-

ދިވެހިރާއްޖޭގެ މާލީ މުއާމަލާތްތައް ރިޕޯޓްކުރުމުގެ ގަވާއިދު 2011

(ގަވާއިދު ނަންބަރު 33/2011)

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ – ގަވާއިދުގެ މަގްސަދާއި، ގަވާއިދު ހެދުމުގެ ބާރު

މިއީ، މަނީ ލޯންޑްރިންގ އާއި ޓެރެރިޒަމްގެ ހަރަކާތްތަށް ހިންގުމަށް ދިވެހިރާއްޖޭގެ މާލީ އަދި ފައިސާދެއްކުމުގެ ނިޒާމުތައް ބޭނުންކުރުމާއި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާއެއް ނޫންކަން ދެއްކުމަށްޓަކައި މާލީ ހިދުމަތްތައް ބޭނުންކުރުން ހުއްޓުވުމުގެ މަގުސަދުގައ ގާނޫނު ނަންބަރ 24/2010 (ދިވެހިރައްޖޭގެ ބޭންކިންގއާއިބެހޭ ގާނޫނު) ގެ 38 ވަނަ މާއްދާއާއި 65 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔާނީ "ދިވެހިރައްޖޭގެ މާލީ މުއާމަލާތްތައް ރިޕޯޓުކުރުމުގެ ގަވާއިދު 2011" އެވެ.

 

3 ވަނަ މާއްދާ – މި ގަވާއިދު ހިންގޭނެ ދާއިރާ

 އެމް.އެމް.އޭ އަށް ލިބިގެންވާ ސުޕަވައިޒްކުރުމާއި ރެގިއުލޭޓް ކުރުމުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި މާލީ އިދާރާތަކުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.

 

4 ވަނަ މާއްދާ – އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 20 ޖުލައި 2011 ވަނަ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ – ގަވާއިދާ އެއްގޮތަށް އަމަލުކުރުމުގެ މަސްއޫލިއްޔަތު

(ހ) ކޮންމެ މާލީ އިދާރާއަކުން މި ގަވާއިދާ އެއްގޮތަށް އަމަލުކޮށް، އަދި އެ އިދާރާގެ މުވައްޒަފުންނާއި، އޭޖެންޓުންނާއި، އެ އިދާރާގެ އެއްވެސް މަސައްކަތެއް ހަވާލުކުރާ ތިންވަނަ ފަރާތަކުން މި ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތީން އަމަލުކުރެވޭތޯ ޔަގީންކުރުމަށްޓަކައި އެ ފަރާތްތައް އެ އިދާރާއަކުން ސުޕަވައިޒް ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ އުސޫލުތަކަށް މާލީ އިދާރާއަކުން ނުވަތަ، މާލީ އިދާރާއެއްގެ މުވައްޒަފެއް ނުވަތަ އެމް.އެމް.އޭ ގެ ހުއްދައާއެކު އެ އިދާރާގެ މަސްއޫލިއްޔަތެއް ހަވާލުކޮށްފައިވާ އޭޖެންޓަކަށް ނުވަތަ ތިންވަނަ ފަރާތަކަށް އަމަލު ކުރެވިދަނެއެވެ. މިގޮތުން މާލީ އިދާރާއަކުން އެ އިދާރާގެ މަސްއޫލިއްޔަތެއް އެ ފަރާތުގެ މުވައްޒަފަކާއި ނުވަތަ އޭޖެންޓަކާ ނުވަތަ ތިންވަނަ ފަރާތަކާ ހަވާލުކުރަންވާނީ އެ ފަރާތަކީ، މި ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް އަމަލުކުރެވޭނޭ އެކަށީގެންވާ އިލްމީ އަދި ގާބިލް ފަރާތެއްކަން ޔަގީންކުރުމަށް ފަހުގައެވެ.

(ނ) މި ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯޔަގީންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަށް އަޅާފައިވާކަން މާލީ އިދާރާއަކުން ސާބިތުކޮށްދީފި ހިނދެއްގައި މެނުވީ، އެ އިދާރާގެ މުވައްޒަފެއް ނުވަތަ އޭޖެންޓެއް ނުވަތަ އެ އުސޫލުތަށް ހިންގުން ހަވަލުކޮށްފައިވާ ތިންވަނަ ފަރާތަކުން މި ގަވާއިދާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އެކަމަށް ޒިންމާވާނީ މާލީ އިދާރާއިންނެވެ.

 

ދެވަނަ ބާބު

ކާކުކަން ދެނެގަތުން

6 ވަނަ މާއްދާ – އާންމު ށަރުތުތަށް

(ހ) ދިވެހިރައްޖޭގައި ގާނޫނާ ހިލާފަށް އުޅޭ މީހެއް، ނުވަތަ އަސްލު ނަން ފިޔަވައި އެހެން ނަމެއްގައި މުއާމަލާތްކުރާ ފަރާތްތަކާއިއެކު، މާލީ އިދާރާއަކުން އެނގިހުރެ ވިޔަފާރީގެ ގުޅުމެއް އުފައްދައިގެން ނުވަތަ ބާއްވައިގެން ނުވާނެއެވެ. ނުވަތަ އެފަދަ އަރާތްތަކާއެކު ސިންގަލް ޓްރާންސެކްށަނެއް ހިންގައިގެންނުވާނެއެވެ.

(ށ) ވިޔަފާރީގެ ގުޅުމަކާ ގުޅޭގޮތުން، މާލީ އިދާރާއަކުން ތިރީގައިވާ ކަންކަން ކުރަންވާނެއެވެ.

  1. ވިޔަފާރީގެ ގުޅުމެއް ގައިމްކުރުމުގެ ކުރިން އެގުޅުން ގާއިމްކުރާ ފަރާތަކީ ކޮންފަރާތެއްކަން ޔަގީން ކުރުން؛
  2. ކޮންފަރާތެއްކަން އަންގައިދޭ މައުލޫމާތަށް ނުވަތަ އެ ލިޔުންތަކަށް ބަދަލެއް އަތުވެއްޖެ ހިނދެއްގައި، އެ މައުލޫމާތު ފުރިހަމަކޮށް، އަދި ފުރިހަމަ ކޮށްފައިވާ ކޮންފަރާތެއްކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ އަސްލާ އެއްގޮތްތޯ ބެލުމަށް ހުށަހެޅުމަށް އެ ފަރާތްތަކަށް އެންގުން؛ އަދި
  3. ކޮންފަރާތެއްކަން އަންގައިދޭ މައުލޫމާތަށް ނުވަތަ އެ ލިޔުންތަކަށް ބަދަލެއް އައިސްފައިވޭތޯ، އެ ފަރާތުގެ ކިބައިން ގަވާއިދުން ބަލައި ޔަގީންކުރުން.

(ނ) ސިންގަލް ޓްރާންސެކްށަނަކާ ގުޅޭގޮތުން، މާލީ އިދާރާއަކުން ތިރީގައިވާ ކަންކަން ކުރަންވާނެއެވެ.

  1. ކިންގަލް ޓްރާންސެކްށަނެއް ނިންމުނުގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދައި، އެ ފަރާތަކޫ ކޮންފަރާތެއކަން ޔަގީންކުރުން؛
    (ހ) ފުރިހަމަ ނަން އަދި އެފަރާތާ މުހާތަބިކުރުމަށް ބޭނުންކުރެވެ އެހެނިހެން ނަންނަން؛
    (ށ) ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު: މީގެތެރޭގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ޕާސްޕޯޓު ނަންބަރު، ވިޒާ ނަންބަރު، ކުންފުނި ރަޖިސްޓްރޭށަން ނަންބަރު: ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު ހިމެނޭގޮތަށް:
    (ނ) ކޮންފަރާތެއްކަން އަންގައިދޭ ލިޔުންތަކުގެ މުއްދަތު ހަމަވާ ތާރީހް؛
    (ރ) ރަޖިސްޓްރީކޮށްފައިވާ، އަދި ވިޔަފާރި ހިންގާ އެޑްރެސް ނުވަތަ ދާއިމީ އަދި މިހާރުއުޅޭ އެޑްރެސް އަދި ގުޅޭނެ ގޮތުގެ މައުލޫމާތު؛ އަދި
    (ބ) ކުންފުނި އުފައްދާފައިވާ ތަން، ނުވަތަ ރަޖިސްޓްރީކޮށްފައިވާ ތަން ނުވަތަ ގައުމު؛
  2. ސިންގަލް ޓްރާންސެކްށަނެއް ހަދާ ސަބަބު އަދި އެ މުއާމަލާތުގެ ބާވަތް؛
  3. ސިންގަލް ޓްރާންސެކްށަނެއްގައި ހިމެނޭ ފައިސާގެ އަދަދާއި، އެ މުއާމަލާތުގައި ހިމެނޭ ފަރާތްތަކުގެ ރިކޯޑް ބެލެހެއްޓުން؛ އަދި
  4. ސީދާ އަދި ނުސީދާކޮށް ނަމަވެސް ފައިސާއާގުޅޭ މުއާމަލާތު ހިންގުމާއި، ފައިސާ ނެގުމާއި، އެހެން ފަރާތަކަށް ޓްރާންސްފަރ ކުރުމުގެ ކުރިން، ކާކުކަން އަންގައިދޭ ފުރިހަމަ މައުލޫމާތު ހޯދައި، އެ ފަރާތަކީ ކާކުކަން ޔަގީންކޮށް އަދި ފައިސާ ފޮނުވާ ނުވަތަ ރައްދުވާފަރާތުގެ މައުލޫމާތު ހޯދާފައިވާނަމަ، ކާކުކަން އަންގައިދޭ މައުލޫމާތު ފުރިހަމަނުކޮށް ސިންގަލް ޓްރާންސެކްށަނެއް ހިންގުމަށް ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގައި އެހެންގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ތިރީގައިވާ ހަލަތްތަކުގެ 25،000 (ފަންސަވީސްހާސް) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ އަދަދެއްގެ ސިންގަލް ޓްރާންސެކްޝަނަކާ ގުޅޭގޮތުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމުން ބޭންކުތަށް އިސްތިސްނާވާނެއެވެ.

  1. އެ މުއާމަލާތް ހިންގާފަރާތުން، ގުޅުންހުރިކަމަށް ބެލެވޭފަދަ މުއާމަލާތްތައް އަދި އެކުގައި 25،000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ބޮޑުވާނެ އަފަދަ އެއް މުއާމަލާތަށްވުރެ ގިން މުއާމަލާތް ސީފާކޮށް ނުވަތަ ނުސީދާކޮށްވިޔަސް ނުހިންގުން؛ ނުވަތަ
  2. ސިންގަލް ޓްރާންސެކްށަން މި ގަވާއިދުގެ 18 ވަނަ މައްދާގެ ދަށުން ރިޕޯޓުކުރަންޖެހޭ އެހެން އޮތުން.

(ބ) މި މާއްދާގެ (ރ) ގެ (1) ގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު، އޭރުގެ ހާލަތަށް ރިއާޔަތްކޮށް ބޯޑުގެ ލަފަޔާއެކު ބަދަލުކުރުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

(ޅ) މި ގަވާއިދުގެ އިމުން ތެރޭގައި ހިމެނޭނެކަމަށް ބެލެވޭ، އާންމުނޫން ނުވަތަ އާދަޔާހިލާފު މާލީ ހަރަކާތް ދެނެގަތުމަށްޓަކައި، ކްލަޔަންޓުންގެ މާލީ ހަރަކާތްތައް ބަލަމުން ގެންދިޔުމަށާއި ކްލަޔަންޓުންގެ މައުލޫމާތު ފުރިހަމަކޮށް ބެލެހެއްޓުމަށް މާލީ އިދާރާއިން އިންތިޒާމުތައް ހަމަޖައްސައި، ވަސީލަތްތައް ބަހައްޓަންވާނެއެވެ.

 

7 ވަނަ މާއްދާ – ދިވެހިރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނާބެހޭ ބައެއް މައުލޫމާތު ކަނޑައަޅާނެ ގޮތް

(ހ) ދިވެހިރައްޔިތެއް ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކީ ކާކުކަން މާލީ އިދާރާއަކުން ޔަގީންކުރަން ޖެހިއްޖެ ހިނދެއްގައި، އެ ރައްޔިތަކާ ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތަކާގުޅޭ، ތިރީގައިވާ މައުލޫމާތު އެ މާލީ އިދާރާއިން ހޯދަންވާނެއެވެ.

  1. ފުރުހަމަ ނަން؛
  2. ގައުމީ ނިސްބަތާއި ކާކުކަން އަންގައިދޭ ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްނަމަ، ރެސިޑެންސް ވީޒާ ނަންބަރާއި މުއްދަތު ހާމަވާ ތާރީހް؛
  3. ތިރީގައިވާ ލިޔުންތަކުގެ ކޮޕީ:
    (ހ) ދިވެހިރައްޔިތެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް؛ އަދި
    (ށ) ދިވެހިރާއްޖޭގައި ދިރިއުޅޭ  މީހެއްނަމަ، ޕާސްޕޯޓާއި ރެސިޑެންސް ވީޒާ؛
  4. ދިރިއުޅޭ އެޑްރެސް؛
  5. އެ ރައްޔިތަކާ ނުވަތަ ދިރިއުޅޭ މީހަކާ ގުޅޭނެ ގޮތް؛
  6. އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތުން ތަޕްސީލު ނުވަތަ އާމްދަނީ ލިބޭގޮތް؛

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ މައުލޫމާތު މާލީ އިދާރާއިން ޔަގީންކުރުމުގައި ބަލަންވާނީ ދިވެހިރައްޔިތެއްނަމަ އެ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ އަސްލަށް، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްނަމަ، އޭނާގެ ޕާސްޕޯޓްގެ އަސްލާއި ރެސިޑެންޓް ވީޒާގެ އަސްލަށެވެ. އަދި ހޯދާ ކޮޕީތައް ވާންވާނީ އެލިޔުމެއްގެ އަސްލުގެ ކޮޕީއަށެވެ.

 

8 ވަނަ މާއްދާ – ބިދޭސީންނާބެހޭ ބައެއް މައުލޫމާތު ކަނޑައަޅާނެ ގޮތް

(ހ) ބިދޭސީއަކީ ކާކުކަން މާލީ އިދާރާއަކުން ޔަގީންކުރަންޖެހިއްޖެ ހިނދެއްގައި، އެ ބިދޭސީއަކާ ގުޅޭ، ތިރީގައިވާ މައުލޫމާތު އެ މާލީ އިދާރާއިން ހޯދަންވޭނެއެވެ.

  1. ފުރިހަމަ ނަން؛
  2. ގައުމީ ނިސްބަތް، ޕާސްޕޯޓް ނަންބަރު އަދި ވީޒާ ނަންބަރާއި މުއްދަތު ހަމަވާ ތާރީހް؛
  3. ތިރީގައިވާ ލިޔުންތަކުގެ ކޮޕޯ:
    (ހ) ޕާސްޕޯޓް ނުވަތަ އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމަށް ބޭނުންކުރެވޭ އެހެން ރަސްމީ ލިޔުމެއް؛ އަދި
    (ށ) ބިޒްނަސް ވީޒާ، ނުވަތަ އެ ބިދޭސީ މީހާއަށް ދިވެހިރާއްޖެއިން އާމްދަނީ ލީބޭނަމަ އޭނާގެ ވާރކް ވީޒާ؛
  4. އެ މީހަކު ނިސްބަތްވާ ގައުމުގައި ދިރިއުޅޭ އެޑްރެސް އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ އެޑްރެސް؛
  5. އެ ބިދޭސީއަކާ ގުޅޭނެ ގޮތް؛
  6. އަދާކުރާ  ވަޒފާ ނުވަތަ ކުރާ މަސައްކަތް ނުވަތަ އާމްދަނީ ލިބޭގޮތް؛

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައިވާ މައުލޫމާތު މާލީ އިދާރާއިން ޔަގީންކުރުމުގައި ބަލަންވާނީ ބިދޭސީއެއްނަމަ އެ މީހާގެ ޕާސްޕޯޓްގެ ނުވަތަ އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމަށް ބޭނުންކުރެވޭ އެހެން ރަސްމީ ލިޔުމެއްގެ އަސްލަށް، އަދި އޭނާގެ ވީޒާގެ އަސްލަށެވެ. އަދި ހޯދާ ކޮޕީތައް ވާންވާނީ އެ ލިޔުމެއްގެ އަސްލުގެ ކޮޕީއަށެވެ.

 

9 ވަނަ މާއްދާ – ކުންފުންޔާބެހޭ ބައެއް މައުލޫމާތު ކަނޑައަޅާނެ ގޮތް

(ހ) ކުންފުންޏެއްގެ ގާނޫނީ ހައިސިއްޔަތު ޔަގީންކުރަންޖެހިއްޖެ ހިނދެއްގައި، އެ ކުންފުންޏަކާ ގުޅޭ، ތިރީގައިވާ މައުލޫމާތު އެ މާލީ އިދާރާއިން ހޯދަންވާނެއެވެ.

  1. ރަޖިސްޓްރީކޮށްފައިވާ ނަން؛
  2. ވިޔަފާރީގައި ބޭނުންކުރާ ނަން:
  3. ރަޖިސްޓްރީ ނަންބަރު؛
  4. ރަޖިސްޓްރީ ކޮށްފައިވާ އެޑްރެސް
  5. ވިޔަފާރި ހިންގާ އެޑްރެސް، ނުވަތަ އެއް އެޑްރެހަށްވުރެ ގިން އެޑްރެހުގައި ވިޔަފާރި ހިންގާނަމަ، އެ ކުންފުނީގެ މައި އޮފީހުގެ އެޑްރެސް؛
  6. ކުންފުނީގެ ރަޖިސްޓަރީ، އަސާސީ ގަވާއިދު، ހިންގާ ގަވާއިދު އަދި ވިޔަފާރީގެ ގުޅުމަށް ހުއްދަ ދިން ޑިރެކްޓަރުންގެ ބޯޑުގެ ގަރާރާއި އަދި ކުންފުނީގެ ފަރާތުން ސޮއިކުރުމުގެ ހުއްދަ ލިބިގެންވާ މީހުންގެ ލިސްޓަކާއި ޑިރެކްޓަރުންގެ ބޯޑުން ޔަގީންކޮށްފައިވާ، އެމީހުންގެ ސޮއިގެ ނަމޫނާ؛
  7. ތިރީގައިވާ ފަރާތްތަކުގެ ފުރިހަމަ ނަމާއި އެޑްރެސް؛
    (ހ) ކުންފުނީގެ ޑިރެކްޓަރުން؛
    (ށ) ޑިރެކްޓަރުން ކަމުގައި ނުހިމެނޭ، ކުންދުނީގެ ފަރާތުން ސޮއިކުރުމުގެ ހުއްދަ ލިބިފައިވާ މީހުން؛ އަދި
    (ނ) ކުންފުނީގެ އާންމު ޖަލްސާއެއްގައި ވޯޓް ދިނުމުގެ ހައްގު 25% ނުވަތަ އެއަށްވުރެ ގިނައިން ލިބިފައިވާ ތަބީއީ ށަހްސު، ގާނޫނީ ށަހްސު، ޕާޓްނަރށިޕް ނުވަތް އެހެނިހެން ށަހްސު ނުވަތަ ފަރާތްތައް.
  8. މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ (ހ) އާއި (ށ) ގައި ބުނާ ފަރާތަކީ ދިވެހިރައްޔިތެއް ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްނަމަ، އެ މީހަކާ ގުޅޭގޮތުން މާލީ އިދާރާއިން މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
  9. މި މައްދަގެ (ހ) ގެ (7) ވަނަ ނަންބަރުގެ (ހ) އާއި (ށ) ގައި ބުނާ ފަރާތަކީ ބިދޭސީއެއްނަމަ، އެ މީހަކާ ގުޅޭގޮތުން މާލީ އިދާރާއިން މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ (ނ) ގައި ބުނެފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ގާނޫނީ ށަހްސެއް ނުވަތަ ޓްރަސްޓަކަށްނަމަ، އެ ގާނޫނީ ށަހްސު ނުވަތަ ޓްރާސްޓާ ގުޅޭގޮތުން ތިރީގައިވާ ކަންކަން ޔަގީންކުރުމަށް އެކަށީގެންވާ ފިޔަވަޅު އާޅަންވާނެއެވެ.

  1. ރަޖިސްޓްރީ ކޮށްފައިވާ ނަން؛
  2. ރަޖިސްޓަރީ ނަންބަރު
  3. ރަޖިސްޓްރީކޮށްފައިވާ އެޑްރެސް؛ އަދި
  4. ވިޔަފާރީގެ ގުޅުމާއި މުއާމަލާތް ހިނގާފައިވާ ހާލަތަށް ބަލާއިރު، އެކަށީގެންވާ އަދި ބޭނުންވެއްޖެ ހިންދެއްގައި، މި މާއްދާގެ (ހ)ގެ 8 ވަނަ ނަންބަރާއި (9) ވަނަ ނަނަބަރުގައި ބުނެފައިވާ ކަންކަން ހަގީގީ ވެރިފަރާތުގެ މައްޗަށް ހިނގާނެއެވެ.

 

10 ވަނަ މާއްދާ – ބިދޭސީ ކުންފުންޏާބެހޭ ބައެއް މައުލޫމާތު ކަނޑައަޅާނެ ގޮތް

(ހ) ބިދޭސީ ކުންފުންޏެއްގއ ގާނޫނީ ހައިސިއްޔަތު ޔަގީންކުރަން ޖެހިއްޖެ ހިނދެއްގައި، މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ކަންކަމުގެ އިތުރުން، އެ ކުންފުންޏަކާގުޅޭ، ތިރީގައިވާ މައުލޫމާތު އެ މާލީ އިދާރާއިން ހޯދަންވާނެއެވެ.

  1. ކުންފުނީގެ ރަޖިސްޓަރީ ކޮށްފައިވާ ނަން ފިޔަވައި އެހެން ނަމެއްގައި. ދުނިޔޭގެ އެއްވެސް ގައުމެއްގައި ވިޔަފާރި ހިންގާނަމަ، އެ ނަންތަކާއި، ދިވެހިރާއްޖޭގައި އެ ކުންފުނިން ބޭނުންކުރާނެ ނަން؛
  2. ކުންފުނިން ވިޔަފާރި ހިންގާނީ ކުންފުނިން އުފައްދާފައިވާ ގައުމުގައި ރަޖިސްޓްރީކޮށްފައިވަ އެޑްރެހުގައި ނޫންނަމަ، ވިޔަފާރި ހިންގާ އެޑްރެސް، އަދި އެއް އެޑްރެހުގައި ވިޔަފާރި ހިންގާނަމަ، އެ ކުންފުނީގެ މައި އޮފީހުގެ އެޑްރެސް؛
  3. ކުންފުނީގެ ވިޔަފާރި ހިންގާ ގައުމުތަކާއި އެއިން ކޮންމެ ގައުމެއްގައި ހުންނަ އެކުްފުނީގެ މައި އޮފީހުގެ އެޑްރެސް؛
  4. ދިވެހިރާއްޖޭގައި ވިޔަފާރި ހިންގާ އެޑްރެސް، އަދި އެއް އެޑްރެހަށްވވުރެ ގުން އެޑްރެހުގައި ވިޔަފާރި ހިންގާނަމަ، މާލީ އިދާރާއާއެކު ވިޔަފާރީގެ ގުޅުމެއް އުފައްދަން މަސައްކަތްކުރާ އޮފީހުގެ އެޑްރެސް؛

(ށ) ކުންފުންޏާ ބެހޭގޮތުން ބޭނުންވަ އިތުރު މައުލޫމަރު މާލީ އިދާރާއިން ޔަގީންކުރުމުގައި ބަލަންވާނީ، އެ މައުލޫމާތު ޔަގީންކުރެވޭފަދަ، އެތުބާރުކުރެވޭ ލިޔުން، ޑޭޓާ، ނުވަތަ މައުލޫމާތަށެވެ.

 

11 ވަނަ މައްދާ – ޖަމިއްޔާތަކާއި އެހެނިހެން ގާނޫނީ ށަހްސުތަކާއިބެހޭ ބައެއް މައުލޫމާތު ކަނޑައަޅާނެ ގޮތް

(ހ) ޖަމިއްޔާއެއް، ކޯޕަރޭޓިވެއް، ސަރުކާރުގެ އިދާރާއެއް، ސަރުކާރު ތަމްސީލުކުރާ އޮފީހެއް، އަމިއްލަ ޖަމާއްތެއް، ބައިންލްއަގްވާނީ ޖަމާއަތެއް، އެކިގައުމުތަށް ބައިވެރިވެގެން އުފައްދާ ބައިންލްއަގްވާމީ ޖަމާއަތެއް، އަދި ކުންފުންޏަކާ ބިދޭސީ ކުންފުނި ފިޔަވައި އެހެން ގާނޫނީ ށަހްސަކާ ގުޅޭ، ތިރީގައިވާ މައުލޫމާތު އެ މާލީ އިދާރާއިން ހޯދަންވާނެއެވެ.

  1. ރަސްމީ ނުވަތަ ރަޖިސްޓްރީކޮށްފައިވާ ނަން:
  2. ރަސްމީ އެޑްރެސް ނުވަތަ ރަޖިސްޓްރީކޮށްފައިވާ އެޑްރެސް؛
  3. މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގެ ދަށުން ބޭނުންވާ މައުލޫމާތާއި ލިޔުންތަށް، އަދި ބޭނުންވެއްޖެ ހިނދެއްގައި އެފަރާތްތަކުގެ ހައިސިއްޔަތަށް ރިއާޔަތްކޮށް މި ގަވާއިދުގެ 8  ވަނަ މާއްދާގެ ދަށުން ބޭނުންވާ މައުލޫމާތާއި ލިޔުންތައް، އަދި ބޭނުންވެއްޖެ ހިނދެއްގައި މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ބޭނުންވާ މައުލޫމާތާއި ލިޔުންތައް؛

 

12 ވަނަ މާއްދާ - ޕާޓްނާރށިޕްތަކާބެހޭ ބައެއް މައުލޫމާތު ކަނޑައަޅާނެ ގޮތް

ޕާޓްނަރށިޕެއްގެ ގާނޫނީ ހައިސިއްޔަތު ޔަގީންކުރަންޖެހިއްޖެ ހިންދެއްގައި، އެ ޕާޓްނަރށިޕަކާ ގުޅޭ، ތިރީގައިވާ މައުލޫމާތު އެ މާލީ އިދާރާއިން ހޯދަންވާނެއެވެ.

  1. ނަން؛
  2. ރަޖިސްޓްރީ ކޮށްފައިވާ އެޑްރެސް؛
  3. މި ގަވާއިދުގެ 7 ވަނަ މައްދާގެ ދަށުން ބޭނުންވާ މައުލޫމާތާއި ލިޔުންތައް، އަދި ބޭނުންވެއްޖެ ހިނދެއްގައި އެ ފަރާތްތަކުގެ ހައިސިއްޔަތައް ރިއާޔަތްކޮށް މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ބޭނުންވާ މައުލޫމާތާއި ލިޔުންތައް، އަދި ބޭނުންވެއްޖެ ހިނދެއްގައި މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ބޭނުންވާ މައުލޫމާތާއި ލިޔުންތައް

 

13 ވަނަ މާއްދާ - އެހެން މީހެއްގެ ހުއްދައިގެ ދަށުން ހަރަކާތްތެރިވާ ހަލަތްތަކުގައި ފުރިހަމަވާންޖެހޭ ކަންކަން

އެހެން މީހެއް ތަމްސީލުކުރުމުގެ ގޮތުން ނުވަތަ ރަސްމީ ހައިސިއްޔަތަކުން އެހެން މީހެއްގެ ފަރާތުން ހަރަކާތްތެރިވާ ހާލަތްތަކުގައި،މާލީ އިދާރާއިން ކަންކަން ކުރަންވާނެއެވެ

  1. ހައްސަ ޕަވަރ އޮފް އެޓަރނީ ނުވަތަ އެއާ އެއްފަދަ ލިޔުމެއް ނުވަތަ އެ މީހަކު ތަމްސީލްކުރުމުގެ ހުއްދަ އެހެން މީހަކަށް ދެ ރަސްމީ ލިޔުމެއްގެ ކޮޕީ ހޯދުން. އަދި ހޯދާ ކޮޕީތަކަކަކީ އެލިޔުމެއްގެ އަސްލުގެ ކޮޕީއެއްކަން ޔަގީންކުރުން. އަދި
  2. އެ މީހަކު ތަމްސީލުކުރުމުގެ ހުއްދަ އެހެން މީހަކަށް ދޭ މީހާ (ޕްރިންސިޕަލް) އާއި، އެ މީހާ ކަނޑައަޅާ މަންދޫބު ނުވަތަ އޮފިށަލާ ގުޅޭގޮތުން މި ގަވާއިދުގެ 7 ނުވަތަ 8 ވަނަ މާއްދާގައި ބުނެފައިވާ ކަންކަން ފުރިހަމަކުރުން.

 

14 ވަނަ މާއްދާ - މޮބައިލް ބޭންކް އެކައުންޓް

(ހ) މޮބައިލް ބޭންކް އެކްއުންޓެއް ވާންވާނީ، ހަމައެކަނި އިލެކްޓްރީނިކްސް ވަސީލަތް ނުވަތަ މޮބައިލް ފޯނު މެދުވެރިކޮށް ބޭނުންކުރެވޭ އެކައުންޓަކަށެވެ. އެފަދަ އެކްއުންޓުތަކުގެ ތެރެއިން މޮބައިލް ފޯނެއް މެދުވެރިކޮށް ހުޅުވޭ މޮބައިލް ބޭންކް އެކައުންޓުތައް އަފްގްރޭޑް ނުކުރާހާ ހިންދަކު، މިގަވާއިދު 7، 8 ، 9 ، 11، އަދި 12 ވަނަ މާއްދާގެ ދަށުން އަމަލުކުރަންޖެހޭ ކަންކަމުން އިސްތިސްނާވާންވާނެއެވެ.

މި ގަވާއިދުގެ ބޭނުމަށް " މޮބައިލް ބޭންކު އެކައުންޓް އަޕްގްރޭޑް" ކުރުން ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ށ) ގެ (4) އަދި (5) ގައި ބުނެފައިވާ އަދަދުތަކަށްވުރެ ބޮޑު އަދަދުތަކުން މުއާމަލާތުކުރެވޭ މޮބައިލް ބޭންކް އެކައުންޓަކަށް ބަދަލުކުރުމަށެވެ.

 

(ށ) މޮބައިލް ފޯނެއް މެދުވެރިކޮށް ހުޅުވާ މޮބައިލް ބޭންކް އެކައުންޓް އަޕްގްރޭޑް ނުކުރާހާ ހިނދަކު، އެކައުންޓެއްގެ މައްޗަށް ތިރީގައިވާ ކަންކަން ހިނގާނެއެވެ.

  1. މޮބައިލް ފޯނެއް މެދުވެރިކޮށް ބޭންކަށް ޒިޔާރަތް ނުކޮށް މި ގަވާއިދުގެ 7 ވަނަ މާއްދާއިން އިސްތިސްނާވެގެން މޮބައިލް ބޭންކް އެކައުންޓު ހުޅުވޭނީ ހަމައެކަނި ދިވެހިރައްޔިތުންނަށެވެ.
  2. މި މާއްދާގެ ދަށުން މޮބައިލް ބޭންކް އެކައުންޓް ހުޅުވާ މީހަލަށް ހުޅުވޭނީ، މޮބައިލް ފޯނުގެ ހިދުމަތްދޭ ކޮންމެ އޮޕަރޭޓަރެއްގައި ގިނަވެގެން 1 (އެކެއް) މޮބައިލް ބޭންކް އެކްއުންޓެވެ.
  3. މޮބައިލް ބޭންކް އެކައުންޓު ހުޅުވުމަށްޓަކައި ދިވެހިރައްޔިތަކު ހުށަހަޅާ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޑިޕާރޓްމަންޓް އޮޕް ނޭށަނަލް ރެޖިސްޓްރޭށަންގައި އެ މީހަކާ ގުޅޭގޮތުން ބަލަހައްޓާ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި ދިމާވޭތޯ، މާލީ އިދާރާއަކުން ސީދާކޮށް ނުވަތަ ކާކުކަން އަންގައިދޭ މައުލޫމާތު ޔަގީންކުރުމަށް އެ އިދާރާއަކުން ބޭނުންކުރާ ނިޒާނު މެދުވެރިކޮށް، އެ މާލީ އިދާރާއިން ޔަގީންކުރަންވާނެއެވެ.
  4. އެ މީހެއްގެ މޮބައިލް ބޭންކް އެކައުންޓުން ބާކީ، 20000 (ވިހިހާސް) ރުފިޔާ، ނުވަތަ މޮބައިލް ބޭންކް އެކައުންޓަށް އެމް.އެމް.އޭ އިން އެކު ފަހަރުމަތިން ކަނޑައަޅާ އެހެން އަދަދަކަށްވުރެ އިތުރުވެގެން ނުދާކަން މާލީ އިދާރާއިން ޔަގީންކުރަންވާނެއެވެ.
  5. ދުވާލެއްގެ މައްޗަށް، އެމީހެއްގެ މޮބައިލް ބޭންކއ އެކްއުންޓުން ނެގޭނެ އަދަދަކީ ގިނަވެގެން 5000 (ފަސްހާސް) ރުފިޔާ، އަދި މަހެއްގެ މައްޗަށް ގިނަވެގެން 20000 (ވިހިހާސް) ރުފިޔާ، ނުވަތަ އެމް.އެމް.އޭއިން އެހެން އަދަދެއް ކަނޑައަޅައިފި ހިނދެއްގައި އަދަދެއްކަން މާލީ އިދާރާއިން ކަނޑައަޅަންވާނެއެވެ.

(ނ) ދިވެހިރައްޔިތަކު މޮބައިލް  ފޯނެއް މެދުވެރިކޮށް ހުޅުވާފައިވާ މޮބައިލް ބޭންކް އެކައުންޓް އަޕްގްރޭޑްކުރުމުގައި އަދި ދިވެހިރެއްޔިތެއް ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކު ބޭންކަށް ގޮސް ހުޅުވާ މޮބައިލް ބޭންކް އެކައުންޓް ހުޅުވުމުގައި، މި ގަވާއިދުގެ 7، 8 ، 9 11 އަދި 12 ވަނަ މާއްދާގެ ދަށުން އަމަލުކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދުގެ 7 ، 8 ، 9 ، 11 ، އަދި 12 ވަނަ މާއްދާގައި ބުނެފައިވަ ކަންކަން ފުރިހަމަ ކުރުމަށްފަހު ދިވެހިރައްޔިތެއް ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކު މި މާއްދާގެ (ށ) ގެ (4) އަދި (5) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އެކައުންޓެއް ހުޅުވުމަށް ހުރަހެއްނާޅައެވެ.

(ބ) ދިވެހިރާއްޖެއިން ބޭރުގައިވާ ތަނަކަށް ފައިސާ ފޮނުވުމަށް މޮބައިލް ބޭންކް އެކައުންޓެއް ބެނުންކޮށްގެން ނުވާނެއެވެ.

(ޅ) މާލީ އިދާރާއިން ނުވަތަ އެމް.އެމް.އޭ އިން އާންމުކޮށް ހުރިހާ މޮބައިލް އެކައުންޓްތަކާ ނުވަތަ ވަކި ބަވަތެއްގެ މޮބައިލް ބޭންކް އެކައުންޓުތަކާ ނުވަތަ އެކައުންޓުގެ ވެރިފަރާތްތަކާ ގުޅޭގޮތުން އެކި ފަހަރުމަތިން ކަނޑައަޅާ، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި މޮބައިލް ބޭންކް އެކައުންޓެއްގެ ވެރިފަރާތެއްގެ މައްޗަށް ހިނގާ ކަންކަމާ އެއްގޮތްވާގޮތުގެ މަތިން އެ މީހަކު ހުރިހާ ވަގުތަކުވެސް އަމަލުކުރަންވާނެއެވެ.

(ކ) މޮބައިލް ބޭންކް އެކްއުންޓުތަކާ ގުޅޭ އެންމެހާ މާއްދާތަކާއި އެތްގޮތްވާ ގޮތުގެމަތިން އމަލުކުރެވޭތޯ މާލީ އިދާރާތަކުން ހަރުދަނާގޮތެއްގައި ބަލައި ކަށަވަރު ކުރަންވާނެއެވެ

.

15 ވަނަ މާއްދާ - ފަރުވާތެރިކަމުގެ ހާއްސަ ފިޔަވަޅުތައް

(ހ) އާންމުނޫން ނުވަތަ އާދަޔާހިލާފު މާލީ ހަރަކާތްތަކަށް ފާރަވެރިވެ، ރިސްކުގެ މިންވަރަށް ރިއާޔަތްކޮށް ކްލަޔަންޓުންނާއި، ހަގީގީ ވެރިފަރާތްތަކާއި، ދޭ ހިދުމަތްތަކާއި، މުއާމަލާތްތައް ގިންތިކޮށް، މަނީ ލޯންޑްރިންގ ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަތުމަށް ޓަކައި އެކަށީގެންވާ އުސޫލުތައް ގާއިމުކޮށް، ރިސްކުތަށް ދެނެގަނެ އެރިސްކުތައް ކުޑަކުރެވޭފަދަ އެކަށީގެންވާ ފިޔަވަޅު މާލީ އިދާރާއިން އަޅަންވާނެއެވެ.

(ށ) ތިރީގައި ބުނެފައިވާ ކްލަޔަންޓުންނާއި މުއާމަލާތްތަކަކީ ރިސްކުބޮޑު ކްލަޔަންޓުންނާއި މުއާމަލާތްތަކެއް ކަމުގައި މާލީ އިދާރާތަކުން ގިންތިކުރަންވާނެއެވެ.

  1. ދައުލަތުގެ ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިންނާއި، ސިޔާސީ އިސްފަރާތްތަކާއި ސިޔާސީ ޕާޓީތަކުގެ އޮފިށަލުންނާއި، ސަރުކާރާއި ށަރުއީ ދާއިރާއާއި ސިފައިންގެ އިސް އޮފިށަލުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތައް ހިމެނޭގޮތުން، މިހާރު ނުވަތަ މާޒީގައި، ދިވެހިރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި އާންމުނާ ގުޅުންހުރި ފާހަގަކުރެވޭ މަސްއޫލިއްޔަތެއް ހަވާލުވެފައިވާ، ސިޔާސީ ވިސްނުމުގައި މަސައްކަތްކުރާ ވަކިވަކި ފަރުދުން؛
  2. ބިދޭސީ ގާނޫނީ ށަހްސުތައް ހިމެނޭގޮތުން، ދިވެހިރާއްޖޭގައި ގާއިމްވެފައިނުވާ ފަރާތްތަކާއި ދިރިނޫޅޭ މީހުން؛
  3. ރިސްކު ބޮޑު ސަރަހައްދެއްގައި ގޮތުގައި ފާހަގަކުރެވިފައިވާ ސަރަހައްދަކަށް ނުވަތަ ތަނަކަށް ނިސްބަތްވާ ނުވަތަ އެފަދަ ސަރަހައްދަކަށް ނުވަތަ ތަނަކަށް ގަވާއިދުން ދަތުރުކުރާ މީހުން؛
  4. ގާނޫނާ ހިލާފު ނުވަތަ ޓެރެރިޒަމްގެ ހަރަކާތްތައް ކުރިއެރުވުމަށް ނުވަތަ ފޮރުވުމަށް ކާމިޔާބުކަމާއިއެކު ކުރިން ބޭނުންކޮށްފައިވާ މުއާމަލާތްތައް؛
  5. ކުރިން ހޯދާފައިވާ މައުލޫމާތު ފުރިހަމަކަމާއި ސައްހަކަމާމެދު މާލީ އިދާރާއަށް ށައްކުއުފެދޭނަމަ؛ އަދި
  6. އެމް.އެމް.އޭ އިން އެކި ފަހަރުމަތިން ކަނޑައަޅާ އެހެނިހެން ކަންކަން.

(ނ) މަނީ ލޯންޑްރިންގ އާއި ޓެރެރިޒަމްގެ ހަރަކާތްތަކަށް ފައިސާ ހޯދައިދިނުމުގެ ނުރައްކާ ބޮޑުނަމަ، ތިރީގައިވާ ކަންކަން ހިމެނޭގޮތުން، ފަރުވާތެރިކަމުގެ ހާއްސަ ފިޔަވަޅުތައް މާލީ އިދާރާއިން އަޅަންވާނެއެވެ.

  1. ކްލަޔަންޓަށް ފައިސާ ލިބޭ ގޮތްތައް ހިމެނޭގޮތުން، ކްލަޔަންޓަކާ ގުޅޭގޮތުން އިތުރު މައުލީމަތު ހޯދުން؛
  2. ވިޔަފާރީގެ ގުޅުމެއް ގާއިމްކުރުމަށްޓަކައި ހިންގުމުގެ އިސްފަރާތްތަކުގެ ހުއްދަ ހޯދުން ހިމެނޭގޮތުން، މާލީ އިދާރާގެ އިންޓަރނަލް ޕްރޮސީޖަރތައް ގާއިމްކުރުން؛
  3. އާންމުނޫން ނުވަތަ އާދަޔާހިލާފު ހަރަކާތްތައް ކްލަޔްންޓް ހިންގާކަމަށް ހެކި ހުރެއްޖެނަމަ، ވިޔަފާރީގެ ގުޅުން ހިނގާގޮތް ބަލައި މާލީ ހަރަކާތްތަކަށް ފާރަވެރިވެ ގާތުން ބަލަމުން ގެންދިޔުން؛
  4. ފައިސަ އެތެރެ ކުރަނީ އަދި ބޭރުކުރަނީ ގާނޫނާ އެއްގޮތްވާގޮތުގެމަތިންތޯ ކަނޑައެޅުމުގެ ގޮތުން ސައްހަ ލިޔުންތައް ހުށަހެޅުމަށް އެންގުން؛ އަދި
  5. ވަކި މިންވަރަކަށްވުރެ މަތީ އަދަދެއްގެ މުއާމަލާތްތަކަށް، ބައެއް ހިދުމަތްތަކަށް ނުވަތަ ތަކެއްޗަށް، ނުވަތަ މުއާމަލާތް ހިންގާ ގޮތަށް، ހަރުކަށި މިންގަނޑޫތަކެއް ނުވަތަ ވަކި އަދަދުތަކެއް ނުވަތަ ށަރުތުތަކެއް ކަނޑައެޅުން.

 

ތިންވަނަ ބާބު

ރިކޯޑުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު

16 ވަނަ މާއްދާ - ރިކޯޑުތަކާއި މައުލޫމާތު

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގެ 2 ގައިވާ ގޮތުގެމަތީން ނުވަތަ ވިޔަފާރީގެ ގުޅުމަކާ ނުވަތަ ސިންގަލް ޓްރާންސެކްށަންއަކާ ގުޅޭގޮތުން ހޯދާފައިވާ، ކްލަޔަންޓަކީ ކާކުކަން އަންގައިދޭ ލިޔުންތައް، މާލީ އިދާރާއަކުން ބަހައްޓަންވާނެއެވެ.

(ށ) ފައިސާ ޓްރާންސްފަރކުރުމާ ގުޅޭގޮތުން، މާލީ އިދާރާއަކުން ތިރީގައިވާ ކަންކަން ކުރަންވާނެއެވެ.

  1. އިލެކްޓްރޯނިކްކޮށް ކުރާ ޓްރާންސްފާރއަކާ ގުޅޭގޮތުން، އެ ފައިސާ ޓްރާންސްފަރކުރަން އެދޭފަރާތުގެ ނަމާއި އެޑްރެސް އަދި އެކައުންޓް ނަންބަރު ހިމެނޭގޮތުން އެފަރާތުގެ ފުރިހަމަ މައުލޫމާތާއި، ކަމާގުޅޭ މެސެޖުތައް، ޓްރާންސްފަރއާއި އެއާގުޅޭ މެސެޖުތަކާއެކު، ފައިސާ ޓްރާންސްފަރވެ ނިމެންދެން ހުރޭތޯ ޔަގީންކުރުން؛
  2. ބެޗްގައި ހިމެނޭ ކޮންމެ އިލްކްޓްރޯނިކްކޮށް ކުރާ ފައިސާގެ ޓްރާންސްފަރއެއްގައި، އެފައިސާ ޓްރާންސްފަރކުރަން އެދޭފަރާތުން އެކައުންޓު ނަންބަރު ހިމެނުމުން ފުދޭނަމަ، ފައިސާ ޓްރާންސްފަރކުރަން އެދޭފަރާތުގެ ފުރިހަމަ މައުލޫމާތު ބެޗް ފައިލްގައި ހިމެނިފައިވޭތޯ ޔަގީންކުރުން؛
  3. ފައިސާ ޓްރާންސްފަރކުރަން އެދޭފަރާތުން ފުރިހަމަ މައުލޫމާތު ނުހިމެނޭ އިލްކްޓްރޯނިކްކޮށް ކުރާ ފައިސާގެ ޓްރާންސްފަރތަކުގެ ރިސްކު ދެނެގަނެ އެރިސްކުތައް ކުޑަކުރެވޭފަދަ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުން. އަދި ރިސްކު ބޮޑު ހާލަތްތަކުގައި، ލިބޭ ފައިސާއަކީ މިގަވާއިދުގައި ބަޔާންކޮށްފައިވާ ށައްކުކުރެވޭ ހަރަކާތްތަކުގެ ތެރެއިން ހަރަކާތަކާ އެއްވެސް ގުޅުމެއްނެތް ފައިސާއެއްކަން ޔަގީންނުކުރެވޭހާ ހިނދަކު، އެޓްރާންސްފަރ ހުއްޓުވަންވާނެއެވެ.
  4. އިލްކްޓްރޯނިކްކޮށް ކުރާ ފައިސާގެ ޓްރާންސްފަރއެއްގައި މެދުވެރިއެއްނަމަ، އެޓްރާންސްފަރއާ އެކުގައިވާ ފައިސާ ޓްރާންސްފަރކުރަން އެދޭފަރާތުގެ މައުލޫމާތު، އެ ޓްރާންސްފަރއާއެކު ފޮނުވޭތޯ ޔަގީންކުރުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބެލެހެއްޓޭ ރިކޯޑުތަށް އިލެކްޓްރޯނިކްކޮށް އަދި މާލީ އިދާރާގެ އާންމު އެކައުންޓިންގ ރިކޯޑުތަކާއެކުގައި ވެސް ބެލެހެއްޓިދާނެއެވެ.

(ރ) ކަމާބެހޭ ރިކޯޑުތައް ރައްކާކޮށްފައި ބަހައްޓަންވާނީ ދިވެހިރާއްޖޭގައި އެވެ. ނުވަތަ، އެމް.އެމް.އޭ އިން އެދިއްޖެ ހިނދެއްގައި ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެމް.އެމް.އޭ އަށް ފޯރުކޮށްދެވޭނެފަދަ ގޮތެއްގައެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި ވީނަމަވެސް، އެމް.އެމް.އޭ އިން އެދިއްޖެ ހިނދެއްގައި ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތު ފޯރުކޮށް ދިނުމަށް މާލީ އިދާރާއަކުން މަސައްކަތް ކުރަންވާނެއެވެ.

(ބ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ހިނގާފައިވާ ކަމެއްގެ ހެއްކެއްގެ ގޮތުގައި ކޯޓުން ށަފަހީ ހެކި ބަލައިގަންނަ ކަންކަމުގައި، މިމާއްދާފެ ދަށުން ބަލަހައްޓާ ރިކޯޑެއް، ނުވަތަ ރިކޯޑެއްގެ ސައްހަކަމަށް ކަނޑައަޅާފައިވާ ބައެއް، ނުވަތަ އިލެކްޓްރޯނިކްކޮށް ބަހައްޓާފައިވާ ރިކޯޑެއްގެ ސައްހަކަމަށް ކަނޑައަޅާފައިވާ ޕްރިންޓެއް ހުށަހެޅުމުން، އެލިޔުމެއްގައިވާ ކަންކަމުގެ ހެއްކެއްގެ ގޮތުގައި ކޯޓުން ބަލައިގަނެވޭނެއެވެ.

(ޅ) ތިރީގައިމިވާ ހަލަތްތަކުގައި ހުއްދަދީފައިވާ އެމް.އެމް.އޭ ގެ މަންދޫބަކަށް، މާލީ އިދާރާއަކުން ނުވަތަ މާލީ އިދާރާއެއްގެ ފަރާތުން މިމާއްދާގެ ދަށުން ބަލަހައްޓަންޖެހޭ ރިކޯޑުތައް އާންމުކޮށް މަސައްކަތްކުރާ ގަޑިތަކުގައި ބަލައި، ދިރާސާކޮށް، އެރިކޯޑުތަކުގެ ބައިތައް ނުވަތަ އެ ރިކޯޑުތަކުގެ ކޮޕީ ހެދިދާނެއެވެ.

  1. އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރެވޭތޯ ބެލުމުގެ ގޮތުން، ށައްކުކުރެވޭ ސަބަބެއް ނެތި އަދި ކުރިން އެންގުމަކާ ނުލައި އެމް.އެމް.އޭ އިން ދޭތެރެދޭތެރެއިން ހަދާ ރެންޑަމް ކޮމްޕްލަޔަންސް އޮޑިޓްތައް؛
  2. މަނީ ލޯންޑްރިންގ އާ ދެކޮށަށް މަސައްކަތްކުރުމަށް ނުވަތަ ކުށްވެރިވާފަދަ ގޮތަކަށް ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަތުމަށް އެރިކޯޑުތައް ސަރުކާރަށް އެހީއަކަށް ވެދާނެކަމަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތައް ހުރުން؛ ނުވަތަ
  3. ރިޕޯޓުކޮށްފައިވިޔަސް ނުވަތަ ރިޕޯޓުކޮށްފައި ނުވިނަމަވެސް، އެމް.އެމް.އޭ ގެ ތަހުގީގަކުން ށައްކުކުރެވޭފަދަ މުއާމަލާތްތައް ހާމަވުން.

(ކ) ހުއްދަދީފައިވާ އެމް.އެމް.އޭގެ މަންދޫބު މި މާއްދާގެ (ޅ) ގައި ބުނެފައިވާ ރިކޯޑުތައް ބެލުމަށް މާލީ އިދާރާއިން އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

 

ހަތަރުވަނަ ބާބު

ރިޕޯޓުކުރުން

17 ވަނަ މާއްދާ - މާލީ އިދާރާއަކުން އެމް.އެމް.އޭ އަށް ބައެއް މައުލޫމާތު ފޯރުކޮށްދިނުން

(ހ) ތިރީގައި ބުނެފައިވާ ކަންކަމުގައި، މާލީ އިދާރާއަކުން ދިނުމަށް އެމް.އެމް.އޭ އިން އެދިއްޖެ ހިނދެއްގައި އެ މައުލޫމާތު މާލީ އިދާރާއަކުން އެމް.އެމް.އޭ އަށް ފޯރުކޮށްދޭންވާނެއެވެ.

  1. ވަކިފަރާތަކީ މިހާރު ނުވަތަ އެއްވެސް އިރެއްގައި އެ މާލީ އިދާރާގެ ކްލަޔަންޓެއްކަން؛
  2. ވަކިފަރާތަކުން، އެ މާލީ އިދާރާގެ ކްލަޔަންޓެއްގެ ފަރާތުން ހަރަކާތްތެރިވާކަން ނުވަތަ އެއްވެސް އިރެއްގައި ހަރަކާތްތެރިވެފައިވާކަން؛
  3. އެ މާލީ އިދާރާގެ ކްލަޔަންޓެއް ވަކި ފަރާތެއްގެ ފަރާތުން ހަރަކާތްތެރިވާކަން ނުވަތަ އެއްވެސް އިރެއްގައި ހަރަކާތްތެރިވެފައިވާކަން؛

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ މައުލޫމާތުގެ އިތުރުން، މި ގަވާއިދުގެ ބޭނުމަށްޓަކައި އެމް.އެމް.އޭ އިން އެދިއްޖެ ހިނދެއްގައި މާލީ އިދާރާއަކުން ބަލަހައްޓާ ރިކޯޑުތައް އެމް.އެމް.އޭ އަށް ފޮނުވަންވާނެއެވެ.

 

18 ވަނަ މާއްދާ - ށައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓުކުރުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ޅ)ގައި ބުނެފައިވާފަދަ އާންމުނޫން ނުވަތަ އާދަޔާހިލާފު މާލީ ހަރަކާތެއް މާލީ އިދާރާއަކަށް ފާހަގަ ކުރެވިއްޖެނަމަ، ތިރީގައިވާ ފަދައިން އަމަލުކުރަންވާނެއެވެ.

  1. މަނީ ލޯންޑްރިނގ ނުވަތަ ތެރެރިޒަމްގެ ހަރަކާތްތަކަށް ފައިސާ ހޯދައިދިނުމާ ގުޅުމެއް ނެތްކަން ޔަގީންކުރުމަށްޓަކައި، އާންމުނޫން ނުވަތަ އާދަޔާހިލާފު މާލީ މުއާމަލާތް ނުވަތަ ހަރަކާތާގުޅޭ މައުލޫމާތާއި މަގްސަދު ހޯދާ ބަލައި، ތަހުގީގުކުރުން؛ އަދި
  2. އާންމުނޫން ނުވަތަ އާދަޔާހިލާފު މަލީ މުއާމަލާތަކީ މަނީ ލޯންޑްރިންގ ނުވަތަ ޓެރެރިޒަމްގެ ހަރަކާތްތަކަށް ފައިސާ ހޯދައިދިނުމާއި ގުޅުމެއްނެތް މުއާމަލާތެއްކަން ޔަގީންކުރެވޭފަދަ ހެކި ކަސްޓަމަރުންގެ ފަރާތުން ހޯދައި، މާލީ އިދާރާގެ ހޯދުންތައް ލިޔުމުން ރިކޯޑްކޮށް، އެ ހޯދުންތަކުން ރިކޯޑު ބެލެހެއްޓުން.

(ށ) މާލީ އިދާރާއަކުން ފާރަވެރިވުމަށާއި ކަންކަން ބެލުމަށް އަންމުކޮށް ބޭނުންކުރާ ނިޒާމުތަކުގެތެރެއިން އެފަރާތުގެ ސަމާލުކަމަށް އަންނަ މުއާމަލާތްތަކުގެ އިތުރުން، އާދަޔާހިލާފަށް ބޮޑު އަދަދެއްގެ މުއާމަލާތްތަކާއި. އަދަޔާހިލާފު ގޮތަކަށް ހިނގާފައިވާ މުއާމަލާތްތަކާއި، ސާފުވާން އުނދަގޫ މުއާމަލާތްތަކާއި، ފެންނަފެނުމުގައި ގާނޫނީގޮތުން ސައްހަ އިގްތިސާދީ ބޭނުމެއްނެތް މުއާމަލާތްތައް، މާލީ އިދާރާއިން ތަހުގީގުކުރަންވާނެއެވެ.

(ނ) މާލީ އިދާރާއެއްގެ އޭޖެންޓަކަށް ނުވަތަ މާލީ އިދާރާއެއްގެ މުވައްޒަފަކަށް ތިރީގައިވާ ކަމެއް އެނގިއްޖެނަމަ، ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް އެއިން ކަމަކަށް ށައްކުކުރެވިއްޖެނަމަ، އެކަމެއް އެނގޭތާ ނުވަތަ ށައްކުކުރެވޭތާ 2 (ދޭއް) މަސައްކަތު ދުވަހުގެ ތެރޭގައި، އެކަމެއް އެނގޭ ނުވަތަ ށައްކުކުރެވޭ ސަބަބުތަކާއި، އެމުއާމަލާތް ނުވަތަ މުއާމަލާތްތަކާގުޅޭ، ކަނޑައެޅިފައިވާ މައުލޫމާތު، އެމް.އެމް.އޭ އަށް އަންގަންވާނެއެވެ. އަދި އޭޖޭންޓެއްނަމަ، މިގަވާއިދުގެ 22 ވަނަ މާއްދާގެދަށުން ޢައްޔަނުކޮއްފާވާ، ކަމާބެހޭ މާލީ އިދާރާގެ ކޮމްޕުލަޔަންސް އޮފިސަރަށް އަންގައި، އެ އޮފިސަރު އެމް.އެމް.އޭ އަށް ރިޕޯޓުކުރަންވާނެއެވެ.

  1. ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ޓެރެރިޒަމްގެ ހަރަކާތްތައް ހިންގާ، އަދި ޓެރެރިޒަމްގެ ހަރަކާތް ނުވަތަ ނުވަތަ ޓެރެރިޒަމްގެ އަމަލެއް ހިންގާ މީހެއް ނުވަތަ ށަހުސެއް ކަމަށް އެކުވެރި ދައުލަތްތަކުގެ ސަލާމަތާބެހޭ މަޖިލީހުން ނުވަތަ ދިވެހިސަރުކާރުން ލިސްޓްކޮށްފައިވާ މީހަކަށް ނުވަތަ ށަހްސަކަށް އެހީތެރިވުމާ ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަކަށް، ކުށްވެރިވާފަދަ ގޮތަކަށް ހޯދާފައިވާ ފައިސާއާއި މުދާ މާލީ އިދާރާއަށް ލިބިއްޖެކަން ނުވަތަ ލިބެން އުޅޭކަން؛
  2. ކޮށްކޮށްގެން ހޯދާފައިވާ ފައިސާއާއި މުދާ ނުވަތަ ޓެރެތިޒަމްގެ ހަރަކާތްތަކަށް ފައިސާ ހޯދައި ދިނުމާ ގުޅޭ މުދާ ޓްރާންސްފަރކުރުމަށް މަގުފައިކޮށްދޭ ނުވަތަ މަގުފަހިކޮށްދީފާނެކަމަށް ބެލެވޭ މުއާމަލާތެއް ނުވަތަ މުއާމަލާތް ތަކެއްގައި މާލީ އިދާރާއަކީ ބައިވެރިއެއްކަން؛
  3. މާލީ އިދާރާއިން އެނގިހުރެ ނުވަތަ ނޭނގިނަމަވެސް، މަނީ ލޯންޑްރިންގ ނުވަތަ ޓެރެރިޒަމްގެ ހަރަކާތްތަކަށް ފައިސާ ހޯދައިދިނުމާއި އެއާގުޅޭ ހަރަކާތްތަގައި އެއްވެސް ގޮތަކަށް ބައިވެރިވެފައިވާކަން، ނުވަތަ ބައިވެރިވާނެކަން؛

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެމް.އެމް.އޭ އަށް ރިޕޯޓެއް ހުށަހަޅަންޖެހޭ މާލީ އިދާރާއަކަށް ނުވަތަ މީހަކަށް، އެމުއާމަލާތަކާ ގުޅޭގޮތުން ރިޕޯޓު ހުށަހަޅަންޖެހޭ މުއާމަލާތް ކުރިއަށް ގެންގޮސް މުއާމަލާތް ފުރިހަމަކުރެވިދާނެއެވެ.

(ބ) ހެޔޮނިޔަތުގައި މި މާއްދާއަށް އަމަލުކުރުމާ ގުޅިގެން، މާލީ އިދާރާއެއް ނުވަތަ މީހެއްގެ މައްޗަށް ޖިނާއީ ނުވަތަ ދައުވާއެއް އުފުލައިގެން ނުވާނެއެވެ. އަދި ނުބައި ނިޔަތެއް ނެތި، މި ގަވާއިދުގެ މަގްސަދުތަށް ހާސިލް ކުރުމާ ގުޅޭ މައުލޫމާތު ރިޕޯޓުކުރުމުގެ ސަބަބުން ނުވަތަ ރިޕޯޓުކުރުމަށް މެދުވެރި ކުރުމުގެ ސަބަބުން، އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިގެންނުވާނެއެވެ.

 

19 ވަނަ މާއްދާ - ކަނޑައެޅިފައިވާ އަދަދަށްވުރެ މަތީ އަދަދުތަކުގެ މުއާމަލާތްތައް ރިޕޯޓުކުރުން

މި ގަވާއިދުގެ 18 ވަނަ މާއްދަގައިވާ ކަންކަމުގެ އިތުރުން 200،000 (ދެލައްކަ) ރުފިޔާ ނުވަތަ އެއްށްވުރެ ބޮޑު އަދަދެއް، ނުވަތަ ބޭރުފައިސާއިން އެއާ އެއްވަރުގެ އަދަދެއް، ނުވަތަ އެމް.އެމް.އޭ އިން ނެރޭ ޑައިރެކްޓިވްއެއްގައި ކަނޑައަޅާ އެނޫން އަދަދެއްގެ މުއާމަލާތްތަކުގެ މައުލޫމާތު، އޭޖެންޓުން މެދުވެރިކޮށް ކުރާމުއާމަލާތްތައް ހިމެނޭގޮތުން، ގައި އެއީ ވަކި މުއާމަލާތެއްކަން މުވަތަ ގުޅިފައިވާ މުއާމަލާތެއްކަން ބަޔާންކޮށް، އެދަފަ މުއާމަލާތްތަކާ ގުޅޭ ރިޕޯޓެއް މާލީ އިދާރާއަކުން ހަފްތާއަކު އެއްފަހަރު އެމް.އެމް.އޭ އަށް ހުށަހަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - ހާމަނުކުރުން

މި ގަވާއިދުގެ 18 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ރިޕޯޓުކުރާ، ރިޕޯޓުކުރަންޖެހޭ، ރިޕޯޓުކުރުމުގައި ބައިވެރިވާ، ނުވަތަ ރިޕޯޓެއް ކުރިކަން ނުވަތަ ކުރާނެކަން އެނގޭ ނުވަތަ ށައްކުކުރެވޭ ފަރާތަކުން އެކަމުގެ މައުލޫމާތު ނުވަތަ އެރިޕޯޓާގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިގަވާއިދުގެ ދަށުން ކުރާ ތަހުގީގަކަށް ނޭދެވޭ އަސަރެއްކުރާނެކަމަށް ބެލެވޭ އެހެން އެއްވެސް ކަމެއް، ތިރީގައިވާ ހާލަތަތަކުގައި މެނުވީ ހާމަކޮށްގެން ނުވަތަ އާންމުކޮށްގެން ނުވާނެއެވެ.

(ހ) އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ އެފަރާތެއްގެ ބާރުތަކާއި މަސްއީލިއްޔަތުތަކުގެ އިމުގެ ތެރޭގައި؛

(ށ) މި ގަވާއިދުގައިވާ ކަންކަން ހިންގުމަށްޓަކައި؛ ނުވަތަ

(ނ) ކޯޓު އަމުރެއްގެ ދަށުން

 

21 ވަނަ މާއްދާ - އެމް.އެމް.އޭ އަށް ހާމަކޮށްފައިވާ މައުލޫމާތު ރައްކާތެރިކުރުން

(ހ) މި ބާބުގެ ދަށުން އެމް.އެމް.އޭ އާށް ހާމަކުރާސިއްރު މައުލޫމާތުގެ ސިއްރުވެރިކަން ހިފަހައްޓައި، ސިއްރު މައުލޫމާތު އެމް.އެމް.އޭ އަށް ހާމަކުރާ ފަރާތަކީ ކާކުކަން އެމް.އެމް.އޭ އިން ސިއްރުކުރަންވާނެއެވެ.

(ށ) އެމް.އެމް.އޭ އިން މައުލޫމާތު ހާމަކުރަންވާނީ ހަމައެކަނި، މަނީ ލޯންޑްރިންގއާ ދެކޮޅަށް މަސައްކަތްކުރުމަށާއި ޓެރެރިޒަމްގެ ހަތަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމަށް އެމައުލޫމާތު ބޭނުންވާ، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި އޭޖެންސީތަކަށެވެ.

(ނ) މައުލޫމާތުގެ ސިއްރުވެރިކަން ހިފެހެއްޓުމަށްޓަކައި، މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން އަމަލުކުރާނެ އެކަށީގެންވާ އުސޫކުތަށް އެކަށައަޅައި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެމް.އެމް.އޭއިން އަޅަންވާނެއެވެ.

(ރ) ތިރީގައިވާ ހާލަތްތަކުގައި މެވުވީ، އެމް.އެމް.އޭ ގައި ހުރި ނުވަތަ އެމް.އެމް.އޭ އިން ލިބިފައިވާ ސިއްރު މައުލޫމާތު އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެއެވެ.

  1. އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ އެފަރާތެއްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ އިމުގެ ތެރޭގައި؛
  2. މިބާނުގައިވާ ކަންކަން ހިންގުމަށްޓަކައި؛
  3. އެމް.އެމް.އޭގެ ހުއްދައާ އެކު، ނުވަތަ
  4. ކޯޓު އަމުރެއްގެ ދަށުން

(ބ) މި މާއްދާއާއި ހިލާފުވާ އެމް.އެމް.އޭގެ މުވައްޒަފުންނާމެދު ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު)ގެ 11 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

ފަސްވަނަ ބާބު

މާލީ އިދާރާތަކުން އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް

22 ވަނަ މާއްދާ - އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރުމުގައި އަޅާ ފިޔަވަޅުތައް

(ހ) މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިޔަތުތައް އަދާކުރުމަށްޓަކައި، މާލީ އިދާރާއިން ތިރީގައިވާ ކަންކަމާ ގުޅޭގޮތުން އިންޓަރނަލް އުސޫލުތަކާއި އިޖުރާތަތުތަކާއި މުވައްޒަފުން ތަމްރީންކުރުމާބެހޭ ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަންވަނެއެވެ.

  1. ކްލަޔަންޓުންނާއި، ގުޅުންހުރި ފަރާތްތަކުގެ ކާކުކަން އަންގައިދޭ މައުލޫމާތު ޔަގީންކުރުމުގެ ނިޒާމުތައް؛
  2. ރިކޯޑު ބެލެހެއްޓުން
  3. މުއާމަލާތްތައް ފާހަގަކޮށް ރިޕޯޓުކުރުން
  4. މުވައްޒަފުންނަށް ވަޒީފާދިނުމާއި އޭޖެންޓުން އައްޔަންކުރުމުގައި މަތީ މިންގަޑެއް ހިފެހެއްޓުމަށްޓަކައި، އެފަރާތްތަކުގެ މަޒީއާބެހޭ މައުލޫމާތު ހޯދުން ހިމެނޭގޮތުން، އެފަރާތްތައް ސްކްރީންކުރުމުގެ އެކަށީގެންވާ އުސޫލުތައް؛ އަދި
  5. އެފަރާތުގެ ރިކޯޑުތަކާއި، ބޭނުންކުރާ ނިޒާމުތަކާއި، ތަކެތި ފޮނުވުމަށް އަދި އެހެނިހެން ކަންކަމުގައި ބޭނުންކުރާ ގޮތްތަކުގެ ސަލާމަތާއި ރައްކާތެރިކަން، އަދި ސީދާ ނުވަތަ އިލެކްޓްރޯނިކްކޮށް އެފަރާތުން ދޫކުރާ އަދި އެފަރާތަށް ހުށަހެޅޭ ޕޭމަންޓް އިންސްޓްރުމެންޓްތަކުގެ އިންޓެގްރިޓީ ހިފެހެއްޓުން.

(ށ) އެމް.އެމް.އޭ އިން މަލީ އިދާރާއެއްގައި އެދިއްޖެ ހިނދެއްގައި، އެ އިދާރާއިން އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރުގައި ގެންގުޅޭނެ ސިޔާސަތުތަކާއި އިންޓަރންލް އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކޮށް ކޮމްޕްލަޔަންސް މެނުއަލްގެ ކޮޕީއެއް އެމް.އެމް.އޭ އަށް ލިބޭނެގޮތް ހަމަޖައްސަންވާނެއެވެ.

(ނ) މާލީ އިދާރާއަކުން ތިރީގައިވާ ކަންކަން ކުރަންވާނެއެވެ.

  1. ކަމާބެހޭ އުސޫކުތަކާއި ސިޔާސަތުތަކާއި އިޖުރާއަތުތަށް ތަންފީޒު ކުރުމަށްޓަކައި، އެ މާލީ އިދާރާގެ މުވައްޒަފުންނާއި އޭޖެންޓުންނަކީ އެކަށީގެންވާ މިންވަތަކަށް އެކަންކަމަށް އަހުލުވެރިވެފައިވާ ބައެއްކަން ޔަގީންކުރުމުގެ ގޮތުން، އެމީހުންނަށް ތަމްރީނުދިނުން؛ އަދި
  2. ތިރީގައިވާ ފަރާތްތަކުން، އެފަރާތްތަކުން އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރޭތޯ ޔަގީންކުރުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑަށް އެހީތެރިވުމަށް ކޮމްޕްލަޔަންސް އޮފިސަރެއް އައްޔަންކުރުން؛

(ހ) މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަންޖެހޭ މާލީ އިދާރާތައް؛

(ށ) މި ގަވާއިދާ އެއްގޮތަށް އަމަލުކުރަންޖެހޭ އަދި އެފަރާތްތަކުގެ މައްޗަށް ހިނގާ ސިޔާސަތުތަކާއި އިންޓަރނަލް އުސޫލުތަކާއި އިޖުރާއަތުތަކަށް އަމަލުކުރަންޖެހޭ މާލީ އިދާރާގެ މުވައްޒަފުންނާއި އޭޖެންޓުން؛ އަދި

(ނ) އެ އިދާރާއިން އެއިދާރާގެ ޒިންމާތަކުގެ ތެރިއިން ޒިންމާއެއް ހަވާލުކޮށްފައިވާ ތިންވަނަ ފަރާތަކައް.

 

23 ވަނަ މާއްދާ - ގަވާއިދާ އެއްގަތަށް އަމަލުނުކުރުމާއި އަދަބުތައް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއީލިޔަތެއް އަދާނުކުރުން ބެލެވޭނީ ގަވާއިދާ އެއްގޮތަށް އަމަލުނުކުރުން ކަމުގައެވެ.

(ށ) މާލީ އިދާރާއަކުން މި ގަވާއިދުގެ ދަށުން މަސްއީލިއްޔަތެއް އަދާކުރަންޖެހި އެ މަސްއީލިއްޔު އަދާނުކުރާނަމަ އެ އިދާރާއަކާމެދު އެމް.އެމް.އޭ އިން އެކަށީގެންވާ އިސްލާހީ އަދި އިދާރީ ފިޔަވަޅު އަޅަންވާނެއެވެ. އަދި މިގޮތުން ތިރީގައިވާ ކަންކަމުންކުރެ ކަމެއް ނުވަތަ ކަންތައްތަކެއް އެމް.އެމް.އޭ އަށް ކުރެވިދާނެއެވެ.

  1. ލިޔުމަކުން މާލީ އިދާރާއަށް އިންޒާރުދިނުން؛
  2. މާލީ އިދާރާއަކަށް ގޮސް އެއިދާރާއެއްގެ އޮންސައިޓް އިންސްޕެކްށަން ހެދުން؛
  3. ގަވާއިދާ އެއްގޮތަށް އަމަލުކުރުރި ކަންކަން ރަނގަޅުކުރުމަށް އަޅާނެ ފިޔަވަޅިތަކާއި އަދި އެފިޔަވަޅިތައް ފުރިހަމަކޮށް ނިންމާނެގޮތުގެ މުއްދަތުގެ ތާވަލެއް އެކުލަވާލައި މާލީ އިދާރާއާއެކު އެއްބަސްވުން؛
  4. މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކުރުމުގެ ސަބަބުން އެކަމެއް ރަނގަޅުކުރުމަށް އަޅަން ގަސްދުކުރާ ފިޔަވަޅިތައް ނުވަތަ އަޅާފައިވާ ފިޔަވަޅުތަކުގެ ތަފުސީލު ހުށަހެޅުމަށް މާލީ އިދާރާއަށް އެންގުން؛ އަދި
  5. ގަވާއިދާ އެއްގޮތަށް އަމަލުކުރިކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، އިދާރީ އަދަބެއްގެ ގޮތުން 100000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން މާލީ އިދާރާ ޖުރިމަނާކުރުން.

(ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތިގެމަތިން، ގަވާއިދާ އެއްގޮތަށް މާލީ އިދާރާއިން އަމަލުނުކުމުގެ ސަބަބުން އެ އިދާރާއާމއެދު އަޅާފައިވާ އިދާރީ ފިޔަވަޅުތައް ސަރުކާރުގެ ގެޒެޓުގައި އެމް.އެމް.އޭ އަށް ށާއިއު ކުރެވިދާނެއެވެ.

 

24 ވަނަ މާއްދާ - ސަރކިއުލަރތަކާއި އަމުރުތަށް

(ހ) ތިރީގައިވާ ކަންކަމާ ގުޅޭގޮތުން އެމް.އެމް.އޭ އަށް ސަރކިއުލަރތަކާއި އަމުރުތައް ނެރެވިދާނެއެވެ

  1. ހިންގުމުގައި އަމަލުކުރެވޭނެ އައު އުސޫލުތަކާއި ހިންގުމުގެ އައު ގޮތްތަކާއި ގުޅޭގޮތުން؛
  2. ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމުގެ ބޭނުމަށްޓަކައި އަމަލުކުރަންޖެހޭ އިތުރު އުސޫލުތައް ކަނޑައެޅުމަށްޓަކައި؛
  3. ވަކި ބާވަތެއްގެ ބޭންކް އެކައުންޓުތަކާއި ނުވަތަ އެކައުންޓުގެ ވެރިފަރާތްތަކާއި ގުޅޭގޮތުން ށަރުތުތަކާއި މިންގަނޑުތައް ކަނޑައެޅުމަށްޓަކައި؛
  4. އެމް.އެމް.އޭ އިން ކަނޑައަޅަންޖެހޭނެކަމަށް ނުވަތަ ކަނޑައެޅިދާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދެއް އިސްލާހުކުރުމަށްޓަކައި؛
  5. ތަމްރީންކުރުމާ ގުޅޭގޮތުން؛ އަދ
  6. މި ގަވާއިދުގެ އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާހާ ހިންދަކު:-

 

25 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާހާ ހިނދަކު:-

"ޓެރެރިޒަމްގެ ހަރަކާތް" ކަމަށް ބުނެފައި އެވަނީ، އެއިރަކަށް އެގާނޫނަށް ގެނެވޭ އިސްލާހުތަށް ހިމެނެގޮތުން، ގާނޫނު ނަންބަރު 10/1990 (ދިވެހި ރާއްޖޭގައި ޓެރެރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޓެރެރިޒަމްގެ ކުށްތަކަށެވެ.

"އޭޖެންޓުން" ކަމަށް ބުނެފައި އެވަނީ، ރަސްމީގޮތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މާލީނ އިދާރާގެ އެދުމުގެ ނުވަތަ އެންގުމުގެ މަތިން އެއިދާރާގެ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އުފުލާ ތަބީއީ ނުވަތަ ގާނޫނީ ށަހްސުތައް ނުވަތަ އެނޫންވެސް ށަހްސުތަކަށެވެ. އަދި މި މާނައިގެ ތެރޭގައި މާލީ އިދާރާގެ އޭޖޭންޓުން ހިމެނޭނެއެވެ.

"ޖަމިއްޔާ" ކަމަށް ބުނެފައި އެވަނީ، އެއިރަކަށް އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުން، ގާނޫނު ނަންބަރު 1/2003 (ޖަމިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން އުދައްދާފައިވާ ގާނޫނޫ ށަހްސަށެވެ.

"ބޭންކް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ދެވިފައިވާ މާނައަށެވެ.

"ހަގީގީ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެކައުންޓު ހުޅުވައިފައިވަނީ ކޮންމެ ފަރާތެއްގެ ނަމުގައި ކަމަށްވިޔަސް އަދި އެކައުންޓުގެ ވެރިފަރާތަކީ ކޮންމެ ފަރާތެއް ކަމަށްވިޔަސް އަދި މުއާމަލާތެއް ކޮށްފައިވަނީ ކޮންމެ ފަރާތަކުން ކަމަށްވިޔަސް، އެ އެކައުންޓުގެ ނުވަތަ އެ މުއާމަލާތުގެ ފައިދާ ހަގީގަތުގައި ލިބޭ ފަރާތަށެވެ. އަދި އެފަރާތަކީ ގާނޫނީ ށަހްސެއް ނުވަތަ އެނޫންވެސް ށަހުސެއްނަމަ، އެށަހުސުގެ މައްޗަށް އެކަށޭނެ ބާރު އޮންނަ ފަރާތަށެވެ.

"ވިޔަފާރީގެ ގުޅުން" ކަމަށް ބުނެފައި އެވަނީ، މާލީ އިދާރާއިން ތަކެތި ނުވތަ ހިދުމަތް ބޭނުންކުރުމުގެ ނުވަތަ ގަތުމުގެ ސަބަބުން އެފަރާތަކީ މާލީ އިދާރާގެ ކަސްޓަމަތަކަށްވެ، އެފަރާތާއި މާލީ އިދާރާއާދެމެދު އުފެދިފައިވާ ގުޅުމަކަށެވެ. އަދި މާލީ އިދާރާގައި އާންމުގޮތެއްގައި އެފަދަ ފަރާތެއްގެ އެކައުންޓެއް ނުވަތަ އެއް އެކައުންޓަށްވުރެ ގިން އެކައުންޓު ހުންނާނެއެވެ.

"ސާރކިއުލަރ" ކަމަށް ބުނެފައި އެވަނީ މި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށްޓަކައި އެމް.އެމް.އޭ އިން އެކި ފަހަރުމަތުން ނެރޭ ސަރކިއުލަރތަކަށެވެ.

"ކުންފުނި" ކަމަށް ބުނެފައިއެވަނީ، އެއިރަކަށް އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުން، ގާނޫނު ނަންބަރު 10/1996 (ދިވެހި ރާއްޖޭގެ ކުންފުނިތަކާބެހޭ ގާނޫނު)، ނުވަތަ

އެ ގާނޫނަށް އަމަލުކުރަން ފެށުމުން އުވާލެވުނު ގާނޫނެއް، ނުވަތަ އެގާނޫނު އުވާލުމަށްފަހު ފާސްކުރާ ކަމާބެހޭ ގާނޫނެއްގެ ދަށުން އުފައްދާފައިވާ ނުވަތަ އުފައްދާ ކުންފުންޏަކަށެވެ.

"ކޯޕްރެޓިވް" ކަމަށް ބުނެފައިއެވަނީ، އެއިރަކަށް އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުން ގާނޫނު ނަންބަރ 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު)ގެ ދަށުން އުފައްދައި ރަޖިސްޓްރީކޮށްފައިވާ ގާނޫނީ ށަހުސަށެވެ. 

"ޑިރެކްޓިވް" ކަމަށް ބުނެފައިއެވަނީ، މިގަވާއިދު ތަންފީޒުކުރުމަށްޓަކައި މިގަވާއިދުގެ އިމުގެ ތެރޭގައި، އެކި ފަހަރުމަތިން އެމް.އެމް.އޭ އިން އަންގާ އެންގުންތަކަށެވެ.

"ލިޔުން" ކަމަށް ބުނެފައި އެވަނީ، ލިޔުމެއްގެ އަސްލެއްގެ އިތުބާރުހިފޭ ހާޑްކޮޕީ އާއި އިލެކްޓްރީނިކް ކޮޕީ ހިމެނޭގޮތުންނެވެ.

"މާލީ އިދާރާގެ އޭޖެންޓް" ކަމަށް ބުނެފައިއެވަނީ، މޮބައިލް ބޭންކް އެކައުންޓް އޭޖްންޓް ހިމެނޭގޮތުން، މާލީ އިދާރާއެއްގެ ފަރާތުން މާލީ ހިދުމަތްތައް ފޯރުކޮށްދޭ ތާބިއީ ނުވަތަ ގާނޫނީ ށަހުސަކަށެވެ.

"މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، އެއިރަކަށް ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އެމް.އެމް.އޭގެ އިހްސާސްގެ ތެރޭގައި ހިމެނޭ ށަހްސުތަކަށެވެ. މިމާނައިގެ ތެރޭގައި ބޭންކާއި ފައިސާ ޓްރާންސްފާރ ކުރާ އިދާރާތަކާއި ގެދޮރު އިމާރާތްކުރުމަށް ފައިސާދޫކުރާ ކުންފުނިތައް ހިމެނެއެވެ.

"ބިދޭސީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1/2007 (ދިވެހި ރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގައި ދެވިފައިވާ މާނައަށެވެ.

"ބިދޭސީ ކުންފުނި" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެއިން ބޭރުގައި އުފައްފާފައިވާ ކުންފުންޏެއްގެ ކިބައިގައި ގާނޫނީގޮތުން ހުންނަންޖެހޭ ސިފަތައް ފުރިހަމަވާ، އަދި އެއިރަކަށް އެގާނޫނަށް ގެނެވޭ އިސްލާހުތަށްހިމެނޭގޮތުން ގާނޫނު ނަންބަރު 10/1996 (ދިވެހި ރާއްޖޭގެ ކުންފުނިތަކާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ވިޔަފާރި ހިންގުމުގެ ހުއްދަދީފައިވާ ގާނޫނީ ސަހުސަކަށެވެ.

"ކާކުކަން އަންގައިދޭ ކާޑު ނަންބަރު" ކަމަށް ބުނެފައި އެވަނީ، ރައްޔިތެއްގެ ކާކުކަން އަންގައިދޭ ކާޑުގައިވާ، އޭނާއަށް ހާއްސަ ކާކުކަން އަންގައިދޭ ނަންބަރަށެވެ.

"އެމް.އެމް.އޭ" ކަމަށް ބުނެފައިއެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

"މޮބައިލް ބޭންކް އެކައުންޓް އޭޖެންޓު" ކަމަށް ބުނެފައި އެވަނީ، މޮބައިލް ބޭންކް އެކައުންޓާގުޅޭ މާލީ ހިދުމަތްތައް ފޯރުކޮށްދޭ ތަބީއީ ނުވަތަ ގާނޫނީ ށަހުސަކަށެވެ.

"މަނީ ލޯންޑްރިންގ" ކަމަށް ބުނެފައި އެވަނީ، އެހަރަކާތެއްގެ ނަތީޖާއަކީ ނުވަތަ އެހަރަކާތުގެ ސަބަބުން ނުކުމެދާނެކަމަށް ބެލެވޭ ނަތީޖާއަކީ، ކުށްކޮށްގެން ހޯދައިފައިވާ ފައިސާ އާއި މުދަލުގެ ބާވަތް، އަސްލު، ހުރިތަން ހޭދަކުރާގޮތް ނުވަތަ ދައުރުވާ ގޮތް، ނުވަތަ އެފަދަ ފައިސާއާއި މުދަލުގެ މައްޗަށް އެއްވެސް މީހަކަށް އޮތް މަސްލަހަތެއް، ފޮރުވުން ނުވަތަ އޮޅުވާލުންކަމަށް ހިމެނޭ ހަރަކާތަކަށެވެ.

"ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު" ކަމަށް ބުނެފައި އެވަނީ، ދިވެހި ސަރުކާރުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ދޫކުރާ، ކާކުކަން އަންގައިދޭ ލިޔުމަށެވެ.

"ޕާރޓްނާރށިޕް" ކަމަށް ބުނެފައި އެވަނީ، އެއިރަކަށް އެގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުން، ގާނޫނު ނަންބަރު 9/1996 (ދިވެހިރާއްޖޭގެ ޕާރޓްނާރށިޕާބެހޭ ގާނޫނު) ގައި ދެވިފައިވާ މާނައެވެ.

"ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި މުދާ" ކަމަށް ބުނެފައި އެވަނީ، އެއްވެސް މީހަކު ކުރި ކުށުގެ އަމަލެއްގެ ސަބަބުން ނުވަތަ އެފަދަ އަމލުތަކާ ގުޅިގެން، މިގަވާއިދަށް އަމަލުކުރަން ދެށުމުގެ ކުރިން ނުވަތަ ފަހުން، ސީދާކޮށް ނުވަތަ ނުސީދާކޮށް، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހޯދާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ ބަހައްޓާފައިވާ އެއްވެސް މުދަލެއް، ހިދުމަތެއް، ފައިދާއެއް، ނުވަތަ އިނާމަކަށެވެ.

"މުދާ" ކަމަށް ބުނެފައި އެވަނީ، ފައިސާއާއި މުދަލުގެ މައްޗަށް އޮންނަ ހައްގަކާއި އިމްތިޔާޒާއި ސެކިޔުރިޓީއާއި މަސްލަހަތު ހިމެނޭގޮތުން، ފައިސާއާއި،އެއްވެސް ބާވަތެއްގެ އުފުލޭ އަދި ނުއުފުލޭ، މާއްދީ އަދި މައުނަވީ މުދަލަށެވެ،

"ދިރިއުޅޭ މީހެއް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޫކުރެވިފައިވާ އަދި މުއްދަތު ހަމަނުވާ ރެސިޑެންޓް ވީޒާއެއް އޮތް ތަބީއީ ށަހުސަކަށެވެ.

"ރުފިޔާ" ކަމަށް ބުނެފައި އެވަނީ ދިވެހި ރުފިޔާ އަށެވެ.

"ސިންގަލް ޓްރާންސެކްށަން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ ގުޅުމެއް ނެތި ކުރެވޭފަދަ، އަދި މާލީ އިދާރާއަކާއެކު ވިޔަފާރީގެ ގުޅުމެއް ނެތް ފަރާތަކުން ކުރާ، އެހެން މުއާމަލާތަކާ ގުޅުމެއް ނެތް ވަކި މުއާމަލާތަކަށެވެ.

"ޓެރެރިޒަމްގެ ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން" ކަމަށް ބުނެފައިއެވަނީ، ޓެރެރިޒަމްގެ ހަރަކާތެއް ހިންގުމަށް އެ ފައިސާ އެއްކޮށް ނުވަތަ އެއިން ބައެއް ބޭނުންކުރުމުގެ ނިޔަތުގައި ނުވަތަ ބޭނުންކުރާނެކަން ށައްކުވެހުރެ ނުވަތަ އެކަން އެނގިހުރެ ސީދާކޮށް ނުވަތަ ނުސީދާކޮށް، އަމިއްލް އިހްތިޔާރުގައި ގާނޫނާ ހިލާފަށް ފައިސާ ފޯރުކޮށްދިނުމާއި ބަލައި ގަތުމަށެވެ.

 

މައި ގަވާއިދު

ބޭންކިންގއާބެހޭ ގާނޫނު (ނޫނު ނަންބަރު 24/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު