-

ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2010-11)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2020-36 ގެ 11 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 44 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ކަނޑައެޅުމަށް، އެ މާއްދާއިން ލިބިދޭ އިހުތިޔާރުގެ ދަށުން، އެ ތަންތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާތައް ބޭއްވުމާބެހޭ އުސޫލު ކަނޑައެޅުމަށްޓަކައި ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާބެހޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގައި "ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައިވާ ކޮންމެ ތަނެއްގައި، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް، ޔޮޓް ބަނދަރު އަދި ޓޫރިސްޓް އުޅަނދު ހިމެނޭނެއެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވާނަމަ، އެފަދަ ހަފުލާތައް ބޭއްވުމާބެހޭ އުސޫލު ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ރަމްޒީ ކައިވެނި ހަފުލާ ބާއްވާ ތަންތަން ރަޖިސްޓްރީކުރުން

(ހ) ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ޓޫރިސްޓް ރިޒޯޓެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާއެއް ބޭއްވިދާނެއެެވެ. އަދި އެއްވެސް ރިޒޯޓަކުން ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވާނަމަ، ޓޫރިޒަމާބެހޭ މިނިސްޓްރީން އެކަމަށް ކަނޑައަޅާ ފޯމު ފުރިހަމަކޮށް، އެ މިނިސްޓްރީއަށް ހުށަހަޅާއި، އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހުއްދަ ހޯދަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރަމްޒީ ކައިވެނީގެ ހަފުލާއެއް، ޓޫރިސްޓް ރިޒޯޓެއްގައި ބާއްވާނަމަ، އެފަދަ ހަފުލާއެއް ބާއްވަންވާނީ، މިގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

4 ވަނަ މާއްދާ - ރަމްޒީ ކައިވެނީގެ ހަފުލާގެ ހިދުމަތުގެ ފެންވަރު

(ހ) ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާއެއް ބޭއްވޭނީ، ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓް ހޮޓަލެއްގައި ނުވަތަ ޓޫރިސްޓް ގެސްޓް ހައުސްއެއްގައި ނުވަތަ ޔޮޓް ބަނދަރެއްގައި ނުވަތަ ޓޫރިސްޓް އުޅަނދެއްގައެވެ.

(ށ) ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ އިންތިޒާމުކޮށް ބާއްވައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގަންވާނީ، އެ ރިޒޯޓެއްގައި އެއިރެއްގައި ހުންނަ އެންމެމަތީ ވެރިއެއް ނުވަތަ އޭނާ ކަނޑައަޅާ ސީނިއަރ މެނޭޖްމަންޓުގައި ހިމެނޭ މީހެއްގެ ބެލުމުގެ ދަށުންނެވެ..

(ނ) ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމަށް އެދޭ ފަތުރުވެރިންނަށް، ހަފުލާ ބޭއްވުމުގެ ކުރިން، ހަފުލާ ހިނގާނެގޮތް ވަރަށް ރަނގަޅަށް ސާފުކޮށް ކިޔައިދޭންޖެހޭނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ބާއްވާ ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމުގައި، ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމަށް އެދޭ ފަތުރުވެރިންނަށް، އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ސަގާފަތާއި، ދިވެހި އާދަކާދައާބެހޭގޮތުން އެއްވެސް ކަހަލަ ދޮގު މަައުލޫމާތެއް ދީގެން ނުވާނެއެވެ.

(ބ) ރަމްޒީ ކައިވެނީގެ ހަފުލާގައި އެއްވެސް ދީނަކަށް ނުވަތަ ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދައަށް ހުތުރުވާގޮތަށް ނުވަތަ ފުރައްސާރަކުރާގޮތަށް އެއްވެސް ކަމެއް، ރަމްޒީ ކައިވެނީގެ ހަފުލާގެ އިސްމީހާއާއި، ހަފުލާގައި ބައިވެރިވާ އެއްވެސް ފަރާތަކުން އަމަލުންވިޔަސް ނުވަތަ ބަހުންވިޔަސް ހިންގައިގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ހަފުލާގައި ބޭނުންކުރާ ބަހާއި ނަސޭހަތް

(ހ) ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވަންވާނީ، އެ ހަފުލާ ބޭއްވުމަށް އެދޭ ފަތުރުވެރިން އިހުތިޔާރުކުރާ ބަހަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާގޮތަށް ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމަށް ފަތުރުވެރިން އިހުތިޔާރުކުރާ ބަހަކީ، އެ މީހުންނަށް ނޭނގޭ ބަހަކަށްވާނަމަ، ހަފުލާ ބޭއްވުމުގެ ކުރިން، ހަފުލާގެ އިސްމީހާ ދައްކަންޖެހޭ އެންމެހައި ވާހަކަތައް (މީގެ ތެރޭގައި މިމާއްދާގެ (ނ)ގައި ބުނެފައިވާ ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވަން އެދޭ ފަތުރުވެރިންނަށް، ހަފުލާގައި ދެވޭ ނަސޭހަތް ހިމެނެއެވެ.) އެ ފަތުރުވެރިންނަށް އެނގޭ ބަހަކަށް ތަރުޖަމާކޮށް އެ ފަތުރުވެރިންނާ ހަވާލުކުރަންވާނެއެވެ.

(ނ) ރަމްޒީ ކައިވެނީގެ ހަފުލާގައި، ހަފުލާގެ އިސްމީހާ ދޭ ނަސޭހަތަކީ، ހަފުލާ ބާއްވަން އެދޭ ފަތުރުވެރިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ނަސޭހަތެއް ނޫންނަމަ، އެފަދަ ނަސޭހަތެއް އޮނަންވާނީ ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި ފާސްކޮށްފައެވެ. އަދި އެ ނަސޭހަތަށް އެއްވެސް ބަދަަލެއް ގެންނަނަމަ، އެ ބަދަލެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބުނެފައިވާ ނަސޭހަތް، ހަފުލާ ބޭއްވުމުގެ ކުރިން، ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވަން އެދޭ ފަތުރުވެރިންނަށް އެނގޭ ބަހަކުން ތައްޔާރުކޮށް އެނަސޭހަތާމެދު އެއްވެސް އިއުތިރާޒެއް ނުކުރާކަމުގެ ލިޔުމެއް، ހަފުލާ ބާއްވަން އެދޭ ފަތުރުވެރިންނާއި، ރިޒޯޓުގައި އެއިރެއްގައި ހުންނަ އެންމެ އިސްވެރިއެއް ނުވަތަ އޭނާ އައްޔަންކުރާ ސީނިއަރ މެނޭޖްމަންޓްގެ މުވައްޒަފަކާއި ހަފުލާގެ އިސްމީހާ ސޮއިކުރަންވާނެއެވެ.

(ބ) ރަމްޒީ ކައިވެނީގެ ހަފުލާއަށް ހާޒިރުވާ އެއްވެސް ފަރާތަކުން، ހަފުލާ ހިނގަމުންދާއިރު އެއްވެސް ކަހަލަ ބޭ އަދަބީ ކަމެއް، އަމަލުންވިއަސް ނުވަތަ ބަހުންވިޔަސް ހިންގައިގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ހަފުލާ ރެކޯޑްކުރުމާއި ރިޕޯޓް ތައްޔާރުކުރުން

(ހ) ރަމްޒީ ކައިވެނީގެ ހަފުލާގައި ހިނގާ އެންމެހައި ކަންތައްތައް، ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމަށް އެދޭ ފަތުރުވެރިންގެ އިޒުނައާއެކު، އަޑާއެކު ވީޑިއޯ ރެކޯޑް ކުރަންވާނެއެވެ. އަދި ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމަށް އެދޭ ފަތުރުވެރިން، އެ ހަފުލާގެ ވީޑިއޯ ރެކޯޑްކުރަން އިއުތިރާޒް ކުރާނަމަ، މިގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ލިޔުމުގައި އެކަން ހިމަނާފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރެކޯޑިން މަދުވެގެން 1 އަހަރު ދުވަހަށް ރިޒޯޓުގެ މެނޭޖްމަންޓުން ރައްކާކޮށްފައި ބާއްވަންވާނެއެވެ. އަދި ޓޫރިޒަމާބެހޭ މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އެ ވީޑިއޯގެ ކޮޕީއެއް އެ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މަނަވެސް، ރަމްޒީ ކައިވެނީގެ ހަފުލާ، ވީޑިއޯ ކުރުމަށްފަހު، އެ ވީޑިއޯ އެ ރިޒޯޓާއި ނުވަަތަ ދިވެހިސަރުކާރާ ހަވާލު ނުކުރުމުގެ އިހުތިޔާރު، ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވާ ފަތުރުވެރިންނަށް ލިބިގެންވެއެވެ.

(ނ) ރިޒޯޓުގައި ބާއްވާ ރަމްޒީ ކައިވެނީގެ ދަފުތަރެއް ކޮންމެ ރިޒޯޓެއްގައިވެސް އޮންނަންވާނެއެވެ. އަދި އެ ދަފުތަރުގައި އަންނަނިވި މައުލޫމާތު ހިމަނާފައި ހުންނަންވާނެއެވެ.

  1. ފަތުރުވެރިންގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ގައުމު.
  2. ރަމްޒީ ކައިވެނީގެ ހަފުލާގެ އިސްމީހާގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ގައުމު
  3. ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވި ތަނާއި ތާރީހާއި ގަޑި
  4. ރިޒޯޓުގައި އެއިރެއްގައި ހުންނަ އެންމެ އިސްވެރިއެއްގެ ނަމާއި އެޑްރެސް އަދި ގައުމު
  5. ރަމްޒީ ކައިވެނީގެ ހަފުލާގެ ކަންތައްތައް ބެލެހެއްޓުމަށް ރިޒޯޓުގައި އެއިރެއްގައި ހުންނަ އެންމެ އިސްފަރާތަކުން ރިޒޯޓުގެ ސީނިއަރ މެނޭޖްމަންޓުގެ މީހަކު އައްޔަންކުރާނަމަ އެމީހެއްގެ ނަމާއި އެޑްރެސް އަދި ގައުމު.

 

7 ވަނަ މާއްދާ - ހަފުލާގެ ރަމްޒީ މައުޒޫނު

(ހ) ރަމްޒީ ކައިވެނީގެ ހަފުލާއެއް ބާއްވާ ކޮންމެ ތަނެއްގައިވެސް އައްޔަންކުރެވިފައި ހުންނަ ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވައިދޭނެ ހަފުލާގެ އިސްމީހެއް ނުވަތަ މީހުން، ހަފުލާ ބޭއްވުމުގެ ކުރިން އައްޔަންކޮށްފައި ތިބެންވާނެއެވެ. ނަމަވެސް، ފަތުރުވެރިން އަައްޔަންކުރާ ދިވެއްސެއްނޫން ފަރާތެއްވެސް ހަފުލާގެ އިސްމީހެއްގެ ގޮތުގައި އައްޔަން ކުރެވިދާނެއެވެ.

(ށ) ރަމްޒީ ކައިވެނީގެ ހަފުލާގެ އިސްމީހަކީ، އުމުރުން 18 އަހަރު ފުރިފައިވާ މީހަަކަށް ވާންވާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ފަރާތަކުން ކޮށްފިނަމަ، އެކުރި ކަމަކާމެދު ގާނޫނީގޮތުން އެަރާތަކާމެދު އެޅިދާނެ ފިޔަވަޅެއްގެ އިތުރަށް، މި ގަވާއިދާ ހިލާފުވާ ކޮންމެ ރިޒޯޓެއް، މިގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 1،000،000.00 (އެއްމިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި، ކަމުގެ ކުޑަކޮޑުމިނަށް ބަލައި، މިގަވާއިދުގެ ދަށުންދީފައިވާ ހުއްދަ ބާތިލުރުމާއެކު، އެރިޒޯޓަކަށް ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމުގެ އިހުތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - މާނަ

"ރަމްޒީ ކައިވެނި" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިންގެ ކައިވެނީގެ އަހުދު އައުކުރުމަށް ބާއްވާ ރަމްޒީ ހަފުލާތަކާއި، ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާގައި ހުންނަ އަދި ހަފުލާގައި ނަސޭހަތް ދޭ އިސްފަރާތަށެވެ.

"ސީނިއަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ޑިޕާޓްމަންޓުގެ ހެޑުންގެ ފެންވަރުން ފެށިގެން މަތީގެ މުވައްޒަފުންނަށެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވަމުން ގެންދާ ޓޫރިސްޓް ރިޒޯޓްތަކުން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ހުއްދަ، މިގަވާއިދަށް އަމަލުކުރަން ފަށާތާ 1 މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ހޯދަންވާނެއެެވެ. އަދި އެފަދަ ރިޒޯޓްތަކުން މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ފާސްކުރަންޖެހޭ ނަސޭހަތްވެސް މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ޓޫރިސްޓް ރިޒޯޓުތަކުން އެމާއްދާގައި ބުނެފައިވާ މުއްދަތުގެ ތެރޭގައިވެސް ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވަންވާނީ މިގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި 5 ވަނަ މާއްދާގެ (ނ) ފިޔަވައި، މި ގަވާއިދުގެ އެހެން ހުރިހައި މާއްދާތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.

 

އުވި ގަވާއިދު

ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފުލާ ބޭއްވުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-36)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު