-

މިސްކިތުގެ އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުންގެ ވަގުތާއި، ހާޒިރީ ބެލެހެއްޓުމާއި، ގަޑީލާރި ކެނޑުމާއި، ބަދަލުގައި މީހުން ހަމަޖެއްސުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 13/2012)

 

ތައާރުފު

މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުންނަކީ، ގާނޫނު ނަންބަރ 2/2008 (ވަޒީފާއާ ބެހޭ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، އެ ގާނޫނުގެ 4 ވަނަ ބާބިގައިވާ މާއްދާތަކުން އިސްތިސްނާ ކުރެވިފައިވާ މުވައްޒަފުންނަށްވާތީ، އެ މުވައްޒަފުންގެ މަސައްކަތު ވަގުތާއި، ހާޒިރީ ބެލެހެއްޓުމާއި، ގަޑީލާރި ކެނޑުމާއި، ބަދަލުގައި މީހުން ހަމަޖެއްސުމުގައި އަމަލުކުރަންޖެހޭ ގަވާއިދު ތިރީގައި މިވަނީއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ 1 ޑިސެންބަރ 2011 އިން ފެށިގެންނެވެ. މިގަވާއިދަށް އަމަލުކުރަން ފެށުމާއިއެކު، މީގެ ކުރިން މިސްކިތު އިމާމުންނާއި މުދިމުންނާއި މިސްކިތު މަސައްކަތު މީހުން މަސައްކަތު ވަގުތާއި، ހާޒިރީ ބެލެހެއްޓުމާއި، ގަޑީލާރި ކެނޑުމުގެ އަދި ބަދަލުގައި މީހުން ހަމަޖެއްސުމުގައި އަމަލުކުރަންޖެހޭ ގޮތާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތައް، މި ގަވާއިދުގައި އެހެން ގޮތަކަށް ނުބުނާހާ ހިނދަކު ބާތިލުވީއެވެ. އަދި މި މުވައްޒަފުންނާ ގުޅޭ މިނޫން އެހެން ކަންތައްތަކުގައި އަމަލުކުރާނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

1 ވަނަ މާއްދާ - މަސައްކަތުގެ ވަގުތު

މިސްކިތު އިމާމުންނާއި މުދިމުންގެ ރަސްމީ މަސައްކަތު ގަޑީގައި ފަރުސު ފަސްނަމާދުގެ ވަގުތެވެ. މިގޮތުން ނަމާދުގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތައް ހަޒިރުވެ، ވަގުތަށް ބަންގި ގޮވުމާއި ނަމާދުކުރުން ހިމެނެއެވެ. މިގޮތުން ނަމާދަކަށް ހޭދަކުރާ ވަގުތަކީ 1 (އެކެއް) ގަޑިއިރު ކަމުގައި ބެލެވޭނެއެވެ. ވުމާއެކު، މިސްކިތު އިމާމުންނާއި މުދިމުން ދުވާލަކު 5 ގަޑިއިރުގެ ގޮތުގައި ހަފުތާއަކު ޖުމުލަ 35 ގަޑިއިރު މަސައްކަތް ކުރަންޖެހޭނެއެވެ.

 

2 ވަނަ މާއްދާ

މިސްކިތު މަސައްކަތު މީހުންގެ ރަސްމީ މަސައްކަތު ގަޑީއަކީ ދުވާލަކި 5 (ފަހެއް) ގަޑިއިރެވެ. އެއީ ފަރުސު ފަސްނަމާދުގެ ވަގުތަށް މިސްކިތް ތައްޔާރުކުރުމަށް ހޭދަކުރަންޖެހޭ ވަގުތުތަކާއި، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހޭދަކުރަންޖެހޭ ވަގުތުތަކެވެ. މިގޮތުން ކޮންމެ ނަމާދަކަށް މިސްކިތް ތައްޔާރު ކުރުމުގެ ގޮތުން މިސްކިތް ފޮޅޮއި ސާފުކުރުމަށް ކޮންމެ ނަމާދަކަށް 30 މިނެޓް (ނަމާދުގެ ކުރިން 15 މިނިޓް އަދި ނަމާދުގެ ފަހުން 15 މިނިޓް) ހޭދަކުރުމާއި، އޭގެ އިރުތުން މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރެއަކާއި ދުވާލެއްގެ ތެރޭގައި 2 ގަޑި 30 މިނިޓް ހޭދަކުރުމެވެ. އެއީ ހަފުތާއަކު ޖުމުލަ 35 ގަޑިއިރެވެ.

 

3 ވަނަ މާއްދާ

ފަރުސު ފަސްނަމާދާ ގުޅިގެން ނޫންގޮތަކަށް ކުރާ ކަށު ނަމާދު، ކޭތަ ނަމާދު ފަދަ ނަމާދުތަކަށް، މިސްކިތު އިމާމުންނާއިމުދިމުންނަށް، 30 މިނެޓް އިތުރުގަޑިގެ ގޮތުގައި ދިނުމަށާއި، ހިފްޒްކޮށް ތަރާވީހު ނަމާދުކުރާނަމަ 2 (ދޭއް) ގަޑިއިރު، އެނޫން ގޮތަކަށް ތަރާވީހު ނަމާދުކުރާނަމަ 1 (އެކެއް) ގަޑިއިރު އަދި އީދު ނަމާދަށް 1 (އެކެއް) ގަޑިއިރު މިންވަރަށް އިތުރުގަޑި ދޭންވާނެއެވެ. މީގެ އިތުރުން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމަށް މިސްކިތްތަކުގައި އިމާމި ހުންނަން ޖެހޭނަމަ، 1 (އެކެއް) ގަޑިއިރަށް އިތުރުގަޑިގެ ފައިސާ ދޭންވާނެއެވެ.

 

4 ވަނަ މާއްދާ

ހުކުރު ދުވަސް ދުވަހު ހުކުރު ނަމާދުކުރުމަށް 1 (އެކެއް) ގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހޭތީ، ހުކުރު ނަމާދުކުރާ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް، ކޮންމެ ހުކުރު ނަމާދު ވަގުތަކަށް 30 މިނެޓް އިތުރުގަޑީގެ ގޮތުގައި ދޭންވާނެއެވެ.

 

5 ވަނަ މާއްދާ

ފަރުސު ފަސްނަމާދާ ގުޅިގެން ނޫންގޮތަކަށް ކުރާ އީދު ނަމާދު، ކަށު ނަމާދު، ކޭތަ ނަމާދު، ތަރާވީހު ނަމާދު ފަދަ ނަމާދުތަކަށް މިސްކިތް ތައްޔާރު ކުރުމަށް 30 މިނިޓް އިތުރުގަޑީގެ ގޮތިގައި ހަމަޖައްސައިގެން މިސްކިތު މަސައްކަތު މީހުން ލައްވައި މަސައްކަތް ކުރުވިދާނެއެވެ.

 

6 ވަނަ މާއްދާ

ކަމާބެހޭ ސަރުކާރުގެ އިދާރާއަކުން ކަނޑައަޅައިގެން އެ މުވައްޒަފުންގެ މަސައްކަތާ ގުޅޭގޮތުން، މިސްކިތު އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން ލައްވައި ކުރުވާ މަސައްކަތްތަކަށް، އެ މަސައްކަތް ކުރުވި ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

 

7 ވަނަ މާއްދާ

މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުންގެ މަސައްކަތުގެ ވަގުތު، މަތީގައި ދެންނެވިފައިވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް މަސައްކަތްކުރާ، ސަރުކާރު ބަންދު ދުވަސްތަކަށް، ކަނޑައެޅިފައިވާ އުސޫލުން ބަންދުދުވަހުގެ ފައިސާ ދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ހާޒިރީ ބެލެހެއްޓުން

މިސްކިތު އިމާމުންނާއި މުދިމުން، ކޮންމެ ނަމާދަކަށް ހަޒިރުވެ މަސައްކަތު ހަޒިރީގައި ސޮއިކުރަންވާނެވެ. ހާޒިރީ ތައްޔާރު ކުރެވިފައި އޮންނަންވާނީ ކޮންމެ ދުވަހަކު ކޮންމެ ނަމާދަކަށް ހަޒިރުވި ގަޑި ޖަހައި ސޮއިކުރެވޭ ގޮތަށެވެ.

 

9 ވަނަ މާއްދާ

މިސްކިތު މަސައްކަތު މީހުން، ކޮންމެ ނަމާދަކަށް ހާޒިރުވެ މަސައްކަތު ހާޒިރީގައި ސޮއިކުރަންވާނެއެވެ. އަދި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ކޮންމެ ދުވަހަކު ހަޒިރުވި ގަޑިއާއި މަސައްކަތް ނިންމި ގަޑި ޖަހައި ސޮއިކުރަންވާނެއެވެ. ހަޒިރީ ތައްޔާރު ކުރެވިފައި އޮންނަންވާނީ ކޮންމެ ދުވަހަކު ކޮންމެ ނަމާދަކަށް ހާޒިރުވި ގަޑިއާއި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅާ ސާފުކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ހަޒިރުވި ގަޑިއާއި މަސައްކަތް ނިންމި ގަޑި ޖަހައި ސޮއިކުރެވޭ ގޮތަށެވެ.

 

10 ވަނަ މާއްދާ

މި ގަވާއިދުގެ 8 އަދި 9 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، މަސައްކަތަށް ނުކުމެ ކުރަންޖެހޭ ސޮއިކުރުމުގެ އިތުރަށް މުވައްޒަފުގެ މަސައްކަތް ސުޕަވައިޒްކޮށް ބަލަހައްޓާ އިދާރާއަށް ރަސްމީ ދުވަސްތަކުގައި ނުކުމެ ހެންދުނު 11:00 ގެ ކުރިން ސޮއިކުރަންވާނެއެވެ.

 

11 ވަނަ މާއްދާ

މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުން އިތުރުގަޑީގައި ކުރާ މަސައްކަތުގެ ރެކޯޑު ބެލެހެއްޓުމަށް، މަސައްކަތް ފެށި ގަޑީއާއި ނިންމި ގަޑި ޖަހައި، އިތުރުގަޑިގައި ކުރި މަސައްކަތުގެ ހުލާސާއެއް ލިޔެ ސޮއިކިރެވޭ ގޮތަށް އަދި އިތިރުގަޑީގައި މަސައްކަތް ކުރުމަށް ހުއްދަދިން ފަރާތުގެ ސޮއިކުރެވޭ ގޮތަށް، އިތުރުގަޑީގެ ހާޒިރީއެއް އޮންނަން ވާނެއެވެ.

 

12 ވަނަ މާއްދާ

މިސްކިތު އިމާމުންނާއި މުދިމުންގެ ހާޒިރީއާއި މަސައްކަތް، އެ އިދާރާއެއްގެ ޒިންމާދާރު ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ގޮތެއްގެ މަތިން ސްޕަވައިޒްކޮށް ބަލަހައްޓަން ވާނެއެވެ. މިސްކިތު މަސައްކަތު މީހުންގެ ހާޒިރީއާއި މަސައްކަތް، މިސްކިތު އީމާމު ނުވަތަ މުދިމު ސްޕަވައިޒުކޮށް ބަލަހައްޓަން ވާނެއެވެ. މި މާއްދާގައި ސްޕަވައިޒް ކުރުމުގެ ކަންކަން ބެލެހެއްޓުން އިސްވެ ބުނެވުނު ގޮތަށް އޮތްކަމުގައިވިޔަސް، އެނޫން ގޮތަކަށް އެއިދާރާއެއްގެ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތިން، ބެލެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

13 ވަނަ މާއްދާ

މިސްކިތުގެ އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުންގެ ހާޒިރީ، މަދުވެގެން ހަފުތާއަކު އެއްފަހަރު ޗެކްކޮށް، އެ މުވައްޒަފުން މަސައްކަތްކުރާ އިދާރާގެ ޒިންމާދާރު ވެރިޔާ ހާޒިރީގައި ސޮއިކުރަންވާނެއެވެ.

 

14 ވަނަ މާއްދާ

އިސްވެ ބުނެފައިވާ އުސޫލުން ކަންކަން އިންތިޒާމު ކުރުމުގެ އިތުރަށް، މި ގަވާއިދާ ހިލާފިނުވާ ގޮތުން މަތިން އެނޫން އެހެން އިންތިޒާމެއް ހަމަޖެއްސުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

15 ވަނަ މާއްދާ - ގަޑީލާރި ކެނޑުން

މިސްކިތު އިމާމުންނާއި މުދިމުން، ފަރުސު ފަސްނަމާދުގެ ވަގުތުގެ ތެރެއިން އެއްވެސް ވަގުތެއްގައި ބަންގި ގޮވުމަށާއި ނަމާދަށް ހާޒިރުނުވެއްޖެނަމަ، އެ މުވައްޒަފެއްގެ މުސާރާއާއި ސަރވިސް އެލަވަންސްއިން 1 (އެކެއް) ގަޑިއިރަށް ޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު، އެއަދަދަށް ގަޑީލާރީގެ ގޮތުގައި އުނިކުރަންވާނެއެވެ.

 

16 ވަނަ މާއްދާ

މިސްކިތު މަސައްކަތު މީހުން، ފަރުސު ފަސްނަމާދަށް މިސްކިތް ތައްޔާރުކުރުމަށާއި، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް ވަގުތު ހޭދަކޮށްފައި ނުވާނަމަ، މުސާރައާއި ސަރވިސް އެލަވަންސް އިން ދުވަހަކަށް ޖެހޭ އަދަދު 5 ބަޔަށް ބަހާލައި، ނިސްބަތުން ހާޒިރުނުވާ ވަގުތަށްވާ މިންވަރު ގަޑީލާރީގެ ގޮތުގައި އުނިކުރަންވާނެއެވެ.

 

17 ވަނަ މާއްދާ

މިސްކިތު އިމާމުންނާއި މުދިމުން، ޗުއްޓީ ނުނަގައި ދުވާލަކު 3 ނަމާދުގެ ވަގުތަށް ހާޒިރުނުވާނަމަ، ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.

 

18 ވަނަ މާއްދާ

މިސްކިތު މަސައްކަތު މީހުން، ޗުއްޓީ ނުނަގައި ދުވާލަކު 3 ނަމާދުގެ ވަގުތަށް ހާޒިރު ނުވާނަމަ، ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ. އަދި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހާޒިރުނުވާ ދުވަސްތައްވެސް ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައިއެވެ.

 

19 ވަނަ މާއްދާ – ބަދަލުގައި މީހުން ހަމަޖެއްސުން

މިސްކިތުގެ އިމާމުންނާއި މުދިމުން، ނުވަތަ މިސްކިތު މަސައްކަތު މީހުން، ޗުއްޓީ ނެގުމުން ނުވަތަ މަސައްކަތައް ހާޒިރު ނުވުމުން އެ މަސައްކަތްކުރާނޭ އެހެން މުވައްޒަފެއް ނެތް ހާލަތުގައި، އެ މުވައްޒަފެއްގެ ބަދަލުގައި، ދިވެހި ސިވިސް ސަރވިސްގެ ގަވާއިގުގެ 32 ވަނަ ޗެޕްޓަރ (ދިވެހި ސިވިލް ސަރވިސްއިން ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މީހުން ގެންގުޅުން) ގައިވާ ގޮތުގެ މަތިން، އެ މަސައްކަތްކުރުމަށް، މަސައްކަތު އެއްބަސްވުމެއްގެދަށުން މީހަކު ގެންގުޅެވިދާނެއެވެ. މިގޮތުން ގެންގުޅޭ މީހަކީ ސިވިލް ސަރވިސްގެ މުވައްޒަފެއް ނޫނެވެ. މިފަދަ ހާލަތުގައި މުވައްޒަފު މަސައްކަތްކުރާ އިދާރީ ފިޔަވަޅު އެހެން އޮފީހެއްގައި މަސައްކަތްކުރާ ސިވިސް ސަރވިސް މުވައްޒަފަކަށް ވަގުތީގޮތުން މުދިމުކަން/އިމާމުކަން ކުރެވިދާނެއެވެ.

 

20 ވަނަ މާއްދާ

މިސްކިތު އިމާނުންނާއި މުދިމުން، ނުވަތަ މިސްކިތު މަސައްކަތު މީހުންގެ ބަދަލުގައި ގެންގުޅޭ މީހުނަށް އުޖޫރަދެނީ، އެ މަގާމެއްގެ މުސާރައާއި ސަރވިސް އެލަވަންސަށް ދުވަހަކަށް ޖެހޭ އަދަދަކަށްވުރެ އިތުރުނުވާ ގޮތަށް މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

21 ވަނަ މާއްދާ – އިމާމުންނާއި މުދިމުން މިސްކިތްތަކަށް ހަމަޖެއްސުން

ރަށްރަށުގެ މިސްކިތްތަކަށް އިމާމުންނާއި މުދިމުން ހަމަޖައްސާނީ، އެރަށެއްގެ ކައުންސިލުގެ އިދާރާގެ އިމާމުގެ/މުދިމުގެ މަގާމަށް ކަމުގައިވާތީ (ވަކި މިސްކިތެއްގެ ނަމުގައި މުވައްޒަފުން ހަމަނުޖައްސާތީ)، އެރަށެއްގެ ރަށު ކައުންސިލަރުގެ އިދާރާގެ އިމާމުން/މުދިމުން މިސްކިތްތަކަށް ހަމަޖައްސާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

 

21 ވަނަ މާއްދާ

  1. ރަށުގެ/އަވަށުގެ މިސްކިތްތަކަށް އިމާމުން/މުދިމުން އެރަށުގެ/އަވަށުގެ މިސްކިތްތަކަށް ހަމަޖެއްސުމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް އެ މުވައްޒަފުންގެ މެދުގައި ހުޅުވާލުން.
  2. ރަށުގެ/އަވަށުގެ އިސް މިސްކިތަށް/ހުކުރު މިސްކިތަށް މެރިން އުސޫލުން އެންމެ ގާބިލު މުވައްޒަފަކު ހަމަޖެއްސުން
  3. ކޮންމެ އިމާމަކަށް/މުދިމަކަށް ވެސް އެމީހަކު ދިރިއުޅޭ ތަނަކާއި އެންމެ ކައިރީގައިވާ މިސްކިތެއްގައި މަސައްކަތް ކުރުމަށް ހަމަޖެއްސުން، މިގޮތުން ދެމީހަކު އެއް މިސްކިތަކަށް ހަމަޖައްސަން ޖެހިއްޖެނަމަ، މެރިޓް އުސޫލުން ހޮވޭ ފަރާތަކަށް އިސްކަން ދިނުން. މެރިޓް އުސޫލުން އެއްވަރުވެއްޖެނަމަ، ގުރުއަތުން ހޮވޭ ފަރާތަކަށް އިސްކަން ދިނުން.

 

22 ވަނަ މާއްދާ

މެރިޓް އުސޫލުން އެންމެ ގާބިލު އިމާމު/މުދިމު ކަނޑައެޅުމަށް ފޮއިންޓް ދޭނީ ތިރީގައިވާ އުސޫލުންނެވެ.

  1. މުދިމުކަމުގެ ސަނަދު ލިބިފައިވާނަމަ ނުވަތަ ހުކުރު ކުރުމުގެ ސަނަދު ލިބިފައިވާނަމަ ނުވަ ދޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނށުގެ ލެވެލް 3 ގެ ސަނަދެއް ހަސިލު ކުރައްވާފައިވާނަމަ، 3 ޕޮއިންޓް ދިނުން.
  2. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގަބޫލުކުރާ، ދީނީ މަރުކަޒަކުން މަތީ ސާނަވީ ސެޓްފިކެޓް ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލް ކުރައްވާފައިވާނަމަ، 5 ޕޮއިންޓްދިނުމާއި، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ހަސިލް ކުރައްވާފައިވާނަމަ، 10 ޕޮއިންޓްދިނުމާއި، ދީނީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހަސިލް ކުރައްވާފައިވާނަމަ 15 ޕޮއިންޓްދިނުމާއި، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހަސިލް ކުރައްވާފައިވާނަމަ، 20 ޕޮއިންޓްދިނުމާއި، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 25 ޕޮއިންޓްދިނުން އަދި ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހަސިލް ކުރައްވާފައިވާނަމަ، 30 ޕޮއިންޓް ދިނުން.
  3. ކިރިތި ގުރުއާން ހިތުދަސްނަމަ، 15 ޕޮއިންޓް ދިނުން.
  4. ގާރީކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހަސިލްކޮށްފައިވާނަމަ، އެއްވަނަ ދަރަޖައިގެ ސެޓްފިކެޓަށް 15 ޕޮއިންޓް، ފެވަނަ ދަރަޖައިގެ ސެޓްފިކެޓަށް 10 ޕޮއިންޓް އަދި ތިންވަނަ ދަރަޖައުގެ ސެޓަފިކެޓަށް 5 ޕޮއިންޓްދިނުން. ގާރީ ކޯސް ފުރިހަމަ ކުރިކަމަށް ބަލާނީ އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 4 ގެ ސެޓްފިކެޓްއް) ހަސިލް ކޮށްފައިވާނަމައެވެ.

 

23 ވަނަ މާއްދާ

މިސްކިތު މަސައްތު މީހުންވެސް މިސްކިތްތަކަށް ހަމަޖެއްސުމުގައި އެމީހަކު ދިރިއުޅޭ ތަނަކާއި އެންމެ ކައިރީގައިވާ މިސްކިތެއްގައި މަސައްކަތް ކުރުމަށް ހަމަޖެއްސުން. މިގޮތުން ދެމީހަކު އެއް މިސްކިތަކަށް ހަމަޖައްސަން ޖެހިއްޖެނަމަ، ވަޒީފާގައި ގިނަ ދުވަސްވީ ފަރާތަށް އިސްކަންދިނުން.

  

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2008) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު