-

ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 11 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 12/2012)

 

107 ވަނަ މާއްދާ - ވަޒީފާއަށް އެންމެ ގާބިލު މީހާ ހޮވުން

ވަޒީފާއަށް އެންމެ ގާބިލު މީހަ ހޮވާނީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމަށް ކޮމިށަނުން ކަނޑައަޅައި އާއްމުކޮށްފައިވަ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށެވެ. މިގޮތުން ވަޒީފާއަށް ހޮވުމުގައ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 38 ވަނަ މާއްދާގައިވާ، ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހި ސިވިލް ސަރވިސްގެ މަގާމަށް އެދިފައިވާ މީހުންނަށް ލިބިފައިވާ ތައުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަރުޖިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ސިފަތަކާއި، ގާބިލުކަމަށް ބަލަން ވާނެއެވެ.

(ހ) މަގާމަށް ހަމަޖެއްސުމަށް އެންމެ ގާބިލު މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު ނުވަތަ އިންޓަރވިއު އަދި/ނުވަތަ ޕްރެޒެންޓޭށަނުގައި، އިންޓަރވިއު ކުރެވޭ ކޮންމެ ފަރާތަކާ ބެހޭ ގޮތުން އިންޓަރވިއު ޕެނަލުގެ ކޮންމެ މެންބަރަކު، އެކަމަށް ކަނޑައެޅިފައިވާ "އިންޓަރވިއު ނުވަތަ އިންޓަރވިއު އަދި ޕްރެޒެންޓޭށަން ސްކޯރށީޓް" ފުރިހަމަ ކުރަންވާނެއެވެ.

(ށ) އިންޓަރވިއު އަދި/ނުވަތަ ޕްރެޒެންޓޭށަން ނިމުމުން، "ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ށީޓް" ފުރިހަމަކޮށް، އެންމެ ގިނައިން ޕޮއިންޓް ހޯދައި ވަޒީފާއަށް އެންމެ ގާބިލުކަމަށް ހޮވުނު މީހާއަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ކޮމިށަނަށް ހުށަހަޅަން ވާނެއެވެ. އެ ފޯމުގައި، އެ ވަޒީފާއަށް ކުރިމަތިލީ އެންމެންގެ މައުލޫމާތު ހިމަނަން ވާނެއެވެ.

(ނ) މި މާއްދާއަށް އަމަލުކުރަން ފެށުމާއެކު، މި ގަވާއިދުގެ ޖަދުވަލު 8 އަދި 9 ބާތިލުވީއެވެ. އަދި އެ ދެޖަދުވަލުގެ ބަދަލުގައި ބޭނުންކުރާނީ ކޮމިށަނުން ކަނޑައަޅައި އާންމުކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް" ބަޔާންކުރާ ފޮތުގައި ހިމަނާފައިވާ "އިންޓަރވިއު ނުވަތަ އިންޓަރވިއު އަދި ޕްރެޒެންޓޭށަން ސްކޯރށީޓް" (A1) އާއި "ވަޒީފާއަށް ކުރިމަތިލާފއިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ށީޓް" (A2) އެވެ.

(ރ) ސިވިލް ސަރވިސްގެ ވަޒީފާއަކަށް މީހަކު ހޮވުމަށްފަހު، އެ ވަޒީފާއަކަށް ކުރެވުނު އިއުލާނާއި، އެ ވަޒީފާއަކަށް މީހަކު ހޮވުމަށް ޕޮއިންޓް ދިނުމަށް ބޭނުން ކުރެވުނު ކްރައިޓީރިއާ އަދި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ށީޓް" (A2)، އެ އޮފީހެއްގެ ވެބްސައިޓުގައި ށާއިއުކުރަން ވާނެއެވެ. ނުވަތަ އެ މައުލޫމާތު ބަލަން ބޭނުންވާ ފަރާތްތަކަށް އާންމުކޮށް ފެންނަ ފަދަ ގޮތަކަށް ބަހައްޓަން ވާނެއެވެ. "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ށީޓު" (A2) ވެބްސައިޓްގައި ށާއިއު ކުރުމުގައި ނުވަތަ އާންމުކޮށް ފެންނަ ފަދަ ގޮތަކަށް ބެހެއްޓުމުގައި، އެ ފޯމުގައި ފުރިހަމަ ކުރަންޖެހޭ ވަޒީފާއަށް ކުރިމަތިލީ މީހާގެ ނަމާއި އެޑްރެސް އަދި އުމުރުގެ ބަދަލުގައި، ވަޒީފާއަށް އެދުނު ކޮންމެ މީހެއްގެ ފޯމަށް ކޯޑު ނަންބަރެއް ދިނުމާއެކު، އެ ކޯޑު ނަންބަރު ޖެހުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ވަޒީފާއަށް ކުރިމަތިލީ މީހަކު އެ ކޯޑު ނަންބަރު ބޭނުންވާނަމަ، އެ މައުލޫމާތު އެ މީހަކަށް އެ އޮފީހުން ދޭންވާނެއެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު