-

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2011-03)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2021-54 އިން އުވާލެވިފައި)

 

1  ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-08 (ނުކުޅުދެންތެރިކަންހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) އާއި 33 ވަނަ މާއްދާއިން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ، "ނުކުޅެދުންތެރިކަންހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދު" އެވެ.

 

2  ވަނަ މާއްދާ - މަގުސަދު

(ހ) ނުކުޅެދުންތެރިކަންހުންނަ މީހުންނަށް އަސާސީ ހައްގުތައް ހޯދައިދިނުމަށް ސަރުކާރުގެ ސިޔާސަތުތަކުގައި ކަނޑައަޅައި، އެފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދަ، ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަގު ފަހިކޮށްދިނުން.

(ށ) މާލީ އެހީ އަދި ހާއްސަ އެހީއަށް ބޭނުންވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވާނެ ށޯށަލް ޕޮރޮޓެކްށަން ނިޒާމެއް ގާއިމުކުރުން.

(ނ) ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށްވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، ގާނޫނުން ލިބިދޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅުން.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުން، ފުރިހަމަ އަދި ފައިދާހުރި ގޮތެއްގައި މުޖުތަމައުގައި ބައިވެރިކުރުމަށް ސަރުކާރުގެ ސިޔާސަތި ކަނޑައެޅުން.

(ބ) ނުކުޅެދުންތެރިކަން ހުނަން މީހުންނަށްވެސް އެހެން މީހުންނެކޭ އެއްފަދައިން ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅުން.

(ޅ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ވީހާވެސް ގާތުން ތަފާތު ހިދުމަތްދެވޭނެ އިންތިޒާމު ހަމަޖެއްސުން.

(ކ) ނުކުޅެދުންތެރިކަންހުންނަ މީހުންގެ ތެރެއިންވެސް ނުކުޅެދުންތެރިކަންހުންނަ ކުޑަކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ހުރިހާ ކަމެއްގައި އަދި ހުރިހާ ދާއިރާތަކަކުންވެސް އިސްކަން ދިނުމަށް ބާރުއެޅުން.

(އ) ނުކުޅެދުންތެރިކަމާބެހޭގޮތުން، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭގޮތުން، ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ، ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައިވާ ކަންތައްތައް ތަސްދީގުކުރުމަށް ސިޔާސަތު އެކަށައަޅައި ހިންގުމާއި، ދައުލަތުން ޒިންމާ އުފުލާތޯ ބެލުން.

 

3  ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ދަފުތަރު

ދިގު މުއްދަތުގެ ޖިސްމާނީ، ނަފުސާނީ، އަދި ހިއްސުތަކުގެ ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި ކޮންމެ މީހަކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމަނަންވާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައު ހިމެނުމަށް ބޭނުންވާ ސައްހަ މައުލޫމާތާއި ނުކުޅެދުންތެރިކަން ހުންނަ މީހުން، ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސްއިން ލިބެން ހުންނަންވާނެއެވެ. އަދި މި ދަފުތަރުގައި ހިމަނާ މީހުންގެ މައުލޫމާތުތައް މިކަމަށް ހާއްސަ ކޮށްފައިވާ ޑޭޓާބޭސްއެއްގައި ރައްކާކޮށްފައި ހުންނަންވާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަލީ އެހީތެރިކަން ބޭނުންވާ މީހުންނަށް ކޮންމެ މިލާދީ މަހަކު ދިވެހި ފައިސާގެ 2000 (ދެހާސް) ރުފިޔާ ދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދީ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ގިންތިތައް

ގާނޫނު ނަންބަރު 2010-08 ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސޯށަލް ޕްރޮޓެކްށަން ޕްރޮގްރާމުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދީ މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ތިރީގައިވާ ގިންތިތަކުންކުރެ ގިންތިއެއްގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.

(ހ) ފެނުމުގެ ނުކުޅެދުންތެރިކަން.

(ށ) އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން.

(ނ) ޖިސްމާނީ ނުކުޅެދުންތެރިކަން.

(ރ) ވިސްނުމުގެ/ ސިކުނޑީގެ ނުކުޅެދުންތެރިކަން.

(ބ) އޯޓިޒަމް

(ޅ) އުނގެނުމުގެ ނުކުޅެދުންތެރިކަން

(ކ) މަލްޓިޕަލް ޑިސްއެބެލިޓީސް. (އެއް ނުކުޅެދުންތެރިކަމަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުރުން)

 

5  ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީއާއި އާލަތްތައް ދިނުން.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީއާއި އަދި އެމީހުންނަށް ބޭނުންވާ އާލަތްތައް ފޯރުކޮށްދެވޭނީ، ތިރީގައި މިވާ، ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން މުއައްސަސާއެއްގައު ރަޖިސްޓްރީ ކޮށްފައިވާނަމައެވެ.

(ހ)މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑީޕާޓްމެންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސް

(ށ) ނެށަނަލް ސޯށަލް ޕްރެޓެކްށަން އޭޖެންސީ (އެންސްޕާ)

(ނ) މިނިސްޓްރީ އޮފް އެޑިއުކޭށަން. (ސެން ޔުނިޓްސް- ސްޕެށަލް އެޑިއުކޭށަނަލް ނީޑްސް ކުލާސްތައް)

މަތީގައިވާ، ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން މުއައްސަސާއެއްގައި ރަޖިސްޓްރީކޮށްފައިނުވާ، ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް މި ގަވާއިދުގެ ދަށުން މާލީ އެހީތެރިކަމާއި، އާލާތްތައް ފޯރުކޮށެއް ނުދެވޭނެއެވެ.

 

6 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިރިއުޅޭނެ މާހައުލާއި، އާންމުތަންތަނަށް ވަދެ ނިކުމެ އުޅޭނެގޮތް ހަމަޖައްސައިދިނުމާއި، ހިދުމަތް ލިބިގަތުމުގެ ފުރުސަތު ހޯދައިދިނުން.

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުން، ދިރި އުޅޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށް، އާންމު ތަންތަނަށް ވަދެ ނިކުމެ އުޅުމާއި، ހިދުމަތް ލިބިގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މޮބިލިތީ ނުވަތަ ހިނގާބިނގާވެ އުޅުމަށް ފަސޭހަވާގޮތަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ބިލްޑިންގ ކޯޑު ތައްޔާރު ކުރަންވާނެއެވެ.

(ށ) އާންމު އަސާސީ ހިދުމަތް ދޭ ތަންތަނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ދެވޭނެ ގޮތަށް ރާވައި އިންތިޒާމުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ  މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ތައުލީމު ލިބުމުގެ ފުރުސަތު ލިބިދިނުން.

(ހ) ތައުލީމުގެ ނިޒާމުގެ ތެރެއިން އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންނަށް ހަމަހަމ ފުރުސަތު ދޭންވާނެއެވެ.

(ށ) އަސާސީ ތައުލީމާއި، ސާނަވީ ތައުލީމާއި، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަންވާނެއެވެ.

(ނ) ތައުލީމު ހާސިލުކުރާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަފާތު ފުރުސަތުތަކާއި ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަންވާނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުން އުނގެނުމަށް ހާއްސަކޮށްފައިވާ ތަންތަނުގައި އެފަދަ ފަރާތްތަކަށް ތައުލީމު ހާސިލުކުރެވޭނެ ގޮތަކަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރަންވާނެއެވެ.

(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ސަރުކާރުން ސްކޮލަރށިޕް އަދި ތަމްރީން ޕްރޮގްރާމްތައް ހޯދައި ދިނުމަށް މަސައްކަތް ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ގަވާއިދުގައި ފާހަގަކުރާ ކަންތައްތައް

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިއްހީ ހިދުމަތް ދޭއިރު އެހެން މީހުންނެކޭ އެއްފަދައިން އެއްހަމައެއްގައި އެއްފެންވަރެއްގައި ސިއްހީ ހިދްމަތް ފޯރުކޮށްދޭންވޭނެއެވެ.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭއިރު، އެމީހެއްގެ ގާބިލުކަން ހުރި މިންވަރަކުން އަމިއްލައަށް ކަންކަން ނިންމުމުގެ އިހުތިޔާރު އެމީހަކަށް ދޭންވާނެއެވެ.

(ނ) އާންމުކޮށް އެހެން މީހުންނަށް ލިބޭ ސިއްހީ މައުލޫމާތު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ލިބެން ހުންނަންވާނެއެވެ.

(ރ) ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ އަދި ވިހާކުދިންގެ ނުކުޅެދުންތެރިކަން ފާހަގަ ކުރެވޭނެ ނިޒާމެއް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން ގާއިމުކުރަންވާނެއެވެ.

(ބ) ނުކުޅެދުންތެރިކަން ދެނެގަންނާނެ ވަސީލަތްތަކާއި ނިޒާމުތައް ރާވައި، 2015 ވަނަ އަހަރުގެ ކުރިން ތަންފީޒުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ގާނޫނު ނަންބަރު 2010-08 ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްކާތެރިކަން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯދައިދިނުމަށްޓަކައި ކަމާބެހޭ ދާއިރާތަކުން އަމަލުކުރަންވީ ގޮތް

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިއްޒަތާއި ކަރާމާތަށް ގެއްލުންވާގޮތަށް ނުކުޅެދުންތެރިކަމެއް ނުވަތަ ނުކުޅެދުންތެރިކަން ހުރި މީހެއްގެ ވާހަކަ ހަބަރުފަތުރާ ވަސީލަތްތަކުން ނުވަތަ މީޑިޔާއިން އެއްވސް ގޮތަކަށް ހާމަކުރުމަކީ ނުވަތަ ދެއްކުމަކީ މަނާކަމެކެވެ.  

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖްތަމައުގައި ބޭކާރު ބައެއްގެ ގޮތުގައި ހީވާގޮތަށް ހަބަރުފަތުރާ ވަސީލަތްތަކުން ނުވަތަ މީޑިޔާއިން އެއްވެސް ގޮތަކަށް ށާއިއުކޮށް ނުވަތަ ތަމްސީލުކޮށް ހެދުމަކީ މަނާކަމެކެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭގޮތުން ހަބަރުފަތުރާ ވަސީލަތްތަކުން ނުވަތަ މީޑިޔާއިން، އެއްވެސް ގޮތަކަށް ށާއިއުކުރާ ނުވަތަ ހާމަކުރާ ނުވަތަ ދައްކާ ތަކެއްޗަކީ ޒިންމާދާރުކަމާއި އިހްލާސްތެރިކަމާއެކު ށާއިއުކުރާ ނުވަތަ ހާމަކުރާ ނުވަތަ ދައްކާ އެއްޗިއްސަށް ވާންޖެހޭނެއެވެ.

 

10 ވަނަ މާއްދާ - ގުދުރަތީ ކާރިސާތަކާއި، އެހެނިހެން ހާދިސާތަކުގައި އެހީދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަންދިނުން

(ހ) ގުދުރަތީ ކާރިސާއެއް ނުވަތަ އެހެނިހެން ހާދިސާއެއް ކުރިމަތިވެގެން އުޅޭ އިރު ހުރިހާ މަރުހަލާއެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި ހަމަ އެފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށާއި އަންހެނުންނަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

(ށ) ގުދުރަތީ ކާރިސާއެއް ނުވަތަ އެހެނިހެން ހާދިސާއެއް ދިމާވެގެން، އިމާރަތްތަކުންނާއި އެހެނިހެން ތަންތަނުން މީހުން ހުސްކުރާއިރު އެންމެ އިސްކަމެއް ދޭމީހުންގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެމީހުންނަށް ބޭނުންވާ ހާއްސަ އާލަތްތައް ލިބޭނެ ގޮތް އިންތިޒާމުކުރަންވާނެއެވެ.

(ނ) ގުދުރަތީ ކާރިސާއެއް ނުވަތަ އެހެނިހެން ހާދިސާއެއް ދިމާވެގެން، ކަންކަން ރާވައި އިންތިޒާމުކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ފާހަގަކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދެވޭނެގޮތަށް ކަންކަން ރާވައި އިންތިޒާމު ކުރަންވާނެއެވެ.

(ރ) ގުދުރަތީ ކާރިސާއެއް ނުވަތަ އެހެނިހެން ހާދިސާއެއް ކުރިމަތިވުމަށްފަހު ދޭ ތަފާތު ބޭސްފަރުވާ ދިނުމުގައާއި، އެހީ ފޯރުކޮށްދިނުމުގައި އެންމެ އިސްކަމެއް ދޭ މީހުންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމަނައި، އެ މީހުންނަށް ބޭއްފަރުވާއާއި، އެހީ ދިނުމަށް ހާއްސަ ސަމާލުކަން ދޭންވާނެއެވެ.

 

11 ވަނަ މާއްދާ - އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުން

(ހ) އެހެން މީހުންނެކޭވެސް އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ ނީހުންނަށްވެސް ކުޅިވަރު ކުޅުމާއި، އިސްލާމީ ސިޔާސީ، ސަގާފީ ހަރަކާތްތަކާއި، މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ހަމަހަމ ފުރުސަތު ލިބިދޭންވާނެއެވެ.

(ށ) އެހެން މީހުންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަންހުންނަ މީހުންނަށްވެސް، ސިޔާސީ މައިދާނުގައާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ވަކި ފަރާތެއްގެ ނުފޫޒެއް ނެތި ވޯޓުލުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

އުވި ގަވާއިދު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-54)

 

މައި ގާނޫނު

 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު