-

ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2011-12) 

(މި ގަވާއިދު ވަނީ ގާނޫނު ނަންބަރު 2024-01 ގެ 125 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ- ތައާރުފާއި ނަން

(ހ) މިއީ ގާނޫނުއަސާސީން ލިބިދޭ އިހްތިޖާޖު ކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ހައްގު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރިން ބޭނުންކުރުމުގައި އަމަލުކުރަންވީ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ވަޒީފާއާބެހޭ 2008-02 ގެ 77 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުން ބާރު ލިބިގެން ހެދިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔަނީ "ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި މުއާމަލާތުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު ވަޒީފާގެ ކަންކަމާ ގުޅިގެން އުފެދޭ ހިލާފުތައް ހައްލުކުރުމުގައި އަމަލުކުރާނޭ އުސޫލުތަކެއް ކަނޑައެޅުމެވެ. މި އުސޫލުތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ދެމެދު ކުރެވޭ މުއާމަލާތްތަކާއި، ހަޅުތާލުކުރުންފަދަ ކަންކަމާބެހޭ އުސޫލުތައް ހިމެނެއެވެ.

 

3 ވަނަ މާއްދާ - ހަޅުތާލުކުރުން މާނަކުރުން

މި ގަވާއިދުގައި ހަޅުތާލުކުރުމަށް ބުނެފައި އެވަނީ، އިހްތިޖާޖު ކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން، މަސައްކަތް ހުއްޓާލައިގެން ތިބުމާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށެވެ.

  

4 ވަނަ މާއްދާ - ހަޅުތާލުކުރުމުގެ ހައްގު

(ހ) ހަޅުތާލުކުރުމަކީ، ވަޒީފާ އަދާކުރާ ފަރާތަކަށް އަދި ކޮންމެ މަސައްކަތްތެރިއަކަށް އެފަރާތްތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ހަަައްގުތައް ހޯދުމަށް އަދި ހިމާޔަތްކުރުމަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެކެވެ. މި ހައްގު ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި މަސައްކަތްތެރީން ބޭނުންކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިންނެވެ.

(ށ) އެއްވެސް މީހަކު ހަޅުތާލެއްގައި ބައިވެރިވުމަށް މަޖުބޫރު ކޮށްގެން ނުވާނެއެވެ. އަދި ހަޅުތާލެއްގައި ބައިވެރިނުވުމުގެ ސަބަބުން އެމީހަކާމެދު އެއްވެސް ފިޔަވަޅެއް އަޅައިގެންނުވާނެއެވެ.

 

5 ވަނަ މާއްދާ - ސުލްހަވެރިކަމާއެކު މެނުވީ ހަޅުތާލު ނުކުރުން

ހަޅުތާލު ކުރަންވާނީ ވަޒީފާދޭ ފަރާތުގެ ނުވަތަ ވަޒީފާ އަދާކުރާ ތަނުގެ އެނޫންވެސް މީހެއްގެ، ނަފްސަށް ނުވަތަ މުދަލަށް ގެއްލުންނުވާނޭ ގޮތުގެމަތިން، އެއްވެސް މީހަކަށް ބިރުދެއްކުމެއްނެތި، ސުލްހަވެރިކަމާއެކުގައެވެ.

 

6 ވަނަ މާއްދާ - ހަޅުތާލުކުރުމުގެ ކުރިން އަމަލުކުރަންވީ ގޮތް

(ހ) ވަޒީފާދޭ ފަރާތާއި އަދި ވަޒީފާ އަދާކުރާ ފަރާތާއި ދެމެދު އުފެދޭ ހިލާފުތަކާއި މައްސަލަތައް ހައްލުކުރުމަށް، ހަޅުތާލު ކުރުމުގެ ކުރިން، ސުލްހަވެރިކަމާއެކު މަށްވަރާކޮށް ހައްލުކުރުމަށް މަސައްކަތްކުރުމަކީ މި ގަވާއިދުގެ ދަށުން ދެފަރާތަށްވެސް ލާޒިމްކަމެކެވެ. (މިގޮތުން މައްސަލަ ހައްލުކުރުމަށް މަށްވަރާ ގެންދެވޭނެގޮތުގެ ނަމޫނާއެއް ޖަދުވަލު 1 ގައި ހިމަނާފައި)

(ށ) މި މާއްދާގެ (ހ) ގައިވާގޮތުގެމަތިން އަމަލުކޮށް، ސުލްހަވެރި ހައްލެއް ނުލިބިއްޖެނަމަ، އެކަން ލޭބަރ ރިލޭށަން އޮތޯރިޓީއަށް ހުށަހަޅައި މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ. މި ގޮތުން ހަޅުތާލު ކުރަންވާނީ މައްސަލަ ހައްލުކުރުމަށް ހުށައަޅާ ތާރީހުން ފެށިގެން މަދުވެގެން 07 ދުވަހުގެ މުއްދަތެއްދީ، އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމައެވެ. ސުލްހަވެރި ހައްލެއް ހޯދުމަށް ލޭބަރ ރީލޭށަން އޮތޯރިޓީން ކުރާ މަސައްކަތުގައި، ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާފަރާތުގެ ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުން އަމަލު ކުރުމަށްފަހުވެސް، ސުލްހަވެރި ހައްލެއް ނުހޯދިއްޖެނަމަ، ހަޅުތާލު ކުރެވޭނީ، ހަޅުތާލު ކުރުމުގެ ނޯޓިސް، ހަޅުތާލުފަށާ ތާރީހުގެ މަދުވެގެން 3 ދުވަސް ކުރިން ވަޒީފާ ދޭފަރާތަށް ލިޔުމުން ދިނުމަށްފަހުގައެވެ.

 

7 ވަނަ މާއްދާ - ހަޅުތާލުކުރާ ސަރަހައްދު

 ހަޅުތާލުކުރެވޭނީ، ތިރީގައި މިބަޔާންކުރާ ތަންތާގައެވެ.

(ހ) ވަޒީފާ އަދާކުރާ ނުވަތަ މަސައްކަތްކުރާ ތަނެއްގެ ކައިރީގައި ނުވަތަ ކަމާގުޅޭ ބައެެއްގެ ކައިރީގައި..

(ށ) ޓޫރިސްޓް ރިސޯޓެއް ނުވަތަ އިގްތިސާދީ މަސައްކަތަށް ހާއްސަ ކުރެވިފައިވާ ރަށެއް ނުވަތަ ސަރަހައްދެއްގައިނަމަ، އެ މުވައްޒަފުންނަށް ނުވަތަ ހަޅުތާލުކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުގައި.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަންތަން ފިޔަވައި، ވަޒީފާ އަދާކުރާ ތަނަކަށް ނުވަތަ މަސައްކަތްކުރާ ތަނަކަށް ވަދެނިކުމެ ހަދާ ދޮރޯށި ކައިރީގައި އެތަނަށް ވަންނަނުކުންނަ މީހުންނަށް ދަތިނުވާނޭގޮތުގެ މަތިން.

(ރ) ވަޒީފާގެ ނުވަތަ މަސައްކަތުގެ ކަންތައްތައް އިންތިޒާމުކުރާ ތަނެއްގެ ކައިރީގައި އެތަނަށް ވަދެނިކުމެވާ މީހުންނަށް ދަތިނުވާނޭގޮތުގެ މަތިން.

 

8 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ތަނުގައި ހަޅުތާލުކުރުން

(ހ) މުއައްޒަފުން ވަޒީފާ އަދާކުރާ ތަނަކީ ނުވަތަ މަސައްކަތްކުރާ ތަނަކީ އާންމުކޮށް މުވައްޒަފުން ދިރިއުޅޭތަންކަމުގައިވާނަމަ އެފަދަ ތަނެއްގައި އިހްތިޖާޖުކުރުމުގެ ގޮތުން ވަޒީފާއަށް ނުވަތަ މަސައްކަތަށް ނުނިކުތުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ. އެހެންނަމަވެސް އެފަދަ ދަނޑިވަޅެއްގައި، އެހެންބަޔަކު ނުކުމެ ހިދުމަތްދޭނަމަ އެބަޔަކަށާއި އެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ހަޅުތާލުގައި ބައިވެރިވާ ފަރާތްތަކުން ހުރަހެއްއަޅައިގެން ނުވާނެއެވެ. އަދި ހިދުމަތްދޭން އަންނަފަރާތްތަކުންވެސް ހަޅުތާލުކުރާފަރާތްތަކަށް އުނދަގޫކުރުމާއި ގޯނާކުރުން ފަދަ ކަމެއް ކޮށްގެންނުވާނެއެވެ.

(ށ)

  1. މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ފަދައިން އަމަލުކުރުމަށްފަހު ވަޒީފާދޭ ފަރާތުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ނުވަތަ ވަޒީފާ އަދާކުރާ ފަރާތުގެ ގާނޫނީ ނުވަތަ ވަޒީފާގެ އެއްބަސްވުމުން ލިބޭ ހައްގަކަށް އުނިކަން ލިބޭގޮތަށް ނޫންކަމަށް ލޭބަރ ރިލޭށަންސް އޮތޯރިޓީން ކަނޑައަޅައިފިނަމަ، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިގްތިސާދީ މަސައްކަތަށް ހާއްސަ ކުރެވިފައިވާ ރަށެއް ނުވަތަ ސަރަހައްދެއްގައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތަށް ނުނުކުމެ 6 ގަޑިއިރު ފާއިތުވުމުން އެފަދަ ބަޔަކު އެރަށުން ފޭބުމަށް ނުވަތަ އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރުކުރުމުގެ އިހްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.
  2. މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ފަދައިން އަމަލުކުރުމަށްފަހު ވަޒީފާދޭ ފަރާތުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނޫންކަމަށް، ނުވަތަ ވަޒީފާ އަދާކުރާ ފަރާތުގެ ގާނޫނީ ނުވަތަ ވަޒީފާގެ އެއްބަސްވުމުން ލިބޭ ހައްގަކަށް އުނިކަން ލިބޭގޮތަށް ކަމަށް ލޭބަރ ރިލޭށަންސް އޮތޯރިޓީން ކަނޑައަޅައިފިނަމަ، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިގްތިސާދީ މަސައްކަތަށް ހާއްސަ ކުރެވިފައިވާ ރަށެއް ނުވަތަ ސަރަހައްދެއްގައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތަށް ނުނުކުމެ ތިބި ބަޔަކު ކުރަމުންދާ ހަޅުތާލު ހުއްޓުވުމަށް އެފަދަ ބަޔަކު އެރަށުން ފޭބުމަށް ނުވަތަ އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރުކުރުމުގެ އިހްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންނެއް ނުވެއެވެ.

 

9 ވަނަ މާއްދާ - ހަޅުތާލުކުރުމުގައި އަސާސީ ހިދުމަތަށް ހުރަސްނޭޅޭނެކަން ޔަގީންކުރުން

(ހ) ހަޅުތާލުކުރުމުގައި އަސާސީ ހިދުމަތަށް ނުވަތަ އެފަދަ ހިދުމަތަށް ހުރަސްއެޅޭނެކަމަށް ޔަގީންކުރަންވާނެއެވެ. މި ގޮތުން އަސާސީ ހިދުމަތެއް ނުވަތަ އެފަދަ ހިދުމަތެއްކަމުގައި ބަލާނީ އެ ހިދުމަތެއް އެއްވެސް ހިނދުކޮޅަކަށް މެދުކަނޑާލައިފިނަމަ، މަސައްކަތްކުރާ ތަނަށް، ނުވަތަ މަސައްކަތްކުރާ ތަނުގެ މެށިނަރީއަށް ނުވަތަ މަސައްކަތްކުރުމުގައި ބޭނުންކުރެވޭ ކޮންމެވެސް އެހެން އެއްޗަކަށް، ނުވަތަ އެ އެއެއްޗެއް ބޭނުންކުރެވެމުންދާ މީހަކަށް ނުވަތަ އޭނާގެ ސިއްހަތައް ގެއްލުން ލިބޭ ބާވަތުގެ މަސައްކަތް ހިމެނިގެންވާ ހިދުމަތްތަކަށެެވެ. މިގޮތުން މި ގަވާއިދުގެ ބޭނުމަށް އަސާސީ ހިދުމަތުގެ ތެރޭގައި ހިމެނޭ މުވައްޒަފުންނަކީ:

  1. ހޮސްޕިޓަލް، ހެލްތު ސެންޓަރ، ހެލްތު ޕޯސްޓް ފަދަ ސިއްހީ ހިދުމަތަ ފޯރުކޮށްދޭ ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުން.
  2. ކަރަންޓުގެ ހިދުމަތް ފޯރުވައިދޭ ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުން.
  3. ފެނުގެ ހިދުމަތް ފޯރުވައިދޭ ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުން.
  4. ފޯނުގެ ނުވަތަ މުއާސަލާތީ ހިދުމަތް ފޯރުވައިދޭ ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުން.
  5. ފުލުހުންނާއި ސިފައިން.
  6. ޖަލު ބެލެހެއްޓުމުގެ ވަޒީފާ އަދާކުރާ މުވައްޒަފުން.
  7. އެއަރ ޓްރފިކް ކޮންޓްރޯލްގައި ތިބޭ މުވައްޒަފުން.
  8. އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ހަޅުތާލުކުރުން މަނާކޮށްފައިވާ މުވައްޒަފުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތުމަކުން އެފަދަ މުވައްޒަފުން ހަޅުތާލުކުރުމަކަށް ހުރަހެއް ނެތެވެ. އެހެންނަމަވެސް، އެފަދަ މުވައްޒަފުން ހަޅުތާލެއް ކުރާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތައް މެދުނުކެނޑޭނޭކަން ކަށަވަރުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ގަވާއިދާއެެއްގޮތަށްކުރާ ހަޅުތާލު

(ހ) ގަވާއިދާ އެއްގޮތަށްކުރާ ހަޅުތާލަކީ މި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން މަތިން ހިންގޭ ސައްހަ ހަޅުތާލެވެ.

(ށ) މި ގަވާއިދާ އެއްގޮތަށްކުރާ ހަޅުތާލެއްގައި ބައިވެރިވެފައިވާ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް އަސާސީ މުސާރައާއި، އެހެނިހެން ކަންކަން، 2 ދުވަހުގެ މުއްދަތަށް ހަމަޖައްސައިދޭން ވާނެއެވެ. އެހެންނަމަވެސް، މަސައްކަތް ހުއްޓާލައިގެން ތިބޭ ދުވަސްތަކުގައި ސަރވިސްޗާޖް ދިނުން ލާޒިމެއްނޫނެވެ.

(ނ) ގަވާއިދާ އެެއްގޮތަށްކުރާ ހަޅުތާލެއްގައި ބައިވެރިވުމުގެ ސަބަބުން ވަޒީފާދޭ ފަރާތުން އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްގެންނުވާނެއެވެ.

(ރ) ގަވާއިދާ އެއްގޮތަށްކުރާ ހަޅުތާލެއްގައި ބައިވެރިވުމުން ނުވަތަ ބައިވެރިވުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމަކުން އެއްވެސް ދައުވާއެއް އެއްވެސް ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި މުވައްޒިފެއް ނުވަތަ މުއައްޒަފުންނާ ބެހޭގޮތުން ވަޒީފާދޭ ފަރާތަކަށް ނުއުފުލޭނެއެވެ.

 

11 ވަނަ މާއްދާ - ހަޅުތާލުކުރުމުގައި ކުރުން މަނާކަންކަން

(ހ) މި ގަވައިދުގެ ދަށުން ހަޅުތާލު ކުރުމުގައި އަންނަނިވި އެއްވެސް އަމަލެއް ކޮށްގެންނުވާނެއެވެ.

  1. އެެއްވެސް ގާނޫނަކާއި ގަވައިދަކާ ހިލާފު އަމަލެއް ހިންގުން،
  2. މީހަކަށް ބިރު ދެއްކުން، ފުރައްސާރަކުރުން ނުވަތަ ހަޑިހުތުރު އެއްޗެހި ކިޔުން.
  3. ހިދުމަތް ހޯދާ ފަރާތްތަކުގެ ހިދުމަތަށް ސީދާގޮތުން ހުރަސްއެޅޭފަދަ އެއްވެސް އަމަލެއްކުރުން.
  4. ވަޒީފާދޭ ފަރާތުގެ ނުވަތަ އެނޫންވެސް ފަރާތެއްގެ އެއްވެސް މުދަލަކަށް ނުވަތަ މިލްކިއްޔާތަކަށް ގެއްލުންދިނުން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުން ނުވަތަ އެފަދަ މުދަލެއްގެ ބޭނުންހިފުން
  5. ގާނޫނީ ނުވަތަ ށަރުއީ އަމުރުތަކާ އެއްގޮތްވާގޮތުގެ މަތިން ފުލުހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަސްއެޅޭފަދަ އެއްވެސް އަމަލެއް ކުރުން.

(ށ) މި ގަވާއިދުގައި އަމަލުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް އެއްފަރާތަކުން އަމަލުނުކޮށްފިނަމަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްގު އަނެއް ފަރާތަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ގައިރު ގާނޫނީ ހަޅުތާލު ހުއްޓުވުން

މި ގަވާއިދާ ހިލާފަށްކުރާ ހަޅުތާލު ހުއްޓުވުމުގެ ގުތުން ގާނޫނީ ހުދޫދުގެ ތެރޭގައި އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - އަދަބު

މި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތައް، އެ ހިލާފުވީ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 10،000 (ދިހަހާސް) ރުފިޔާއާއި 50،000 ( ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރުން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

---------------

 

(ޖަދުވަލު 1)

(ގްރީންވެންސް ރީޑްރެސަލް މެކޭނިޒަމް ޓޭބަަލް، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑްކުރެވިގެންދާނެއެވެ.) 

 

އުވި ގާނޫނު

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-01)

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު