-

ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް، އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު -2012-07)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-90 ގެ 16 ވަނަ މާއްދާގެ (ށ) އިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިގަވާއިދަކީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

(ހ) މިގަވާއިދުގެ މަގުސަދަކީ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކުރާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގެ އުސޫލު ކަނޑައެޅުމެވެ.

(ށ) މި ގަވާއިދުގައި "ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައިވާ ކޮންމެތަނެއްގައި، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓް ހައުސް، ޔޮޓް ބަނދަރު ހިމެނޭނެއެވެ.

 

3 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައެޅުން

ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށްދީފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މި މާއްދާގައި ރަށުގެ ހޭޅިފަށްކަމަށް ބުނެފައިއެވަނީ، ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގައި ރިޒޯޓު ތަރައްގީކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެންމެފުރަތަމަ ހުށަހަޅާފައިވާ، ރަށުގެ ސައިޓް ޕްލޭނުގައި، އެރަށުގެ ހޭޅިފަށްކަމަށް ކަނޑައަޅާފައި އޮތް ހޭޅިފަށަށެވެ.

(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ، ކުއްޔަށްދިނުމާބެހޭ އެއްބަސްވުމުގައި އެރަށެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާފައިވާނަމަ، އެރަށެއްގެ ފަޅުގެ ސަރަހައްދަކީ ކުއްޔަށްދިނުމާ ބެހޭ އެއްބަސްވުމުގައި އެރަށެއްގެ ފަޅުގެ ސަރަހައްދު ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެވެ.

(ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ، ކުއްޔަށްދިނުމާބެހޭ އެއްބަސްވުމުގައި އެރަށެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާފައި ނުވާނަަމަ، އެރަށެއްގެ ފަޅުގެ ސަރަހައްދަކީ އެރަށެއްގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 1000 މީޓަރަށްވުރެ އިތުރުނުވާނަމަ، ރަށުގެ ހޭޅިފަށުންފެށިގެން 1000 މީޓަރާ ހަމައަށް އޮންނަ ސަރަހައްދެވެ.

(ނ) ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރީއާ ހަމައަށް 1000 މީޓަރަށްވުރެ އިތުރު ނުވާނަމަ، އެރަށެއްގެ ފަޅުގެ ސަރަހައްދަކީ، އެރަށެއްގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް އޮންނަ ސަރަހައްދެވެ.

 

4 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ތެރޭގައި އެހެންރަށެއް ހިނެމޭނަމަ ފަޅުގެ ސަރަހައްދު ކަނޑައެޅުން.

ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ފަޅުތެރޭގައި އެހެން ރަށެއް ނުވަތަ ރަށްރަށް ހިމެނޭނަމަ، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށެވެ.

(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ޖެހިހެން އޮންނަ ރަށުގެ ހޭޅިފަށާ ދޭތެރޭގައި 2000 މީޓަރު ނުވަތަ އެއަށްވުރެ ބޮޑުނަމަ، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދަކީ ރަސުގެ ހޭޅިފަށުން ފެށިގެން 1000 މީޓަރާ ހަމައަށް އޮންނަ ސަރަހައްދެވެ.

(ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ޖެހިގެން އޮންނަ ރަސުގެ ހޭޅިފަށާ ދޭތެރޭގައި 2000 މީޓަރު ހަމަ ނުވާނަމަ، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދުކަމުގައި ބެލެވޭނީ ދެރަށް ދޭތެރޭގައި، ދެފަރާތް އެއްވަރުވާގޮތަށް ރޮނގެއް ދަމާލުމުން، އެ ރޮނގުން ފެށިގެން ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށާ ދޭތެރޭ އޮންނަ ސަރަހައްދެވެ.

 

5 ވަނަ މާއްދާ  

(ހ) އެއްފަޅުގައި އެއް ރަށަށްވުރެ ގިން ރަށް އޮންނަ ނަމަ މި ގަވާއިދުގެ ދަށުން ކަނޑައެޅޭ ފަޅުގެ ސަރަހައްދުގެ އިމުން ފެށިގެން ރަށާވީ ފަރާތަށް 100 މީޓަރު ބަފަރ ސަރަހައްދެއް ގާއިމުކުރުމަށްފަހު އެސަރަަހައްދު އެއީ "ނޯ ޑިވެލޮޕްމަންޓް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.

(ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކުރާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 300 މީޓަރު ހަމަނުވާނަމަ، ނުވަތަ ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކުރާ ރަށުގެ ފަޅުތެރޭގައި އެހެން ރަށެއް ( އެއީ މީހުން ދިރިއުޅޭ ރަށެއް ކަމުގައި ވީނަމަވެސް) ހިމެނޭނެނަމ، ޓޫރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ޖެހިގެން އޮންނަ ރަށުގެ ހޭޅިފަށާ ދޭތެރޭގައި 300 މީޓަރު ހަމަނުވާނަމަ، ބަފަރ ސަރަހައްދުގެ ބޮޑުމިން ކަނޑައަޅާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.

(ނ) މި މާއްދާގައި ބުނެފައިވާ " ނޯ ޑިވެލޮޕްމަންޓް ޒޯން " ތެރޭގައި އެއްވެސް އިމާރާތެއް ކޮށްގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ   

ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ފަޅުގެ ސަރަހައްދުގެ އިތުރަށް ރަސުގެ ފަރުގެ ބޭރުކައިރިން ފެށިގެން 300 މީޓަރު ހަމަވާ ހިސާބަށް ރަށްވަށައިގެން އޮންނަ ކަނޑުގެ ސަރަހައްދަކީ، އެރިޒޯޓަކަށް އޮންނަ 'އެކްސްކްލޫސިވް ޒޯން' އެކެވެ. އަދި މި ސަރަހައްދުގައި އެއްވެސް ޑިވެލޮޕްމަންޓެއް ހިންގުމާއި، މި ސަރަަހައްދުން އެންވެރިކަން ނުވަތަ މަސްެވެރިކަންވިޔަސް އަދި މި ސަރަހައްދުގައި އޮޑިދޯނިފަހަރު ފަދަ އެއްވެސް އުޅަނދެއްވިޔަސް މަޑުކޮށްގެން އޮތުމަކީ މަނާކަމެކެވެ.

 

7 ވަނަ މާއްދާ  

ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުށްޔަށްދޫކޮށްފައިވާ ރަށުގެ ފަރުގެ ބޭރުކައިރިން ފެށިގެން ޖެހިގެން އޮންނަ ރަށް ނުވަތަ ފަޅުގެ ފަރުގެ ބޭރުކަރިއާ ހަމައަށް 600 މީޓަރު ހަމަނުވާނަމަ މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ސަރަހައްދު ކަމަށް ބެލެވޭނީ، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ފަރުގެ ބޭރުކަރިން ފެށިގެން ޖެހިގެން އޮންނަ ރަސުގެ ބޭރުކަރިއާ ހަމައަށް އޮންނަ ކަނޑުގެ ސަރަހައްދުގެ މެދުން ދެފަރާތަށް އެއްވަރުވާގޮތަށް ރޮނގެއް ދަމާލުމުން، އެ ރޮނގުން ފެށިގެން ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަސް ކުއްޔަށްދޫކޮށްފައިވާ ރަށާ އޮންނަ ސަރަހައްދެވެ.

 

8 ވަނަ މާއްދާ -  ބިން ހިއްކުމާއި ފަޅުގެ ސަރަހައްދު

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަލިބިގެން މެނުވީ ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ބިންހިއްކުމަކީ މަނާކަމެކެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަލިބިގެން ބިން ހިއްކި ނަމަވެސް ރަށުގެ ފަޅުގެ ސަރަހައްދު ކަމުގައި ބެލެވޭނީ ހިއްކުމުގެ ކުރިން މި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ފަޅުގެ ސަރަހައްދު ކަނޑައަޅާ އިމުން ފެށިގެން އެތެރެއަށް އޮންނަ ސަރަހައްދެވެ.

 

9 ވަނަ މާއްދާ - ހިއްކާބިން ރަޖިސްޓްރީކުރުން

(ހ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަލިބިގެން، ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއު ނިންމާނެކަމަށް ކަނޑައަޅާފައިވާ ދުވަހުން ފެށިގެން އެންމެ މަދުވެގެން 7 ދުވަހުގެ ތެރޭގައި، ހިއްކާފައިވާ ބިމަކީ ރިޒޯޓުގެ ބިމުގެ ބައެއްގެ ގޮތުގައި ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި ބިންހިއްކުމުގެ މަޝްރޫއު ނިންމާނެކަމަށް ކަނދައަޅާފައިވާ ދުވަހާ ހަމައަށް ބިންހިއްކުމުގެ މަޝްރޫއު ނިންމާފައި ނުވިކަމުގައި ވިޔަސް އެދުވަހާ ހަމައަށް ހިއްކާފައިވާ ބިން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ބުނެވިދިޔަ މުއްދަތު ތެރޭގައި ރަޖިސްޓްރީކުރަންވާނެއެވެ.

(ށ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަލިބިގނެް، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ބިންހިއްކުމަށް ހިންގޭ މަޝްރޫއު އެއްވެސް ސަބަބަކާހުރެ ހުއްޓާލައިފިނަމަ، އެދުވަހުންފެށިގެން އެންމެ ގިނަވެގެން 7 ދުވަހުގެ ތެރޭގައި، މަސައްކަތް ހުއްޓާލިދުވަހާ ހަމައަށް ހިއްކާފައިވާ ބިން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ރަށް ގިރުމުގެ ސަބަބުން ގޮނޑުދޮށަށް ވެލިއެޅުން

ޓޫރިސްޓް ރިޒޯތު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއް ގިރާތީ ގޮނޑުދޮށަށް ވެލިއަޅަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހުއެވެ.

 

11 ވަނަ މާއްދާ - ހިއްކާ ބިމަށް ކުލި ދައްކަން ފެށުން

(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދކޮށްފައިވާ ރަށެއްގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަލިބިގެން ހިއްކޭ ބިން މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވާގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރާ ދުވަހުން ފެށިގެން އެ ރަށެއްގެ ކުލި ދެއްކުމުގައި އެރަށެއްގެ ބިމުގެ ސަރަހައްދުކަމުގައި ބަލާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީކުރެވޭ ބިންހިމެނޭ ގޮތަށެވެ.

(ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެތި ހިއްކައިފި ނަމަ، މި ގަވާއިދުގެ ދަށުން އެތަނެއް ޖޫރިމަނާކުރުމަށްފަހު، ހިއްކުމުގެ މަސައްކަތް ހުއްޓާލި ނުވަތަ މަސައްކަތް ނިމުނު ދުވަހުން ފެށިގެން އެހިއްކާފައިވާ ބިމުގެ ސަރަހައްދު އެތަނެއްގެ ބިމުގެ ތެރޭގައި ހިމަނައި އެދުވަހުން ފެށިގެން އެބިމަށް ކުލި ނެގޭނެއެވެ.

(ނ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަހޯދައިގެން ގޮނދުދޮށަށް ވެލިއެޅުމުގައި ހުއްދަދީފައިވާ ފުޅާމިނަށްވުރެ އިތުރުވާނަމަ، އެ އިތުރުވާ ސަރަހައްދު އެތަނެއްގެ ބިމުގެ ތެރޭގައި ހިމެނޭނީ، މި ގަވާއިދުގެ ދަށުން އެތަނެއް ޖޫރިމަނާކުރުމަށްފަހު، އެ ޖޫރިމަނާ ސަރުކާރަށް ދެއްކުމަށްފަހު އަދި އެ އިތުރުވާ ސަރަހައްދު ހިއްކައި ނިމުނު ދުވަހުން ފެށިގެން އެ ބިމަށްވާ ކުލި ދެއްކުމުންނެވެ.

 

12 ވަނަ މާއްދާ - ހިއްކާ ބިމުގައި އިމާރާތްކުރުން

ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ބިންހިއްކައިފައިވާ ސަރަހައްދެއްގައި އިމާރާތެއް ކުރެވޭނީ މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް އެފަދަ ބިމެއް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްފަހު އެކަމަކާ ގުޅިގެން ހޯދަންޖެހޭ ހުއްދަތަކަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި އެހުއްދަތައް ހޯދުމަށްފަހުއެވެ. އަދި ރިޒޯޓުގެ ބިލްޓްއަޕް އޭރިޔާގެ ތެރޭގައި، ހިއްކާފައިވާ ބިން ހިމެނޭނީ، އެފަދަ ބިމެއް ހިއްކާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ހިއްކާފައިވާ ބިމަކަށްވާނަމަ އަދި އެބިން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ގަވާއިދުން ރަޖިސްޓްރީކޮށްފައިވާނަމައެވެ.

 

13 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދުގައި އުފެދޭ ހިކިފަސްތަންތަން

(ހ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށެއް ކުއްޔަށްދިނުމަށްފަހު މިގަވާއިދުގެ ދަށުން ކަނޑައެޅޭ، އެރަށެއްގެ ފަޅުގެ ސަރަހައްދުގައި ގުދުރަތީގޮތުން، ނުވަތަ އެފަދަ ރަށްރަށުގައި ހިންގޭ ފަޅު ކޮނުން، ފަޅު ފުންކުރުމުގެ ސަބަބުން އުފެދޭ ހިކިފަސްތަންތަނާބެހޭ މައުލޫމާތު ލިޔުމުން މިނިސްޓްރީއަށް އަންގައި ރަޖިސްޓަރީކުރަންވާނެއެވެ. އަދި މި ގަވާއިދުގެ ދަށުން ކަނޑައެޅޭ، އެ ރަށެއްގެ ފަޅުގެ ސަރަހައްދުގައި އުފެދޭ ނުވަތަ މިހާރު ހުރި މިފަދަ ތަންތަން ރިޒޯޓުގެ ބައެއްގެ ގޮތުގައި ހަމަޖެއްސިދާނެއެެވެ. އަދި މިފަދަ ތަންތަން ރިޒޯޓުގެ ބައެއްގެ ގޮތުގައި ހަމަޖައްސާ ދުވަހުންފެށިގެން، ރިޒޯޓަށް ކުލިދެއްކުމުގެ ބޭނުމަށްޓަކައި ރިޒޯޓުގެ ބިމުގެ ބޮޑުމިނުގެ ތެރޭގައި އެތަންތަން ހިމެނޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހިކިފަސްތަންތަނުގައި އެއްވެސް އިމާރާތެއް ކުރާނަމަ އެފަދަ އިމާރާތެއް ކުރަންވާނީ ރަށް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމެންޓާއި ޓޫރިސްޓް ރިޒޯޓުތަކުގައި އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.

 

14 ވަނަ މާއްދާ - ފަޅުގެ ސަރަހައްދު ބެލެހެއްޓުން

(ހ) ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ބެލެހެއްޓުމަކީ އެ ރިޒޯޓެއް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

(ށ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކޮށްފައިވާ ނުވަތަ ތަރައްގީ ކުރުމަށް ދޫކުރެވިފައިވާ ރަށަކަށް ކަނޑައެޅިފައިވާ ފަޅުގެ ސަރަހައްދުގެ ތެރެއިން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.

 

15 ވަނަ މާއްދާ - ފަޅު ފުންކުރުން

ބިންހިއްކުން ނުހިމެނޭގޮތަށް، ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށްދީފައިވާ އެއްވެސް ރަށެއްގެ ފަޅުގެ ސަރަހައްދުން ބައެއްނަމަވެސް ކޮނެ، ނުވަތަ ފުންކުރަންވާނީ އެކަމެއް ކުރަންފެށުމުގެ ކުރިން މި ގަވާއިދުގެ ދަށުން އެރަށެއްގެ ފަޅުގެ ސަރަހައްދާއި ބިމުގެ ސަރަހައްދު ކަނޑައަޅައި، އެކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ހޯދުމަށްފަހުއެވެ. 

 

16 ވަނަ މާއްދާ - ހުއްދަނެތި ހިއްކަފައިވާ ބިން

މި ގަވާއިދަށް އަމަލުކުރަންފެށުމަށްފަހު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެތި ބިން ހިއްކައިފިނަމަ، ހިއްކާފައިވާ ބިމެއް ރިޒޯޓުގެ ބިލްޓަޕް އޭރިޔާގެ ތެރޭގައި ނުހިމެނޭނެއެވެ. ނަމަވެސް މި ގަވާއިދާ ހިލާފުވުމުން ކުރަންއޮންނަ ޖޫރިމަނާ ކުރުމަށްފަހު އަދި ގާނޫނު ނަންބަރު 1993-04 އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވުމުން ކުރާ ޖޫރިމަނާއެއްވާނަމަ، އެފަދަ ޖޫރިމަނާގެ ފައިސާ ދެއްކުމަށްފަހު، އެފަދަ ބިމެއް ރިޒޯޓުގެ ބިލްޓްއަޕް އޭރިއާގެ ތެރޭގައި ނުހިމެނޭގޮތަށް ރިޒޯޓުގެ އެހެނިހެން ބޭނުންތަކަށް ބޭނުންކުރުމުގެ ހުއްދަ ދެވިދާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިއްކާފައިވާ ތަންތަން ޖޫރިމަނާކުރުމަށްފަހު، ގާނޫނު ނަންބަރު 1993-04 އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވުމުން ކުރާ ޖޫރިމަނާއެއްވާނަމަ، އެފަދަ ޖޫރިމަނަގެ ފައިސާ ދެއްކުމަށްފަހު، އެފަދަ ބިމެއް ރިޒޯޓުގެ ބިލްޓްއަޕް އޭރިއާގެ ތެރޭގައި ހިމެނޭގޮތަށް ބޭނުންކުރުމުގެ ހުއްދަ ދެވިދާނެއެވެ.

(ނ) މި މާއްދަގެ (ހ) އަދި (ށ) ގައި ބުނެފައިވާ ހާލަތްތަކުގައި، ބިން ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ޓޫރިސްޓް ރިޒޯޓުތަކަށް ކުލި ދައްކަން ހަމަޖެހިފައިވާ އުސޫލަކުން ކުލިދައްކަން ޖެހޭގޮތަށެވެ.

 

17 ވަނަ މާއްދާ - ޖޫރިމަނާ

މި ގަވާއިދާ ހިލާފުވާ ކޮންމެ ރިޒޯޓެއް، ގާނޫން ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން، މި ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 100،000.00 (އެއްލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މިގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2012-07)

 

އުވި ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-90)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

ގުޅުންހުރި އުސޫލު

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް (އޯ.އީ.ސީ.އެމް)" ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު (އުސޫލު ނަންބަރު 2022-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު