-

މާލޭގެ މަގުމަތީގައި އިއުލާނާއި އިށްތިހާރު ހަރުކުރުމާއި ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 25/2016) 

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 15/2015 (ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) އިން ބާރު ލިބިގެން، މާލޭގެ މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމުގައި އަމަލުކުރާނެގޮތް ކަނޑއެޅުމާއި، ފީ ނެގުމާއި، މިގަވާއިދުގައިވާ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު އެޅޭނެ ފިޔަޅުތައް ބަޔާންކުރުމުގެ ގޮތުން ހެދިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ "މާލޭގެ މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާއަމަލު ކުރަން ފަށާ ތާރީހް

މިގަވާއިދށް އަމަލުކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ – ކުރީގައި ހިނގާފައިވާ ކަންކަމަށް މި ގަވާއިދު ހިންގުން

(ހ) މި ގަވާއިދަށް އަމަލު،ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު މި ގަވާއިދުގައި ވަކި ކަމެއް ލާޒިމުކޮށްފައިވާނަމަ، އެ ކަމެއް މި ގަވާއިދުގެ ދަށުން ހިނގާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ވިޔަފާރިވެރިންގެ ޖަމްއިއްޔާއާއެކު އެއްބަސްވުމެއް ވެފައިވާ ފަރާތަކަށް، އެ ފަރާތްތަކުން ބަހައްޓާފައިވާ އިސްތިހާރާއި އިއުލާން ނެގުމަށް 1 (އެކެއް) މަސްދުވަސް ދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެތި ނެގުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - އާންމު ތަންތަނުގައި އިއުލާނާއި އިސްތިހާރު ހިއްޕުން

މާލޭ ސިޓީގެ އާންމު ތަންތަނުގައި އެއްވެސް ބާވަތެއްގެ އިއުލާނެއް ނުވަތަ އިސްތިހާރެއް ބަހައްޓައި، ހަރުކުރަންވާނީ، މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.

 

5 ވަނަ މާއްދާ – އިއުލާނާއި އިސްތިހާރު ފާސްކުރުން

(ހ) އިއުލާނެއް ނުވަތަ އިސްތިހާރެއް ފާސްކުރަން މިނިސްޓްރީއަށް ހުށަހަޅާއިރު އެ އިއުލާނު ނުވަތަ އިސްތިހާރެއްގެ 2 (ދޭއް) ކޮޕީ ހުށަހަޅަންވާނެއެވެ.

(ށ) މިފަދަ އިއުލާނުތައް ނުވަތަ އިސްތިހާރުތައް އާންމުކޮށް ފެންނަގޮތަށް ބެހެއްޓުމުގެ 5 (ފަހެއް) ދުވަސް ކުރިން، އެ އިއުލާނެއް ނުވަތަ އިސްތިހާރެއް ފާސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާއިރު، މިގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަ އިސްތިހާރުބޯޑުތައް ފިޔަވައި ދެން ހުރި ބޯޑުތަކުގެ ގިންތިތަކުގެ މިން އެނގޭނެހެން ސޮފްޓްކޮޕީ ހުށަހެޅުމުން ފުދޭނެއެވެ.

(ނ) މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި އިއުލާނާއި އިސްތިހާރު ހަރުކުރަންވާނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން ލިޔުމުން ހުއްދަ ލިބިގެންނެވެ.

(ރ) އިއުލާނާއި އިސްތިހާރު ހަރުކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުގެ ކުރިން، އެ އިއުލާނު ނުވަތަ އިސްތިހާރުގައި ހިމެނޭ ލިޔުން ތިރީގައި ބަޔާންކުރާ ފަރާތްތަކުން ފާސްކޮށްފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

  1. ކާބޯތަކެއްޗާ ގުޅުންހުރި އިއުލާނެއް ނުވަތަ އިސްތިހާރެއްނަމަ، ފުޑު އެންޑް ޑްރަގް އޮތޯރިޓީން؛
  2. ބެނާ، އިއުލާނު ނުވަތަ އިސްތިހާރުގައި ހިމެނޭ ދިވެހި ލިޔުން، ދިވެހިބަހުގެ އެކަޑެމީން؛
  3. ދީނާ ގުޅުންހުރި ބެނާ، އިއުލާނު ނުވަތަ އިސްތިހާރު ނަމަ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން؛
  4. ބެނާ، އިއުލާނު  ނުވަތަ އިސްތިހާރުގެ ބާވަތުން އިތުރަށް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދުން އަދި ފާސްކުރަންޖެހޭ ފަރާތްތަކުން ފާސްކުރުން.

 

6 ވަނަ މާއްދާ - ބެނާ، އިއުލާނު ނުވަތަ އިސްތިހާރުގެ ބާވަތުން އިތުރަށް ހުއްދަ ހޯދަންޖެހޭ އަދި ފާސްކުރަންޖެހޭ ފަރާތްތަކުން ފާސްކުރުން.

(ހ) ސަރުކާރުގެ އިމާރާތްތަކުގައާއި ސަރުކާރުގެ ތަންތަނުގެ މަގުމަތީފާރުގައި އަދި ޔުޓިލިޓީސް ހިދުމަތް ދިނުމަށް މަގުމަތީ ފާރުގައި ހަރުކޮށްފައިވާ ފޮށިތަކުގައާއި، މަގުމަތީގައި ބެހެއްޓިފައި ހުންނަ ޑަސްޓްބިންތަކާއި، ގަސް އިންދުމަށް މަގުމަތީގައި ޖަހާފައި ހުންނަ ފެންސްތަކުގައި އިއުލާނު ނުވަތަ އިސްތިހާރު ބެހެއްޓުމަކީ ނުވަތަ ހިއްޕުމަކީ މަނާކަމެކެވެ.

(ށ) މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ އިއުލާނާއި އިސްތިހާރު ބަހައްޓައި ހަރުކުރުމަކީ މަނާކަމެކެވެ.

(ނ) އެއްވެސް ބާވަތެއްގެ އިސްތިހާރެއް މަގުމައްޗަށާއި، މަގުމަތީގައި ހުންނަ އެއްޗިއްސަށާއި، ވެހިކަލްތަކަށާއި އެނޫންވެސް ތަންތަނަށް އެޅުމަކީ މަނާކަމެކެވެ.

(ރ) ގައުމީ ކަންކަމާއި، ގައުމީ މުނާސަބަތުތައް ފާހަގަކުރުމަށް މަގު ހުރަހަށާއި އާންމު ތަންތާނގައި އިސްތިހާރު ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން މަގު ހުރަހަށް އެއްވެސް އިސްތިހާރެއް ދެމޭނީ މިނިސްޓްރީން އެ އިސްތިހާރެއް ބެލުމަށްފަހު ހުއްދަދޭ ގޮތަކަށެވެ.

(ބ) އިސްތިހާރު ބަހައްޓައިޗ ހަރުކުރާއިރު، ދުވާރުމައްޗަށްވާގޮތަށް ނުވަތަ ދުވާރުމަތީގައި އެއްވެސް އެއްޗެއް ޖަހަންޖެހޭގޮތަށް އިސްތިހާރު ބެހެއްޓުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ޅ) މާލޭގެ މަލަމައްޗަށްވާގޮތަށް މާލެ ވަށައި، މާލެއިން ބޭރަށް ނުވަތަ މާލެތެރެއަށް ވާގޮތަށްވެސް މި ގަވާއިދު ހުއްދަނުކުރާ ބޮޑެތި އިސްތިހާރުބޯޑު ބެހެއްޓުމަކީ މަނާކަމެކެވެ.

(ކ) މާލޭގެ އެކި ސަރަހައްދުތަކުގައިވާ ގަސްގަހާއި ހޮޅި ދަނޑިއާއި އަދިވެސް އެކިއެކި ސްޓޭންޑްތަކުގައި އިއުލާނާއި އިސްތިހާރު ހިއްޕުމަކީ މަނާކަމެކެވެ.

 

7 ވަނަ މާއްދާ – ގޭގޭގެ ފާރުގައި އިއުލާނާއި އިސްތިހާރު ހިއްޕުން

އަމިއްލަ މީސްމީހުންގެ ގޭގައާއި އިމާރާތްތަކުގައި އިސްތިހާރު ބަހައްޓައި ހަރުކުރަންވާނީ އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށް ފަހުގައެވެ. އަދި އިއުލާނުކުރާ ނުވަތަ އިސްތިހާރުކުރާ މުއްދަތު ހަމަވުމުން، އެ ތަނަކުން އިއުލާނެއް ނުވަތަ އިސްތިހާރެއް ނައްޓައި ނުވަތަ ނަގައި، ތަން ސާފުކުރުމަކީ އިއުލާނު ނުވަތަ އިސްތިހާރު ހަރުކުރާ ފަރާތްތަކުން ކުރަންޖެހޭނެ ކަމެކެވެ.

 

8 ވަނަ މާއްދާ – ވިޔަފާރިއަކުން ކުރާ އިސްތިހާރުތަކަށް އަގު ނެގުން

ވިއްކާ އެއްޗެއް ނުވަތަ އަގު ނަގާގޮތަށް ދެވޭ ހިދުމަތެއްގެ އިސްތިހާރު ކުރެވޭނީ ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށް، މި ގަވާއިދުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

9 ވަނަ މާއްދާ – އިސްތިހާރުބޯޑުތައް ބަހާލެވިފައިވާ ގިންތިތައް

މި ގަވާއިދުގައި އިސްތިހާރުބޯޑުތައް ބަހާލެވިފައިވަނީ އަންނަނިނވި ތިން ގިންތިއަށެވެ.

  1. ބޮޑެތި އިސްތިހާރު ބޯޑު ( ބޮޑެތި އިސްތިހާރުބޯޑު ކަމުގައި ބަލާނީ 4 ފޫޓާއި 6 ފޫޓު، 8 ފޫޓާއި 12 ފޫޓާ ދެމެދުގެ އިސްތިހާރުބޯޑަށެވެ.)
  2. މެދުމިނުގެ އިސްތިހާރުބޯޑު: ( މެދުމިނިގެ އިސްތިހާރުބޯޑު ކަމުގައި ބަލާނީ 2 ފޫޓާއި 4 ފޫޓު، 4 ފޫޓާއި 6 ފޫޓާދެމެދުގެ އިސްތިހާރު ބޯޑަށެވެ.
  3. ކުޑަ އިސްތިހާރުބޯޑު: (ކުޑަ އިސްތިހާރުބޯޑު ކަމުގައި ބަލާނީ 4X2 ފޫޓަށްވުރެ ކުޑަ އިސްތިހާރު ބޯޑަށެވެ.)

 

10 ވަނަ މާއްދާ – އިސްތިހާރުބޯޑުތަކާ އިއުލާނުތަކަށް ކަނޑައެޅިފައިވާ ފީ

މިގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ އިސްތިހާރުބޯޑުތަކަށް ފީ ނެގޭނީ އަންނަނިވި ގޮތުގެމަތީންނެވެ.

  1. ބޮޑެތި އިސްތިހާރުބޯޑު: މި ގިންތީގެ ބޯޑެއްގެ އަކަފޫޓަކަށް މަހަކު 100 ރުފިޔާއެވެ.
  2. މެދުމިނުގެ އިސްތިހާރުބޯޑު: މި ގިންތީގެ ބޯޑެއްގެ އަކަފޫޓަކަށް މަހަކު 50 ރުފިޔާއެވެ.
  3. ކުޑަ އިސްތިހާރުބޯޑު: މި ގިންތީގެ ބޯޑެއްގެ އަކަފޫޓަކަށް ދުވާލަކު 25 ރުފިޔާއެވެ.

 

11 ވަނަ މާއްދާ – ޖޫރިމަނާކުރުން

(ހ) މި ގަވާއިދުގެ ދަށުން އިއުލާނެއް ނުވަތަ އިސްތިހާރެއް ހަރުކުރާ ފަރާތުން މި ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަކާ ހިލާފުވެއްޖެނަމަ ނުވަތަ ހުއްދަ ނުނަގާ އިއުލާނެއް ނުވަތަ އިސްތިހާރެއް ހިއްޕައިފިނަމަ މި މާއްދާގެ ދަށުން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ކުރާނެ މިންގަނޑު ތިރީގައި މިވަނީއެވެ.

  1. ފުރަތަމަ ފަހަރު: 1000 (އެއްހާސް) ރުފިޔާއާއި 2000 (ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން.
  2. ފުރަތަމަ ފަހަރު ފިޔަވައި ދެން ތަކުރާރުކުރާ ކޮންމެ ފަހަރަކު 2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް އިއުލާނަށާއި އިސްތިހާރު އެއްވެސް ތަނެއްގައި ހިއްޕުމުގެ ހުއްދަ ނުދިނުން.

 

12 ވަނަ މާއްދާ – އިސްތިސްނާވާ އިއުލާނާއި އިސްތިހާރު

ދައުލަތުގެ ބޭނުމަށް އެކިތަންތާނގައި ބަހައްޓާ އިއުލާނާއި އިސްތިހާރު މި އުސޫލުން އިސްތިސްނާވާނެއެވެ. މިގޮތުން އިސްތިސްނާކުރެވޭ އިއުލާނާއި އިސްތިހާރު ހަރުކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.

 

13 ވަނަ މާއްދާ – މާނަކުރުން

(ހ) "މިނިސްޓްރީ": މި ގަވާއިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، މިނިސްޓްރީ ކަމުގައި ބުނެފައިއެވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށެވެ.

(ށ) "އާންމު ތަންތަން": މި ގަވާއިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، އާންމު ތަންތަން ކަމުގައި ބުނެފައި އެވަނީ، އެތަނެއްގައި މީހުން ހިނގާބިނގާވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އާންމު ތަންތަން ކަމަށް ކަނޑައަޅާ ތަންތަނެވެ.

(ނ) މިގަވާއިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި، މީހުންނާއި، ފަރާތްތަކުގެ މާނައިގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަ ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެ ބަހެއް ބޭނުންކުރެވިފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭގޮތަށް  މާނަކުރެވިދާނެއެވެ.

  

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު