-

ޓުއަރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު

(2006)

 

1 ވަނަ މާއްދާ - ގަވާއިދު

މިި ގަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999) ގެ 32 ވަނަ މާއްދާ އާއި 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދިނުމާބެހޭ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭށަނުން ހަދާފައިވާ ގަވާއިދެކެވެ. 

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގައި ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު " އެވެ.

 

3 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި, އެއިބާރާތެއް ހިމެނިފައިވާ ގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު؛

"ޓޫރިޒަމާގުޅުންހުރި ދަތުރުރާވައި ހިންގުމުގެ ހިދުމަތް" ކަމަށް ބުނެފައިއެވަނީ, ހައްޖާއި އުމްރާވުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެންދާ ދަތުރުތައް ފިޔަވައި, ޓްރެވަލް އެޖެންސީތަކުންނާއި ޓުއަރ އޮޕަރޭޓަރުންނާއި, އަދި މިނޫންވެސް ރާއްޖެއަށް އަންނަ މީހުންނާއި ރާއްޖެއިން ބޭރަށްދާ މީހުންގެ ދަތުރު, ވިޔަފާރީގެ އުސޫލުން ރާވައި ހިންގާ ފަރާތްތަކުން ދޭ ދަތުރުގެ ހިދުމަތްތަކަށެވެ.

 

4 ވަނަ މާއްދާ - ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދިނުމުގެ ހުއްދަ

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންވެގެންވާފަ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭންވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނުން އެކަމަށް ދޫކުރާ ހުއްދައެއް ހޯދުމަށް ފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހުއްދަ ހޯދުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ހުށަހަޅަންވާނީ އެކަމަށް ކަނޑައެޅިފައިވާ އެޕްލިކޭށަން ފޯމުންނެވެ. (އެޕްލިކޭށަން ފޯމުގެ ކޮޕީ އެއް މި ގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީ އެވެ.) 

 

5 ވަނަ މާއްދާ - ހުއްދަދިނުމުގެ ށަރުތު

މި ގަވާއިދުގެ (4) ވަނަ މާއްދާގައި ބުނެފައިވާ ހުއްދަ ދޫކުރެވޭނީ މި ގަވާއިދުގައިވާ ގޮތުގެމަތީން ތިރީގައިމިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ކުންފުންޏެއް ނުވަތަ އެނޫންވެސް ވިޔަފާރި ޖަމާއަތެއްނަމަ,  އެކުންފުނީގެ ނުވަތަ އެވިޔަފާރި ޖަމާއަތުގެ އަސާސީ ގަވާއިދުގައިވާ މަގްސަދުތަކުގެ ތެރޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުން ހިމެނިފައިވުން. 

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ގެންދާ އޮފީހެއް ހުރުން.

(ނ) މި ގަވާއިދުގެ ދަށުން ދެވޭ ހިދްމަތްތައް އެތަނަކުން ލިބެންހުރުން.

 

6 ވަނަ މާއްދާ - ރާއްޖެއިން ބޭރު ފަރާތްތަކަށް ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުން

(ހ) މިގަވާއިދުގެ ދަށުން ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ނުވަތަ ރައްޖޭން ބޭރު ގައުމެއްގެ ރައްޔިތެއް ހިމެނޭ ކުންފުންޏަކަށް ނުދެވޭނެއެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ ޓްރެވަލް އެޖެންސީ ތަކަށް ނުވަތަ ޓުއަރ އޮޕަރޭޓަރުންނަށް، އެފަދަ ތަންތަނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އެފަދަ ތަންތަނުގެ ރެޕްރެޒެންޓޭޓިވް އޮފީހެއް ރާއްޖޭގައި ހުޅުވިދާނެއެވެ. އަދި މިގޮތަށް އޮފީހެއް ހުޅުވާއިރު 
އެކަމަށްޓަކައި ހާއްސަ ހުއްދަ އެއް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނުން ހޯދަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ އަށް އެދޭ ބޭރުގެ ޓްރެވަލް އެޖެންސީ ނުވަތަ ޓްއަރ އޮޕަރޭޓަރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި އެތަނެއް ރީ ރަޖިސްޓަރ ކުރަންޖެހޭނެއެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ރެޕްރެޒެންޓޭޓިވް އޮފީހެއް ހުޅުވުމުގެ ހުއްދަ އަށް އެދޭ އިރު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގައި ރީ ރަޖިސްޓްރީ ކުރި ކަމުގެ ލިޔުން.
  2. ކުންފުނީގެީ އަސާސީ ގަވާއިދުގެ ކޮޕީއާއި ހިންގާ ގަވާއިދުގެ ކޮޕީ.

(ނ) މި މާއްދާގެ (ހ)ގެ ދަށުން ރާއްޖޭގައި ރެޕްރެޒެންޓޭޓިވް އޮފީހެއް ހުޅުވުމުގެ ހުއްދަ ދޭއިރު އެފަދަ އޮފީހެއްގައި މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) (ށ) (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ މިންގަޑުތައް ހުންނަންޖެހޭނެއެވެ.

 

7 ވަނަ މާއްދާ -

މިގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދައިގެ މުއްދަތަކީ 5 އަހަރުދުވަހެވެ. މި ހުއްދަ ޓޫރިޒަމާ ގުޅުންހުރި ދަތުރުރާވައި ހިންގުމުގެ ހިދުމަތްދޭތަނުގައި އާންމުކޮށް ފެންނާނެހެން ބަހައްޓަން ވާނެއެވެ.

 

8 ވަނަ މާއްދާ - ހުއްދަ އާކުރުން

މިގަވާއިދުގެ 7 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތު ހަމަވުމުގެ 1 މަސްދުވަސް ކުރިން، މިގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ހުސްވުމުގެ ކުރީން ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ހުށަހަޅަން ވާނެއެވެ. މި އަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ އެކުންފުންޏަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ -

މި ގަވާއިދަށް އަމަލުރަން ފަށާއިރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނުން ހުއްދަ ލިބިގެން ހިންގަމުން ގެންދާ ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދެމުން ގެންދާ ފަރާތްތަކުން، މިގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މި ގާވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ޓޫރިޒަމާ ގުޅުންހުރި ދަތުރުރާވައިހިންގުމުގެ ހިދުމަތްދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑު ތައް  (10ވަނަ ނަންބަރު ތަކުރާރުވެފައި)

ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭންވާނީ, އެކަމަށް ކަނޑައަޅާފައިވާ ވަކި އޮފީހަކުންނެވެ. މި އޮފީސް ހުންނަންވާނީ މަދުމިނުން އަންނަނިވި މިންގަޑުތަކަށް ފެތޭގޮތަށެވެ.

(ހ) އޮފީހާ ގުޅޭނެ ޓެލެފޯނު/ފެކްސް ނަމްބަރަކާއި، އީމެއިލް އެޑްރެހެއް އޮތުން.

(ށ) އޮފީސް ހުންނަ އިމާރާތުގައި ފެންނަގޮތަށް އެފަރާތުގެ ނަންބޯޑު ހުރުން.

(ނ) އާންމުގޮތެއްގައި އޮފީސް ހުޅުވިފައި ހުންނަގަޑިތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް އަންގައި އެގަޑިތަކުގައި އޮފީސްހުޅުވާފައި ބަހެއްޓުން.

(ރ) އޮފީސް ހުޅުވިފައިހުންނަ ކޮންމެ ގަޑިއެއްގައިވެސް، އޮފީހުގައި މުވައްޒަފަކު ހުރުމާއި، އެމުވައްޒަފަކީ އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭމީހަކަށްވުމާއި، އަދި އެ މުވައްޒަފަކީ އެތަނުންދޭ ހިދުމަތާއި ބެހޭ މައުލޫމާތު އޮޅުން ފިލުވައިދެވޭފަދަ މީހަކަށްވުމާއި، އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގެ ތެރެއިން ކޮންމެވެސް އެއް ގަޑިއަކީ ސަރުކާރުގެ ރަސްމީގަޑިތަކުގެ ތެރެއިން ގަޑިއަކަށްވުން.

(ބ) ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތްތަކަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން ދައްކާ ފައިސާއަށް ރަސީދެއް ދިނުން.

(ޅ) ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތަށް ލިބެންވާ ފައިސާއަކަށް އެދި އެހެންފަރާތަކަށް ފޮނުވާ އިންވޮއިސްއަކީ, ވަކިނަމޫނާއަކަށް ތައްޔާރުކޮށްފައިވާ އެއްޗަކަށް ވުން.

 

10 ވަނަ މާއްދާ - އޮފީސް އެޑްރެސް ބަދަލުވުން (10ވަނަ ނަންބަރު ތަކުރާރުވެފައި)

ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމަށް ހުއްދަ ދެވޭ އޮފީހުގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެޑްރެސް ބަދަލުވާތާ ރަސްމީ ބަންދުދުވަސްތައް ފިޔަވައި 3 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަންއަށް ލިޔުމަކުން އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ - ނަން ބަދަލުކުރުން

ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ތަނެއްގެ ނަންބަދަލުކުރާނަމަ، ބަދަލުކުރަން އެދޭ ނަމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީ ކުރުމަށް ފަހު ރަސްމީ ބަންދުދުވަސްތައް ފިޔަވައި 3 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް އަންގައި އޮފީހުގެ ނަންބޯޑާއި ހުއްދަ ރަސްމީ ބަންދުދުވަސްތައް ފިޔަވައި 7 ދުވަހުގެތެރޭގައި ބަދަލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ހިއްސާ ބަދަލުކުރުން

ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ ނުވަތަ ހިއްސާދާރެއް ބަދަލުވާނަމަ، ނުވަތަ ކުންފުނީގެ ޑިރެކްޓަރެއް ބަދަލުވާނަމަ އެކަމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުއްދަ ދޭތާ ރަސްމީ ބަންދުދުވަސްތައް ފިޔަވައި 3 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - އެކިފަރާތްތަކަށް ފޮނުވާ ލިޔުންތައް

ޓޫރިޒަމާގުޅުންހުރި ދަތު ުރ ރާވައި ހި ްނގުމުގެ ހިދުމަތްދޭ ފަރާތްތަކުގެ މަސައްކަތާގުޅޭގޮތުން އެކިފަރާތްފަރާތަށް ފޮނުވާ ލިޔުންތައް ލިޔަންވާނީ,  އެފަރާތެއްގެ ލެޓަރހެޑްގައެވެ. އަދި އެފަރާތަކުން ބޭރުކުރާ ހުރިހާ ލިޔުމެއްގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނުން އެފަރާތަށް ދޫކުރާ ހުއްދައިގެ ނަންބަރު ޖަހަންވާނެއެވެ.

 

14 ވަނަ މާއްދާ - ވަކިވަކިން އަންނަފަތުރުވެރިން

(ހ) އެޑްވާންސް ބުކިންއެއް ނެތި ރާއްޖެ އަންނަފަތުރުވެރިން (ފްރީ އިންޑިވިޖުއަލް ޓްރެވަލަރ "އެފް.އައި.ޓީ") ރިޒޯޓް, ހޮޓެލް, ޔޮޓް މެރިނާ، ގެސްޓްހައުސް ނުވަތަ ޓޫރިސްޓް އުޅަނދުފަހަރަށް ފޮނުވާނަމަ އެފަދަ ކޮންމެ މީހަކަށް އެފް.އައި.ޓީ. ވައުޗަރެއް ދޫކުރަންވާނެއެވެ. މި ވައުޗަރަކީ, ވަކި ނަމޫނާއަކަށް ތައްޔާރުކޮށް, ތިރީގައިމިވާ މަލޫމާތުތައް އެކުލެވޭގޮތަށް ޗާޕުކޮށްފައިވާ އެއްޗަކަށް ވާންވާނެއެވެ.

  1. ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތުގެ ނަމާއި އެޑްރެހާއި ޓެލެފޯނު ނަންބަރާއި ފެކްސް ނަންބަރު.
  2. ރިފަރަންސް ނަންބަރު.
  3. ފޮނުވާ ރިޒޯޓް / ހޮޓެލް / މެރިނާ / ގެސްޓް ހައުސް / ޓޫރިސްޓް އުޅަނދު ނުވަތަ އެނޫންވެސް ތަނެއްގެ ނަން.
  4. ވައުޗަރުން ފަތުރުވެރިޔާއަށް ލިބިދެވޭނެ ހިދުމަތް.
  5. ފަތުރުވެރިޔާގެ ނަމާއި ގައުމު.
  6. ޕާސްޕޯޓް ނަންބަރު.
  7. ޗެކްއިންކުރާ ތާރީހް
  8. ޗެކްއައުޓްކުރާ ތާރީހްއާއި ދާތަން.
  9. ފްލައިޓްއާއިބެހޭ ތަފްސީލް

(ށ) އެފް.އައި.ޓީ.ންގެ ގޮތުގައި ރާއްޖެ އަންނަ އެއްވެސް ފަތުރުވެރިއެއްގެ އަތުން، އެފަދަ ފަތުރުވެރިން ބޭނުންވާ ހިދުމަތެއް ނުވަތަ ހިދުމަތްތަކެއް ހަމަނުޖެހެނީސް އެޑްވާންސަށް ފައިސާ ނަގައިގެންނުވާނެއެވެ.

 

15 ވަނަ މާއްދާ - ރިޒަވޭށަން ވައުޗަރު

ފަތުރުވެރިއަކަށް ރިޒަވޭށަނެއް ހަދައިފިނަމަ، ރިޒަވޭށަން ހަދާ ތަނަކަށް އޭނާ ދިއުމުގެ ކުރިން، އޭނާއަށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ރިޒަވޭށަން ވައުޗަރެއް އެ ފަތުރުވެރިއަކަށް ދޭންވާނެއެވެ. މި ވައުޗަރުގައި އެފް.އައި.ޓީ.  ހިމެނުން ލާޒިމްކުރާ ހުރިހާ މައުލޫމާތު އެކުލެވެންވާނެއެވެ.

 

16 ވަނަ މާއްދާ - ޓިކެޓް ކޮންފާރމްކުރުން

ފަތުރުވެރި އެއްގެ އަތުން ރީކޮންފާރމް ކުރުމަށް ޓިކެޓް ނުވަތަ ޕާސްޕޯޓް އަތުލަންވާނީ, އެކަން އެނގޭފަދަ ރަސީދެއް އޭނާއަށް ދޫކޮށްފައެވެ. މިރަސީދުގައި ފަތުރުވެރިއެއްގެ ނަމާއި, ރާއްޖެއައި ދުވަހާއި ފުރާދުވަސް އަދި ފްލައިޓް ނަމްބަރު އެގެން އޮންނަންވާނެއެވެ. މި ރަސީދަކީ ވަކި ނަމޫނާއަކަށް ތައްޔާރުކޮށް ޗާޕުކުރެވިފައިވާ އެއްޗަކަށް ވާންވާނެއެވެ. ފަތުރުވެރިއެއްގެއަތުން ޓިކެޓް އަތުލައިފިނަމަ އެ މީހަކު ފުރަން ވައިގެބަނދަރަށް އަންނައިރު ނުވަތަ އޭގެ ކުރިން އެޓިކެޓް ނުވަތަ ޕާސްޕޯޓް އޭނާއަށް ލިބޭފަދަގޮތަކަށް ހަމަޖެހިފައި އޮންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ހިދުމަތްތަކުގެ އަގު  ލިސްޓް

ޓޫރިޒަމާގުޅުންހުރި ދަތު ުރ ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތަކުން ވިއްކާ, ރިޒޯޓް, ހޮޓެލް, ޔޮޓްމެރިނާ، ގެސްޓްހައުސް އަދި ފަތުރުވެރިން ބައިތިއްބާ އުޅަނދުފަހަރުގެ ހިދުމަތްތަކުގެ އަގުތައް ހަމަޖެހިފައިވާގޮތް އެގޭނެ ލިސްޓެއް, ހިދުމަތް ލިބިގަންނަ ފަރާތްތަކުން ބަލަންބޭނުންވެއްޖެ ހިނދެއްގައި ފެންނާނެގޮތަށް ޓޫރިޒަމާ ގުޅުންހުރި ދަތުރު ާރވައި ހިންގުމުގެ ހިދުމަތްދޭ ފަރާތުގެ އޮފީހުގައި އޮންނަންވާނެއެވެ. 

 

18 ވަނަ މާއްދާ - ހިދުމަތްތަކާ ބެހޭ މައުލޫމާތު

(ހ) ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތްތަކުންދޭ ހިދުމަތްތައް ބަޔާންކޮށްފައިވާ ލިޔުމެއް ތައްޔާރު ކުރަންވާނެއެވެ. މި ލިޔުމުގައި ށާއިއުކުރާ މައްލޫމާތަކީ ތެދު މައުލޫމާތުކަމުގައި ވާންވާނެއެވެ. މި ލިޔުމުގެ އިތުރުން ވެބްސައިޓްގައި ހިމަނާ މައުލޫމާތަކީ ވެސް ތެދު މައުލޫމާތުކަމުގައި ވާންވާނެއެވެ.

(ށ) ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތަކުން ފަތުރުވެރިޔަކަށް ވިއްކާ ހިދްމަތަކީ އެ ހިދުމަތް ދޭފަރާތަކުން އެހިދުމަތް ވިއްކުމުގެ ހުއްދަ, ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގާ ފަރާތަށް ލިބިފައިވާ ހިދުމަތަކަށް ވާންވާނެއެވެ.

 

19 ވަނަ މާއްދާ - ރިޒަވޭށަން  އެއްބަސްވުން

(ހ) ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތަކުން ރިޒޯޓް, ހޮޓާ, ޔޮޓްމެރީނާ، ގެސްޓްހައުސް، ނުވަތަ 
ޓޫރިސްޓް އުޅަނދަކުންދޭ ހިދްމަތަކާ ގުޅޭ ރިޒަވޭށަނެއް ހަދާނަމަ ތިރީގައިވާ ކަންތައްތަކާމެދު ރިޒަވޭށަން ހަދައިދެވޭ ފަރާތާއެކު އެއްބަސްވާންވާނެއެވެ.

(ހ) ރިޒަވޭށަން ކޮންފާރމް ކުރާނެގޮތް.

(ށ) ފައިސާ ދައްކާނެގޮތާއި މުއްދަތު.

(ނ) ކެންސަލްކުރެވޭނެ ގޮތާއި މުއްދަތު.

(ރ) ރިޒަވޭށަން ބަދަލުކޮށް ނުވަތަ ބާތިލް ކޮށްފިނަމަ ހަދާނެގޮތް.

(ށ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތަށް ރިޒަވޭށަނެއް ކޮންފާމް ކުރުމަށްފަހު، އެއްބަސްވެފައިވާގޮތް ނޫން ގޮތަކަށް ރިޒަވޭށަނެއް ކެންސަލްވެގެން ޓޫރިސްޓަކަށް ދިމާވާ ހުރިހާ ދަތިތަކެއްގެ ޒިންމާ ރިޒަވޭށަން ކޮންފާމްކޮށްދޭ ފަރާތަކުން ނަގަންވާނެއެވެ. 

 

20 ވަނަ މާއްދާ - އެއަރޕޯޓުގައި ބައިތިއްބާ މުވައްޒަފުން

(ހ) ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތުން އެއާޕޯޓަށް ފޮނުވާ މީހުންނަކީ އެންމެ ކުޑަމިނުން އިނގިރޭސިބަހުން ވާހަކަދައްކަން ދަންނަ މީހުންނަށް ވާންވާނެއެވެ.

(ށ) ރާއްޖެއަންނަ ފަތުރުވެރިންނާބެހޭ ވިޔަފާރިހޯދުމަށް އެއާޕޯޓްގައި އުޅެޭމީހުން ތިބެންވާނީ އެކަށީގެންވާ އަދި ސާފުތާހިރު ހެދުމެއްގައެވެ.  މިފަދަ މީހުންއަތުގައި އެމީހަކު މަސައްކަތްކުރާ ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގާފަރާތުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ކާޑެއް އޮންނަންޖެހޭނެއެވެ. މި ކާޑުގައި އެމީހެއްގެ ނަމާއި ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތުގެ ނަމާއި ތަފްސީލުހިމެނިފައިވާ ކާޑަކަށް ވާންވާނެއެވެ. މިކާޑު ދީފައިވާ މީހަކު ވަޒީފާއިން ވަކިކޮށްފިނަމަ އެމީހެއްގެ ކާޑު ބާތިލް ކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ވަޒީފާ ދިނުމާއި  ވަޒީފާއިން ވަކިކުރުން

ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ތަނަކުން ވަޒީފާ ދިނުމާއި، ވަޒިފާއާބެހޭ ހުރިހާކަންތައްތަކާއި، އެފަދަ ތަނެއްގައި މަސައްކަތްކުރަމުން ގެންދާ މުވައްޒަފަކު ވަޒީފާއިން ވަކިވާނަމަ ނުވަތަ ވަކިކުރާނަމަ އެމުވައްޒަފަކާ ދޭރެތެރޭ އަމަލުކުރަންވާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭށަން، އެމްޕްލޯއީމަންޓް އެންޑް ސޯށަލް ސެކިއުރިޓީއިން ހައްދަވާފައިވާ "ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގަވާއިދާ" އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

 

22 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު ބެލުމުގެ އިހްތިޔާރު

މިގަވާއިދުގެ ދަށުން ޓޫރިޒަމާ ގުޅުންހުރި ދަތު ުރ ރާވައި ހިންގުމުގެ ހުއްދަދީފައިވާ ތަންތަނުން ހިދުމަތް ދެނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި މި ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ޖޫރިމަނާ ކުރުމާއި  ހުއްދަ ހިފެހެއްޓުން

(ހ) ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ތަނަކުން ދޭހިދުމަތުގެ ފެންވަރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނުން ކަނޑައަޅާ މިންގަޑުތަކަށްވުރެ ދަށްވެއްޖެނަމަ, އެތަނެއް 1،000،000.00 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި, ކަމުގެ ކުޑަބޮޑުމިނަށް ބަލައި,  އެތަނަކަށް ދޫކޮށްފައިވާ ހުއްދަ, އެކަމެއް އިސްލާހު ކުރަންދެން ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) ފިޔަވައި މި ގަވާއިދުގެ އެހެން މާއްދާއަކާ ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތަކުން ނުވަތަ މި ގާވާއިދުގެ ދަށުން ރެޕްރެޒެންޓޭޓިވް އޮފީސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން ހިލާފުވެއްޖެނަމަ, އެތަނެއް 100،000.00 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖުރިމަނާ ކުރުމާއެކު އެތަނަކަށް ދޫކުރެވިފައިވާ ހުއްދަ, ތިރީގައިމިވާ މުއްދަތު ތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަރު, 1 މަސްދުވަހާއި 3 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް.
  2. ދެވަނަފަހަރު, 3 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް.
  3. ތިންވަނަފަހަރު, 6 މަސްދުވަހާއި 1 އަހަރުދުވަހުގެ މުއްދަތަކަށް.

 

24 ވަނަ މާއްދާ - ހުއްދަ ބާތިލު ކުރުން

ތިން ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވެއްޖެނަމަ, އެތަނަކަށް ދޫކުރެވިފައިވާ ހުއްދަ ބާތިލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ލިބިގެން ވެއެވެ. އަދި މިގޮތަށް ހުއްދަ ބާތިލު ކުރެވިއްޖެނަމަ، އަލުން އެތަނަކަށް ނުވަތަ އެފަދަ ތަނެއްގައިވާ ހިއްސާދާރަކު ހިމެނޭގޮތަށް އަލަށް އުފައްދާ ޓޫރިޒަމާ ގުޅުންހުރި ދަތުރުރާވައި ހިންގުމުގެ ހިދުމަތްދޭ ތަނަކަށް ހުއްދަ ދޫކުރެވޭނީ 3 އަހަރު ހަމަވުމުން, އެފަރާތެއްގެ ކަންތައްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނުން އަލުން ޗެކް ކުރުމަށް ފަހުގައެވެ. އެފަދަ ތަންތަނުގެ ހިއްސާ ދާރުންކަމުގައި ބެލެވޭނީ ހުއްދަ ބާތިލުކުރަން ދިމާވި ކަމެއް ހިނގި އިރު ހިއްސާ ދާރުންގެ ގޮތުގައި ތިބި މީހުންނެވެ.

 

25 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ 30 ނޮވެމްބަރ 2006 ދުވަހުން ފެށިގެންނެވެ.

 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1. ވަނަ އިސްލާހު

2. ވަނަ އިސްލާހު

  

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު