-

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 40/2011)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ ގާނޫނު ނަންބަރު 6/1994 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި 3 ވަނަ މާއްދާއާއި 4 ވަަނަ މާއްދާގައި ބަޔާންކުރާ ކަންކަން ތަންފީޒު ކުރުމަށްޓަކައި، އެ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަަނަ މާއްދާ - ދީނީ ތަގްރީރު ކުރުމާއި ދީނުގެ ހުކުމްތައް ބަޔާންކޮށް ދިނުމުގެ ހުއްދަ

(ހ) ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކޮށް، އާންމުކޮށް ދީނުގެ ހުކުމްތައް ބަޔާންކުރަންވާނީ، މިނިސްޓްރީ އޮފް  އިސްލާމިކް އެފެއާޒުން އެކަމުގެ ހުއްދަ ދީފައިވާ މީހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހުންނަށެވެ.

  1. މުސްލިމަކު ކަމުގައިވުން
  2. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގަބޫލުކުރާ ޔުނިވަރސިޓީ/ކޮލެޖް/މަރުކަޒަކުން އިސްލާމްދީނުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ، ނުވަަތަ އެއަށްވުރެ މަތީން ސެޓްފިކެޓް ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން.
  3. ގާނޫނު ނަންބަރުު 6/1994 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު) ގެ ދަށުން ކުށް ސާބިތުވެ އަދަބު ލިބިފައިވާ މީހަކު ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ ކުށުގެ އަދަބު މާފުކުރެވުނުތާ 3 އަހަރު ވެފައިވުން.

(ނ) މި ގަވާއިދު ށާއިއުކުރިއިރު، މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގަބޫލުކުރާ ޔުނިވަރސިޓީ/ކޮލެޖް/މަރުކަޒުތަކުގެ ލިސްޓެއް މި ގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީއެވެ. އެކި ސަބަބުތަކަށްޓަކައި މި ލިސްޓަށް އުނިއިތުރެއް އަތުވެއްޖެނަމަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދިވެހިސަރުކާރުގެ ގެޒެޓްގައި އެ ލިސްޓް ށާއިއުކުރަމުން ގެންދަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބުނާ ށަރުތުތައް ހަމަ ނުވިކަމުގައިވިޔަސް، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ކަންކަން އުނގަންނައިދިނުމާއި، ދީނުގެ ހިދުމަތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިތިބި މީހުންގެ ތެރެއިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ބަޔަކަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ ދޫކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައިވިޔަސް، އެކިއެކި އިލްމުތަކުން އުނގަންނައިދިނުމުގައްޔާއި، އިޖުތިމާއީ އެކިއެކި މައްސަލަތަކުގައި ކުރެވޭ ދިރާސާތަކާއި ބަހުސްތަކުގައި، އިސްލާމް ދީނުގައި  ކަމެއް އޮތްގޮތަށް ރިއާޔަތްކޮށް އެކިއެކި އިލްމުތަކުން މަތީ ތައުލީމު ހާސިލުކޮށްގެން ތިބި މީހުން އިލްމީ ނަޒަރަކުން ދައްކާ ވާހަކަތަކާއި ލިޔާ ލިޔުންތައް މި ގަވާއިދުން އިސްތިސްނާވާނެއެވެ.

 

3 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ބިދޭސީން ދީނީ ތަގްރީރުކުރުން.

(ހ) ބިދޭސީން ދިވެހިރާއްޖެއަށް އައިސް ދީނީ ތަގްރީރުކޮށް ދީނީ ނަސޭހަތް ދީ، ވާހަކަދައްކައި ހަދަންވާނީ މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ހުއްދަ ހޯދުމަށްފަހު، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރެއިންނެވެ.

(ށ) ބިދޭސީން ދީނީ ތަގްރީރު ކުރުމުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޖުތިމާއީ އުރުފާ ހިލާފުވާގޮތަށް ވާހަކަދައްކައި ދިވެހިރާއްޖޭގެ

 

4 ވަނަ މާއްދާ - ދީނީ ތަގްރީރު ކުރުމާއި ދީނީ ވާހަކަދެއްކުމުގައި އިސްލާމީ ވަހްދަތު ދެމެހެއްޓުން

(ހ) ދިވެއްސަކު ކަމުގައިވިއަސް އަދި ބިދޭސީއަކު ކަމުގައިވިއަސް ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކޮށް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ އަގީދާއާ ފުށުނާރާގޮތަށް އިސްލާމީ ވަހްދަތު ދެމެހެއްޓުމާއެކުގައެވެ.

(ށ) ދިވެއްސަކު ކަމުގައިވިޔަސް އަދި ބިދޭސީއަކު ކަމުގައިވިޔަސް ރާއްޖޭގައި ދީނީ ތަގްރީރު ކުރުމާއި ދީނީ ނަސޭހަތް ދީ ވާހަކަދައްކައި ހެދުމުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ގޮވާލުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - ދީނުގެ ހުކުމްތައް ބަޔާންކުރުމާއި ދީނީ ތަގްރީރު ކުރުމުގެ އާންމު އުސޫލު

އިސްލާމް ދީނުގެ ހުކުމްތައް ބަޔާންކުރުމުގައްޔާއި، ދީނުގެ ކަންކަމުގައި ތަގްރީރުކޮށް ނުވަތަ ނަސޭހަތް ދީ، ވައްސު ބުނުމުގައި އަމަލު ކުރަންވާނީ ތިރީގައި ބަޔާންކޮށްފަިމިވާ އުސޫލާ އެއްގޮތަށެވެ. މި އުސޫލާ ހިލާފުވެއްޖެނަމަ، ގާނޫނު ނަންބަރު 6/1994 ގެ 4 ވަނަ މާއްދާއާ ހިލާފުވީ ކަމުގައި ބަލައު، ގާނޫނުގައި ބަޔާންކޮށްފައިމިވާ އުސޫލާ އެއްގޮތަށެވެ. މި އުސޫލާ ހިލާފުވެއްޖެނަމަ، ގާނޫނު ނަންބަރު 6/1994 ގެ 4 ވަނަ މާއްދާއާ ހިލާފުވީ ކަމުގައި ބަލައި، ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބު އެމީހަކަށް ދެވޭނެއެވެ.

(ހ) ކީރިތި ގުރްއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމަކާ ހިލާފަށް ވާހަކަ ނުދެއްކުން، އަދި ކީރިތި ގުރްއާނާ ހަވާލާދީ ވާހަކައެއް ދައްކާނަމަ، އަޑުއަހަން ތިބޭ ބަޔަކަށް ސާފުކޮށް އެ ކަމެއް އެއީ ކީރިތި ގުރްއާނުގައި ބަޔާންވެގެންވާ ކަމެއްކަން އެނގޭނޭހެން ބުނުން.

(ށ) ކީރިތި ރަސޫލާގެ ސުންނަތާ ހިލާފަށް ވާހަކަ ނުދެއްކުން، އަދި ކީރިތި ރަސޫލާގެ ހަދީސްފުޅުތައް ބަޔާންކޮށް ވާހަކަދައްކާއިރު، ހަދީސް އިލްމުގެ އާންމު އުސޫލުތަކަށް ރިއާޔަތްކޮށް، ހަދީސުގެ ސައްހަަކަމާއި ސައްހަ ނޫންކަން ބަޔާންކޮށް، އަޑުއަހާ މީހުންނަށް ރަނގަޅަށް އޮޅުންފިލާނޭ ގޮތަށް ވާހަކަދެއްކުން.

(ނ) ދަންނަ ބޭކަލުންގެ އިޖުމާއާ ހިލާފުނުވާގޮތަށް ވާހަކަދެއްކުން.

(ރ) ދިވެހިރާއްޖޭގެ ދީނީ، އިޖުތިމާއީ އުރުފަށާއި އާންމު މަސްލަހަތައް ރިއާޔަތްކޮށް ވާހަކަދެއްކުން.

(ބ) ދީނީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުން ދެވޭ މައުލޫމާތަކީ، ބައިބައިވުމާއި ފިތުނަފަސާދައަށް މަގުފަހިކުރާ މައުލޫމާތަށް ނުވުން.

(ޅ) އެއްވެސް ބާވަތެއްގެ އަނިޔާއަކަށް ހިތްވަރުދޭ، އަދި މީސްތަކުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ނުދެއްކުން.

(ކ) ދީނުގެ ނަމުގައި، ތައުލީމާއި ސިއްހަތުން މަހްރޫމް ކުރުމާއި، ދެޖިންސުގެ މެދުގައި، ނުވަތަ ނަސްލުތަކުގެ މެދުގައި އަދި މިނޫންވެސް ގޮތަކުން ތަފާތުކުރުމަށް ގޮވާލާކަމުގައި މާނަކުރެވޭ ފަދަ ގޮތަކަށް ނުވަތަ އެފަދަ ކަންކަމަށް ބާރުއަަޅައި ވާހަކަ ނުދެއްކުން.

(އ) އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން ހުރި މައްސަލަތައް ބަޔާންކުރާއިރު، މައްސަލައިގެ ދެފަރާތުގެވެސް ރައުޔު ބަޔާންކުރުން. އަދި އެމީހަކު ވަކި ކޮޅަކަށް ބުރަވާނަމަ، އެ ބުރަވާ ސަބަބުތަކާއި ހުއްޖަތްތަކާއި ދަލީލުތައް ބަޔާންކުރުން.

(ވ) އިންސާނީ ތަރައްގީއާއި ތަހުޒީބާއި ތަމައްދުނު ލިބިގަތުމަށް ހުރަސްއެޅޭގޮތަށް، އަދި  މިޒަމާނުގެ އިލްމީ ހޯދުންތަކާއި ކުރިއެރުންތަކުން މީސްތަކުން މަހްރޫމު ކުރުވުމަށް، ދަންނަބޭކަލުންގެ އިޖުމާއު ނެތް ކަންކަމުގައި، ތިމާގެ ރައުޔަކީ، ނުވަތަ ތިމާ ބުރަވާ ކޮޅަކީ އިސްލާމްދީން ކަމުގައި ހަދައި އެގޮތަށް ވާހަކަ ނުދެއްކުން.

(މ) ދަންނަބޭކަލުންގެ މެދުގައި ހިޔާލު ތަފާތުވުން ހުރި މައްސަލައަކަށް ވާހަކަދައްކައި ވަކި އެއްގޮަތަކަށް ބުރަވާނަމަ، އެ މައްސަލައަކީ ދަންނަބޭކަލުންގެ މެދުގައި ހިލާފު އޮންނަ މައްސަލައެއްކަން ބަޔާންކުރުމާއެކު ރާއްޖޭގައި އޮންނަ ދީނީ އުރުފަަށް ރިއާޔަތްކޮށް، ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔަށް ބުރަވާގޮތަށް ބަޔާންކުރުން.

(ފ) ދީނުގެ މައްސަލައެއްގައި ދަންނަ ބޭކަލުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ހުރި މައްސަލައަކަށް ވާހަކަދެއްކި ކަމުގައިވިޔަސް އެ ބޭކަލުންގެ މެދުގައި އޮންނަ ށާޒު ރައުޔު ބަޔާންކޮށް އެއަށް ބުރަވާ ގޮތަށް ވާހަކަ ނުދެއްކުން.

(ދ) އެއްވެސް ދީނެއްގެ އަހުލުވެރިންނާމެދު މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައި، އެމީހުން ކުޑައިމީސްކޮށް، އެމީހުންގެ އިންސާނީ ށަރަފު ގެއްލިގެން ދާގޮތަށް ވާހަކަނުދެއްކުން.

 

6 ވަނަ މާއްދާ - އިސްލާމް ދީން ނޫން އެހެން ދީނެއް ފެތުރުން

ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއް ފެތުރުން ނުވަތަ އެހެން ދީނަކަށް މީހުން ވެއްދުމަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ށިއާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް، ދިވެހިރާއްޖޭގެ އެއްވެސް މުޖުތަމައެއްގައި އާންމުކޮށްގެން ގެންގުޅުމާއި، އެ އެއްޗެއްގެ މައްވަށް މީސްތަކުން ށައުގުވެރިކުރުވުމަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ.

 

7 ވަނަ މާއްދާ - އެހެން ދީންތަކުގެ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށް ބެހުން

(ހ) ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތަކާއި، އެ ދީންތައް ފަތުރާ، ކުރިއަރުވާ ފޮތްތަކާއި ލިޔުންތައް އާންމުންގެ ތެރޭގައްޔާއި އާންމު ތަންތާނގައި ގެންގުޅުމާއި، އެފަދަ ފޮތްތަކާއި ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ ފެތުރުމަކީ މަނާކަމެކެެވެ.

(ށ) އެކިއެކި އިލްމުތަކުން އުނގަންނައިދިނުމުގައްޔާއި، އެކިއެކި އިލްމީ ދިރާސާ ކުރުމުގައްޔާއި، އިސްލާމްދީނާއި އެހެންދީންތަކުގެ ތަފާތު ބަޔާންކުރުމުގައްޔާއި، އިސްލާމްދީނާމެދު އެހެން ދީންތަކުގެ މީހުން ބުނާބުނުންތައް ބަޔާންކުރުމަށާއި، އިސްލާމްދީނުގައި އެހެން ދީންތަކާމެދު ބަޔާންކުރެވިފައި ހުރި ވާހަކަތައް ބަޔާންކުރުމުގައި ކުރެވޭ މަސައްކަތްތަައް މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

8 ވަނަ މާއްދާ - އިސްލާމީ ށިއާރުތަކަށް އިހާނާތްތެރިވުން ނުވަތަ ބޭއަދަބީވާފަދަ އަމަލެއްކުރުން

މާއް ﷲ އަށް ނުވަތަ އެކަލާނގެ ރަސޫލުންނަށް ނުވަތަ ނަބީބޭކަލުންނަށް ރައްދުވާނޭ ގޮތަށް ހުތުރު އެއްޗެތި ބުނުމާއި، އެ ކަލާނގެއާއި ރަސޫލުންނާއި ނަބިއްޔުންގެ ގަދަރާއި ލޯބި ކުޑަވާނޭ ފަދަ ކަންކަމާ އެފަރާތްތަކާ ނިސްބަތްކުރުމަށް ވާހަކަދެއްކުމާއި، ކުރެހުން ކުރެހުމާއި، މިނޫންވެސް ގޮތަކުން އެފަދަ ށުއޫރު ފާޅުކޮށް ހެދުމަކީ މަނާކަމެކެވެ.

 

9 ވަނަ މާއްދާ - ގައިރު މުސްލިމުން، އެމީހުންގެ ދީނީ ށިއާރު ފާޅުކުރުމާއި ދީނީ ހަރަކާތްތައް ހިންގުން

ދިވެހިރާއްޖޭގައި ދިރިއުޅޭ ގައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ގައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެ މީހުންގެ ދީނީ ށިއާރު ފާޅުކުރުމާއި އާންމު ތަންތާނގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.

 

10 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ޕްރޮގްރާމްތައް ޓެލެކާސްޓް ކުރުމާއި ބްރޯޑްކާސްޜް ކުރުމާއި ށާއިއުކުރުން

(ހ) ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ޓެލެކާސްޓްކުރާ ފަރާތްތަކުން ނުވަތަ ބްެރޯޑްކާސްޓްކުރާ ފަރާތްތަކުން ނުވަތަ މީޑިޔާގެ އެކި އުފެއްދުންތައް އުފައްދާ އެއްވެސް ފަރާތަކުން މާތް ﷲ އަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ގުރްއާނަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުންނަ ޕްރޮގްރާމުތައް އުފައްދައިގެން ދެއްކުމާއި، އިސްލާމްދީނާ ހިލާފު ވާހަކަދައްކައި، އެކަންކަމުގެ އަޑު ފެތުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ލިޔެކިޔުންތަކާއި ކުރެހުންތަކާއި އިޝްތިހާރުތަކާއި، އިސްލާމްދީން ނޫން ދީންތަކުގެ ދީނީ ޕްރޮގްރާމުތައް ދެއްކުމާއި ފޮނުވުމާއި ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، އެހެން ފަރާތަކުން އުފައްދާފައި ހުންނަ އެފަދަ ޕްރޮގްރަމުތައް ރިކޯޑުކޮށްގެން، ބްރޯޑްކާސްޓްކުރާ ފަރާތުގެ އަމިއްލަ އިހުތިޔާރުގައި ދުރަށްފޮނުވުން ހިމެނެއެވެ.

 

11 ވަނަ މާއްދާ - ހުއްދަ ބާތިލް ކުރުން

(ހ) މި ގަވާއިދުގެ ދަށުން ދީނީ ތަގްރީރު ކުރުމުގެ ހުއްދަ ހޯދާފައިވާ މީހަކު، މި ގަވައިދާ ހިލާފު ކަމެއް ކޮށްފިކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ގަބޫލުކުރެވޭ ވަރަށް އެކަމުގެ ހެކި ލިބެއްޖެނަމަ، އެ މައްސަލައެއްގައި އެމީހަކާމެދު ކޯޓުން ހުކުމެއް އިއްވަންދެން، ދީނީ ތަގްރީރު ކުރުމަށް އެމީހަކަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބިގެންވެއެެވެ.

(ށ) ދީނީ ތަގްރީރުކުރުމުގެ ހުއްދަ ނަގާފައިވާ މީހަކު، ގާނޫނު ނަންބަރު 6/1994 ނުވަތަ މި ގަވާއިދާ ހިލާފުވެއްޖެކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެ މީހަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - އަދަބު

(ހ) މި ގަވާއިދާ ހިލާފަށް އިސްލާމް ދީނުގެ ހުކުމްތައް ބަޔާންކުރުމާއި ދީނީ ތަގްރީރުކުރުމާއި ވައުސު ބުނުމަކީ މަނާކަމެކެވެ. އަދި އެއިން ކުށެއް ކޮށްފި މީހަކަށް ގާނޫނު ނަންބަރު 6/1994 ގައި ބަޔާންކޮށޤފައިވާ ގޮތުގެ މަތިން އަދަބު ދެވޭނެއެވެ. އަދި ބިދޭސީއަކު ނަމަ، އެ މީހަކު ރާއްޖޭގައި ތަގްރީރުކުރުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް، އެމީހަކު ރާއްޖެއިން ފޮނުވާލުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެނިގްރޭށަނާ ހަވާލުކުރެވޭނެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެހެން ދީންތަކުގެ ށިއާރުތައް ދިވެހިރާއްޖޭގައި ފާޅުކޮށް ހެދުމަކީވެސް ކުށެކެވެ. އެފަދަ ކުށެއް ކޮށްފި މީހަކަށްވެސް ގާނޫނު ނަންބަރު 6/1994 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދަބު ދެވޭނެއެވެ. އަދި އެ މީހަކީ، ބިދޭސީއަކު ނަމަ އެ މީހަކު ރާއްޖެއިން ފޮނުވާލުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނާ ހަވާލުކުރެވޭނެއެވެ.

 

 

---------------

 

ޖަދުވަލު 1

(ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ހަވާލާ ދީފައިވާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގަބޫލުކުރާ ޔުނިވަރސިޓީ / ކޮލެޖް އަދި މަރުކަޒު ތަކުވެ ލިސްޓް، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ގެޒެޓްކުރެވުނު ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި މި ލިސްޓް ފަހުން ވަރޑް ޑޮކިއުމަންޓް ގައި އަޕްލޯޑްކުރެވިގެންދާނެއެވެ.)

 

ގުޅުންހުރި ގަވާއިދު

ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު (އުސޫލު - 10 ޖުލައި 2018)  

 

މައި ގާނޫނު

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 6/1994) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު