-

މަތީ ފުރުސަތު ދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 27/2016) 

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) ގެ 48 ވަނަ މާއްދާއިން ބާރު ލިބިގެން ހަދާފައިވާ، ސަނަދެއް ހޯދުމަށް ކިޔަވަންޖެހޭ މާއްދާއެއްގެ ބަދަލުގައި ކުރީގެ ކިޔުވުމަކުން ނުވަތަ މަސައްކަތަކުން، އެކިޔެވުމުގެ ނުވަތަ އެމަސައްކަތުގެ ތައުލީމީ ބަރުދަން ވަޒަންކޮށް ކްރެޑިޓް ޕޮއިންޓް ދިނުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަތީ ފުރުސަތު ދިނުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މިގަވާއިދުގެ މަގްސަދަކީ ކުރީގެ ކިޔެވުމަކަށް ނުވަތަ މަސައްކަތަކަށް ބަލާފައި ދަރިވަރުންނަށް މަތީ ފުރުސަތު ދިނުމަށްޓަކައި ކްރެޑިޓް ޓްރާންސްފަރކޮށްދިނުމުގައި ބަލާ ކަންތައްތަކާއި ދަރިވަރުން މަތީ ފުރުސަތަށް އެދުމުގައި އަމަލުކުރާނެ އުސޫލުތައް ހާމަކުރުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުރް

"މަތީ ފުރުސަތު" ގެ މަނައަކީ، ކުރީގެ ކިޔެވުމަކަށް ނުވަތަ މަސައްކަތަކަށް ބަލާފައި ދަރިވަރު ބައިވެރިވެފައިވާ ކޯހެއްގައި ކިޔަވަންޖެހޭ މާއްދާގެ ކްރެޑިޓް، އިތުރު ކިޔެވުމަކާ ނުލައި ދިނުމެވެ.

 

4 ވަނަ މާއްދާ - މަތީ ފުރުސަތު ދިނުމަބެހޭ ގަވާއިދު

(ހ) މަތީ ފުރުސަތު ދެވޭނީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީ ގަބޫލުކުރާ ތައުލީމީ މުއައްސަސާއަކުން ކިޔަވާފައިވާ މާއްދާތަކަށެވެ.

(ށ) މަތީ ފުރުސަތު ދެވޭނީ ކުރިން ކިޔެވި މާއްދާއާއި، މަތީ ފުރުސަތަށް އެދޭ މާއްދާއާއި، ކޮންޓެންޓާއި ފެންވަރުގެ ގޮތުން އެއްގޮތްވާނަމައެވެ. އެގޮތުން، މިފަދަ މާއްދާއެއްގެ ނަން އެއްގޮތްނުވި ނަމަވެސް، މިޔަވަންޖެހޭ މާއްދާގެ ކޮންޓެންޓުގެ 75 އިންސައްތަ އެއްގޮތްވާނަމަ މަތީފުރުސަތު ދެވިދާނެއެވެ.

(ނ) މަތީ ފުރުސަތު ދެވޭނީ، މަތީ ފުރުސަތަށް އެދޭ މާއްދާއިން ފާސްވެފައިވާނަމައެވެ.

(ރ) މިޔުނިވަރސިޓީން ހިންގާ ކޯހެއްގައި ކިޔަވާފައިވާ މާއްދާއެއް މިޔުނިވަރސިޓީގެ އެހެން ކޯހެއްގައި ކިޔަވާނަމަ، ކުރީން ކިޔަވާފައިވާ މާއްދާގެ ކްރެޑިޓް ޓްރާންސްފަރކޮށްދެވިދާނެއެވެ.

(ބ) މަތީ ފުރުސަތަށް އެދޭ މާއްދާ ކިޔަވާފައިވާތާ 05 އަހަރުދުވަހަށްވުރެ މުއްދަތު އިތުރުވެގެން ނުވާނެއެވެ.

(ޅ) މަތީ ފުރުސަތު ދެވޭނެ އެންމެ ގިނަ މިންވަރަކީ ބައިވެރިވެފައިވާ ކޯހުން ދަސްވެނިވާން ބޭނުންވާ ޖުމްލަ ކްރެޑިޓުގެ %50 އާ ހަމައަށެވެ.

(ކ) ދަރިވަރު ނިސްބަތްވާ ކުއްލިއްޔާ ނުވަތަ  ސެންޓަރަކުން ކަނޑައަޅާފައިވާ މަސައްކަތުގެ ތަރުޖިބާއަށް ބަލައި، ވަކި މާއްދާއަކުން މަތީ ފުރުސަތު ދެވިދާނެއެވެ.

(އ) މަތީ ފުރުސަތަށް އެދޭނީ، އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މަތީ ފުރުސަތަށް އެދޭ ފޯމު" އާއި އެފޯމުގައި ބަޔާން ކޮށްފައިވާ ހުރިހާ ތަކެއްޗެއް ޔުނިވަރސިޓީގެ ދަރިވަރުންގެ ހިދުމަތްތަކާބެހޭ ބަޔަށް ހުށަހަޅައިގެންނެވެ.

(ވ) މަތީ ފުރުސަތަށް އެދޭ ފޯމާއި، އެފޯމުގައި ބަޔާން ކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ދަރިވަރު ބައިވެރިވެފައިވާ ސެމިސްޓަރގެ 7 ވަނަ ކިޔަވާ ހަފުތާ ނިމުމުގެ ކުރީން ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - މަތީ ފުރުސަތު ދޭނެ މާއްދާތައް ކަނޑައެޅުން

މަތީ ފުރުސަތު ދޭނެ މާއްދާތައް ކަނޑައަޅާނީ، ދަރިވަރުންގެ ހުށަހެޅުންތައް އެދަރިވަރުން ނިސްބަތްވާ ކުއްލިއްޔާ ނުވަތަ ސެންޓަރުތަކުން ވަކިވަކީން ބެލުމަށްފަހު، މި ގަވާއިދުގެ 4 ވަނަ ބައިގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމައެވެ.

 

6 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަންފަށާނީ، މި ގަވާއިދު ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދު ކޮންމެ 2 އަހަރަކުން މުރާޖައާ ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން

މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީ އެކަޑެމިކް ބޯޑުންނެވެ.

 

މައި ގާނޫނު

އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 11/2015)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު