-

މަދަނީ ކޯޓުގެ އިބްތިދާއީ އަޑުއެހުމާބެހޭ ގަވާއިދު - 2010 

 

1 ވަނަ މާއްދާ – ތައާރަފާއި ނަން

މިއީ، މައްސަލައިގެ ށަރީއަތުގެ ބޭއްވުމުގެ ކުރިން މައްސަލައާގުޅޭ ގޮތުން ސާފުލުރަންޖެހޭ މައުލޫމާތާއި ގާނޫނީ އަދި އިދާރީ ގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި އަމަލުކުރާނޭ ގޮތް ބަޔާންކޮށްދޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ

މި ގަވާއިދަށް ކިޔާނީ "މަދަނީ ކޯޓުގެ އިބްތިދާއީ އަޑުއެހުމާއިބެހޭ ގަވާއިދު"އެވެ.

 

3 ވަނަ މާއްދާ

ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އިބްތިދާއީ އަޑުއެހުމަށް ފޮނުވާނޭ މައްސަލަތަށް ކަނޑައާޅާނީ ރަޖިސްޓްރާރއެވެ. މިމާއްދާގައި އެހެން އޮތުމަކުން އެމައްސަލަ ބައްލަވާ ގާޒީއަކު އެމައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމުގެ ކުރިން އިބްތިދާއީ އަޑުއެހުމަށް މައްސަލައެއް ފޮނުވުމަކަށް މިމާއްދާ ހުރަހެއްނާޅައެވެ.

 

4 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުމުގައ ހާސިލްކުރަންޖެހޭ ކަންތައްތައް

(ހ) މައްސާލާގައި ހިމެނޭ ގާނޫނީ އަދި އެހެނިހެން ކަންކަން (އިށޫތައް) ދެނެގަތުން.

(ށ) ށަރީއަތް ހިންގުމަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހަމަކޮށް، ކޮންމެހެން ބޭނުންވާ (މައްސަލައާ ގުޅުމެއްނެތް) ލިޔުންތަށް އެއްކިބާކުރުން. މިގޮތުން އެއްކިބާކުރެވޭ ލިޔުންތަކުގެ މައުލޫމާތު އެލިޔުން ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

(ނ) މައްސަލާގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތައް، އިސްކަންދޭ ތަރުތީބުން ލިސްޓުކުރުން

(ރ) ހެކިބަސްދޭ ފަރާތްތަކާއި އެފަރާތްތަކުގެ ހެކިބަހުން ސާބިތުކުރަން ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު ނެގުން

(ބ) ށަރީއަތަކާނުލައި ހައްލުކުރެވިދާނެފަދަ މައްސަލައެއްނަމަ އެ މައްސަލައެއްގެ ވަކީލަކު ނުވަތަ ބަދަލުގައި ކަނޑައަޅާ މީހަކު ހުރިނަމަ، އެކަން ށަރީއަތުން ބޭރުގައި ހައްލުކުރެވިދާނެ ކަމުގެ މައުލޫމާތު ދީ މައްސަލާގައި ހިމެނޭ ފަރާތްތަށް އެގޮތައް އެއްބަސްވާނަމަ އެފުރުސަތު ދިނުން. ކޯޓުން ބޭރުގައި ހައްލުކުރެވިދާނެކަން ނުވަތަ ކޯޓުގެ މީޑިއޭށަނަށް ފޮނުވަން ކަނޑައަޅާނީ މައްސަލާގައި ހިމެނޭ ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހުގައެވެ.

(ޅ) ށަރީއަތް ބާއްވާނެ ދުވަސްތަށް ކަނޑައަޅައި، ކަލަންޑަރުކުރުން

(ކ) މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަށް ފިޔަވައި އެހެން ހާލަތްތަކުގައި އިބްތިދާއީ އަޑުއެހުމުގައި ހުށަނާޅާ ލިޔެކިޔުންތަކާއި ހެކިތަށް ށަރީއަތުގެ އަޑުއެހުންތަކުގައި ބަލައިނުގަނެވޭކަން.

(އ) މިނޫންވެސް މައްސަލާގައި ހިމެނޭ ފަރާތްތަކަށް އަދުލު އިންސާފު ގާއިމްކޮށްދިނުމަށް ފަސޭހަވާނެ އެހެނިހެން ކަންތައްތައް ހަމަޖެއްސުން

 

5 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމުގެ ބައްދަލުވުން ބާއްވާނޭ ތާރީހެއް ކަނޑައެޅުން

މައްސަލަ ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ބާއްވާނޭ ތާރީހެއް ކަނޑައަޅައި ސަރުކާރު ބަންދުނޫން 7 ދުވަސްކުރިން އިބްތިދާއީ އަޑުއެހުން ބާއްވާނެ ތާރީހަކާއި ގަޑިއެއް މައަސަލާގައި ހިމެނޭ ފަރާތްތަކަށް އަންގަވަންވާނެއެވެ.

 

6 ވަނަ މާއްދާ – މައްސަލާގައި ބޭނުންވާ މައުލޫމާތު ހޯދުމަށްދެވޭ ފުރުސަރު

(ހ) އިބްތިދާއީ އަޑުއެހުން ފުރަތަމަ ބޭއްވޭ ދުވަހު ދައުވާކުރާ ފަރާތުން ށަރީއަތަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތަކުގެ ކޮޕީއާއި ދައުވާއާއި ގުޅިގެން ހުށަހަޅާ ހެއްކާއި ގަރީނާތަކުގެ މައުލޫމާތު ދައުވާލިބޭ ފަރާތަށް ދޭންވާނެއެވެ.

(ށ) އިބްތިދާއީ އަޑުއެހުމަށް ހުށަހެޅުމަށް ހުށަހެޅޭ މައްސަލަތަކުގައި ދައުވާލިބޭ ފަރާތުން ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތަކާއި މައްސަލައާއި ގުޅިގެން ހޯދަންޖެހޭ ހޯދުންތަށް ހޯދުމަށް ދައުވާލިބޭ ފަރާތަށް އާންމު އުސޫލެއްގެ ގޮތުން ދެވޭނީ 10 ދުވަހެވެ. މި މާއްދާގައި މިހެން އޮތުމަކުން މައްސަލައިގެ ބާވަތާއި ހާލަތަށް ބަލައި އިތުރު މުއްދަތެއް ދިނުމަކަށް ހުރަހެއްނާޅައެވެ.

 

7 ވަނަ މާއްދާ

އިބްތިދާއީ އަޑުއެހުމުގެ ގޮތުގައި ގިނަވެގެން ބޭއްވޭނީ 2 އަޑުއެހުމެވެ.

(ހ) މައްސަލައިގައި ވަކީލަކު ބޭނުންކުރާނަމަ، އެފަރާތެއް އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ހާޒިރުވުމަކީ މުހިންމު އަދި އެދެވިގެންވާކަމެކެވެ.

(ށ) އިބްތިދާއީ އަޑުއެހުމުގުއި ހެކިންގެގޮތުގައި ހުށަހަޅާ މީހުންގެ ލިސްޓުގައި ހުށަޅާ ކޮންމެ މީހަކާބެހޭ ގޮތުން އަންނަނިވި މައުލޫމާތު ފުރިހަމަވެފައި އޮންނަންވާނެއެވެ.

  1. ފުރިހަމަނަން (އާންމުކޮށްކިޔާ ނަމާއެކު):
  2. ދާއިމީ އެޑްރެސް (ދިރިއުޅެނީ ފުލެޓެއްގައިނަމަ ފަންގިފިލާ އަދި އެޕާޓްމެންޓުގެ ނަންބަރު):
  3. މިހާރުގެ އެޑްރެސް (ދިރިއުޅެނީ ފުލެޓެއްގައިނަމަ ފަންގިފިލާ އަދި އެޕާޓްމެންޓުގެ ނަންބަރު):
  4. ގުޅޭނެ ފޯނު ނަންބަރު؛
  5. މައްސަލާގައި ހުށަހަޅާ ހެކިވެރިޔާގެ ކިބައިން ހެކި ބޭނުންވާ ކަންތައްތައް

 

8 ވަނަ މާއްދާ

އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ބަދަލުކުރެވޭ ލިޔުންތަކުގައި "އިބްތިދާއީ އަޑުއެހުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

9 ވަނަ މާއްދާ

އިބްތިދާއީ އަޑުއެހުން ބާއްވަން ހަމަޖައްސާފައިވާ ދުވަހަށް އިބްތިދާއީ އަޑުއެހުމަށް ހުށަހަޅަން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާ ހުންނަންވާނީ ތައްޔާރުކޮށްފައެވެ.

 

10 ވަނަ މާއްދާ

އިބްތިދާއީ އަޑުއެހުމުގެ މަރުހަލާ ނިމުމަށްފަހު ހުށަހެޅޭ ހެކި ކޯޓަށް ގަބޫލުކުރެވޭނީ ތިރީގައި މި ދަންނަވާ ހާލަތްތަކުގައެވެ.

 

11 ވަނަ މާއްދާ

އިބްތިދާއީ އަޑުއެހުމުގެ މަރުހަލާ ނިމުމަށްފަހު ހުށަހެޅޭ ހެކި ކޯޓަށް ގަބޫލުކުރެވޭނީ ތިރީގައި މި ދަންނަވާ ހާލަތްތަކުގައެވެ.

  1. އެ ހެއްކެއް ނުވަތަ ގަރީނާއަކީ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާ ނިމުނުފަހުން ހޯދިފައި، ނުވަތަ ފާޅުވެފައިވާ ހެއްކެއް ނުވަތަ ގަރީނާއަކަށްވުން.
  2. އެފަދަ ހެއްކެއް ނުވަތަ ގަރީނާއަކީ ހިނގަމުންދާ މައްސަލައާ ގުޅުންހުރި، މައްސަލަ ވަކިގޮތަކަށް ދައުވާ ސާބިތުކުރުމަށް ނުވަތަ ސާބިތުނުވުމަށް ލިބޭ ބުރަދަނެއް ކަމުގައިވުން.

 

12 ވަނަ މާއްދާ

(ހ) އިބްތިދާއީ އަޑުއެހުމުގެ މަރުހަލާ ނިމޭއިރު، އެ މައްސަލައެއްގެ ށަރީއަތް ފަށާނެ ތާރީހަކާއި، އެ މައްސަލައަށް ތައްޔާރުވުމަށްޓަކައި މައްސަލައިގެ ދެފަރާތަށް ބޭނުންވާނެކަމަށް ލަފާކުރެވޭ މިންވަރަށް ދުވަސްތައް ކަނޑައެޅުމަށްފަހު، މައްސަލައިގެ ށަރީއަތް ބާއްވާނެ ދުވަހެއް ކަނޑައަޅާފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ށަރީއަތް ބޭއްވުމަށް ކަނޑައަޅާ ދުވަހާއި އިބްތިދާއީ އަޑުއެހުމުން މައްސަލަ ނިންމި ދުވަހާ ދެމެދު 30 (ތިރީސް) ދުވަހަށްވުރެ ދިގު މުއްދަތެއް އޮވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ށަރީއަތް ބާއްވާނެ ދުވަހެއް ކަނޑައަޅައި މައްސަލައިގެ ށަރީއަތް ފެށުމަށްފަހު، ށަރީއަތް މެދުނުކެނޑި ކުރިއަށް ގެންދާނެކަން ނުވަތަ ނޫންކަން މައްސަލައިގައި ހިމެނޭ ދެފަރާތަށް އަންގަންވާނެއެވެ.

 

މައި ގާނޫނު

(ނެތް) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު