު" ފުރިހަމަކުރެއްވުމަށްފަހު އެފޯމު؛
  2. ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ އުޅަނދަށް މިނިސްޓަރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭށަނުން ދޫކޮށްފައިވާ ރަޖިސްޓަރީ؛
  3. iii .ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ އުޅަނދަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭށަނުން ދޫކޮށްފައިވާ ސަލާމަތީ ސެޓްފިކެޓްތައް؛
  4. iv .ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ހިންގުގުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ އުޅަނދުގައި މީހުން އުފުލުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭށަނުން ދޫކޮށްފައިވާ ހުއްދަ؛
  5. ޓޫރިސްޓު އުޅަނދު ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާފަރާތަކީދިވެހި ފަރުދެއްނަމަ، އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ރާއްޖެއިން ބޭރު ގައުމެއްގެ ރައްޔިތެއްނަމަ ޕާސްޕޯޓް ކޮޕީ؛ 
  6. ހުއްދައަށް އެދި ހުށަހަޅާފަރާތަކީ، ޕާރޓްނަރށިޕެއްނަމަ، އެޕާރޓްނަރށިޕްގެ ރަޖިސްޓަރީއާއި ޕާރޓްނަރށިޕް އެއްބަސްވުން. އަދި ހުރިހާ ބައިވެރިންގެ ދިވެހި ރައްޔިތެއްކަން އަންގުވައިދޭ ކާޑު އަދި ރާއްޖެއިން ބޭރު ގައުމެއްގެ ރައްޔިތެއް ހިމެނޭނަމަ އެމީހެއްގެ ނުވަތަ ބައެއްގެ ޕާސްޕޯޓް ކޮޕީ. (ޕާރޓްނަރށިޕްގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް އުޅަނދު ހިންގުން ހިމެނިފައިއޮންނަންވާނެއެވެ.)؛
  7. ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއްނަމަ، އެކުންފުނީގެ ރަޖިސްޓްރީއާއި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި އެވަގުތު ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހުން އެނގޭނޭހެން ރެޖިސްޓަރާރ އޮފް ކޮމްޕެނީޒްއިން ދޫކޮށްފައިވާ ލިޔުމަކާއި ހުރިހާ ހިއްސާދާރުންގެ ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑު. (ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް އުޅަނދު ހިންގުން ހިމެނިފައި އޮންނަންވާނެއެވެ.)؛
  8. ޓޫރިސްޓް އުޅަނދެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، އުޅަނދުގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، އުޅަނދުގެ ވެރިފަރާތާއި ހުއްދައަށް އެދޭ ފަރާތާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވާ އެއްބަސްވުމެއް އޮންނަންވާނެއެވެ. މި އެއްބަސްވުމުގައި ކުއްޔަށް ހިފިފަރާތުގެ ނަމުގައި ޓޫރިސްޓް އުޅަނދުގެ ހުއްދަ ނަގައި ހިންގުމުގެ އިހްތިޔާރު ލިބިދޭ މާއްދާއެއް އޮންނަންވާނެއެވެ.
  9. މިގަވާއިދުގެ ދަށުން ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ދިނުމުގެ ފީއަށް ކަނޑައަޅާފައިވާ 5000ރ (ފަސްހާސް) ރުފިޔާ. 

 

4 ވަނަ މާއްދާ - ރާއްޖެއިން ބޭރު ފަރާތްތަކަށް ޓޫރިސްޓް އުޅަނދުފަހަރު ހިންގުމުގެ ހުއްދަ ދިނުން

މިގަވާއިދުގެ ދަށުން ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގެ ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގެ ރައްޔިތެއްގެ ހިއްސާ ހިމެނޭ ކުންފުންޏަކަށް ނުވަތަ ޕާރޓްނާށިޕަކަށް ރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ދެވޭނީ، އެފަދަ ފަރާތަކުން ިހންގުމުގެ ހުއްދައަށް އެދޭ އުޅަނދުގައި މަދުވެގެން 20 (ވިހި) ކޮޓަރި އާއި 40 (ސާޅީސް) އެނދު ހުރިނަމައެވެ. 

 

5 ވަނަ މާއްދާ - ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ދޫކުރުން

ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ދެވޭނީ މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަން ފޯޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމަށްފަހު  ޓޫރިޒަމާބެހޭ މިނިސްޓްރީއަން ނުވަތަ އެމިނިސްޓްރީއިން އައްޔަން ކުރާފަރާތަކުން އެއުޅަނދެއް ބެލުމަށްފަހު، އެއުޅަނދަކީ ޓޫރިސްޓް އުޅަނދުފަހަރުން ލިބެން ހުންނަންޖެހޭނެކަމަށް މި ގަވާއިދުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް މި ގަވާއިދުގައި ކަނޑައެޅިފައިވާ ފަސޭހަތަކާއި ހިދުމަތްތައް އެ އުޅަނދަކުން ލިބެންހުރި އުޅަނދެއްކަމުގައި ވާނަމައެވެ. 


6 ވަނަ މާއްދާ -    (ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓު އުޅަނދު ހިންގުމުގެ ހުއްދަދެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

 

7 ވަނަ މާއްދާ - އުޅަނދުފަހަރު ބަލައި ޗެކު ކުރުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަދީފައިވާ ޓޫރިސްޓް އުޅަނދުފަހަރު ކޮންމެ ގަޑިއެއްގައިވެސް ބަލައި ޗެކް ކުރުމުގެ އުިހްތިޔާރު  ޓޫރިޒަމާބެހޭ މިނިސްޓްރީން ނުވަތަ އެމިނިސްޓްރީއިން އައްޔަން ކުރާފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ހުއްދަދީފައިވާ ކޮންމެ އުޅަނދެއްވެސް މަދުވެގެން އަހަރަކު އެއްފަހަރު ބަލައި ޗެކް ކުރުމަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް މަދުވެގެން އަހަރަކު އެއްފަހަރު ހުށަހަޅަންވާނެއެވެ. އަދި އުޅަނދު ބަލައި ޗެކުކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަކީ، އުޅަނދު ހިނގުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ފަރާތުގެ ޒިންމާއެކެވެ. އަދި، ޓޫރިސްޓް އުޅަނދު ހިނގުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ފަރާތުގެ އިހުމާޅުން އެ އަހަރުގެ ތެރޭގައި އުޅަނދު ބަލައި ޗެކު ނުކުރެވިއްޖެނަމަ މި ގަވާއިދުގެ 34 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖޫރިނަމާކުރެވޭނެއެވެ. މި މާއްދާގައި އިހުމާލުން ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓް އުޅަނދު ބަލައި ޗެކުކުރުމަށް އެދި ޓޫރިސްޓް އުޅަނދު ހިނގުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ފަރާތުން އެމިނިސްޓްރީއަށް އެ އަހަރުގެ ތެރޭގައި ހުށަހަޅާފައި ނުވުން ނުވަތަ ޓޫރިސްޓް އުޅަނދު ބަލައި ޗެކުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އެދުމުން އެކަމަށް ފެސިލިޓޭޓްކޮށްދީފައި ނުވުމެވެ. (އިތުރު ކުރެވިފައި)

 

8 ވަނަ މާއްދާ - ހިންގުމަށް ދީފައިވާ ހުއްދަ ބާތިލު ކުރުން

(ހ) ޓޫރިސްޓް އުޅަނދު ހިންގުމަށް ހުއްދަ ދީފައިވާ ފަރާތަކުން އެއުޅަނދެއް ހިންގުން ހުއްޓާލަން ބޭނުންވެއްޖެނަމަ، އެކަން މިނިސްޓަރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް އަންގައި ޓޫރިސްޓް އުޅަނދު ހިންގުމަށް އެފަރާތަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރަންވާނެއެވެ.

(ށ) ގަވާއިދުން ހުއްދަ ބާތިލުނުކުރާނަމަ މިގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި އެފަދަ ކަންތައްތައް ފުރިހަމަ ނުކުރާނަމަ ގަވާއިދުން ކަނޑައެޅިފައިވާ ގޮތެއްގެ މަތިން އެފަދަ ފަރާތްތަކާމެދު އަމަލުކުރެވޭނެއެވެ.  

(ނ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް އުޅަނދު ހިންގުމަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން ކުރީން، އެ ހުއްދަ އައުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ އައުކޮށްފައި ނުވާނަމަ، އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުވީޢެވެ. (އިތުރު ކުރެވިފައި)

(ރ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ މުއްދަތުގައި ހުއްދައަށް އެދި އެ މާއްދާގައި ބުނެފައިވާގޮތަށް ހުށަހަޅާފައިވާނަމަ ހުއްދައިގެ މުއްދަތު ހަމަވުމުގެ ސަބަބުން ހުއްދަ ބާތިލެއް ނުވާނެއެވެ. (އިތުރު ކުރެވިފައި)

 

9 ވަނަ މާއްދާ - ހުއްދަ އައުކުރުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދެވިފައިވާ ޓޫރިސްޓް އުޅަނދަކަށް ދެވިފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން އެ އުޅަނދު ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި އިތުރަށް ހިންގަން ބޭނުންނަމަ މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 15 (ފަނަރަ) ދުވަސް ކުރިން މިގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ އައުކުރުމަށް އެދި  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ޓޫރިސްޓް އުޅަނދު ހިންގުމަށް ދޫކުރާ ހުއްދަ ބާތިލުވުމަށްފަހު އަލުން ހުއްދައަށް އެދޭނަމަ އެ އުޅަނދަކަށް އަލުން އެ ހުއްދަ ދޫކުރެވޭނީ، ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަދިނުމުގެ ފީ ކަމުގައިވާ 5000 (ފަސްހާސް) ރުފިޔާ ދެއްކުމުންނެވެ. (އިތުރު ކުރެވިފައި)

 

10 ވަނަ މާއްދާ - ހުއްދަ އެހެން ފަރާތަކަށް ބަދަލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ އަމަލުކުރާނީ މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.  

(ށ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ އެ އުޅަނދަކާ ގުޅިގެން ދައްކަންޖެހިފައިވާ އެއްވެސް
ޓޫރިޒަމް ޓެކްސްއެއް ވާނަމަ، އެ ޓެކްސްއަކާއި ޓެކްސް ނުދެއްކުމުގެ ސަބަބުން ނުވަތަ ޓެކްސް ލަހުން ދެއްކުމުގެ ސަބަބުން ނުވަތަ ޓެކްސް ށީޓު ހުށަނޭޅުމުގެ ސަބަބުން ނުވަތަ ޓެކްސް ށީޓު ލަހުން ހުށަހެޅުމުގެ ސަބަބުން ޖޫރިމަނާއެއް ކުރެވިފައިވާނަމަ އެ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކާ ހަލާސްކުރުމަށްފަހުގައެވެ. 

 

11 ވަނަ މާއްދާ - ވެރިފަރާތް ބަދަލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ޓޫރިސްޓް އުޅަނދެއްގެ ވެރިފަރާތް ބަދަލުވެއްޖެނަމަ، ވެރިފަރާތް ބަދަލުވީ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އަންގައި އުޅަނދުގެ އައު ރަޖިސްޓަރީއާއި ސަލާމަތީ ސެޓްފިކެޓާއި ފަސިންޖަރުން އުފުލުމުގެ ސެޓްފިކެޓްގެ ކޮޕީ 
ހުށަހަޅަންވާނެއެވެ.

(ށ) ވެރިފަރާތް ބަދަލުވި އުޅަނދު ހިންގަނީ ވެރިފަރާތް ނޫން އެހެން ފަރާތަކުންނަމަ، ވެރިފަރާތް ބަދަލުވާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އައު ވެރިފަރާތާއި އުޅަނދު ހިންގާ ފަރާތާއި ދެމެދު އުޅަނދު ހިންގުމާ ބެހޭގޮތުން ކުރެވޭ އެއްބަސްވުން މިނިސްޓްރީ އޮފް  ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ހުށަހަޅަންވާނެއެވެ. 

 

12 ވަނަ މާއްދާ - ޓޫރިސްޓް އުޅަނދު ހިންގުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދެވިފައިވާ ޓޫރިސްޓް އުޅަނދެއްގައި ޓޫރިސްޓުން ބޭތިއްބުމަށް ރިޒަވޭށަނެއް ހަދާނަމަ ތިރީގައިވާ  ކަންތައްތަކާމެދު ރިޒަވޭށަން ހަދައިދެވޭ ފަރާތާއެކު އެއްބަސްވާންވާނެއެވެ.

  1. ރިޒަވޭށަން ކޮންފާރމް ކުރާނެގޮތް.
  2. ފައިސާ ދައްކާނެގޮތާއި މުއްދަތު. 
  3. ކެންސަލްކުރެވޭނެ ގޮތާއި މުއްދަތު. 
  4. ރިޒަވޭށަން ބަދަލުކޮށް ނުވަތަ ބާތިލް ކޮށްފިނަމަ ހަދާނެގޮތް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރިޒަވޭށަނެއް ކޮންފާމް ކުރުމަށްފަހު، އެއްބަސްވެފައިވާގޮތް ނޫން ގޮތަކަށް ޓޫރިސްޓް އުޅަނދު ހިންގާ ފަރާތަކުން ރިޒަވޭށަނެއް ކެންސަލްކުރުމާ ގުޅިގެން ޓޫރިސްޓަކަށް ދިމާވާ ހުރިހާ ދަތިތަކަށް ޓޫރިސްޓް އުޅަނދު ހިންގާ ފަރާތަކުން ޒިންމާ ނަގަންވާނެއެވެ.

(ނ) ޓޫރިސްޓް އުޅަނދަކުން ވަޒީފާ ދިނުމާއި، ވަޒީފާއާބެހޭ ހުރިހާކަންތައްތަކާއި، އެފަދަ ތަނެއްގައި މަސައްކަތްކުރަމުން ގެންދާ މުވައްޒަފަކު ވަޒީފާއިން ވަކިވާނަމަ ނުވަތަ ވަކިކުރާނަމަ އެމުވައްޒަފަކާ ދޭރެތެރޭ އަމަލުކުރަންވާނީ މިނިސްޓްރީ އޮފް ހަޔަރ އެ ިޑއުކޭށަން، އެމްޕްލޯޯއީމަންޓް އެންޑް ސޯށަލް ސެކިއުރިޓީއިން ހައްދަވާފައިވާ "ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގަވާއިދާ" އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

(ރ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް އުޅަ ުނދ ހިންގުމުގެ ހުއްދަ ދީފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ ނުވަތަ ހިއްސާދާރެއް ބަދަލުވާނަމަ، ނުވަތަ ކުންފުނީގެ ޑިރެކްޓަރެއް ބަދަލުވާނަމަ، ނުވަތަ ޕާރޓްނަރށިޕެއްގެ ޕާރޓްނަރެއް ބަދަލުވާނަމަ އެކަމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުއްދަ ދޭތާ ރަސްމީ ބަންދުދުވަސްތައް ފިޔަވައި 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އެފަރާތަކާ ގުޅޭނެ އޮފީހެއް ހުންނަންވާނެއެވެ. މިއޮފީހުގައި ފޯޯނު އަދި ފެކްސް ހުންނަންވާނެއެވެ. މި އޮފީހުގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެޑްރެސް ބަދަލުވާތާ ރަސްމީ ބަންދުދުވަސްތައް ފިޔަވައި 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިޔުމަކުން އަންގަންވާނެއެވެ.

(ޅ) ޓޫރިސްޓް އުޅަނދު ހިންގާ ފަރާތްތަކުން ޓޫރިސްޓް އުޅަނދު ހިންގުމުގައި ދިވެހިރާއްޖޭގެ ގަނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ. މިފަދަ ކަމެއް ކޮށްފިކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި މިގަވާއިދާ ހިލާފުވުމުން އަމަލުކުރަން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެފަރާތަކާމެދު އަމަލުކުރުމުގެ އިތުރުން އެފަރާތަކަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ޓޫރިސްޓް އުޅަނދާއި އުޅަނދުން ލިބެން ހުންނަންޖެހޭނެ ފަސޭހަތަކާއި  ހިދުމަތްތަކުގެ ފެންވަރާއި މިންގަނޑު 

 

13 ވަނަ މާއްދާ - އުޅަނދުން ލިބެން ހުންނަ ހިދުމަތްތަކާއި އުޅަނދުގެ ފެންވަރު 

(ހ) ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ހިންގާ ކޮންމެ އުޅަނދަކާއި އެއުޅަނދެއްގެ ހިދުމަތްތައް މަދުމިނުން މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ލިބެން ހުންނަން ވާނެއެވެ.

 

14 ވަނަ މާއްދާ - ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮޓަރިތައް ހުންނަންޖެހޭ މިންގަނޑު 

(ހ) ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮޓަރިތައް ހުންނަން ޖެހޭނީ ކޮންމެ ކޮޓަރިއަކަށް ބޭރުން ވަދެވޭގޮތަށް ވަކިވަކީން ހެދިފައެވެ. ކޮޓަރީގައި ހުންނަ ކޮންމެ ދޮރެއްގައި ތަޅުލެވޭގޮތަށް ދޮރުފަތް ހަރުކުރެވިފައި ހުންނަންވާނެވެ.

(ށ) ދެކޮޓަރި ދޭތެރޭގައި ކަނެކްޓިންގ ދޮރު ބަހައްޓާނަމަ، އެ ދޮރު ހުންނަންވާނީ ބޭނުންވެއްޖެ ހިނދެއްގައި ތަޅުލާ ދެކޮޓަރި ވަކިކޮށްލެވޭގޮތަށެވެ. އެއްވެސް ކޮޓަރިއަކަށް އެހެން ކޮޓަރިއެއްގެ ތެރެއިންލާފައި ވަދެވޭގޮތަށް ހުންނަންވާނީ ދެވަނަ ދޮރަކުންނެވެ.

(ނ) ކޮޓަރިތެރޭގައި ހުންނަންޖެހޭ ފަރުނީޗަރާއި ފިޓިންގސް

ކޮންމެ ކޮޓަރިއެއްވެސް ހުންނަންވާނީ އެކަށީގެންވާގޮތަށް ވެންޓިލޭޓް ކުރެވޭގޮތަށް ހެދިފައެވެ. ފެންލައިޓް ނުވަތަ ޕޯޓްހޯލް ހުންނަނަމަ ހުންނަންވާނީ ބޭނުންޖެހިއްޖެ ހާލަތެއްގައި އެތެރެއަށް ހުޅުވޭގޮތަށެވެ. އަދި މި ފެންލައިޓް ނުވަތަ ޕޯޓްހޯލް ހުންނަންވާނީ ލައްޕާލުމުން ފެންނުވަންނަ ގޮތަށް ތައްޔާރުކުރެވިފައެވެ (ވޯޓަރ ސީލްޑް).

(ރ) ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮންމެ ކޮޓަރިއެއް ހުންނަންވާނީ ތިރީގައި މިވާ ފަރުނީޗަރާއި ފިޓިންގްސް އާއެކު ތިރީގައި މިވާ މިންގަޑުތަކަށް ހެދިފައެވެ.

  1. ގިނަވެގެން 2 ސިންގަލް، ނުވަތަ 1 ޑަބަލް އެނދު.
  2. ކޮންމެ އެނދެއްގައި ފެންވަރު ރަނގަޅު "4 "އިންޗިއަށްވުރެ ތުނި ނޫން، އިސްޕަންޖު ނުވަތަ ސްޕްރިންގ ނުވަތައެނޫންވެސް އެފަދަ އެއްޗަކުން ހަދާފައިވާ ގޮދަޑިއެއް އޮންނަންވާނެއެވެ. އަދި ކޮންމެ ގޮދަޑިއެއްގައި އޮންނަންވާނީ ބެޑްށީޓުއަޅާފައެވެ. އެނދު މަތީގައި އަޅާފައި އޮންނަ ބެޑްށީޓުގެ އިތުރުން ކޮންމެ އެނދަކަށް ގައިމަތީގައި އަޅާނެ ފޮތިގަނޑެއް އޮންނަންވާނެއެވެ.
  3. ސްޕޮންޖް، ކަފަ ނުވަތަ މިފަދަ އެހެން އެއްޗެއް އަޅައިގެން ހަދާފައިވާ ކުޑަވެގެން "18" × "24 "އިންޗީގެ ބާލީސް، ބާލީސް އުރައާއެކު ކޮންމެ ގެސްޓަކަށް 2 ބާލީހުގެ ނިސްބަތުން ކޮޓަރީގައި ހުންނަންވާނެއެވެ.
  4. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އެކޮޓަރިއެއްގައި ތިބޭ ޓޫރިސްޓުންގެ ލަގޭޖް ބަހައްޓާނެ ތަނެއް ހުންނަންވާނެއެވެ. ކޮޓަރި ތެރޭގައި ޖާގަ ނެތްނަމަ ކޮޓަރިން ބޭރުގައި ކޮންމެ ކޮޓަރިއެއްގައި ތިބޭ ޓޫރިސްޓުންނަށް ވަކިން ތަޅުލެވޭގޮތަށް ލަގެޖް ބެހެއްޓުމަށް ހާއްސަކުރެވިފައިވާ ތަނެއް ހެދިފައި ހުންނަންވާނެއެވެ.
  5. ކޮނޑު އެޅުވޭގޮތަށް ހުންނަ ހެދުން ބަހައްޓާ އަލަމާރި (ވޯރޑްރޯބް) ކޮންމެ ޓޫރިސްޓަކަށް ހެދުންއަޅުވާ 2 ކޮނޑާއެކު، ހުންނަންވާނެއެވެ.
  6. ފޮތްކިޔުމާއި މިފަދަ އެހެން ކަންކަމަށް ބޭނުންކުރެވޭ ފެންވަރުގެ އަލިކަމާއެކު، އެނދުގައި އޮވެގެން ދިއްލައި ނިއްވޭގޮތަށް ސުވިޗްލާފައި ހުންނަ ލޭމްޕު، ބޮކި ނުވަތަ ހޮޅިބުރި ހަރުކޮށްފައި ހުންނަންވާނެއެވެ.
  7. ކޮޓަރިތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ.
  8. ކޮންމެ ކޮޓަރިއެއްގައި ކަރަންޓު ނެގޭގޮތަށް ސޮކެޓް ސްވިޗް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  9. ގެސްޓުން ތިބޭ ކޮޓަރިތައް ހުންނަންވާނީ އެކަށީގެންވާމިންވަރަށް ވައިދައުރުވާގޮތަށެވެ. ކޮޓަރި އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއި އެކު ފަންކާ ހަރުކުރެވިފައި ހުންނަންވާނެއެވެ.
  10. ކޮޓަރީގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ލިޔެ ހަރުކުރެވިފައި ހުންނަން ޖެހޭނެއެވެ. ކޮޓަރީގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަ ނަމަ ކޮޓަރި ތެރޭގައި އަޅިކެނޑި ބަހައްޓަންވާނެއެވެ.
  11. ކޮޓަރި ނުވަތަ ފާހާނާ ތެރޭގައި މަތިޖަހާ ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ. 
  12. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަން ވާނެއެވެ. އަދި އެމެޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް އޮންނަންވާނެއެވެ. 
  13. އަލިފާނުގެ ހާދިސާއެއްގައި ކަންކުރަންވީގޮތާއި އިމަޖެންސީ ހާލަތެއްގައި އުޅަނދު ދޫކޮށް ފައިބަން ޖެހިއްޖެނަމަ ކަންތައްތައް ކުރާނެގޮތް (އެބަންޑަން ށިޕް ޕްރޮސީޖަރ) ކުރެހުމާއެކު އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ލިޔެ ކޮޓަރިއަށް ވަންނަ ދޮރުގެ އެތެރެ ފަރާތުގައި ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ.
     

15 ވަނަ މާއްދާ - ޓޫރިސްޓުން ބޭނުންކުރާ ފާހާނަތައް ހުންނަންޖެހޭ މިންގަނޑު

(ހ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައިހުންނަ ކޮންމެ ކޮޓަރިއެއްގައި ކޮޓަރީގެ އެތެރެއިން ވަދެވޭ ގޮތަށް ފާހާނާއެއް ހެދިފައި ހުންނަންވާނެއެވެ. މި ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިންގުމުގެ ހުއްދަ ދީފައިވާ ޓޫރިސްޓު އުޅަނދުފަހަރު މިމާއްދާގެ (ހ) ގައި ބުނެފައިވާ ކަންތައްތަކުން އިސްތިސްނާ ވާނެއެވެ.

(ށ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައިހުންނަ ކޮޓަރީގައި ހުންނަ ކޮންމެ ފާހާނައެއް ހުންނަންވާނީ ތިރީގައި މިވާ ސާމާނާއި ފިޓިންގްސް އާއެކު ތިރީގައި މިވާ މިންގަނޑަށް ހަދާފައެވެ.

  1. ކޮންމެ ފާހާނައެއް ހުންނަންވާނީ ފަސޭހައިން ފާހާނަކޮށް ފެންވެރޭގޮތަށެވެ.
  2. ފާހާނާގެ ބިތްތައް ހަދާފައި ހުންނަންވާނީ ފެންވަދެ ހަލާކުނުވާފަދަ (ވޯޓަރ ޕްރޫފް) އަދި ފަސޭހައިން ސާފުކުރެވޭފަދަ އެއްޗަކުންނެވެ.
  3. ފާހާނާގެ ތަޅުން ހަދާފައި ހުންނަންވާނީ ފެންވަދެ ހަލާކުނުވާފަދަ (ވޯޓަރ ޕްރޫފް) އަދި ފަސޭހައިން ސާފުކުރެވޭފަދަ ނުކައްސާއެއްޗަކުންނެވެ. އަދި ތަޅުން އެޅިފައި ހުންނަންވާނީ ޑްރެއިން އަށް ފެންފަހިވާގޮތަށް ތަޅުން މައްޗަށް އެޅޭފެން ފަސޭހައިން ދެމޭ ގޮތަށެވެ.
  4. ކޮންމެ ފާހާނައެއްގައި މަތިޖެހޭ ގޮތަށް ހުންނަ އިށީންނަ ފާހާނާ ތަށި ފްލަށިންގ ސިސްޓަމާއި އެކު ހަރުކުރެވިފައި  ހުންނަންވާނެއެވެ.
  5. ފެންވަރާ މާގަނޑެއް ހުންނަންވާނެއެވެ.
  6. މޫނު ދޮންނަ ތައްޓެއް އިސްކުރާއެކު ހުންނަންވާނެއެވެ.
  7. ފާހާނާ ތެރޭގައި ތުވާލި އެޅުވޭނެގޮތެއް ހުންނަންވާނެއެވެ.
  8. ކޮންމެ ޓޫރިސްޓަކަށް ތުވާއްޔެއްގެ މަގުން ފާހާނާތެރޭގައި ތުވާލި ހުންނަންވާނެއެވެ.
  9. ފާހާނާ ތެރޭގައި އެކަށީގެންވާ އަދަދަކަށް ޓޮއިލެޓް ޕޭޕަރ ހުންނަންވާނެއެވެ.
  10. ފާހާނާ ތެރޭގައި ސެނިޓެރީ ބޭގް ހުންނަންވާނެއެވެ.
  11. ފާހާނާގެ އެތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ފާހާނާތެރޭގައި ހަރުކުރެވިފައި ހުންނަންވާނެއެވެ.
  12. ކޮންމެ ފާހާނައެއްގައި އިލެކްޓްރިކް ށޭވަރ ބޭނުންކުރުމަށްޓަކައި 220 އާއި 110 ވޯލްޓްގެ ކަރަންޓު ނެގޭގޮތަށް ސޮކެޓް ހަރުކުރެވިފައި ހުންނަންވާނެއެވެ.
  13. ކޮންމެ ފާހާނައެއް ހުންނަންވާނީ އެކަށީގެންވާމިންވަރަށް ވައި ދައުރުވާގޮތަށެވެ.
  14. ކޮންމެ ފާހާނައެއްގައި ދޮރުފަތް ހަރުކުރެވިފައި ހުންނަންވާނެއެވެ.
  15. ފާހާނަ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާނަމަ 
    މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ލިޔެ ފާހާނައިގެ ތެރޭގައި ހަރުކުރެވިފައި ހުންނަން ޖެހޭނެއެވެ. ފާހާނަ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަ ނަމަ ފާހާނަ އެތެރޭގައި މަދުވެގެން 1 (އެކެއް) އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ.
  16. ފާހާނާ އެތެރޭގައި މަތިޖަހާ ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ. މިފަދަ ވަށިގަނޑެއް ކޮޓަރިތެރޭގައި ބަހައްޓާފައިވާނަމަ، ފާހާނާގައި ނުބެހެއްޓިއަސް ފުދޭނެއެވެ.
  17. އެކަށީގެންވާ ސައިޒެއްގެ މޫނު ބަލާ ލޯޯގަނޑެއް ފާހާނާގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުންނަ މީހަކަށް އެކަށީގެންވާވަރަށް އަލިކަން ލިބޭގޮތަށް ހުންނަންވާނެއެވެ.

16 ވަނަ މާއްދާ - ކާގެ ނުވަތަ ކާތަން ހުންނަންޖެހޭ މިންގަނޑު

(ހ) ކާގެ ނުވަތަ ކާތަން (ޑައިނިންގް އޭރިއާ) ހެދިފައި ހުންނަންވާނީ މަދުމިނުން ތިރީގައި އެވާ ސާމާނާއި ފިޓިންގްސް އާއެކު ތިރީގައި އެވާ މިންގަނޑށެވެ.

  1. ކޮންމެ އުޅަނދެއްގައިވެސް އެއުޅަނދެއްގެ ބެޑްކެޕޭސިޓީއާ އެއްވަރަށް އެއްފަހަރާ ހުރިހާ ގެސްޓުންނަށް ކެވޭނެ ގޮތަށް އެކަށީގެންވާ ވަރުގެ ޑައިނިންގ އޭރިއާ އެއް ހުންނަންވާނެއެވެ. މިއޭރިޔާ ހުންނަންވާނީ ތިރީގައި މިވާ ގޮތަށް ިތރީގައި މިވާ ފަރުނީޗަރާއި ފިޓިންގްސް އާއި ފަސޭހަތަކާއެކު ތައްޔާރު ކުރެވިފައެވެ. މި އޭރިޔާ ޑައިނިންގ އޭރިއާއެއްގެ ގޮތުގައި ބޭނުންނުކުރާ ވަގުތު ތަކުގައި އެނޫންވެސް މިފަދަ ކަމަކަށް ބޭނުންކުރެވިދާނެއެވެ. 
  2. ކާގެ ނުވަތަ ކާތަން ހުންނަންވާނީ އެކަށީގެންވާގޮތަށް ވެންޓިލޭޓް ކުރެވޭގޮތަށް ހެދިފައެވެ. ފެންލައިޓް ނުވަތަ ޕޯޓްހޯލް ހުންނަނަމަ ހުންނަންވާނީ ބޭނުންޖެހިއްޖެ ހާލަތެއްގައި އެތެރެއަށް ހުޅުވޭގޮތަށޭވެ. އަދި މި ފެންލައިޓް ނުވަތަ ޕޯޓްހޯލް ހުންނަންވާނީ ލައްޕާލުމުން ފެންނުވަންނަ ގޮތަށް ތައްޔާރުކުރެވިފައެވެ (ވޯޓަރ ސީލްޑް).
  3. މޭޒުމަތީގައި ތަށިބަހައްޓައިގެން ފަސޭހައިން އިށީނދެގެން ކެވޭގޮތަށް ސޯފާ، ގޮނޑި ނުވަތަ ބެންޗް އަދި މޭޒު ބެހެއްޓިފައި ހުންނަންވާނެއެވެ. 
  4. މޭޒުދޮށުގައި ތިބެގެން ފޮތްކިޔުމާއި މިފަދަ އެހެން ކަންކަމަށް ބޭނުންކުރެވޭ ފެންވަރުގެ އަލިކަން ފޯރުކޮށްދެވޭ ގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކޮށްފައި ހުންނަން ވާނެއެވެ. 
  5. ކާގެ ނުވަތަ ކާތަނުގައި ގެސްޓުން ބޭނުންވާ އިލެކްޓްރޯޯނިކްސް ބޭނުންކުރުމަށްޓަކައި ކަރަންޓު ނެގޭގޮތަށް ކޮންމެ 6 (ހައެއް) ގެސްޓަކަށް 1 (އެކެއް) ސޮކެޓް ސްވިޗްގެ މަގުން ހަރުކުރެވިފައި ހުންނަންވާނެއެވެ.
  6. ކާގެ ނުވަތަ ކާތަން އެއަރކޮންޑިށަން ނުކުރާނަމަ ހެދިފައިހުންނަންވާނީ އެކަށީގެންވާމިންވަރަށް ވައި ދައުރުވާގޮތަށެވެ.
  7. ކާގެ ނުވަތަ ކާތަނުގެަ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ލިޔެ އެންމެނަށް ފެންނާނޭހެން ހަރުކުރެވިފައި ހުންނަން ވާނެއެވެ. ކާގެ ނުވަތަ ކާތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަ ނަމަ މަދުވެގެން ކޮންމެ މޭޒަކަށް 1 (އެކެއް) އަޅިކެނޑި ނުވަތަ ކޮންމެ 4 (ހަތަރެއް) ގެސްޓަކަށް 1 (އެކެއް) އަޅިކެނޑީގެ ނިސްބަތުން އަޅިކެނޑި ބެހެއްޓިފައި ހުންނަންވާނެއެވެ.
  8. ކާގެ ނުވަތަ ކާތަނުގެ އެތެރޭގައި އެމެޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަން ވާނެއެވެ. އަދި އެމެޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯރޗެއް ބެހެއްޓިފައި އޮންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ބަދިގެ ހުންނަންޖެހޭ މިންގަނޑު

(ހ) ބަދިގެ ހުންނަންވާނީ މަދުމިނުން ތިރީގައި މިވާ ސާމާނާއި ފިޓިންގްސް އާއެކު ތިރީގައި މިވާ މިންގަނޑަށް ހަދާފައެވެ.

  1. ޓޫރިސްޓުން ބައިތިއްބާ އުޅަނދު ފަހަރުގައި ބަދިގެ ހެދިފައި ހުންނަންވާނީ އުޅަނދެއްގެ ފުލް އޮކިއުޕަން ީސގައި ތިބޭ އެންމެންނަށް ހުރިހާއިރެއްގައި ކައިބޮއި ހެދުމަށްޓަކައި ބޭނުންވާ ކާއެއްޗެހި ފަސޭހަކަމާއެކު ތައްޔާރުކޮށް ކެއްކުމުގެ ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ސާމާނާ އެކުގައެވެ.
  2. ބަދިގޭގައި އުޅަނދުގެ އެންމެންނަށް ދަތިކަމެއް ނެތި ކާއެއްޗެހި ތައްޔާރު ކުރެވޭފަދަ އުނދުނާއި، އަވަނާއި ޓޯޯސްޓަރ އަދި ކާއެއްޗެހި ތައްޔާރުކުރުމަށް ބޭނުންވާ ގްރައިންޑް މެށިނާއި، ތަކެތި ރައްކާ ކުރުމަށް ބޭނުންވާ ފްރިޖު ރެފްރިޖްރޭޓަރ ފަދަ ކާބޯ ސާމާނު ހުންނަންވާނެއެވެ.
  3. ބަދިގެ ހެދިފައި ހުންނަންވާނީ ބަދިގޭގެ އެތެރޭގެ ވަސް ޓޫރިސްޓުން ތިބޭ ހިސާބަށް ނާންނާނޭ ފަދަ ތަނެއްގައި އެފަދަ ގޮތަކަށް ފަރުމާ ކުރެވިގެން ަނެވެ. އަދި ވަހާއި ހޫނު ބޭރުކުރުމަށްޓަކައި ވައިބޭރުކުރުމުގެ މަސްނޫއީ ނިޒާމެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. މިގޮތުން އެކަށީގެންވާމިންވަރަށް ވައި ވައްދައި ބޭރު ކުރެވޭ ގޮތަށް އެގްޒޯޯސްޓު ފަންކާއެއް ނުވަތަ އެހެންވެސް ނިޒާމެއް ހަރުކުރެވިދާނެއެވެ.
  4. އުޅަނދެއްގެ ފުލް އޮކިއުޕަންސީގައި ތިބޭ އެންމެންނަށް ހުރިހާއިރެއްގައި ކައިބޮއި ހެދުމަށްޓަކައި ފުދޭވަރަށް ރަނގަޅު ފެންވަރުގެ ކެއިން ބުއިމަށް ބޭނުންކުރާ ތަށި، ވަޅި، އޫ، ސަމުސާ ފަދަ ތަކެތި ހުންނަންވާނެއެވެ. އަދި ވަޅި ސަމްސާ އޫ ފަދަ ތަކެތި ވާންވާނީ ދަބަރު ނުޖަހާ ތަކެއްޗަށެވެ.
  5. ބަދިގޭގެ ހުރިހާ ސާމާނެއް ސާފު ތާހިރުކަމާއެކު ރައްކާކޮށް ބެހެއްޓޭ ގޮތަށް ހަދާފައިވާ އަލަމާރިއެއް ނުވަތަ ހަރުގަނޑެއް ހުންނަންވާނެއެވެ. އަދި މިތަކެތި ބަހައްޓަންވާނީ އެއަލަމާރީގައި ނުވަތަ ހަރުގަނޑުގައެވެ. އަދި މިފަދަ ސާމާނު ބެހެއްޓިފައި ހުންނަންވާނީ ގަދަ ކަނޑެއްގައި ދުއްވާއިރު ނުވެއްޓޭނެ ފަދަ ގޮތަކަށް އިންތިޒާމް ކުރެވިގެންނެވެ. އަލަމާރި ހަދާފައިހުންނަވާނީ ފަސޭހައިން ސާފުކުރެވޭނެ މެޓީރިއަލްއެއް ބޭނުންކޮށްގެންނެވެ.
  6. ބަދިގޭގައި ތެލި ތަށި ދޮވެވޭނެ އެކަށީގެންވާ ނިޒާމެއް ހެދިފައި ހުންނަންވާނެއެވެ.
  7. ބަދިގޭގައި ސާފުތާހިރުކަމާއެކު ކުނި އެއްކުރުމަށްޓަކައި މަތިޖެހޭގޮތަށް ހަދާފައިހުންނަ ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ. މިވަށިގަނޑު ހުންނަންވާނީ ވަކިން ކުނި ނަގައިގެން ގެންދެވޭ ގޮތަށް ކޮތަޅެއް ލާފައެވެ. ކުނި އަޅާ ވަށިގަނޑު އަބަދުވެސް ހުންނަންވާނީ މަތި ޖަހާފައެވެ.
  8. ބަދިގެ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންކުރާނެ ފޮތްޗާއި ތުވާލި ޓިށޫ އަދި ސައިބޯނި ހުންނަންވާނެއެވެ. އަދި އަތް ސާފު ކޮށް
    ދޮވެ ފުހޭނެ ސައިބޯންޏާއި ތުވާލި ނުވަތަ ޓިށޫ ފަދަ ތަކެތި ހުންނަންވާނެއެވެ.
  9. ބަދިގެ ތެރޭގައި އަލިފާން ނިވާ ފުޅި އާއި ފަޔަރ ބްލެންކެޓް ނުވަތަ އަލިފާން ނިއްވުމަށްޓަކައި ސަރުކާރުން ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާގޮތުގެ މަތީން ހެދިފައިވާ ނިޒާމެއް ގާއިމްކުރެވިފައި ހުންނަންވާނެއެވެ.
  10. ބަދިގޭގައި ހުރިހާ ދިމާއެއްގައިވެސް އެކަށީގެންވާ އަލި ލިބޭވަރަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ.
  11. ބަދިގޭގައި މަސައްކަތްކުރާ މުވައްޒަފުން ބަދިގޭގައި މަސައްކަތްކުރާއިރު ތިބެންވާނީ ސާފުތާހިރު ހެދުމެއްގައި ބޮލުކޮށްޕި އަޅައިގެންނެވެ. ބަދިގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާފުތާހިރުކަން ހުންނަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ މިންގަޑަކާ އެއްގޮތަށެވެ.
  12. ބަދިގޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަން ވާނެއެވެ. އަދި އެމެޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޯޗެއް އޮންނަންވާނެއެވެ.
  13. ކާބޯތަކެތި ރައްކާކުރެވިފައި ހުންނަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ކާބޯ ތަކެތި ރައްކާކުރުމަށްޓަކައި އެއިރެއްގައި  ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

18 ވަނަ މާއްދާ - ބާރ ހުންނަންޖެހޭ މިންގަނޑު

(ހ) ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ދީފައިވާ ފަރާތަކުން އެއުޅަނދެއްގައި ބަނގުރާ ިވއްކަން ބޭނުންވެއްޖެނަމަ، އެކަމުގެ ހުއްދަ ކަމާބެހޭ ސަރުކާރުގެ އިދާރާއިން ނަގަންވާނެއެވެ.

(ށ) ބަނގުރާ ވިއްކަންވާނީ ތިރީގައި މިވާ ފަސޭހަތަކާއި އެކު އެކަމަށް ހާއްސަކޮށް ހަދާފައިވާ ތަނެއްގައެވެ. ޑައިނިންގް އޭރިޔާގެ އެތެރޭގައި ބާރ އަށް ކައުންޓަރެއް ހަދައިގެން ބޭނުންކުރެވިދާނެއެވެ. ބާރ ވަކިން ހަދާނަމަ، ހުންނަންވާނީ އެއުޅަނދެއްގެ ބެޑްކެޕޭސިޓީގެ %60 އާ އެއްވަރަށް އެއްފަހަރާ ހުރިހާ ގެސްޓުންނަށް ތިބެވޭގޮތަށް މި ގަވާއިދުގެ 16 ވަނަ މާއްދާގައި ޑައިނިން އޭރިޔާ ހުރުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭގޮތަށް ފަސޭހަތަކާ އެކު ފަރުނީޗަރު ލާފައެވެ.

(ނ) ބާރ ގައި ބަނގުރަލާއި އެހެނިހެން ބުއިންތައް ވިއްކިދާނެއެވެ. ހުރިހާ ބު ިއމެއްވެސް ހުންނަންވާނީ ބާރ ތެރޭގައި ފަސޭހަކަމާއި ރައްކާތެރިކަމާއެކު ހިދުމަތް ދެވޭގޮތަށް ރީތިކޮށް ބެހެއްޓިފައެވެ. ހިދުމަތް ނުދޭ ގަޑިތަކުގައި ބާރ ގައި ހުންނަ ބަނގުރާ ާސމާނު ހުންނަންވާނީ އެހެން މީހުނަށް ބޭނުން ނުކުރެވޭ ގޮތަށް ތަޅުލައި ރައްކާ ކުރެވިފައެވެ.

(ރ) ބަނގުރާ އެކުލެވޭ ބުއިން ތައްޔާރުކުރުމަށާއި ވިއްކުމަށް ދިވެހީން ތިބެގެން ނުވާނެއެވެ. ނަމަވެސް އެީހތެރިންގެ ގޮތުގައާއި ވެއިޓަރުންގެ ގޮތުގައި ދިވެހިންނަށް މަސައްކަތް ކުރެވިދާނެއެވެ.

 

19 ވަނަ މާއްދާ - އުޅަނދުގެ ފަޅުވެރިންނާއި މުވައްޒަފުން

(ހ) ޓޫރިސްޓް އުޅަނދުފަހަރުގެ ކެޕްޓަންކަން ކުރަންވާނީ އެފަދަ އުޅަނދުފަހަރުގެ ކެޕްޓަންކަން ކުރުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ދީފައިވާ މީހެކެވެ.

(ށ) ކޮންމެ ފަޅުވެރިއަކުވެސް އަދި މުވައްޒަފަކުވެސް އުޅަނދުގެ ވަޒީފާއަށް ލާންވާނީ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތާއި އެމުވައްޒަފަކާ ދެމެދު ވަޒީފާ އެއްބަސްވުމެއްގައި ޮސއި ކުރުމަށް ފަހުގައެވެ. މި އެއްބަސްވުން އޮންނަންވާނީ އެކަމާ ބެހޭ ގާނޫނެއް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކަމާބެހޭގޮތުން ހައްދަވާފައިވާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ނ) މުވައްޒަފުންނަށް ހާއްސަކޮށްފައި ހުންނަ ކޮޓަރި، އޮފީސް، ބަދިގެ، ފާހާނާ ފަދަ ތަންތަނުގައި "ހަމައެކަނި މުވައްޒަފުންނަށް" “ONLY STAFF“ މިހެން ލިޔެ، ފެންނާނޭހެން ބަހައްޓަންވާނެއެވެ.

(ރ) ޓޫރިސްޓް އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަޅުވެރިންނާއި މުވައްޒަފުން ޑިއުޓީ ގަޑީގައި ތިބެންވާނީ ފަޅުވެރިންނާއި މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ޔުނީފޯމެއްގައެވެ.

(ބ) ޓޫރިސްޓު އުޅަނދުގައި މަސައްކަތްކުރާ ފަޅުވެރިންނާއި މުވައްޒަފުން ވަކިވާނޭހެން އެނގޭނެގޮތަށް ޔުނީފޯމްގައި، މުވައްޒަފެއްނަމަ  "STAFF“ ފަޅުވެރިއެއްނަމަ “CREW “މިހެން ލިޔެފައިވާ ނޭމް ޓެގެއް ހަރުކުރެވިފައި ހުންނަންވާނެއެވެ.

(ޅ) ގެސްޓް ކޮޓަރިތަކާ ވަކިން ވަދެވޭގޮތަށް މުވައްޒަފުން ނިދައި ހެދުމަށް ވަކި ކެބިންއެއް ހުންނަންވާނެއެވެ. އަދި ކޮންމެ މުވައްޒަފަކު ނިދާނެ އެނދަކާ، ތަޅުލެވޭ އަލަމާރިއެއް ނުވަތަ އެކަށީގެންވާ ސައިޒެއްގެ ވަތްގަނޑެއް އަދި ކޮންމެ 6 މީހަކަށް ފާހާނާއެއްގެ މަގުން ފާހާނާ ހުންނަންވާނެއެވެ.މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް އުޅަނދުގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ އުޅަނދުތައް މި މާއްދާއިން އިސްތިސްނާވާނެއެވެ.

(ޅ) މުވައްޒަފުންގެ ފާހާނާތަކުގައި ތިރީގައި ވާ ތަކެތި ހުންނަންވާނެއެވެ.

  1. ކޮންމެ ފާހާނައެއް ހުންނަންވާނީ ފަސޭހައިން ފާހާނަކޮށް ފެންވެރޭގޮތަށެވެ.
  2. ފާހާނާގެ ބިތްތައް ހަދާފައި ހުންނަންވާނީ ފެންވަދެ ހަލާކުނުވާފަދަ (ވޯޓަރ ޕްރޫފް) އަދި ފަސޭހައިން ާސފުކުރެވޭފަދަ އެއްޗަކުންނެވެ.
  3. ފާހާނާގެ ތަޅުން ހަދާފައި ހުންނަންވާނީ ފެންވަދެ ހަލާކުނުވާފަދަ (ވޯޓަރ ޕްރޫފް) އަދި ފަސޭހައިން ސާފުކުރެވޭފަދަ ނުކައްސާ އެއްޗަކުންނެވެ. އަދި ތަޅުން އެޅިފައި ހުންނަންވާނީ ޑްރެއިން އަށް ފެންފަހިވާގޮތަށް ތަޅުން މައްޗަށް އެޅޭފެން ފަސޭހައިން ދެމޭ ގޮތަށެވެ.
  4. ކޮންމެ ފާހާނައެއްގައި މަތިޖެހޭ ގޮތަށް ހުންނަ އިށީންނަ ފާހާނާ ތަށި ފްލަށިންގ ސިސްޓަމާއި އެކު ހަރުކުރެވިފައި  ހުންނަންވާނެއެވެ.
  5. މުސްލިމް ށަވަރު ހުންނަންވާނެއެވެ.
  6. ފެންވަރާ މާގަނޑެއް ހުންނަންވާނެއެވެ.
  7. މޫނު ދޮންނަ ތައްޓެއް އިސްކުރާއެކު ހުންނަންވާނެއެވެ.
  8. ފާހާނާ ތެރޭގައި ތުވާލި އެޅުވޭނެގޮތެއް ހުންނަންވާނެއެވެ.
  9. ފާހާނާ ތެރޭގައި އެކަށީގެންވާ އަދަދަކަށް ޓޮއިލެޓް ޕޭޕަރ  ހުންނަން ޖެހޭނެއެވެ.
  10. ފާހާނާގެ އެތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ފާހާނާތެރޭގައި ހަރުކުރެވިފައި  ހުންނަންވާނެއެވެ.
  11. ކޮންމެ ފާހާނައެއް ހުންނަންވާނީ އެކަށީގެންވާމިންވަރަށް ވައި ދައުރުވާގޮތަށެވެ.
  12. xii .ކޮންމެ ފާހާނައެއްގައި އެތެރެއިން ތަޅުލެވޭގޮތަށް ދޮރުފަތް ހަރުކުރެވިފައި ހުންނަންވާނެއެވެ.
  13. ފާހާނަ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ލިޔެ ފާހާނައިގެ ތެރޭގައި ހަރުކުރެވިފައި ުހންނަން ޖެހޭނެއެވެ. ފާހާނަ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަ ނަމަ ފާހާނަ އެތެރޭގައި މަދުވެގެން 1 އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ.
  14. ފާހާނާ އެތެރޭގައި މަތިޖަހާ ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ. މިފަދަ ވަށިގަނޑެއް މުވައްޒަފުންގެ ކޮޓަރިތެރޭގައި ބަހައްޓާފައިވާނަމަ، ފާހާނައިގައި ނުބެހެއްޓިއަސް ފުދޭނެއެވެ.
  15. އެކަށީގެންވާ ސައިޒެއްގެ މޫނު ބަލާ ލޯޯގަނޑެއް ފާހާނާގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުންނަ މީހަކަށް އެކަށީގެންވާވަރަށް އަލިކަން ލިބޭގޮތަށް ހުންނަންވާނެއެވެ.

(އ) މުވައްޒަފުންނާއި ފަޅުވެރިން ތިބުމަށް ހަދާފައިހުންނަ ކޮޓަރިތައް ހުންނަންވާނީ ތިރީގައި މިވާ ސާމާނާއި ފިޓިންގްސް އާއެކު ތިރީގައި މިވާ މިންގަނޑަށް ހަދާފައެވެ.

  1. ކޮންމެ މީހަކަށް ވަކި އެނދަކާއި ކޮންމެ އެނދެއްގައި ތުނިވެގެން "4 "އިންޗީގެ ގޮދަޑިއަކާއި ބެޑްށީޓެއް އަދި ކޮންމެ އެނދަކަށް އުރައާއެކު ބާލީހެއް.
  2. މޫނު ބަލާ ލޯޯގަނޑެއް ކެބިން ތެރޭގައި ހުންނަންވާނެއެވެ.
  3. ފޮށި، ދަބަސް ބަހައްޓާނެ ތަނެއް، ކެބިންތެރޭގައި ނުވަތަ ކެބިން ބޭރުގައި ކޮންމެ މުއައްޒަފަކަށް ވަކިން ތަޅުލެވޭގޮތަށް ހާއްސަކުރެވިފައިވާ ތަނެއް.
  4. ކޮންމެ ކެބިން އެއްގައި ހެދުން ބަހައްޓާނެ އަލަމާރިއެއް މަދުވެގެން ކޮންމެ މުވައްޒަފަކަށް އެކަށީގެންވާ 2(ދޭއް) ކޮނޑާއެކު.
  5. ކެބިންގެ އެތެރެ އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ.
  6. ކޮންމެ ކެބިން އެއްގައި ކަރަންޓު ނެގޭގޮތަށް ކޮންމެ 3 (ތިނެއް) މުވައްޒަފަކަށް 1 (އެކެއް) ސޮކެޓް ސްވިޗްގެ ނިސްބަތުން ސޮކެޓް ސްވިޗް ހަރުކުރެވިފައި ހުންނަންވާނެއެވެ.
  7. ކެބިންތައް ހުންނަންވާނީ އެކަށީގެންވާމިންވަރަށް ވައިދައުރުވާގޮތަށެވެ. އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއި އެކު ފަންކާ ހަރުކުރެވިފައި ހުންނަންވާނެއެވެ.
  8. ކޮންމެ ކެބިންއެއްގެ ދޮރުގައި އެތެރެއިން ތަޅުލެވޭގޮތަށް ތަޅެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  9. ކެބިންގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް، އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ލިޔެ ހަރުކުރެވިފައި ހުންނަންވާނެއެވެ. ކެބިންގެ އެތެރޭގަ ިއ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަ ނަމަ މަދުވެގެން 1 (އެކެއް) އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ. 
  10. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަން ވާނެއެވެ. އަދި އެމެޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް އޮންނަންވާނެއެވެ.

 

ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުން

 

20 ވަނަ މާއްދާ - އަލިފާންނިވި ބެހެއްޓުން

(ހ) އަލިފާނުގެ ހާދިސާ އަކުން ސަލާމަތްވުމަށްޓަކައި ޓޫރިސްޓް އުޅަނދުގައި އަންނަނިވި ތަންތަނުގައި އަލިފާންނިވި ބެހެއްޓިފައި ހުންނަންވާނެއެވެ.

  1. ގެސްޓުންނާއި، މުވައްޒަފުންނާއި ފަޅުވެރިންގެ ކޮޓަރިތައް ހުންނަ ހިސާބު.
  2. އިންޖީނު ރޫމް (އެތެރެއާއި ބޭރުގައި)
  3. ބަދިގެ (އެތެރެއާއި ބޭރުގައި)
  4. ބާރ އާއި ޑައިނިން އޭރިޔާ.
  5. ކޮރިޑޯ ތަކާއި އާންމު ސަރަހައްދުތައ

 

21 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން 

(ހ) ކޮންމެ ޓޫރިސްޓް އުޅަނދެއްގައިވެސް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އޮންނަންވާނެއެވެ. މި ޕްލޭނުގައި އަލިފާނުގެ ނުވަތަ އެހެންވެސް ހާދިސާއެއް ދިމާވެއްޖެމަނަ ޓޫރިސްޓުންނާއި ފަޅުވެރިން އަމަލުކުރާނެ ގޮތް ބަޔާންކުރެވިފައި އޮންނަންވާނެއެވެ. 

(ށ) އެބެންޑަން ށިޕް ޕްރޮސީޖަރ ފެންނަގޮތަށް ބެހެއްޓުން

އަލިފާނުގެ ހާދިސާ އަކުން ސަލާމަތްވުމަށްޓަކައި އަލިފާނުގެ ހާދިސާއެއްގައި ކަންކުރަންވީގޮތާއި އިމަޖެންސީ ހާލަތެއްގައި އުޅަނދު ދޫކޮށް ފައިބަން ޖެހިއްޖެނަމަ އެފަދަ ހާލަތެއްގައި އަމަލު ކުރާނެގޮތް (އެބަންޑަން ށިޕް ޕްރޮސީޖަރ) ކުރެހުމާއި އެކު ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެ ފަސޭހައިން ފެންނާނޭހެން ތިރީގައިއެވާ ތަންތަނުގައި ހަރުކުރެވިފައި ހުންނަންވާނެއެވެ.

  1. ގެސްޓުންނާއި، މުވައްޒަފުންނާއި ފަޅުވެރިންގެ ކޮޓަރިތަކާ ކެބިން ތަކުގެ ވަންނަ ދޮރުގެ އެތެރެ ފަރާތް.
  2. އިންޖީނު ރޫމުގެ ތެރޭގައި އެރޫމް ތެރެއަށް ފަސޭހައިން  ފެންނާނޭހެން.
  3. ބަދިގެ އެތެރޭގައި ފަސޭހައިން ފެންނާނޭހެން.
  4. ބާރ އާއި ޑައިނިންގް އޭރިޔާގައި ފަސޭހައިން ފެންނާނޭހެން.
  5. ކޮރިޑޯތަކާއި އާންމު ސަރަހައްދުތައް

 

22 ވަނަ މާއްދާ -  (ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓު އުޅަނދަށް ކަނޑުމަތީގައި އެއްވެސް ހާދިސާއެއް ދިމާވެއްޖެނަމަ އެކަން މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއަށާއި ކޯސްޓް ގާޑަށް ވަގުތުން އަންގަންވާނެއެވެ. އަދި ދިމާވާ ހާދިސާގައި އުޅަނދުގެ ވެރި ފަރާތުން ނުވަތަ އެނޫންވެސް ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިންނަމަވެސް އެކަމެއްގެ މައުލޫމާތު މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާޑަށް އަންގަންވާނެއެވެ.

(ށ) ޓޫރިސްޓު އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެކަން ވަގުތުން މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯޯސްގެ ފަޔަރ އެނޑް ރެސްކިޔު ސާރވިސްއަށް އަންގަންވާނެއެވެ.

(ނ) ޓޫރިސްޓު އުޅަނދއްގައި އަލިފާނުގެ ނުވަތަ އެހެންވެސް ހާދިސާއެއް ދިމާވެއްޖެނަމަ ވަގުތުން  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެކަމުގެ މައުލޫމާތު ދޭންވާނެއެވެ. އަދި އުޅަނދު ހިންގާ ފަރާތުން މިކަމުގެ ތަފްސީލް ލަސްނުކޮށް މިނިސްޓްރީ އޮފް ޓޫރި ަޒމް އެންޑް ސިވިލް އޭވިއޭށަނަށް ލިޔުމަކުން ފޮނުވަންވާނެއެވެ. 

 

އެހެނިހެން ކަންތައްތައް

 

23 ވަނަ މާއްދާ - ބުއިމަށާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ފެން.

(ހ) ޓޫރިސްޓު އުޅަނދުގައި ބުއިމަށާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ފެން ހުންނަންވާނީ ސަރުކާރުގެ ކަމާބެޭހ އިދާރާއަކުން އެފަދަ ބޭނުމަށް ބޭނުންކުރާ ފެން ހުންނަންޖެހޭނެކަމަށް ކަނޑައަޅާ މިންގަނޑަކަށެވެ.

 

24 ވަނަ މާއްދާ - ތަކެތިީ ރައްކާކުރުން

ކާބޯތަކެތި ރައްކާކުރެވިފައި ހުންނަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކާބޯތަކެތި ރައްކާކުރުމަށްޓަކައި އެއިރެއްގައި ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

25 ވަނަ މާއްދާ - ޕެސްޓް ކޮންޓްރޯލް

ޓޫރިސްޓު އުޅަނދުގައި ޕެސްޓް ކޮންޓްރޯލް ކުރުމަށް އެކަށޭނަ ނިޒާމެއް ރޭވިފައި އޮންނަންވާނެއެވެ.

 

26 ވަނަ މާއްދާ -  (ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް އުޅަނދުފަހަރުގައި ހުންނަ ހުރިހާ އާންމު ސަރަހައްދުތައް އަލިކުރުމަށްޓަކައި އެކަށިގެންވާ ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ.

27 ވަނަ މާއްދާ -  (ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް އުޅަނދުފަހަރުގައި ހުންނަ ހުރިހާ އާންމު ސަރަހައްދުތަކުގައި އިމަރޖެންސީ ލައިޓް ހަރުކުރެވިފައި ހުންނަން ވާނެއެވެ. އަދި އެމެޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗު ހުންނަންވާނެއެވެ. 

 

28 ވަނަ މާއްދާ - ކުރިން ހުއްދަ ދީފައިވާ ޓޫރިސްޓް އުޅަނދުތައް

މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު  ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިން ަގމުން ގެންދާ ޓޫރިސްޓް އުޅަނދުތަކުގައި މިގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި މި ގާވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

 

29 ވަނަ މާއްދާ(ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް އުޅަނދުފަހަރުގެ ބޭރާއި އެތެރެ ހުންނަންވާނީ އެކަށީގެންވާ ފެންވަރަކަށް ސާފުތާހިރުކޮށް ރަނގަޅަށް މެއިންޓެއިންކުރެވިފައެވެ.

 

30 ވަނަ މާއްދާ - (އިސްލާހު ކުރެވިފައި) (ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓް އުޅަނދުފަހަރަށް ކިޔާ ނަމަކީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތެއްގައި ވިޔަފާރި ނަމެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ނަމަކަށް ވާންވާނެއެވެ. އަދި އެނަން ފިޔަވައި އެހެން ނަމެއް ޓޫރިސްޓް އުޅަނދު މާކެޓްކުރުމަށް ނުވަތަ ޓޫރިސްޓް އުޅަނދާގުޅޭ އެހެންވެސް ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ފާސްކުރާ ނަމަކީ، ޓްރާސްޕޯޓް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ ނަމަށްވުން ލާޒިމެއް ނޫނެވެ.

(ނ) މި މާއްދާގެ (ހ)ގެ ދަށުން ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ނަމާއެކު، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދު" ގެ 3.21 އަދި 3.22 ގައިވާ ގޮތުގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ރަޖިސްޓްރީ ނަންބަރު އުޅަނދުގައި ފެންނަން ހުންނަންވާނެއެވެ.

 

ޓޫރިސްޓް ޓެކްސް ދެއްކުން

 

31 ވަނަ މާއްދާ - ގެސްޓް ރަޖިސްޓްރީ ކުރުމާއި މައުލޫމާތު ދިނުމާއި ޓޫރިޒަމް ޓެކްސް

(ހ) ޓޫރިސްޓު އުޅަނދުގައި ބައިތިއްބާ ހުރިހާ މީހުންގެ މައުލޫމާތު ގެސްޓްރަޖިސްޓްރީގައި ލިޔަންވާނެއެވެ. ގެސް ްޓ ރަޖިސްޓްރީގެ ނަމޫނާ ޖަދުވަލު 2 ޓެކްސް ގައި ވާނެއެވެ.

(ށ) ގެސްޓުން ރަޖިސްޓްރީ ކުރުމަށް ގެސްޓް ރަޖިސްޓްރޭށަން ކާޑް ފުރަންވާނެއެވެ. ގެސްޓް ރަޖިސްޓްރީ ކާޑުގައި ހިމަނަންޖެހޭ މައުލޫމާތުޖަދުވަލު 3 ގައި ވާނެއެވެ.

(ނ) ކޮންމެ ދުވަހަކުވެސް އެދުވަހަކު ޓޫރިސްޓް އުޅަނދަށް ޗެކްއިން ޗެކްއައުޓްކުރި މީހުންގެ މައުލޫމާތު ގެސްޓް ރަޖިސްޓްރީގައި ހިމަނަންޖެހޭނެއެވެ. 

 

32 ވަނަ މާއްދާ - (ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓު އުޅަނދު ހިންގާ ފަރާތުން ގާނޫނު ނަންބަރު "2/1999" ގެ 35 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ވޭތިވެދިޔަމަހުގެ ޓެކްސް ހިނގާ މަހުގެ 15 ވަނަ ދުވަ ުހގެ ނިޔަލަށް ގަވާއިދުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކަން ވާނެއެވެ. 

(ށ) ޓޫރިސްޓް އުޅަނދެއްގައި ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ތިބި ޓޫރިސްޓުންނާ ބެހޭ މައުލޫމާތު (ޓެކްސް ށީޓް)، ހިނގާ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި މައުލޫމާތު ހުށާހަޅާނީ ޖަދުވަލު 4 ގައިވާ ނަމޫނާއާ އެއްގޮތަށެވެ. (އިސްލާހު ކުރެވިފައި)

 

33 ވަނަ މާއްދާ -  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތު 

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކޮންމެ ޓޫރިސްޓު އުޅަނދެއްގައި ވޭތިވެދިޔަ މަހު ތިބި ޓޫރިސް ުޓންނާބެހޭ މައްލޫމާތު، މިގަވާއިދުގެ ޖަދުވަލު 5 ގައިވާ ނަމޫނާއާ އެއްގޮތަށް ފުރިހަމަކުރުމަށްފަހު ޖެހިގެން އަންނަ މަހުގެ 7 (ހަތެއް) ވަނަ ދުވަހުގެ ކުރިން  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އެ ދުވަހަކީ ބަންދު ދުވަހެއްނަމަ، ދެން އެންމެ ފުރަތަމަ އޮފީސް ހުޅުވޭ ދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ރ) ގައި ބުނެފައިވާ މައުލޫމާތު ގަވާއިދުން  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ނުފޮނުވާނަމަ، ކޮންމެ ފަހަރަކަށް  1000ރ (އެއްހާސް ރުފިޔާ) އިން ޖޫރި ަމނާ ކުރެވޭނެއެވެ. އަދި މިކަން 3 ފަހަރު ތަކުރާރުވެއްޖެނަމަ ޓޫރިސްޓު އުޅަނދު ހިންގުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ލިބިގެން ވެއެވެ.

 

34 ވަނަ މާއްދާ - ގަވާއިދާއި ހިލާފުވުން

(ހ) ޓޫރިސްޓު އުޅަނދު ރަޖިސްޓްރީ ކުރުމަށްފަހު ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ހުއްދަ އައުނުކޮށް ހޭދަވާ ކޮންމެ ދުވަހަކަށް 500ރ (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) ޓޫރިސްޓު އުޅަނދަކުން ދޭންޖެހޭ ހިދުމަތުގެ ފެންވަރު  ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެ ޓޫރިސްޓް އުޅަނދެއް ހިންގާ ފަރާތެއް 1،000،000ރ (އެއްމިލިއަން) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމުގެ އިތުރު ްނ، ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި، އެތަނަކަށް ދޫކޮށްފައިވާ ހުއްދަ، އެކަމެއް އިސްލާހްކުރަންދެން ހިފެހެއްޓުމުގެ އިހްތިޔާރު  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގައި އަދަބު ކަނޑައެޅިފައި ނުވާ މާއްދާއަކާ ޓޫރިސްޓް އުޅަނދު ހިންގާ ފަރާތަކުން ހިލާފްވެއްޖެނަމަ، އެހިލާފްވުމުގެ ކުޑަބޮޑުމިނަށް ބަލައި 100،000ރ (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއެކު އެތަނަކަށް ދޫކުރެވިފައިވާ ހުއްދަ, ތިރީގައިމިވާ މުއްދަތު ތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަރު, 1 މަސްދުވަހާއި 3 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް.
  2. ދެވަނަފަހަރު, 3 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް.
  3. ތިންވަނަފަހަރު, 6 މަސްދުވަހާއި 1 އަހަރުދުވަހުގެ މުއްދަތަކަށް.

(ރ) ތިން ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވެއްޖެނަމަ, އެއުޅަނދަކަށް ދޫކުރެވިފައިވާ ހުއްދަ ބާތިލު ކުރުމުގެ އިހްތިޔާރު  ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެން ވެއެވެ. އަދި މިގޮތަށް ހުއްދަ ބާތިލު ކުރެވިއްޖެނަމަ، އެ އުޅަނދަކަށް އަދި ނުވަތަ އެއުޅަނދު ހިންގާ ފަރާތަކަށް ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ދޫނުކޮށް ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ލިބުގެންވެއެވެ.

 

35 ވަނަ މާއްދާ - މާނަ

މިގަވާއިދުގައި، އެހެންގޮތަކަށް މާނަކޮށްފައިނުވާހާ ހިނދަކު؛ 

(ހ) "ޓޫރިސްޓު އުޅަނދު" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީއިން ކަނޑައަޅާ ފެންވަރަކަށް ނިދުމާއި ކެއުން ހަމަޖެހޭ ގޮތަށް، އަދި އެއުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން އަގުދައްކާ ގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ އުޅަނދަށެވެ.

(ށ) "ޓޫރިސްޓެއް ނުވަތަ ގެސްޓެއް" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް އަންނަ ދިވެހި ރައްޔިތަކު ނޫން "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހަކަށެވެ. "ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިސްޓެއް ނޫން ގޮތަކަށް ރާ ްއޖޭގައި ހުރުމަށް ކަމާ ބެހޭ ފަރާތުން ދޭ ހުއްދަ އެވެ. 

(ނ) "ގެސްޓް ރަޖިސްޓްރީ" ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓުންނާއި ބެހޭ މައުލޫމާތު ނޯޓު ކުރުމަށް  ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކުރައްވާފައިވާ ނަމޫނާއާއި އެއްގޮތަށް ކަރުދާހުގައި ލިޔެފައި ހުންނަ ރިކޯޑަށެވެ.

(ރ) "ރެޖިސްޓްރޭށަން ކާޑް" ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓުންގެ މައުލޫމާތު ހޯދުމަށް ފުރާ ކާޑަށެވެ.

(ބ) "ހައުސް ކައުންޓް" ކަމަށް ބުނެފައިއެވަނީ، ކޮންމެ ދުވަހަކު ޓޫރިސްޓް އުޅަނދުގައި ތިބޭ ޓޫރިސްޓުންގެ އަދަދަށެވެ.

(ޅ) "ޓޫރިސްޓު ބެޑް ކެޕޭސިޓީ" ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓުންނަށް ތިބެވޭ ޖުމްލަ އެނދުގެ އަދަދަށެވެ.

(ކ) "ފުލް އޮކިއުޕަންސީ" ކަމަށް ބުނެފައި ވަނީ ޓޫރިސްޓު އުޅަނދުގައި ރަޖިސްޓަރީ ކޮށްފައިވާ އެނދުގެ އަދަދަށް ޓޫރިސްޓުން އުޅަނދުގައި  ތިބެފި ނަމައެވެ.

 

36 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށޭނީ 01 ޖެނުއަރީ 2008 ދުވަހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1. ވަނަ އިސްލާހު

2. ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު