-

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1/2012)

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 150/2021 އިން އުވާލެވިފައި  

1 ވަނަ މާއްދާ - ތައާރަފު

މި އީ ގާނޫނު ނަންބަރު 5/2009 "އެއްގަމު ދަތުރުފަތުރު ގާނޫނު" ގެ 3 ވަނަ މާއްދާ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ، އެއްގަމު އުޅަނދު ޕާކު ކުރުމާއި ޕާކިންގ ޒޯނު ކަނޑައެޅުމާއި، ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކުކޮށްފައި ނުވަތަ ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދުގައި ސްޓިކަރ ޖެހުމާއި، ފުރޮޅުގައި ތަޅުއެޅުވުމާއި، ޓޯވކުރުމާއި، ޖޫރިމަނާކުރުމާއި، އެއްގަމު އުޅަނދު ނައްތާލުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު" އެވެ.'

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

(ހ) މި ގަވާއިދު ހިންގާނީ މިނިސްޓްރީން ނުވަތަ މި ގަވާއިދުގެ ދަށުން އިހްތިޔާރު ދެވޭ ފަރާތްތަކުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ބަންޑާރަ މަގުތަކުގައި ޕާކިންގ ޒޯނު އޮންނަ ތަން ކަނޑައަޅާނީ އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ނުވަތަ އެ ސިޓީއެއްގައި ޕާކުކުރުމަށް އެ ސިޓީއެއްގެ ސިޓީކައުންސިލުން ނުވަތަ އެރަށެއްގެ ރަށު ކައުންސިލުން އެކަމަށް އެކުލަވާލާ އުސޫލެއްގެ ދަށުންނެވެ. މިގޮތުން އެކުލަވާލާ އުސޫލެއްގެ ދަށުން ފީއެއް ނަގާގޮތަށް ޕާކިން ޒޯނުތަކެއް ހާއްސަ ކުރުމުގެ އިހްތިޔާރު ސިޓީ ކައުންސިލްތަކަށް ލިބިގެންވެއެވެ.

މި މާއްދާގެ ދަށުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ބަންޑާރަ މަގުތަކުގައި ޕާކިން ޒޯނު ކަނޑައެޅުމުގެ އުސޫލުތަކާއި، ޕާކުކުރުމުގެ ފީއެއް ނެގުމަށް ސިޓީ ކައުންސިލްތަކުން ކަނޑައެޅުމުގެ އުސޫލު ބިނާކުރަންވީ މިންގަނޑުތައް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ފ)، (ދ) އަދި (ތ) ގައި އެވަނީއެވެ.

 

4 ވަނަ މާއްދާ - ޕާކިން ޒޯނު ކަނޑައެޅުމާއި ޕާކު ކުރުން

(ހ) ބަންޑާރަ މަގެއްގައި ޕާކިންގ ޒޯނެއް ކަނޑައަޅަން ވާނީ، ހިނގާ މީހުންނަށް ހިނގާނެ ޖާގަ އާއި އެ މަގަކުން ދުއްވަން ހުއްދަ އޮންނަ އުޅަނދެއް ދުއްވާނެ ޖާގަ ބޭއްވުމަށްފަހު، މި ގަވާއިދުގައި ޕާކިންގ ޒޯނު ހެދުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށްވުރެ ކުޑަނުވާ ގޮތަށެވެ. އެމަގަކުން ދުއްވުން ހުއްދަކޮށްފައިވާ އުޅަނދަކަށް ފަސޭހަކަމާއިއެކު ދަތުރުކުރުން ދަތިވާނެނަމަ، އެ މަގެއްގައި ޕާކިން ޒޯނެއް ހަދައިގެން ނުވާނެއެވެ. އަދި އެމަގަކުން ދުއްވުމަށް ހުއްދަ ނެތް އުޅަނދުތަކުގެ ނިށާން އެމަގެއްގައި ހަރުކުރެވިފައި ހުންނަންވާނެއެވެ.

(ށ) ޕާކިން ޒޯނު ކަނޑައަޅާނީ "އެއްގަމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދު"ގައި ޕާކު ކުރުމަށް ކަނޑައަޅާފައިވާ ނިށާން ބޭނުންކޮށްގެންނެވެ. ބަންޑާރަ މަގެއްގެ މަތީގައި ޓްރެފިކް ނިށާން ކުރަހާނަމަ، ބޭނުންކުރާނީ ރީނދޫ ނުވަތަ ހުދު ކުލައެވެ. ވަކިވަގުތަކަށް ނުވަތަ ވަކި އުޅަނދެއް ޕާކު ކުރުމަށް ކަނޑައަޅާ ސަރަހައްދެއްނަމަ، އެ ސަރަހައްދުގައި ހަރުކުރެވިފައިވާ ނިށާނާއި އެކު އެ ވަގުތަކާއި ކޮން ބާވަތެއްގެ އުޅަނދެއްކަން އެނގޭގޮތަށް ފެންނަން ހުންނަން ވާނެއެވެ.

(ށ) B0, C2, C0  ކެޓަގަރީގައި ހިމެނޭ އެއްގަމު އުޅަނދު ޕާކު ކުރުމަށްޓަކައި ކަނޑައަޅާ ޒޯނުގައި، ހަނިވެގެން 8 ފޫޓު ފުޅާ އަދި ކުރުވެގެން 20 ފޫޓު ދިގުމިން ހުންނަން ވާނެއެވެ.

(ރ) B2,B2,C1  ކެޓަގަރގައި ހިމެނޭ އެއްގަމު އުޅަނދު ޕާކު ކުރުމަށް ކަނޑައަޅާ ޒޯނުގައި، ހަނިވެގެން 5 ފޫޓު 6 އިންޗި ފުޅާ އަދި ކުރުވެގެން 15 ފޫޓު ދިގުމިން ހުންނަން ވާނެއެވެ.

(ބ) ސައިކަލް ބައިސްކަލް ޕާކު ކުރުމަށްޓަކައި ޒޯނު ކަނޑައަޅާނީ އެއުޅަނދެއް ޕާކުކޮށްފައި ހުންނަ އިރު އެ އުޅަނދުގެ އެއްވެސް ބައެއް ޒޯނުން ބޭރު ނުވާ ވަރުގެ ޖާގަ އޮންނަ މިންގަނޑަކަށެވެ. މިފަދަ ޒޯނުތަކުގައި ސައިކަލް ނުވަތަ ބައިސްކަލް ޕާކު ކުރަންވާނީ އެ އުޅަނދު ޕާކު ކުރުމަށް ޒޯނުގައި ފާހަގަކޮށްފައިވާ ގޮތަށް އެ އުޅަނދެއްގެ އެއްވެސް ބައެއް ޒޯނުން ބޭރު ނުވާ ގޮތަށެވެ.

(ޅ) ކުރަހައިގެން ޕާކިން ޒޯނު ކަނޑައެޅެން ނެތް މަގުތަކާއި ސަރަހައްދުތަކުގައި ޕާކު ކުރެވޭ ޒޯނާއި ޕާކު ކުރުން މަނާ ޒޯނު ކަނޑައަޅާނީ ޒޯނު ފެށޭ ސަރަހައްދު އަންގައިދޭ ބޯޑަކާއި ޒޯނު ނިމޭ ސަރަހައްދު އަންގައިދޭ ބޯޑު ބޭނުންކޮށްގެންނެވެ. ޕާކު ކުރުމަށް ކަނޑައަޅާ ޒޯނުތަކުގައި އެއްގަމު އުޅަނދު ޕާކު ކުރަންވާނީ، ހިނގާ މީހުންނަށާއި އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުތަކަށް ދަތިނުވާގޮތަށް، ބޯޑު ބަހައްޓާފައިވާ ފަޅީގައި، ޒޯނު ކަނޑައަޅާފައިވާ ދެބޯޑު ދޭތެރޭގައި އެބޯޑުގައިވާ ނިށާނުން އަންގައިދޭ އުޅަނދު ޒޯނުން ބޭރުނުވާ ގޮތަށެވެ.

(ކ) ރަށްރަށުގައި ނުވަތަ ސިޓީތަކުގައި، ބިންމަތީގައި ޕާކިން ޒޯން ކަނޑައެޅެން ހުރި ސަރަހައްދު ތަކާއި މަގުތަކުގައި މި މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ބ) އާ ހިލާފަށް ޕާކިންގ ޒޯނު ކަނޑައެޅުމާއި އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާކަމެކެވެ.

(އ) ބަންޑާރަމަގާއި އާންމު ޕާކިންގ ޒޯނުގައި ޕާކުކޮށްފައި އޮންނަ އެއްގަމު އުޅަނދު އެ އުޅަނދު، އެއުޅަނދުގެ ރަޖިސްޓްރީ ނަންބަރު ބޯޑު ނުފެންނަ ގޮތަށް އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނިވާކޮށްފައި ބޭއްވުމަކީ މަނާ ކަމެކެވެ.

(ވ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ، ކުރަހައިގެން ޕާކިންގ ޒޯނު ކަނޑައެޅެން ނެތް މަގުތަކާއި ސަރަހައްދުތަކުގައި، އެއްގަމު އުޅަނދު ޕާކު ކުރުން މަނާކަމުގައި ކަނޑައަޅާފައި ނުވާ ނަމަ، އެ މަގުތަކާއި ސަރަހައްދުތަކުގައި ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ދަތިނުވާ ގޮތަށް އެއްގަމު އުޅަނދު ޕާކު ކުރުމަކީ ހުއްދަކަމެކެވެ.

(މ) ޕާކިން ޒޯނުތައް ކަނޑައެޅުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައވާ ހުންނަ އުޅަނދުތަކަށް ހާއްސަކުރެވިފައި ހުންނަ ޕާކިން ޖާގަތަކެއް ބަހައްޓަންވާނެއެވެ. ހަމަ އެހެންމެ ދައުލަތުގެ ބޭނުންތަކަށް ހާއްސަކުރެވިފައިވާ ޕާކިންގ ޖާގަތަކެއް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަން ވާނެއެވެ.

(ފ) ސިޓީ ކައުންސިލްތަކުން ޕާކިންގ ޒޯނުތައް ކަނޑައެޅުމުގައި، ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި، ވަކި ވަގުތުތަކަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެއެވެ. މިގޮތުން ސަރަހައްދުތައް ކަނޑައެޅުމުގައި ގިނަ ބަޔަކު ހިދުމަތް ހޯދުމަށް ދާންޖެހޭ ތަންތަން ހުންނަ ސަރަހައްދުތަކުގައި ފީ ނަގައިގެން ޕާކު ކުރާ ތަންތަން ބެހެއްޓުމަށާއި ނިސްބަތުން މަދު އަދަދެއްގެ މީހުން ޕާކު ކުރަންޖެހޭ ފަދަ ސަރަހައްދުތަކުގައި ހިލޭ ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަން ދޭންވާނެއެވެ.

(ދ) މި މާއްދާގެ (ފ) ގައި ވާ ފަދައިން ޕާކިން ޒޯނުތައް ކަނޑައެޅުމުގައި ކޮންމެ ރަށަކާއި ސިޓީއެއްގައި ހިލޭ ޕާކު ކުރާނެ ތަންތަނާއި ފީ ދައްކައިގެން ޕާކު ކުރާނެ ތަންތަނުގެ ނިސްބަތްތައް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.

(ތ) މި ގަވާއިދުގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގެ (ފ) އާއި (ދ) ގައިވާ ގޮތުގެ މަތިން ބަންޑާރަ މަގުތަކުގައި ޕާކު ކުރުމަށް ފީ ނަގަންވާނީ ތިރީގައި ބަޔާންކޮށްފައިވާ މިންވަރުތަކަށް ވުރެ ބޮޑު ނުވާނެ ގޮތެއްގެ މަތިންނެވެ. މިގޮތުން ޕާކު ކުރުމުގެ ފީގެ މިންވަރުތައް ކަނޑައެޅުމުގައި ވަކި ޒޯނެއްގައި ފީ ނެގޭނީ މަދުވެގެން ވަކި ވަގުތަކަށް ކަން ކަނޑައެޅުމުގެ އިހްތިޔާރު ސިޓީ ކައުންސިލްތަކަށް ލިބިގެންވެއެވެ

  1. މޮޓޯ ސައިކަލް އިންޖީނުލީ ބައިސްކަލް ސްކޫޓަރ ފަދަ އުޅަނދަކަށް ކޮންމެ 1 ގަޑިއިރަކަށް 2 ރުފިޔާ
  2. މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 09 މީހުންނަށްވުރެ އިތުރުނުވާ އިންޖީނުލީ އެއްގަމު އުޅަނދަކަށް ކޮންމެ 1 ގަޑިއިރަކަށް 5 ރުފިޔާ
  3. މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 10 ން 20 މީހުންނަށްވުރެ އިތުރުނުވާ އިންޖީނުލީ އެއްގަމު އުޅަނދަކަށް ކޮންމެ 1 ގަޑިއިރަކަށް 15 ރުފިޔާ
  4. މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 20 މީހުންނަށްވުރެ އިތުރުވާ އިންޖީނުލީ އެއްގަމު އުޅަނދަކަށް ކޮންމެ 1 ގަޑިއިރަކަށް 25 ރުފިޔާ
  5. މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 1000 ކިލޯ (1 ޓަން) އިން ފެށިގެން ދަށުގެ އިންޖީނުލީ އެއްގަމު އުޅަނދަކަށް ކޮންމެ 1 ގަޑިއިރަކަށް 15 ރުފިޔާ
  6. މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 1000 ކިލޯ (1 ޓަން) އަށްވުރެ މަތީ އިންޖީނުލީ އެއްގަމު އުޅަނދަކަށް ކޮންމެ 1 ގަޑިއިރަކަށް 25 ރުފިޔާ
  7. V1 އަދި D0 ގިންތީގެ އުޅަނދަކަށް ކޮންމެ 1 ގަޑިއިރަކަށް 50 ރުފިޔާ

 

5 ވަނަ މާއްދާ – ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުގައި ސްޓިކަރ ތަތްކުރުމާއި ފުރޮޅުތަޅު އެޅުވުން

(ހ) މިގަވާއިދާ ހިލާފަށް ޕާކުކުރާ އެއްގަމު އުޅަނދުގައި، މިގަވާއިދާއެކުގައިވާ ޖަދުވަލު 01 ގައިވާ "ޕާކިންގ ވައިލޭށަން ސްޓިކަރ" ތަތްކުރުމުގެ އިހުތިޔާރު ޓްރާންސްޕޯޓް އޮތޯރިޓީއަށާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކާއި ފުލުހުން އަދި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ އެހެންވެސް ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕާކިންގ ވައިލޭށަން ސްޓިކަރ ތަތްކުރާތާ ލަސްވެގެން 24 ގަޑިއިރު ތެރޭގައި އުޅަނދުގެ ވެރިފަރާތުން އެއުޅަނދު އޮތްތަނުން ނަގަންވާނެއެވެ.

(ނ) މިމާއްދާގެ (ށ) ގައިވާ ގޮތަށް އެއުޅަނދެއް ނުނަގައިފިނަމަ އެއުޅަނދެއްގެ ފުރޮޅުގައި ތަޅު އެޅުވުމުގެ އިހުތިޔާރު އެރަށެއްގެ ރަށު ކައުންސިލަށ ނުވަތަ އެސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ ފުލުހުންނަށް ލިބިގެންވެއެވެ. މިގޮތުން އެ އުޅަނދެއްގައި އަޅުވާފައިވާ ފުރޮޅުތަޅަށް އެއްވެސް ގެއްލުމެެއް އެއްވެސް ފަރާތަކުން ދިނުމަކީ މަނާކަމެކެވެ.

(ރ) މިމާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެއްގަމު އުޅަނދުގައި ތަޅު އަޅުވައިފިނަމަ އެ ތަޅުގައި މިދަންނަވާ މައުލޫމާތު އެނގެން އޮންނަންވާނެއެވެ.

  1. އުޅަނދުގައި ފުރޮޅު ތަޅު އެޅުވި ފަރާތުގެ މައުލޫމާތު.
  2. ފުރޮޅު ތަޅު އެޅުވި ތާރީހާއި ގަޑި.

 

6 ވަނަ މާއްދާ – މަގުމަތީގައި ހުންނަ އެއްގަމު އުޅަނދުތަކުގެ ތެރެއިން ޓޯވކުރާނެ އުޅަނދުތައް

ތިރީގައި ބަޔާންކޮށްފައި މިވާ އުޅަނދުތައް ޓޯވކޮށްގެން ކައުންސިލުން ކަނޑައަޅާފައިވާ ތަނަކަށް ގެންދިއުމުގެ އިހުތިޔާރު ކައުންސިލަށާއި ފުލުހުންނަށް ލިބިގެންވެއެވެ.

(ހ) ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި އޮތުމުގެ ސަބަބުން ތަތްކޮށްފައިވާ ޕާކިންގ ވައިލޭށަން ސްޓިކަރ ތަތްކުރާތާ 24 ގަޑިއިރުގެ ތެރޭގައި ނުނަގައި ހުންނަ އުޅަނދު ނުވަތަ އުޅަނދުތައް.

(ށ) ކަފިހި ހުރަހުގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(ނ) ޓެއްސީ ކިޔުގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(ރ) ވަކި ގިންތިއެއްގެ އުޅަނދެއް ޕާކުކުރުމަށް ކަނޑައަޅާފައިވާ ޒޯނެއްގައި ޕާކުކޮށްފައިވާ އެހެން ގިންތީގެ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(ބ) މުދާ އަރުވައި ބާލަން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(ޅ) ހަމައެކަނި މީހުން އަރުވައި ބޭލުމަށް ހާއްސަ ކޮށްފައިވާ ތަނެއްގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(ކ) އެއްގަމު އުޅަނދު ހުއްޓުން މަނާކަން އަންގައިދޭ ސަރަހައްދެއްގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(އ) އެއްގަމު އުޅަނދު ޕާކުކުރުމަށް ވަގުތު ކަނޑައެޅިފައިވާ ތަންތަނުގައި ކަނޑައެޅިފައިވާ ވަގުތަށްވުރެ ގިނަ ވަގުތު ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(ވ) މީހުން ވަދެނިކުމެވާ ތަންތަނަށް ވަދެނިކުތުމަށް ދަތިވާގޮތަށް ޕާކިންގ ޒޯނުން ބޭރުގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(މ) ރަޖިސްޓަރީ ނުކޮށް ނުވަތަ ރަޖިސްޓަރީ ނަންބަރު ޕްލޭޓް ނެތި ޕާކު ކޮށްފައިވާ އިންޖީނުލީ އެއްގަމު އުޅަނު ނުވަތަ އުޅަނދުތައް.

(ފ) މަގުގެ އަރިމަތީ ކައިރީގައި ދެ ރީނދޫ ރޮނގު ދަމާފައިވާ ސަރަހައްދެއްގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(ދ) ހާއްސަކޮށްފައި އޮންނަ ޒޯނެއްގައި ޕާކު ކުރުމަށް ހުއްދަކޮށްފައިވާ ފަރާތް ނޫން ފަރާތެއްގެ އެއްގަމު އުޅަނދު ނުވަތަ އުޅަނދުތައް.

(ތ) ފުރޮޅުތައް އެޅުވުމަށްފަހު 24 ގަޑިއިރު ހަމަވެފައިވާ އެއްގަމު އުޅަނދު.

(ލ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ)، (ޅ)، (ކ)، (އ)، (ވ)، (މ)، (ފ)، (ދ) އަދި (ތ) ގައި ހިމެނިފައިވާ ހާލައްތަކުގައާއި ކަނޑައެޅިގެން އެއްގަމު އުޅަނދުގައި ޕާކިންގ ވައިލޭށަން ސްޓިކަރ ތަތްކުރުމަކާ ނުލައި އެފަދަ އެއްގަމު އުޅަނދު ޓޯވކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ގ) އެއްގަމު އުޅަނދު ޓޯވކުރުމުގެ މަސައްކަތުގެ ތެރޭގައާއި އެއުޅަނދު ގެންގޮސް ބެހެއްޓިފައިވާ ތަނެއްގައި ހުންނަ ހުރުމުގައި އެތަކެތި ރައްކާތެރިކަމާއެކު ގެންދިއުމާއި ބެލެހެއްޓުމުގެ އިންތިޒާމު އެ އުޅަނދު ނެގި ފަރާތުން ހަމަޖައްސަންވާނެއެވެ. މިފަދަ އުޅަނދު ގެންގޮސް ބަހައްޓާފައި ހުންނަ ހުރުމުގައި އޭގެ ޒާތުގައާއި ގުދުރަތީ ގޮތުން ނުވަތަ ކާރިސާއަކުން ނުވަތަ ހާދިސާއަކުން އެއަށް ލިބޭ ގެއްލުމަކަށް އެ އުޅަނދެއް ނެގި ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

7 ވަނަ މާއްދާ – ޓޯވކުރާ އެއްގަމު އުޅަނދުގެ މައުލޫމާތާއި ރެކޯޑްސް ބެލެހެއްޓުން

މިގަވާއިދުގެ ދަށުން ޓޯވކުރާ އެއްގަމު އުޅަނދުގެ އަންނަނިވި މައުލޫމާތު އެނގޭ ގޮތަށް ޓޯވކުރާ ފަރާތުން އެ އުޅަނދަކާބެހޭ ރެކޯޑްސް ބަލަހައްޓަން ވާނެއެވެ.

  1. އުޅަނދުގެ ބާވަތާއި ތަފުސީލު.
  2. ތޯވކުރި ތަން.
  3. ޓޯވކުރި ތާރީހާއި ގަޑި.
  4. ޓޯވކުރި ސަބަބު.

 

8 ވަނަ މާއްދާ – ޓޯވކޮށްފައިވާ އެއްގަމު އުޅަނދު ހަވާލުކުރުން

(ހ) މިގަވާއިދުގެ ދަށުން ޓޯވކުރާ އެއްގަމު އުޅަނދު އަނބުރާ ހަވާލުުކުރެވޭނީ، އެއުޅަނދުގެ ރަޖިސްޓްރޭށަނާބެހޭ ރަސްމީ ލިޔުންތައް ހުށަހަޅައި، މިގަވާއިދާ ހިލާފުވެގެން ދައްކަންޖެހޭ ޖޫރިމަނާ ދެއްކުމުންނެވެ.

(ށ) ޓޯވކޮށްފައިވާ އެއްގަމު އުޅަނދު ހަވާލުކުރުމަށްފަހު އުޅަނދު ބެހެއްޓިފައިވާ ތަނުން ގެންދިއުމަކީ އެ އުޅަނދާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

9 ވަނަ މާއްދާޖޫރިމަނާ ކުރުމާއި ޖޫރިމަނާ ދެއްކުން

(ހ) މި ގަވާއިދާ ހިލާފުވުމުން ކުރެވޭ ޖޫރިމަނާ މިގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައްކަންވާނެއެވެ.

(ށ) މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކުރާ ޖޫރިމަނާ މިގަވާއިދުގެ އެ އުޅަނދުގެ ވެރިފަރާތުން ނުވަތަ ޒިންމާވާ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް، ރަށު ކައުންސިލް، ނުވަތަ ސިޓީ ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަންވާނެއެވެ.

 

10 ވަނަ މާއްދާ – ޓޯވކުރާ އެއްގަމު އުޅަނދު ނައްތާލުން

(ހ) މިގަވާއިދުގެ ދަށުން އުޅަނދެއް ޓޯވ ކުރުމަށްފަހު، ޓޯވ ކުރިފަރާތުން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން އާންމުކޮށް އިއުލާން ކުރަންވާނެއެވެ. އަދި އެ އެއްގަމުއުޅަނދު، ޓޯވކުރާ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) މަސް ދުވަސް ހަމަވުމުން، އެ އުޅަނދަކާބެހޭ މައުލޫމާތު އާންމުކޮށް އިއުލާންނުކުރުމަށްފަހު، އަދި އެ އުޅަނދުގެ ވެރިފަރާތް ކަމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަށް ނުވަތަ އެފަރާތުގެ އެޑްރެސްކަމުގައި އެ އިދާރާއެއްގައޮ ރިކޯޑިކުރެވިފައިވާ އެޑްރެހަށް ރަޖިސްޓްރީ ޕޯސްޓުން އެކަން އެންގުމަށްފަހު، އެއުޅަނދުގެ ވެރިފަރާތުން 7 (ހަތެއް) ދުވަހުގެ ތެރޭގައި އުޅަނދާ ހަވާލުނުވެއްޖެނަމަ، އެއުޅަނދު ނައްތާލެވޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެއްގަމު އުޅަނދު ނައްތާލަންވާނީ އަންނަނިވި ދާއިރާއަކުން މަދުވެގެން 1 (އެކެއް) މެންބަރު ހިމެނޭގޮތަށް އެކުލަވާލެވޭ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.

  1. ޓްރާންސްޕޯޓް އޮތޯރިޓީ ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ އިދާރާއެއް.
  2. މޯލްޑިވްސް ޕޮލިސް ސަރވިސް.
  3. ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުގެ އިދާރާ.
  4. މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ނޫސްވެރިއެއް.

 

11 ވަނަ މާއްދާ – ނައްތާލާ އުޅަނދުގެ މައުލޫމާތާއި ރެކޯޑްސް ބެލެހެއްޓުން

މިގަވާއިދުގެ ދަށުން ނައްތާލާ އެއްގަމު އުޅަނދު، ނައްތާލާ ފަރާތުން އަންނަނިވި މައުލޫމާތުތައް ބަލަހައްޓައި، އެމައުލޫމާތު ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

  1. އުޅަނދު ނައްތާލެވުނު ތާރީހާއި ގަޑި
  2. އުޅަނދާ ބެހޭގޮތުން އާންމޮކޮޮށް އިއުލާނު ކުރެވުނު ތާރީހު
  3. އުޅަނދުގެ ބާވަތާއި ތަފުސީލު
  4. އުޅަނދު ނައްތާލެވުނު ގޮތުގެ ރިޕޯޓް
  5. ހިފެހެއްޓުނު ގޮތުގެ ތަފުސީލާއި ވެރިފަރާތާއި އަންގަން ކުރެވުނު މަސައްކަތުގެ ތަފުސީލު

 

12 ވަނަ މާއްދާ – އަދަބު

މިގަވާއިދާ ހިލާފުވާ ފަރާތުގެ އަދަބަކީ ފުރަތަމަ ފަހަރަށް ނަމަ 250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރުން، ދެވަނަ ފަހަރަށް ނަމަ 500  (ފަސްސަތޭކާ) ރުފިޔާއިން ޖޫރިމަނާ ކުރުން، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

13 ވަނަ މާއްދާ – އަމަލުކުރަން ފެށުން

(ހ) މިގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދުގެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މިގަވާއިދާ ގުޅިގެން ކައުންސިލުތަކުން ކަނޑައަޅާ އެންމެހައި އުސޫލުތަކާބެހޭ ސާފު މައުލޫމާތު، އެ އުސޫލަކަށް އަމަލުކުރަން ފެށުމުގެ ކުރީގައި، އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުވައިދިނުމަކީ ކައުންސިލުތަކުގެ ޒިންމާއެކެވެ. މި މާއްދާގެ ބޭނުމަށް ރައްޔިތުންނަށ މައުލޫމާތު ފޯރުވައިދިނުން ކަމުގައި ބަލާނީ އާންމުކޮށް އިއުލާނުކުރުމުގެ އިތުރުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ވާނަމައެވެ.

 

14 ވަނަ މާއްދާ – މާނަކުރުން

މިގަވާއިދުގެ އެ އިބާރާތުގެ ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް މާނަ ކަނޑައެޅިގެން ދޭހަ ނުވާނަމަ؛

"ޕާކުކުރުން" ކަމަށް ބުނެފައިއެވަނީ ތަނެއްގައި، ނުވަތަ ސަރަހައްދެއްގައި، އިންޖީނު ނިއްވާފައި ޑްރައިވަރެއްނެތި އުޅަނދު ބާއްވާފައި އޮންނަ އޮތުމަށެވެ.

"ފުރޮޅުތައް" ކަމަށް ބުނެފައިއެވަނީ އެއުޅަނދެއްގެ ފުރޮޅުގައި އަޅުވާ ތަޅަށެވެ.

"ޓޯވކުރުން" ކަމަށް ބުނެފައިއެވަނީ މިގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އެއްގަމު އުޅަނދު ހުރިތަނުން ނަގައިގެން ގެންދާ ގެންދިއުމަށެވެ.

"ބަންޑާރަ މަގު" ކަމަށް ބުނެފައިއެވަނީ އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ.

"އުޅަނދު ނައްތާލުން" ކަމަށް ބުނެފައިއެވަނީ، އެއްގަމު އުޅަނދެއް ދެވަނަ ފަހަރަށް ރަޖިސްޓަރީ ކޮށްގެން ބޭނުން ނުކުރެވޭގޮތަށް ރަޖިސްޓްެރޭށަން ބާތލިކޮށް، އެ އުޅަނދެއް ހަލާކުކޮށްލާ އެއްގަމު ދަތުރުފަތުރުގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ހެދުމެވެ.

"މިނިސްޓްރީ" ކަމުގައި ބުނެފައިއެވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭށަނެވެ.

 

 

------------

  

ޖަދުވަލު 1

ޓްރެފިކް ވައިލޭށަން ސްޓިކަރ ގައި ހިމެނިފައިވާ ފޯމް، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ. )  

 

އުވި ގަވާއިދު

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021/150)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު