-

އިންޖީނުލީ އެއްގަމުއުޅަނދު ތަރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-21)

މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2021-123 ގެ 15(ހ) އިން އުވާލެވިފައި  

1 ވަނަ މާއްދާ - ތައާރުފު

މިއީ އެއްގަމުގައި ދުއްވާ އެއްޗެއް އެކްސިޑެންޓްވުމުން އެ އެކްސިޑެންޓުގެ ސަބަބުން ގެއްލުން ލިބޭ އެއްޗަކަށް ނުވަތަ މީހަކަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ ތަރޑް ޕާޓީ އިންށުއަރަންސް ކުރުމުގެ އާއްމު އުސޫލުތައް ކަނޑައެޅުމަށާއި އެއްގަމު ދުއްވާ އެއްޗެއް އެކްސިޑެންޓްވުމުން، އެ އެކްސިޑެންޓުގެ ތަހުގީގް ހިންގާނެ އުސޫލުތަކާއި ގެއްލުމުގެ ނިސްބަތް ދެނެގަންނާނެ ގޮތުގެ އާންމު އުސޫލުތަކާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ އާންމު އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހެދުމުގެ ބާރު

މި ގަވާޢިދު ހެދުމުގެ ބާރު ލިބިދެނީ ގާނޫނު ނަންބަރު  2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

 

3 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ " އިންޖީނުލީ އެއްގަމުއުޅަނދު ތަރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު" އެވެ.

 

4 ވަނަ މާއްދާ – ގަވާއިދު ހަދައި ހިންގާ ފަރާތް

މި ގަވާއިދު ހަދާނީ މިނިސްޓްރީންނެވެ. އަދި ގަވާއިދު ހިންގާނީ މިނިސްޓްރީއިން ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ ފަރާތެއް ނުވަތަ ފަރާތްތަކުންނެވެ.

 

5 ވަނަ މާއްދާ - ތަރޑް ޕާޓީ އިންށުއަރެންސް

ތަރޑް ޕާޓީ އިންށުއަރެންސަކީ ތިމާގެ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލުދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސެކެވެ.

 

6 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

 މިގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހ ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ދެށިގެންނެވެ. އަދި އެއްގަމުގައި ދުއްވަމަށް ރަޖިސްޓްރީކޮށްފައިވާ އިންޖީނުލީ އެއްވެސް އުޅަނދެއް މިގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކޮށް، ދުއްވައި ހަދަންވާނީ ތަރޑް ޕާޓީ އިންށުއަރެންސް ކޮށްގެންނެވެ.

 

 7 ވަނަ މާއްދާ - ތަރޑް ޕާޓީ އިންށުއަރެންސް ކުރާ މިންގަނޑުތައް

ތަރޑް ޕާޓީ އިންށުއަރެންސް ކުރުމުގައި އިންށުއަރެންސް ކުންފުނިތަކުން ގެންގުޅޭ މިންގަނޑުތައް އިންށުއަރ ކުރަން  އެދޭ ފަރާތްތަކަށް އިންށުއަރެންސް ކުންފުނިތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

8 ވަނަ މާއްދާ - ތަރޑް ޕާޓީ އިންށުއަރެންސް ޕޮލިސީއަކުން ބަދަލު ދެވޭނެ  އެންމެ ކުޑަ މިންވަރު

(ހ) ތަރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގޮތުން އެއްގަމު އުޅަނދަކަށް ދޫކޮށްފައިވާ ތަރޑް ޕާޓީ އިންށުއަރެންސް  ޕޮލިސީން އެންމެ މަދުވެގެން މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދަށް ބަދަލު ލިބިދޭންވާނެއެވެ.

(ށ) ތަރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އެއްގަމު އުޅަނދަކުން ދިމާވާ އެކްސިޑެންޓަކުން ލިބޭ ޖިސްމާނީ ގެއްލުމަކަށް ބަދަލުދިނުމުގެ ގޮތުން 60000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ހަމައަށް ބަދަލުދޭންވާނެއެވެ.

(ނ) ތަރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އެއްގަމު އުޅަނދަކުން ދިމާވާ އެކްސިޑެންޓަކުން ލިބޭ މަދަނީ ގެއްލުމަށް ބަދަލުދިނުމުގެ ގޮތުން  40000 (ސާޅީސް ހާސް) ރުފިޔާއާ ހަމައަށް ބަދަލުދޭންވާނެއެވެ.

 

9 ވަނަ މާއްދާ - ޕްރީމިއަމް

ތަރޑް ޕާރޓީ އިންށުއަރެންސްގެ ޕްރީމިއަމް ކަނޑައަޅާނީ އިންށުއަރެންސް ކުންފުނިންނެވެ. މިގޮތުން އިންށުއަރެންސް ކުންފުނިތަކުން ކަނޑައަޅާ ޕްރީމިއަމްއަށް އަމަލުކުރަންވާނީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.

 

10 ވަނަ މާއްދާ - ތަރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އުޅަނދު ދެނެގަންނާނެ ގޮތް

(ހ) ތަރޑް ޕާޓީ އިންށުއަރ ކޮށްފައިވާ ކޮންމެ އުޅަނދަކަށް އެ އުޅަނދަކީ އިންށުއަރ ކޮށްފައިވާ އުޅަނދެއްކަން އެނގޭނެ ލިޔުމެއް ނުވަތަ ނިށާނެއް އިންށުއަރެންސް ކުންފުނިން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުން ނުވަތަ ނިށާން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ނުވަތަ ފުލުހުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭ ގޮތަށް އެއުޅަނދެއްގެ އޮންނަންވާނެއެވެ. އަދި އެ ލިޔުން ނުވަތަ ނިށާން އެއުޅަނދެއްގައި ނެތި ދުއްވުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ.

 

11 ވަނަ މާއްދާ - އިންށުއަރކޮށްދޭ ފަރާތް ނުވަތަ އިންށުއަރެންސް ކުންފުނި

(ހ) ތަރޑް ޕާޓީ އިންށުއަރެންސްގެ ހިދުމަތްދީ ލިބިގަންނަންވާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، އިންށުއަރެންސްގެ ހިދުމަތް ދިނުމުގެ ހުއްދަ އޮތް، އިންށުއަރެންސް ކުންފުންޏަކުންނެވެ.

(ށ) ތަރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އުޅަނދަކުން  އެކްސިޑެންޓެއް ހިނގުމާއި ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު އެ އުޅަނދެއް އިންށުއަރ ކޮށްފައިވާ ކުންފުނިން މި ގަވާއިދު 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖައްސަންވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދާއި ހިލާފުވާ ފަރާތްތަކަށް ދެވޭ އަދަބު

މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ދެވޭ އަދަބަކީ 750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމާނާކުރުމެވެ.

 

13 ވަނަ މާއްދާ - އެކްސިޑެންޓްގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލުދިނުން

(ހ) ތަރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އުޅަނދަކުން ދިމާވާ އެކްސިޑެންޓުގެ ސަބަބުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދޭންޖެހޭނީ އެ އުޅަނދެއް އިންށުއަރ ކޮށްފައިވާ އިންށުއަރެންސް ކުންފުންޏަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބިދެވޭ ބަދަލު އެކްސިޑެންޓް ހިނގާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިބިދޭންޖެހޭނެއެވެ. ނުވަތަ ލިބިދެވޭނެ ގޮތެއް ހަމަޖައްސައިދޭން ވާނެއެވެ.

 

14 ވަނަ މާއްދާ - ތަހުގީގު ކުރުމާއި ގެއްލުމުގެ ނިސްބަތް ދެނެގަންނާނެ ގޮތް

(ހ) ތަރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އުޅަނދެއް އެކްސިޑެންޓް ވެއްޖެނަމަ އެކްސިޑަންޑް ހިނގާ ވަގުތު އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރިޕޯޓް ކުރަން ވާނެއެވެ. އަދި އެކްސިޑެންޓްގައި އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކްސިޑެންޓު ހިނގާފައިވާ ގޮތް ބަލައި ތަހުގީގްކޮށް އެކަމުގެ ރިޕޯޓެއް އެކްސިޑެންޓްގައި ހިމެނޭ ފަރާތްތަކަށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެކްސިޑެންޓް އިތުރަށް ތަހުގީގް ކުރަންޖެހިއްޖެނަމެވެސް، އެކަން ކުރަންވާނީ މި މާއްދާގެ (ހ) ގައިވާ އުސޫލުންނެވެ.

(ނ) އެކްސިޑެންޓްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދެނެގަންނާނީ އެކްސިޑެންޓާއި ގުޅިގެން ފުލުހުން ކުރާ ތަހުގީގުގެ ރިޕޯޓަށް ބިނާކޮށް، އެ އިންށުއަރެންސް ކުންފުންޏަކުން ނުވަތަ އެ ކުންފުނިން ކަނޑައަޅާ ފަރާތަކުންނެވެ. އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު އިންށުއަރެންސް ކުންފުނިން ދޭންވާނީ ގެއްލުން ލިބުނު ފަރާތަށެވެ.

 

15 ވަނަ މާއްދާ - ށަރުއީ ކޯޓަށް މައްސަލަ ހުށަހެޅުން

އެކްސިޑެންޓެއްގެ ސަބަބުން ލިބުނު ގެއްލުމަކަށް ކަނޑައަޅާ ބަދަލުގެ އަދަދާމެދު އެކްސިޑެންޓުގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ދެބަސްވުން އުފެދިއްޖެ ހާލަތެއްގައި އެމައްސަލަ ކަމާބެހޭ ށަރުއީ ކޯޓަކަށް ހުށަހެޅުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

16 ވަނަ މާއްދާ – ލަފުޒުތަކުގެ މާނަ

މި ގަވާއިދުގައި ލަފުޒެއް ބޭނުންކޮށްފައިވާގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު އަންނަނިވި ލަފްޒުތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެވަގުތަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވުޒާރާއަކަށެވެ.

(ށ) "އެކްސިޑެންޓެއް" ކަމުގައި ބުނެފައި އެވަނީ އިންޖީނުލީ އުޅަނދެއް ދުއްވާ ދުއްވުމުގައި ނުވަތަ ބޭނުންކުރުމުގައި މީހެއްގެ ނުވަތަ ތަނެއްގައި ނުވަތަ އެއްޗެއްގައި ޖެހި އެ އުޅަނދުގެ ސަބަބުން އެ މީހަކަށް ނުވަތަ އެތަނަކަށް ނުވަތަ އެ އެއްޗަކަށް ގެއްލުމެއް ވުމަށެވެ. އަދި އޭގެ  ތެރޭގައި މީހަކަށް ލިބޭ ޖިސްމާނީ ގެއްލުންވެސް ހިމެނޭ ގޮތުންނެވެ.

(ނ) "މީހެއް" ކަމުގައި ބުނެފައިވާ މާނައިގައި ތެރޭގައި ހުރިހާ އުމުރުފުރައެއް ވެސް ހިމެނޭނެއެވެ.

 

އުވި ގަވާއިދު

އިންޖީނުލީ އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-123)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު