-

ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2010-20)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2021-171 ގެ 15 ވަނަ މާއްދާގެ (ށ) އިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ)  މިއީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި އެގާނޫނުގެ 49 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ 

(ށ) މި ގަވާއިދަށް ކިޔާނީ "ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 1999-02 ގެ 7 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ކުލި ކަނޑައެޅުން

(ހ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ކަނޑައަޅާނީ އެރަށެއް ނުވަތަ ބިމެއްގެ "މީންޓައިޑް ލައިން" ގެ މައްޗަށް ބިނާކޮށް ކަނޑައަޅާ ލޭންޑްއޭރިއާ އަށް ބިނާކޮށެވެ.

(ށ) 1 ޖެނުއަރީ 2011 ވަނަ ދުވަހު މިގަވާއިދަށް އަމަލުކުރަމްފަށާއިރު، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދީފައިވާ ރަށްރަށާއި ބިންބިމުގެ ލޭންޑް އޭރިޔާ ކަމަށް ކަނޑައަޅާނީ ޓޫރިޒަމާބެހޭ މިނިސްޓްރީއިން އެންޑޯޒް ކޮށޤފައިވާ ސައިޓް ޕްލޭންގައި އެރަށުގެ ނުވަތަ އެބިމުގެ އޭރިއާ ކަމަށް ކަނޑައަޅާފައިވާ އޭރިއާ ނުވަތަ އެރަށުގެ ނުވަތަ އެބިމުގެ އޭރިއާކަމަށް އެމިނިސްޓްރީގެ ރެކޯޑުގައިވާ އޭރިއާއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާފަދަ ސައިޓްޕްލޭނެއް ނެތް ރަށެއް ނުވަތަ ބިމެއްގެ ނުވަތަ ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެރަށުގެ ނުވަތަ އެބިމުގެ ލޭންޑް އޭރިއާ ރެކޯޑްކޮށްފައި ނެތް ރަށެއްގެ ނުވަތަ ބިމެއްގެ ކުލި ކަނޑައެޅުމަށްޓަކައި އެރަށުގެ ނުވަތަ އެބިމުގެ ލޭންޑް އޭރިއާ ކަމުގައި ބަލާނީ އެކަމަށްޓަކައި ކުރެވޭ ސަރވޭއަކުން ކަނޑައަޅާ ލޭންޑް އޭރިއާއެވެ. މި ބުނެވުނު ލޭންޑް އޭރިއާ ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހަރަދެއް ކުރަންޖެހޭނަމަ އެހަރަދެއް ކުރަންޖެހޭނީ ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތުންނެވެ. އަދި މިގަވާއިދަށް އަމަލުކުރަންފަށާ ތާރީހުންފެށިގެން 03 (ތިން) މަސް ދުވަހުގެ ތެރޭގައި މިބުނެވުނު ސަރވޭކޮށް ނިންމައި ކަނޑައެޅޭ ލޭންޑް އޭރިއާ ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންވާނެއެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 02 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާއިގެން، ރަށް ނުވަތަ ބިން ސަރވޭކޮށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލޭންޑް އޭރިއާ ރިވިއުކޮށް، ބިމުގެ ބޮޑުމިނަށް ތަފާތެއް އައިސްފައިވާކަން ނުވަތަ ނޫންކަން ޔަގީންކުރުމަށްފަހު، ކަނޑައަޅާ ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރަންވާނެއެވެ. މިއޭރިއާ ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހަރަދެއް ކުރަންޖެހޭނަމަ އެހަރަދެއް ކުރަންޖެހޭނީ ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތުންނެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ލޭންޑް އޭރިއާ ކަނޑައެޅޭ ރަށްރަށާއި ބިންބިން ކުއްޔަށްހިފާފައިވާ ފަރާތްތަކުންވެސް މިމާއްދާގެ (ރ) އަށް އަމަލުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށްފަހު ކުލި ދައްކަންވާނީ ރަޖިސްޓަރީކުރެވޭ ތާރީހުން ފެށިގެން، ފަހުން ރަޖިސްޓަރީކުރެވުނު ލޭންޑް އޭރިޔާއަށް ބިނާކޮށެވެ.

(ކ) މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާން ކޮށްފައިވާ ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރެވިފައިވާ ކަމަށްބެލެވޭނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީއިން އައު ލޭންޑް އޭރިއާ ރަޖިސްޓަރީކުރިކަން ބަޔާންކޮށް ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތަށް ދޫކުރާ ލިޔުމަކުންނެވެ.

(އ) މި މާއްދާގެ (ރ) ގެ ދަށުން ކަނޑައެޅޭ ލޭންޑް އޭރިއާގެ ސަބަބުން، އެބިމަކުން ސަރުކާރަށް ކުރިން ދައްކާފައިވާ ކުލީގެ އަދަދު އިތުރުވާނަމަ ނުވަތަ މަދުވާނަމަވެސް، ކުރިން ދައްކާފައިވާ ކުއްޔަށް އުނި އިތުރެއް ނުގެނެވޭނެއެވެ.

(ވ) މި ގަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ރަށުގެ ނުވަތަ ބިމުގެ ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށްފަހު، ގުދުރަތީގޮތުން ރަށް ވޮޑުމާއި ގިރުމުގެ ސަބަބުން ބިމުގެ ބޮޑުމިނަށް އަންނަ ބަދަލަކުން، ރަށުން ނުވަތަ ބިމުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔަށް ބަދަލެއް ނާންނާނެއެވެ.

(މ) ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމުން 01 ޖެނުއަރީ 2011 ގެ ކުރިން ދައްކަމުން އައި ކުލި ދެއްކުން ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ އެއްވެސް ފަރާތަކަށް ފަސްކޮށްދީފައިވާނަމަ، ކުލިދެއްކުން ފަސްކުރުމަށޤ ކޮށްފައިވާ އެގްރީމެންޓްގައި ކަނޑައެޅިފައިވާ ގޮތަށް އެކުލި ދައްކަންވާނެއެވެ. އަދި އެޑްވާންސްކޮށް އެއްވެސް ކުއްޔެއް ސަރުކާރަށް ނަގާފައިވާނަމަ އެޑްވާންސްކޮށް ނަގާފައިވާ ކުއްޔާމެދު އަމަލުކުރެވޭނީ ރަށްނުވަތަ ބިން ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގައި ބުނެފައިވާ ގޮތަށެވެ.

(ފ) ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދީފައިވާ ރަށްރަށާއި ބިންބިމުން 1 ޖެނުއަރީ 2011 ގެ ކުރިން ދައްކަމުން އައި ކުލީގެ އެންމެފަހު ކުއާޓަރު ނިމޭނީ 1 ޖެނުއަރީ 2011 ވަނަ ދުވަސްފަހުންނަމަ، 1 ޖެނުއަރީ 2011 ވަނަ ދުވަހުން ފެށިގެން އިތުރަކަށް ކުލި ދައްކާފައިވާ ދުވަސްތަކުގެ ކުލި މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ކުލިން އުނިކުރެވޭނެއެވެ.

(ދ) މި ގަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ރަށުގެ ނުވަތަ ބިމުގެ ލޭންޑް އޭރިއާ ރަޖިސްޓަރީކުރުމަށްފަހު، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން ރަށުގެ ނުވަތަ ބިމުގެ ލޭންޑް އޭރިއާ ބޮޑުކޮށްފިނަމަ، ރަށުގެ ނުވަތަ ބިމުގެ ބޮޑުމިނަށް އަންނަ ބަދަލާ އެއްގޮތަށް، އެރަށަކުން ނުވވަތަ އެބިމަކުން ދައްކަންޖެހޭ ކުއްޔަށް ބަދަލުގެނެވޭނެއެވެ. އަދި ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހުއްދަލިބިގެން ބޮޑުކުރެވޭ ލޭންޑް އޭރިއާ، ބިންބޮޑުކުރުމުގެ މަސައްކަތް ނިންމަތާ 7 ދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ތ) މި ގަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ރަށުގެ ނުވަތަ ބިމުގެ ލޭންޑް އޭރިއާ ރަޖިސްޓަރީކުރުމަށްފަހު، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ނުހޯދައި ރަށުގެ ނުވަތަ ބިމުގެ އޭރިއާ ބޮޑުކޮށްފިނަމަ، ބޮޑުކުރެވުނު އޭރިއާ ބޭނުންކުރުމުގެ ހުއްދަ ލިބިފައިވިޔަސް ނުވަތަ ނުވިޔަސް، އިތުރުވިބަޔަށް، އެރަށަކުން ނުވަތަ އެ ބިމަކުން ދައްކަންޖެހޭ ކުއްޔަށް ބަދަލުގެނެވޭނެއެވެ.

(ލ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިން ހިއްކުމުގައި ބިމާ ގުޅުވައިގެން ނުވަތަ ވަކިން ހިއްކި ކަމުގައި ވިޔަސް މި ގަވާއިދުގެ ދަށުން ބެލެވޭނީ އެ ތަނެއްގެ ލޭންޑް އޭރިއާ ބޮޑުކުރުން ކަމުގައެވެ.

 

5 ވަނަ މާއްދާ - ކުލި ދެއްކުން

(ހ) ގާނޫނު ނަންބަރު 1999-02 ގެ ދަށުން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނީ މިމާއްދާގައިވާ ގޮތުގެ މަތިންނެވެ.

  1. 200،000.00 (ދެލައްކަ) އަކަމީޓަރަށްވުރެ ބިމުގެ އޭރިޔާ ކުޑަ ބިމަކުން ނަގާ ކުލި 1،000،000.00 (އެއްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނަމަ، އެބިމެއްގެ ކުލިކަމުގައި ކަނޑައޅާނީ މީލާޑީ އަހަރަކަށް 1،000،000.00 (އެއްމިލިއަން) އެމެރިކާ ޑޮލަރެވެ. 1،000،000.00 (އެއްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ އެ ބިމުގެ ކުލި ކުޑަނަމަ، އެ ބިމެއްގެ ކުލި މީލާދީ އަހަރަކަށް ކަނށައަޅާނީ އެ ބިމުގެ ކޮންމެ އަކަމީޓަރަކަށް 8 (އަށެއް) އެމެރިކާ ޑޮލަރުން ހިސާބުކުރުމުން ޖެހޭ އަދަދެވެ.
  2. 200،001 (ދެލައްކަ އެކެއް) އަކަމީޓަރާޢި 400،000 (ހަތަރުލައްކަ) އަމަކީޓަރާއި ހަމައަށް ބިމަކުން ނެގޭ ކުއްޔަކީ މީލާދީ އަހަރަކަށް 1،500،000.00 (އެއްމިލިއަން ފައްސަތޭހާސް) އެމެރިކާ ޑޮލަރެވެ.
  3. 400،001 (ހަތަރުލައްކަ އެކެއް) އަކަމީޓަރަށްވުރެ ބޮޑު ބިމަކުން ނެގޭ ކުލި 2،000،000.00 (ދެމެލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނަމަ، އެބިމެއްގެ ކުލިކަމުގައި ބަލާނީ މީލާދީ އަހަރަކަށް 2،000،000.00 (ދެމިލިއަން) އެމެރިކާ ޑޮލަރެވެ.

 

(ށ) ގާނޫނު ނަންބަރު 1999-02 ގެ 7 ވަނަ މާއްދާއާޢި އެއްގޮތްވާ ގޮތުގެ މަތިން މިގަވާއިދުގެ ދަށުން ދައްކަންޖެހޭ ކުލި ދައްކަން ފަށަންޖެހޭނީ 01 ޖެނުއަރީ 2011 އިން ފެށިގެންނެވެ. 01 ޖެނުއަރީ 2011 އިން ފެށިގެން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރޮސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ނެގުމަށް ކުރިން ބޭނުންކުރަމުން އައި އުސޫލު ބާތިލުވާނެއެވެ.

(ނ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާޢި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދީފައިވާ ބިންބިމުން ސަރުކާރަށް ދައްކާ ކުލި ދައްކަންވާނީ، އެމެރިކާ ޑޮލަރުން ނުވަތަ ސަރުކާރުން ކަނޑައަޅާ ބޭރުގެ އެހެން ފައިސާއަކުންނެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި އަހަރު ގުނާނީ ކޮންމެ އަހަރެއްގެވެސް 1 ޖެނުއަރީން 31 ޑިސެމްބަރުގެ ނިޔަލަށެވެ.

(ބ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުން ސަރުކާރަށް ކުލި ދައްކަމުން ގެންދާނީ، ކޮންމެ އަހަރަކު ދައްކަންޖެހޭ ކުލި ހަތަރު ބަޔަށް (ކުއާޓާރަށް) ބަހާލައިގެންނެވެ. އަދި ކޮންމެ ކުއާޓަރެއްގެ ކުލި އެކުއާޓަރެއް ފެށޭދުވަހުގެ ކުރިން ސަރުކާރަށް ދައްކަންޖެހޭނެއެވެ. މިގަވާއިދަށް އަމަލުކުރަން ފަރުމުގެގޮތުން 01 ޖެނުއަރީ 2011 ގައި ފެށޭ ކުއާޓަރުގެ ފައިސާ ދެއްކުމަށް 15 ޖެނުއަރީ 2011 ގެ ނިޔަލަށް ކުއްދަތު ދެވޭނެއެވެ.

(ޅ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، އަލަށް ކުލިދައްކަންޖެހޭ ތަނަކުން، ފުރަތަމަ ދައްކަންޖެހޭ ކުލި ކުއާޓަރެއްގެ މެދުތެރެއިން ދައްކަންޖެހިއްޖެނަމަ، އެފަހަރު ދައްކަންޖެހޭ ކުލީގެ އަދަދު ހިސާބުކުރާނީ ތިރީގައިވާ އުސޫލުގެ މަތިންނެވެ.

އަހަރަކަށް ޖެހޭ ކުލި 365 އިން ގެއްލުމުން އަންނަ އަދަދު، ކުލި ދައްކަންފަށަންޖެހޭ ކުއާޓަރުގެ ބާކީ އޮތް ދުވަސްތަކުގެ އަދަދާ ގުނަކުރުމުން އަންނަ އަދަދު

Annual rent/365 X no. of effective days remaining in the quarter

(ކ) ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީހާ ހަމައަށް ކުލި ނުދައްކައިފިނަމަ، ކުލީގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، ދައްކަންޖެހޭ ކުލީގެ %0.5 ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.

(އ) ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ، ނުވަތަ ހަމައަށް ކުލި ނުދައްކައިފިނަމަ، ނުދައްކާ އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ %0.5 (ސުމެއް ޕޮއިންޑް ފަހެއް އިންސައްތަ) ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.

(ވ) މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ކުލި ދައްކަން ފެށުމުގެ ކުރިން، ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހިފައިވާ ކުލި ނުވަތަ ކުލި ދައްކަންޖެހުނު ތާރީހުގައި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ، މިގަވާއިދުގެ ދަށުން ދައްކަންޖެހޭ ކުލި ދައްކަން ފަށާއިރު، ދައްކާ ހަލާސްކޮށްފައި ނުވާނަމަ، އެފަދަ ކުއްޔާއި ކުލި  ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާއާ ގުޅޭގޮތުން އަމަލުކުރާނީ ރަށް ނުވަތަ ބިން ކުއްޔަށް ދިނުމަށް އެހާތަނަށް ސޮއިކޮށްފައިވާ އެގްރީމަންޓުގައިވާ ގޮތުގެ މަތިންނެވެ.

 

6 ވަނަ މާއްދާ 

މިގަވާއިދުގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ އަދަދު ކަނޑައަޅާއި، ކުލި ބަލައިގެނެ، ކުއްޔަށް ގެނެވޭ ބަދަލުތަކާއެކު މިގަވާއިދު ތަންފީޒުކުމާއި، ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ.

 

7 ވަނަ މާއްދާ - މާނަ

މިގަވާއިދުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ:

"ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.

"ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރަށެވެ.

"ލޭންޑް އޭރިއާ" ކަމަށް ބުނެފައިއެވަނީ، ރަށެއްނަމަ ހިކިފަސްހިމެނޭ ހިސާބުކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއިން ކަނޑައަޅާފައިވާ "މީންޓައިށް ލައިން" އިން ފެށިގެން އެތެރޭގައިވާ ސަރަހައްދެވެ. އަދި ރަށެއްގެ ބައެއް ނުވަތަ ބިމެއްނަމަ އެ ބިމެއްގެ ކަނޑައަޅާފައިވާ އިމުންފެށިގެން އެތެރޭ ސަރަހައްދެވެ.

"ސައިޓް ޕްލޭން" ކަމަށް ބުނެފައިއެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް، އެ މަސްރޫއަކާ ގުޅިގެން ތަރައްގީކުރެވޭ އިމާރާތްތައް އަތުރާލެވިފައިވާގޮތް ދައްކުވައިދޭ ސްކޭލަށް ކުރަހާފައިވާ ޕްލޭނެވެ.

 

8 ވަނަ މާއްދާ 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާޢިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

އުވި ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-171)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު