-

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2009-04) 

(މިގަވާއިދުވަނީ ގަވާއިދު ނަންބަރު 2021-102 އިން އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ ގާނޫނު ނަންބަރު 2009-05 "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދެވެ.

 

 2 ވަނަ މާއްދާ - ނަން

(ށ) މި ގަވާއިދަށް ކިޔާނީ "އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ-  ގަވާއިދު ހިންގާފަރާތް

މި ގަވާއިދު ހިންގާނީ ޓްރާންސްޕޯޓް އޮތޯރިޓީންނާއި އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ މިނިސްޓްރީން އިހްތިޔާރު ދީފައިވާ ފަރާތްތަކުންނެވެ.

 

4 ވަނަ މާއްދާ- އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރާނީ  ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އެ އޮތޯރިޓީން އިހްތިޔާރު ދީފައިވާ ފަރާތްތަކުންނެވެ.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ ނުވަތަ އޮޕަރޭޓް ކުރުމުގެެ ލައިސަންސްނެތި އުޅަނދު ދުއްވުމާއި އޮޕަރޭޓް ކުރުމަކީ މަނާކަމެވެ.

(ނ) އެއްގަމު އުޅަނދު ދުއްވުމުގެ ނުވަތަ އޮޕަރޭޓް ކުރުމަށް ދޫކުރާނީ ދެ ބާވަތެއްގެ ލައިސަންސެވެ. އެއީ ވަގުތީ ލައިސަންސާއި ދާއިމީ ލައިސަންއެވެ.

(ރ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރާނީ 3 ޒޯނަކަށް ބަހާލައިގެންނެވެ. "ބ" އަދި "ސީ" ޒޯނުގެ ލައިސަންސް ދޫކުރާނީ އެޒޯނެއްގެ ހިމެނޭ އަތޮޅޮތަކުގެ ރަށްތަކުންނެވެ. އަދި "އޭ" ޒޯނުގެ ލައިސަންސް ދޫކުރާނީ ޓްރާންސްޕޯޓް އޮތޯރިޓީންނާއި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ސަރުކާރުގެ އޮފީސްތަކުންނެވެ.

(ބ) ޒޯން "އޭ" ގައި ހެމެނެނީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ހުޅުލެއެވެ. "އޭ" ޒޯނުގެ ލައިސަންސްއަކީ ހުރިހާ ޒޯނެއްގައި ދުއްވުމުގެ ހުއްދަ ކުރާ ލައިސަންސްއެކެވެ.

(ޅ) ޒޯން "ބ" ގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ހިމެނޭ ރަށްތަކެވެ. ޒޯން "ބީ" ގެ ލައިސަންސް ޒޯން "އޭ" ފިޔަވައި ހުރިހާ ޒޯނެއްގެ ބޭނުންކުރެވޭނެއެވެ.

ޒޯން "ސީ" ގައިި ހިމެނެނީ ށ، ނ، ރ، ބ، ޅ، އއ، ވ، މ، ފ، ދ، އަދި ތ އަތޮޅޮގައި ހިމެނޭ ރަށްތަކާއި މާލެ، ވިލިމާލެ، ހުޅުމާލެ އަދި ހުޅުލެ ފިޔަވައި ކ. އަތޮޅުގައި ހިމެނޭ ރަށްތަކެވެ. ޒޯން "ސ" ގެ ލައިސަންސްް "އޭ" އަދި "ބީ" ޒޯނުގައި ބޭނުން ކުރުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ- ލައިސަންސްް ހޯދުމަށް އެދި ހުށައެޅުން

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދި ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށައެޅޭނީ މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ މީހުންނަށެވެ.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް ނުވަތަ ލައިސަންސާއި ގުޅޭގޮތުން ހިދުމަތަކަށް އެދޭނީ ޖަދުވަލު 1 ގައިވާ " ލައިސަންސަށް އެދޭ ފޯމް" އިންނެވެ. ލައިސަންސަށް ފޯމުގައިވާ މައުލޫމާތު ފުރިހަމަވާނަމަ އިމްތިހާނު ހެދުމަށް ހާޒިރުވާންވީ ދުވަހާއި ގަޑި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ނ) އިމްތިހާން ހެދުމަށް ހާޒިރުވާންވީ ދުވަހު އިމްތިހާން ހެދުމަށް އެމީހަކަށް ހާޒިރުނުވެވިއްޖެނަމަ އެހުށަހެޅި ފޯމު ބާތިލްވާނެއެވެ. އަދި އަލުން އިމްތިހާނުގައި ބައިވެރިވެވޭނީ ލައިސަންސަށް އެދޭ ފޯމާއިއެކު އިމްތިހާނުގެ ފީ ދައްކައިގެންނެވެ.

(ރ) ގާނޫނާއި ގަވާއިދުގެ އިމްތިހާނުން ފާސްވެފައިވާ ފަރާތްތަކުން، ދުއްވުމުގެ އިމްތިހާނުގައި ބައިވެރިވުމަށް އެދޭއިރު ގާނޫނާއި ގަވާއިދުގެ އިމްތިހާނުން ފާސްވިކަމަށް ދޫކުރެވިފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

(ބ) ގާނޫނާއި ގަވާއިދުގެ އިމްތިހާނުން ފާސްވުމުން، ދުއްވުމުގެ އިމްތިހާނަށް ހާޒިރުވާންޖެހޭ ތާރީހާއި ވަގުތު އެންގުމުން އެ އަންގާ ވަގުތަށް ހާޒިރުނުވާނަމަ ދެން އިމްތިހާން ހެދޭނީ ދުއްވުމުގެ އިމްތިހާނަށް އެދި ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުމުން އެތަނުން ހަމަޖައްސާ ތާރީހަކާއި ވަގުތެއްގައެވެ.

(ޅ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޭއިރު އެމީހަކު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ހުރަސްއެޅޭފަދަ ސިއްހީ ހާލަތެއް މެދުވެރިވެފައިވާ މީހެއްނަމަ ނުވަތަ އެކަން ފާހަގަކުރެވިއްޖެނަމަ ލައިސަންސް ދޫކުރެވޭނީ އެމީހަކު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދެވޭފަދަ ފަރާތެއްކަމަށް ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި ހިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރެވިފައިވާ ޑޮކްޓަރެއްގެ ސެޓްފިކެޓް ހުށަހެޅުމުންނެވެ.

(ކ) ލައިސަންސް ނުވަތަ އޮޕަރޭޓް ކުރުމުގެ ހުއްދަ ނެތި އެއްގަމު އުޅަނދު ދުއްވައިގެން ދައްކަން ޖެހޭ އެެއްވެސް ޖޫރިމަނާއެއް އޮތްނަމަ، ލައިސަންސް ނުވަތަ އޮޕަރޭޓް ކުރުމުގެ ހުއްދަ ހޯދުމުގެ އިމްތިހާންގައި ބައިވެރިވެވޭނީ އެޖޫރިމަނާ ދެއްކުމަށްފަހުގައެވެ.

 

6 ވަނަ މާއްދާ- ބިދޭސީ ލައިސަންސް ބިނާކޮށް ރާއްޖޭގެ ލައިސަންސް ދޫކުރުން

( ހ) ބިދޭސީ ލައިސަންސް ބިނާކޮށް ރާއްޖޭގެ ލައިސަންސް ހޯދުމަަށް އެދި ހުށަހަޅާއިރު ބިދޭސީ ލައިސަންސްގެ އަސްލާއި ފޮޓޯކޮޕީ ހުށަހަޅަންވާނެއެވެ. ބިދޭސީއެއްނަމަ ޕާސްޕޯޓުގެ އަސްލާއި ފޮޓޯކޮޕީ ވިސާ ކާޑު ނުވަތަ ވާރކް ޕާރމިޓް ކާޑުގެ އަސްލާއި ފޮޓޯކޮޕީ ހުށަހަޅަންވާނެއެވެ. އަދި ދިވެއްސެއްނަމަ އައި.ޑީ ކާޑާއި ޕާސްޕޯޓުގެ އަސްލާއި ފޮޓޯކޮޕީ ހުށަހަޅަންވާނެއެވެ.

( ށ) ބިދޭސީ ލައިސަންސް ބިނާކޮށް ރާއްޖޭގެ ލައިސަންސަށް އެދި ހުށަހަޅާއިރު އެމީހަކަށް ރާއްޖޭގެ ލައިސަންސް ދޫކުރެވޭނީ އެމީހަކު ލައިސަންސް ދޫކުރި ގައުމެއްގައި މެދުނުކެނޑި މަދުވެގެން 6 މަސް ދުވަހު އުޅެފައިވާނަމައެވެ. އަދި ބިދޭސީ ލައިސަންސަކީ ސައްހަ ލައިސަންސެއްކަން އެނގޭނެ ލައިސަންސް ދޫކުރި ގައުމެއްގެ، ސަރުކާރުގެ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހެޅުމުންނެވެ.

( ނ) ބިދޭސީ ލައިސަންސް ބިނާކޮށް ރާއްޖޭގެ ލައިސަންސެއް ދޫކުރެވޭނީ ދުއްވަން ބޭނުންވާ ކެޓަގަރީގެ އުޅަނދެއް ދުއްވުމުގެ އިމްތިހާނުން ފާސްވުމުންނެވެ.

( ރ) ބިދޭސީ ލައިސަންސް އޮންނަ މީހުންގެ ތެރެއިން ލާރނަސް ނުވަތަ ރެސްޓްރިކްޓެޑް ލައިސަންސް އޮންނަ ފަރާތްތަކަށް ދޫކުރެވޭނީ ވަގުތީ ލައިސަންސްއެކެވެ. އަދި އެފަރާތްތަކަށް ވަގުތީ ލައިސަންސް ދޫކުރުމުގެ ކުރިން އެފަރާތްތަކުން ހުށަހަޅާފައިވާ ކެޓަގަރީގެ އުޅަނދެއް ދުއްވަން އެނގޭތޯ ބެލުމަށް ދުއްވުމުގެ ޓެސްޓްގައި ބައިވެރިވެ ފާސްވެފައިވާންވާނެއެވެ.

 

7 ވަނަ މާއްދާ- އިމްތިހާނުގައި ބައިވެރިވުމުގެ ފީ

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް ހުށަހަޅާއިރު އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދު އެނގޭތޯ ބެލުމަށާއި ދުއްވަން އެނގޭތޯ ބެލުމަށް ކުރާ އިމްތިހާނަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

(ށ) އެއްގަމު އުޅަނދެއް ދުއްވުމުގެ ނުވަތަ އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް އެހެން ކެޓަގަރީއެއްގެ އުޅަނދެއް ދުއްވުމުގެ ލައިސަންސް ހޯދުމަށް ބޭނުންވާނަމަ، އެއުޅަނދެއް ދުއްވުމުގެ އިމްތިހާނު ހެދުމަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

 

8 ވަނަ މާއްދާ - އިމްތިހާން ހެދުން

(ހ) ގާނޫނާއި ގަވާއިދު އަދި ދުއްވަން އެނގޭތޯ ބެލުމަށް ބާއްވާ އިމްތިހާނަށް ހާޒިރުވާއިރު އެމީހެއްގެ އައިޑެންޓިޓީ ކާޑާއި އަދި އިމްތިހާނުގައި ބައިވެރިވުމަށް ހާޒިރުވާންޖެހޭކަމަށް ދޫކޮށްފައިވާ ލިޔުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން އިހްތިޔާރު ދީފައިވާ ފަރާތަކަށް ހުށަހަޅަންވާނެވެ.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސުގެ އިމްތިހާނު ބޭއްވުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނާއި އެތަންތަނުން ބާއްވާ އިމްތިހާނުތަކުގެ މައުލޫމާތު ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އެފަދަ  އިމްތިހާނު ބާއްވާ ތަންތަނުން ލިބެން ހުންނަންވާނެއެވެ.

(ނ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރެވޭނީ ގާނޫނާއި ގަވާއިދު އެނގޭތޯ ބެލުމަށް ދޭ އިމްތިހާނުންނާއި އަދި މަގުމަތީގެ އަދަބުތައް އެނގޭތޯ ބެލުމަށް ބާއްވާ އިމްތިހާނުން ފާސްވާމީހުންނެވެ. ގާނޫނާއި ގަވާއިދުގެ އިމްތިހާނުން ފާސްވިކަމުގައި ބަލާނީ ގާނޫނާއި ގަވާއިދުގެ އިމްތިހާނުގައި ހިމެނޭ މަޖުބޫރު ސުވާލުތަކުގެ އެއްވެސް ޖަވާބެއް ނުބައިނުވެ މުޅި އިމްތިހާނުން %75 މާރކްސް ލިބުމުންނެވެ. ގާނޫނާއި ގަވާއިދުގެ އިމްތިހާނުން ފާސްވެފައިވާ މީހުން ދެވަނަ ފަހަރަށް ގާނޫނާއި ގަވާއިދުގެ އިމްތިހާނުގައި ބައިވެރިވާކަށް ނުޖެހޭނެއެވެ.

(ރ) އަލަށް ލައިސަންސަށް އެދޭމީހުން، ދުއްވުމުގެ އިމްތިހާނުގައި ބައިވެރިވުމަށް އެދޭއިރު ގާނޫނާއި ގަވާއިދުގެ އިމްތިހާނުން ފާސްވިކަމަށް ދޫކޮށްފައިވާ ނަތީޖާ ސްލިޕް ހުށަހަޅަންވާނެއެވެ.

(ބ) ކެޓަގަރީ އިތުރުކުރަން ހުށަަހަޅާނަމަ އެހިދުމަތަށް އެދޭނީ ޖަދުވަލު 1 ގައިވާ " ލައިސަންސަށް އެދޭ ފޯމް" އިންނެެވެ.

(ކ) ދުއްވުމުގެ އިމްތިހާނަށް ހާޒިރުވާއިރު، ދުއްވާނެ އުޅަނދެއް ގެނައުމަކީ އިމްތިހާން ހަދާ ފަރާތުގެ ޒިންމާއެކެވެ. އިމްތިހާނުގައި ދުއްވޭނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދަށް ފެތިފައިވާ އުޅަނދުތަކުގައި އެކަންޏެވެ.

(ޅ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ އިމްތިހާނު އޮންނާނީ ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އެ އޮތޯރިޓީން އިހްތިޔާރު ދީފައިވާ ފަރާތަކުން އަންގާ ދުވަހެއްގައި ހަމަޖައްސާ ތަނެއްގައެވެ.

 

9 ވަނަ މާއްދާ- އިމްތިހާނު އަލުން ހެދުން

(ހ) ގާނޫނާއި ގަވާއިދުގެ އިމްތިހާނުން ފެއިލްވެއްޖެނަމަ، އަލުން އިމްތިހާނުގައި ބައިވެރިވެވޭނީ މިގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައިވާގޮތަށެވެ.

 

10 ވަނަ މާއްދާ- ދުއްވުމުގެ އިމްތިހާނުގައި ދުއްވަނިކޮށް އެކްސިޑެންޓްވުން

ދުއްވުމުގެ އިމްތިހާން ހިނގަމުންދާއިރު ދިމާވާ އެކްސިޑެންޓްތަކުގައި އިމްތިހާން ހަދާފަރާތް އިހުމާލުވާނަމަ، އޭގެ ޒިންމާ އުފުލާނީ އިމްތިހާން ހަދާފަރާތެވެ.

 

11 ވަނަ މާއްދާ- ދުއްވުމުގެ އިމްތިހާނުން ފާސްވުން

(ހ) ދުއްވުމުގެ އިމްތިހާނުން ފާސްވުމުން ދޫކުރާ ނަތީޖާ ސްލިޕް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.  

(ށ) އިމްތިހާނުން ފާސްވުމުން ލައިސަންސަށް އެދި ހުށަހަޅާއިރު ޕާސްޕޯޓުގައި ޖެހުމަށް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ 1 (އެކެއް) ފޮޓޯއާއި 50 ރުފިޔާގެ ރެވެނިއު ސްޓޭމްޕްއެއް ހުށަހަޅަންވާނެއެވެ.

(ނ) ލައިސަންސް ހެއްދުމަށްފަހު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 60 ދުވަހުގެ ތެރޭގައި ލައިސަންސާއި ހަވާލުވާންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ހަވާލުނުވާ ފަރާތްތަކުގެ ލައިސަންސް ނައްތާލެވޭނެއެވެ. އަދި އެފަރާތްތަކަށް އަލުން އެ ލައިސަންސް ހަދައިދެވޭނީ 5 ވަނަ މާއްދާގެ (ށ) ގައިވާ ބުނެފައިވާ އެޕްލިކޭށަންފޯމް ފުރިހަމަކުރުމަށްފަހު މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ. މިފަދަ ފަރާތްތައް އިތުރު އިމްތިހާނެއް ހަދާކަށް ނުޖެހޭނެއެވެ.

 

12 ވަނަ މާއްދާ -ލައިސަންސް ދޫކުރާ ކެޓަގަރީތައް

(ހ) "A1’’  ކެޓަގަރީގައި ހިމެނެނީ 50 ސީސީ ހަމަނުވާ މޮޓޯސައިކަލާއި އަދި ނުކުޅެދޭ މީހުނަނަށް ހާއްސަ ކުރެވިފައިވާ އެއްގަމު އުޅަނދާއި ކަރަންޓް ބޭނުންކޮށްގެންނާއި އިރުގެ ހަކަތަ ނުވަތަ ބެޓެރި ހަކަތަ ބޭނުންކޮށްގެންނާއި ނުވަތަ އެނޫންވެސް ހަކަތައިގެ އެހީގައި ބޭނުންކުރެވިދާނެ ސައިކަލާއި ބައިސްކަލްފަދަ އެއްގަމު އުޅަނދެވެ.

 (ށ) ‘’A0’’ ކެޓަގަރީގައި ހިމެނެނީ 50 ސީސީން ފެށިގެން މަތީގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލެވެ. 

(ނ) ''B1’’ ކެޓެގަރީގައި ހިމެނެނީ މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 9 މީހުނަށްވުރެ އިތުރުނުވާ އެއްގަމު އުޅަނދެވެ.

(ރ) ‘’B2’’ ކެޓަގަރީގައި ހިމެނެނީ މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 10 އިން ފެށިގެން 19 މީހުންނަށްވުރެ  އިތުރުނުވާ އެއްގަމު އުޅަނދެވެ.

(ބ) ‘’B0’’ ކެޓަގަރީގައި ހިމެނެނީ މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 20 މީހުންނަށްވުރެ އިތުރަށް އުފުލޭ އެއްގަމު އުޅަނދެވެ.

(ޅ) ‘’C1’’  ކެޓަގަރީގައި ހިމެނެނީ މީހުން އުފުލާ އުޅަނދު ފަހަރު، އުފުލޭ ބަރުދަން 2000 ކިލޯ (2 ޓަން) ހަމަނުވާ އެއްގަމު އުޅަނދެވެ.

(ކ) ‘’C2’’ ކެޓަގަރީގައި ހިމެނެނީ މީހުން އުފުލާ އުޅަނދު، އުފުލޭ ބަރުދަން 2000 ކިލޯ (2 ޓަން) އިން ފެށިގެން 4000 ކިލޯ (4ޓަން) ހަމަނުވާ އެއްގަމު އުޅަނދެވެ.

(އ) ‘’C0’’ ކެޓަގަރީގައި ހިމެނެނީ މީހުން އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 4000 ކިލޯ (4 ޓަން) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދެވެ.

(ވ) ‘’D0’’ ކެޓަގަރީގައި ހިމެނެނީ އާރޓިކިއުލޭޓެޑް އުޅަަނދުފަހަރު ނުވަތަ 3 އެކްސެލްއަށްވުރެ ގިނަ އެކްސެލް ހުންނަ އެއްގަމު އުޅަނދެވެ.

 ކެޓަގަރީގެ އުޅަނދެއްގައި ޓްރެއިލަރެއް ޖަހައިގެން ދުއްވާ އެއްގަމު އުޅަނދެވެ.D ނުވަތަ B ,C ކެޓަގަރީގައި ހިމެނެނީ ‘’E’’(މ)

(ފ) ‘’V1’’ ކެޓަގަރީގައި ހިމެނެނީ މަސައްކަތުގެ ދާއިރާގޮތުގައި ބަލާ ފޯކްލިފްޓް، އެކްސްކަވޭޓަރ، ލޯޑަރ ނުވަތަ ބުލްޑޯޒަރ، ސޭލާ ފަދަ ބަރުއުޅަނދެވެ.

(ދ) ލައިސަންސް ނަގާ ފަރާތަކަށް ދުއްވުމުގެ ކެޓަގަރީތައް ލިބޭނީ ކެޓަގަރީ ތަރުތީބުންނެވެ. އަދި އެކެޓަގަރީ އެއްގައި ހިމެނޭ ވެހިކަލްތަކުގެ ދަށުން ފެށިގެން މައްޗަށް އިމްތިހާނު ހެދުމަށްފަހުއެވެ.

 

13 ވަނަ މާއްދާ-  ލައިސަންސްގެ މުއްދަތު

(ހ) ވަގުތީ ލައިސަންސް މުއްދަތަކީ، އެ ލައިސަންސް ދޫކުރި ތާރީހުން ފެށިގެން 1 އަހަރު ދުވަހެވެ.

(ށ) ދާއިމީ ލައިސަންސް މުއްދަތަކީ، އެ ލައިސަންސް ދޫކުރި ތާރީހުން ފެށިގެން 10 އަހަރު ދުވަހެވެ.

 

14 ވަނަ މާއްދާ- ރާއްޖޭގައި ބިދޭސީ ލައިސަންސް ބޭނުންކުރުން

(ހ) ބިދޭސީ ލައިސަންސް އޮތް މީހަކަށް އެމީހަކު ރާއްޖެއަށް އަންނަ ތާރީހަކުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 90 (ނުވަދިހަ) ދުވަހު އިންޖީނުލީ އެއްގަމު އުޅަނދު ދުއްވޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާގޮތަށް 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށް ބޭރު ގައުމެއްގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވާ ފަރާތަކުން ފުލުހުންނަށް މައުލޫމާތު ބޭނުންވެއްޖެނަމަ، ތިރީގައިވާ ތަކެތި ޓްރެފިކް ފުލުހުންނަށް ހުށަހަޅަން ވާނެއެވެ. ބިދޭސީ ލައިސަންސް ބިނާކޮށް ރާއްޖޭގެ ލައިސަންސް ހޯދުމަަށް އެދި ހުށަހަޅާއިރު ބިދޭސީ ލައިސަންސްގެ އަސްލާއި ފޮޓޯކޮޕީ ހުށަހަޅަންވާނެއެވެ. ބިދޭސީއެއްނަމަ ޕާސްޕޯޓުގެ އަސްލާއި ފޮޓޯކޮޕީ،  ދިވެއްސެއްނަމަ އައި.ޑީ ކާޑާއި ޕާސްޕޯޓުގެ އަސްލު.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ލިޔުންތައް ހުށަނާޅާނަމަ، ބެލޭނީ ލައިސަންސް ނެތި އިންޖީނުލީ އުޅަނދެއް ދުއްވި މީހެއްގެ ގޮތުގައެވެ.  

(ރ) މި މާއްދާގެ (ހ) އާ ހިލާފަށް 90 (ނުވަދިހަ) ދުވަހަށް ވުރެ ގިނަދުވަހު އިންޖީނުލީ އުޅަނދެއް ދުއްވައިފިނަމަ، ބެލޭނީ ލައިސަންސް ނެތި އިންޖީނުލީ އުޅަނދެއް ދުއްވި ކަމުގައެވެ.

 

15 ވަނަ މާއްދާ- ލައިސަންސް އައުކޮށްދިނުން

(ހ) ޑްރައިވިންގ ލައިސަންސް ފޮތް ނުވަތަ ކާޑުގެއްލިގެން ނުވަތަ ހަލާކުވެގެން އާކުރަންވެއްޖެނަމަ އާކޮށްދެވޭނީ މިގަވާއިދުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން ނޫންގޮތަކަށް ލައިސަންސް އާކޮށްދެވޭނީ، މުއްދަތު ހަމަވާން 6 މަސްދުވަހަށްވުރެ އިތުރު މުއްދަތެއް ނެތްނަމައެވެ.

(ނ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގެއްލިޖެނަމަ، ހަލާކުވެެއްޖެނަމަ، ނުވަތަ މުއްދަތު ހަމަވެއްޖެނަމަ، އެލައިސަންސް އާނުކޮށް އެއްގަމު އުޅަނދު ދުއްވުމާއި އޮޕަރޭޓްކުރުމަކީ މަނާކަމެކެވެ.

 

16 ވަނަ މާއްދާ- ލައިސަންސް ގެންގުޅުން

(ހ) އެއްގަމު އުޅަނދުތަކުގެ ތެރެއިން، ލައިސަންސް ކާޑު ނުވަތަ ލައިސަންސް ފޮތް އޮވެގެން ދުއްވުމަށް، ނުވަތަ އޮޕަރޭޓްކުރުމަށް ކަނޑައަޅާފައިވާ އުޅަނދެއް ދުއްވާއިރު، ނުވަތަ އޮޕަރޭޓްކުރާއިރު، އެ އުޅަނދު ދުއްވާމީހާއަށް، ނުވަތަ އޮޕަރޭޓްކުރާ މީހާއަށް ދޫކޮށްފައިވާ އެ ގިންތީގެ އުޅަނދެއް ދުއްވުމުގެ ލައިސަންސް، އެމީހެއްގެ އަތުގައި، ނުވަތަ ފަސޭހައިން ފެންނާނެހެން އެ އުޅަނދެއްގައި އޮންނަންވާނެއެވެ.

 

17 ވަނަ މާއްދާ- ލައިސަންސް ހިފެހެއްޓުން

(ހ) އެއްގަމު އުޅަނދު ދުއްވާ ފަރާތަކުގެ ލައިސަންސް، ޓްރެފިކް ބަލަހައްޓާ ފުލުހުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ޓްރެފިކް ފުލުހުންނާ ހަވާލުކުރަންވާނެއެވެ.

(ށ) އެއްގަމު އުޅަނދު ވަކިގޮތަކަށް ދުއްވުމަށް ނުވަތަ ޕާކުކުރުމަށް ހަމަޖައްސާފައިވާ މަގުތަކުގަޔާއި ވަގުތުތަކުގައި އެއާހިލާފަށް އަމަލު ކުރާފަރާތްތަކުގެ ލައިސަންސް 48 (އަށާޅީސް) ގަޑިއިރަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) ލައިސަންސް ލިބިފައިވާ ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކޮށްފިނަމަ އެފަރާތުގެ ލައިސަންސް 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.

  1. ޓްރެފިކް ބައްތިއާއި ހިލާފަށް ދުއްވުން
  2. ނަންބަރު ބޯޑުނެތި ދުއްވުން
  3. ނަންބަރު ބޯޑު ބަދަލުކޮށްގެން ( އުޅަނދަށް ދޫކުރެވިފައިވާ ނަންބަރުނޫން އެހެންނަންބަރެއް ހަރުކޮށްގެން) ދުއްވުން.
  4. ޓްރެފިކް ސައިންބޯޑުތަކާއި ނިށާންތަކާއި ހިލާފަށް ދުއްވުން
  5. ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުން
  6. ރަޖިސްޓްރީ ބާތިލުވެފައިވަނިކޮށް މަގުމަތީގައި ދުއްވުން
  7. އެއްގަމު އުޅަނދު ދުއްވަން އިންނަ މީހާ މުވާސަލާތީ ވަސީލަތެއް ބޭނުންކުރުން
  8. A1  އަދި A0 8 ކެޓަގަރީގައި އުޅަނދު ދުއްވާއިރު، ދެމީހުންނަށްވުރެ ގިނަމީހުން އުޅަނދުގައި ތިބުން
  9. ކުޑަކުދިން ގޮވައިގެން ސޭފްޓީ ކަމަރު ނުބަނދެ ދެފޮރޮޅުލީ އިންޖީނުލީ އުޅަނދު ދުއްވުން.
  10. އިންށުއަރެންސް ނުކޮށްހުންނަ އުޅަނދު ދުއްވުން. (އިންށުއަރެންސްއާއި ގުޅިގެން ލައިސަންސް ހިފެހެއްޓޭނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނު 2009/5 ގެ 66 (ސަހައްޓި) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންނެވެ.) 

(ރ) ވަގުތީ ލައިސަންސް ލިބިފައިވާ ފަރާތަކުން، ވަގުތީ ލައިސަންސްގެ މުއްދަތުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެނަމަ، ކުރި ކުށަކާއި ގުޅޭގޮތުން ކުރެވޭ ޖޫރިމަނާގެ އިތުރުން އެފަރާތުގެ ލައިސަންސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.

(ބ) ފުލުހުން ހިފާއްޓާ ލައިސަންސް އަނބުރާ އޭގެ ވެރިފަރާތާ ހަވާލުކުރެވޭނީ ލައިސަންސްގެ ވެރިފަރާތުން ކުރި ކުށަކާއި ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ދެއްކުމުންނެވެ.

 

18 ވަނަ މާއްދާ - މާނަ ކުރުން

މިގަވާއިދުގައި، އެ އިބާރާތް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:

(ހ)  " ލައިސަންސް" ކަަމަށް ބުނެވިފައި އެވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އެ އޮތޯރިޓީން އިހްތިޔާރު ދީފައިވާ ފަރާތަކުން އެއްގަމު އުޅަނދު ދުއްވުމަށް ނުވަތަ އޮޕަރޭޓްކުރުމަށް ހުއްދަ ދިނުމުގެ ގޮތުން ދޫކޮށްފައިވާ ފޮޓޯޖެހި ލައިސަންސް ކާޑު، ލައިސަންސް ފޮތް ނުވަތަ އެފަދަ އެހެން ލިޔުމެކެވެ.

(ށ) "ވަގުތީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދާއިމީ ލައިސަންސް ދޫކުރުމުގެ ކުރިން ދޫކުރެވޭ ކޮންމެ ލައިސަންސް އަކަށެވެ.

(ނ) "ދާއިމީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ވަގުތީ ލައިސަންސް މުއްދަތު ހަމަވުމުން ދޫކުރެވޭ ލައިސަންސް އަށެވެ.

(ރ) "ލާރނާސް ނުވަތަ ރެސްޓްރިކްޓެޑް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދާއިމީ ލައިސަންސެއް ދޫކުރުމުގެ ކުރިން ބިދޭސީ ގައުމަކުން ދޫކުރާ ކޮންމެ ލައިސަންސްއަކަށެވެ.

(ބ) "ކެޓަގަރީ" ކަަމަށް ބުނެފައި އެވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ތަރުތީބުކޮށްފައިވާ ގޮތަށެވެ.

(ކ) "ބިދޭސީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުގެ ގައުމުތަކުން ދޫކޮށްފައިވާ ޑްރައިވިންގ ލައިސަންސްއަށެވެ.

 

 

------------------- 

ޖަދުވަލު 1

(ޖަދުވަލު 1 އެއްގަމު ލައިސަންސްއަށް އެދޭ ފޯމު ، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ.)

 

އުވި ގަވާއިދު

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-102)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު