-

ބަންދުގައި ތިބޭ މީހުންގެ ތެރެއިން ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމޔތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 36/2016)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 150 ވަނަ މާއްދާގެ (ށ) ގެ (20) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ، ބަންދުގައި ތިބޭ މީހުންގެ ތެރެއިން ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރުމާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ ' ބަންދުގައި ތިބޭ މީހުންގެ ތެރެއިން ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު އަސާސީ ލާޒިމުކުރާ އެކިއެކި މަގަމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ބަންދުގައި ތިބޭ މީހުންގެ ތެރެއިން މީހަކު ވަކި ތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރުމުގައި އަމަލު ކުރާނެ އުސޫލުތަކާއި، މިފަދަ ހާލަތުތަކުގައި ހަރަކާތްތެރިވާނެ ގޮތްތައް ބަޔާންކުރުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ. މި ގަވާއިދުގައި މިހެން ބަޔާންކޮށްފައިވީނަމަވެސް ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ތެރެއިން މީހަކު، ގާނޫނުއަސާސީ ލާޒިމުކުރާ އެކިއެކި މަގާމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރުމުގައި އަމަލުކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ހާޒިރުކުރުމަށް އެދި ހުށަހެޅުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލެއްގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން މީހަކު، ގާނޫނުއަސާސީ ލާޒިމުކުރާ އެކިއެކި މަގާމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރަންޖެހޭ ވަގުތުގެ 3 (ތިނެއް) ގަޑިއިރު ކުރިން އެކަމަށް އެދި ހާޒިރުކުރުމަށް އެދޭ ފަރާތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހާޒިރުކުރުމަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކުރާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ހާޒިރުކުރަންޖެހޭ ތަނުގެ ފުރިހަމަ މައުލޫމާތާއި، ހާޒިރުކުރަންޖެހޭ ވަގުތު.
  2. ހާޒިރުކުރާ މަގުސަދު ނުވަތަ ބޭނުން
  3. ހާޒިރުކުރާ ބޭނުން ނިމޭނެކަމަށް ލަފާކުރާ ގަޑީ.
  4. ހާޒިރު ކުރެވޭ ފަރާތުގެ ވަނަވަރު.
  5. ހާޒިރުކުރެވޭ ފަރާތުގެ މަގާމާއި ހައިސިއްޔަތު

 

7 ވަނަ މާއްދާ - ހާޒިރުކުރުން

ބަންދުމީހާ ހާޒިރުކުރުމަށް އެދިފައިވާ ވަގުތުގެ 15 މިނެޓް ކުރިން ހާޒިރުކުރުމަށް އެދިފައިވާ އިދާރާއަކަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެފަރާތެއް ހާޒިރުކޮށްދޭންވާނެއެވެ. މިގޮތުން މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތައް ހާޒިރުކުރެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ރޭގަނޑު 08:00 އާ ދެމެދުގައެވެ.

 

8 ވަނަ މާއްދާ - ހާޒިރުކުރެވޭ އިދާރާގެ މަސްއޫލިއްޔަތު

ބަންދުމީހާ، ހާޒިރުކުރެވުނު އިދާރާއިން ހަވާލުވުމަށްފަހު އޭނާ ބެލެހެއްޓުމަކީ ހާޒިރުކުރެވުނު އިދާރާގެ ޒިންމާއެކެވެ. އެގޮތުން ހާޒިރުކުރެވުނު ބޭނުން ނިމުމުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާ ބަންދުމީހާ ހަވާލުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ދަތުރު ހަމަޖެއްސުން

(ހ) މި ގަވާއިދުގެ ދަށުން ހާޒިރުކުރެވޭ މީހާ ގެންގޮސް ގެނައުމުގެ ދަތުރާއި ހަރަދު ހަމަޖައްސާނީ ހާޒިރުކުރެވެ ފަރާތުން ނުވަތަ ހާޒިރުކުރުމަށް އެދި ހުށަހަޅާ ފަރާތުންނެވެ.

(ށ) ބަންދުމީހާ މާޅެ ގެންދިއުމަށް ހަމަޖައްސާފައިވާ އުޅަނދަކީ، ގާނޫނު ނަންބަރު 69/1978 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) އާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާ ބެހޭ ގަވޢިދުގައި ބަޔާން ކޮށްފައިވާ މިންގަނޑުތަކަށް ފެތޭ، އުޅަނދަކަށް ވާންޖެހޭނެއެވެ.

(ނ) ބަންދުމީހާ ހާޒިރުކުރެވޭއިރު އެ އުޅަނދެއްގެ ފަޅުވެރިންނާއި ކައްޕި އަދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުން ފިޔަވައި އިތުރު އެހެން އެއްވެސް މީހަކު އެ އުޅަނދުގައި އެ ވަގުތު ދަތުރުކޮށްގެން ނުވާނެއެވެ.

(ރ) ބަންދުމީހާ ހާޒިރުކުރުވުމަށް ގެންދެވޭ ގެންދިއުމުގައި އިތުރު އެއްވެސް ތަނަކަށް، (އިމަރޖެންސީ ހާލަތެއް ދިމާވެގެން މެނުވީ ) އުޅަނދު މަޑެއް ނުކުރެވޭނެއެވެ. އަދި އެފަދައިން އިމަރޖެންސީ ހާލަތެއްގައިވެސް އުޅަނދު މަޑުކުރަންވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން އަންގާ ގޮތެއްގެމަތިންނެވެ.

(ބ) ބަންދުމީހާ ހާޒިރުކުރުމަށް ހަމަޖައްސާފައިވާ އުޅަނދަކަށް އެރުވުމުގެ ކުރިން އުޅަނދު ރަނގަޅަށް ބަލައި ފާސްކުރަންވާނެއެވެ. މިގޮތުން ސަލާމަތަށް ނުރައްކާވާ ފަދަ ޒާތުގެ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް ނަގަންވާނެއެވެ. އަދި މިގޮތަށް ނެގޭ ތަކެތި ގަވާއިދު ނަންބަރު: 17/2015 (އެއްވެސް ވެރިއަކު ނުވާ ތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައި، އެ ތަކެތި ވިއްކާލާނަމަ، ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނޭ ގޮތް ކަނޑައެޅުމުގެ ގަވާއިދު ) ގައިވާ ގޮތުގެ މަތިން ނައްތާލެވޭނެއެވެ.

(ޅ) ބަންދުމީހާ ހާޒިރުކުރަންޖެހޭ ވަގުތުގެ 2 (ދޭއް) ގަޑިއިރުކުރިން ހާޒިރުކުރެވޭ ފަރާތުން ނުވަތަ ހާޒިރުކުރުމަށް އެދި ހުށަހަޅާ ފަރާތުން ބަންދުމީހާ އެ ތަނަކަށް ހާޒިރުވުމަށްޓަކައި ކަނޑުމަގުން ދަތުރުކުރުމަށް ހަމަޖައްސާ އުޅަނދެއް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ހިންގާ ތަނެއްގައި ބާއްވަންވާނެއެވެ.

(ކ) މި ގަވާއިދުގެ ދަށުން ހާޒިރުކުރަންޖެހޭ މީހަކު ވަކި ތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރާއިރު ހަމަޖައްސަންޖެހޭ އެއްގަމު ދަތުރުތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސަންވާނެއެވެ.

 

10 ވަނަ މާއްދާ - ހާޒިރުކުރެވޭ މީހާގެ ޒިންމާތައް

(ހ) ހާޒިރުކުރެވެ މީހާ އެ އިދާރާއަކާ ހަވާލުކުރެވެންދެން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުން އަންގާ އެންގުންތަކަށް ފުރިހަމައަށް ކިޔަމަންވަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޒިންމާއާ، ހާޒިރުކުރެވޭ ފަރާތުން ހިލާފުވެއްޖެނަމަ ތިރީގައިވާ ގޮތުގެމަތިން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

  1. ބަންދުގައި ހުރި މީހާ ހާޒިރުކުރުން ކެންސަލްކުރުން.

 

11 ވަނަ މާއްދާ - ހާޒިރުކުރެވޭ މީހާ ނުކިޔަމަންތެރިކަން ދެއްކުން

(ހ) ހާޒިރުކުރެވޭ މީހާ ނުކިޔަމަންތެރިކަން ދައްކައިފިނަމަ، އެ މީހަކު ކިޔަމަންތެރިކުރުމުގެ ގޮތުން ގަވާއިދު ނަންބަރު 145/2015 (ޖަލު ބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުންކުރުމާއި ހަތިޔާރު ގެންގުޅުމާ ބެހޭ ގަވާއިދު) ގައިވާ ގޮތުގެމަތިން ބާރުގެ ބޭނުން ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހާޒިރުކުރެވޭ މިހާ އެއްބާރުލުން ނުދީފިކަމުގައި ވާނަމަ، އެ އިދާރާއަކަށް އެންގުމަށްފަހު އެ މީހަކަ ހާޒިރުކުރުން ކެންސަލްކުރުމުގެ އިހުތިޔާރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިބިގެންވެއެވެ.

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު